ރަނގަޅު ނަތީޖާއެއް ނުހޯދުނަސް، އެ ކުއްޖަކަށް މުޖުބޫރުކުރުމެއް ނެތި ޝައުގުވެރިވާ ދާއިރާއަކުން ތަމްރީނުދޭން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ޝާހިދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ނެޝަނަލް ސާވިސްގެ ނަމުގައި މިލިޓަރީ ތަމްރީނުދޭ ޕްރޮގްރާމެއް ފައްޓަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައި ވަނިކޮށެވެ. އެ ޕްރޮގްރާމް ހާއްސަކުރަނީ އޯ ލެވެލްގައި ރަނގަޅު ނަތީޖާއެއް ނުލިބުމުގެ ސަބަބުން ވަޒީފާއެއް ނުލިބި، އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ނެތް ކުދިންނަށެވެ.
އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ސަލާމަތީ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ކުރިއަށްގެންދެވޭނީ އިލްމީ ގާބިލު ޒުވާނުންނަށްވެސް އެ ހިދުމަތްކުރުމަށް ފުރުސަތު ލިބިގެން ކަމަށާއި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ވަސީލަތްތައް ހޯދައިދީ، ފުރުސަތު އިތުރުކޮށްދޭން ވެސް ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހާސިލު ނުވާ ކުދިންނަށް އެ ކުއްޖެއްގެ ޝައުގުވެރިކަން ހުރި ދާއިރާއަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނޭ މަގުފަހިކޮށްދީ ގައުމުގެ ތަރައްގީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހިގެންދާނޭ މަގު،" އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއްނެތި ސަލާމަތީ ހިދުމަތްތަކުން ފުރުސަތަށް އެދި އެތައް ހާސް ޒުވާނުންނެއް ވަޒީފާއަކަށް އެދިއެދި ތިބިކަން ކަމަށާއި ވަކި ދާއިރާއަކުން ހިދުމަތްކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރެޓިކް ނިޒާމާ ބީރައްޓެހި ގޮތެއް ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި އޯ ލެވެލް ނިންމާފައި ނޫނީ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖެއްޔާ އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.