ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 28

2

ފަތިސް ނަމާދަށް އެލާމް ކުރި ފޯނުގެ އަޑުން ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލައިފިއެވެ. ޒޯހަންއަށް ކަންނެތް ކަމާއެކު ލޯހުޅުވާލެވުނެވެ. ހަށިގަނޑަށް އިހުސާސްކުރެވުނު ލޮޑުކަމުގެ ސަބަބުން ލޯހުޅުވުން ފަސޭހަކަމަށް ނުވިއެވެ. ނަމަވެސް ތަކުރާރުވަމުން ދިޔަ އެލާމްގެ އަޑުން ޒޯހަންއަށް މަޖުބޫރުވީ ލޯހުޅުވާށެވެ. ބާލީސް ދަށުގައި އޮތް ފޯނުނަގަން ބާލީސް ދަށަށް އަތް ލައްވާލަން އުޅުނު ވަގުތު ހޫނު ނޭވަތަކެއް މޭމަތިން އިހުސާސްކުރެވުނެވެ.

ޒޯހަންގެ ތުންފަތް ދެމިލީ ލޮބުވެތި ހިނިތުންވުމަކުންނެވެ. ބާލީސް ދަށުން ފޯނު ނަގައި އެލާމްގެ އަޑު އޭނަ ކަނޑާލިއެވެ. އެއަށްފަހު ބާރުގަދަ ދެއަތުން އައިރާގެ ހަށިގަނޑު ވަށާލިއެވެ. ކުޑަކޮށް ސޮހިފައި އޮތް ބަނާތުގަނޑު ވެސް ރަނގަޅުކޮށްލިއެވެ. ކަނދުރާ ހިއްލާލަމުން އައިރާގެ މޫނަށް ފުން ނަޒަރެއް ދިނެވެ. ޒޯހަންގެ ދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

ކޮޓަރިއަށް ވެރިވެފައިވި ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރޭން އައިރާގެ މޫނަށް ޒޯހަން ބަލައިލިއެވެ. މެރިފައިވި ދިގު އެސްފިޔަތަކުގެ ހިޔަނި އައިރާގެ ކޯތާފަތަށް އެޅިފައިވުމާއި، އެފޯތާފަތުގައިވި މަޑު ރަތްކުލައިން އެސްފިޔަ ޖަހާލުމެއް ނެތި ބަލަން ޒޯހަންއަށް އޮވެވުނެވެ. ކައިވެނީގެ ލައްޒަތާއި އަރާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރެވުމުން ޒޯހަންގެ މޫނުން އުފާވެރިކަމުގެ ކުލަވަރު ފާޅުވެއެވެ. އައިރާގެ ލޯބި މިލްކު ކުރެވިއްޖެކަމުގެ ރާހަތު ވެސް ފެނެއެވެ. އެދެމެދުގައި އެއްވެސް ހުރަހެއް މިހާރަކު ނެތެވެ. ލޯތްބާއެކު އައިރާގެ މޫނަށް ބަލަން ޒޯހަންއަށް އޮވެވުނު އިރެއް ވެސް ނޭނގެއެވެ. އެހެން އޮތްވާ ވިސްނުންތަކުގައި ކުރިފަޅައިދާން ފެށިއެވެ.

އައިރާގެ ބައްޔާއި މެދުގައި ވިސްނުން ހިންގާލެވުމުން ޒޯހަންގެ ހިނިތުންވުން ފަނޑުވެލިއެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނީ އެޚިޔާލުތަކާއި ދުރުވެލުމުގެ ނިޔަތުގައެވެ. ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭރަށް ފުރަން ގަސްދުކުރީ ވީއެންމެން އަވަހަކަށް ފަރުވާ ފެށުމަށެވެ. އޮޕަރޭޝަންކޮށްގެން ޓިއުމަރު ނެގޭނެކަމުގެ ޔަޤީންކަން ޑޮކްޓަރުން އޮތީ ދީފައެވެ. ހަމައެއާއެކު ރޭޑިއޭޝަން ތެރެޕީ ނެގުމުން އިތުރު މައްސަލަތަކެއް ނުޖެހި ކެންސަރަށް ޝިފާ ލިބޭނެކަމުގެ މައުލޫމާތު ވަނީ ދީފައެވެ. ނަމަވެސް ކުރެވެން އޮތީ އާދާއިގެ އޮޕަރޭޝަނެއް ނޫނެވެ. އޮޕަރޭޝަނަށް ފަހު ދޮޅަހެޔޮ ސިއްހަތަކަށް އެނބުރި ރުޖޫއަވުމަށް ދިގު ރާސްތާއެއް ކަނޑައްތުކުރަން ޖެހެއެވެ. ހިތްވަރާއިއެކު ކުރިމަތިލައިގެން މެނުވީ އެކަމުގައި ކުރިއެރުން ލިބޭކަށް ނެތެވެ. އައިރާގެ ހައްޤުގައި އެއުދާސްކަމާއި ކުރިމަތިލާން ޒޯހަން ހުރީ ތައްޔާރަށެވެ. މިހާރު އައިރާ އެއީ އޭނަގެ މަސްއޫލިޔައްތެކެވެ. ލޯބިވާ އަނބިމީހާއެވެ. އައިރާގެ އުފާވެރިކަމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަށް އޭނަ ހުރީ ތައްޔާރަށެވެ.

އައިރާގެ އިސްތަށިގަނޑުގައި ޒޯހަން ބޮސްދިނެވެ. އައިރާ ކުކުރާލަމުން އިހުނަށްވުރެން ޒޯހަންއާއި ގާތްވެލައި ޒޯހަންގެ ކަނދުރާގައި މޫނު ފޮރުވާލިއެވެ. އައިރާގެ އެގާތްކަން ޒޯހަން ބަލައިގަތީ އުފަލާއެކުގައެވެ. އައިރާގެ މޫނަށް ފޭބި އިސްތަށިކޮޅުތައް ޒޯހަން އެއްފަރާތްކޮށްލިއެވެ.

ޒޯހަންގެ ބީހުން އިހުސާސްވުމާއެކު އައިރާގެ ވިންދުތައް އަވަސްވެލިއެވެ. އައިރާ ހޭލައިފިކަން ޒޯހަންއަށް އެނގުނީ ދެނެވެ.

''މޯނިންގް...'' ޒޯހަން ބުންޏެވެ.

ޒޯހަންގެ ކަނދުރާގައި މޫނު ފޮރުވާލައިގެން އައިރާ އޮތެވެ. އައިރާ ލަދުގެންފައިވާ މިންވަރު ޒޯހަންއަށް ނަގައިގަނެވުނެވެ. ލުއި ހިނިތުންވުމަކާއެކު އައިރާގެ ބޮލުގައި އަނެއްކާ ވެސް ޒޯހަން ބޮސްދިނެވެ. އައިރާގެ ލަދުރަކިކަން އޭނައަށް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ.

''މިހާރު އުޅޭނެ ފަތިސް ނަމާދަށް ބަންގި ގޮވަން...'' އައިރާގެ ކަންފަތްދޮށުގައި ޒޯހަން ބުންޏެވެ.

''ގަޑިން ކިހާއިރެއްތަ؟...'' ޒޯހަންގެ މޭގައި ފިރުމާލާފައި އައިރާ ބުންޏެވެ. މޭމަތީގައި ފަޅާފައި ހުރި އިސްތަށިތަކާއި އައިރާ ކުޅެލުމުން ޒޯހަން ހީލިކަރުވައިގަތެވެ.

''ހަތަރު ގަޑި ބައި...'' ޒޯހަން ބުންޏެވެ. ''ފަހެއް ޖަހާއިރަށް ބަންގިދޭނެ...''

''އޯކޭ...'' އައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ''ފައިވް މޯ މިނެޓް...''

''އަރޫ...'' ޒޯހަން ގޮވާލިއެވެ.

''ހޫމްމް...'' އައިރާ ބުންޏެވެ.

''އަހަންނަށް ބަލާބަލަ...'' ޒޯހަން އެދުނެވެ. އިރުކޮޅެއް ފަހުން ޒޯހަންގެ ކަނދުރާގެ ނިވަލުން އައިރާ މޫނު ނަގައިފިއެވެ. އެއަށްފަހު ޒޯހަންގެ މޫނަށް އައިރާ ނަޒަރު ހުއްޓާލިއެވެ. ފުރަތަމަ އައިރާ ބަލަން ފެށީ ޒޯހަންގެ ނޭވާއަށެވެ. މަޑުމަޑުން ކަޅިރަވަ މައްޗަށް ގެންގޮސް ޒޯހަންގެ ރީތި ދެލޮލާއި ނަޒަރު ސީދާކޮށްލިއެވެ. ލަދުރަކިކަން އައިރާގެ ހަރަކާތްތަކުގައި އެކުލެވިގެން ވިއެވެ. ޒޯހަންގެ ދެލޮލުން ފެނުނު ޝުއޫރުތަކުން ލަދުގަނެ އައިރާގެ ކޯތާފަތުގެ ކުލަ ބަދަލުވެގެން ދާން ގިނަ އިރެއް ނުނެގިއެވެ.

''ތެންކިއު، ލާސްޓް ނައިޓް ވޯޒް ޕާފެކްޓް...'' އައިރާގެ ކޯތާފަތުގައި ޒޯހަން ފިރުމާލިއެވެ. ޒޯހަންގެ އެހަރަކާތުން އައިރާއަށް އިސްތިރިކޮށްލެވުނެވެ. އިރުކޮޅެއް ވަންދެން ތިރީތުންފަތުގައި ދަތްއަޅައިގެން އޮވެފައި އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ.

''ޔޫ ލައިކްޑް އިޓް؟...'' އައިރާ ނުކެރިފައިވާ އަޑަކުން ސުވާލުކޮށްލިއެވެ. އައިރާގެ ލަދުރަކިކަމުގެ ފަހަތުގައިވި ސަބަބު ޒޯހަންއަށް ވިސްނުނީ ދެނެވެ.

''އައި ލަވްޑް އިޓް...'' އައިރާގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި އަޅުވާލަމުން އައިރާގެ ނަޒަރު އޭނަގެ މޫނަށް ޒޯހަން ސީދާކުރުވިއެވެ.

''ބަޓް މޭއިބީ އާފްޓާ ސަމް ޕްރެކްޓިސް ވީ ބިލް ބީ ޕާފެކްޓް... އަރޫ ބުނަނީ ކީކޭތަ؟...'' ލާނެއް ހިނިތުންވުމަކާއެކު ޒޯހަން ބުންޏެވެ.

ލަދުން އައިރާ އެސްފިޔަތައް ތިރިކޮށްލިއެވެ. ޒޯހަންގެ މޭގައި ބޯއަޅާލެވުނީ ޒޯހަންގެ ހިތުގެ ވިންދު އަޑުއަހަން ބޭނުންވުމުންނެވެ. އެހިތުގެ ތެޅުން އަޑުއިވުމުން އައިރާގެ ތުންފަތާއި ކުޅެލި ހިނިތުންވުން ފުންވެއްޖެއެވެ. މަޑުމަޑުން ޒޯހަންގެ މޭގައި ފިރުމާލެވުނެވެ. ޒޯހަންގެ ބަނޑުގައި ގޮޅިއަރާފައި ހުރި މަސްތަކުގައި ލަސްލަހުން އަނގިލިތަކުގެ ކުރި ހިންގާލެވުނެވެ. މިއީ ހަޤީޤަތެއްކަން ޤަބޫލުކުނުކުރެވޭ ކަހަލައެވެ. މިއީ ހުވަފެނެއް ނަމަ ބޭނުންވީ ދުނިއުމުރަށް ޒޯހަންގެ މޭގައި ބޯއަޅައިގެން ނިދާލުމަށެވެ. މިހުވަފެނުން ދުވަހަކު ހޭލަން އޭނަގެ ޒަމީރު ނޭދޭނެއެވެ.

''އައި ލަވް ޔޫ...'' އައިރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޒޯހަން ބުނެލިއެވެ. ''ޔޯ ހެއާރ އިޒް ސޯ ޕްރިޓީ...''

ޒޯހަންގެ ދުލުން އޮހުނު ތައުރީފުގެ ބަސްތަކުން އައިރާ އުފަލުން ފޮޅުނެވެ. ޒޯހަންގެ ފިރުމުންތަކަށް ދައުވަތު ދެވުނެވެ. ރޭގެ މަންޒަރުތައް ސިފަކުރެވުމާއެކު އައިރާ އަނެއްކާ ވެސް ލަދުގަންނަ ގޮތް ވެއްޖެއެވެ.

''އެނދުގައި ތިބެނިކޮށް ބަންގި ގޮވާފާނެ...'' ޒޯހަން ބުންޏެވެ. އެންމެފަހުން އައިރާ ބޯހިއްލާލިއެވެ. ބަންގި ދިނުމުގެ ކުރިން ފެންވަރައި ތާޒާވެލުމަށެވެ.

ދެމަފިރިން އެކުގައި ފެންވަރާލިއެވެ. ޒޯހަންގެ ކުދިކުދި ގޯނާތައް ދޭތެރެއަކުން އަމާޒުވެ ފުނިލާ ހިނިތުންވުމެއްގެ އަސަރު އައިރާގެ މޫނުގައި ވިއެވެ. ދެމަފިރިންގެ ދެެމެދުގައި އޮތް ލަދުވެތިކަމުގެ ފަރުދާ ކެހިގެން ދިއުމުން، އެކަކުއަނެކަކުގެ ޖިސްމަށް ހޭނެން ގިނަ އިރެއް ނުނެގިއެވެ. ޒޯހަންއަށް އައިރާ ބަލައިލަނީ ސާބިތުކަމާއެކުގައެވެ. ކެރިހުރެ ޒޯހަންއާއި ސަމާސާކޮށްލިއެވެ. އެއީ ދެމަފިރިންގެ ލޯބި އިތުރަށް ފުރިހަމަކޮށްދިން ކަމެކެވެ.

ފެންވަރައިގެން ނިކުތް އިރު ފަޖުރުގެ އަލިކަން ފާޅުވެ ނަމާދަށް ބަންގި ގޮވައިފިއެވެ. ދެމަފިރިން ވެސް އަތްމަތި އަވަސްކޮށްލިއެވެ.

ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޕޯލޯ ޓީޝާޓެއްގައި ހުރި ޒޯހަންއަށް އައިރާ ބަލައިލީ ހިނިތުންވުމަކާއެކުގައެވެ. ރީތިވާ މޭޒު ކުރިމަތީ ހުއްޓި ހުރި ޒޯހަންއަށް އައިރާގެ ބެލުން ފާހަގަ ކުރެވުނެވެ.

''ހާދަ ވަރަކަށް ތި ބަލަނީ؟..'' ޒޯހަން ބުމައަރުވަމުން ވާހަކަދެއްކިއެވެ.

''ޔޫ ރިއަލީ ހޭވް ނޯ އައިޑިޔާ ހައު ޔޫ ލުކް، ޑޫ ޔޫ؟... އައި ކާންޓް ބިލީވް ޔޫ އާރ މައިން...'' އައިރާ ބުންޏެވެ. ''އައިމް ސޯ ލަކީ...''

''މައި ލަވް، އައިމް ދަ ލަކީ ވަން... އެންޑް ރިމެމްބާރ، އައިމް ނޮޓް ޖަސްޓް ޔޯސް، އައިމް އޯލް ސޯ ހަޒްބެންޑް...'' އައިރާގެ ކުރިމައްޗަށް ހުއްޓުނެވެ. އައިރާގެ އަތްތިލަގައި ހިފާލަމުން ބޮސްދިނެވެ.

''ހަޒްބެންޑް...'' ލަސްލަހުން އައިރާ ކިޔާލިއެވެ. އެލަފުޒަތުތައް ދުލާ ހަމައަށް ގެނެވުމުން ލިބުނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ.

އައިރާގެ ދުލުން ''ހަޒްބެންޑް'' ބުނުމުން ކުރެވުނު ފޮނިފޮނި އިހުސާސާއެކު ޒޯހަންއަށް ހިނިތުންވެވުނެވެ. އަނބިމީހާގެ ދުލުން ފިރިމީހާކަމަށް އިޤުރާރުވުމުން އެކުރެވެނީ ހާދަހާވާ ފޮނި އިހުސާސެކެވެ. ލޯބި އުތުރުއަރައިގަތް ކަހަލައެވެ.

''މައި ލަވްލީ ވައިފް...'' ޒޯހަންގެ ދެލޮލުގައި ވިދާ ބަބުޅަމުން ދިޔައީ ލޯތްބެވެ. މިސްކިތަށް ދާން ކޮޓަރިން ނިކުންނަން ގޮސްފައިވެސް އަނބުރާލާފައި އައިސް އައިރާގެ ކޯތާފަތަށް ބޮސްދިނެވެ. އައިރާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. ޒޯހަން ނިކުމެގެން ދަންދެން ކޯތާފަތުގައި އަތްތިލަ ޖައްސާލައިގެން ހުރެވުނެވެ.

ކޮޓަރީގައި އެކަނިވުމާއެކު އައިރާގެ ހިނިތުންވުމަށް ފަނޑުކަމެއް އައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ސިކުނޑިއަށް ވެރިވާންފެށި ޚިޔާލުތަކާއި ދުރުވެލުމަށެވެ. ކައިވެނީގެ އުފާވެރި ދުވަސްތައް ނިމުމުން ހަޤީޤަތަށް ހޭލަން އޭނައަށް މަޖުބޫރުވި ކަހަލައެވެ. އެހެނަސް، ނައްސި ޚިޔާލުތަކުގެ ގަދަ އޮޔެވަރުގައި ނަފުސު ބެހިގެން ދިއުމުގެ ފުރުސަތެއް އައިރާ ނުދިނެވެ. ޒޯހަންގެ ލޯބިން އެހިތަށް ވަނީ ދިރުން ގެނެސްދީފިއެވެ. ކެންސަރާއި ދެކޮޅަށް ހަނގުރާމައިގެ މައިދާނަށް ނިކުތީ ވަރުގަދަ އަޒުމަކާއެކުގައެވެ. ހަމައެއާއެކު އޭނަގެ މުސްތަޤުބަލު މާތްﷲގެ ހިރާދަފުޅުގެ މައްޗަށް ދޫކޮށްލެވުމުން ސިކުނޑި ފަސާދަކުރަން އުޅުނު ނޭދެވޭ ޚިޔާލުތަކާއި ދުރުވެވުނެވެ.

''حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ...'' ނަމާދުކުރަން އައިރާ ދޮޅި އަޅާލިއެވެ. ސުންނަތް ނަމާދުގެ ރެކައުއަތަށް ފަހު ފަތިސް ނަމާދުކޮށް ނިންމާލިއެވެ. ޒިކުރަށްފަހު ދުޢާކުރުމަށް ދެ އަތްތިލަ މައްޗަށް އުފުލާލެވުނެވެ.

''ޔާﷲ، މިއަޅާއަށް ސާބިތުކަން ދެއްވައި ކުރިއަށް އޮތް ދުވަސްތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ، އިބަﷲގެ ރަހުމަތް މިއަޅާގެ މައްޗަށް ލައްވާފާންދޭވެ... މިއަޅާގެ ބައްޔަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި މިއަޅާގެ ވޭނަށް ލުޔެއް ގެނެސްދެއްވާފާންދޭވެ، މިއަޅާއަށް މިކަމާއި ކުރިމަތިލުމުގައި ކެތްތެރިކަން ދެއްވާފާންދޭވެ... މިއަޅާގެ ފިރިމިހާގެ އުދާސްތައް ފިއްލަވައިދެއްވައި އުފާވެރިކަން ލަހައްޓަވާނދޭވެ... މިއަޅާގެ ކައިވެނީގެ ބަރަކާތްލައްވައި އިސްލާމްދީނުގެ ނޫރުން މިކައިވެނި އަލިކޮށްދެއްވާންދޭވެ... ޔާﷲ، މިއަޅާގެ މިދުޢާ އިޖާބަކޮށްދެއްވައި އިބަﷲގެ ރަހުމަތް މިއަޅާގެ މައްޗަށް ލައްވާންދޭވެ، އާމީން...'' ދުޢާކޮށް ނިންމާލި އައިރާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. މާތްﷲގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލެވުމުން މިހުރިހާ ދުވަހު ލިބިފައިވި ހާސްކަމަށް ނިމުމެއް އަތުވެއްޖެކަމުގެ ރަމްޒެކެވެ. ރޫހަށް ހަމަޖަހުމެން ލިބުނުކަމުގެ ނިޝާނެކެވެ.

ފަތިސް ނަމާދަށްފަހު އައިރާ ގޮސް އިށީނީ އެނދުގައެވެ. ޤުރުއާން ކިޔަވަން އިންދާ ޒޯހަން އައިސް ކޮޓަރިއަށް ވަނެވެ. އައިރާއަށް ހަދިޔާކޮށްލި ހިނިތުންވުމާއެކު ޒޯހަން އައިސް އެނދުގައި އިށީނެވެ. އައިރާ ޤުރުއާން ކިޔަވާ އަޑުއަހަން ޒޯހަން އިނެވެ. ހިނދުކޮޅަކަށް ވިޔަސް ހިނިތުންވުން ފިލައިގެން ނުދެއެވެ.

ޤުރްއާން ކިޔަވާނިމުމުން ޤުރުއާން ގެންގޮސް ލިޔާ މޭޒުމަތީގައި އައިރާ ބޭއްވިއެވެ. ދެން އޭނަ އައިސް ޒޯހަންގެ މަގަތުން އެނދުގައި އިށީނެވެ.

''އައިމް ގެޓިންގް ޔޫންޑް ޓު ސީން ޔޫ ލައިކް ދިސް...'' މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް އައިރާގެ އިސްތަށިގަނޑާއި ޒޯހަން ކުޅެލިއެވެ. ޒޯހަންގެ ސަމާސާތަކުން އައިރާއަށް ހީނލެވުނެވެ. އައިރާގެ ކޮލަށް އަޑިކޮޅު އެޅުމުން އަޑިކޮޅުގައި ޒޯހަން ބޮސްދިނެވެ.

''އަރޫ، އަހަރެން ބޭނުން ވާހަކައެއް ދައްކާލަން...'' ޒޯހަން ސީރިޔަސް ރާގަކަށް ބުންޏެވެ.

އައިރާގެ ސަމާލުކަން ޒޯހަންއަށް ހުއްޓުނެވެ. ޒޯހަން ދައްކަން އުޅޭ ވާހަކަ އޭނައަށް ލަފާކޮށްލެވުނެވެ.

''އަންނަ ހަފްތާއަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެ... ކުރީ ދުވަހު ތިއްތައާއި ވެސް ވާހަކަދައްކާލިން، ހުރިހާކަމެއް ހަމަޖެހުނު ވާހަކަ ބުނި...'' ޒޯހަން ބުންޏެވެ. ދެޢާއިލާގެ އެއްބަސްވުމުގެ ދަށުން ހަމަޖެހުނީ އައިރާގެ ސާޖަރީއާއި އިތުރު ފަރުވާއަށް ލަންޑަނަށް ފުރުމަށެވެ. ސައުފާ ލަންޑަންގައި ދިރިއުޅޭތީ ޒޯހަންއާއި އައިރާއަށް އެހިތެރިވެދޭން ގާތުގައި ހުންނާނެތީއެވެ. ހަމައެއާއެކު ފުރުމުގެ ކުރިން ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެން ދާނެތީއެވެ. އައިރާއާއި ޒޯހަން ތިބުމުގެ އިންތިޒާމުތަކާއި ވިސާގެ ކަންތަކުގައިވެސް އުޅުނީ ސައުފާ އެވެ. ކޮއްކޮގެ ކައިވެނީގައި ބައިވެރިވާން ބޭނުން ވިޔަސް، އައިރާ އަންނަން ވާއިރަށް ނިންމަޖެހޭ ކަންތައް ހުރުމުން ސައުފާ މަޑުކޮށްލީއެވެ. އައިރާގެ ކައިވެނީގައި ސައުފާ އަދި ނަހުލާންއަށް ބައިވެރިވީ ވިޑިއޯކޯލްގެ ޒަރިއްޔާއިންނެވެ.

''އަރޫ ބިރުނުގަންނައްޗޭ...'' އައިރާގެ އަތުގައި ހިފާލަމުން ޒޯހަން ވާހަކަދެއްކިއެވެ.

''އޮޕަރޭޝަނާއި މެދު ބިރެއް ނުގަނޭ، އެކަމަކު ދެން ޒާންއާއި ބައްދަލުނުވެދާނެ ކަމުގެ ނުތަނަވަސްކަން އެބައޮތް، ކުރެވެނީ ވަރަށް ބޮޑު އޮޕަރޭޝަނެއް، ރިސްކް ހައިކަން ވެސް އެނގޭ، އެކަމަކު މާތްﷲއަށް އަހަރެނެް ދުޢާ ކުރާނަން، އެކަލާނގެ އަހަންނަށް ސާބިތުކަން ދެއްވާނެ، އެކަލާނގެ އިރާދަފުޅަށް އަހަރެން އިތުބާރުކުރާނަން...'' ޒޯހަންއާއި ހަތަރުކަޅިހަމަކޮށްލަމުން އައިރާ ބުންޏެވެ. ގަދަފަދަ ދަމާބާރެއް އެދެމެދުގައި އުފެދުނެވެ. އައިރާ ގެނެސް މޭގައި ޒޯހަންއަށް ފޮރުވާލެވުނެވެ.

''މާތްﷲގެ އިރާދަފުޅާއެކު ދެރަގޮތެއް ނުވާނެ، އަހަރެން އަބަދުވެސް އަރޫގެ ގާތުގައި ހުންނާނަން، ކޮންމެ ފަދަ ހާލެއްގައި ވެސް އަރޫއަށް އެހީތެރިކަން ފޯރުކޮށްދޭނަން، ތީ މިހާރު އަހަރެންގެ އަނބިމީހާ، ފިރިއެއްގެ ހައިސިއްޔަތުން އަރޫއަށް ބޭނުންވާ އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން، އަހަރެން ވަރަށް ބޮޑަށް އަރޫ ދެކެ ލޯބިވޭ، މިދުނިޔެއަށް ނޭވާލާހާ ހިނދަކު އަހަރެންގެ ހިތުގެ ދުޢާއަކީ އަރޫގެ ގާތުގައިވުމުގެ ނަސީބު އަހަންނަށް މިންވަރުކޮށްދެއްވުން، މަރުވުމަށް ފަހުގައި އާޚިރަތުން ވެސް އަހަރެން އެދޭނެ ހަމައެކަނި ބައިވެރިޔަކީ ތީ... ﷲގެ ރަހުމަތުން އެގޮތް މިންވަރުކޮށްދެއްވާނެ...'' އައިރާގެ ހަށިގަނޑު ދެއަތުން ވަށާލަމުން އައިރާގެ ބޮލުގައި އަސަރާއެކު ޒޯހަން ބޮސްދިނެވެ.

''ވަރަށް ބޮޑަށް ލޯބިވޭތަ؟...'' ޒޯހަންގެ މޭގައި އައިރާއަށް ފިރުމާލެވުނެވެ. ޒޯހަންގެ ހިތާއި ވީފަޅީފައި އަތްތިލަ ޖައްސާލެވުނެވެ. ފިރިމީހާއަށް ވުމުން އެދެމެދުގައި ކުރިން އޮތްނަ ހުރަހަށް ވަނީ ނިމުން އައިސްފައެވެ. އެންމެ ބޮޑަށް ހިތްހަމަޖެހުނީ ޒޯހަންގެ ޖިސްމުގެ ހޫނުކަމާއި ލައްޒަތު ހާސިލްކުރުމުގެ މިނިވަންކަން ލިބިފައިވާތީއެވެ. އެހަށިގަނޑު ދަސްކުރަން އައިރާ ބޭނުން ވިއެވެ. އޭނަގެ ފިރުމުންތަކުން އަންނަ ބަދަލުތަކަށް ސަމާލުވެލެވުނެވެ. ޒޯހަންއަށް ކަމުދާ ކަންތައް ވެސް އެނގެން އޭނަ ބޭނުމެވެ. ޖިސްމުގެ ގުޅިން އިހުނަށްވުރެން ފުރިހަމަވެގެން ދާން އެދެވުނެވެ.

''ވަރަށް ބޮޑަށް ލޯބިވޭ... މި ހިތުގައި ވާ އިހުސާސްތައް ދުލަކުން ބަޔާނެއް ނުކުރެވޭނެ... ތެންކިއު ފޯ ޗޫޒިންގް މީ، ހަޤީޤަތުގައި ނަސީބުވެރިޔަކީ އަހަރެން، ތިފަދަ އޯގާތެރި، ލޯބި އަދި ދީންވެރި އަންބަކު އަހަންނަށް މިންވަރުކޮށްދެއްވީތީ އަބަދުވެސް މާތްﷲއަށް ހަމްދުކުރާނަން...'' އައިރާގެ އިންތަށިގަނޑުން ޒޯހަން ވަސްގަނެލިއެވެ. އާފަލާއި ސިޓްރެސްގެ ލުއި ވަހުން ސިކުނޑި ތާޒާ ކުރުވިއެވެ.

''ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި އެދެވޭނީ ޒާންއަށް، އަބަދު ކުރެވޭނެ ޚިޔާލީ ވެސް ތީ، އައި ލަވް ޔޫ...'' ކުރިއަށްވުރެން ބޮޑަށް ޒޯހަންގެ މޭގައި ލައްވެލަމުން އައިރާ ބުންޏެވެ. އެޖިސްމުގެ ހޫނުގެ ތެރެއަށް ވިރިގެންދާން އައިރާ ހުރީ ތައްޔާރަށެވެ.

''ލަވް ޔޫ ޓޫ...'' ތަކުރާރުކޮށް ލޯބިވާކަން ޒޯހަން ހާމަކުރިއެވެ. ''ފަރުވާ ފެށުމުން އަރޫ ވަރަށް އަވަހަށް ރަނގަޅުވާނެ، އެންޑް އައިލް ބީ ދެއާރ އެވްރީ ސްޓެޕް އޮފް ދަ ވޭއި... އަރޫއަށް އިހުސާސްކުރެވޭ ވޭން ބޮޑުކަމުގައި ވާނަމަ އަހަންނާއި ހިއްސާކުރައްޗޭ، ފޮރުވަން ނޫޅެއްޗޭ... ވެވުނު ކޮންމެ ގޮތަކުން އަހަރެން އެހީތެރިވެދޭނަން.................... ﷲގެ އިރާދަފުޅުން މިދުވަސްތައް ހިނގައިދާނެ... އަރޫއަށް ދުޅަހެޔޮ ސިއްހަތެއް މިންވަރުކުރައްވާނެ...''

''އަދި އެއްވާހަކަ...'' ޒޯހަން ބުންޏެވެ.

''ހޫމްމް؟...'' އައިރާ ބުނެލިއެވެ. ޒޯހަންގެ ދުލުން އޮހުނު ލޯބީގެ އިޤުރާރުތަކުން އައިރާ ދިޔައީ ލޯބީގެ އާސްމާނުގައި އުދުހެމުންނެވެ.

''ސޯ، ޔޯ ސްޓޫޑެންޓްސް ވޯންޓު ތްރޯ އަ ގެޓް ވެލް ސޫން ޕާޓީ ފޯ ޔޫ... ނޫރާ ހުރިހާކަމެއް ހަމަޖެއްސީ... މިއަދު ހަވީރު ދާންޖެހޭ ސްކޫލަށް...'' ޒޯހަން ބުނެދިނެވެ. އެޖުމްލައިން އައިރާއަށް ކުރާނެ ފުން އަސަރުތައް ލަފާކޮށްލެވޭތީ ކުރިއަށްވުރެން ބާރަށް އައިރާގެ ހަށިގަނޑުގައި ޒޯހަން ބައްދާލިއެވެ. އައިރާގެ ހުރިހާ އުދާހެއް އޭނައަށް ލިބުމަށް އެދެމުންނެވެ.

އައިރާއަށް ކުރި އަސަރުގައި އޭނައަށް ވާހަކައެއް ނުދެއްކުނެވެ. އޭނަ ދެކެ ދަރިވަރުންވާ ލޯބި އިހުސާސްކުރެވި ލޮލުން ކަރުނަ ހިލުނެވެ. އަންގާލުމެއް ނެތި ކުރިން ފުރަން ގަސްދުކުރުމުން އުދާސްކަން ލިބުނެވެ. އައިރާ ހަމައަކަށް އަޅުވައިދިނީ ޒޯހަންގެ ފިރުމުންތަކުންނެވެ.

''ކިހާއިރަކުތަ؟...'' އައިރާ އެތެރެއަށް ނޭފަތް ދަމާލިއެވެ. ދަރިވަރުންނާއި ބައްދަލުކޮށްލަން އައިރާ ހުރީ ބޭޤަރާރުވެފައެވެ. އެފަދަ ކަމެއް އިންތިޒާމުކުރުމުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.

''ހަތަރެއްޖަހާއިރު...'' އައިރާގެ ބުރަކަށީގައި ޒޯހަން ފިރުމާލިއެވެ.

''އޯކޭ...'' އައިރާ ބުންޏެވެ.

''އަހަރެން ބޭނުން މުޅި ދުވަސް ކޮޓަރީގަ ހޭދަކޮށްލަން، އެކަމަކު ހެނދުނު ސައި ގަޑިއަށް ކާކޮޓަރިއަށް ދާން ޖެހޭނެ...'' އައިރާގެ އިސްތަށިގަނޑުގައި ފިރުމަމުން ޒޯހަން ބުންޏެވެ. އެއިސްތަށިގަނޑު މަޑުކަމުން އޭނަ ހައިރާންވާހާ ވިއެވެ. ހާދަ ފަށުވިއެވެ.

''މޭއިބީ އާފް ޓާ ބްރެކްފަސްޓް ވީކޭން ޕްރެކްޓިސް މޯ؟...'' އައިރާގެ ކަންފަތް ދޮށުގައި ޒޯހަން ބުންޏެވެ. އެވަގުތު އައިރާގެ ބަނޑުގައި ޒޯހަން ކޮއްޓާލިއެވެ. ހީލި ހުންނާތީ އައިރާއަށް ހެވުނެވެ. ޒޯހަންގެ އަތުގެ ތެރޭން ދޫވެގެންނަން އޭނަ އުޅުނެވެ. އައިރާ ދިއުމުގެ ފުރުސަތެއް ޒޯހަން ނުދިނެވެ. އައިރާގެ މެދު ހަށީގައި ބާރަށް ހިފަހައްޓާލަމުން އެނދަށް ވެއްޓިގަތެވެ. އެނދުގައި ޒޯހަންއަށް އުއްޑުން އޮށޯވެވުނު ހިނދު އައިރާ އޮތީ ޒޯހަންގެ މޭމަތީގައެވެ. އައިރާގެ ހުނުމުގެ ސަބަބުން އިރުކޮޅެއް ކުރިން މާހައުލަށް ވެރިވި ހާސްކަމުގެ އަސަރު ފިލައިގެން ގޮސްފިއެވެ. ދެމަފިރިންގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޒޯހަންގެ ތޫނުފިލި ދެލޮލަށް އައިރާ ބަލައިލިއެވެ.

''މައި ހޭންޑްސަމް ހަޒްބެންޑް...'' ޒޯހަންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އައިރާ ބުންޏެވެ.

ޒޯހަންގެ ތުނބުޅީއާއި ކަނދުރާގައި އައިރާއަށް ފިރުމާލެވުނެވެ. ޒޯހަންގެ ދެލޮލުގެ ޝުޢޫރު ބަދަލުވެ ނޭވާ ފުންވެގެން ދިޔަ މަންޒަރު އައިރާއަށް ފެނުނެވެ. ޒޯހަންގެ ހަރަކާތްތައް މަޑުޖެހިލިކަން ވެސް ފާހަގަކުރެވުނެވެ. ލާނެއްކަމުގެ ވިދުވަރު އައިރާގެ ލޮލުން ފާޅުވެލީ ދެނެވެ.

''މޭއިބީ ލޭޓާރ؟...'' ފަހިވި ފުރުސަތުގައި ޒޯހަންގެ އަތުގެ ތެރެއިން އައިރާ ނިކުތެވެ. އައިރާގެ ހުނުމުގެ އަޑުން ބަނދެވުނު ޖާދޫގެ ތެރެއިން ޒޯހަންއަށް ނިކުމެވުނެވެ. އައިރާގެ އަތުގައި ހިފަން ޒޯހަން އުޅުނަސް ކަމިޔާބެއް ނުވިއެވެ.

''ނޮޓް ފެއާރ!...'' ޒޯހަންއަށް ޝަކުވާކޮށްލެވުނެވެ. ''ސައިބޯން ދާން ޖެހޭތަ؟...''

''އޮފްކޯޒް، މީ އަހަރެން ޒާންގެ އަނބިމީހާގެ ހައިސިއްޔަތުން މިގޭގެ ފުރަތަމަ ދުވަހެއްނު؟... ޒާން ވާނެއެއްނު އަހަރެން ތަޢާރަފްކޮށްދޭން؟...'' ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓިލަމުން އައިރާ ބުންޏެވެ.

''އޯކޭ ގްރޭންޑްމާ...'' ޒޯހަން މޫނަށް ހަދަލި ގޮތުން އައިރާގެ ހީނލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރުނެވެ. އާޝޯހުކުރުވަނިވި އެލުއި ހުނުމުގެ ތެރެއަށް ޒޯހަން ގެއްލުނެވެ.

''ނުތެދުވަނީތަ؟...'' ޒޯހަންއާއި ދިމާކޮށްލަމުން އައިރާ ބުނެލިއެވެ.

''އިރުކޮޅެއް ދީބަލަ...'' ފުންނޭވާއެއް ދޫކޮށްލަމުން ޒޯހަން ބުންޏެވެ. އައިރާގެ ހުނުމުގެ އަޑު ގަދަވެގެން ދިޔަ އެވެ. އެންމެފަހުން ރުޅި މޫނު ހަދަން އުޅުނު ޒޯހަންއަށް ވެސް ހެވިއްޖެއެވެ.

*****

ސްކޫލްގެ ހޯލް އޮތީ އައިރާއަށް ހާއްސަކޮށް ތައްޔާރުކުރެވިފައެވެ. އަޅިކުލައިގެ ފުއްޕާހަންތަކުން މުޅި ހޯލް އޮތީ ޒީނަތްތެރިކޮށްފައެވެ. ސިކުނޑީގެ ޓިއުމަރާއި ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ލީފްލެޓްތަކެއް ވެސް ހުއްޓެވެ. ބަލި އަވަހަށް ދެނެގަނެވި ފަރުވާ ފެށުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެއެވެ. ހަމައެއާއެކު ކޮންމެ މީހެއްގެ މޭމަތީގައި އަޅިކުލައިގެ ކުޑަ ރިބަނެއް ވެސް ހަރުކުރިވިފައި ހުއްޓެވެ. ހުރިހާ ކަމެއްގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ބެލެނިވެރިންނެވެ. ކުޑަ ސަޔެއް ވެސް ތައްޔާރުކޮށްފައި އޮތެވެ. ގްރޭޑް ދިހައެއްގެ ހުރިހާ ދަރިވަރުން ވެސް އަމިއްލަ އިސްނެގުމުގެ ދަށުން ހޯލް ތައްޔާރުކުރުމުގައި އުޅުނެވެ. އައިރާއަށް ހާއްސަކޮށް ކުޑަ ވީޑިއޯއަކާއި ގިނަ ކާޑުތަކެއް ތައްޔާރުކުރެވުނެވެ. އައިރާއަށް ހިތްވަރުދޭން ހުރިހާ ދަރިވަރުން ވެސް ބޭނުންވާކަން އެމަސައްކަތުން ހާމަކޮށްދެ އެވެ.

އައިރާ އަންނަ ގަޑި ކައިރިވެލުމުން ނޫރާލް ހޯލުން ނިކުތެވެ. އޭނަ ހުރީ އިންތިޒާމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޖަޒުބާތީ ވެފައެވެ. އެހަފްލާއިން ހާމަކޮށްދެނީ ދަރިވަރުންގެ ހިތުގައި އައިރާއަށް އޮތް ލޯތްބެވެ. އިހުތިރާމާއި ޤަދަރެވެ. އައިރާއާއި މެދު ކަންބޮޑުވެފައިވާ މިންވަރާއި ދުޅަހެޔޮ ސިއްހަތެއް މިންވަރުކޮށްދިނުމަށް ކުރަމުން ދިޔަ ދުޢާތަކެވެ. ސްކޫލްގެ އިސްވެރިން ވެސް އިވެންޓުގައި ބައިވެރިވަމުން ދިޔަ އެވެ.

''ނޫރާލް!...'' ސްކޫލްގެ ގޭޓު ކައިރިއަށް ދާން އުޅުނު ނޫރާލްއަށް ފަޒްނާ ގޮވާލިހެން ހީވިއެވެ. ނޫރާލް ފަސްއެނބުރި ބަލައެއް ނުލިއެވެ. ފަޒްނައާއި ވާހަކަދެއްކުމަކީ ބޭކާރުކަމެއްކަން އެނގޭތީ ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. ފަޒްނާ ގޮވާލީ ކޮންމެވެސް ނުނިޔަތެއްގައިކަން ޔަޤީންކުރެވުނެވެ. އޭނައާއި ޖާދިން ރަށްޓެހިވިފަހުން ފަޒްނާ ހުންނަނީ ރުޅިމޫނު ހަދައިގެންނެވެ. ދުރުދުރުން ބަހުގެ ހަމަލާތައް އަމަޒުކުރިޔަސް ނޫރާލް އަޅައެއް ނުލިއެވެ. ޖާދިން ވެސް ފަޒްނާ ކިޔާ އެއްޗިއްސަށް ސަމާލުކަން ނުދިނުމުން ރަކިވެ ލަދުގަނެ އަމާންކަން ދީފިއެވެ.

''އަހަރެން ގޮވާލީމަ މަޑުކޮށްލުމެއް ވެސް ނެތީތަ؟...'' ފަޒްނާ އައިސް ނުރާލްއާއި އަރާހަމަކޮށްފިއެވެ.

''ހޫމްމް، ވަގުތެއް ނެތް...'' ނޫރާލް ބުނެލިއެވެ.

''ކާކަށް؟، ނޫރާލްއަށްތަ ނޫނީ އައިރާއަށްތަ؟...'' ފަޒްނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

ފަޒްނާގެ ޖުމްލަ އަޑުއިވުމުން ނޫރާލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ހަށަން ބަނދެލަމުން ފަޒްނާއާއި ކުރިމަތިލައިފިއެވެ.

''ފަޒްނާ މިތާ ކީއްކުރަނީ؟، ގައިމު އަހަރެން ދަޢުވަތެއް ނުދެން، ދެން ކީއްކުރަން އައިސްގެން ތިއުޅެނީ؟... އިން ކޭސް ޔޫ ޑިޑިންޓް ނޯ، ވީ ޑޯންޓް ވޯންޓް ޔޫ ހިޔާ... މިތަނުން ދިއުން އެންމެ ރަނގަޅުވާނީ، ތި ފަސާދަވެފައި ހުރި ވިސްނުމާއި، ވިޔާނުދާ އުޅުން މީހުންނަށް އިޝްތިހާރުކުރަން އުޅޭނެކަމެއް ނެތް!...'' ނޫރާލްއަށް ބުމަ ކައިރިކޮށްލެވުނެވެ.

''ކީކޭ!...'' ފަޒްނައަށް ދަތްކުނޑިވިކާލެވުނެވެ. ނޫރާލް އޭނައާއި އެމޭރުމުން ވާހަކަދެއްކުމުން ހަޖަމެއް ނުކުރެވުނެވެ.

''ބީރު ވީތަ؟...'' ނޫރާލް ބުނެލިއެވެ. ''އަޑުއިވުމުގައި ދަތިކަން އުޅެންޏާ ޑޮކްޓަރަށް ދެއްކުން ބުއްދިވެރިވާނެކަމަށް ފެނޭ...''

''ވަޓް ޑިޑް ޔޫ ސޭ!، މައިތިރިވެގެން ހުންނައްޗޭ، އެހެންނޫނީ ކަލޭ ހޭއަރުވާލަފާނަން!...'' ފަޒްނާ ދެލޯއަޅާލިއެވެ. ''ކަލެއަށް ފާޑުފާޑަށް މަށާ ވާހަކައެއްނުދެއްކޭނެ!...''

''މައިތިރިވާންވީ އަހްނނެއް ނޫން، ފަޒްނާގެ އުޅުން ރަނގަޅުކޮށްބަލަ... މި އިވެންޓަށް ދަޢުވަތު ދެވުނީ ހަމައެކަނި އަރޫއަށް ހެޔޮއެދޭ މީހުންނަށް... ފަޒްނާ މިތަނަށް އައީ ކަންބަލާކަށެއްނު؟، ކޮންމެހެން އައިސްތިއުޅެނީ އަރޫއަށް ހެވެއް އެދިގެނެއް ނޫން...'' ނޫރާލް ރައްދުދިނެވެ. ފަޒްނާގެ އިންޒާރުތަކުން އޭނަ ބިރެއް ނުގަތެވެ. ސާބިތުކަމާއިއެކު ފަޒްނާއާއި ކުރިމިތިލިއެވެ. އައިރާގެ ބައްޔާއި ގުޅުވައިގެން މަލާމާތްކުރަން އުޅުމުން ނޫރާލްގެ ކެތްތެރިކަން ކޮޅުންލީއެވެ. ސިލްސިލާކޮށް ފަޒްނާގެ ވިހަ ދުލުން މީހުން ޝިކާރަކުރަމުން ގޮސްފިއެވެ. މިއަދަކީ އެކަމަށް ނިމުން އަންނާނެ ދުވަހެވެ.

''ހައު ޑޫ ޔޫ ނޯ އައި ޑޯންޓް ވޯޓްސް ބެސް ފޯ އައިރާ؟...'' ފަޒްނާއަށް ދަތްކުނޑިވިކާލެވުނެވެ. ރުޅިން ގޮސް މީހާ ރޫޅިދާ ހިސާބަށް ގޮސްފިއެވެ.

''ޖޯކެއްތަ ތިއީ؟... ސްކޫލް އެންމެނަށް އެނގޭ ކަމެއްތީ، ޒާން ފަހަތުން ފަޒްނާ އުޅުނުތަން އެންމެނަށް ފެނިފައޭ ހުރީ، ނުވީތާކަށް ދަތުރު ދިޔަ ދުވަހު ދޯނި ތެރޭ އަރޫ ބަދުނާމުކޮށްލަން އުޅުނު ހަނދާން ނެތުނީތަ؟، އެދުވަހު އެންމެން ތެރޭ ފަޒްނާ ބޭޒާރުވި ހަނދާން ނެތުނީތަ؟... އެހެންވީމާ ހަނދާނުގައި ވެސް މައްސަލަ ހުންނަން ފެށީތާ...'' ނޫރާލް ބުންޏެވެ. އޭނަ ފަޒްނާއަށް ތަންފުކެއް ވެސް ދުލެއް ނުދިނެވެ.

''ޔޫ **...'' ފަޒްނާ ހަޅޭއްލަވައިގަތެވެ. ހުރެވުނުތަން އޭނައަށް ނޭނގޭ ކަހަލައެވެ. އޭރު އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ ފަޒްނާއަށެވެ. ނޫރާލްގެ ގަޔަށް އަތް އިސްކުރަން އުޅުނު ވަގުތު ޕްރިންސިޕަލް ގޮވާލި އަޑު އިވުނެވެ. ސްކޫލްގެ އެޗްއާރްގެ އިތުރުން އިދާރީ އިސްބޭފުޅުން ވެސް މަންޒަރު ބަލަން ތިއްބެވެ. ފަޒްނާގެ ބަސްމަގު ހުރި ގޮތާ މެދު އެންމެން ތިބީ ހިތްހަމަނުޖެހިފައެވެ. ސްކޫލް ދަރިވަރުންގެ ކުރިމަތީގައި ބޭއަދަބީބަހުން ވާހަކަދެއްކުމުން ނުރުހުންތެރިންކަން ފެނެއެވެ.

ފަސްއެނބުރި ބަލައިލި ފަޒްނާގެ މޫނަށް ވެރިވެގެން ދިޔައީ ބިރުވެރިކަމެވެ. މިފަހަރު އޭނަގެ ދުވަސް ދާނެޔޭ ފަޒްނާގެ ހިތަށް އެރިއެވެ. ރުޅިއާއި އެއްވަރަށް އޭނަ ލަދު ވެސް ގަތެވެ. އޭނަ ހުރީ އެންމެފަހުގެ އިންޒާރު މަތީގައެވެ. މިފަދަ ކަމެއް ލައިގަތުމުން މަޤާމުން އިސްތިއުފާ ދޭން މަޖުބޫރުވާނެކަން އެނގުނެވެ. ބައެއް ދަރިވަރުން ސިއްރުން ވީޑިއޯ ކުރަމުންދާ މަންޒަރު އޭނައަށް ފާހަގަ ކުރެވޭނެއެވެ. މިހާރު އެވީޑިއޯތައް ޓިކްޓޮގައި ލައިވް ނުކުރާކަމެއް ވެސް ނޭނގެއެވެ. ބޭޒާރުވެ މުޅި ރާއްޖެއަށް އޭނަ ބަދުނާމުވާނެއެވެ. ހާދަ ދެރައެވެ.

ފަޒްނާއަށް ކުރިމަތިވި ހާލަތާއި މެދު ނޫރާލް ދެރައެއް ނުވިއެވެ. މީހުންނަށް މާޔޫސްކަމާއި ހިތާމަވެރިކަން ގެންނަން އުޅޭ މީހުން ﷲ ބޭޒާރުކުރައްވާނެއެވެ. ފަޒްނާއަށް ވެސް ވީ އެފަދަ ގޮތެކެވެ. މިއަދު އެންމެންގެ ތެރޭގައި ފަޒްނާގެ އަސްލު ސިފަ ހާމަވެގެން ގޮސްފިއެވެ. ދެންވެސް އެއްޗެއް ވިސްނިއްޖެނަމަ ރަނގަޅެވެ.

''މީހުންނަށް ދެރަގޮތްވުމަށް އެދޭނީ ވަރަށް ހިތް ނުބައި މީހުން...'' ނޫރާލް ބުނެލިއެވެ. ''ފަޒްނާއަށް ހެޔޮ ވިސްނުން ލިބޭނެކަމަށް އުއްމީދުކުރަން...''

ފަޒްނާއަށް އިސްޖަހާލެވުނެވެ. އޭނައަށް ރޮވުނީއެވެ. ނޫރާލް ދިއުމާއެކު ފަޒްނާ އޮފީހަށް ހާޒިރުކުރެވި އެޗްއާރްއާއިއެކު ބައްދަލުވުމެއް ބޭއްވުނެވެ. ބައްދަލުވުމަށްފަހު ފަޒްނާ އޮފީހުން ނިކުތީ އިސްޖެހިފައި ހުރެއެވެ. ލޮލުގައި ވަނީ އުދާސްކަމުގެ ކަރުނައެވެ. އޭރު ވެސް ދަރިވަރުން ފޯރީގައި ވީޑިއޯ ކުރުމުގައި އުޅުނެވެ.

އިސްއޮބާލަމުން ފަޒްނާ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެލެވުނެވެ. އައިރާއާއި ނޫރާލްއަށް ލަނޑު ދޭން ހަދައިގެން އޭނަ މުޅިން ފަޟީޙަތް ވެއްޖެއެވެ. ހަދާންވީ ގޮތެއް ފަޒްނާއަކަށް ނޭނގުނެވެ. ދޫ ހިމޭނުން ބޭއްވުނު ނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. ދެން ކުރާނެކަމެއް ނެތެވެ. އޭނަގެ ނުބައިކަމުން ފިލާވަޅެއް ލިބިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟