ވަގުތު ނުތަންވަޅުވުމާއެކު ޒޯހަންގެ ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. އިސްކޮޅުގެ ދިގުމިން ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން އަމިއްލަ ސޫރައަށް ނަޒަރު ހިންގާލެވުނެވެ. ބައިމަތި ފުޅާ ހަށިގަނޑަށް ހިފާލާފައި އޮތް ހުދުކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނުގައި ޒޯހަން ފެންނަމުން ދިޔައީ ފިރިހެންވަންތަކަމާއެކުގައެވެ. އިސްތަށިގަނޑު ވެސް އެއްފަޅިއަކަށް ގެންގޮސް ފުނާ އަޅާފައި އޮތް އިރު ތުނބުޅި ވަނީ ރީތިކޮށް ޓްރިމްކޮށްލާފައެވެ. ތޫނުފިލި ދެލޮލުން ފާޅުވަނީ ކައިވެންޏާ މެދު ކުރެވެމުންދާ ފޮނި އުއްމީދުތަކެވެ. ގިނަ އިރެއް ނުވެ އޭނަގެ ހައްޤަކަށް އައިރާ ވެގެންދާނެއެވެ. އެވަގުތަކަށް އޭނަ ވަނީ ބޭޤަރާރުކަމެވެ. ހާލަތުގެ ސަބަބުން އުފާވެރިކަމަށް ހިޔަނިއެޅިގެން ދިއުމުގެ ފުރުސަތެއް ޒޯހަން ނުދިނެވެ. އޭނަގެ ލޯބިން އައިރާ ހިނިތުންވުންތައް އަނބުރާ ގެނެސްދޭނެއެވެ. އެއީ އަމިއްލަ ނަފުސަށް ވެވުނު ވަޢުދެކެވެ. ހިތާމައިގެ ލިސާނެއްގެ މިންވަރު ވެސް މިރޭ އައިރާގެ މޫނުން ފެންނާކަށް ނޭދެވުނެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ބަނދެވިގެން ދާއިރު ދެހިތަށް ވެސް ލޯބީގެ ރާހަތު ލިބިގެން ދިއުމަށް ޒޯހަން ދުޢާ ކުރިއެވެ.
''އެވްރީތިންގް ވިލް ބީ އޯކޭ... އަހަރެން އަރޫއަށް ކުރި ވަޢުދުގެ މަތީގައި އަބަދަށް ދެމި ހުންނާނަން... އުފާވެރިކަން އަނބުރާ ގެނެސްދޭނަން... ދިސް އިޒް މައި އަންވޭވަރިން ޕްރިމިސް ޓު އަސް... އައި ނޯ ޔޫ އާ ސްކެއާޑް އޮފް ކެންސާ، ބަތް ވީ ކޭން ފައިޓް ދިސް ޓުގެދާރ... މިރޭ އެއްގޮތަކަށް ވެސް އެކަމާއި އަރޫ ވިސްނުމުގެ ފުރުސަތު އަހަރެން ނުދޭނަން... އައި ވޯންޓް ޔޫ ޓު ބީ ހެޕީ، ދިސް އިޒް އަވާ ސްޕެޝަލް ނައިޓް...'' ޒޯހަންއަށް ބުނެވުނެވެ. ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއްކަން ގައިމެވެ. އެކަމާއި ކުރިމަތިލާނީ އެކުއެކީގައެވެ. ދެމަފިރިންގެ ހައިސިއްޔަތުންނެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު ޒޯހަންއަށް އިވުނެވެ. ފަސްއެނބުރިލެވުނު ހިނދު ކޮޓަރީގެ ދޮރު ހުޅުވާލާފައި ބައްޕަ އެތެރެއަށް ވަންނަނީއެވެ. ބައްޕައަށް ޒޯހަން ހިނިތުންވެލިއެވެ.
ފިރިހެންދަރިފުޅު ފެނުމުން ދައުސްގެ ތުންފަތަށް ވެރިވެގެން ދިޔައީ ފަހުރުވެރިކަމުގެ ހިނިތުންވުމެކެވެ. ދަރިފުޅު ފުރާ ފުރިހަމަވެ، ދިއިރުޅުމުގެ އިތުރު ހަރުފަތަކަށް ދިއުމަށް ކަނޑައެޅި އަޒުމާއި މެދު އޭނަ އުފާ ވިއެވެ. އައިރާގެ ގާތުގައި ކޮންމެ ފަދަ ހާލެއްގައި ވުމަށް ތައްޔާރަށް ހުރިކަމާއި އެއަޒުމަށް ދުވަހަކު ގުޑުމެއް ނާންނާނެކަން ހާމަކޮށްދިނީ ޒޯހަންގެ ދެލޮލުގައިވި ޝުޢޫރުތަކުންނެވެ.
''ލުކް އެޓް ޔޫ، ބިކަމިންގް ދަ މޭން އައި އޯލްވެއިސް ނިއު ޔޫ ވުޑް ގްރޯ އަޕް ޓު ބީ، އައިމް ސޯ ޕްރައުޑް އޮފް ޔޫ ސަން...'' ދައުސް ހިނިތުންވުން ފުންވެގެން ދިޔައެވެ. ޒަވާޖީ ހަޔާތެއް ފަށަން ޒޯހަން ތައްޔާރުވެލައިގެން ހުރުމުން، އުތުރިއަރަންފެށި އިހުސާސްތައް ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ. ވަގުތު ދިޔައީ ހާދަ އަވަހޭ ދައުސްއަށް ހިތާހިތުން ބުނެވުނެވެ. މިދުނިޔެއަށް ޒޯހަން ލޯހުޅުވާލި ދުވަހުގެ މަންޒަރުތައް ސިފަކޮށްލެވުނެވެ. ކުޑަކުޑަ ނާޒުކު އިނގިލަތުން އޭނަގެ އަތުގެ ކުޑަވާ އިނގިލީގައި ހިފާލި ދުވަހުގެ ހަނދަންތައް އާލާވިއެވެ. އޭނައާއި ރިސާލާގެ މުޅި ހަޔާތް އުފާވެރިކަމުން އުޖާލާކޮށްލަ ދިން ވޮށަކީ ޒޯހަން އެވެ. މިއަދު އެފަދަ މަތިވެރި ލޯތްބަކަށް ޒޯހަން އެދަނީ ތައްޔާރުވަމުންނެވެ.
ބައްޕައާއި އުފާވެރި ހިނިތުންވުމެއް ޒޯހަން ބަދަލުކޮށްލިއެވެ. ބައްޕަގެ ދެލޮލުގައިވި ޝުޢޫރުތައް ޒޯހަންއަށް ދޭހަކުރެވުނެވެ. އަތުން އިޝާރާތްކޮށްލެވުނީ ހުޅުވާފައި ހުރި އަލަމާރީގެ ކޮނޑެއްގައި އަޅުވާފައި އޮތް ކަޅުކުލައިގެ ޓަކްސީޑޯ ކޯޓަށެވެ.
ޒޯހަންގެ އިޝާރާތް ދައުސްއަށް ނަގައިގަނެވުމާއެކު އޭނަ ގޮސް ކޯޓު ނަގައިފިއެވެ. ޒޯހަންގެ ފުރަގަހަށް ހުއްޓިލަމުން ކޯޓު ލުމަށް އެހީތެރިވެދިނެވެ. މޭގައި އުތުރިއަރަން ފެށި ޖަޒުބާތުތައް ކޮންޓްރޯލްކުރަން އުޅުނު ދައުސްއަށް އެކަން ކާމިޔާބެއް ނުވިއެވެ. ދަރިފުޅުގެ ލޯބި ހާސިލް ވެގެން ދާތީ އެކަމުގެ އުފާވެރިކަމާއެކު ލޮލުން ކަރުނައިގެ ދިލަކަން ފާޅުވެލިއެވެ. އެއާއެކު އޭނައަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެސްފިޔަތައް ވެސް ތަޅުވާލެވުނެވެ.
''ދަރިފުޅު ނިންމުމާ މެދު ބައްޕަ ވަރަށް ފަހުރުވެރިވޭ... އަރޫއަށް ދަރިފުޅުގެ ލޯތްބާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ... ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް ބައްޕަ ދުޢާކުރާނަން، މިރެއަށް ފަހު ދަރިފުޅުގެ ހަޔާތާއި އަރޫ ގުޅިގެން ދާނެ، ދަރިފުޅުގެ ކޮންމެ ނިންމުމެއްގައި އަރޫ ޝާމިލްވެގެން ދާނެ، ޒަވާޖީ ހަޔާތެއް ފަށާއިރު ލޯތްބާއި އޯގާތެރިކަމާއެކު އެކަކުއަނެކަކަށް އެހީތެރިވެދޭން ވާނެ، ދަރިފުޅުގެ ކެތްތެރިކަމުން އަރޫއަށް ހިތްވަރު ވެސް ދޭން ވާނެ، އިރާދަކުރެއްވިއްޔާ ތިދެކުދިންނަށް އުފާވެރި ޒަވާޖީ ހަޔާތެއް މާތްﷲ މިންވަރުކޮށްދެއްވާނެ......'' ދައުސް ބުންޏެވެ.
''އައިމް ދަ މޭން އައިމް ޓުޑޭ ބިކޯޒް އޮފް ޔޫ...'' ލޯގަނޑުން ބައްޕައަށް ބަލައިލަމުން ޒޯހަން ބުންޏެވެ. ބައްޕަގެ ނަސޭހަތް އުފަލާއެކު ޤަބޫލުކުރެވުނެވެ.
ފަހުރުވެރިކަމާއެކު ޒޯހަންގެ ކޮނޑުގައި ދައުސްއަށް ހިފަހައްޓާލެވުނެވެ. މައިންބަފައިންގެ ހެޔޮ ނަސޭހަތުގައި އަބަދުވެސް ޒޯހަން ހިފާނެކަމުގެ ޔަޤީންކަން އޮތެވެ.
''މަންމަ އަންނާނެ އިރުކޮޅަކުން...'' އަވަހަށް ތައްޔާރުވެ ނިމުމަށް ޒޯހަން ގާތު ދައުސް ބުނެލިއެވެ. ޒޯހަން ބޯޖަހާލިއެވެ. ރީތިވާ މެޒުގެ ގޮނޑީގައި އޭނަ އިށީނީ ބޫޓަށް އަރަންށެވެ.
ޒޯހަންއަށް އެހީވެދިނީ ދައުސްއެވެ. ކުރުފައިމައްޗަށް ތިރިވެލަމުން ޒޯހަންގެ ފަޔަށް ބޫޓު ހެޔޮވަރުކޮށްލަދިނެވެ. މާނަފުން ހިނިތުންވުމެއް ޒޯހަންއާއި ބައްދަލުކޮށްލަމުންނެވެ.
''އަދިވެސް ނުނިމޭތަ؟...'' ރިސާލާގެ އަޑަށް ޒޯހަންއާއި ދައުސްއަށް އެކީއެއްފަހަރާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ރިސާލާ ކޮޓަރިއަށް ވަންނަނީއެވެ. ދެބަފައިން ފެނުމުން ރިސާލާ ޖަޒުބާތާތީވާ ގޮތް ވެއްޖެއެވެ. ޒޯހަންއަށް ދެވުނު ފުން ނަޒަރާއެކު ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
''އުހޫނ!، މަންމަ ރޮއެގެން ނުވާނެ އިނގޭ، މިރޭ އެކަކު ވެސް ރޮއެގެން ނުވާނެ... ޓުނައިސް އިޒް އެ ނައިޓް ފޯ ސެލެބްރޭޝަން...'' ޒޯހަން ކޮޅަށް ތެދުވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މަންމަގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި މަންމަގެ ކޯތާފަތުން ރޮނގުދަމާލި ކަރުނަތައް ފޮހެލަދިނެވެ.
''މީ އުފާވެރިކަމުގެ ކަރުނަޔޭ، ދަރިފުޅަށް މަންމަ ވި ވަޢުދު ހަނދާން އެބަހުއްޓޭ...'' ޒޯހަންގެ އަތުގައި ރިސާލާއަށް ހިފާލެވުނެވެ. ''ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށަން އުޅޭ އިރު އުފާވެރިކަމުގެ ކަރުނަ އައުން ޖާއިޒު، ދަރިފުޅު މުޅިން ބޮޑުވެއްޖެ...''
''ކީއްވެތަ އެންމެން ބޮޑުވެއްޖެޔޭ ބުނަނީ؟... އައިމް ޓުވެންޓީ އެއިޓް...'' ޒޯހަން ބުންޏެވެ. ދައުސްއާއި ރިސާލާގެ ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރުނެވެ.
''ދަރިފުޅު ކައިވެނިކުރާތީއެ އެހެން ބުނަނީ... އިޓްސް ނޮޓް ބިކޯޒް ޔޫ އާރންޓް ގްރޯން އަޕް...'' ހުނުމުގެ ތެރެއިން ރިސާލާ ބުންޏެވެ. ''މަންމަ މިރޭ ވަރަށް އުފާވޭ... ދަރިފުޅު ވާނެ އަރޫއަށް ހިމާޔަތާއި ރައްކާތެރިކަން ދޭން، އެއީ ދަރިފުޅުގެ ހަށިގަނޑުގެ އެއްބައިކަމުގައި ވެސް ބަލަންޖެހޭނެ......''
''އައި ވިލް!...'' ޒޯހަން ޔަޤީންކަން ދިނެވެ.
ރީތިވާ މޭޒު މަތިން ނެގި ހުދާއި ރީނދޫކުލައިގެ ފިނިފެންމަލުގެ ބުޓުނިއާރ ހިފައިގެން އައިސް ރިސާލާގެ އަތަށް ދައުސް ދިއްކޮށްލިއެވެ. ބުޓުނިއާރ ޒޯހަންގެ މޭމަތީ ހަރުކޮށްލަމުން، ޒޯހަންގެ ކޯތާފަތުގައި ލޯތްބާއެކު ރިސާލާއަށް އަތްތިލަ ޖައްސާލެވުނެވެ.
''ސޯ ޕްރައުޑް އޮފް ޔޫ...'' ރިސާލާ ބުންޏެވެ.
''ނައު އައި ފީލް ލައިކް ކްރައިންގް...'' ހިތުގައި ތުރިއަރަންފެށި އިހުސާސްތަކުން ޒޯހަންއަށް ބުނެވުނެވެ.
ރިސާލާއަށް ޒޯހަންގެ ގައިގައި ބައްދާލެވުނެވެ. ދައުސް ވެސް ޒޯހަންގެ ބުރަކަށީގައި ފިރުމާލިއެވެ. ފިރިހެންދަރިފުޅާއި މެދު ފަހުރުވެރިވެފައިވާ މިންވަރު ދެމަފިރިންގެ މޫނުމަތިން ވެސް ފާޅުކޮށްދިނެވެ.
*****
''މާޝާﷲ، ސޯ ޕްރިޓީ...'' އައިރާ އަޅައިގެން ހުރި ހުދުކުލައިގެ ބުރުގާގެ މަތިން އަޅާލި ރަންކުލައިގެ ލޭސްފޮތިގަނޑާއެކު ނޫރާލް ބުނެލިއެވެ. ރީތިވާ މޭޒުގެ ގޮނޑީގައި އިން އައިރާއަށް ބަލައިލެވުނީ ނޫރާލްގެ މޫނަށެވެ. މޭކަޕްކުރަން އުޅުނު ކުދިންތައް ވެސް އައިރާގެ ރީތިކަމަށް ތައުރީފުކޮށްލިއެވެ. ތެދެކެވެ. މިރޭ އައިރާގެ ރީތިކަން ވަކިން ފުރިހަމައެވެ. ޒޯހަންގެ ހައްޤަކަށް ވާތީ އެކަމުގެ އުފާވެރިކަމުން މޫނަށް އުޖާލާކަން ގެެނެސްދީފިއެވެ.
''އައި ނީޑް ޓު ޓޭކް ފޮޓޯސް، އަރޫ ތެދުވެބަލަ...'' ނޫރާލް ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ޖޯޝެވެ. މިއަދު ހަތަރުދަމު ނޫރާލް ކުރިހާ ވެސް މަސައްކަތަކީ އައިރާގެ ސިކުނޑީގެ ހާސްކަމާ ދުރުކޮށްލަ ދިނުމެވެ. އައިރާ ހެއްވާލުމަށް ތަފާތު އުކުޅުތައް އޭނަ ބޭނުން ކުރިއެވެ. މިއުފާވެރި ހިނދުކޮޅުގައި ވަގުތު ހޭދަކޮށްލުމަށް އޭނަ ބާރު އެޅިއެވެ. މިއީ އައިރާގެ ހަނދާނުގައި ރަންއަކުރުން ބިންވަޅު ނެގިގެންދާނެ ރެޔެއްކަން ބުނެދިނެވެ. ދެވަނަ ފަހަރަށް މިއުވާވެރި ވަގުތުތައް އެނބުރައި ނާންނާނެއެވެ.
ހިނިތުންވުމަކާއެކު އައިރާ ކޮޅަށް ތެވުނުވެ. ހުދު ކުލައިން ފަރުމާކޮށްލެވިފައި އޮތް ކައިވެނީގެ ހެދުމުގެ ރީތިކަން ފާޅުވެގެން ދިޔައީ ދެނެވެ. ރޯޒީގެ މަސައްކަތާއި މެދު އައިރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ހަށިގަނޑުގެ ވަނާތަކަށް ހެދުން ދޫކޮށް އޮތްކަމުގައި ވިޔަސް ހެދުން ނުލާހިކު ޗާލެވެ. ކަނާއުތުން ފެށިގެން ގޮސް ހެނދުމުގެ މޭމައްޗާ ހަމައަށް ވަނީ ރަންކުލައިން ޒިނައިން އަޅާފައިވި ފިނިފެންމަލާއި އެސްތަކުގެ ވިދުމެވެ. ބުރުގާގެ މަތިން އަޅާފައި އޮތް ރަންކުލައިގެ ލޭސްފޮތީގައި ވެސް ވަނީ ހުދުކުލައިން ބަބުޅާ އެސްތަކެވެ. ކޮށްފައިވި ރީތި މޭކަޕްގައި އައިރާ ފެންނަނީ ޕަރީއެއް ފަދައިންނެވެ. ފަރިކަމާއި ރީތިކަމުން ޖަރީވެފައި ވިއެވެ.
އައިރާ ތައްޔާރުވެ ނިމުމާއެކު މޭކްޕްކުރުމަށާއި ހެދުން ފިޓިންގްއަށް އައި ކުދިންތައް އައިރާގެ ރީތިކަމަށް ތައުރީފުކޮށްލަމުން މުބާރަކުބާދީ އަރިސްކޮށްލިއެވެ. އެއަށްފަހު ގެނައި މޭކަޕްގެ ސަމާނުތައް ހިފައިގެން ގޮސްފިއެވެ. އައިރާއާއި ނޫރާލް ކޮޓަރީގައި އެކަނިވީ ދެނެވެ.
''ޔޫ ލުކް ސޯ ޕްރިޓީ، މާޝާﷲ... މިރޭ ޒާންގެ ދުލުން ބަސްހުއްޓޭނެ ބަލައްޗޭ...'' ނޫރާލް ބުންޏެވެ. އަތުގައި އޮތް ފޯނުން އެކި ގޮތްގޮތަށް ފޮޓޯ ނެގިއެވެ. އައިރާގެ ތުންފަތާ ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. ކޯތާފަތުގެ ކުލަ ވެސް ބަދަލުވެގެން ދިޔައެވެ.
''ޔޫ އާރ ބްލަޝިންގް...'' ފޮޓޯ ނަގަމުން ނޫރާލް ދިމާކޮށްލިއެވެ. އޭނަގެ ތުންފަތާއި ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.
''އޭމް ނޮޓް...'' އައިރާއަށް ބުނެވުނެވެ.
''ޔޫ ޓޯޓަލީ އާރ...'' ނޫރާލްއަށް ހެވުނެވެ. އައިރާގެ މޫނުން ފެނުނު އުފާވެރިކަމުން އޭނަގެ ހިނިތުންވުން ފުންކޮށްދިނެވެ. ހިތާހިތުން ދުޢާކުރެވުނީ އެއުފާވެރިކަމަށް ދުނިއުމުރަށް ދިގުލައިގެން ދިއުމަށެވެ. އުފާވެރިކަން އެންމެ ހައްޤުވެރިފަރާތަކީ ވެސް އައިރާ އެވެ.
އައިރާގެ ކުރިމައްޗަށް ނޫރާލް ހުއްޓުމާއެކު، ނޫރާލްގެ އަތުގައި އައިރާ ހިފާލެވުނެވެ. އައިރާގެ އަތްތިލަ ފިނިވެފައިވާ މިންވަރު ނޫރާލްއަށް އިހުސާސްކުރެވުނެވެ.
''ނާވަސް؟...'' އައިރާގެ މޫނަށް ނޫރާލް ފުން ނަޒަރެއް ދިނެވެ. އައިރާއަށް ބޯހޫރާލެވުނެވެ.
''އައިމް ސްކެއާޑް...'' އައިރާއަށް ބުނެވުނެވެ. އައިރާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެލިއެވެ. އިސާހިތަކު ނުތަނަވަސްކަން އައިސް އޭނަ ވަށާލައިފިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ވަގުތު ކައިރިވާން ފެށުމުން ހިތުގެ ތެޅުން އަަވަސްވެއްޖެއެވެ.
''އަރޫ...'' ނޫރާލްއަށް ގޮވާލެވުނެވެ. ''ތިންކް ޕޮޒިޓިވްލީ...''
''ބޭނުން... އެކަމަކު...'' އައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒޯހަންއާއި ކައިވެނި ކުރެވޭތީ ހުވަފެނީ އާލަމެއްގައި އުޅެވޭކަހަލައެވެ. ބިރުގަންނަނީ އުފާވެރިކަން ވަގުތީ އެއްޗަކަށް ވެގެން ގޮސްފާނެތީއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެދާނެ ގޮތެއް ލަފާކޮށްލަން ދައްޗެވެ. މާޔޫސްވަނީ އެސަބަބާ ހުރެއެވެ. ޒޯހަންގެ ހައްޤުގައި އެޚިޔާލުތަކާއި ދުރުވާން އައިރާ މަސައްކަތްކުރިއެވެ. އެހެނަސް ހިތުގެ ހާސްކަމާއި ދުރުވުން ވެފައިވަނީ އުނދަގޫކަމަކަށެވެ. ނޫރާލް މިއަދު އޭނަގެ ގާތުގައި ނެތްނަމަ ހިނދުކޮޅަކަށް ވެސް އެޚިޔާލުތަކައި ދުރުނުުވެވުނީހެވެ. އެކަމަށްޓަކައި ނޫރާލްއަށް ޝުކުރުވެރިވެވުނެވެ.
''އަހަރެން މިބުނާ ވާހަކަ އަރޫ އަޑުއަހައްޗޭ... ނޯ ވަން ނޯސް ވަޓް ވިލް ހެޕެން އިން ދި ފިއުޗާ... އޭގެ މާނައަކީ އުއްމީދުނުކުރަންވީކީ އެއް ނޫނޭ... އުފާވެރިކަން ހާސިލްކުރުން އެއީ އަރޫއަށް ވެސް ލިބިގެންވާ ހައްޤެއް... ޒާން އެހުރީ އަރޫގެ ގާތުގައި ވާން ތައްޔާރަށް... އަސްލު ޒާން ކަހަލަ ކެއިރިންގް ފިރިހެނުން މިހާރު ނުވެސް އުޅޭނެ... އޮސެންޓްލީ، ޔޫ އާ ސޯ ލަކީ، ހީ ވިލް މޭކް ޔޫ ސޯ ހެޕީ... ހީ ލަސްވް ޔޫ ސޯ މަޗް...'' ނޫރާލް ވިސްނައިދިނެވެ.
''ޒާން އެހާ ވަރަށް ލޯބިވާތީއޭ ބިރު ވެސް ގަންނަނީ... އަހަރެން ނެތް ދުނިޔެއެއްގައި ޒާން އުޅެނީ ކިހިނެއްތަ؟...'' އައިރާގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. މިފަހަކަށް އައިސް ސިކުނޑި ހަލަބޮލިކޮށްލާ ޚިޔާލުތަކަކީ އެއީއެވެ.
''އަރޫ!، ތިހެން ނުވިސްނަބަލަ...'' ނޫރާލް ދެރަވިއެވެ. އެހަޤީޤަތާ ކުރިމަތިލާން އުނދަގޫވުމުން އެމައުޟޫޢުއަށް ވާހަކަދައްކަން ވެސް ބޭނުމެއް ނުވިއެވެ.
''އައި ކާންޓް ސީ ހިމް އިން ޕެއިން...'' އައިރާއަށް ބުނެވުނެވެ. ނުރޯން އޭނަ ވަރަށް ބޮޑަށް ހިތްވަރުކުރިއެވެ.
''ޒާން އެހުރީ އަރޫގެ ގާތުގައިވާން ތައްޔާރަށް، ހީ މަސްޓް ބީ އޯލްސޯ ސްކެއާޑް އޮފް ވަޓް މައިޓް ހެޕެން، އެކަމަކު ޒާންއަށް އެންމެ މުހިންމު ވީ އަރޫ... އަރޫގެ އުފާވެރިކަން... ކެތްތެރިކަމާއެކު މިކަމާއި ކުރިމަތިލުމުން ގޯސް ޚިޔާލުތަކާއި ދުރުވާން ފަސޭހަ ވާނެ!...'' ނޫރާލް ބުންޏެވެ. ''ބީ އިން ދިސް މޯމެންޓް...''
ނޫރާލްއަށް ބަލައިލަމުން އައިރާ ބޯޖަހާލިއެވެ. ޒޯހަންގެ ސާބިތުކަމުން އޭނައަށް އިތުރު އުއްމީދުތަކެއް ލިބިގެން ގޮސްފިއެވެ. އެއުއްމީދުގެ ބާރުގައި ކުރިއަށް ދާން އައިރާ އަޒުމުކަނޑައެޅިއެވެ.
އިންސާނާގެ ބާރުގައި ނުވާ ކަންތަކާއި މެދު ފިކުރުކޮށް ހަމަޖަހުން ނަގާލުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކާއިނާތުގެ ވެރިރަސްކާލާނގެއީ އެންމެ ފުރިހަމައަށް ނިންމުންތައް ނިންމަވާ އިލާހެވެ. އެއިލާހުގެ ޙިކްމަތާއި އިރާދަފުޅު ނިޔާކުރައްވާ ގޮތާ ރުހި ޤަބޫލުވުމުން ދާސްވީ ރާސްތާ ވެސް ފަސޭހަވެގެން ދާނެއެވެ. ދިރިއުޅުން އަނދިރިވި ހިނދު އޭނަގެ ހަޔާތަށް ނޫރެއްކަމުގައި އެކަލާނގެ މިންވަރު ކުރެއްވީ ޒޯހަން އެވެ. ފުންނޭވާއެއް އައިރާއަށް ދޫކޮށްލެވުނެވެ. ސިކުނޑި ހާސްކޮށްލާފައިވި ޚިޔާލުތަކާ ދުރުވެލުމުގެ ނިޔަތުގައެވެ.
''ޔޫ ބޯތް ވިލް ފިގާރ ދިސް އައުޓް!، އައިމް ޝުއާރ... ނައު ސްމައިލް... ޓުނައިޓް އިޒް ޔޯ ބިގް ނައިޓް...'' ނޫރާލް ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ. ''މިހާރު ޒާން ވެސް އައިސްދާނެ، ޒާން ބަލައިލަން އަރޫ ބޭނުމެއް ނުވޭތަ؟...''
އައިރާގެ ހިތް ތެޅިލިއެވެ. ކައިވެނި ކުރެވޭނެ ވަގުތު އައިސް ކައިރިވީއެވެ. މާތްﷲގެ އިރާދަފުޅާއެކު އޭނަގެ އިންތިޒާރަށް ނިމުން އައީއެވެ. ތަޤުދީރުގެ ނިޔާއާއި މެދު ޝުކުރުވެރިވެވުނެވެ. ހިތުގެ މަންޒިލް ހާސިލްވެވޭނެ ކަމުގެ ޔަޤީންކަމާއެކު އައިރާ ހިނިތުންވެލިއެވެ. ޒޯހަންގެ ލޯބި ހާސިލްވުމަށް އެދި ހާދަ ގިނަ ހުވަފެންތަކެއް ދެކެވުނެވެ. މިރޭ އެހުވަފެންތައް ހަޤީޤީ ކުލަތަކުން ފެވިގެންދާނެއެވެ.
''ކޮބާ ދަރިފުޅާ، ތައްޔާރުވެވިއްޖެތަ؟... ގާޒީ އައިސްފި...'' ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން ޤަމަރު ބުންޏެވެ. ޤަމަރަށް އައިރާ ފެންނައިރަށް ތުންފަތުގައި ދުވެލީ ފުޅާ ހިނިތުންވުމެކެވެ.
''މާޝާﷲ...'' ޤަމަރު ބުންޏެވެ. ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަތިކި އަވަސްއަވަހަށް ފޮހެލެވުނެވެ.
''މާތްﷲ ދަރިފުޅުގެ ކައިވެނީގައި ބަރަކާތްލައްވައި ދަރިފުޅަށް އުފާވެރި ހަޔާތެއް މިންވަރު ކުރައްވާށި... އާމީން...'' ލޯތްބާއެކު ޤަމަރު ދުޢާކޮށްލިއެވެ.. އައިރާގެ ކޮނޑުގައި ހިފަހައްޓާލަމުން އެމޫނަށް ފުން ނަޒަރެއް ވެސް ދިނެވެ.
''މިއީ ވަރަށް ހާއްސަ ވަގުތެއް، ދަރިފުޅުވާނެ ކައިވެނީގެ ޚުތުބާއަށް ސަމާލުކަން ދޭން، ޒާންއާއި އެކު ތި ފަށާ ދަތުރުގައި އެކަކު އަނެކަކަށް އެއްބާރުލުން ދޭން ވާނެ...'' ޤަމަރު ބުންޏެވެ. އޭނައަށް އިތުރަށް ވާހަކަދެކެވޭ ގޮތް ނުވީ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ބަސީލް ގޮވާލުމުންނެވެ. ވާހަކަ ކުރުކޮށްލަމުން އައިރާ ގޮވައިގެން ކޮޓަރިން ނިކުންނަން ޤަމަރު ހިނގައިގަތެވެ. ކައިވެންޏަށްފަހު އެގެއިން އައިރާ ދާނެތީ ޤަމަރަށް ލިބިފައިވަނީ މާޔޫސްކަމެވެ. ނަމަވެސް މަންމައެއްގެ ލޯބި ރިސާލާގެ ފަރާތުން އައިރާއަށް ލިބޭނެ ކަމުގެ ޔަޤީންކަމާއެކު އޭނަ ހިނިތުންވެލިއެވެ.
*****
ކައިވެނީގެ ހަފްލާ ބަސީލްއާއި ޤަމަރުގެ އެދުމުގެ މަތިން ހަމަޖެހިފައި އޮތީ ޕެންޓްހައުސްގައެވެ. ބެލްކަނި ވަނީ ކައިވެނީގެ ހަފްލާއަށް ޒީނަތްތެރިކުރެވިފައެވެ. ތަން ޒީނަތްތެރިކުރެވިފައި އޮތީ ވެސް އާދައިގެ ގޮތަކަށެވެ. ބޮޑު ހަފްލާއެއް ބޭއްވުމެއް ނެތި ހަމައެކަނި ބައިވެރިވީ ދެފަރާތުގެ ޢާއިލާ އިންނެވެ.
ބެލްކަނީގައި ހުރި ދިގު މޭޒު ދޮށުގައި އިށީނދެލައިގެން އިން ޒޯހަން ފެނުމުން އައިރާގެ މެޔަށް ފިނިވެލިއެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެގެން ގޮސްފިއެވެ. އެތޫނުފިލި ދެލޯ ހުއްޓުނު ހިނދު ޒޯހަން ހަދިޔާކޮށްލި ލޮބުވެތި ހިނިތުންވުމުން ލިއްބައިދިނީ ސާބިތުކަމެވެ. އެއީ އައިރާއަށް ލިބުނު އިތުރު ހިތްވަރެވެ. އިހުސާސްކުރެވުނު އުފާވެރިކަމުގެ ސަބަބުން ރީތި ހިނިތުންވުމެއް ވެސް ތުންފަތާއި ކުޅެލިއެވެ. ކޮލަށް އަޑިކޮޅު ވެސް އެޅުނެވެ.
''މައި ގޯޑް!، ހީ އިޒް ސޯ ހޮޓް، ޔޫ އާ ސޯ ލަކީ...'' އައިރާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ނޫރާލް ބުނެލިއެވެ. ނޫރާލް އެބުނީ ތެދެކެވެ. ކަޅުކުލައިގެ ޓަކްސީޑޯގައި ޒޯހަން ވަރަށް ވެސް ފިރިހެންވަންތައެވެ. އައިރާގެ ތުންފަތާއި ކުޅެލަމުން ދިޔަ ހިނިތުންވުން ލަދުރަކިކަމަށް ބަދަލުވާން ފެށިއެވެ. ކޯތާފަތަށް މަޑު ރަތްކުލައެއް ފޭދުނެވެ.
ޒޯހަންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ސިއްރުސިއްރުން ޒޯހަންގެ މޫނަށް އައިރާ ބަލައިލިއެވެ. ޒޯހަންގެ ނަޒަރު ހިނދުކޮޅަކަށް ވިޔަސް އައިރާގެ މޫނާއި ވަކިނުވެއެވެ. އެދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެއީ ބަލައިލަން ހިތްގައިމު މަންޒަރެކެވެ. ބޭއިހްތިޔާރުގައި އައިރާއަށް ހިނިތުންވެވުނެވެ.
ކައިވެނީގެ ޚުތުބާ ފެށިގެން ދިޔައިރު ޒޯހަންގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ކަނުލާ ހުތުބާ އަޑުއަހަމުން ދިޔައީ އެހުރިހާ ކަމެއް ސިކުނޑިއަށް ނަގައިގަންނަމުންނެވެ. އައިރާއަށް ދޭތެރެއަކުން ޒޯހަން ބަލައިލައެވެ. ގާތުން އައިރާގެ ރީތިކަން ފެނީ މީހާ އާޝޯހުކުރުވިއެވެ. އަތްފައި ވެސް ފިނިވާ ކަމުގެ އިހުސާސްކުރެވުނެވެ.
''އަނބި ޤަބޫލުކޮށްފިންތަ؟...'' ގާޒީ އަހާލިއެވެ. ޒޯހަންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ވިންދުތައް ހަމައަށް އަޅުވާ ހާލު އައިރާގެ މޫނަށް ޒޯހަންއަށް ބަލައިލެވުނެވެ. އެއީ އައިރާ ވެސް އިސްއުފުލާލެވުނު ވަގުތެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހުނެވެ. ދެލޮލުން ވެސް ފާޅުކޮށްދެނީ ލޯބީގެ އިންތިހާއެވެ.
''އަނބި ޤަބޫލުކޮށްފިން...'' ޒޯހަންގެ ދުލުން އިވުނު ލަފްޒުތަކުން އައިރާއަށް ދެލޯ މަރާލެވުނެވެ. ގައިން ހީބިހި ނަގައިގެން ގޮސްފިއެވެ. އެލަފްޒުތައް ހަނދާނުގައި ބިންވަޅު ނެގިގެން ދިޔައީ ދުވަހަކު ވެސް ފަނޑުވެގެން ނުދާނެ ފަދައަކުންނެވެ. ރޫހަށް ދިރުން ލިބުނު ކަހަލައެވެ. ޒޯހަން އޭނަގެ އަތުގައި ހިފާލިކަމުގެ އިހުސާސް އައިރާއަށް ކުރެވުނެވެ. މިފަހަރު ޒޯހަން އޭނަގެ އަތުގައި ހިފާލުމުން ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ ޖަޒުބާތުގެ ތެރެއިން ޒޯހަންއަށް ބަލައިލަމުން އައިރާ ހިނިތުންވެލިއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނުކަމުގެ ފޮނިކަމާއެކު ކޮލަށް އަޑިކޮޅު އެޅުނެވެ.
''ٱلْحَمْدُ لِلَّٰهِ…'' އައިރާއަށް ހަމްދުކުރެވުނެވެ. ޒޯހަންގެ އަތްތިލައަށް އައިރާއަށް ބާރުކޮށްލެވުނެވެ.
(ނުނިމޭ)