ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 30 (ފަހުބައި)

4

ދުބާއީގައި ޓްރާންސިޓްކޮށްފައި އަންނަ ފްލައިޓް ޑިލޭއިވުމުން ބަސީލްއާއި ޤަމަރަށް އޮޕަރޭޝަން ތާވަލުކުރެވުނު ގަޑިއަށް އާދެވޭ ގޮތެއް ނުވިއެވެ. އެކަމާ ޤަމަރު ހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައެވެ. ދުބާއީން ފުރުމުގެ ކުރިން އައިރާއަށް ގުޅައިގެން ވާހަކަދެއްކިއެވެ. އޭރު އޮޕަރޭޝަނަށް އައިރާ ތައްޔާރުވެ ނިމިއްޖެއެވެ. ޤަމަރުގެ ލޮލުން ކަރުނަ ނުހިކުނެވެ. އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުގެ ކުރިން އައިރާގެ ގާތުގައި ހުރުމަށް އެދެވުނުވަރުން ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނީއެވެ. އިތުރު ގޮތެއް ނެތުމުން، ޤަމަރަށް މަޖުބޫރުވީ ފޯނުން އައިރާއާއި ވާހަކަދައްކާލަމުން ހިތްހަމަޖައްސާލާށެވެ.

ބަސީލް ވެސް ހުރީ އަސަރުކޮށްފައެވެ. ފޯނުކޯލް ނިންމާލުމަށްފަހު ޤަމަރަށް ވިސްނައިދޭން އިރުގަނޑެއް ބަސީލް ހޭދަކުރިއެވެ. އެތައް ވާހަކައެއް ދައްކައިގެން ޤަމަރު ހަމައަކަށް އެޅުނީ ފްލައިޓްގެ ބޯޑިންގް އެނައުންސްމެްންޓް އަޑު އިވުމުންނެވެ. ކަރުނަ ފޮހެލަމުން ބަސީލްއާއި އެކު ގޭޓާއި ދިމާއަށް ހިނގައިގަތެވެ.

*****

އެނދުގައި އޮށޯވެލައިގެން އޮތް އައިރާއަށް ކަރުނަތައް ފޮހެލެވުނެވެ. މަންމަގެ ލޮލުން އޮހޮރުނު ކަރުނަތަކުން އައިރާއަށް ވަނީ ފުން އަސަރުތަކެއްކޮށްފައެވެ. އެހާ ބޮޑު އޮޕަރޭޝަނެއް ކުރާއިރުގައި މަންމައާއި ބައްޕަ އޭނަގެ ގާތުގައި ވުމަށް އެދި އައިރާގެ ހިތް ރުޔެވެ. އައިރާގެ ކޯތާފަތުން ފޭބި ކަރުނަ ފޮހެލަދިނީ ސައުފާ އެވެ. ސައުފާގެ ލޮލުގައި ވެސް ކަރުނައިގެ އަސަރު ވިއެވެ. ނަމަވެސް ކޮއްކޮއަށްޓަކައި އޭނަ ކެތްތެރިވިއެވެ. ވިސްނައިދެވޭތޯ އުޅުނެވެ.

''އަރޫ ހޭލާއިރުގައި މަންމަމެން ތިބޭނެޔޭ...'' ސައުފާ ބުންޏެވެ. އަމިއްލަ ބާރުގެ ދަށުގައި ނުވާ ކަންތަކާއި މެދުގައި ވިސްނައި ފިކުރުބޮޑުވުމުން އިތުރު ހާސްކަމެއް މެނުވީ ނުލިބޭނެއެވެ. މައިންބަފައިންގެ ހެޔޮ ދުޢާ އައިރާގެ ގާތުގައި ވާނެކަން ސައުފާ ހަނދުމަކޮށްދިނެވެ. މައިނަބްފައިންގެ ދުޢާގެ މަތިވެރިކަމާއި ބާރުގަދަކަން ވިސްނައިދިނެވެ.

''ތިއްތާ، އިރުކޮޅެއް ދީފާނަންތަ؟...'' މާޔޫސްކަން ވެރިވެފައިވި އައިރާގެ މޫނަށް ބަލައިލަމުން ޒޯހަން އެދުނެވެ. އައިރާއާއެކު އެކަނިވެލަން ޒޯހަން ހުރީ ބޭނުންވެފައެވެ. އޮޕަރޭޝަނަށް ތިއޭޓަރަށް ގެންދިއުމުގެ ކުރިން ނަރުހުން ދިން ތިރީސް މިނެޓް ހަމަވާން ކައިރިވެއްޖެއެވެ.

އައިރާއާއި ޒޯހަންއަށް ބަލައިލަމުން ކޮޓަރިން ނިކުންނަން ސައުފާ ހިނގައިގަތެވެ. ބޭރަށް ނިކުމެވުމާއެކު ގިސްލުމުގެ އަޑު ހިންދާލުމަށްޓަކައި އަނގަމަތީ އަތް އަޅާލެވުނެވެ. ހޯސްލާފައި ކަރުނަ ފައިބައިގަތީ ދެނެވެ. ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ނަހުލާންއަށް އެމަންޒަރު ފެނި ކަންބޮޑުވެއްޖެއެވެ. ނިކަން އަވަހަށް އައިސް ސައުފާގެ ކޮނޑުގައި ހިފައި އަތުލިފައިކޮށްލަމުން، ކައިރީގައި ހުރި ސޯފާގައި ބޭންދިއެވެ.

''ސައު...'' ސައުފާގެ އަތުގައި ނަހުލާން ފިރުމާލުމާއެކު، ނަހުލާންގެ ކޮނޑުގައި ސައުފާއަށް ބޯއަޅާލެވުނެވެ. ނޭނގޭ ބިރުވެރިކަމެއް އޭނަގެ ޚިޔާލުތަކަށް ސަވާރުވާން ފެށުމުން އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން އޭނަގެ އަތުގައި ނަހުލާން ފިރުމަން ފެށުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

*****

''އަރޫ، ދެން ނުއޮރި...'' އައިރާގެ މަގަތުން އެނދުގައި އިށީންނަމުން ޒޯހަން ބުންޏެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ޒޯހަންއަށް އައިރާ ބަލައިލިއެވެ.

''އައިމް ސޮރީ ދެއި ކުޑުންޓް ބީ ހިޔާ...'' ފިނިވެފައިވި އައިރާގެ އަތުގައި ޒޯހަން ހިފާލިއެވެ. ޒޯހަންގެ އަތްތިލައަށް އައިރާ ބާރުކޮށްލިއެވެ. ހިތްވަރުހޯދަން އުޅުނު ކަހަލައެވެ.

''ބިރުގަނޭ!...'' ކުރެހިފައިވާ އަޑަކުން އައިރާ ބުންޏެވެ.

ޒޯހަންގެ މޭގައި ރިހުމެއް އުފެދުނެވެ. އައިރާގެ ކަރުނަތަކުން އޭނަގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމާއެކު، މާތްﷲގެ ހަޒްރަތުން ވާގިއަށް އެދެވުނެވެ. އައިރާގެ ކުރިމަތީ ނުރޯން ކުރި އަހުދުގެ މަތީގައި އޭނަ ދެމިހުއްޓެވެ. ކަށިން ނެރުނު ހިތްވަރާއެކު އައިރާގެ ކޯތާފަތް ޒޯހަން ފޮހެލަދިނެވެ.

''ފަހުން މަންމަމެންނާ ބައްދަލުނުވެދާނެތީ ބިރުގަނޭ...'' އައިރާއަށް ހިތުގެ އުދާސްތައް ބަންޑުންކޮށްލެވުނެވެ. އެއީ ގޯސް ވިސްނުމެއްކަން ނޭނގެނީއެއް ނޫނެވެ. ބިރުގަންނަވަރުން އެޚިޔާލުތަކާއި ދުރުނުވެވުނީއެވެ.

''އެހެން ނުވިސްނާ... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ...'' އައިރާގެ މޫނުގައި ދެއަތުން ޒޯހަން ހިފަހައްޓާލިއެވެ. އަސަރާއެކު ޒޯހަން ވާހަކަދެއްކިއެވެ. މިއީ ފަހުގެ ބައްދަލުވުމަށް ވާން އޭނަގެ ޒަމީރު ދެކޮޅުހެދިއެވެ. އެހަޤީޤަތާ ކުރިމަތިނުލެވިދާނެތީއެވެ. ދުޢާކުރެވުނީ މި އުނދަގޫ ހާލަތު ފަސޭހަވެގެން ދިއުމަށެވެ.

''ޒާން...'' އައިރާ ގޮވާލިއެވެ. ޒޯހަންގެ ނަޒަރު އައިރާގެ މޫނާއި ވަކިނުވެއެވެ. އެދެލޮލުން އައިރާއަށް އިހުސާސްކުރެވުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

''ވާހަކައެއް ބުނަން ބޭނުން...'' އައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އައިރާގެ މޫނުގައިވި އަސަރުތައް ޒޯހަންއަށް ނަގައިގަނެވުނެވެ. ވަގުތުން ބޯހޫރާލެވުނެވެ. އެކަމާއި ކުރިމަތިލާން ޒޯހަންއަށް އުނދަގޫވެފައިވާކަން މޫނަށް ވެރިވި މާޔޫސްކަމުގެ އަސަރުތަކުން ހާމަކޮށްދިނެވެ. ޒޯހަންއަށް ބަލަހައްޓައިގެން އައިރާއަށް އޮވެވުނެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. މާހައުލަށް ފެތުރިފައި އޮތީ އުދާސްކަމެވެ.

އައިރާގެ ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަތި ބާލީސް ތެރެއަށް ހިނދުނެވެ. ފުރުސަތު ގެއްލިދާނެތީ ހަށިގަނޑު ސީދާކޮށްލަމުން އެނދުގައި އައިރާ އިށީނެވެ. ޒޯހަންގެ އަތުގައި އައިރާއަށް ހިފާލެވުނީ ބާރަށެވެ.

''އޮޕަރޭޝަން ދާނީ ރަނގަޅަށް، އިންޝާﷲ...'' އައިރާ ގެނެސް މޭގައި ޖައްސާލަމުން ޒޯހަން ބުންޏެވެ. ހީވީ ދުނިއުމުރަށް މޭގެތެރޭގައި ފޮރުވާލަން ބޭނުންވި ހެންނެވެ.

''މީ އެންމެ ފަހުގެ ބައްދަލުވުންކަމުގައި ވަނީނަމަ އަހަރެން ބޭނުން ލޯބިވާވަރު ޒާންއަށް ބުނެދޭން...'' ޒޯހަންގެ ހިތުގެ ތެޅުން އަޑުއަހަމުން އައިރާ ވާހަކަދެއްކިއެވެ. ޒޯހަންގެ މޭގައި ބޯއަޅާލެވުމުން ރައްކާތެރިކަން އިހުސާސްކުރެވުނެވެ. ޒޯހަންގެ ހަށިގަނޑުން ދުވި ލުއި ފިރިހެންވަންތަވަހުން ސިކުނޑިއަށް އާރޯކަން ގެެނެސްދިނެވެ. އެތެރެއަށް ނޭފަތް ދަމާލެވުނީ އެވަސް ސިކުނޑީގައި އެންމެ ފުނުގައި ރައްކާކުރަމުންނެވެ.

''އަރޫ...'' ޒޯހަންގެ އަޑުގައި ވަނީ އާދޭހެވެ.

''އަހަންނަށް އަންބެއްގެ މަޤާމު ދިނީތީ ޝުކުރިއްޔާ... ޒާންގެ ލޯބިން އަހަރެންގެ ދުވަސްތައް ފުރިހަމަވެއްޖެ... އަހަންނަށް ލޯބި ދަސްވީ ޒާންގެ ފަރާތުން... އެލޯބި ފުރިހަމަކޮށްދިނީ ވެސް ޒާން... ތިފަދަ އޯގާތެރި ފިރިއެއް މިންވަރުކޮށްދެއްވީތީ އަބަދުމެ ﷲއަށް ހަމްދުކުރާނަން... ޒާން... އަހަރެން ބިރުގަންނަނީ ޒަންއާއި ވަކިވާން ޖެހިދާނެތީ... އެކަމަކު... އެކަމަކު އަހަރެން ކެތްތެރިވާނަން... އެކުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދެއްވުމަށް އެދި ދުޢާކުރާނަން، ތިއީ އަހަރެންގެ މުޅި ޖާން... އަބަދު އަހަރެންގެ ޚިޔާލުތަކާއި ގުޅިލާމެހިފައިވާ އަހަރެންގެ ފިރިމީހާ... ވަރަށް ބޮޑަށް ލޯބިވޭ......'' ޒޯހަންގެ މޭގައި ލައްވެލަމުން އައިރާ ބުންޏެވެ. ވާހަކަދައްކަމުން ޒޯހަންގެ މުލައްދަނޑީގައި އައިރާއަށް ފިރުމާލެވުނެވެ.

''މީ ވަކިވުމެއް ނޫނޭ، އިރާދަކުރެއްވިއްޔާ އަރޫ ލޯހުޅުވާލާ ވަގުތު ގާތުގައި އަހަރެން ހުންނާނަން، މީ އަހަރެން ވާ ވަޢުދެއް...'' އައިރާގެ އިސްތަށިގަނޑުގަިއ ޒޯހަން ބޮސްދިނެވެ. ދެމަފިރިންގެ ލޮލުން ފޭބި ކަރުނުން ދެހިތުގައި ވިންދުޖަހަމުން ދިޔަ ލޯބި ހާމަކޮށްދިނެވެ. ކަރުނައިގެ ދާނެއްގައި ވަނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ.

އައިރާއާއި ދުރަށް ޖެހިލުން ޒޯހަންއަށް ފަސޭހަކަމަކަށް ނުވިއެވެ. ހީވީ ހަށިގަނޑުން ބައެއް އުނިވިގެން ދިޔަ ހެންނެވެ.

ބޭރުގައި ހުރި ނަރުސްކުއްޖާއަށް ވަނުމުގެ ހުއްދަ ޒޯހަން ދިނެވެ.

''އިޓްސް ޓައިމް...'' ދޮރުހުޅުވާލަމުން ނަރުސްކުއްޖާ ޒޯހަންއަށް ބުންޏެވެ. ޖަވާބުގައި ޒޯހަން ބޯޖަހާލިއެވެ.

''ވަރަށް ލޯބިވޭ...'' އައިރާގެ ކަރުނަތައް ޒޯހަން ފޮހެލަަދިނެވެ. އެސްފިޔަތަކުގައި ވެސް ލޯބިން ބޮސްދިނެވެ.

ވަދާއުގެ ސަލާން ބަދަލުކުރަންވުމުން ޒޯހަންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ލޮލުން ފޭބި ކަރުނަ ފޮހެލަމުން އައިރާއަށް ލުއި ހިނިތުންވުމެއް ދިނެވެ. ކެތްތެރިކަމުގެ ހާމަސީލު ނަމޫނާއެކެވެ. ކޮޅަށް ތެދުވުމުގެ ކުރިން އައިރާގެ އަތްތިލައިގައި ޒޯހަންއަށް ތުންފަތްޖައްސާލެވުނެވެ. ޒޯހަންގެ ކޮންމެ ހަރަކާތަކުން އައިރާ ދެކެ ވާ ލޯބި ބަޔާންކޮށްދިނެވެ.

''އަރޫގެ އިންތިޒާރުގައި އަހަރެން ހުންނާނަން...'' އައިރާއާއި ހަތަރުކަޅިހަމަކޮށްލަމުން ޒޯހަން ވަޢުދުވިއެވެ. ނަރުސް ކުދިން ކޮޓަރިއަށް ވަނުމުން އިތުރަށް ވާހަކަދައްކާނެ ފުރުސަތެއް ނުލިބުނެވެ.

''ޒާން...'' އައިރާއަށް ގޮވާލެވުނެވެ. ''ޝުކުރިއްޔާ!...''

އޮޕަރޭޝަން ތިއޭޓަރަށް އައިރާ ވެއްދުމާއެކު، އޮޕަރޭޝަން ތިއޭޓަރުގެ ދޮރާއި ދިމާއަށް ބަލަހައްޓައިގެން ޒޯހަންއަށް ހުރެވުނެވެ. ލޯކުރިމަތިން އައިރާ ގެއްލުމާއެކު މޮޅިވެރިކަން އައިސް ވަށާލައިފިއެވެ. މިހުރިހާ ދުވަހު ވަންހަނާކުރަމުން ދިޔަ އުދާސްތައް ކަރުނައިގެ ސިފަ ހިޔާރުކޮށްފިއެވެ. ތުންފަތުގައި އުފެދުނު ތުރުތުރުލުމާއެކު ގިސްލެވިދާނެހެން ހީވިއެވެ. މުށްކަވާލެވުނު އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލެވުނެވުނެވެ. އެފަދަ ހާލެއްގައި ވަނިކޮށް ޒޯހަން ސިހުނީ އޭނަގެ ކޮނޑުގައި މީހަކު އަތްޖައްސާލުމުންނެވެ. ކަރުނަ ފޮހެލަމުން ޒޯހަން ފަސްއެނބުރުލިއެވެ. ކައިރީގައި ހުރީ ނަހުލާން އެވެ. ނަހުލާން އެދުނީ ވެއިޓިންގް ރޫމަށް ދިއުމަށެވެ. ބޯޖަހާލަމުން ނަހުލާންގެ ފަހަތުން ޒޯހަން ހިނގައިގަތެވެ.

އޮޕަރޭޝަންގެ ދިގު މިނަކީ ނުވަ ގަޑި އިރެވެ. އިންތިޒާރު ދިގުލާން ފެށުމުން، ހާސްކަމުގެ ސައިލަކުން ޒޯހަން ވަށާލިއެވެ. އޭރު ހޮސްޕިޓަލުގައި ތިބީ ޒޯހަންއާއި ސައުފާ އެކަންޏެވެ. ނަހުލާން ދިޔައީ ބަސީލްމެން ބަލާ އެއާޕޯޓަށެވެ. ޒޯހަން އެކަނި ހޮސްޕިޓަލަށް ދޫކޮށްލަން ބޭނުންނުވާތީ ސައުފާ މަޑުކުރީއެވެ. ޒޯހަން ހުރި ނާޒުކު ހާލަތު ރަނގަޅަށް ތަސައްވަރުކުރެވޭތީއެވެ. ކޮންމެ ގަޑިއިރަކުން އޮޕަރޭޝަނުގެ ތަފްސީލު ދޭން ނަރުހަކު ނިކުމެލައެވެ. އެއިން ކޮންމެ ފަހަރަކު ޒޯހަންއަށް ހުރެވެނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހާސްކަން އެންމެ ބޮޑުވި ހިނދު ޒޯހަން އަވަސްވެގަތީ ނަމާދުކުރުމަށެވެ. ނަމާދާއި ދުޢާއިން އޭނަ މާތްﷲގެ ހަޒްރަތުން ވާގިއަށް އެދުނެވެ. ހާސްކަން ކާއިނާތުގެ ވެރިރަސްކަލާނގެއާއި ހިއްސާކޮށްލެވުމުން ހައްޓަށް ލުޔެއް ލިބުނެވެ.

މަންމަމެންނަށް ވީޑިއޯކޯލްކޮށް އޮޕަރޭޝަންގެ ޚަބަރު ޒޯހަން ދިނެވެ. މާމަގެ ނަސޭހަތުން ޒޯހަންގެ އަޒުމު ވަރުގަދަކޮށްދިނެވެ.

އެޕަރޭޝަން ނިމެން ތިރީސް މިނެޓަށް ވެފައި ވަނިކޮށް ބަސީލްއާއި ޤަމަރަށް އާދެވިއްޖެއެވެ. ޤަމަރު ފުރަތަމަ ވެސް ދިޔައީ ޒޯހަންގެ ގާތަށެވެ. ބަސީލް ވެސް ޒޯހަންގެ ކައިރިއަށް ހުއްޓުނެވެ. އެއީ ޒޯހަންގެ ހިތަށް ފިނިކަން ގެނެސްދިން ވަގުތުކޮޅެކެވެ. ނުތަނަވަސްކަމާއި ދުރުވެލަން އިތުރު ފުރުސަތެއް ލިބުނު ކަހަލައެވެ. އޮޕަރޭޝަނާއި މެދު މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތައް އައިރާގެ މައިންބަފައިންނާއި ޒޯހަން ހިއްސާކޮށްލިއެވެ. ޤަމަރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. މާތްﷲއަށް ހަމްދުކޮށްލެވުނެވެ.

ޒޯހަންއާއި ވާހަކަދައްކާލަމުން ބަސީލްއާއި ޤަމަރު އިށީނީ ސައުފާގެ ގާތުގައެވެ. ދޮށީ ދަރިފުޅުގެ ގާތުގައި މަޑުކޮށްލަމުން އޮަޕަރޭޝަން ނިމެންދެން ވާހަކަދައްކަން ތިއްބެވެ. ގަޑި ހަމަވީތާ ދިހަ ވަރަކަށް މިނެޓް ފަހުން ޑޮކްޓާރ މައިކަލްއާއި ކުރިންވެސް އޮޕަރޭޝަންގެ މައުލޫމާތުދެމުން އައި ނަރުސްކުއްޖާ ތިއޭޓަރުން ބޭރަށް ނިކުތެވެ.

ޒޯހަންގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. އަތުގައި އުފެދުނު ތުރުތުރުލުމާއެކު ޖިންސްގެ ޖީބަށް އަތްޖަހާލެވުނެވެ. ޑޮކްޓާރ މައިކަލްގެ ގާތަށް ޒޯހަންއަށް ދެވުނީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ބިރުންގޮސް ނިތުން ފިނި ދަލެއް ވެސް ހިއްލާލައިފިއެވެ.

''އޮޕަރޭޝަން ކާމިޔާބު...'' ޑޮކްޓާރ މައިކަލް ހިނިތުންވުމަކާއެކު އޮޕަރޭޝަންގެ މައުލޫމާތުތައް ހިއްސާކޮށްލިއެވެ. ޓިއުމަރު ނެގުނު ނަމަށާއި، އައިރާ އައި.ސީ.ޔޫއަށް ބަދަލުކުރުމުގެ އިންތިޒާމުތައް ކުރިއަށްދާ ވާހަކަ ބުނެދިނެވެ. އެކަމާއި ކަންބޮޑުނުވުމަށާއި އެއީ ކޮންމެ އޮޕަރޭޝަނަކަށްފަހުގައި ވެސް އޮތްނަ އުސޫލުކަން ބުނެދިނެވެ. އަދި އައިރާގެ ހާލަތަށް އެއްވެސް ބަދަލެއް އަންނަތޯ ބަލަން ނަރުހުން ހާއްސަ ސަމާލުކަމެއް ދޭނެ ވާހަކަ ވެސް ބުންޏެވެ. ހޭއެރުމުން ފަރުވާގެ އިތުރު މަރުހަލާތަކާއިގެން ކުރިއަށް ދާނެކަން ވެސް ހާމަކޮށްލިއެވެ.

''ٱلْحَمْدُ لِلَّٰهِ…'' ޤަމަރު ހަމްދުކޮށްލިއެވެ.

ބަސީލްއާއި ޒޯހަންވެސް ހަމްދުކޮށްލިއެވެ. އެއަށްފަހު ޑޮކްޓަރަށް ޝުކުރު އަދާކޮށްލިއެވެ. އެންމެނާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޑޮކްޓާރ މައިކަލް ހިނގައްޖެއެވެ.

މޫނުތަކުގައިވި މާޔޫސްކަން ފިލައި އުފާވެރިކަމުގެ ނޫރުން އުޖާލާކަން ގެނެސްދީފިއެވެ. ތަކުރާރުކޮށް މާތްﷲއަށް ހަމްދުމަކުރެވުނެވެ. ދެން އިންތިޒާރުކުރެވެން ފެށުނީ އައިރާއާއި ބައްދަލުވާނެ އިރަކަށެވެ.

*****

ގަޑިއެއްހާ އިރު ފަހުން އައިރާއާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުނެވެ. އެންމެން ވެސް އެއްބަސްވީ ފުރަތަމަ ޒޯހަން ދިއުމަށެވެ. އެކަމާ ޒޯހަން އުފާ ވިއެވެ. ނަރުހުންގެ އިރުޝާދުގެ ދަށުން ޕީޕީއީ ކިޓަކާއި މާސްކެއް އަޅައިގެން ނިއުރޮލޮޖީ އައި.ސީ.ޔޫ ބައިގައި އައިރާ ބާއްވާފައި އޮތް އެނދު ކައިރިއަށް ޒޯހަން ހުއްޓުނެވެ. އިރުކޮޅެއް ވަންދެން ޒޯހަންއަށް މަޢުލޫމާތު ދޭން ނަރުސްކުއްޖަކު މަޑުކޮށްލައިގެން ހުއްޓެވެ. ލޯބިވާ ފަރާތެއް އެފަދަ ނަޒުކު ހާލެއްގައި ވަނިކޮށް ފެނުމުން، ހިތަށް ކުރާނެ އަސަރުތައް ނަރުސް ކުއްޖާއަށް ނަގައިގަނެވުމުން އެހުރިހާ ކަމަކަށް ޒޯހަން ހޭނެންދެން މަޑުކޮށްލައިގެން ހުއްޓެވެ.

އައިރާ އޮތް ނާޒުކު ހާލަތު ފެނުމުން ޒޯހަންއަށް މޭގައި ފިރުމާލެވުނެވެ. އެއީ ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ. އައިރާގެ ބޮލުގައި އޮތީ ބެންޑޭޖް އަޅާފައެވެ. މުޅި މޫނު ވަނީ ހުދުވެފައެވެ. ފުން ނިންޖަކަށް ގެނބިފައިވާ ކަހަލައެވެ. ތަފާތު އެތައް މެޝިނެއް ގުޅާފައި ވާއިރުގައި މެޝިންތަކުގެ އަޑު ސިކުންތަކަށް ވެސް ކެނޑިގެން ނުދެއެވެ.

ޒޯހަން ފުންނޭވާއެއް ދޫކޮށްލިއެވެ. ލަސްތަކެއް ނުވެ މިދުވަސްތައް މާޒީވެ ގޮސްދާނެއެވެ. ހިތްހަމަޖައްސާލީ އައިރާގެ އޮޕަރޭޝަން ކާމިޔާބުވުމުންނެވެ. އެއީ ވެސް ހާދަހާވާ ބޮޑު ނަސީބެކެވެ. ބަލިން އައިރާ މުޅިން ފަސޭހަ ވުމުގެ ހެޔޮ ފާލެކެވެ. މިއީ އައިރާގެ ބައްޔަށް ޝިފާ ލިބިގެންދިއުމުގެ އުނދަގޫ މަރުހަލާގެ ފެށުމެވެ. ޒޯހަން ކެތްތެރިވިއެވެ. އައިރާގެ ހައްގުގައަވެެ. ލޯތްބަށްޓަކައެވެ.

*****

ހަތަރު ގަޑިއިރުގެ ދިގު އިންތިޒާރަކަށް ފަހު އައިރާ ލޯހުޅުވާލިއެވެ. އެވަގުތު އައިރާގެ ގާތުގައި އިނީ ޒޯހަން އެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި ޒޯހަން އިށީނދެލައިގެން އިނީ ދުޢާކޮށްލަކޮށްލައެވެ. އެހެން އިންދާ އައިރާގެ ކަޅި ހަރަކާތްކޮށްލިގެން ޒޯހަންއަށް ހީވިއެވެ. އެއާއެކު އައިރާގެ ގާތަށް ޒޯހަންއަށް ޖެހިލެވުނެވެ. ނޭވާހިފަހައްޓާލައިގެން އިންދާ އަނެއްކާ ވެސް އައިރާގެ ކަޅި ހަރަކާތްކޮށްލިއެވެ. ޒޯހަންގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. މާތްﷲއަށް ހަމްދުކުރެވުނެވެ.

ޒޯހަން އަވަސްވެގަތީ ނަރުސްކުއްޖަކަށް ގޮވާށެވެ. ނަރުސްކުއްޖާއަށް އާދެވުނު އިރު ވަރުބަލިކަމާއެކު އައިރާ އެސްފިޔަތައް ދުރުކޮށްލަނީއެވެ. ޒޯހަންގެ ލޮލަށް ޖަމާވެގެން އައީ އުފަވެރިކަމުގެ ކަރުނައެވެ.

އައިރާ ދެލޯ ހުޅުވާލުމާއެކު ޑޮކްޓަރަކު އައިސް ޗެކްކުރިއެވެ. އެއަށްފަހު ޒޯހަންއަށް ދިނީ އުފާވެރި ޚަބަރެކެވެ.

އެނދުގައި އޮތް އައިރާއަށް ބަލަހައްޓައިގެން ހުރެފައި، ފަރުވާތެރިކަމާއެކު އައިރާގެ އަތުގައި ޒޯހަން ހިފާލިއެވެ. އައްޔަށް ހޭނި އައިރާގެ ނަޒަރު ޒޯހަންގެ މޫނަށް ހުއްޓާލެވުނެވެ. އިސާހިތަކު ފަނޑު ހިނިތުންވުމެއް އައިރާގެ ތުންފަތާއި ކުޅެލިއެވެ.

''ٱلْحَمْدُ لِلَّٰهِ...'' ޒޯހަން ބުންޏެވެ. ދައްކަން ކިތަންމެ ވާހަކައެއް ހުއްޓަސް، ނަރުހުންގެ އިރުޝާދުގެ ދަށުން އައިރާއަށް އަރާމުކުރުމުގެ ފުރުސަތު ޒޯހަން ދިނެވެ.

*****

އައި.ސީ.ޔޫގައި ތިން ދުވަސްވަންދެން ބޭއްވުމަށްފަހުގައި، އައިރާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. އޭރު އައިރާއަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ބޮލަށް ބަރުވާތީ ގިނަ ފަހަރު އޮތްނަނީ ނިދިފައެވެ. ނިންޖާއި ދުރުވެވުނީ ހަފްތާއެއް ފަހުންނެވެ.

ހިޔަނިހެން އައިރާގެ ގާތުގައި ޒޯހަން ހުއްޓެވެ. އައިރާގެ ހުރިހާ ކަމެއްހެން ކުރަނީ ޒޯހަން އެވެ. ބުރަހެލިކަމެއް ޒޯހަންގެ ފަރާތަކުން ނުފެނުނެވެ. އައިރާގެ ހިދުމަތުގައި އޭނަ ދެމިހުރީ ލޯތްބާއެކުގައެވެ. ހޮސްޕިޓަލުން ދަނީ ޤަމަރު ގަދަކަމުން ފޮނުވައިގެންނެވެ. ހިނދުކޮޅަކަށް ވެސް އައިރާއާއި ދުރުގައިވާން ބޭނުން ނުވާ ކަހަލައެވެ.

އޮޕަރޭޝަނަށް ދެ މަސް ވިއިރު ފިޒިއޮތެރަޕީގެ އެހީގައި އަމިއްލަ ބާރުގެ މައްޗަށް އައިރާއަށް ކޮޅަށް ތެދުވެވުނެވެ. ހިނގާލުމުން ވަރުބަލިވެ އެނބުރުން އަރާތި ގިނައިން ބޭނުން ކުރަނީ ފުރޮޅުލީ ގޮނޑިއެވެ. ހަށިގަނޑަށް ވަގުތު ދިނުމުން އެކަމަށް ލުޔެއް ލިބޭނެކަމުގެ ޔަޤީންކަން ޑޮކްޓާރ މައިކަލް ދިނެވެ.

އޮޕަރޭޝަން ކާމިޔާބުވެ އައިރާ ހޮސްޕިޓަލުން ދޫކޮށްލިތާ ހަފްތާއެއް ފަހުން ޤަމަރުއާއި ބަސީލް ފުރައިފިއެވެ. ފުރުމުގެ ކުރިން ޒޯހަންއަށް ބަސީލްގެ ދެމަފިރިން ޝުކުރު ބަންޑުންކޮށްލިއެވެ. އައިރާގެ ހިދުމަތުގައި ޒޯހަންގެ ފަރާތުން ފެނުނު ސާބިތުކަމުން ދެމަފިރިން ތިބީ އުފާވެފައެވެ.

*****

ހަ މަސް ފަސް...

ފަތިސް ނަމާދުކޮށްލައިގެން ނިދާލި އައިރާއަށް ހޭލެވުނީ ޒޯހަންގެ ފަޅުކަން އިހުސާސްކުރެވިގެންނެވެ. ލޯހުޅުވާލަމުން ކޮޓަރިއަށް އަވަސް ނަޒަރެއް ދެވުނެވެ. ގަޑިން އޭރު ނުވައެއް ޖަހަނީއެވެ. ޒޯހަން އެނދުގައި ނެތުމުން އައިރާއަށް ލިބުނީ ހައިރާންކަމެވެ.

''ޒާން؟...'' އައިރާއަށް ގޮވާލެވުނެވެ. ބޮލުގައި އަޅަން ގެންގުޅޭ ބީނީ އަޅައިގެން ކޮޓަރިން ނިކުންނަން އައިރާ މިސްރާބު ޖެހިއެވެ. އޮޕަރޭޝަން ކުރި ފާރުގަނޑު މިހާރު ރަނގަޅު ވެއްޖެއެވެ. ރޭޑިއޭޝަން ތެރަޕީ ވެސް ނިމި އެންމެފަހުން ހެދި ޓެސްޓްތަކުން ލިބުނީ އުފާވެރި ޚަބަރަކެވެ.

ނަތީޖާތަކާއެކު ޑޮކްޓަރަށް ދެއްކުމުން، ވަކި އެއްޗެއް ބުނަން އެނގޭނީ ދުވަސްކޮޅެއްފަހުން ކަމުގައި ޑޮކްޓާރ މައިކަލް ބުނުމުން އިތުރު އަހަަރެއްހާ ދުވަސް ލަންޑަންގައި މަޑުކޮށްލަން ޒޯހަން ގަސްދުކުރިއެވެ. ޒޯހަންގެ އޮފީހާއި ގުޅިގެން އައިރާ ކަންބޮޑުވުން ފާޅުކުރުމުން ބޮޑު ޗުއްޓީއެއް ލިބުނުކަން ޒޯހަން ބުނެދިނެވެ. ޒޯހަންގެ ވަޒީފާއަށް ބުރައެއް ނާރާނެކަން އެނގުމުން ލަންޑަންގައި މަޑުކުރުމުގެ ޚިޔާލާއި އައިރާ ދެކޮޅެއް ނެހެދިއެވެ.

އައިރާ ކޮޓަރިން ނިކުތެވެ. ފުރަތަމަ ވެސް ނޭފަތުގައި ޖެހުނީ ބިސްގަނޑާއި ބީފް ބޭކަން (ހަލާލް)ގެ ވަސްގަނޑެވެ. މުޅި އެޕާޓްމެންޓް އެއްވަސްކޮށްލާފައެވެ. އައިރާގެ ތުންފަތް ލުއި ހިނިތުންވުމަކާއެކު ދެމިލިއެވެ. މިހާރު ޒޯހަންގެ އެންމެ ބޮޑު ހޮބީ އަކީ ކެއްކުމެވެ. އެކަމަށް އެހާމެ ކުޅަދާނައެވެ. ރޭޑިއޭޝަން ތެރެޕީއަށް ފަހު ދިމާވި އުނދަގޫތައް ފަސޭހަވެފައިވުމުން ޒޯހަންގެ ކެއްކުންތައް އުނދަގުލަކާއި ނުލައި ތަޖުރިބާކޮށްލަން ލިބެއެވެ. ހަށިގަނޑުން ލުއިވި ބަރުދަން ވެސް މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ.

އައިރާ ބިދެގެއަށް ވަންއިރު ހަމައެކަނި ގްރޭއި ސްވެޓް ޕޭންޓެއްގައި ހުރި ޒޯހަން ތަވާގައި އޮތް ބިސްގަނޑު ދޭފަތަކުން ފުރޮޅާލަނީއެވެ. ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި އައިރާއަށް ހުރެވުނެވެ. ޒޯހަން ގެންނަ ހަރަކާތްތަކުން ކަސްރަތީ ހަށިގަނޑުގެ މަސްތަކަށް އަންނަ ވާންކަން އައިރާއަށް ފާހަގަކުރެވުނެވެ. ވަކިން ހާއްސަކޮށް އަރިއަކަށް ސޮހިފައި އޮތް ސްވެޓްޕޭންޓްގެ ސަބަބުން ފާޅުވަމުންދާ އެޕޯލޯ ބެލްޓާއި، ބަނޑުގެ މަސްތަކަށް އަންނަ ވާންކަން ބަލާ ފޫހިނޫވާހާ ފުރިހަމައެވެ. އެމަންޒަރުތައް ހަނދާނުގައި އައިރާއަށް ރެކޯޑްކޮށްލެވުނެވެ.

''ގުޑް މޯނިންގް...'' ފުޅާ ހިނިތުންވުމަކާއެކުގައި ޒޯހަންގެ ފަހަތުން އައިރާ ބައްދާލިއެވެ.

''މޯނިންގް...'' އައިރާގެ އަތްތިލަ ގެެނެސް ތުންފަތުގައި ޖައްސާލަމުން ޒޯހަން ބުންޏެވެ. ''މި ނިމުނީ، އިށީންނަވީނު؟...''

''ޔޫ ލުކް ސޯ ހޮޓް އިން ދެޓް ސްޕެޓްޕޭންޓް...'' ޒޯހަންގެ ބުރަކަށީގައި ބޮސްދެމުން ބަނޑުގެ މަސްތަކުގައި އައިރާ ފިރުމާލިއެވެ. އެހަރަކާތުން ޒޯހަންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމަކެވެ.

''ހޫމްމް، ސްވެޓްޕޭންޓް ބާލަންވީތަ؟، އޭރަށް މާ ކަމުދާނެހެން ހީވަނީ...'' އުނދުން ނިއްވާލަމުން އައިރާއާއި ދިމާއަށް ޒޯހަން އެނބުލިރިއެވެ. ކިޗެން ކެބިނެޓްގައި އުނަގަނޑު ޖައްސާލަމުން މޭމަތިން ދެއަތް ހުރަސްކޮށްލިއެވެ.

''އެއްކަލަ ފަށައިގަތީއޭ...'' އައިރާއަށް ބޯހޫރާލެވުނެވެ.

''ކިހިނެއްވީ؟، މީ އަރޫގެ ފިރިމީހާއެއްނު... އެހެންނޫނަސް ދެމީހުން އަކަންޏެއް ނޫންތަ މިތިބީ...'' ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޒޯހަން ބުންޏެވެ. އައިރާއާއި ސަމާސާކޮށްލަން ބޭނުންވެފައި ހުރިކަން ހާމަކޮށްދިނީ އެދެލޮލުގިއިވި ވިދުވަރުންނެވެ.

އައިރާގެ އަތުގައި ހިފަން ޒޯހަން އުޅުމުން އައިރާ ހެމުން ދުރަށް ޖެހިލިއެވެ. ޒޯހަން ވެސް ހެމުން އައިރާގެ ފަހަތުން ހިނގައިގަތެވެ. ސަލާމަތްވާންވެގެން އައިރާ ދުއްވައިގަތީ ބޮޑޮކޮޓަރިއަށެވެ. ދެމަފިރިންގެ ހުނުމުގެ އަޑު އެޕާޓްމެންޓް ތެރޭ ގުގުމާލިއެވެ.

*****

އެއް އަަހަރު ފަސް...

ދިގު އިންތިޒާރަކަށް ފަހު އައިރާގެ ބައްޔަށް މާތްﷲގެ އިރާދަފުޅާއެކު ޝިފާ ލިބުނެވެ. އަހަރެއް ވަންދެން ހެދި ޓެސްތްތަކުގެ ނަތީޖާއާއި މެދު ހިތްހަމަޖެހިގެން އައިރާއާއި ޒޯހަން އެނބުރި ރާއްޖެއައީ އުފާވެރި ޚަބަރެއް ވެސް ހިފައިގެންނެވެ. ދެމަފިރިންގެ ލޯތްބަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ މެހެމާނަކު އަންނާނެކަމުގެ އުފާވެރި ޚަބަރެވެ. އެޚަބަރު ޢާއިލާއާއި ހިއްސާކުރީ އައިރާއާއި ޒޯހަން އައުމުން މެހެރުއްނިސާ ބޭއްވި ސަޔެއްގެ ތެރެއިންނެވެ.

އައިރާ ބަލިވެއިން ޚަބަރާއެކު ޢާއިލާއަށް ބަހާރުގެ މޫނުމްއައި ކަހަލައެވެ. ރިސާލާއާއި ޤަމަރުގެ ލޮލުން ކަރުނަ ހިލުނެވެ. އައިރާގެ ގައިގައި ބައްދަބައްދާފައި އުފާވެރިކަން ބަންޑުންކޮށްލިއެވެ. މެހެރުއްނިސާ ވެސް ހުރީ ޖަޒުބާތުގައި ޖެހިފައެވެ. ބަސީލްއާއި ދައުސްގެ މޫނުން ވެސް ފެނުނީ އުފާވެރިކަމެވެ.

''މާމަ ވަރަށް އުފާވެއްޖެ...'' އައިރާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލަމުން މެހެރުއްނިސާ ބުންޏެވެ. ''ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް މާތްﷲ މިންވަރުކޮށްދެއްވާށި، އާމީން...''

*****

އައިރާ ރާއްޖެ އައި ޚަބަރު ލިބުމުން އައިރާއާއި ބައްދަލުކޮށްލަން ނޫރާލްއާއި ޖާދިން، ދެމަފިރިންގެ އަހަރަށް ދާ ދަރިފުޅު، ލާމިއު ގޮވައިގެން އައެވެ. ކުޑަކުޑަ ލާމިއު ފެނުމުން އައިރާގެ ހިތް އުތުރިގަތެވެ. ގަވައިދުން ނޫރާލް ފޮނުވާ ފޮޓޯތައް ފެނުނަސް، ގާތުން ނޫރާލްގެ ދަރިފުޅު އުރާލުމުގެ ނަސީބު ލިބުމުން އައިރާ ނިކަން އުފާވިއެވެ. ލާމިއުގެ ކޮލުގައި ބޮސްދެމުން ލާމިއު ވައްތަރީ ޖާދިންއާއިއޭ ބުނެލުމުން ނޫރާލް ތުން ތަމާލިއެވެ. އެމަންޒަރު ފެނި ޖާދިންއަށް ހެވުނެވެ. ޒޯހަންވެސް ލާމިއު އުރާލިއެވެ. އޭނަގެ ނަޒަރު ދެން ހުއްޓުނީ އައިރާގެ ބަނޑަށެވެ. މައުނަވީ ހިނިތުންވުމެއް ޒޯހަންގެ ތުންފަތުގައި ދުވެލިއެވެ.

*****

ނިދަން އެނދަށް އަރާ އޮތް ޒޯހަންއަށް އޭނަގެ ކަންފަތް އައިރާގެ ބަނޑުގައި ޖައްސާލެވުނެވެ. އުފާވެރި ހިނިތުންވުމެއްގެ އަސަރު ޒޯހަންގެ ތުންފަތުގައި ވިއެވެ. އޭރު އައިރާގެ ބަނޑަށް ފަސް މަސް ވެއްޖެއެވެ. އަލަތު ދަރިފުޅާއި މެދު ޒޯހަންއާއި އައިރާ ދިޔައީ ފޮނު ހުވްފެންތަކެއް ދެކެމުންނެވެ. ދެމަފިރިންގެ ހުރިހާ އުއްމީދެއް ގުޅިފައި ވަނީ އެދަރިފުޅާއެވެ. އެއީ ދެހިތުގައި އެކަކުއަނެކަކަށް އޮތް ލޯބީގެ ފުރިހަމަ ނިޝާނެވެ.

''ބައްޕިގެ ދޫނި...'' އައިރާގެ ބަނޑުގައި ޒޯހަން ބޮސްދިނެވެ.

ޒޯހަންގެ އިސްތަށިގަނޑުގައި އައިރާ ކުޅެލިއެވެ. ދަރިފުޅާއި ޒޯހަން ވާހަކަދައްކާ ކޮންމެ ފަހަރަކު ފޮނިފޮނި އިހުސާސްތަކެއް ކުރެވެއެވެ. ދަރިފުޅުދެކެ ޒޯހަން ވާ ލޯބި ކޮންމެ ފަހަރަކު ބަންޑުންކޮށްލާނެއެވެ.

'ޒާން...'' އައިރާ ގޮވާލިއެވެ. ޒޯހަންގެ ސަމާލުކަން އައިރާގެ މޫނަށް ހުއްޓުނެވެ.

''ހަދިޔާއެއް ދޭން ބޭނުން...'' އައިރާ ބުންޏެވެ.

''ކޯޗެއްތަ؟...'' ލާނެއްކަމުގެ ވިދުވަރު ޒޯހަންގެ ދެލޮލުން ފާޅުވެލިއެވެ.

''ސާބަސް، އެކަހަލަ ހަދިޔާއެއް ނޫނޭ...'' އައިރާއަށް ބޯހޫރާލެވުނެވެ.

އައިރާ އެނދުން ތެދުވެލަން އުޅުމުން ޒޯހަން އެފުރުސަތު ދިނެވެ. އައިރާ ގޮސް އަލަމާރި ހުޅުވަން ދެން ޒޯހަން ބަލަން އިނީ އެނދުގެ ހެޑްބޯޑަށް ލެނގިލައިގެންނެވެ. މާބަނޑުވުމުން ތަފާތު ވިދުމެއް އައިރާގެ މޫނުން ޒޯހަންއަށް ފާހަގަ ކުރެވުނެވެ. ރީތިކަން އިތުރުވެފައިވާ ކަހަލައެވެ. އާޝޯހުވެފައި އައިރާއަށް ޒޯހަން ބެލިއެވެ.

ޚިޔާލަކަށް ގެއްލިފައި ވަނިކޮށް އައިރާ އައިސް އެނދުގައި އިށީނެވެ. އައިރާ ދިއްކޮށްލީ ކުޑަ ކޮތަޅެކެވެ. ހިނިތުންވުމަކާއެކު ކޮތަޅުގައި ޒޯހަން ހިފިއެވެ. އޭގެ ތެރޭގައި އޮތީ ވާހަކަ ފޮތެކެވެ. ވާހަކައިގެ ކަވަރުގައި ލިޔެފައި އޮތް އައިރާގެ ނަން ޒޯހަން ކިޔާލީ ފަހުރުވެރިކަމާއެކުގައެވެ. ބަލިން ފަސޭހަ ވަމުން އައި ދުވަސްވަރު އައިރާ ވާހަކަފޮތެއް ލިޔަމުން ދިޔަކަން އޭނައަށް އެނގުނެވެ. އައިރާ އޮތީ އޭނައާއި އެކަންތައް ހިއްސާކޮށްފައެވެ. އެވާހަކައަކީ އޭނައާއި އައިރާގެ ލޯތްބަށް ބިނާކޮށް އައިރާ ލިޔުނު ވާހަކައެކެވެ.

''ހުރީމޭ ތި ޚިޔާލުގާ...'' ވާހަކައިގެ ނަން ޒޯހަން ކިޔާލިއެވެ. ''އައެމް ސޯ ޕްރައުޑް އޮފް ޔޫ...''

''އަހަންނަށް މިހިސާބަށް މިއަދު އާދެވުނީ ޒާންގެ ސަބަބުން... އަހަރެންގެ ހުރިހާ ކާމިޔާބެއްގެ ފަހަތުގައިވާ ހަޤީޤީ ހިއްސާދާރަކީ ތީ... ޒާންގެ ލޯބިން އަހަންނަށް އުއްމީދު ގެނެސްނުދިންނަމަ މިދުވަސް ދުށުމުގެ ނަސީބު ފަހަރެއްގައި ނުލިބުނީސް، އޭރުން އަހަންނާއި ޒާންގެ ދިރިއުޅުމުގެ ހާލަތު ތަފާތުވީސްކަން ނޭނގެ... ޒާންއާއި ވަކިވާން ބޭނުންވި ދުވަހު އަހަންނަށް ރަނގަޅު ގޮތް ވިސްނުނީތީ ﷲއަށް ހަމްދުކުރަން...... މިދުނިޔެއިން އަހަރެން ބޭނުންވާ ހުރިހާ އުފަލެއް ހާސިލްވެއްޖެ...'' ޒޯހަންގެ ތުނބުޅީގައި އިނގިލިތަކުގެ ކުރި ހިންގާލަމުން، ޒޯހަންގެ ގާތަށް އައިރާ ޖެހިލި އެވެ.

''މިހިތަކީ އަބަދުވެސް އަރޫގެ ހައްޤެއް...'' ޒޯހަން ހިނިތުންވެލިއެވެ. އެބާރުގަދަ ދެއަތުގެ ތެރެއަށް އައިރާ ގެނެސް އައިރާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

ޒޯހަންގެ މޭގައި އައިރާ ފިރުމާލިއެވެ. ހަޔާތުގައި ފާއިތުވެ ގޮސްފައިވާ ދުވަސްތަކާއި މެދުގައި ވިސްނާލެވުނެވެ. ވޭނާއި ކެކުޅުންތަކާއި ކުރިމަތިލައި ކާމިޔާބު އެވަނީ ހާސިލްވެފައެވެ. އޭނަގެ ހަޔާތް އަލިކޮށްލަދިން ދަންމަރަކީ ޒޯހަންއެވެ. ކެތްތެރިކަމާއި އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ އެލޯބިން އޭނަގެ މުޅި ވުޖޫދަށް ދިރުން ގެނެސްދީފިއެވެ. ކުލަރީތި ހުވަފެންތަކެއް ހާސިލް ވެއްޖެއެވެ. އެފަދަ ހިތްހެޔޮ ބައިވެރިޔަކު އޭނަގެ ނަސީބުގައި މިންވަރުކޮށްދެއްވި އާލަމްތަކުގެ ވެރި ރަސްކަލާނގެއަށް ހަމްދުކޮށްލެވުނެވެ. ދުޢާ އަކީ މިދުނިޔެއަށް އުފަންނުވާ ދެމަފިރިންގެ ދަރިފުޅާއެކު އުޖާލާ މުސްތަޤުބަލެއް މިންވަރުކޮށްދެއްވުމެވެ.

(ނިމުނީ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟