****
ކަރުނަތަކާއެކު ރައްޔާނަށް މެލެކް ބަލައިލިއެވެ. ރައްޔާން އިނީ ހެވިފައެވެ. ރައްޔާނު އެބުނީ ކާކުގެ ވާހަކަތަކެއްކަން މެލެކްއަށް އެނގުނެވެ. ތުންފަތަށް ހިނިތުންވުމެއް މެލެކް ވެރިކޮށްލިއެވެ. ދެއަތުން ދެލޯ ކައިރޮ ފޮހެލިގޮތަށް އެ ހިނިތުންވުން އިތުރަށް ފުޅާކޮށްލިއެވެ.
****
ލޫލު ނިންދެވުމުގެ ބަދަލުގައި ރީތިކޮށްލާފައި އެނދުގައި ބައިންދާފައި އިނެވެ. ލޫލުއަށް ބަލަން އިން މެލެކް އިނީ ވިސްނުމެއްގައެވެ. މާލެ ދޫކޮށް ދާން އުޅޭކަމެއް އޭނާއަށް ޔަގީނެއް ނޫނެވެ. އެހެންނަމަވެސް ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ މި ފަސްގަނޑުން ފައިބާނެއެވެ. އެނބުރި އަންނާނެ ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް އޭނާއަށް ނޭނގެއެވެ. އޭނާއަށް އެނގޭ ކަމަކީ އޭނާގެ ހިތުގައި ރިހެމުންދާ ކަމެވެ. ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލައިފިއެވެ. ކުރީގައި ހުރި ތަބައްސުމްގެ ފަހަތުން ވަނީ މައުސޫމާ އާއި ޒިޔާދު އަދި ޒޭބާއެވެ. މައުސޫމާއަށް ފުރަތަމަ ދެވުނީ ލޫލު އާ ދިމާލަށެވެ. މާމަ ދަރިފުޅު އުރާލާ ލޯބިކޮށްލުމަށްފަހު ދިނީ ޒިޔާދު އަތަށެވެ. އޭނާ މެލެކްގެ ގާތުގައި އިށީނެވެ. ބާޒިލްގެ މައިންބަފައިންނަށް ބަލަން އުނދަގޫ މެލެކްއަށް ވިއެވެ. އޭނާއަށް އިސްޖެހުނީ އެހެންވެއެވެ.
"ހިތްހެޔޮކުރާތި ދަރިފުޅާ. މަންމަމެންނަށް ކުށެއް ކުރެވުނިއްޔާ ހިތްހެޔޮކޮށްދެއްޗޭ" މެލެކްގެ އަތްތިލައިގައި މައުސޫމާ ހިފާލިއެވެ. މެލެކް އިސްއުފުލާލިއެވެ. އޭނާގެ ދެލޮލުގެ ތެރޭގައި ފަރުދާވެގެން ތިބި ހޫނު ކަރުނަތައް އޭގެ މަގާމު ދޫކޮށް ތިރިއަށް ދެމިގަތެވެ. އިސްޖެހިގޮތަށް އޭނާގަދައަށް ރޯން ފެށިއެވެ.
"ހުއްޓާލާ. ދަރިފުޅުގެ ނިންމުމަށް ބައްޕަމެން އެއްބާރުލުންދޭނަން" ޒިޔާދު މެލެކްގެ ބޮލުގައި ފިރުމާލިއެވެ.
މައުސޫމާއާއި ޒިޔާދު ނިކުތީ މެލެކްގެ ނިތުގައި ބޮސްދީފައެވެ. އެދެމަފިރިންގެ ހިތް ހެޔޮކަން މެލެކްއަށް އަންގައިދީފައެވެ. ކުއްލިއަކަށް ދިމާވި ކަންތަކުން ހުރިހާ އިހުސާސަކަށް މެލެކްގެ ހިތް ވަނީ ކިލަނބުވެފައެވެ. ހުރިހާ މީހުންގެ ލޯތްބަށް އޭނާ ޝައްކުކުރެވެއެވެ. މައިންބަފައިންނަށް އޭނާގެ ސަބަބުން އުނދަގޫވާ ކަމަށް ހިތް ޝައްކު ކުރެވެއެވެ. މާލެ ދޫކޮށް ދާން އޭނާ ނިންމި ނިންމުމުގެ ސަބަބުން ބާޒިލްގެ މައިންބަފައިން އޭނާއަށް ހިތް ބުރަކުރާނެ ކަމަށް ހިތް ޝައްކުކުރެވެއެވެ. އިތުބާރުކޮށްފަ ނުކުރަންވީ ހިތެއް އޭނައަށް ނޭނގެއެވެ. އޭނާއަށް ހީވާ ކަހަލައެވެ. އޭނާއަށް ޓަކައި މިދުނިޔޭގައި ހުރީ ލޫލު އެވެ. ލޫލުއަށް ޓަކައި އޭނައެވެ.
"މިހާރު ވާހަކައެއް ނުދެއްކޭ. އެއްޗެކޭ ބުނުމާއެކު އެގޮތަށް ރޮނީ" އަސަރާއެކު ތަބައްސުމް ބުންޏެވެ.
"ދެން އެހެންވާނެކަން އެނގޭ. އެއީ އެމަންޖެގެވެސް މައްސަލައެއް ނޫނެއްނު" މައުސޫމާ ބުންޏެވެ.
ބޭރު ގޯތި ޖޯލީގައި ވާހަކަދައްކަން އިންއިރު މާޔޫސްވެ ދަތްދޮޅީގައި އަތްވިދެލައިގެން އިނީ މައުސޫމާއެވެ. ހުރިހާ ކަމެއް ރަނގަޅުވެ ބާޒިލް ސާރާ އާ ގުޅުން ކަނޑާލި ހިސާބުން އޭނާ ހިތަށް އެރީ ދަރީންގެ އެއްވެސް ކަމަކާ ދެން އޭނާ ހިތާމަކުރަން ނުޖެހޭނެ ކަމަށެވެ. ހިތާމަތަކަށް ނިމުން އައީ ކަމަށެވެ. އެހެންނަމަވެސް މިވީ ހީކުރި ގޮތަކަށް ނޫނެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ދިރިއުޅުން އަނެއްކާވެސް ވަޅުޖެހުނީއެވެ. ވިސްނާނުލާ އޭރު ނިންމި ނިންމުންތަކުގެ ނަތީޖާ މިފެނުނީ މިއަދުއެވެ. ބާޒިލްގެ އެ ހިތާމަތަކަށް ނިމުން އަންނާނެ ކަމެއްވެސް ނިމުން އަންނާނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ބާޒިލް ކުރާ ހިތާމަތައް ފެނި މައިލަގޮނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެހެންނަމަވެސް އިތުރަށް ކުރެވޭނެ ކަމެއްނެތެވެ. މިއީ ތަގުދީރުގެ ނިޔާއެވެ. އިންސާނުންނަކީ ގަދަފަދަ ކަމެއް ލިބިގެންވާ ބައެއް ނޫނެވެ. އޮތްހާވެސް ގޮތަކީ ކެތްތެރިވެގެން ތިބުމެވެ. ނަމާދާއި ދުއާ އިން ވާގި އެދުމެވެ.
"ހިނގާ ގެއާ ދިމާލަށް ދަމާ" މައުސޫމާގެ އަތުގައި ޒިޔާދު ހިފިއެވެ. ވިސްނުންތަކާ ފިކުރުތަކުން މައުސޫމާއަށް ނިކުމެވުނީ ދެނެވެ.
"ކިހާއިރަކު ބަނދަރަށް ދަނީ؟" ތަބައްސުމް ކުރެން މައުސޫމާ އަހާލިއެވެ.
"އިރުކޮޅަކުން ދާންވީ. މައުސޫމާ! ﷲ ގެ ރަހުމަތެއް މެދުވެރިވެ އަހަންނަށް މިކޮޅަށް އާދެވެންދެން މި ގެ ބަލާލައްޗޭ. މިގޭ ފިރިހެނުން ތިބީ ކައިގެންތޯ ވެސް ބަލާލައްޗޭ" ތަބައްސުމް ބުންޏެވެ.
****
ލޫލު އުރާލައިގެން ތަބައްސުމް ނިކުތީ ފޮށިތައް ހިފައިގެން ނިކުތް އައްޒާމް އާއި ރައްޔާނު ފަހަތުންނެވެ. ލޯގަނޑަށް ބަލަހައްޓައިގެން މެލެކް ހުއްޓެވެ. އޭނާގެ ދެލޮލުގެ ކަޅި އަށް ބަލަހައްޓައިގެން ހުރި އެ ކަޅީގެ ތެރެއިން ބާޒިލް އާ އެކު މިފަހުން އޭނާ ހޭދަކުރި އުފާވެރި މަންޒަރުތައް ފެންނާތީއެވެ. އެސްފިޔަތައް ތިރުކޮށްލުމާއެކު ކަރުނަތައް ފައިބައިގެން އައެވެ. އިސްއޮބާލި ގޮތަށް ދެއަތުން ކަރުނަތައް އޭނާ ފޮހެލިއެވެ. އެއީ މައިލީން އައި ވަގުތެވެ. ފުރަގަހުގައި ހުއްޓުނު މައިލީން އޭނާއަށް ފެނުނީ ލޯގަނޑުންނެވެ. ފަހަތަށް އެނބުރުނު ގޮތަށް މައިލީންގެ ގައިގައި އެނާ ބައްދައިގަތެވެ.
"ހުރިހާ ކަމެއްވެސް އެދަނީ މެލީ ބޭނުންވި ގޮތަކަށްނު. ދެން ކީއްވެ ތިރޮނީ؟" މެލެކްގެ ބުރަކަށީގައި ފިރުމާލަމުން މައިލީން ބުންޏެވެ.
"ދޮނާވެސް ރުޅިއައިއްސަތަ؟ އަހަރެން ކިހާ ގޯސް" މެލެކް ބުންޏެވެ.
މެލެކް ދުރުކޮށްލާފައި މައިލީން ބަލައިލިއެވެ. މެލެކްގެ ދެލޮލުން މި ފާއިތުވެދިޔަ ތިން ދުވަހު ކަރުނަ ހުސްނުވެއެވެ. އެ މޫނުމަތިން އެއްވެސް އިންސާނަކަށް ހިތްހަމަޖެހުމެއް ނުފެނެއެވެ. މުޅި މީހާ އެއްކޮށް ދެމިލައިފިއެވެ. މިހާރު ކުރިއަށް ވުރެވެސް ހިކިހެން ހީވެއެވެ. ހަރު ކާއެއްޗެއް ނުކާތާ ވީ އިރެއް ބުނަންވެސް ނޭނގެއެވެ. މާޒީގެ އެ ހަނދާންތައް މެލެކްގެ ހިތަށް އަނިޔާ އެދިނީ ހީކުރި ވަރަށް ވުރެވެސް ބޮޑަށެވެ.
"އާދެބަލަ އިށީންނަން" މެލެކް ގޮވައިގެން އައިސް އެނދުގައި މައިލީން އިށީނެވެ.
"ރުއިމަކީ ބައެއް ހާލަތްތަކުގައި އިންސާނަކަށް ވަރަށް ފައިދާކުރާ ކަމެއް. އެކަމަކު ތިވަރަކަށް ނޫން. މެލީ އެހެން ކަމެއް ނުކުރޭ" މައިލީން ބުންޏެވެ. މެލެކްގެ ދެލޯ ކައިރި މައިލީންގެ ދެއަތުން ފޮހެލިއެވެ. އިސްޖަހައިގެން އިނެއް ކަމަކު އަދިވެސް މެލެކްގެ އެސްފިޔަތަކުން ކަރުނައިގެ އަސަރުތައް ފާޅުވާން ހުއްޓެވެ.
"އަސްލު ބުނެބަބަލަ. މެލީ ހިތްހަމަޖެހޭނީ ކިހާވަރެއްވީމަ. އަސްލު ކީއްވެތަ ތިރޮނީ؟" މައިލީން އަހާލިއެވެ.
"ނޭނގެ" މެލެކް ބުންޏެވެ.
އަނެއްކާވެސް މެލެކްގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. މައިލީން ފޮހެދިނެވެ. މެލެކްގެ ހާލަތު ފެނި މައިލީން ހިތުގައިޖެހުނެވެ. ކުރިން ހަމަޖެހިފައި އޮތީ މެލެކް އާ އެކު ހަމައެކަނި ތަބައްސުމް މާލެ ދާ ގޮތަށެވެ. އެހިޔާލު މައިލީންއަށް ކަމުނުދިޔައެވެ. އޭނާގެ ވިސްނުން ބަދަލުކުރާން މަޖުބޫރުވިއެވެ. މެލެކްގެ ހާލަތު އެންމެ ރަނގަޅު ނޫންކަން އޭނާ ދެނެގަތެވެ. ބައެއް ހަނދާންތައް އައެއް ކަމަކު އަދިވެސް ބައެއް ހަނދާންތައް ނައިސް އެބަހުއްޓެވެ. މާބޮޑަށް ހިތުގައިޖެހި ރުއިމަކީ އެކަމުގެ އަސަރު އިންސާނާގެ ހަށިގަނޑުގެ މުހިންމު ގުނަންތަކަށް ކުރާނެ ކަމެކެވެ.
"ދޮނާ ދާނަން މެލީއާއެކު. އޭރުން ހެޕީވާނެތަ؟" މައިލީން އަހާލިއެވެ. ވަގުތުން މެލެކް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.
"މިހާރުވެސް އަޅުގަނޑުގެ ސަބަބުން ކިހާ އުނދަގުލެއް އެންމެންނަށް މިވަނީ. ކުއްލިއަކަށް މާލެ ދާން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫން. ގަވައިދުން މިސްކިތް ފޮޅާ ސާފުކުރަން ނުދެވޭނެތީ ބައްޕަ ކައިރީގަ މަންމަ ވާހަކަދެއްކި އަޑު އެހިން. އަޅުގަނޑުގެ ސަބަބުން ބައްޕައަށް ކިހާ ބޮޑު ބުރައަކަށް ވެއްޖެ. އަޅުގަނޑުގެ ސަބަބުން ބާޒިލްގެ މައިންބަފައިންނަށް މިދެވެނީ ކިހާ ބޮޑު ދެރައެއް" މެލެކް އިސްޖަހައިގެން އިނދެ ވާހަކަދައްކަމުން ދިޔައެވެ. އެއީ މެލެކް ލަސްވެގެން މައުސޫމާ އާއި ތަބައްސުމް އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. ދޮރާ ފުރަގަހަށް މެލެކް އިނުމުން އެކަކުވެސް މެލެކްއަށް ނުފެނެއެވެ.
"ނުބުންޏަސް އެނގޭ. އަޅުގަނޑާއެކު އަނެއްކާ ދޮނާ ގެންގޮސްގެން ދޮންތަބެއަށް ވެސް ކުރެވޭނީ އުނދަގުލެއް. ދޮނާ ކިހިނެއް ޗުއްތީ ވަގުތުން ހަމަޖައްސާނީ؟ އެހެންނޫނަސް ކުއްލިއަކަށް މިދުނިޔެމަތިން އަޅުގަނޑު ފޫހިވެއްޖެ. މިހާރު ހިތަށްއަރާ ދުވަހަކުވެސް ހަނދާންތައް ނައި ނަމައޭ. ކިހާ އުފާވެރިކޮށް އެއްވެސް ކަމެއް ނޭނގޭ މޮޔައެއްހެން އަޅުގަނޑު ބާޒިލްއާއެކު އުޅުނީ. އޭރުން އަޅުގަނޑުގެ ފުށުން އިތުރަށް ފައިދާނަގަން ބާޒިލްއަށް ވެސް ކިހާ ފުރުސަތެއް ލިބުނީސް. ހަނދާންތައް ނެތި އަޅުގަނޑު އެންމެ ނިކަމެތިވީ ދުވަހު ބާޒިލް އަޅުގަނޑު ބޭނުންކުރީ އޭނަ ހިތްހަމަޖައްސާލަން ގެންގުޅޭ ބުދެއް ފަދައިން. އަޅުގަނޑު ކިހާ މޮޔަ. އޭރު ބަލިވިގޮތަށް މަރުވެގެން ދިޔަނަމަ ކިހާ ރަނގަޅު"
މެލެކްގެ ހިތުގައި ހުރި ޝަކުވާތައް މައިލީންގެ ކުރިމަތީގައި ފައިބައިގެން ދިޔައިރު އެންމެން ހިތަށް އަސަރުކުރުވީ ތަބައްސުމްގެ އެވެ. މައުސޫމާގެ އަތުގައި ތަބައްސުމްއަށް ހިފާލެވިއްޖެއެވެ.
"ކީކޭ ތިކިޔަނީ މެލީ. ހަގީގަތަކީ މެލީ އާ ހެދި އެކަކަށް އެއް އުނދަގުލެއްވެސް ނުވޭ. މެލީ ތިގޮތަށް ރޮއެ ހިތާމަކޮށް ކަރުނައެޅުމަކީ މަންމަ އާއި ބައްޕައަށް ލިބޭ އެންމެ ބޮޑު ވޭނަކީ... ޕްލީޒް... ސްޓޮޕް އިޓް.... ހިނގާ ދާން... މެލީ ހީކުރާވަރަށް ވުރެވެސް ބޮޑަށް އެންމެން މެލީދެކެ ލޯބިވޭ. ބާޒިލްގެ މައިންބަފައިން ހިތުގައިނުޖެހޭނަމަ މިގެއިން ނުގޮހެއް ނުތިބޭނެ ދޯ. އެންމެން އެތިބީ މެލީގެ ނިންމުން ބަދަލުކުރާނެ އިރެއްގެ އިންތިޒާރުގަ. އެކަމަކު އެކަކުވެސް މެލީއަށް މަޖުބޫރެއް ނުކުރެއެއްނު. މެލީ ބޭނުންގޮތަކަށް މެލީގެ ހުރިހާ ކަމެއް ނިންމޭނެ" މެލެކް އިސްއޮބާލައިގެން އިނެވެ. ރޮއެރޮއެ އޭނާގެ ދެލޮލުގައި ރިހުމެއް އުފެދިއްޖެއެވެ.
"މެލީ... ދޮނާ މިކިޔާ އެއްޗެއް އަޑުއަހައްޗޭ. އަދިވެސް އެއްކޮށް މެލީ ރަނގަޅެއްނުވޭ. ހިތާމަކޮށް ވިސްނާ ފިކުރުކުރުމަކީ އެހާ ރައްކާތެރި ގޮތެއްނޫން. ލޫލުއަށްޓަކައި ނަމަވެސް މެލީ އެބަޖެހޭ ހިތްވަރުކުރަން" މައިލީން ބުންޏެވެ. މެލެކް ބޯޖަހާލިއެވެ.
މެލެކްގެ އަތުގައި ހިފައިގެން މައިލީން ތެދުވިއެވެ. ދޮރުކައިރީގައި ތިބި ތަބައްސުމް އާއި މައުސޫމާ މެލެކްއަށް ފެނުނީ ދަބަސް ކޮނޑުގައި އަޅުވައިގެން ނިކުންނަން އައި ވަގުތުގައެވެ. ތަބައްސުމްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލި މަންޒަރު މެލެކްއަށް ފެނުނެވެ. އޭނާއަށް ހަތަރުކަޅި ހަމަކޮށް ބަލައިލަން ނުކެރުނީ މައުސޫމާއަށެވެ. ދޮރާ ހަމައިން މެލެކްގެ އަތުގައި މައުސޫމާ ހިފިއެވެ. މެލެކް ހުއްޓުމުން މައުސޫމާ މެލެކްގެ މޫނުގެ ދެފަރާތުގައި އަތުން ހިފާލަފައި އޭނާ އާ ދިމާލަށް އުފުލާލިއެވެ. ތަބައްސުމްގެ އަތުގައި ހިފައިގެން މައިލީން ހިނގައިގަތީ ދުރަށެވެ.
"މަންމަމެންގެ ހިތުގައި ޝަކުވާއެއް ނެތް. ﷲ ގަންދީ ބުނަން. ބޯކިރުކޮޅެއްހާ މަންމަގެ ހިތް ސާފު" މައުސޫމާ ބުންޏެވެ.
މައުސޫމާގެ ގައިގައި މެލެކް ބައްދާލިއެވެ. އޭނާއަށް ހީވާކަހަލައެވެ. އެފަދަ ފުރުސަތެއް ދެން އޭނާއަށް ނުލިބި ފާއިތުވެގެން ދާނީ ކިހާ ދުވަހެއް ކަމެއްވެސް ނޭނގެއެވެ.
"މަންމާ. ބާޒިލްއަށް އަޅުގަނޑު ނަފްރަތެއް ނުކުރަން. އެކަމަކު ދެން އުޅޭކަށް ބޭނުމެއްނޫން. ބާޒިލް ކައިރީގަ ބުނައްޗޭ. ކޮންމެ ސިފައެއްގައި ނަމަވެސް އަޅުގަނޑު މިވަނީ ގުރުބާނީއެކޭ. ބާޒިލްއަށް އުފާވެރި ދިރިއުޅުމަކަށް އެދެމޭ. ބާޒިލްގެ ދިރިއުޅުމަށް ސާރާ އަޔަސް ނޫނީ އެހެން އަންހެނަކު އަޔަސް މަންމަމެން އޭނަދެކެ ރުޅިނާންނައްޗޭ. އަލަތު ލޯބި ކާމިޔާބުނުވެ ޒުވާން އުމުރުގައި މަންމަމެންނަށްޓަކައި އެ ލޯބި ގުރުބާން ކުރަންޖެހުމުން އޭނައަށް ވެސް އަސަރުތަކެއް ކުރާނެ ދޯ. ހުރިހާވެސް މައްސަލައަކީ އަޅުގަނޑު. އަޅުގަނޑު ބާޒިލްގެ އަންބަކަށް ވެގެން ތި އާއިލާގެ ތެރެއަށް ފުންމާނުލިނަމަ އެއްވެސް ކަމެއް ގޯހެއްނުވީސް. އަޅުގަނޑު ބާޒިލްދެކެ ލޯބިވާކަން އެނގޭތީ ބައްޕަ ބޭނުންވީ އަޅުގަނޑަށް އުފާވެރި ހަޔާތެއް ހޯދައިދޭން. އެކަމަކު އެހެނެއްނުވި. ގަދަކަމުން އެއްވެސް އިންސާނަކަށް ލޯބި ހާސިލެއް ނުކުރެވޭނެ. އެކަން ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގިއްޖެ. ތިއާއިލާގެ ފަރާތުން އަޅުގަނޑަށް ލިބުނު ލޯތްބާ ގާތްކަން އޯގާތެރިކަމާއި އެއްބާރުލުން ދުވަހަކުވެސް މިހިތުން ނުފިލާނެ. އަދި ފިރިއެއްގެ ފަރާތުން އުނިވެގެން ދިޔަ ލޯތްބާ އޯގާތެރިކަން، ލިބުނު ނަފްރަތާއި ފޫހިކަން.... މިއިން އެއްވެސް އިހުސާސެއް ހިތުން ފިލައިގެން ނުދާނެ. އަޅުގަނޑު ބަލި އެނދުގައި އޮށޯންނަން ނުޖެހުނުނަމަ މިއަދުއެއް ނޫން މި ނިންމުން އަޅުގަނޑު ނިންމާނީ. ބާޒިލްގެ ހަޔާތުން ދުރަށްގޮސް އޭނާގެ އަލަތު ލޯބި ހޯދައިދޭން އަތުކުރި އޮޅަމުން ދަނިކޮށް ތަގުދީރު އަޅުގަނޑު ބަލި އެނދަށް ވައްޓާލީ..... ލަހުން ވިޔަސް އަޅުގަނޑު އުންމީދުކުރަނީ ބާޒިލްއަށް ހެޔޮކަމެއް އަޅުގަނޑަށް ކޮށްދެވިއްޖެކަމަށް"
"ފަހަރެއްގަ ދަރިފުޅުގެ ތި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވެވެސްދާނެއްނު. ދަރިފުޅާ. އެކަކު ނިންމާ ނިންމުމެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރަންޏާ އެއްކަލަ ނިންމުން ނިންމި މީހާ ވިސްނުން ބަދަލުކުރަންޖެހޭނެ. މަންމަ މިބުނާ އެއްޗަކީ ދަރިފުޅު ތިދައްކަނީ މާޒީގެ ވާހަކަ. މީގެ އެތައް ދުވަހެއްގެ ކުރީގެ ވާހަކަތަކެއް. މާތްﷲ އިންސާނަކަށް ހިދާޔަތް ދައްކަވަން ހިނދުކޮޅެއްވެސް ނުނަގާނެ. ބާޒިލް ހުރީ ބަދަލުވެފަ. މަންމަ ބުނީތީ ގަބޫލުކުރޭ. މަންމައަށް އިތުބާރުކުރޭ" އިސްޖަހައިގެން ހުރި މެލެކްގެ މޫނުގެ ދެފަރާތުގައި މައުސޫމާ ހިފަހައްޓާލިއެވެ.
"ދަރިފުޅާ ދެކޮޅަށް މަންމަ ހުރީ އެއްޗެއް ނުބުނަން. ދަރިފުޅު ތިދެއްކި ވާހަކަތަކަކީ ތެދު ވާހަކަތަކެއް. ދަރިފުޅު ހިތްހަލާކުވީ ބާޒިލްގެ ސަބަބުން. ބޭވަފާތެރިވީ ބާޒިލް. ހަމައެގޮތަށް މަންމަ ދެންމެ މިދެއްކި ވާހަކަތަކަކީވެސް ތެދު ހަގީގަތް. ﷲ ހެކިވާނެ"
"އެކަމަކު... އަޅުގަނޑު.... ނޭނގެ މިވާގޮތެއް. ހަމަ އުނދަގޫވަނީ. އަޅުގަނޑު ބޭނުންވާ ވަގުތު ނުދެވޭނެތަ؟" މެލެކް ބުންޏެވެ.
"އުނހު.. ދަރިފުޅު ބޭނުން ވަގުތު ނަގަންވީ. މަންމަގެ އެންމެ ސުވާލަކަށް ޖަވާބުދެވޭނެތަ؟" މައުސޫމާ އަހާލިއެވެ. މެލެކް ބޯޖަހާލިއެވެ.
"ދަރިފުޅު ބޭނުންވަނީ ބާޒިލްގެ ކައިރިން ވަރިވާންތަ؟" މައުސޫމާ އަހާލިއެވެ.
މެލެކް ދެލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ ހިތަށް ހީވީ ބާރުވެގެން ދިޔަހެންނެވެ.
"އަޅުގަނޑު ކިހިނެއް ވަރި ވާނީ... ބާޒިލް އަކީ އަޅުގަނޑުގެ މުޅި ދުނިޔެ. އެކަމަކު.... ދެން ނޭނގެ ވާނެގޮތެއްވެސް" މެލެކް ބުންޏެވެ.
"ވާނީ ރަނގަޅަށް. ދަރިފުޅު ހިތްހަމަޖެހިގެން ފުރައިގެން ދޭ. އެކަމަކު ދިޔުމުގެ ކުރިން އެންމެ ކަމެއް. ހަމަ އެންމެ ކަމެއް މަންމައަށް ކޮށްދީ. ބާޒިލްގެ ވާހަކަތައް އަޑުއަހާލަދީ. އެއީ ދަރިފުޅަށް މާބޮޑު ކަމަކަށް ނުވާނެކަން މަންމައަށް އެނގޭ"
"މަސައްކަތް ކުރާނަން. އަޅުގަނޑަށް ޔަގީން ވަނީ ބާޒިލްއަށް އަޅުގަނޑުގެ ހިތް ބަދަލުކުރަން އުނދަގޫވާނެކަން"
މެލެކް ވާހަކަތައް އަހާފައި މައުސޫމާގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. އޭނާގެ ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ހިންދާލީ ގަދަކަމުންނެވެ. މެލެކްއަށް އޭނާ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. މެލެކް ގާތްކޮށްލާފައި ނިތުގައި އޭނާ ބޮސްދިނެވެ. ކޮޓަރި ދޮރުލައްޕާލުމަށްފަހު މެލެކް ގޮވައިގެން ގެއިން ނިކުންނަން އޭނާ ހިނގައިގަތެވެ.
****
މަގުމައްޗަށް ނިކުތްގޮތަށް މެލެކް ދެފަރާތް ބަލައިލިއެވެ. އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. ރަށުން ފުރައިގެންދާން އޭނާ ނިންމި ނިންމުމަކީ އޭނާގެ ހިތާދެކޮޅަށް ނިންމި ނިންމުމެކެވެ. ބޭރަށް ނިކުތް މެލެކް ފެނުމާއެކު ފާރުގައި ލެގިލައިގެން ހުރި ރައްޔާން ބާޒިލްއަށް އެންމެފަހުގެ ހަބަރު ދިނެވެ. މެލެކް ބަނދަރަށް ދާން ނިކުތް ކަމެވެ. އޭނާ ޖީންސުގެ ޖީބަށް ފޯނު ކޮށްޕާލާފައި މެލެކް އާ ގާތަށް ޖެހިލިއެވެ. ހަތަރު އަންހެނުން ގެއިން ނިކުމެ ދޮރާށި ލައްޕާލީ އެންމެފަހުންނެވެ. މެލެކް ހައިރާންވިއެވެ. މައިލީން ހިފައިގެން ހުރި ދަބަސް ފެނުމުންނެވެ. އެ ދަބަހުގައި ހިފީ ރައްޔާނެވެ.
"ދޮނާ ދާކަން އެނގުނީމަ އަނެއްކާ ރޯން ފަށާނީއެއް ނޫން. ކުރިންވެސް މިއީ ހަމަޖެހިފަ އޮތް ދަތުރެއް" މެލެކް އަރާ ހަމަވުމުން މައިލީން ބުންޏެވެ.
"އެކަމަކު ދޮނާ ދާކަށް....'
"ކޮން އެކަމަކު މިކަމަކުއެއް. ދޮނާ އެކަނި ބަހައްޓާފަ މަންމަ އާ ދެކުދިން އެކަނި ދާން އުޅޭނެކަމެއްނެތް" މައިލީން ބުންޏެވެ. މެލެކްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
މެލެކްއަށް ގަބޫލެއް ނުކުރެވުނެވެ. އެއީ ހަމަޖެހިފަ އޮތް ދަތުރެއް ނޫނެވެ. މައިލީންގެ ކައިވެންޏަށް އަދި ދެ ހަފްތާ ނުވަނީސް ކުއްލިއަކަށް ފުރައިގެން ދާން އުޅުމުން މެލެކްގެ ހިތް ޝަކުވާކޮށްލިއެވެ. އެހެންނަމަވެސް ދެން ހިތްވަރެއް ނެތެވެ. އޭނާގެ ހިތާއި ސިކުނޑިއަށް މިވަގުތު ބޭނުންވަނީ އަރާމެކެވެ. ހަމަޖެހުމެކެވެ. މާހައުލު ބަދަލުވުމުން ހުރިހާ ކަމެއް ހަމަޖެހޭނެއެވެ.
"ކޮބާ ލޫލު؟" މެލެކް އަހާލިއެވެ.
"ލޫލު މާ އަވަހަށް ބަނދަރަށް ނިކުމެއްޖެ. ލޫލު ބުނީ މަންމި މާ ސްލޯއޭ" މަޖާވެފައި މައިލީން ބުންޏެވެ.
އެހިނދު މެލެކްގެ ތުންފަތަށް އަނެއްކާވެސް ލުއި ހިނިތުންވުމެއްވެރިވިއެވެ.
****
މަގުކޮޅުން ބަނދަރަށް ނިކުމެވުމާއެކު މެލެކްގެ މޫނުމަތީގައި އައިސް ބީހިލީ ތާޒާ ފިނި ވައިރޯޅިއެކެވެ. ރޭގަނޑުގެ ވަގުތަށް ވިޔަސް އެވަގުތު ބަނދަރުގައި މީހުން މަދެއް ނޫނެވެ. ވައިގެ މަގުން ކުރާ ދަތުރެއް ކަމަށް ވިޔަސް އެއާޕޯޓަށް ދާން ކައިރީގައި އޮތް ރަށަށް ދާން ލާންޗުފެރީގައި ސާޅީސް ފަސްމިނެޓް ހޭދަވެއެވެ. އެހެންކަމުން ދަތުރަކީ އެހާ ކުރު ދަތުރެއް ގޮތަށް މެލެކްއަށް ސިފަނުކުރެވެއެވެ. ލާންޗަށް އަރަން ދިޔަ މީހުންތަކުގެ ތެރެއިން އައްޒާމް ނިކުމެގެން އައިސް މެލެކްގެ ކޮނޑަށް އަތް އެއްލިއެވެ. ލާންޗު ކައިރިއަށް މެލެކް ގޮވައިގެން އައީ އައްޒާމްއެވެ.
"ތިދަނީ ހުރިހާ އަންހެންވެރިން ބައްޕަމެންގެ ތިން ފިރިހެނުން އެކަނިކޮށްލާފަ. ވަރަށް ހަނދާންވާނެ" އައްޒާމް ބުންޏެވެ.
"ސޮރީ ބައްޕާ. އަޅުގަނޑު އެކޮޅު ގޭގަ ހަމަޖެހުނީމަ މަންމަ އާއި ދޮނާ މިކޮޅަށް ގެނޭ" މެލެކް ބުންޏެވެ.
"ކޮންތާކު؟ ކޮންމެސް ފިހާރައެއްގެ ވަރަށް ރީތި މޮޅު ފޮތި އެބަހުއްޓޯ. ކޮންމެސް ފިލްމެއް އެބައަޅުވައޯ. ދަރިފުޅަށް ވުރެވެސް ބޮޑަށް ދާން ބޭނުންވެފަ ހުރީ މަންމަ" އައްޒާމްގެ އަޑުގައިވީ ސަމާސާއެވެ. ހިތަށް ވެރިވަމުންދިޔަ މޮޅިވެރިކަން ފޮރުވަން އައްޒާމް ކުރަމުންދިޔަ މަސައްކަތް ފަރުދާގެ ފުރަގަހުން ހާމަވާން ހުރީ ހަމައެކަނި ތަބައްސުމް އަށެވެ.
"މެލީގެ ބޭސް ހުންނާނީ ވަރަށް ބޮޑަށް ބަދަލުވެފަ. މިހާރު ހުންނާނީ ހަފްތާއަކު ދެ ގުޅަ ކާން. ފަރުވާކުޑަނުކޮށް ބެސްކައްޗޭ" އަހަދުﷲ މެލެކްގެ ބޮލުގައި ފިރުމާލިއެވެ.
"މައި... ހަނދާންކުރައްޗޭ މާލެ މި ފޮނުވަނީ ކޮފީ ޑޯ އިން ޝަވަރުމާ އާ ބާގާ ކާކަށް ނޫން. މެލީ ރަނގަޅަށް ބަލަހައްޓަން" މައިލީންއަށް ބަލައިލަމުން އަހަދުﷲ ބުންޏެވެ. ދެލޯ ވަށްކޮށްލާފައި މައިލީން އަހަދުﷲ އަށް ބަލައިލިއެވެ.
"އާނ ބުނާނެއްނު. ރޭގަ ނިދަން އޮވެވެސް އެފް ބީ ހާވާފަ މަށަށް ދައްކަނީ ކޮފީ ޑޯ ގެ އެޑްތައް. މާލެ ދެވޭތީ ވަރަށް އުފަލުންނެއްނު އެހުރީ" އަހަދުﷲ ބުންޏެވެ. މެލެކްއަށް ހެވުނެވެ.
"ކޮފީ ޑޯ އަކީ ދޮނާގެ ފޭވްރިޓެއްނު. އަދި އެތަނުގަ ވެއިޓަރަކަށް އުޅޭ ފެނާންޑޯ އެއީ ދޮނާގެ ބެސްޓްފްރެންޑް... ދޯ ޔާނު..." މެކެކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުން ފެނި ހަމަޖެހުމެއް ނުލިބޭ އެއްވެސް ނަފްސެއް އޭނާގެ ވަށައިގެން ނެތެވެ.
"ކޮބާ ހިނގާ އަރަން... ވަރަށް ވާހަކަދައްކަން ތިބެވިއްޖެއްނު. ހިނގާ އެއަށް އަރަމާ" ޒިޔާދު ބުންޏެވެ.
"ލޫލު ކޮބާ؟" އަނެއްކާވެސް މެލެކް އަހާލިއެވެ.
"ދަރިފުޅު ހިނގާ އަރަމާ. ލޫލުވެސް އަރާނެ މިއަށް" އައްޒާމް ބުންޏެވެ.
"ލޫލު..." މެލެކްއަށް ހީވީ އޭނާ ފޮނުވާލާފައި ލޫލު ރަށުގައި ބަހައްޓަން އުޅުނުހެންނެވެ. އޭނާ ހިނގައިނުގަތެވެ.
"މެލީ... ލޫލު ހުރީ ލޫލުގެ ބައްޕަ ގާތުގަ. އެހެރަ އަންނަނީ ބާޒިލް" މައިލީން ބުންޏެވެ.
(ނުނިމޭ)