މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް

މުޅި ރާއްޖެ ގުޅާލާ ފެރީގެ ނިޒާމަށް ކުވޭތު ފަންޑުން އެހީވަނީ

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުން ބުނެފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ''ޕާޓްނާޝިޕް ފޯރަމްގައި، ސަރުކާރުގެ ފަރާތުން ސްޕޭޝަލް ޕްލޭން ތަންފީޒު ކުރަން ކޮންމެހެން ބޭނުންވާ ދަތުރުފަތުރުގެ ނިޒާމް ޑިޒައިން ކުރުމަށް ބޭރުގެ އެހީތެރި ކަމަށް އެދިވަޑައިގެންނެވީ ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން މުޅި ރާއްޖޭގައި ސަރަހައްދީ ފަސް ހަބެއް ގާއިމު ކުރަން ނިންމާފައިވާއިރު، އެއީ އާބާދީގެ ނިސްބަތުން އިގުތިސޯދަށް އެކަށީގެންވާ ދައުރެއް އަދާ ކުރެވޭނެ ސަރަހައްދުތަކަށް ބަލައިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ.

އެގޮތުން ސަރަހައްދީ ހަބުތައް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ގދ. ތިނަދޫގެ އިތުރުން ހައްދުންމަތީ ގަމުގައެވެ.

އަދި ސްޕޭޝަލް ޕްލޭނުގެ ދަށުން އިތުރު ނުވަ ސަބް ރީޖަނަލް ހަބް ވެސް ގާއިމު ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އެމައުލޫމާތު ހާމައެއް ނުކުރައްވައެވެ.

ސަރުކާރުގެ ޕްލޭން ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ، ސްޕެޝަލް ޕްލޭން ކާމިޔާބު ކުރުމަށްޓަކައި މިހާރުން މިހާރަށް އެ ހަބުތައް ގުޅާލާނެ ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އެވަރުގެ ގާބިލުކަން ސަރުކާރުގައި ނެތުމުން އެކަމަށް އެހީއަށް އެދޭ ކަމަށެވެ.

އަސްލަމްގެ ވާހަކައާ ގުޅިގެން އެ ފޯރަމްގައި ކުވެއިތު ފަންޑު ތަމްސީލް ކުރައްވާ މަންދޫބު ވަނީ ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަށް އެހީ ދޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުވެއިތު ފަންޑުން އަންނަނީ 1976 ފެށިގެން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދެމުންނެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތަތުތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ އެވެ. މި ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟