"ދަރިފުޅު ހިނގާ އަރަމާ. ލޫލުވެސް އަރާނެ މިއަށް" އައްޒާމް ބުންޏެވެ.
"ލޫލު..." މެލެކްއަށް ހީވީ އޭނާ ފޮނުވާލާފައި ލޫލު ރަށުގައި ބަހައްޓަން އުޅުނުހެންނެވެ. އޭނާ ހިނގައިނުގަތެވެ.
"މެލީ... ލޫލު ހުރީ ލޫލުގެ ބައްޕަ ގާތުގަ. އެހެރަ އަންނަނީ ބާޒިލް" މައިލީން ބުންޏެވެ.
މެލެކްއަށް އެދިމާލަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. ބަނދަރަށް ވެރިވެފައިވާ އޮރެންޖު ކުލައިގެ ފަނޑު އަލީގެ ތެރެއިން ލޫލުގެ އުރާލައިގެން ހުރެ ކުރިއަށް އައި ބާޒިލް މެލެކްއަށް ފެނުނެވެ. ކޮރެއް ޖަހަމުން އައި ބާޒިލްގެ ނަޒަރު ހުރީ މެލެކްއަށް ހުއްޓިފައެވެ. އެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. މެލެކް އެނބުރުނީ އަނެއްފަރާތަށެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ މެލެކްގެ ހިތުގައި ރިއްސައިގަތެވެ. މޭގައި އަތްއަޅާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
"ކިހިނެއްވީ؟ ކީއްވެ ބާޒިލް ކޮރެއް ޖަހަނީ؟" މެލެކް އަހާލީ ޒޭބާ ކުރެންނެވެ. ނާހަން ހުއްޓެއް ކަމަކު އޭނާއަށް ކެތެއްނުވިއެވެ.
"އިއްޔެގަ އޮފީސް ނިންމާފަ އަންނަނިކޮށް ސައިކަލުން ކަހާލައިގެން ވެއްޓުނީ؟. ދެފަޔާ ބުރަކަށި ވަރަށް ބޮޑަށް ހަލާކުވެފަ ހުރީ" ޒޭބާ ބުންޏެވެ. މެލެކްއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ފިތާލި ހެންނެވެ. އޭނާ އަހަން ބޭނުންވި ކިތަންމެ ސުވާލެއް ހުއްޓެވެ. އެހެންނަމަވެސް ހިތް މަތީގައި ހިލަގަނޑެއް ބާއްވަމުން އޭނާ ލާންޗާ ދިމާލަށް ހިނގައިގަތެވެ. ދެފަރާތުގެ އާއިލާ ހުރިހާ މީހުން ލާންޗަށް އެރިއެވެ. އެއީ އައްޒާމް ކުއްޔަށް ނަގާފައި އޮތް ލާންޗެކެވެ. މެލެކްގެ އާއިލާ ފުރުމުން ބާކީ ތިބި މީހުން ހަމަ އެ ލާންޗުގައި އެނބުރި އަންނަގޮތަށް އައްޒާމް އޮތީ ހަމަޖައްސާފައެވެ.
ރޭގަނޑުގެ އަނދިރީގައި އެންމެ ކޫރުމެއްވެސް ނުވާ ކަނޑުގެ އޮމާން ލޮނުގަނޑުން ލާންޗު ދުއްވާފައި ދިޔައީ ދަތުރު ނިމުމާ ހަމައަށް ރައްކާތެރި ދަތުރަކަށް ވާނެކަމަށް ޔަގީން ކޮށްގެންނެވެ. ލާންޗަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެއްފަރާތުގައި މެލެކް އިނީ ތިރިއަށް ވައްޓާލާފައި އޮތް ސަތަރީގައި ބޯ ލައްކޮށްލައިގެންނެވެ. އޭނާ އިނީ ދެލޯ މަރާލައިގެންނެވެ. ބަލައިލެވުނު ގޮތަކުން ޒޭބާ ގާތުގައި އިން ބާޒިލް އާ މެލެލްކެ ހަތަރުކަޅި ބައްދަލުވިއެވެ. އެހިނދު ބާޒިލްގެ ދެލޮލުން ފާޅުވަމުންދިޔަ ބަހުރުވަ މެލެކްގެ ހިތަށް އުނދަގޫ ކޮށްލިއެވެ. އޭނާ އެ އަސަރުތައް މާނަކުރިއެވެ. އޭނާ އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ. ޔަގީނެވެ. މިހުރިހާއިރު ބާޒިލް އެ އިންނަނީ މެލެކްއަށް ބަލާށެވެ. އެދަތުރު ބާޒިލް ދާނެކަން އޭނާއަށް ކުރިން ނޭނގެއެވެ. މިހާރު އޭނާއަށް އެނގިއްޖެއެވެ. އޭނާގެ ކައިރީގައި ހުރީ ބާޒިލްގެ ދަރިއެކެވެ. ދަރިފުޅު ފުރުވަން ކޮންމެ ބެލެނިވެރިޔަކުވެސް ދާނެއެވެ. އެގޮތުން އެދަތުރުގައި ބާޒިލް ބައިވެރިއެވަނީ ހަމައެކަނި ލޫލުއަށްޓަކައެވެ.
"އޯކޭތަ؟" ބާޒިލް އާ ދުރަށް މެލެކް މޫނު އަނބުރާލިތަން ފެނުމުން ރައްޔާނު އަހާލިއެވެ. މެލެކް ހަމައެކަނި ބޯޖަހާލިއެވެ. ރައްޔާނު ދެން ބަލައިލީ ބާޒިލް އަށެވެ. އަދިވެސް ބާޒިލްގެ ނަޒަރު ހުއްޓިފައިވަނީ މެލެކް އަށެވެ.
"މިތަން އެހާ އަރާމެއް ނޫން" މެލެކް ގާތުގައި އިން ރައްޔާން ތެދުވިއެވެ. ރައްޔާން ހިނގައިގަތީ ދުރަށެވެ. އޭނާ ލޮލުގެ އިޝާރާތުން ބާޒިލްއަށް ވާހަކަތަކެއް ދެއްކިކަން އެކަކަށްވެސް ނޭނގެއެވެ. މައުސޫމާގެ އުނގުގައި ލޫލު ބައިންދާފައި ބާޒިލް އައިސް އިށީނީ ރައްޔާނު ތެދުވި ތަނުގައެވެ. މެލެކްއަށް އެކަން އެނގުމުން ކުޑަކޮށް ދުރަށް ޖެހިލިއެވެ. އެހާ ޖާގަ ނެތުމުން މާ ދުރަކަށް އޭނާއަށް ނުދެވުނެވެ. ބާޒިލްގެ އަނެއްފަރާތުގައި އިން އަހަދުﷲ ވެސް ދެމަފިރިންނަށް އެކަނި ސީޓު ހަވާލުކޮށްފައި ތެދުވެގެން ގޮސް ހުއްޓުނީ ލާންޗުގެ ފަޅުވެރިއެއް ކައިރީގައެވެ. މެލެކް މޫނު އަނބުރާލައިގެން އިންގޮތުން ބާޒިލްއަށް އެ މޫނު ފެންނަގޮތެއް ނުވިއެވެ. އޭނާ ގުދުވެލިއެވެ. އޭނާގެ ހަރަކާތްތަކަށް އެންމެން ބެލިޔަސް މިވަގުތު އޭނާއަށް މައްސަލައެއް ނެތެވެ. ހިތުގެ ހިތްހަމަޖެހުމަށް އެއްވެސް އިންސާނަކަށް ދެކޮޅެއް ނެހެދޭނެއެވެ. އޭނާ އިނީ ބޯ ގުދުކޮށްލައިގެން ގާތުން މެލެކްގެ މޫނަށް ބަލާށެވެ. މެލެކްއަށް އުނދަގުވިއެވެ. އެންމެފަހަރަކުވެސް ބާޒިލްއަށް ބަލައިނުލުމަށް އޭނާ އިނީ އަމިއްލަ ނަފްސަށް ވައުދުވެގެންނެވެ. ކުއްލިއަކަށް ބާޒިލް މެލެކްގެ އަތްތިލައިގައި ހިފާލިއެވެ. ސިހިފައި ބަލައިލިގޮތަށް މެލެކް އަތްދަމައިގަތެވެ. އެހެންނަމަވެސް ބާޒިލް އިނީ ބާރަށް ހިފައިގެންނެވެ. އެންމެންގެ ކުރިމަތީގައި އިނދެވުމުން ބާޒިލްގެ އަތްދަށުން ގަދަކަމުން ސަލާމަތްވާން އެއްވެސް ބާރެއް މެލެކް ފަހުން ނުދެއްކިއެވެ. އެހެން އިނދެފައި އޭނާ މެލެކްގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލާފައި އެ އަތްތިލަ ގެނެސް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. އެވަގުތުވެސް މެލެކް އަތް ތިރިއަށް ދަމާލިއެވެ. މެލެކް އަނގައިން ނުބުންޏެވެ. އޭނާ އިރުކޮޅަކާ އަތް ނައްޓުވަން ބާރުލައެވެ. އެހެންނަމަވެސް ބާޒިލް އިނީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ލާންޗުގައި ތިބި މީހުންނަށް މެލެކް ނަޒަރު ހިންގާލިއެވެ. އެއްބަޔަކު ތިބީ ވަރުބަލިވެ ދެލޯމަރާލައިގެންނެވެ. އެންމެންވެސް ބާޒިލްއައަށް ގަސްތުގައި ފުރުސަތުދިނީކަން މެލެކްއަށް އެނގުނެވެ.
"ވަރަށް ލޯބިވޭ. އަހަރރެން ތިގޮތަށް ދޫކޮށްނުލާ. ވަރަށް ހިތަށް ތަދުވޭ. އަހަރެން ކިހިނެއް މެލީ އާ ނުލާ ދިރިއުޅޭނީ" ބާޒިލް ވާހަކަދެއްކީ ހަމައެކަނި މެލެކްއަށް އިވޭ ވަރަށެވެ. މެލެކް އަޅައެއް ނުލިއެވެ. އޭނާގެ ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް އިރުކޮޅަކާ އަނެއްއަތުން ނޭނގޭ ގޮތަށް ފޮހެލައެވެ.
"އަހަންނަށް ކުރެވުނު ކުށުގެ ސަޒާ ދޭން ބޭނުމީ މިގޮތަށްތަ؟ އެހެންކަމަށްވާނަމަ އަހަރެން ތައްޔާރު. އެކަމަކު އެންމެ ސުވާލަކަށް ޖަވާބުދީފާނަންތަ؟ މި ސަޒާ އަހަރެން ތަހައްމަލުކުރަންވީ ކިހާ މުއްދަތަކަށް ކަން ބުނެލަދެވިދާނެތަ؟" ބާޒިލް ބުންޏެވެ.
"ޕްލީޒް... ކޮންމެސް އެއްޗެއް ބުނެބަލަ. ތި އަޑު އަހަނަންނަށް އިއްވާލަބަލަ. ކިހާ އިރެއް މިވަނީ. މެލީއަށް ހުރެވޭތަ؟"
މެލެކް ހަމަ އަނގައިންވެސް ނުބުންޏެވެ. އޭނާއަށް ހީވާ ކަހަލައެވެ. ބޭނުންވަނީ ހިތް ފުރޭވަރަށް ބާޒިލްއަށް ހަޅޭއްލަވާށެވެ. އެއްޗެހި ކިޔާ ރޮއްވާލާށެވެ. އެހެންނަމަވެސް އެންމެ ލަފްޒެއް ބޭރުކޮށްލަން އަނގަ ހުޅުވާލިޔަސް ބޭރުވެގެން ދާނީ އެހެން އެއްޗެކެވެ. ދެވަނަ ފަހަރަށް ބާޒިލްގެ ކުރިމަތީގައި އޭނާގެ ހިތުގެ ލަގަން ދޫވެގެން ހިނގައިދާނެއެވެ. ރޮއްވާލުމުގެ ބަދަލުގައި ބާޒިލްއަށްޓަކައި އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިނގައިދާނެއެވެ. އެންމެ ސިކުންތެއްގެ ތެރޭގައި ބާޒިލްގެ ފަރާތުން ލިބުނު ހުރިހާ ހިތްދަތިކަމެއް ފިލައިގެން ހިނގައިދާނެއެވެ.
"މެލީ އަހަރެންދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. ފަހަރެއްގަ އަހަރެން ލޯބިވާވަރަށް ވުރެ ބޮޑަށް ލޯބިވޭ. އެހެންނޫނީ ތިހެން ސިއްރު ކަރުނަތަކެއް ދެލޮލުން ނުބާލާނެ. މެލީ... އަހަންނަށް ސަޒާ ދޭން ހަދައިގެން ހުދު އަމިއްލަ ހިތަށްވެސް ތިދެވެނީ އަނިޔާ. ތިހެންނަހަދާ"
ކުއްލިއަކަށް މެލެކް ސިހުނީ އޭނާގެ އިނގިލިތަކުގެ ކޮޅުން ތެތްކަމެއް އިހުސާސްވެގެންނެވެ. އޭނާ ބަލައިލިއރު ބާޒިލްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގައި މެލެކްގެ އިނގިލިތަކުން ފޮހެނީއެވެ. އަވަސް އަވަހަށް މެލެކް އަތް ތިރިކޮށްލިއެވެ. ބާޒިލްގެ އަތުތެރެއިން މެލެކްގެ އަތްތިލަ މިނިވަންވެގެން ދިޔަ ވަގުތަކީ އެއީއެވެ. ކޮނޑުގައި އޮތް ދަބަހުގައި ދެއަތުން ބާރަށް ހިފާލުމަށްފަހު ގޮނޑީގައި މެލެކް ހަމަޖެހިލިއެވެ.
"އަހަރެންގެ މި ކަރުނަތައް އަހަރެން މެލީ ދެކެ މިވާ ތެދުވެރި ލޯބި ހެއްކަކަށް ނުފުދޭތަ؟ އަހަންނަށް ދެއްކުންތެރި ކަރުނަތަކެއް އެއްވެސް މީހަކަށް ނުދެއްކޭނެ. ﷲ ގަންދީ ހުވާކޮށްފަ ބުނަން. ދުވަހަކުވެސް ތިނޫނީ އަންހެނެއް ކުރިމަތީގައި ލޯތްބަށް އެދި ސަލާންޖަހާ ކަރުނަތަކެއް ބާލާފައެއް ނޯންނާނެ. އަހަރެން ސަލާންމިޖަހަނީ. އަހަންނަށް ތިހެންނަހަދާ..." ބާޒިލް ކިޔަމުން ދިޔައެވެ. ބާޒިލްގެ ވާހަކަތައް އިވެމުންދާވަރަކަށް ކަރުނަތައް ހިފަހައްޓަން މެލެކްއަށް ދަތިވަމުން ދިޔައެވެ. އޭނާގެ ދަތްދޮޅީކޮޅުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ހެދުން ތެރެއަށް ވެއްޓެމުން ދިޔައެވެ.
"އަހަރެން މެލީދެކެ ލޯބިވާވަރު ހާމަކޮށްދޭން ބޭނުން. ކިހިނެއް އަހަރެން ހަދަންވީ؟ ކަނޑަށް ފުންމާލަންވީތަ؟" އޭރުން ގަބޫލުކުރާނަންތަ؟" ބާޒިލް ބުންޏެވެ.
ކުއްލިއަކަށް އެންމެންގެ ސަމާލުކަމަށް އައީ މީހެއް އޯކަށްދެމޭ އަޑަށެވެ. މެލެކް އަނގަ މަތީގައި އަތް އަޅައިގެން އިނދެފައި ސަތަރިގަނޑު ފޭކޮށްލުމަށްފަހު ބޭރަށް ގުދުވެލިއެވެ. ބާޒިލް ހުޝިޔާރުވިއެވެ.
"ވަރަށް ނުވާކަމެއް. މެލީއަކީ ކަނޑަށް އެހާ ބަލި ކުއްޖެއް ނޫން. އަމުދުން މިހާ މަޑުމަޑުން އޮތްއިރު" ތަބައްސުމް ބުންޏެވެ. މެލެކް ގާތަށް އަންނަން އޭނާ ހިނގައިގަތެވެ. އެހެންނަމަވެސް އިންތަނުގައި އިނީ މެލެކްގެ ގައިގައި ހިފަހައްޓައިގެން އިނީ އެކަން ކުރަން އެންމެ ލާޒިމު މީހާއަށް ވާތީއެވެ. އަނެއްފަރާތުން ގާތްވެލީ އައްޒާމްއެވެ.
"ދަރިފުޅާ." މެލެލްގެ ބޮލުގައި އައްޒާމް ފިރުމާލިއެވެ.
މެލެކް އޯކަށްދެމޭ އަޑު ބާރެވެ. ކުޑަ ފެންފޮދެއް ނޫނީ އެއްވެސް އެއްޗެއް ބޭރެއް ނުވެއެވެ.
"ކަނޑު އެހާ ގަދައެއްވެސް ނޫނެއްނު" އައްޒާމް ބުންޏެވެ. އޯގާތެރިކަމާއެކު މެލެކްގެ ބޮލުގައި އައްޒާމް ފިރުމާލިއެވެ.
މައިލީން އައިސް ހުއްޓުމުން ބާޒިލް ތެދުވެލިއެވެ. މައިލީން އެ ޖާގައިގައި އިށީނެވެ. މެލެކްގެ ގާތުގައި ކުރު ފައި މައްޗަށް އަހަދުﷲ ވެސް އިށީނެވެ. މެލެކްގެ ބައްޔަކީ ކޮބާކަން އެނގޭތީ އެމީހުން ބޭނުންވީ މެލެކް އޯކަށްދެމުމަކީ ބަލީގެ ސަބަބުން ދިމާވާ ކަމެއްތޯ ބެލުމަށެވެ.
"ޝީ އިޒް ފައިން... "މެލެކްގެ ދެލޮލަށް ބަލައިލާފައި އަހަދުﷲ ބުންޏެވެ.
މެލެކް އިނީ ވަރުބަލިކަމާއެކު ދެލޯ މަރައިގެންނެވެ. މައިލީންގެ ގައިގައި ލެގިލައިގެންނެވެ. ބާޒިލް ދުރަށް ނުދެއެވެ. އައްޒާމް ކައިރީގައި ކޮޅަށް ހުއްޓިގެން ބާޒިލް ހުއްޓެވެ. މެލެކްގެ އެއް އަތްތިލަ އޭރު ވީ ބާޒިލްގެ އަތުތެރޭގައެވެ. އެކަމެއް މެލެކްއަށް ނޭނގެއެވެ.
"ހޮޑުލަވާނެއްނު. ރަނގަޅަށް ކާއެއްޗެއް ނުކާތާ ކިހާ ދުވަހެއް. މިއަދުވެސް ހަމައެކަނި ޔޯގަޓް ތައްޓަކުން ފުއްދާލައިގެން އޭނީ" މައިލީން ބުންޏެވެ.
ކައިރީން ބާޒިލް ދުރަށް ނުގޮސް ހުރުމުން މައިލީން ތެދުވިއެވެ. އަލުން އެތަނުގައި ބާޒިލް އިށީނެވެ. އޭނާ ގަޔާ މެލެކް ކައިރިކޮށްލިއެވެ. މެލެކްގެ އިނގިލިތަކާ އޭނާގެ އިނގިލިތައް މަހާލިއެވެ. މިފަދަ ފުރުސަތެއް ދެން ނުލިބިދާނެތީ އޭނާ އިނީ ފުރުސަތު ނަގާލަން ބޭނުންނުވެފައެވެ. އެހެން އިނދެފައި ވެސް އޭނާ ދުރުކޮށްލާފައި މެލެކް ދުރަށް ދާނެ އިރެއް ނޭނގެއެވެ. މެލެކްވެސް އެއިން ގޮތަށް އިނެވެ. އޭނާ ދެލޯ ނުހުޅުވައެވެ. މައިލީން ތެދުވުމުން އެތަނުގައި އިށީނީ ބޒިލް ކަމެއް ނުވަތަ ނޫންކަމެއްވެސް އޭނާއަށް ނޭނގެއެވެ. ފަހުވަގުތުކޮޅުގައި އަމިއްލަ ހިތަށް ހަމަޖެހުމެއް ލިބިދާނެކަމަށް ގަސްތުގައި ދެލޯހުޅުވާ ބަލައިނުލަން އޭނާ އިން ކަހަލައެވެ.
"އަދި ކިހާއިރެއްވާނެތަ ބައްޕާ" މައިލީން އަހާލިއެވެ.
"މިވަންނަނީ މިހާރު" އައްޒާމް ބުންޏެވެ.
"މިއީ އޭ މައްސަލައަކީ. އެއާޕޯޓުތައް އަޅާ ތަރައްގީ ކުރަންޖެހެނީ ވަކި ބައެއް ދިރިއުޅޭ ރަށެއްތަ؟" ލާންޗުގައި މާގިނައިރެއް ނުވިޔަސް މައިލީން ވެސް ބޯއަނބުރަން ފަށައިފިއެވެ.
****
މިނެޓަކަށް ފަހު މިނެޓެއް ފާއިތުވަމުން ގޮސް ޗެކިން ނިންމާލުމަށްފަހު އެތެރެއަށް ވަންނަ ވަގުތު ޖެހުނީއެވެ. އައްޒާމްގެ ގައިގައި ލައްވެލައިގެން ހުރި މެލެކް އައިސް ފަހަރަކު މީހަކުގެ ގައިގައި ބައްދާލިއެވެ. އޭނާ މައުސޫމާ ގާތުގައި ހުއްޓިފައި އިސްއުފުލާ ބަލައިލިއެވެ. އެހިނދު އަމިއްލަ ދަރިއެއް ފަދައިން މައުސޫމާ މެލެކް ގަޔާ ކައިރިކޮށްލިއެވެ.
"މަންމަގެ ދެ ދަރީން މަތިން ވަރަށް ހަނދާންވާނެ" މައުސޫމާ ބުންޏެވެ.
"މަންމާ އަޅުގަނޑަށް ހިތްހެޔޮކޮށްދެއްޗޭ. ބާޒިލްއަށް އަޅުގަނޑު ނަފްރަތެއް ނުކުރަން. އަޅުގަނޑު މި ނިންމުން ނިންމީ އަޅުގަނޑުގެ އަބުރު ރައްކާތެރިކުރުމަށްޓަކައި. ހުދު އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑުގެ އަބުރާ އިއްޒަތަކީ އަގުހުރި އެއްޗެއްކަން އަޅުގަނޑަށް އިހުސާސްކޮށްދިނުމަށް ޓަކައި. އަޅުގަނޑު ބަލި ނުވި ނަމަ ފަހަރެއްގަ މިއަށް ވުރެ އަވަހަށްވެސް މި ނިންމުން އަޅުގަނޑު ނިންމީމުސް. މަންމާ! ބާޒިލްއަށް ހިތްބުރަ ނުކުރައްޗޭ. ބާޒިލް ކައިރީގަ ބުނޭ ބާޒިލް ހިތްއެދޭ އަންހެންކުއްޖެއް މިހާރު އޭނާގެ ހަޔާތަށް ގެނެވިދާނޭ. މަންމަމެން އޭނައަށް އެއްވބާރުލުން ދޭންވާނެ" މެލެކް ބުންޏެވެ. މިފަހަރު ދެލޮލުން ކަރުނަ ތިކި ވެއްޓުމުގެ ކުރިން އަތުގެ ނުފުށުން އޭނާ ފޮހެލިއެވެ.
"އެހެރީ ބާޒިލް... ތިހުރިހާ އެއްޗެއް ދަރިފުޅު އަމިއްލައަށް ބާޒިލް ކައިރީގަ ބުނަންވީނު" މައުސޫމާ ބުންޏެވެ.
މެލެކް އެދިމާ ބަލައިލިއެވެ. ބާޒިލް ހުރީ ބަލާށެވެ. ތަންކޮޅެއް ދުރުގައެވެ. މެލެކްގެ ކަންފަތުގައި އޭރުވެސް ގުގުމަމުން ދިޔައީ ބާޒިލް ދެއްކި ވާހަކަތަކެވެ. ކުރި އާދޭސްތަކެވެ. އެގޮތަށް ބާޒިލް އަނގައިން ބުނެލި ދެތިން ލަފްޒު މެލެކްއަށް ނުފުދެއެވެ. މައުސޫމާ މެލެކްގެ ދެއަތަށް ފިތާލިއެވެ. ނިތުގައި ބޮސްދިނެވެ. މެލެކްގެ ބޮލުގައި ޒިޔާދުވެސް ބޮސްދިނެވެ. ބަހެއް ނުބުނި ނަމަވެސް ބަފާވަންތަ ބެލުމަކުން މެލެކްއަށް ބަލައިލަމުން ހާމަކޮށްދިނީ އެނާގެ ހިތް ސާފުކަމެވެ. މެލެކް ދެން ދިޔައީ ޒޭބާ ގާތަށެވެ. އެންމެން ނުފެންނަ ހިސާބަކަށް ދާންޖެހުމަކީ ވަރަށް ދެރަވާކަމެއް ކަމަށް މެލެކް ބުންޏެވެ. ޒޭބާ ލޯބިން މެލެކްގެ ބުރަކަށީގައި ފިރުމާލިއެވެ. ތައިމޫރު އައުމުން އޭނާ ވަރަށް އަވަހަށް މާލެ ދާނެ ވާހަކަ ބުންޏެވެ. އަދި އޭނާ އާ ބައްދަލުކުރަންވާނެ ކަމަށް ބުންޏެވެ. މެލެކް ބޯޖަހާލިއެވެ. އެންމެންގެ ފަހަތުގައި ބާޒިލް ބަލަން ހުރިކަން މެލެކްއަށް އެނގެއެވެ. އޭނާ ދޮރާ ދިމާލަށް ހިނގައިގަތީ ބާޒިލް ކުރިއަށް ފިޔަވަޅެއް އަޅާލިކަން އެނގުމުންނެވެ. ކުރިއަށް ދާން ހިނގައިގެންފައިވެސް މެލެކް ހުއްޓުނެވެ. ލޫލު އިނީ ބާޒިލްގެ އަތުގައެވެ. އޭނާ އަލުން ގޮސް ހުއްޓުނީ ބާޒިލްގެ ކުރިމަތީގައެވެ. ލޫލު އުރާލާފައި ހިނގައިގަންނަން އުޅުނު މެލެކްގެ އަތުގައި ބާޒިލް ހިފެހެއްޓިއެވެ. މެލެކް ބަލައިލިއިރު ވަށައިގެންވި މީހުން ނޫނަސް އާއިލާ ބައެއް މެންބަރުންގެ ލޯތައް އޭނާއަށް ހުއްޓިފައި ހުރިތަން ފެނުނެވެ. އޭނާ ބާޒިލްގެ އަތް ފޮޅުވާލަން ގަދަހަދާލިއެވެ. އެހެންނަމަވެސް ބާޒިލް ދޫނުދިނެވެ. އޭނާ މެލެކްގެ އަތް ގެންގޮސް ޖެއްސުވީ އޭނާގެ މޭގައެވެ. ދެން އެ އަތްތިލައިގައި އެނާ ބޮސްދިނެވެ. މެލެކްގެ އަތުން ދޫކޮށްނުލާ ހުރެ އޭނާ ގާތަށް ޖެހިލިއެވެ. ލޫލުގެ ކޮލުގައި ބޮސްދިނެވެ. ދަނޑިވަޅު ބަލާފައި މެލެކްގެ ކޯތާފަތުގައި ވެސް އޭނާގެ ތުންފަތް ބީހޭވަރަށް ކައިރިކޮށްލިއެވެ. އެހެންނަމަވެސް މެލެކް ކުއްލިއަކަށް ދުރަށް ޖެހުނެވެ. ބާޒިލްގެ އަތް ނައްޓުވާފައި އޭނާ ހިނގައިގަތެވެ. އެއްވެސް މީހެއްގެ މޫނަށް ބެލުމެއްނެތި އޭނާ އެތެރެއަށް ވަދެގެން ގޮސް އެންމެންގެ ލޮލަށް ގެއްލުނެވެ. ބާޒިލްގެ ދެލޮލުން ކަރުނަ އޮހިގަތީ އެވަގުތުއެވެ. މެލެކް ދެން ނުފެންނާނެވެ. ފޮޓޯއަކަށް ބަލައިގެން ނޫނީ ހިތަށް ހިތްހަމަޖެހުން ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ބާޒިލް އެނބުރުނީ އަނެއްފަރާތަށެވެ. އާއިލާ މެންބަރަކާ އެހާލުގައި ކުރިމަތިލާނެހާ ހިތްވަރު ނެތުމުގެ ސަބަބުން އޭނާވެސް ހިނގައިގަތީ ދުރަށެވެ. އޭނާ ބޭނުންވަނީ އެކަނިވާށެވެ. ހިތަށް ތަސައްލީއެއް ހޯދުމަށެވެ. ފަހުވަގުތު މެލެކްގެ އަތުގައި ހިފާލުމަށްފަހު ކޯތާފަތުގައި ކިރިޔާ ޖެހިލާ ވަރަށް ލޯބިކޮށްލުމަކީވެސް އޭނާއަށް މިވަގުތު ފުދޭ މިންވަރެވެ.
"ހިތްހެޔޮކުރައްޗޭ. މިއީ އަދި ވަކިވުމެއް ނޫން" މައުސޫމާ އާ ސަލާމްކޮށްލާފައި ތަބައްސުމް ބުންޏެވެ.
"އަހަންނަށް ޔަގީންވެއްޖެ އަހަރެންގެ މެލެކް ނިންމި މި ނިންމުމަކީ ވަގުތީ ނިންމުމެއްކަން. އެދެކެދިން ދެމެދުގަ އޮތް ލޯބި މިކަހަލަ ވަގުތީ މެދުކެނޑުމަކަށް ވުރެ މާ ވަރުގަދަ. ދުލުން ނުބުންޏަސް މެލެކްވެސް ބޭނުމެއްނުވޭ ދާކަށް. މެލެކް އެހެރީ ހިތުގައިޖެހިފަ. ބާޒިލްދެކެ ރުޅިއައިސްފައެއް ނޫން. ބާޒިލް ކައިރީގައި ބުނޭ ހިތްވަރުކުރާށޭ..."
މައުސޫމާ ބޯޖަހާލިއެވެ. މައިލީންގެ ގައިގައި ބައްދާލިއެވެ. މެލެކްގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލައިދިނުމަށް އެދުނެވެ.
"އަހަރެންގެ ދުއާ އަކީ އަހަރެންގެ ހުރިހާ ދަރީން އެއްކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން ރަނގަޅަށް އުޅުން. އަހަރެންގެ ބާޒިލްގެ ދިރިއުޅުން ކޮޅެއްގައި ނުޖެހި މިދާ ދިޔުމަށް ބަދަލެއް އައިސް އެކުއްޖާއަށް އުފާވެރިކަމެއް ލިބުން. އެދެމަފިރިން ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ފެނުން. ﷲ އިރާދަކުރެއްވިއްޔާ އެދުވަސް އަދި ދައްކަވާނެ" މައުސޫމާގެ ދެލޮލުން ފާޅުވަމުން ދިޔައީ އުންމީދުގެ އަލިކަމެވެ.
****
މުޅިން އައި ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ފަތިސް ނަމާދުން އައިގޮތަށް ބާޒިލް ވަނީ ކޮޓަރިއަށެވެ. ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން އައިސް އެނާ މެލެކްއަށް ގުޅާލިއެވެ. މާޔޫސްކަމާއެކު އޭނާ ފޯނު ދުރުކޮށްލީ މިފަހުން އެ ފޯނަށް އޭނާ ގުޅާ ކޮންމެ ފަހަރަކު އިވޭ ބަސްތައް އިވުމުންނެވެ. އެހެން ގޮތްގޮތުން ނަމަވެސް އޭނާ މެލެކް އާ ހަމައަށް ދެވޭތޯ ބެލިއެވެ. ސޯޝަލް މީޑިޔާގެ އެއްވެސް ވަސީލަތަކުން މެލެކްގެ ހަބަރެއް ނުވިއެވެ. ދެން އޭނާ ގުޅީ ތަބައްސުމްގެ ފޯނަށެވެ. މައިލީންއަށް ގުޅަން އޭނާއަށް ނުކެރުނީއެވެ.
"ބެލްކަނީގަ އެބަހުރު ލޫލުއަށް ފުޅި ދޭން" ތަބައްސުމް ބުންޏެވެ.
ބާޒިލް އެދުނީ ދެމައިންގެ ފޮޓޮއެއް އޭނައަށް ފޮނުވައިދިނުމަށެވެ. ތަބައްސުމްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އޭނާ ބާޒިލް އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. ފޯނު މުށުތެރެއަށް ލައިގެން އިންދާ ތަބައްސުމްގެ ފޮޓޯތައް އޭނާއަށް ލިބުނެވެ. އެއް ފޮޓޮއެއް ނޫނެވެ. އެތައް ފޮޓޮއެކެވެ. ބާޒިލް އެ ހުރިހާ ފޮޓޯތަކަށް ފޫހިކަމެއް ނެތި އެތައް އިރަކު ބަލަން އިނެވެ. އެހެން އިންދާ ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ދެން އިވުނީ ބޭރުން ޒޭބާގެ އަޑެވެ.
"ކޫ ވަންނަން އެބަ" ޒޭބާ ބުނެލި އަޑު އިވުނެވެ.
(ނުނިމޭ)