ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރައްޔިތުންނަށް ޖަޒީރާ ރާއްޖެއެެއް ހޯދައިދެވޭނެކަމުގެ ޔަގީންކަން ލިބިއްޖެ: ޝާހިދު

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ރައްޔިތުންނަށް ޖަޒީރާ ރާއްޖެއެއް ހޯދައިދެވޭނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޕާޓްނާޝިޕް ފޯރަމަށް 70 މަޝްރޫއެއް ހުށަހެޅުނު އިރު އެ ހުރިހާ މަޝްރޫއުއެއްވެސް ބައިވެރިން ބަލައިގަތް ކަމަށާއި އެމަޝްރޫއުތައް ކުރިއަށް ގެންދިއުމުން ރައްޔިތުންނަށް އޭގެ ފޮނިމީރުކަން ފެނިގެންދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއާ މެދު އިތުބާރު ލިބުމުން ފޮރިން އިންވެސްޓްމެންޓްތައް ރާއްޖެއަށް އަންނާނެ ކަމަށާއި ރާއްޖެއަށް ލިބިފައިވާ އެހީތައް ވެސް އަނބުރާ އަންނާނެ ކަމަށެވެ.

އަދި ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން އެއް ވިސްނުމެއްގައި އެއް ތަސައްވުރެއްގައި މަސައްކަތް ކުރާ ކަން ބޭރުގެ ފަރާތްތަކުން ފާހަގަކުރި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ފޯރަމްގައި ބައިވެރިވި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މިހާރުގެ ސަރުކާރު ބަލައިގަނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފޯރަމުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ކުރިއެރުން ލިބޭނެކަން ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.

ޕާޓްނާޝިޕް ފޯރަމަށް ރާއްޖެއިން ހުށަހެޅި 70 މަޝްރޫއު ބަލައިގެންފައިވާއިރު އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ޖަޕާނުން ދޭ 500 މިލިއަން ޔެން (70.9 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ އާއި އެމެރިކާ އިން ރާއްޖެއަށް ދޭން ނިންމާފައިވާ ތިން މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުން، 11 މިލިއަން ޑޮލަރު (169.6 މިލިއަން ރުފިޔާ) އަށް އިތުރު ކުރަން ވަނީ އެއްބަސްވެފައެވެ.

އަދި ގްރީން ހައުސް އެމިޝަނަށް ހަރަދުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ދޭ 5.6 މިލިއަން ޑޮލަރު (86.4 މިލިއަން ރުފިޔާ)ގެ އެއްބަސްވުމާއި އޭޑީބީން ދޭ 10 މިލިޔަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ އެއްބަސްވުން ހިމެނެއެވެ.