ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 29

2

ދަރިވަރުންގެ ފަރާތުން ލިބުނު މަރުހަބާއާއެކު އައިރާ ހުރީ ޖަޒުބާތީ ވެފައެވެ. އޭނައަށް ހާއްސަކޮށް އެޅުވި ކުރު ވީޑިއޯ ބަލަމުން ދަނިކޮށް އައިރާގެ ލޮލުން ކަރުނަ ނީރާލިއެވެ. އަވަސްއަވަހަށް އޭނައަށް ކަރުނަ ފޮހެލެވުނެވެ. އައިރާގެ އަތުގައި ޒޯހަން ހިފާލީ އެވަގުތެވެ. އަތުގެ އިނގިލިތައް ގުޅުވާމަހާލުމަށްފަހު އައިރާގެ އަތްތިލައިގައި ޒޯހަން ބޮސްދިނެވެ.

ވީޑިއޯއަށްފަހު ބައިވަރު ކާޑުތައް އައިރާއަށް ލިބުނެވެ. އަތުން ތައްޔާރުކުރެވިފައި ހުރި ކާޑުތަކުގައި ލިޔެވިފައިވަނީ ހިތްވަރުގެ ބަސްތަކެވެ. ލޯބި އޮތީ ކާޑުތަކަށް އޮއްސާލާފައެވެ. ކާޑުތައް ކިޔަމުން ދިޔަ އިރުގައި އައިރާގެ ލޮލުން ކަރުނަ ނުހިކެއެވެ. އިރުއިރުކޮޅާ އަތުގައި އޮތް ޓިޝޫކޮޅުން ކަރުނަ ފޮހެލެވުނެވެ. ލުއި ހިނިތުންވުމެއްގެ އަސަރު އައިރާގެ ތުންފަތުގައި ވިއެވެ. ބަލިން ފަސޭހަވެ ކިޔަވައިދިނުމުގެ ދާއިރާއަށް އެނބުރިއައުމުގެ އަޒުމު ވަރުގަދަވެގެން ދިޔަ އެވެ. ބެލެނިވެރިންގެ ފަރާތުން ވެސް އައިރާއަށް ލޯބި އޮހުނެވެ. އެހުރިހާ އިހުސާސްތަކުން އައިރާގެ ނަފުސަށް ހަމަޖެހުން ގެނެސްދިނެވެ. އެންމެ ބޮޑަށް އުފާވީ އޭނަގެ ގާތުގައި ޒޯހަން ހުރުމުންނެވެ. މާތްﷲ އޭނައަށް މިންވަރުކޮށްދެއްވި ނިޢުމަތާއި މެދު ހަމްދުކުރެވުނެވެ.

ސްކޫލްގެ ޕްރިންސިޕަލާއި އިސްވެރިންގެ ފަރާތުން އައިރާ ކުރި ހިދުމަތުގެ އަގު ވަޒަންކުރެވުނެވެ. އެއަށްފަހު އައިރާގެ އޮޕަރޭޝަން ކާމިޔާބުވެ ދުޅަހެޔޮ ސިއްހަތެއް މިންވަރުކޮށްދެއްވުމަށް އެދި އިވެންޓަށް ހާޒިރުވެފައި ތިބި އެންމެން އެކުގައި ދުޢާ ކުރިއެވެ.

''އަރޫ މިސް ދިޔައީމަ ވަރަށް ހަނދާންވާނެ...'' ފޮޓޯއަކަށް ހުއްޓުނު ދަރިވަރަކު ބުންޏެވެ. ''ބެސްޓް ޓީޗާރ...''

''މީ މިސްގެ ހަޒްބެންޑްތަ؟...'' އިތުރު ދަރިވަރަކު ޒޯހަންއަށް އިޝާރާތްކޮށްލަމުން އަހައިފިއެވެ. ރައްދުގައި ޒޯހަން ހިނިތުންވެލިއެވެ.

''ޔޫ ހޭވް ޑެފިނީޓްލީ ވޮން ދަ މޯސްޓް ހޭންޑްސަމް ހަޒްބެންޑް އެވޯޑް...'' އަންހެންދަރިވަރުންގެ ގްރޫޕް އެއްފަހަރާ ބުނެލިއެވެ.

''ގާރލްސް...'' އައިރާއަށް ބުނެވުނެވެ. ގްރޫޕްގެ ހުނުމުގެ އަޑު ފެތުރުނީ ދެނެވެ.

އިވެންޓް ނިމުނުއިރު އައިރާގެ މޫނު އުފާވެރިކަމުން ބަބުޅައެވެ. ފަނޑުނުވާ ހިނިތުންވުމެއްގެ އަސަރާއެކުގައެވެ.

ސްކޫލްގެ މެއިން ހޯލާއި ޖެހިގެން އޮތްނަ ހުސް ގޯތީގައި ހުރި ފިތިރޯނު ގަހުގެ ހިޔަލުގައި ހުރި ހިލައިގެ ބެންޗެއްގައި އައިރާއާއި ޒޯހަން އިށީނެވެ. އޮއްސެމުންދާ އިރުގެ ކުލަތަކުން އުޑުމަތި އޮތީ ފަވާލާފައެވެ. ވިލާތައް ގިނަ ދުވަހެއްކަމުން ޗާލު ތަސްވީރުތަކެއް ކުރެހިފައި ވިއެވެ. އެކުރެހުންތަކަށް ދިރުން ގެނެސްދެނީ ރަތާއި އޮރެންޖްކުލައިންނެވެ.

ވާހަކައެއްގައި އައިރާއާއި ޒޯހަން ތިއްބާ ނޫރާލް އަތުވެއްޖެއެވެ. ނޫރާލްގެ ފަހަތުން ޖާދިން ވެސް އަތުވެއްޖެއެވެ. ޒޯހަންމެންނާއި ކުރިމައްޗަށް ވާނެހެން ދެޒުވާނުން އިށީނެވެ.

''މަރުހަބާ...'' ކައިވެނީގެ މުބާރަކްބާދީ އަލަތު ދެމަފިރިންނަށް ޖާދިން އަރިސްކޮށްލިއެވެ. ޖާދިންގެ ފަރާތުން ފުރަތަމަ ބައްދަލުވުމުން ފެނުނު ބީރައްޓެހިކަމެއް މިހާރަކު ނުފެނެއެވެ. އައިރާ އަދި ޒޯހަންއާ އެކުވެރިކަން ބަދަހިވެގެން ގޮސްފައިވާތީއެވެ.

''ޝުކުރިއްޔާ...'' ޒޯހަން ބުންޏެވެ. ''ޖާދު، ދެން އުޅޭ އަވަހަށް ނޫރާއާއި މެރީކުރަން...''

''ޒާން!...'' ނޫރާލްއަށް ދެލޯބޮޑުކޮށްލެވުނެވެ. ނޫރާލްގެ މޫނަށް ވެރިވި ކުލަވަރުތަކުން އައިރާއަށް ހެވިއްޖެއެވެ.

''ކިހިނެއްވީ؟، ނޫރާ އަހަންނާއި ކައިވެނިކުރަން ބޭނުންނުވަނީތަ؟...'' ނޫރާލް އިން ދިމާއަށް ޖާދިން އެނބުރިލިއެވެ. ޖާދިންގެ މޫނުން ފެނުނީ ސީރިޔަސްކަމެވެ.

''ނޫން!، އެހެން ބުނިއެއްޗެއް ނޫނޭ...'' ނޫރާލްގެ ހިތް ތެޅިގަތެވެ.

''އެހެންވީމާ، ތިބުނުނީ އާނއެކޭތަ؟...'' ސީރިޔަސްކަމުގެ ކުލަވަރު ފަނޑުވެ ޖާދިންއަށް ހިނިތުންވެވުނެވެ.

''ހޫމްމް...'' ނުރާލްއަށް ލަދުރަކިކަމާއެކު އިސްޖަހާލެވުނެވެ. ޖާދިންގެ ހައްޤަކަށް ވުން އެއީ މިހާރު އޭނަގެ މުރާދެކެވެ. ޖާދިންގެ މޫނުން ފެނުނު އުފާވެރިކަމުން އެމުރާދު ހާސިލްވެގެންދާނެކަމުގެ ޔަޤީންކަން ލިބުނެވެ.

*****

ފުރުން ހަމަޖެހުނީ ހުކުރުދުވަހުގެ ހަވީރަށެވެ. އައިރާއާއި ޒޯހަން ފުރުވަން އެއާޕޯޓަށް ދިއުމުގެ ބަދަލުގައި ދެޢާއިލާ ބައްދަލުކުރީ ''ރޯޒްވުޑް'' އިންނެވެ. އޭރު ކާރުގެ ޑިކީއަށް ލަގެޖްތައް އަރުވާ، ވަދާއުގެ ސަލާން ބަދަލުކޮށް ނިމިއްޖެއެވެ. ޤަމަރުގެ ގައިގައި އައިރާއަށް ބައްދާލެވުނީ ބާރަށެވެ. ލޮލުން ހިލުނު ކަރުނައާއެކު މަންމަގެ ކޮނޑުގައި އައިރާއަށް ބޯއަޅާލެވުނެވެ. މަދު ދުވަސްކޮޅަކަށް ވަކިވާން ޖެހުނަސް އެހިތަށް ވެރިވެފައި ވަނީ މާޔޫސްކަމެވެ.

''ދަރިފުޅާ، ދެރަނުވޭ، އޮޕަރޭޝަން ކުރާ ދުވަސް ޖެހުމުން މަންމަމެން އެކޮޅަށް ދާނަމޭ...'' އައިރާގެ ބުރަކަށީގައި ޤަމަރު ފިރުމާލިއެވެ. ބަސީލް ވެސް ހިތްވަރުދިނުމުގެ ގޮތުން އައިރާގެ ބޮލުގައި ފިރުމާލިއެވެ. އެތެރެއަށް ނޭފަތް ދަމާލަމުން މަންމައާއި ދުރަށް އައިރާ ޖެހިލިއެވެ.

''މަންމަ ކަންބޮޑުނުވައްޗޭ، އަރޫގެ ގާތުގައި ކޮންމެ ވަގުތަކު އަހަރެން ހުންނާނަން...'' ޖަޒުބާތުތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެންނަމުން ޒޯހަން ބުންޏެވެ. ކުރިއަށް އޮތީ ބޮޑު އިމްތިހާނެކެވެ. ޢާއިލާގެ ފަރާތުން ލިބުނު ލޯބިން އުއްމީދު އާލާކޮށްދިނެވެ.

''ދަރިފުޅަށް މަންމަ ވަރަށް ފުރިހަމައަށް އިތުބާރުކުރަން...'' ޒޯހަންގެ ގާތަށް ޖެހިލަމުން ޤަމަރު ބުންޏެވެ. އުމުރު ދުވަސް ހޭދަ ވިޔަސް ޒޯހަންއަށް ޝުކުރުވެރިވެވޭނެހެނެއް ހިޔެއް ނުވެއެވެ. ކަރުނައާއި ނާއުއްމީދުގެ އަނދިރިކަން އައިރާގެ ހަޔާތަށް ވެރިވި ހިނދު، އައިރާގެ ހިތަށް ސާބިތުކަން ގެނެސްދިނީ ޒޯހަން އެވެ. ލޯތްބާއި އޯގާތެރިކަމުން ދިރުން ގެނެސްދިނެވެ. އެފަދަ މަތިވެރި ދަރަޖައަކަށް ލޯބިވާނެ ބައިވެރިޔަކު އައިރާގެ ނަސީބުގައި ލިޔެވުނުކަމަށްޓަކައި މާތްﷲއަށް ހަމްދުކުރެވުނު އަދަދެއް ނޭނގެއެވެ. ހަށިން ފުރާނަދަންދެން ﷲއަށް ހަމްދުކުރުމުގައި އޭނަ ދެމިހުންނާނެއެވެ. މިޒަމާނުގައި ޒޯހަން ކަހަލަ އަހްލާޤު ރަނގަޅު، ޒިންމާދާރު ޝަހުސިއްޔަތެއްގެ ޒުވާނުން ވަރަށް މަދެވެ. އައިރާގެ މުސްތަޤުބަލު ޒޯހަންއާއި ގުޅުވާލެނު ދުވަހުން ފެށިގެން ސިކުނޑީގެ ހާސްކަމާއި ވެސް ދުރުވެވިއްޖެއެވެ.

''ދަރިފުޅަށް ޝުކުރުވެރިވާނެ ގޮތެއް ނޭނގިފައި ބައްޕަ މިހުންނަނީ...'' ޒޯހަންއަށް ބަސީލް ބަލައިލީ ޝުކުރެވިކަމާއެކުގައެވެ. އައިރާގެ ދެލޮލުން ފެންނަ އުއްމީދީ ވިދުވަރުގެ ހިއްސާދާރަކަށް ޒޯހަން ވީތީއެވެ.

''ހަޤީޤަތުގައި ޝުކުރުވެރިވާން ޖެހޭނީ އަހަރެން، އަރޫގެ ޒިންމާތައް އުފުލުމަށް ބައްޕަ އަހަންނަށް އިތުބާރުކުރީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައިކަން އެނގޭ، ބައްޕަގެ އިތުބާރު އަހަރެން ދުވަހަކު ނަގާނުލާނަން...'' ޒޯހަން ޔަޤީންކަން ދިނެވެ. ޒޯހަންގެ ކޮނޑުގައި ބަސީލް ފިރުމާލިއެވެ.

''އެކޮޅަށް ދެވުނުހާ އަވަހަކަށް މާމައަށް ގުޅައްޗޭ...'' މެހެރުއްނިސާ ބުންޏެވެ. ޒޯހަން ބޯޖަހާލިއެވެ.

''ދަރިފުޅުމެން އަވަހަށް ކާރަށް އަރަންވީނު؟، މިހާރު ޗެކިން ފެށިދާނެ...'' އަތުކުރީ އޮތް ގަޑިއަށް ދިން އަވަސް ނަޒަރާއެކު ދައުސް ވާހަކަދެއްކިއެވެ. ގޭގެ ޑްރައިވަރު އިނީ ޒޯހަންމެންގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެންނެވެ.

''ތެދެއް...'' ރިސާލާ އިތުރުކޮށްލިއެވެ.

އައިރާ ކާރަށް އެރުމުގެ ކުރިން ރިސާލާ ގޮސް އައިރާގެ ގައިގައި ބައްދާލިއެވެ. ރިސާލާއަށް ދުޢާކޮށްލެވުނީ އައިރާގެ އޮޕަރޭޝަން ކާމިޔާބުވެ ފުރިހަމަ ސިއްހަތެއް ދެއްވުމަށެވެ. ޒޯހަންގެ ހުރިހާ އުފަލެއް ގުޅިފައިވަނީ އައިރާއާ އެވެ. ދެކުދިންގެ ލޯބި އިތުރަށް ފުރިހަމަވެގެން ދިއުމަށް އެދެވުނެވެ.

''ދަރިފުޅާ، ރަނގަޅަށް އަރޫ ބަލައްޗޭ...'' ޒޯހަންގެ ކުރިމައްޗަށް ހުއްޓުނު ރިސާލާ ބުންޏެވެ. ޒޯހަންގެ އަތުގައި ހިފާލެވުނު ހިނދު އެދެލޮލުގައިވަނީ އާދޭހެވެ.

''ލައްބަ މަންމާ... ޕްރޮމިސް...'' ޒޯހަން ބުންޏެވެ. އައިރާއަށް ކާރުގެ ދޮރު ހުޅުވާލަދިނީ ޒޯހަން އެވެ.

ކަރުނައިގެ ތެރެއިން ހިނިތުންވެލި ރިސާލާގެ ކައިރިއަށް ދައުސް ހުއްޓުނެވެ. ރިސާލާގެ ކޮނޑުގައި ހިފަހައްޓާލަމުން ގާތަށް ގެނައެވެ. އެއާއެކު ދައުސްގެ އަރިމަތިން ރިސާލާއަށް ބައްދާލެވުނެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން ކާރަށް އެރި ޒޯހަންގެ ދެމަފިރިންނަށް ނިޔާމަ ދަތުރަކަށް އެދުނެވެ.

''ހާސްނުވޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް...'' ދައުސް ބުންޏެވެ. ބޯޖަހާލަމުން ދައުސްގެ މޭގައި ރިސާލާ ފިރުމާލިއެވެ.

''މިވަގުތު ޒަންއާއި އަރޫގެ އެންމެ ބޮޑު ހިތްވަރަކަށް ވާން ޖެހޭނީ އަހަރުމެން، އެދެކުދިންނަށް ސާބިތުކަންލިބޭނީ އޭރުން، ކެތްތެރިކަން އިސްކުރަން ޖެހޭނެ... އުއްމީދު ކަނޑާލައިގެން ނުވާނެ...'' ގޭޓުން ކާރު ނިކުތް މަންޒަރު ބަލަން ހުރެފައި މެހެރުއްނިސާ ބުންޏެވެ. ޢާއިލާގެ އެންމެ އިސް މަސްއޫލުވެރިޔާގެ ހައިސިއްޔަތުން މެހެރުއްނިސާ ވާހަކަދެއްކިއެވެ. ޒޯހަންއާއި އައިރާ ދިއުމުން ލިބުނު މޮޅިވެރިކަން ސިއްރުކުރަމުންނެވެ.

*****

އެގޭރަ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ލަންޑަންގެ ހީތްރޯ އެއާޕޯޓަށް އެމިރޭޓްސްގެ އެއާބަސް ޖެއްސީ ގަދަ ވަޔާއެކު ވެހުނު ބޯވާރޭ ތެރޭންނެވެ. ހޮނު ގުގުރީގެ އަޑު މެދުކެނޑުމެއް ނެތި އިވިއިވި ހުއްޓެވެ. ސަލާމަތުން ބޯޓު ޖެއްސުމާއެކު ނޭވާ ހަފަހައްޓާލައިގެން ތިބި ދަތުރުވެރީންނަށް ހަމަޖެހުން ގެނެސްދިނެވެ.

ބޯޓު ތަޅުވަން ފެށީއްސުރެން ޒޯހަންގެ އަތުގައި ހިފަހައްޓާލައިގެން ކޮނޑުގައި ބޯއަޅާލައިގެން އިން އައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ކެބިންކްރޫގެ އެނައުންސްމެންޓް އަޑު އިވުމުންނެވެ. ޒޯހަންގެ ކޮނޑުން ބޯހިއްލާލަމުން ކުޑަދޮރުން އައިރާ ބޭރު ބަލައިލެވުނެވެ. ވާރޭގެ ތިކިތަކުން މަންޒަރުތައް ވަނީ ފުސްކޮށްލާފައެވެ.

''ތިއްތަމެން ބޭރުގައި އެބަތިބި...'' ޒޯހަން ބުނެލި އަޑު އައިރާއަށް އިވުނެވެ. އޭނަ ޒޯހަންއާއި ދިމާއަށް އެނބުރުލިއެވެ. ޖިންސްގެ ޖީބަށް ފޯނު ލަމުން ޒޯހަންގެ ސަމާލުކަން އައިރާއަށް ހުއްޓާލިއެވެ.

''އަދިވެސް ބޮލުގަ ރިއްސާތަ؟...'' ޒޯހަންެއަށް އަހާލެވުނެވެ. ބޯޓަށް އެރީއްސުރެން އައިރާ ބޮލުގައި ރިއްސާތީ އުޅުނުވަރުން ޒޯހަން އިނީ އުދާސްކަމެއްގެ ތެރޭގައެވެ. ޕްރެޝަރު ބަދަލުވުމުގެ ސަބަބުން އައި ބަދަލެއްކަމުން ބޭސްކައިގެން ވެސް މާބޮޑު ލުޔެއް ނުލިބުނެވެ. އައިރާގެ ބޯމޮޑެދީ ފިރުމަމުން ގޮސް ޒޯހަންގެ އަތުގެ އިނގިލިތަކުގައި ފަނޑު ރިހުމެއް އުފެދިފައި ވިޔަސް އެކަމަށް އޭނަ ސަމާލުކަމެއް ނުދިނެވެ. އައިރާގެ ވޭނަށް ލުޔެއް ލިބެނިކޮށް ނިމުނީއެވެ.

''ކުރިއަށް ވުރެން މިހާރު ރަނގަޅު... ނިދާލީމަ ރަނގަޅު ވެދާނެ...'' އައިރާ ފަނޑު ހިނިތުންވުމެއް ދިނެވެ.

''ލަވް ޔޫ...'' އައިރާގެ އަތްތިލައިގައި ޒޯހަން ބޮސްދިނެވެ.

ލޯބިން ފުރިގެންވި އެހަރަކާތުން އުފާވެރިކަން ގެެނެސްދިނެވެ. ބޮލުގެ ރިހުން މަތިން އައިރާ ހަނދާން ނެތުނެވެ.

*****

އިމިގްރޭޝަނާއި ވިސާގެ ކަންތައް ނިމުމަށްފަހު ލަގެޖް ހިފައިގެން ނިކުންނަން ޒޯހަންއާއި އައިރާ މިސްރާބު ޖެހިއެވެ. އަންނަމީހުންގެ ބައިން ނިކުމެވެވުނުތަނާ ދުރުން ސައުފާ ހަނާ އަޅާނި މަންޒަރު ފެނުނެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި، ސައުފާ ދުވެލާފައި ގޮސް އައިރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަހަރުތަކެއްފަހުން ކޮއްކޮއާއި ބައްދަލުވުމާއި ހާލަތުގެ ސަބަބުން ސައުފާގެ ލޮލުން ކަރުނަ ހިލުނެވެ. ބައްދައިގެން ހުރީ ނިކަން ބާރަށެވެ.

ނަހުލާން އައިސް ޒޯހަންއާއި ސަލާމްކޮށްލިއެވެ. ކުރިން ވެސް ބައްދަލުވެ ޒޯހަންއާއި ނަހުލާންގެ ދެމެދުގައި އޮތީ އެކުވެރިކަން އުފެދިފައެވެ. ޒޯހަން ހިފަހައްޓައިގެން ހުރި ޓްރޯލީ ވާހަކައިގެން ތެރޭން ނަހުލާން އަތުލިއެވެ.

''އައި މިސްޑް ޔޫ...'' ކަރުހިފައިވާ އަޑަކުން ސައުފާ ބުންޏެވެ. ހިތުގައި އުފެދިފައި އޮތް ބިރުވެރިކަމާއި ދުރުވެލަން ސައުފާ މަސައްކަތްކުރިއެވެ.

''ތިހާ ބާރަށް ހިފަހައްޓައިގެން ހުންނަން ވެއްޖެއްޔާ އަރޫއަށް ނޭވާ ނުލެވޭނެ އިނގޭ...'' ނަހުލާން ބުންޏެވެ. އޭނަ ސައުފާއާއި ސަމާސާ ކޮށްލީ މާހައުލަށް ވެރިވި ނުތަނަވަސްކަމަށް ނިމުމެއް ގެންނަން ވެގެންނެވެ.

''ދެ މިނެޓް!، ހާދަ ދުވަހެއް ފަހުންނޭ އަރޫއާ ބައްދަލުމިވީ...'' ސައުފާ ބުންޏެވެ. އައިރާއާއި ސައުފާގެ ދެމެދުގައި ވަނީ ފަސް އަަހަރުގެ ތަފާތެކެވެ. ކޮއްކޮއެއް ލިބުމުން ސައުފާގެ ހިތުގައި އުފެދުނީ ފުން ލޯތްބެކެވެ. ބޮޑުވަމުން އައިއިރުގައި އައިރާގެ ހިޔަނިހެން ގާތުގައި ސައުފާ އުޅޭނެއެވެ. ދެބެއިންގެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެކެވެ. އައިރާ ފުރަތަމަ ފަހަރަށް ސިކުނޑީގެ ކެންސަރު ޖެހުނު ފަހަރު ސައުފާއަށް ހީވީ އޭނަގެ މުޅި ވުޖޫދު ހުއްޓުމަކަށް އައިހެންނެވެ. ހަޔާތުގައި ވެސް އެހާ ބިރުގަތް ދުވަހެއް ހަނދާނެއް ނުވެއެވެ. އައިރާގެ ވޭނަށް ލުޔެއް ހޯދައިދޭން ކުރެވުނު ކޮންމެ ކަމެއް ކޮށްދިނެވެ. ކެންސަރުގެ ވެނާއި ހަނގުރާމަކޮށް ކާމިޔާބު ލިބުނު ދުވަސް ހަނދާނުގައި ބިންވަޅުނެގިފައިވަނީ ރަންއަކުރުންނެވެ. އެފަދަ އުފާވެރިކަމެއް މިއަދާއި ޖެހެންދެން ހާސިލް ނުވެޔޭ ބުނެފިނަމަ ދޮގަކަށް ނުވާނެއެވެ. އެއުފާވެރިކަމާއި ކިރިޔާ ވެސް ގާތަށް އާދެވުނީ ކައިވެންޏަށް ނަހުލާން ހުށަހެޅި ދުވަހުގައެވެ.

ނައުލާންއާއި ސައުފާ ދިމާވީ މަތީ ސާނަވީގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. އޭރުއްސުރެން އުފެދުނު ލޯތްބަށް މިއަދާ ޖެހެންދެން ފަނޑުކަމެއް ނާދެއެވެ. ހަޔާތުގައި ކުރިމަތިވި އެންމެ އަނދިރި ދުވަސްތަކުގައި ނަހުލާންގެ ފަރާތުން ލިބުނު ހިތްވަރާއި ލޯތްބަށް ސައުފާ އަބަދުމެ ޝުކުރެވިވާނެއެވެ. ދެވަނަ ފަހަރަަށް އައިރާ ބަލިވެއްޖެކަން އެނގުނު ދުވަހު އޭނައަށް ހިތްވަރުދިނީ ވެސް ހަމަ ނަހުލާން އެވެ. ކަރުނައަޅައި ރުއިމުގެ ބަދަލުގައި ނަހުލާން ނަސޭހަތް ދިނީ އައިރާއަށް ވެވުުނު ކޮންމެ ގޮތަކުން މަދަދުވެރިކަން ފޯރުކޮށްދިނުމަށެވެ. އޭނަ މިހާރު އެހުރީ ޒޯހަންއާއި އައިރާގެ ހިދުމަތުގައެވެ. ޒޯހަންގެ ފަރާތުން އައިރާއަށް ލިބެމުން ދިޔަ ސަމާލުމަކާއި، އެދެލޮލުގައިވި އިހުސާސްތަކުން ސައުފާގެ ހިތަށް އުއްމީދު ގެެނެސްދިނެވެ.

''ތިއްތާ...'' އައިރާއަށް ގޮވާލެވުނެވެ. އައިރާގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. ދުރުގައި ވިޔަސް އެއްބަނޑުއެއްބަފާކަމުގެ ގުޅުމަށާއި ލޯތްބަށް ކުޑަމީސް ބަދަލެއް ނާދެއެވެ. ބިޒީ ޝެޑިއުލްގެ ސަބަބުން ގުޅައިގެން ވާހަކަދެއްކުމުގެ ފުރުސަތު ގިނަ ފަހަރު ނުލިބުނަސް، މެސެޖުގެ ޒަރިއްޔާއިން އަބަދުމެ އެކަކުއަނެކަކުގެ ހާލު ބަލާނެއެވެ. ކެންސަރު ޖެހިފައިވާކަން އެނގުނު ދުވަހު ސައުފާ ގާތު ބުނާނެ ގޮތެއް ނޭނގިގެން އައިރާ އުޅުނީ ހާސްކަމެއްގެ ތެރޭގައެވެ. ނަމަވެސް ބައްޕަގެ ފަރާތުން އެޚަބަރު ލިބި އޭނައަށް ގުޅައިގެން ދެއްކި ވާހަކަތަކަށްފަހު އައިރާގެ ނުތަނަވަސްކަމަށް ލުޔެއް ގެެނެސްދިނެވެ. ސައުފާގެ ގާތަށް އަންނަން އޭނަ ބޭނުންވީ އެހެންވެއެވެ. ބިރުގަނެ އުނދަގޫ ހާލަތެއް މެދުވެރިވެއްޖެނަމަ ސައުފާގެ މަދަދަށް އަބަދުމެ އެދެވެއެވެ.

''އޯކޭ... އޯކޭ...'' އައިރާއާއި ދުރަށް ސައުފާ ޖެހިލިއެވެ. ކަރުނަ ފޮހެލަމުން ސައުފާ އެނބުރިލީ ޒޯހަންއާއި ދިމާއަށެވެ.

''ޒާން...'' ސައުފާ ގޮވާލިއެވެ. ''ތެންކިއު ފޯ ބިއިންގް ދެއާރ ފޯ ހާ...''

ސައުފާގެ މޫނުގައިވި ޝުއޫރުތައް ނަގައިގަނެވުމާއެކު ޒޯހަން ބޯޖަހައިލިއެވެ. ކުރިއަށް ޖެހިލައި އައިރާގެ އަތުގައި ޒޯހަން ހިފާލިއެވެ.

''އަވަހަށް ދާން ހިނގަމާ...'' ނަހުލާން ބުނެލިއެވެ. އެންމެން އެކުގައި ހިނގައިގަތެވެ. ލަންޑަންގެ މޫސުމާއި ގުޅުވައިގެން އައިރާ ސުވާލުކޮށްލުމުން ނަހުލާން ޖަވާބު ދިނެވެ.

''އަބަދު ވާރޭ ވެހޭނީ... އެހެންވީމަ ޖެހޭނެ އެކަމަށް ހޭނިލަން، އަބަދު ފިނި ހާފާފަ އޮތްނާނީ...'' ނަހުލާން ބުނެލިއެވެ.

''ތިހެންވިއްޔާ އަރޫއަށް ވަރަށް ކަމުދާނެ...'' ޒޯހަން ބަލައިލީ އައިރާގެ މޫނަށެވެ. އައިރާގެ ތުންފަތާއި ކުޅެލި ލުއި ހިނިތުންވުމުން ޒޯހަންގެ މޫނަށް އުޖާލާކަން ގެނެސްދިނެވެ.

ޓެކްސީއެއް ހޯދަމުން ޓެކްސީގެ ޑިކީއަށް ލަގެޖްތައް އަރުވަން ނަހުލާންއަށް ޒޯހަން އެހީތެރިވެދިނެވެ. އައިރާގެ ކައިރީގައި މަޑުކޮށްލައިގެން ހުރި ސައުފާގެ ނަޒަރު އައިރާއަށް ހުއްޓުނެވެ.

''ޒާންއާއި އަރޫ ވަރަށް ގުޅޭ...'' ސައުފާ ބުންޏެވެ. އައިރާގެ ނަސީބާއި މެދު އޭނަ ހުރީ ނިކަން އުފާވެފައެވެ.

''ހީ އިޒް މައި ގްރެޓެސްޓް ހޯޕް...'' ޒޯހަންއަށް ބަލަމުން އައިރާ ބުންޏެވެ.

''މާޝާﷲ... ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ފަސޭހަވެގެންދާނެ...'' ސައުފާ ބުންޏެވެ. ''ތިއްތަމެން އުޅޭ އެޕާޓެމެންޓާއި އަރޫމެންގެ އެޕާޓެމްންޓް ކައިރިވާނެ، ހޮސްޕިޓަލާއި ވެސް ކައިރިވާނެ، މިރޭ ދެން އަރޫމެން އަރާމުކޮށްލާފަ މާދަން ހެނދުނު ސަޔަށް އަންނަންވާނެ... ސައިބޮއެގެން ހޮސްޕިޓަލަށް ދާނީ''

ސައުފާގެ ވާހަކައާއި އެއްބަސްވެލަމުން ޓެކްސީއަށް އަރަން އައިރާ އަަވަސްވެގަތެވެ. އޭރު ކާރުގެ ޑިކީއަށް ފޮށިތައް އަރުވާ ނިމިއްޖެއެވެ.

އެޕާޓްމެންޓާއި ހަމައަށް ދާން ފުދޭވަރެއްގެ ދިގު ދަތުރެއް ކުރަން ޖެހުނެވެ. ދަތުރު ފެށުނުތަނާ އައިރާއާއި ޒޯހަން ވެސް ވަރަށް ވާހަކަދެއްކިއެވެ. ލަންޑަންގެ ވާހަކަތަކާއި ނަހުލާން އަދި ސައުފާގެ ވަޒީފާއާއި ގުޅޭ ގޮތުން ސުވާލުކުރިއެވެ. ގަޔާވެފައި ނަހުލާންއާއި ސައުފާ ޖަވާބު ދިނެވެ. އަހަރުތަކެއް ފަހުން ދިމާވުމުން ދައްކަން ލައްކަ ގިނަ ވާހަކަތައް ހުއްޓެވެ. ނަމަވެސް ދަތުރުގެ މެދާއި ހިސާބުން އައިރާ ނިދިއަންނަ ގޮތްވުމުން ޒޯހަންގެ ކޮނޑުގައި ބޯއަޅާލިއެވެ. އައިރާ ވަރުބަލިވެފައި އިންކަން އެނގުމާއެކު ވާހަކަތައް ކުރުކޮށްލެވުނެވެ.

އައިރާގެ ކޮނޑުގައި ފަހަތުން އަތްގެންގޮސް އެދެމެދުގައި އޮތް ދާއިރާ ޒޯހަން ހަނިކޮށްލިއެވެ. އެއާއެކު ޒޯހަން ހުޅުވާލި އަތުގެ ތެރެއަށް އުފަލާއި އެކުގައި އައިރާ ވަނެވެ. އެޕާޓްމެންޓާއި ހަމައަށް ދެވެންދެން އައިރާގެ އަތުގައި ޒޯހަން މަޑުމަޑުން ފިރުމިއެވެ. ޒޯހަންގެ ފިރުމުންތަކުން އައިރާއަށް ނިންޖާއި އަރާމުގެ ތެރެއަށް ފީނައިގަނެވުނެވެ. އޭނައަށް ދެން ހޭލެވުނީ ޒޯހަން ގޮވާ އަޑަށެވެ. އޭރު އެޕާޓްމެންޓަށް އާދެވިއްޖެއެވެ.

އައިރާ ހުޅުވާލި ދެލޮލުގައި ވަނީ ނިދީގެ އަސަރެވެ. މާހައުލަށް ހޭނެން އިރުކޮޅެއް ނެގިއެވެ. އައިރާއަށް ވަގުތު ދީގެން ޒޯހަން އިނެވެ.

ކާރުން ފޭބިއިރުގައި ވާރޭ އޮތީ ތުނިކޮށްލާފައެވެ. އަވަސްއަވަހަށް އައިރާގެ އަތުގައި ހިފާލި ޒޯހަން، އިމާރާތުގެ މައި ދޮރުން އެތެރެއަށް ވަނެވެ. ސައުފާ ވެސް ފަހަތުން އައެވެ. ޑްރައިވަރުގެ އެހީގައި ޑިކީން ނެގި ލަގެޖްތައް ހިފައިގެން އެންމެފަހުން ވަނީ ނަހުލާން އެވެ. އޭނަ ގޮސް ލިފްޓްކައިރިއަށް ހުއްޓުނުއިރު ލިފްޓް ހުޅުވެނީއެވެ.

*****

އެއް ރޫމްގެ ކުޑަ އެޕާޓްމެންޓެކެވެ. ބޮޑުކޮޓަރީގެ އިތުރުން ބަދިގެއާއި ކާގެ ހުންނަނީ އެއްކޮށެވެ. ކޮޓަރިއަށް ދިއުމަށް ހުރި ސަރައްކާލީގެ އެއްފަޅީގައި ނިދާ ކޮޓަރިއެވެ. އަނެއް ފަޅީގައި ކުޑަ ލޯންޑްރީ ރޫމެކެވެ. ބަދިގެ ތެރެއިން ލާފައި ނިކުމެވޭނެހެން ބެލްކަންޏެއް ވެސް ހުއްޓެވެ. ބޭނުން ގޮތަކަށް ބެލްކަނި ޒީނަތްތެރިކޮށްލެވެން އޮތެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ލަގެޖްތައް ކޮޓަރިއަށް ވެއްދީ ނަހުލާން އެވެ. އެޕާޓްމެންޓްގެ އިތުރުން ހޮސްޕިޓަލާއި ބެހޭގޮތުން މައުލޫމާތު ދޭން ސައުފާ މަޑުކޮށްލީ ބޮޑުކޮޓަރީގައެވެ. ސައުފާގެ ވާހަކަތައް އަޑުއަހަން އައިރާއާއި ޒޯހަން ތިބީ ސޯފާގައެވެ.

''ތިއްތަ ހުންނާނެ ގްރޮސެރީގެ އިތުރުން މިރެއަށް ކާއެއްޗިސް ގެނެސްފަ، ކާން ބޭނުންވީމަ މައިކްރޯވޭވް ކޮށްލައްޗޭ...'' ބަދިގޭގައި ހުރި އައިސްއަލަމާރިއަށް އިޝާރާތްކޮށްލަމުން ސައުފާ ބުނެލިއެވެ. ''ތިއްތަ ބޭނުން މަޑުކުރަން، އެކަމަކު އެނގޭ ދިގު ދަތުރެއްކޮށްފަ އައީމަ ވަރުބަލިވާނެކަން... މާދަން ހެނދުނު އަންނާނަން...''

އެޕާޓްމެންޓްގެ ދަޅުދަނޑި ހަވާލުކޮށްލަމުން ސައުފާ ނިކުންނަން ހިނގައިގަތީ އައިރާގެ ގައިގައި ބައްދާލާފައެވެ. ނަހުލާން ވެސް މާދަން ބައްދަލުވާނެކަމަށް ބުނެލަމުން ސައުފާގެ ފަހަތުން ހިނގައިގަތެވެ. ދޮރު ލެއްޕުނު އަޑާއެކު މާހައުލަށް ވެރިވީ ހިމަފޮދު ވާރޭގެ އަޑެވެ.

''ބޯ މޮޑެދެންތަ؟...'' ޒޯހަން އަހާލިއެވެ. ބޮލުގައި އަޅާފައި އޮތް ބުރުގާއާއި ހިޖާބްކެޕް ނަގާލަމުން، ޒޯހަންގެ އުނގުގައި އައިރާ ބޯއަޅާލިއެވެ. އައިރާގެ އިސްތަށިގަނޑުގައި ޖަހާފައި އޮތް ހުޅި މޮހެލީ ޒޯހަން އެވެ. އެއަށްފަހު އައިރާގެ ބޯމޮޑެދޭން ފެށިއެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވީތަނާ އައިރާގެ ހައްޓަށް ލުޔެއް ލިބުނެވެ. ވޭން ބަރުދާސްތުކުރެވޭ ވަރު ވެއްޖެއެވެ.

''ފެންވަރާލަން ބޭނުން...'' އައިރާ ބުނެލިއެވެ.

''އެހެންތަ؟، އަވަހަށް ހިނގާ...'' އައިރާގެ ކޯތާފަތުގައި ފިރުމާލަމުން ޒޯހަން ބުންޏެވެ. ޒޯހަންގެ ޖުމްލައިން އައިރާއަށް ހެވުނެވެ. ޒޯހަންގެ ހުންނަ ލާނެއް މިޒާޖުން ނުހީ ހުރުން އެއީ މުސްތަހީލުކަމެކެވެ. ދެމާނަ އެކުލެވޭ ޖުމްލަތައް ބުނެ ސަމާސާކުރާނެއެވެ.

*****

ހޫނުފެނުން ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ދިގު ދަތުރުގެ ވަރުބަލިކަމަށް ނިމުން އަންނަން ފެށިއެވެ. ފާޚަނާގައި ހުރި ސޮކެޓަށް ހެޔާރޑްރަޔާ ޖަހާލަމުން އިސްތަށިގަނޑު ހިއްކަން އައިރާ އުޅުނެވެ. އޭރު ޒޯހަން ވީ ކޮޓަރީގައެވެ. ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް ލުމުގައެވެ. އެކަމުން އަވަދިވެގެން އޭނަ އައިސް ފާޚަނާގެ ދޮރުކަންޏަށް ލެނގިލިއެވެ. ހުސްގަޔާ ހުރި ޒޯހަން ހަށަން ބަނދެލަމުން އައިރާއަށް ބަލަން ހުއްޓެވެ. އިރުކޮޅެއް ފަހުން އޭނަ އައިސް އައިރާގެ ފުރަގަހުން ހުއްޓިލަމުން، އައިރާގެ މެދުހަށީގައި ބައްދާލިއެވެ.

ވޮޝްބޭސިން މަތީގައި ހެޔާޑްރަޔާ ބާއްވަމުން ލޯގަނޑަށް އައިރާ ނަޒަރު ހުއްޓާލިއެވެ. އައިރާ ލައިގެން ހުރި ބާތްރޯބްގެ ވާގަނޑަށް ޒޯހަން ދޫކޮށްލަން އުޅުމުން ޒޯހަންގެ އަތުގައި އައިރާ މަޑުމަޑުން ޖަހާލިއެވެ.

ޒޯހަންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. އައިރާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ކޯތާފަތަށް ޒޯހަން ފުމެލިއެވެ.

''ހާދަ ލޯތްބޭ...'' އައިރާގެ ކަންފަތަށް ފުމެލާފައި ޒޯހަން ބުންޏެވެ.

''ނޮޓް ބޭޑް ޔޯ ސެލްފް...'' ޒޯހަންގެ އިސްތަށިގަނޑަށް އަތްތިލަ މަހާލަމުން އައިރާ ބުންޏެވެ. ހިނިތުންވުމުގެ އަސަރު އައިރާގެ ތުންފަތުގައިވިއެވެ. ޒޯހަންގެ ޖިސްމުގެ ހޫނުކަން އިހުސާސްކުރެވޭ ކޮންމެ ފަހަރަކު އައިރާގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ.

އައިރާގެ ކޮލުގައި ޒޯހަން ބޮސްދިނެވެ. މިއުފާވެރި ވަގުތުކޮޅު ހަނދާނުގައި ރައްކާކުރަން ޒޯހަން ބޭނުންވި އެވެ.

''ވަރަށް ބޮޑަށް ލޯބިވޭ...'' ޒޯހަންގެ ބަރު ފިރިހެންވަންތަ އަޑުން އައިރާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ޒޯހަންއާއި ދިމާއަށް އައިރާ އެނބުރިލިއެވެ. ދެއަތުން ޒޯހަންގެ މޫނުގައި ހިފަހައްޓާލަމުން ހަތަރުކަޅިހަމަކޮށްލިއެވެ. ބަސްމޮށުންތެރިކަމަށް ބޭނުންނުވާ ޖަޒުބާތުތަކެއް ބަދަލުކުރެވުނެވެ.

ދެމެދުގައި އޮތް ދާއިރާ ހަނިކޮށްލަމުން ޒޯހަންގެ ދެލޮލުގައި އައިރާ ބޮސްދިނެވެ. ހިތުގައި ވިންދުޖަހަމުން ދިޔަ ލޯބި ޒޯހަންއަށް އައިރާ ބަޔާންކޮށްދިނީ އަމަލުންނެވެ.

އައިރާގެ ތުނި އުނަގަނޑުގައި ޒޯހަންއަށް ހިފަހައްޓާލެވުނެވެ. ޒޯހަން ކުރިއަށް ޖެހިލުމާއެކު އޭނައާއި ވޮޝްބޭސިންގެ ދެމެދުގައި އައިރާ ހައްޔަރުވެއްޖެއެވެ. އައިރާގެ އުނަގަނޑުގައި ހިފާ އުފުއްލާލަމުން ވޮޝްބޭސިންގެ މަތީގައި ބޭންދިއެވެ.

''ފަހުންދޯ ކާނީ؟...'' އައިރާގެ ކޯތާފަތުގައި ނޭފަތުގެ ކުރި ޖައްސާލަމުން ޒޯހަން ވަސްގަނެލިއެވެ.

''ހޫމްމް...'' ޒޯހަންގެ މޭގައި އައިރާ ފިރުމާލިއެވެ. ދެމަފިރިންގެ ނޭވާތައް ފުންވެގެން ދިޔައެވެ. ވެހެމުން ދިޔަ ވާރޭގެ އަޑުން މަސްތުކުރުވަނިވި މާހައުލެއް އުފެދިފައި އޮތެވެ.

*****

ހެނދުނު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިއުމާއެކު އައިރާ ނުތަނަވަސްވާ ގޮތް ވެއްޖެއެވެ. ތުންފަތުގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ. އެކަން ފާހަގަ ކުރެވުނު ޒޯހަންއަށް އައިރާގެ ގައިގައި އަރިމަތިން ބައްދާލެވުނެވެ. އެޕޮއިންޓްމެންޓް ނަންބަރު ޖެހުމުން ޑޮކްޓަރުގެ ކޮޓަރިއަށް ވަންނަން ދަމުން އައިރާއަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ވެސް ދެއްކިއެވެ.

''މިސިސް އައިރާ'' ޑޮކްޓަރުގެ ކޮޓަރިއަށް ވަނުމާއެކު ޑޮކްޓަރ މައިކަލް ބުންޏެވެ. މައިކަލްއަކީ އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ކުޅަދާނަ އަދި ތަޖުރިބާކާރު ޑޮކްޓަރެކެވެ. މިއީ ބައްދަލުވި ދެވަނަ ފަހަރެވެ. ލަންޑަނަށް އައުމުގެ ކުރިން އޮންލައިންކޮށް ކޮންސަލްޓޭނަށެއް ވަނީ ހަދާފައެވެ. އަދި ފަރުވާގެ ކަންތައް އޮތީ މަޝްވަރާ ކުރެވިފައެވެ. ޑޮކްޓާރ މައިކަލްއަކީ ބަލިމީހުންނަށް އޯގާތެރި، ބަލިމީހުންގެ ހުރިހާ ސުވާލަކަށް ފޫހިކަމެއް ނެތި ޖަވާބުދާރީވާ ޑޮކްޓަރެކެވެ. ޒޯހަންގެ ހުރިހާ ސުވާލަކަށް ވެސް ޖަވާބުދާރީ ވެފައިވަނީ ކެތްތެރިކަމާއެކުގައެވެ. އެއީ ޑޮކްޓަރ މައިކަލްއަށް އިތުބާރު ކުރެވުނު މައިގަނޑު ސަބަބު ވެސް މެއެވެ. އޮޕަރޭޝަނަށް ފަހު ދިމާވެދާނެ ހުރިހާ ކަމަކަށް އަލިއަޅުވާލައި ކާމިޔާބުވާނެކަމުގެ އުއްމީދު ގެނެސްދިނެވެ.

''ޑޮކްޓާރ މައިކަލް'' އައިރާ ހިނިތުންވެލިއެވެ. ޒޯހަންގެ އަތުގައި ހިފާލައިގެން ހުރެފައި، ޑޮކްޓާރ މައިކަލް އިށީނދެލައިގެން އިން މޭޒުކައިރީ ހުރި ގޮނޑީގައި އައިރާ އިށީނެވެ. ޒޯހަން ވެސް އައިރާއާއި ޖެހިގެން ހުރި ގޮނޑީގައި ހަމަޖެހިލިއެވެ.

''މިސްޓާ ޒޯހަން'' ޒޯހަންއަށް ވެސް ޑޮކްޓާރ މައިކަލް ބަލައިލިއެވެ.

''މިއަދު އިތުރު ޓެސްޓްތަކާއި ސްކޭންތައް ހަދާލާނީ، ފަހުން އޮޕަރޭޝަން ކުރާ ޓީމަށް އައިރާ ތަޢާރަފްކޮށްދޭނަން، ހޮސްޕިޓަލުގަ އެޑްމިޓްކުރާ ހިސާބުން ފެށިގެން ދޫކޮށްލަން ދެކަށް އައިރާގެ ގާތުގައި ތިބޭނީ އެޓީމު... އެސެސްމެންޓް ނިމުނީމަ މިހަފްތާ ފަހުކޮޅުގަ އެޑްމިޓް ކުރާނީ...'' ޑޮކްޓާރ މައިކަލް އިނގިރޭސިބަހުން ބުންޏެވެ.

ކުރިންވެސް ބުނެދިން ގޮތަށް ހުރިހާ ކަމެއް ވަނީ ތާވަލު ކުރެވިފައެވެ. ސީޓީ ސްކޭނަށް ފަހު ލޭގެ ޓެސްޓަކާއި ހިތާއި ފުއްޕާމޭގެ ޓެސްޓުތަކެއް ހެދުނެވެ. އައިރާގެ ގާތުގައި ހުރެވޭނެ އެންމެ ކައިރީގައި ޒޯހަން ހުއްޓެވެ. ސީޓީ ސްކޭނަށް އައިރާ ވެއްދުމުން ޒޯހަން އެކަނިވިއެވެ. އޭނައަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ގޮނޑީގައި އިށީނދެލައިގެން ފައިތަޅުވަން އިންދާ، ޒޯހަންއާއި ޖެހިގެން ހުރި ގޮނޑީގައި ސައުފާ އިށީނެވެ.

''ޒާން...'' އަތުގައި އޮތް ފެންފުޅި ޒޯހަންއަށް ސައުފާ ދިއްކޮށްލިއެވެ.

ލުއި ހިނިތުންވުމެއް ސައުފާއާއި ބަދަލުކޮށްލަމުން ޒޯހަން ފެންފުޅީގައި ހިފިއެވެ. ފެންފުޅި ކަނޑާލުމަށްފަހު ދެތިން ކޯވަރު ބޯލިއެވެ.

''އަރޫގެ ގާތުގައި ހުރުމަށް ޒާން ގަސްދުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ، ފުރަތަމަ ފަހަރާއި ޚިލާފަށް މިކަމާއި މިފަަހަރު އަރޫ ކުރިމަތިލާފައި ވަނީ ބަލިން ފަސޭހަވާނެކަމުގެ އުއްމީދުގަ، އެއީ ވެސް ބައްޔާއި ކުރިމަތިލައި ކަމިޔާބު ލިބުމަށް އެހީތެރިވެދޭނެކަމެއް، ނޭދެވޭ ޚިޔާލުތަކުން މީހާ ބަލިކަށިވެގެން ދިއުމުގެ ފުރުސަތު އޭގެ ސަބަބުން ކުޑަވާނެ، އެހުރިހާ ހެޔޮ ބަދަލެއް އައިސްފައި ވަނީ ޒާންގެ ސަބަބުން...'' ޝުކުރު ބަންޑުންކޮށްލަމުން ސައުފާ ބުންޏެވެ.

''ކަންތައްވެދާނެ ގޮތެއް ނޭނގޭތީ އަހަަރެން ބިރުގަނޭ، އެކަމަކު އޭގެ ހިލަން އަރޫއަށް ވިޔަކަ ނުދޭނަން...'' ފުރަތަމަ ފަހަރަށް ހިތުގެ އުދާސްކަން ޒޯހަންއަށް ހިއްސާކޮށްލެވުނެވެ.

''ބޮޑު އޮޕަރޭޝަނަކަށް އަރޫ ތައްޔާރުވާތީ ބިރުގަތުން އެއީ މައްސަލައެއް ނޫން، އަހަރެން ވެސް ބިރުގަނޭ، އެކަމަކު އެބިރާއި ކުރިމަތިލާން ލާން ޖެހޭނެއެއްނު... އެހެންނޫނީ ކުރިއަކަށް ނުދެވޭނެ...'' ޒޯހަންއަށް ސައުފާ ހިތްވަރުދިނެވެ. ''އަރޫ ދެކެ އަބަދު ތިފަދައިން ޒާން ލޯބި ވައްޗޭ...''

''އަބަދުވެސް... އަހަރެން އަރޫ ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެ... '' ޒޯހަން އަސަރާއެކު ބުންޏެވެ.

''ވަރަށް އުފާވެއްޖެ އަޑުއިވުމުން...'' ސައުފާ ބުންޏެވެ. ޖަޒުބާތުގައި ބެހިދާނެހެން ހީވުމުން އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ.

*****

ހުރިހާ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ބުދަ ދުވަހެއްގައި އައިރާ އެޑްމިޓްކުރެވުނެވެ. ބުރާސްފަތިދުވަހު އޮޕަރޭޝަން ކުރާ ގޮތަށެވެ. އައިރާގެ ސިކުނޑިއަށް ހާސްކަން ވެރިވާން ފެށުމާއެކު މަދުވެރިކަމަށް އެނދެވުނީ މާތްﷲގެ ހަޒްރަތުންނެވެ. ޒޯހަންއާއި އެކު ނަމާދުކޮށްލަމުން ދެމަފިރިން ވެސް މާތްﷲއަށް ދުޢާކޮށްލިއެވެ. އޮޕަރޭޝަން ކާމިޔާބުކޮށްދެއްވުމަށް އެދިއެވެ.

މާދަމާއާއި މެދު ޒޯހަންގެ ހިތުގައި އޮތް ހާސްކަން ކަރުނައިގެ ސިފަ ހިޔާރުކުރީ އެރޭ އައިރާއަށް ނިދުނު ފަހުންނެވެ. އައިރާގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިން ޒޯހަންއަށް އައިރާގެ އަތުގައި ހިފާލެވުނެވެ.

''އިރާދަކުރެއްވިއްޔާ އޮޕަރޭޝަން ކާމިޔާބުވާނެ، އަރޫ ރަނގަޅުވާނެ....... އަރޫ...... އަހަރެން އެދޭނީ ހަމަ އެންމެ ކަމަކަށް، އަނބުރާ އަހަރެންގެ ގާތަށް އައިސްދީ...'' އައިރާގެ އަތްތިލައަށް ޒޯހަން ބޮސްދިނެވެ.

އައިރާގެ އަތްތިލަ ގެނެސް ނިތުގައި ޖައްސާލެވުނު ހިނދު ޒޯހަންގެ ރީތި ދެ ލޯ ފުރިގެން ދިޔައީ އުދާސްކަމުގެ ކަރުނުންނެވެ. ކަރުނުން މަންޒަރު ފުސްވާންފެށުމުން ލޯފޮހެލެވުނެވެ.

''ޕްލީޒް...'' ޒޯހަންއަށް މަޑުމަޑުން ބުނެވުނެވެ. އެއަޑުގައިވަނީ އާދެހެވެ. މޮޅިވެރިކަމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟