ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 27

2

އެންމެންގެ ތަހުނިޔާއާއި މުބާރަކްބާދީ އަލަތު ދެމަފިރިންނަށް އޮހުނެވެ. މާހައުލަށް ފެތުރިފައި އޮތީ އުފާވެރިކަމެވެ. ކައިވެނި ކުރެވުމާއެކު ތައްޔަރުކުރެވުނު ކުޑަ ސަޔަށް ގާޒީއަށް ދަޢުވަތު އެރުވީ ބަސީލް އެވެ. ބަސީލްއާއި ދައުސް ވެސް ގާޒީއާއި އެކުގައި ބެލްކަނީގެ އެއްފަރާތެއްގައި ހާއްސަކުރެވިފައި ހުރި ސައި މޭޒު ކައިރިއަށް ދިޔައެވެ.

އައިރާގެ އަތުން ޒޯހަން ދުލެއް ނުކުރިއެވެ. އޭނައަށް އައިރާގެ ގާތަށް ޖެހިލެވުނެވެ. ޒޯހަންގެ ތުންފަތުގައި ރީތި ހިނިތުންވުމެއްގެ އަސަރު ވިއެވެ. އޭނަގެ ހައްޤަކަށް އައިރާވުމުން ލިބިފައިވި އުފާވެރިކަން ދެލޮލުން ފާޅުވަމުންދާ ޝުއޫރުތަކުން ހާމަކޮށްދިނެވެ.

''މައި ވައިފް...'' އައިރާގެ ކަންފަތް ދޮށުގައި ޒޯހަން ބުންޏެވެ. އެލަފްޒުތައް ދުލާއި ހަމައަށް ގެނެވުމުން އުފާވެރިކަން އިހުސާސްކުރެވުނެވެ. މިހާރު އައިރާއަކީ އޭނަގެ ހަލާލު އަނބިމީހާއެވެ. އޭނަގެ މިލްކެކެވެ. އެޚިޔާލުތަކުން ޒޯހަންގެ ހިނިތުންވުންތައް ފުންކޮށްދިނެވެ. ޒޯހަންގެ ޖުމްލައިން އައިރާއަށް ލަދުރަކިކަމާއެކު ހީނލެވުނެވެ. އޭރު ކޯތާފަތް ޖަރީވެފައިވަނީ ޖަންބުކުލައިންނެވެ. އެމަންޒަރު ފެނި ޒޯހަންގެ ވިންދުތައް އަވަސްކޮށްލައިފިއެވެ. ޖާދުލެއްގައި ބަނދެވުނު ކަހަލައެވެ. ކަޅި ޖަހާލުމެއް ނެތި އައިރާގެ މޫނަށް ބެލުނެވެ.

''އެހެމް...'' ނޫރާލް ކަރުކެހިލި އަޑަށް ޒޯހަން ސިހުނެވެ. އައިރާގެ މޫނާއި ނަޒަރު ވަކިކޮށް ނޫރާލްއަށް ބަލައިލިއެވެ. އޭރުވެސް އައިރާގެ އަތުން ޒޯހަން ދޫކޮށް ނުލައެވެ. އޭނައާއި ވީހާ ވެސް ގާތުގައި އައިރާ ހުންނަން ބޭނުންވާތީއެވެ.

''ކޮންގްރޭޓްސް!...'' ނޫރާލް ބުންޏެވެ. އަލަތު ދެމަފިރިންނާއި ދިމާކޮށްލަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލީ އައިރާ ލަދުގެންފައި ހުރުމުންނެވެ. އައިރާއަށް ލިބުނު އުފަލުގައި ނޫރާލް ބައިވެރިވީ ޖޯޝާއެކުގައެވެ. އައިރާގެ ގައިގައި އަރިމަތިން ބައްދާލެވުނެވެ. އެވަގުތު މެހެރުއްނިސާ އައުމުން މެހެރުއްނިސާއަށް ފުރުސަތު ދެމުން ނޫރާލް އެއްފަރާތަކަށް ޖެހިލިއެވެ. ދިއުމުގެ ކުރިން އަނެއްކާ ވެސް ކައިވެނީގެ މުބާރަކްބާދީ އަރިސްކޮށްލިއެވެ.

''މާޝާﷲ... އަބަދުވެސް ތިދެކުދިން ހެވިފައި ތިބޭ މަންޒަރު ދުށުމުގެ ނަސީބު ދެއްވާށި، އާމީން...'' އައިރާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލަމުން މެހެރުއްނިސާ ބުންޏެވެ. މެހެރުއްނިސާގެ ދެލޮލުން ފާޅުވަނީ އުފާވެރިކަމެވެ. އޭނަ ޒޯހަންއަށް ބަލައިލީ ފަހުރުވެރިކަމާއެކުގައެވެ. އައިރާ ބަލިވި ދުވަހު ގާތުގައި ހުރުމަށް ވި ވަޢުދާއި މެދު މެހެރުއްނިސާ ހިތްހަމަޖެހުނެވެ. އެއީ ޒޯހަންގެ ޝަހުސިއްޔަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިންކަމެކެވެ. ހަރުދަނާ ތަރުބިއްޔަތެއް ލިބިފައި ހުރިކަމުގެ ރަމްޒެކެވެ.

ރިސާލާއާއި ޤަމަރު ވެސް މެހެރުއްނިސާގެ ގާތަށް އައެވެ. ޢާއިލާގެ ހުރިހާ މެންބަރުން އަލަތު ދެމަފިރިންގެ ކައިވެނީގައި ބަރަކާތްލެއްވުމަށް އެދި ދުޢާކޮށްލިއެވެ. އުފާވެރިކަން ދެމެހެއްޓުމަށާއި ސާބިތުކަން ދެއްވުމަށް އެދި ވެސް މެއެވެ.

މުޅި މާހައުލަށް ވެރިވެފައި އޮތް އުފާވެރިކަމުން އައިރާގެ ހިތަށް ރާހަތު ގެނެސްދިނެވެ. ސިކުނޑިއަށް ލުޔެއް ލިބުނެވެ. އޭނަގެ ކުރީގެ ނިންމުމުގެ މޮޔަކަން ވެސް ތަސައްވަރުކުރެވުނެވެ. ޒޯހަންއާއި ވަކިވާން ކުރިން ނިންމި ނިންމުމުގައި ސާބިތުވެހުރިނަމަ މި އުފާވެރިކަން އިހުސާސްކޮށްލުމުގެ ނަސީބެއް ނުލިބުނީހެނެވެ. ކަރުނައާއި ހިތާމައިގެ ދާނެއްގައި ދުނިޔެ އަޅާ ދިޔައީސްކަން ގައިމެވެ. މިރޭ ޒޯހަންގެ ލޯބިން އޭނަގެ ރޫހަށް ދިރުން ގެނެސްދީފިއެވެ. ޝައްކާއި ވަހުމުތަކުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ. ޒޯހަން ހިފަހައްޓައިގެން ހުރި އަތްތިލައަށް އައިރާއަށް ބާރުކޮށްލެވުނެވެ. ކެތްތެރިކަމާއެކު އޭނަ ކެންސަރާއި ކުރިމަތިލާނެއެވެ. ﷲގެ ރަހުމްތުން ހިނދުކޮޅަކަށް ވެސް އުއްމީދުކަނޑާނުލާނެއެވެ. އެކަލާނގެއީ މުއުމިނުންގެ ދުޢާތައް އިޖާބަކޮށްދެއްވާ އޯގާވަންތަ ރަސްކަލާނގެއެވެ. ކެތްތެރިން ދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެ ވެސް މެއެވެ. ނަމާދުކޮށް ގިނަގިނައިން ދުޢާކޮށް އެކަލާނގެ ރަހުމަތުން އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމުގައި އޭނަ ސާބިތުވެ ހުންނާނެއެވެ.

ފޮޓޯ ނެގުމާއިގެން އެންމެން ވެސް މަސްޢޫލުވެއްޖެއެވެ. ފޮޓޯއަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވަނީ އުނދޯއްޔެވެ. ހުދުކުލައިގެ ފިނިފެންމަލާއި ރަންކުލައިގެ ފަރުދާތަކުން އުނދޯލި ވަނީ ޖަރީކޮށްލާފައެވެ. ހަމައެއާއެކު ރަންކުލައިގެ ފެއަރީ ލައިޓްތަކުގެ ޖާދޫ ވެސް ފެނެއެވެ.

''ތެންކިއު...'' އައިރާގެ ހިތުގައި އޮތް ޝުކުރު ބަންޑުންކޮށްލެވުނީ ދެމަފިރިންނަށް ހާއްސަކޮށް ފޮޓޯ ނަގަން ފެށުމުންނެވެ. އައިރާގެ ދެލޮލުގައިވި ޝުކުރެވިކަން ނަގައިގަނެވުނު ޒޯހަން ފުން ހިނިތުންވުމެއް ދިނެވެ.

''އަބަދުވެސް އަރޫގެ ހިދުމަތުގައި ދެމިހުންނާނަން... މިހިތުގައި ވިންދުވާހާ ހިނދަކު ލޯބިވާނަން...'' އައިރާގެ އަތްތިލަ އުފުއްލާލަމުން ޒޯހަން ބޮސްދިނެވެ. ހޫނުކަން އެކުލެވިގެންވި ޒޯހަންގެ ތުންފަތުގެ ބީހުން އިހުސާސްކުރެވުނު ހިނދު އައިރާގެ ހަށިގަނޑުގައި ހީލިކެރެވުމެއް އުފެދުނެވެ. ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ.

''އައި ލަވް ޔޫ...'' ދަމާބާރު އެކުލެވިގެންވި ޒޯހަންގެ ދެލޮލަށް ބަލަމުން އައިރާ ލޯބިވާކަން ހާމަކޮށްލިއެވެ. ދެމަފިރިންގެ ހަތަރުކަޅި ގުޅިލާމެހުނީ ލޯބީގެ ވަޢުދާއި އަހުދުތަކާއެކުގައެވެ.

މައިންބަފައިންނާއި ވަކިވަން ޖެހޭ ވަގުތު އައިސް ޖެހުމާއެކު އައިރާ ހުރީ ޖަޒުބާތީ ވެފައެވެ. ނުރޯން ޤަމަރު ހިތްވަރުކޮށްލީ އައިރާގެ މޫނުން ފެނުނު ކުލަވަރުތަކުންނެވެ. ދެތިން ނޭވާ ދޫކޮށްލެވުނީ ޖަޒުބާތުތައް ކޮންޓްރޯލްކޮށްލުމަށެވެ.

''ޤަމަރު ހާސްނުވޭ، އަމިއްލަ ދަރިއަކު ފަދައިން އަރޫ ބަލާނަން ވަރަށް ގިނަ އުއްމީދުތަކާއެކު އަހަރުމެންނާ އަރޫ ތި ހަވާލުކުރަނީ... ﷲގެ އިރާދަފުޅާއެކު އެހުރިހާ އުއްމީދެއް ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން ދޭނަން... އަރޫ އެއީ ހަމަ އަހަރެންގެ ކުއްޖެއް... އެހެންނޫނަސް އެހާ ދުރަކަށެއް ވެސް ނޫނެއްނު އެދަނީ... ޤަމަރު ބޭނުން ކޮންމެ ވަގުތަކު އަރޫއާއި ބައްދަލުކުރެވޭނެ...'' ޤަމަރުގެ ގައިގައި ބައްދާލަމުން ރިސާލާ ބުންޏެވެ.

''އަރޫއަށް ދެވަނަ މަންމައަށް ލިބުނީތީ ވަރަށް ބޮޑަށް އުފާވޭ...'' ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ ފޮހެލަމުން ޤަމަރު ބުންޏެވެ. ރިސާލާއާއި ދުރަށް ޖެހިލަމުން ޤަމަރު ގޮސް އައިރާގެ ގާތަށް ހުއްޓުނެވެ. އައިރާގެ ލޮލުގައި ބޮނޑިވެގަތް ކަރުނަތައް ފެނުމުން ޤަމަރު ދެފަރާތަށް ބޯހޫރާލިއެވެ. ނުރޯށޭ ބުނި ކަހަލައެވެ.

''މަންމަގެ ޖާނާ...'' އައިރާ ގެެނެސް މޭގައި ޖައްސާލަމުން އައިރާގެ ބުރަކަށީގައި ލޯތްބާއެކު ޤަމަރު ފިރުމާލިއެވެ. ''މީ އަދި ވަކިވުމެއް ނޫނެއްނު، ކޮންމެ އިރަކު ދަރިފުޅުގެ ގާތުގައި މަންމަ ނެތަސް ރިސާލާ ދަރިފުޅުގެ ގާތުގައި ހުންނާނެ، އެއީ މިހާރު ދަރިފުޅުގެ ދެވަނަ މަންމަ......''

އައިރާއަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ. އަވަސްއަވަހަށް ކަރުނަ ފޮހެލެވުނެވެ. މަންމަގެ ނަސޭހަތުގައި ހިފަމުން އޭނަގެ ކައިރިއަށް އައިސް ހުއްޓުނު ޒޯހަންގެ އަތުގައި އައިރާ ހިފާލިއެވެ. ޒޯހަން އޭނަގެ އަތްތިލައަށް ފިތާލަމުން އިސްއުފުލައި ޒޯހަންގެ މޫނަށް އައިރާ ނަޒަރު ހުއްޓާލިއެވެ. އެދެލޮލުގައިވި އޯގާތެރިކަމުން އައިރާއަށް ހަމަޖެހުން ގެނެސްދިނެވެ. މައިންބަފައިން ދޫކޮށްދާންވުމުން އުދާސްވެފައިވި މޭގެ ރިހުމަށް ލުޔެއް ލިބުނެވެ. ޒޯހަންގެ ޢާއިލާ އޭނަ ބަލައިގެންފައިވަނީ ލޯތްބާއެކުގައެވެ. ދެޢާއިލާގެ ލޯބި އޭނައަށް ލިބިގެންދާނެ ކަމުގެ ފޮނި އުއްމީދުގައި، ޒޯހަންގެ އަތުގައި ހިފައިގެން ހުރެ އައިރާ ކުރިއަށް ޖެހިލިއެވެ. މުޅިން އައު ބާބަކާއި ކުރިމަތިލުމަށެވެ.

*****

''ރޯޒްވުޑް''އަށް އާދެވުމާއެކު އަލަތު ދެމަފިރިންނަށް ވަގުތު ދެމުން އެންމެން ވެސް އެމީހެއްގެ ކޮޓަރިއަށް ގޮސްފިއެވެ. އައިރާގެ މެޔަށް ފިނިވެލީ ދެނެވެ. ޒޯހަންގެ އަތުގައި ހިފައިގެން ސިޑިން މައްޗަށް އަރަން ފެށި އައިރާގެ ހިތުގެ ވިންދުތައް ހަމައަކަށް އަޅުވައިދިނީ ޒޯހަންގެ ހިނިތުންވުންތަކުންނެވެ. ޒޯހަންއަށް އޭނަ ފުރިހަމައަށް އިތުބާރުކުރެއެވެ.

''ސޯ... ދިސް އިޒް މައި ރޫމް...'' ޒޯހަން ބުންޏެވެ. ދެމަފިރިން މަޑުކޮށްލައިގެން ތިބީ ޒޯހަންގެ ކޮޓަރީގެ ބޭރުގައެވެ. އައިރާއާއި ސަމާސާކޮށްލަން ބޭނުންވެފައިވާކަން ޒޯހަންގެ ދެލޮލުގައިވި ޝުއޫރުތަކުން ހާމަކޮށްދިނެވެ.

''އޯ ޝުޑް އައި ސޭއި އަވާރ ރޫމް؟...'' ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން ޒޯހަން ބުންޏެވެ. އައިރާގެ ލުއި ހީނލުމުގެ އަޑުން ޒޯހަންގެ މޫނު އުޖާލާކޮށްދިނެވެ.

ޒޯހަން ކޮޓަރީގެ ދޮރު ހުޅުވާލަމުން އައިރާއަށް އަތުން އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ. މިއީ މުޅިން އެކަހެރި މާހައުލެއްގައި އެކަނިވެވޭ ފުރަތަމަ ފަހަރަށްވުމުން ޒޯހަންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މީހާ ފިނިވާ ގޮތް ވެސް ވެއްޖެއެވެ. އެހެނަސް، އެހިއުސާސްތައް އަމަލުން ފާޅުވިޔަކަ ނުދިނެވެ. އޭނަ ފަދައިން އައިރާގެ ހިތުގައި ވެސް އެއިހުސާސްތައް ވާނެކަން އެނގޭތީ، ޒޯހަން ބެލީ އައިރާ ހަމައަކަށް އެޅުވޭތޯއެވެ.

އައިރާގެ ފަހަތުން ޒޯހަން ކޮޓަރިއަށް ވަނެވެ. އަދި ދޮރުލައްޕާލިއެވެ. ވަށައިގެން ނަޒަރު ހިންގަމުން ދިޔަ އައިރާއަށް ޒޯހަން ބަލައިލިއެވެ. އެގެއަށް އައިރާ އައިސްއުޅުނަސް މިއީ އޭނަގެ ކޮޓަރިއަށް އައިރާ ވަން ފުރަތަމަ ފަހަރެވެ. އެހެންވުމުން އައިރާއަށް ވަގުތު ދީގެން ޒޯހަން ހުއްޓެވެ.

ޒޯހަންއާއިއެކު ކޮޓަރީގައި އެކަނިވުމުން އައިރާގެ އަތްފައި ފިނިވެލިއެވެ. ލަސްނޭވާތަކެއް ދޫކޮށްލަމުން ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ހުރިހާ ދިމާއަކުން ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ކޮޓަރިއަށް ފެތުރިފައި އޮތީ ޒޯހަން ބޭނުންކުރާ ފިިރިހެންވަންތަ ސެންޓުގެ ވަހެވެ. އެއީ ސިކުނޑީގައި ބިންވަޅުނެގިފައިވާ ވަހެކެވެ. ހަމައެކަނި އެވަހުގެ އެހީގައި ބޮޑު ޖަމާއަތެއްގެ ތެރެއިން އޭނަ ޒޯހަން ދެނެގަންނާނެއެވެ. ލުއި ހިނިތުންވުމެއްގެ އައިރާގެ ތުންފަތާއި ކުޅެލިއެވެ. ކުރިއަށް ފިޔަވަޅު އަޅާލެވުނީ އަލަމާރި ކައިރީގައި ހުރި އޭނަގެ ފޮށި ލޮލުގައި އަޅައިގަތުމުންނެވެ. އެއީ މިހާރު އޭނަގެ ވެސް ކޮޓަރިކަން ސިކުނޑި ހަނދާންކޮށްލަދިނެވެ.

''އަރޫގެ ހެދުންތަކަށް ޖާގަ ހުސްކޮށްފަ ހުންނާނީ، އޯލް ސޯ، އައި ގޮޓް ދިސް ފޯ ޔޯ ހިޖާބް...'' ޒޯހަން ކުރިއަށް ޖެހިލަމުން ބުންޏެވެ. އައިރާ އަންނަން ވާއިރަށް ޒޯހަން ވަނީ ކޮޓަރިއަށް ބޮޑެތި ބަދަލުތަކެއް ގެެނެސްފައެވެ. އައިރާގެ އަބަޔާތަކަށް ހާއްސަ އަލަމާރިއެއްގެ އިތުރުން ބުރުގާތައް އަޅަން ހަރުގަނޑެއް ވެސް ގެނައެވެ. މިވަގުތު ވާހަކަ ލިޔުމާއި ދުރުގައި ހުއްޓަސް ބަލިން ފަސޭހަވުމުން އެކަމަށް އައިރާ އެނބުރި އަންނާނެކަން އެނގޭތީ ލިޔުމަށް ކޮޓަރީގެ ކަނެއް ވަނީ ހާއްސަކޮށްފައެވެ. ޒަމާނީ ލިޔާ މޭޒަކާއި، ހަށިގަނޑަށް ފަސޭހަ ގޮނޑިއަކާއި، އައިރާގެ ފޮތްތަކަށް ހާއްސަކޮށް ފޮތް ފަރުގަނޑެއް ވެސް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ނަމާދުކުރަން ވެސް ވަކި ތަނެއް ހުއްޓެވެ. ކޮޓަރީގެ ބެލްކަނީގައި ވަނީ އެކި ދުވަސްމަތިން އޭނަ އައިރާއަށް އަދިޔާ ކުރި ފިނިފެންމާ ގަސްތަކުން ކުޑަ ބަގީޗާއެއް ހަދާލާފައެވެ. ދުރާލާ ހުރިހާ ކަމަކަށް ޒޯހަން ވަނީ ތައްޔާރުވެފައެވެ.

''އައި ވޯންޓެޑް ޔޫ ޓު ފީލް ވެލްކަމް...'' ބޮލުގެ ފުއްކިބައިގައި ފިރުމަމުން ޒޯހަން ބުންޏެވެ. ''އަރޫއަށް ކަމުދޭތަ؟... ދިސް އިޒް އަވާ ރޫމް... ބޭނުން ގޮތަކަށް ބަދަލު ކުރުމުގެ ފުރުސަތު އޮތްނާނެ...''

ޒޯހަންގެ ހިތުން އޭނައަށް ދެވިފައި އޮތް މަޤާމުގެ މަތިވެރިކަން ކޮޓަރިއަށް ދިން ފުރަތަމަ ނަޒަރުން އައިރާއަށް ފާހަގަ ކުރެވުނެވެ. އުފާވެރިކަމާއެކު ހިނިތުންވެވުނެވެ. އެފަދަ އޯގާތެރި ފިރިއެއްގެ ނަސީބު މިންވަރުކޮށްދެއްވި ވެރިރަސްކަލާނގެއަށް ހަމްދުކުރެވުނެވެ.

''ތެންކިއު...'' އައިރާއަށް ބުނެވުނެވެ. އޭނަ ޒޯހަންއާއި ދިމާއަށް އެނބުރިލިއެވެ. ''އައި ލަވް އިޓް!...''

''އެހެންވިއްޔާ ތިނިމުނީ...'' އެމިޔަކަނިން ހިނިތުންވަމުން ޒޯހަން ބުންޏެވެ.

އައިރާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އަލަމާރި ކައިރީ ހުރި ފޮށި ކައިރިއަށް ގޮސް ހުއްޓުނެވެ. އޭގައި ހުރި ހެދުންތައް އަލަމާރިއަށް ލައި ތަރުތީބުކުރަން ބޭނުން ވިއެވެ. ނަމަވެސް ލައިގެން ހުރި ހެދުމުގެ ސަބަބުން އޭނަ ހުރީ އާދަޔާ ހިލާފަށް ހޫނުވެފައެވެ. ކޮޓަރިއަށް ފެތުރިފައި އޮތް އޭސީގެ ފިނިކަން އިހުސާސެއް ނުވެއެވެ.

''އަރޫ ހެދުން ބަދަލުކޮށްލަންވީނު...'' ފާޚަނާއަށް އިޝާރާތްކޮށްލަމުން ޒޯހަން ބުންޏެވެ. ދެމަފިރިންނަށް ވިޔަސް އައު ގޮތެއް ދެޒުވާނުންގެ ހަރަކާތްތަކުގައި ވިއެވެ. މިނޫނީ މިފަދަ ހާލަތެއްގައި ބައްދަލުވެފައި ނެތް ވިއްޔާއެވެ. ފޮށި ހުޅުވާލާފައި އައިރާ ގޭގައި އާންމުކޮށް ލައިއުޅޭ ވައްތަރުގެ އަތްދިގު ކުރުތާއަކާއި ހަރުވަޅިއެއް ނެގިއެވެ. ފާޚަނާއަށް ވަންނަން އޭނަ ހިނގައިގަތީ ޒޯހަންއަށް ބަލައިލަމުންނެވެ. އޭރު ޒޯހަން އިނީ އެނދުގައި އިށީނދެލައިގެންނެވެ.

''ތުވާލި ހުންނާނެ އެތެރޭގަ...'' ޒޯހަން ބުންޏެވެ. އައިރާ ބޯޖަހާލަމުން ފާޚަނާއަށް ވަނެވެ. އޭނަ ހުރީ ޒޯހަން ކުރިމަތީ ބުރުގާ ނަގަން ޖެހިދާނެތީ ފިކުރުބޮޑުވެފައެވެ. ފާޚަނާއަށް ވަދެވުމާއެކު އައިރާއަށް ދޮރަށް ލެނގިލެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އައިރާ އުޅުނެވެ. ޒޯހަންއަކީ އޭނަގެ ފިރިމީހާއެވެ. ޒޯހަންގެ ކުރިމަތީ ލަދުގަނެ ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އޭނަ ޒޯހަންއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. މިރޭ ޒޯހަންގެ ގާތަށް އޭނަ ދާން ޖެހޭނެއެވެ. އެއީ މިހާރު ދެމަފިރިންނެވެ. އެކަކުއަނެކަކު ގާތުން ދަސްކޮށް މިކައިވެނީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަންޖެހޭނެއެވެ. ހަށިފުރާ ދޫކޮށްލި ފުން ނޭވާއަށް ފަހު އައިރާ އަތްމަތި އަަވަސްކޮށްލިއެވެ.

ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ފެންވަރާ ނިންމާލަމުން އައިރާ ވުޟޫކޮށްލިއެވެ. ކުރުތާއާއި ހަރުވަޅި ލަމުން މޫނުބަލާ ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. އަމިއްލަ މޫނު ބަލަމުން، ކުޑަކޮށް ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުގައި އަތްފުނާ އަޅާލެވުނެވެ. ބުރުގާ ނާޅައި ޒޯހަންއަށް އޭނަ ފެންނާނެ ފުރަތަމަ ފަހަރެވެ. މޯބޮޑަށް އެކަމާއި ވިސްނަން ނަހަދައި އައިރާ ފާޚަނާއިން ނިކުތެވެ.

ފާޚަނާގެ ދޮރު ހުޅުވުނު އަޑަށް ޒޯހަންއަށް ބަލައިލެވުނެވެ. އޭރު ޒޯހަން އުޅުނީ ފަޔާއި ވަކިކޮށްލި ބޫޓު ގެންގޮސް ކޮޓަރީގައި ހުރި ބޫޓު ހަރުގަނޑުގައި ބަހައްޓާށެވެ. އައިރާ ފެންނައިރަށް ޒޯހަންގެ ހަރަކާތްތައް މަޑުޖެހިލައިފިއެވެ. އައިރާގެ ދިގު ފަންއިސްތަށިގަނޑު އޭނައަށް ފެނުނު ފުރަތަމަ ފަހަރުކަމުން ބަލަހައްޓައިގެން ހުރެވުނެވެ. އުނަގަނޑާއި ހަމައަށް އަންނަ އިސްތަށިގަނޑުން އައިރާގެ ރީތިކަން ފުރިހަމަކޮށްދެއެވެ. ބަސްހުއްޓިފައި އޭނަ ބަލަން ފެށުމުން އައިރާ ލަދުގަނެއްޖެކަން ޒޯހަންއަށް ނަގައިގަނެވުނެވެ.

''އަރޫ...'' ޒޯހަން ގޮވާލިއެވެ.

''ހޫމްމް...'' އަތުގައި އޮތް ހެދުން އަލަމާރިން ނެގި ކޮނޑެއްގައި އަޅުވަން އުޅުނު އައިރާ ބުންޏެވެ. ޒޯހަން ބުނެފާނެ އެއްޗަކަށް އޭނަގެ ކަންފަތް ވަނީ ހުޅުވާލެވިފައެވެ.

''ނަމާދުކުރެވޭނެތަ؟...'' ޒޯހަން އެހިއެވެ. އެސުވާލުގެ މާނަ އައިރާއަށް ފަހުމުކުރެވުނެވެ. އޭނަ ބޯޖަހާލިއެވެ. ޒޯހަންގެ ތުންފަތަށް ވެރިވި މައުނަވީ ހިނިތުންވުން އައިރާ ދުށްޓެވެ. ޒޯހަންގެ ނިޔަތް އެނގުމުން މޫނު އުޖާލާ ވެއްޖެއެވެ. އޭނަގެ ވިސްނުން ވެސް ހުރީ އެގޮތަށެވެ. ޒޯހަން އިސްވެ ޚިޔާލު ފާޅުކުރުމުން ހިތަށް ފިނިކަމެއް ލިބުނެވެ.

''އަންނާނަން ފެންވަރާލައިގެން...'' ޒޯހަން ބުންޏެވެ. ޓަކްސީޑޯގެ ޖެކެޓް ހަށިގަނޑާއި ވަކިކޮށްލަމުން ޒޯހަން ހުއްޓުނީ ދާވަށިގަނޑު ކައިރިއަށެވެ. އައިރާ ކުރިމަތީގައި ގަމީސް ބާލަން ގަމީހުގެ ގޮށްތައް ނައްޓަން ފެށީ އައިރާގެ ކޮންމެ ހަރަކާތަކަށް ސަމާލުވެލަމުންނެވެ. އައިރާގެ ސިއްރު ނަޒަރުތައް ޒޯހަންއަށް ފާހަގަވެ އޭނައަށް ހެވުނެވެ.

ޒޯހަން އޭނައާއި ދިމާއަށް އެނބުރިލުމުން އައިރާގެ ހިތް ތެޅިލިއެވެ. ހާމަވެފައިވި ޒޯހަންގެ ތަނަވަސް މޭމައްޗަށް ބަލައިލެވުނެވެ. މޭމަައްޗާއި ގޮޅިއަރާފައިވި ބަނޑުގައި ތުނިކޮށް ފަޅާފައި ހުރި އިސްތަށިތަކުން ޒޯހަންގެ ފިރިހެންވަންތަކަން އިތުރުކޮށްދިނެވެ. ކަޅިޖަހާލުމެއް ނެތި އައިރާއަށް ބަލަން ހުރެވުނެވެ.

އެއްމިޔަކަނިން ހިނިތުންވެލަމުން ފާޚަނާއަށް ވަންނަން ޒޯހަން މިސްރާބު ޖެހިއެވެ. ޒޯހަން ގޮސް ފާޚަނާއަށް ވަންނަން ދެން އައިރާ ބަލަން ހުއްޓެވެ. ޒޯހަންގެ ބުރަކަށީގެ މަސްތަކުގެ ފުރިހަމަކަން ވެސް ފެނުނެވެ. ގަވައިދުން ޖިމަށްދާކަން ބާރުގަ މުލައްދަނޑިއާއި ކަސްރަތީ ހަށިގަނޑުން ހާމަކޮށްދެއެވެ. ޒޯހަންގެ ރީތިކަމަށް އައިރާއަށް ތައުރީފުކޮށްލެވުނެވެ.

ޒޯހަން ފާޚަނާއަށް ވަނުމުން އައިރާ އަވަސްވެގަތީ އޭނަގެ ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް ލުމަށެވެ. އެމަސައްކަތުގައި ހުއްޓާ އެއްލި ކަޅިއަކުން އެނދުގެ އަރިމަތީ މޭޒުމަތީ ތަބެއްގައި ހުރި ދެ މާމުއި ތަށި ފެނުނެވެ. މިރެއަށް ޒޯހަން ވެފައިވާ ތައްޔާރީތައް ފެނި ހިތުގެ ބިރުވެރިކަމާ ދުރެވެވުނެވެ. ފޮނި އުއްމީދުތަކެއް ކުރެވެން ފެށުނެވެ.

ހެދުންތައް އަޅަމުން ދަނިކޮށް ފާޚަނާގެ ދޮރު ހުޅުވުނު އަޑާއެކު އައިރާއަށް ފަސްއެނބުރިލެވުނެވެ. އޭނަގެ މެޔަށް ފިނިވެލީ ހަމައެކަނި އުނަގަނޑުގައި ތުވާލި އޮޅާލައިގެން ނިކުތް ޒޯހަން ފެނުމުންނެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުގައި ޒޯހަން އަތްތިލަ ހިންގާލި ހިނދު މުލައްދަނޑީގެ ބާރު ހާމަވެގެން ދިޔަ އެވެ. ޒޯހަން އައިސް އޭނަގެ ގާތަށް ހުއްޓެން ދެން އައިރާ ބެލިއެވެ. ޖެހިލުންވުމެއް މިހާރު އައިރާގެ ފަރާތުން ފާޅެއްނުވެއެވެ.

ޒޯހަން އައިސް ކައިރިއަށް ހުއްޓިލުމުން މަސްކްގެ މީރުވަސް އައިރާގެ ހިނދުރީގެ ތެރެއަށް ވިރިގެން ދިޔައެވެ. އެތެެރެއަށް ފުން ނޭވާއެއް ދަމާލެވުނެވެ.

އަލަމާރިން ނެގި ސްވެޓްޕޭންޓާއި ޓީޝާޓް ލަމުން ތުވާލި ގެންގޮސް ތުވާލި ހަރުގަނޑުގައި ޒޯހަން އަޅުވާލިއެވެ. އެއަށްފަހު އައިރާގެ ގާތަށް ހުއްޓިލަމުން އަތްތިލަ ދިއްކޮށްލިއެވެ. ޒޯހަންގެ އަތުގައި އައިރާ ހިފާލިއެވެ.

ފުރަތަމަވެސް ދެމަފިރިން ދެރަކުއަތުގެ ސުންނަތް ނަމާދެއްކޮށްލިއެވެ. ޒޯހަންއާއި އެކު ނަމާދުކޮށްލެވުމުން އިހުސާސްކުރެވުނު އުފާވެރިކަން އައިރާގެ ދެލޮލުގައިވި ބެބުޅުމުން ހާމަކޮށްދިނެވެ. ނަމާދުކޮށް ނިމުމުން އައިރާ ގޮވައިގެން ގޮސް ޒޯހަން އިށީނީ އެނދުގައެވެ. އައިރާއާއި ކުރިމަތިވާނެހެން އެނދުގައި އިށީންނަމުން އައިރާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އައިރާގެ ނިތްކުރިއަށް ވާހެން ފޭބި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން މަޑުމަޑުން ނިތްކުރީގައި ފިރުމާލިއެވެ. ހިތާހިތުން އޭނަ ދުޢާ ކިޔާލިއެވެ. އެއަށްފަހު ލަދުވެތިކަމުން ފެވިފައިވި އައިރާގެ މޫނަށް ބަލައިލީ ލޯތްބާއެކުގައެވެ.

''މާޝާﷲ...'' އައިރާގެ ރީތިކަމަށް ޒޯހަން ތަޢުރީފްކޮށްލިއެވެ. ''އައި ހޭވް ސަމްތިންގް ފޯ ޔޫ...''

އެނދުގެ އަރިމަތީ ކަބަޑު ހުޅުވާލަމުން ހަދިޔާއެއް ޒޯހަން ނެގިއެވެ. ހަދިޔާ އައިރާގެ އަތަށް އޭނަ ލައިދިނެވެ. އެއީ މަހުމާ ފޮށްޓެކެވެ. ލުއި ހިނިތުންވުމަކާއެކު އައިރާ ހަދިޔާ ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ ކައިވެންޏާއި ބެހޭ ދީނީ ފޮތަކާއި ޒިކުރު ފޮތެކެވެ. ރަން ފަށެއް ވެސް އޮތެވެ. ޒޯހަންއާއި އައިރާގެ ނަން ފެށޭ އަކުރުތައް ގުޅުވާލާފައި އޮތް ރަންފަށެކެވެ.

''ٱلْحَمْدُ لِلَّٰهِ...'' އައިރާ ބުންޏެވެ. ޖަޒުބާތުގެ ފުންކަނޑެއްގައިި ބެހުނު ހިނދު، ޒޯހަންގެ މޫނަށް އައިރާ ބަލައިލީ ލޯތްބާއެކުގައެވެ.

ތަބަކުގައި ހުރި މާމުއި ތަށި އައިރާއަށް ޒޯހަން ދިއްކޮށްލިއެވެ. ބިސްމީގެ ބަރަކާތުން ދެމަފިރިން ވެސް މާމުއި ތަށި ހުސްކޮށްލިއެވެ. ހުސްތަށި އަނބުރާ ތަބަކަށް ލަމުން އައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒޯހަންގެ އަތުގައި އައިރާއަށް ހިފާލެވުނެވެ. އަތުގެ ބޮޑުވާއިނގިލިން ޒޯހަންގެ އަތުނުގެ ނުފުށުގައި ފިރުމަމުން ޒޯހަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

''އައިމް ރެޑީ ޒާން...'' ޒޯހަންގެ މަގަތަށް ޖެހިލަމުން އައިރާ ބުންޏެވެ.

އައިރާގެ އިސްތަށިގަނޑުގައި ޒޯހަން ފިރުމާލިއެވެ. ޒޯހަންގެ އެހަރަކާތުން އައިރާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

''ޔޯ ހެއާރ އިސް ސޯ ޕްރިޓީ...'' އައިރާގެ އިސްތަށިގަނޑުން ޒޯހަން ވަސްގަނެލިއެވެ. ޒޯހަންގެ ހޫނު ނޭވާތަކުން އައިރާގެ ހިތް އަވަސްކުރިވިއެވެ. ކަތި ނަޒަރަކުން ޒޯހަން އޭނައަށް ބަލައިލިކަން ފާހަގަ ވިއެވެ.

''ވަރަށް ލޯބިވޭ...'' ޒޯހަންގެ ނިތުގައި އައިރާ ބޮސްދިނެވެ. ޒޯހަންގެ ހޫނު ނޭވާ އައިރާގެ ކޯތާފަތަށް އެޅުނެވެ. ދެމަފިރިންގެ ނޭވާ އެކުވެގެންދާން ގިނަ އިރެއް ނުނެގިއެވެ. އިސްވެ އައިރާގެ ދަޢުވަތަށް އިޖާބަ ދިނީ ޒޯހަން އެވެ. އެދެމެދުގައިވި ދައިރާ ހަނިކޮށްލަމުން ކައިވެނީގެ އުފާހޯދަން އަވަސްވެގަތެވެ. ޖިސްމު އައިރާއަށް ހިބަކޮށްދެމުންނެވެ.

ޒޯހަންގެ ކޮންމެ ބީހުމަކަށް އައިރާ އިޖާބަ ދިނެވެ. ހަމައެފަދައިން އައިރާގެ ކޮންމެ ފަރި ހަކާތަކަށް ޒޯހަންގެ ހިތް ލެނބުނެވެ. ކައިވެނީގެ ފޮނިމީރުކަން ހާސިލްކުރުމުގެ ކުރިން މާތްﷲއަށް ދެމަފިރިން ދުޢާ ކުރިއެވެ. ކައިވެނީގައި ބަރަކާތްލެއްވުމަށާއި ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމުގެ ތައުފީޤު ދެއްވުމަށެވެ.

ދެހިތުގެ ލޯތްބަށް ވެސް ފުރިހަމަކަން ލިބުނު ހިނދު ދެމަފިރިންގެ ނޭވާތައް ފުންވެގެން ގޮސްފިއެވެ. މާހައުލަށް މަސްތުކަމެއް ވެރިވެފައި އޮތެވެ. ލޯބި އޭގެ އެންމެ ފުރިހަމަ ދަރަޖައަށް ބަޔާންކުރެވުނެވެ. ހިތުގެ މަންޒިލް ހާސިލްވުމުން ލިބިފައިވަނީ އުފާވެރިކަމެވެ. އެރޭގެ ކޮންމެ ހަނދާނެއް ވެސް ސިކުނޑީގައި ބިންވަޅު ނެގުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟