ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 25

1

ކާރުގައި ހުޅުމާލެދާން މިސްރާބު ޖެހި ޒޯހަންއަށް އިނދެވުނީ މަގުގައި އޮތް ޓްރެފިކްގެ ސަބަބުން ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. ދަތުރު ދިގުލާން ފެށުމުން އޭނައަށް ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލެވުނެވެ. ތަފާތު އަސަރުތައް ޒޯހަންގެ މޫނަށް އަރާފައިބަމުން ދިޔައެވެ. އައިރާއާއި ވާހަކަދައްކާލުމުން ނޫނީ ދެން އޭނަގެ ނަފުސަށް ހަމަަޖެހުން ލިބުމެއް ނުވެއެވެ. އައިރާގެ ބަލި ހާލަތު އެނގުމުން އެކަމާއި ކުރިމަތިލާން ފުރަތަމަ ޒޯހަންއަށް ވީ އުނދަގޫ ކަމަކަށެވެ. މާމާގެ ކުރިމަތިން ދުރަށް ދެވުމާއެކު އޭނައަށް ރޮވުނެވެ. ކާރުގައި އިނދެ ހިމޭންކަމުގެ ކަރުނަ އޮއްސާލެވުނެވެ. ނައްސި ޚިޔާލުތަކުން ދުރުވުމުގެ ގޮތުން އޭނަ ސަމާލުކަން ދިނީ މާމަ ދިން ނަސޭހަތަށެވެ. އެނަސޭހަތުގައި އޭނަ ހިފީ އައިރާގެ ހިތާމަތަކަށް ނިމުމެއް ގެނެސްދިނުމުގެ އަޒުމާ އެކުގައެވެ.

''އައިމް ސޯ ސޮރީ އަރޫ... ޔޫ ޑޯންޓް ހޭވް ޓު ފޭސް ދިސް އެލޯން، އައިލް އޯލްވެއިސް ބީ ދެއާ ފޯ ޔޫ...'' ޒޯހަންއަށް ބުނެވުނެވެ. ހައިވޭ މަތިން ދިޔަ އިރުގައި ކާރުގެ ދުވެލި ބާރުކޮށްލަން އޭނަ ބޭނުން ވިއެވެ. ނަމަވެސް ޖަބުބާތުގައި ބަނދެވި ގޯހެއް ހެދިދާނެތީ އެޚިޔާލު ދޫކޮށްލެވުނެވެ. ދުއްވަން ކަނޑައެޅިފައި އޮތް މިންގަނޑުގެ ތެރެއިން ކާރު ދުއްވީ ވެސް އެހެންވެއެވެ. މަންޒިލާ ހަމައަށް ދާން އެދެވުނީ ސައްހަސަލާމަތުންނެވެ. އައިރާގެ ހައްޤުގައެވެ.

ދުވާރު ކައިރީގައި ކަރު ޕާކްކޮށްލަމުން ކާރުގައި ޒޯހަން މަޑުކޮށްލައިގެން އިނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ މީހާ ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައެވެ. މިއަދު ހެނދުނު ދެޢާއިލާ ބައްދަލުކުރި ޚަބަރު މާމަ އޮތީ ހިއްސާކޮށްފައެވެ. އެހެންވުމުން އައިރާއާއި ބައްދަލުކުރުމުގައި ހުރަހެއް ކުރިމަތި ނުވާނެކަން އޭނައަށް އެނގެއެވެ. އެހެނަސް، ފަސްޖެހޭ ގޮތް މެދުވެރިވީ އައިރާ ފެނުމުން ހިތުގެ އުދާސްތައް ބަންޑުންވެގެން ހިނގައިދާނެތީއެވެ. މަންޒިލަށް އާދެވުމުން އޭނަގެ ހަތަރެސްފައި ފިނިވެ ދާހިއްލަން ވެސް ފަށައިފިއެވެ.

''އައި ހޭވް ޓު ބީ ސްޓްރޯންގް، ފޯ ބޯތް އޮފް އަސް...'' ޒޯހަން އޭނަގެ ޒަމީރަށް ވިސްނައިދިނެވެ. ޒޯހަން ކާރުގެ ދޮރު ހުޅުވާލީ އައިރާގެ އުދާސްތަކަށް ނިމުމެއް ގެންނަން ކުރި ވަޢުދު ފުއްދުމަށެވެ.

ލިފްޓްގައި ހޭދަކުރުވެނު ވަގުތު ވެސް ޒޯހަންއަށް ދިގުވިހެން ހީވިއެވެ. އިރުއިރުކޮޅާ ލިފްޓްގެ ސްކްރީނަށް ބަލައިލެވެއެވެ. އަތުގައި ތުރުތުލުމެއް އުފެދުމުން ޖިންސްގެ ޖީބަށް އަތް ޖަހާލިއެވެ. އެނބުރިލަމުން ލިފްޓްގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް އަވަސް ނަޒަރެއް ދެވުނެވެ. އެހެންޏާ ސްޓައިލް ކޮށްފައި އޮތްނަ ފަންއިސްތަށިގަނޑު އޮތީ ނިއްކުރިމައްޗަށް ވައްޓާލެވިފައެވެ. ލޮލުގައި މަޑު ރަތްކުލައެއް ފޭދިފައި ވިއެވެ. ދިގު ތުނބުޅީގައި ޒޯހަންއަށް އަތްތިލަ ހިންގާލެވުނެވެ. ލިފްޓް ހުޅުވިގެން ދިއުމުން ހަލުވި ފިޔަވަޅުތަކެއްގައި ނިކުމެއްޖެއެވެ.

ބެލް ޖެހާލަމުން އިންތިޒާރުގައި ޒޯހަން ވަގުތު ނުގަން ފެށިއެވެ. ފިކުރުތައް ގިނަވެ އިރުއިރުކޮޅާ ބުމަ ކައިރިކޮށްލެވުނެވެ. އޭރު އަތްފައިން ފިނި ދަލެއް ވެސް ހިއްލާލައިފިއެވެ. އެހެން ހުއްޓާ ދޮރުހުޅުވާލައިފިއެވެ. ޒޯހަން ހިނިތުންވެލަން މަސައްކަތްކުރިއެވެ. ލިބިފައިވި ހާސްކަން ސިއްރުކޮށްލުމަށެވެ.

''ޒާން...'' ޤަމަރަށް ޒޯހަން ފެނުމުން ގޮވާލެވުނެވެ.

''މަންމާ، އަރޫއާއި ބައްދަލުކޮށްލަން މިއައީ...'' ޒޯހަން އެދުނެވެ.

''އާދޭ، މަންމަ އަރޫއަށް ގޮވާލާނަން، ދަރިފުޅު ބެލްކަނީގައި މަޑުކޮށްލަން ވީނު؟...'' ދޮރު ބޮޑަށް ހުޅުވާލަމުން ޤަމަރު ވާހަކަދެއްކިއެވެ. ޒޯހަން ވަންނަން އެއްފަރާތަކަށް ވެސް ޖެހިލިއެވެ.

ހަމަޖެހުމުގެ ނޭވާއެއް ޒޯހަންއަށް ދޫކޮށްލެވުނެވެ. އެތެރެއަށް ވަންނަމުން ޒޯހަން މިސްރާބު ޖެހީ ބެލްކަންޏަށެވެ. އެދިޔަ މަގުމަތީގައި އައިރާގެ ކޮޓަރީގެ ދޮރާއި ދިމާއަށް ވެސް ބަލައިލެވުނެވެ. އެވަގުތު ހިތް ތެޅެން ފެށީ ބާރު ބާރަށެވެ.

ބެލްކަންޏަށް ނިކުމެވުމާއެކު، ޒޯހަންއަށް ސާބިތުކަން ގެނެސްދިނީ ވަށައިގެން އޮތް މާހައުލުންނެވެ. ފުރަތަމަ ވެސް ޒޯހަންއަށް ދެވުނީ ޕޮޓްތަކުން ފުރާލާފައި ހުރި ފިނިފެންމާ ބަގީޗާ ކައިރިއަށެވެ. ގަސްތަކުގައި ފޮޅިފައިވި ފިނިފެންމަލަށް ނަޒަރު ހިންގާލިއިރު ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ގޮސްފިއެވެ. ރަތް ފިނިފެންމަލުގެ ނާޒުކު ފިޔަތަކުގައި ޝަހާދަތް އިނގިލީގެ ކުރިން ފިރުމާލެވުނެވެ. ރަތް ފިނިފެންމަލަކީ އައިރާއަށް އެންމެ ކަމުދާ މަލެވެ. މަލަށް ބަލަން ހުރި ޒޯހަންގެ ހަނދާންތައް ގުޅިލާ މެހިގެން ދިޔައީ އައިރާއާއި ފުރަތަމަ ބައްދަލުވި ދުވަހާއެވެ. އޭނަގެ ހިތް ލަންބުވާލި ލޮބުވެތި ހިނިތުންވުމަށެވެ. ހީނލާއިރު ކޮލަށް އެޅިގެންދާ އަޑިކޮޅަށެވެ. ބަނިޔާދަކަން އެކުލެވިގެންވި ފަރި ހަރަކާތްތަކަށެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އޭނަގެ ސަމާލުކަން އައިރާ ހޯދައިގަތެވެ. ދެވުނު ޝައުޤުވެރިކަމުން އައިރާގެ ހަނދާންތައް އެދުވަހަށް ފަހު އޭނައާއި ހިނދުކޮޅަކަށް ވެސް ވަކިވެގެން ނުދެއެވެ. އެޚިޔާލުތަކުން އެބަދުމެ ހުރެވުނީ ހުވަފެނީ ދުނިޔެއެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

*****

އައިރާގެ ކޮޓަރިއަށް ޤަމަރު ވަންއިރުގައި އައިރާ އިނީ ލިޔާމޭޒު ދޮށުގައެވެ. ލެޕްޓޮޕް ހުޅުވާލައިގެ މަސައްކަތެއް ކުރަން އިންއިރުގައި ކައިރީގައި ކުޑަ ވަރެއްގެ މޮނީޓަރު ފޮތެއް ވެސް އޮތެވެ. މޮނީޓަރު ފޮތުގައި ތަފާތު އެކި އެއްޗިސް ލިޔެފައި އޮތް އިރުގައި އައިރާ ކުރަމުން ދިޔަ މަސައްކަތް ވަގުތުން ޤަމަރުއަށް ނަގައިގަނެވުނެވެ. ދޮރު ކައިރީގައި އައިރާއަށް ބަލަން ހުރެފައި އޭނަ ގޮވާލިއެވެ.

މަންމަގެ އަޑަށް ޚިޔާލީ ދުނިޔެއިން އައިރާއަށް ނިކުމެވުނެވެ. ސިހިފައި ފަސްއެނބުރި ބަަލައިލެވުނެވެ. މޮނީޓަރު ފޮތް ލައްޕާލަމުން ލެޕްޓޮޕްގެ ސްރީން ވެސް ނިއްވާލައިފިއެވެ. ހީވީ އޭނަ ކުރަަމުން ދިޔަ މަސައްކަތްތައް ސިއްރުކުރަން އުޅުނު ހެންނެވެ. ޤަމަރުއަށް ފާހަގަކުރެވުނެވެ. ވަކި އެއްޗެއް އޭނަ ނުބުންޏެވެ. އޭނަ އަވަސްވެގަތީ އައިރާއާއި ބައްދަލުކުރަން ޒޯހަން އައިސް ހުރި ވާހަކަ ބުނެދޭށެވެ.

''ޒާން އެބަހުރި ދަރިފުޅާއި ބައްދަލުކޮށްލަން އައިސް...'' ޤަމަރު ބުންޏެވެ. އައިރާގެ މޫނާއި ޤަމަރުގެ ނަޒަރު ވަކިނުވެއެވެ. ''ޒާންއާއި ބައްދަލެއް ނުކުރާނަންތަ؟...''

''ކޮބާތަ؟...'' އައިރާއަށް އަަވަސްއަވަހަށް އަހާލެވުނެވެ. ހެނދުނުއްސުރެން އޭނަ އެހުންނަނީ އެވަގުތެއްގެ އިންތިޒާރުގައެވެ. މެހެރުއްނިސާގެ ވާހަކަތަކަށް ފަހު، ޒޯހަން އޭނަ ދެކެ ވާ ލޯތްބަށް އިތުބާރުކުރަން އައިރާ ހުރީ ތައްޔާރަށެވެ.

''ބެލްކަނީގަ އެބަ......'' ޤަމަރުގެ ޖުމްލަ ފުރިހަމަ ނުވަނީސް ބާރަށް ހިނގާފައި ގޮސް އައިރާ ފާޚަނާއަށް ވަދެއްޖެއެވެ. އައިރާ ދިޔަ ދިމާއަށް ބަލަން ހުރި ޤަމަރުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އައިރާގެ ބަލި އެނގުނުފަހުން ތުންފަތަށް ހަޤީޤީ ހިނިތުންވުމެއް ވެރިވި ފުރަތަމަ ފަހަރެވެ. އައިރާއަށް ވަގުތު ދެމުން ޤަމަރު ކޮޓަރިން ނިކުތެވެ. ބެލްކަނީގައި ހުރި ޒޯހަން ގާތު އެއްޗެއް ބޭނުންތޯ ވެސް އަހާލިއެވެ. ޒޯހަން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލުމުން، ޒޯހަންއާއި އައިރާ އެކަނިވެލަން ފުރުސަތު ދެމުން ޤަމަރު ގޮސް ވަނީ ކޮޓަރިއަށެވެ.

*****

ވޮޝްބޭސިންގެ ފެން އިސްކުރަށް ދޫކޮށްލަމުން އަތްގޮށްޓެއްގެ ފެނުން އައިރާ މޫނު ދޮވެލިއެވެ. މޫނުގައިވި ވޭނުގެ އަސަރު ފޮހެލަން އުޅުނު ކަހަލައެވެ. ކުޑަ ތުވާލިކޮޅަކުން މޫނުގައިިވި ފެނުގެ އަސަރު ފިލުވާލަމުން ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް އައިރާ ނަޒަރު ހުއްޓާލިއެވެ. އެންމެ ދުވަހެއްގެ ކެކުޅުމުން މުޅި މޫނުގެ ދިރުން ވަނީ ގެއްލިގެން ގޮސްފައެވެ. އިތުރަށް އެހިތާމައިގައި މޭ ޒަހަމްވުމުގެ ފުރުސަތު ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ރޮއެރޮއެ ދެލޯ ފާރުވެގެންދާން ކައިރިވެފައިވާއިރު، ހިތުގެ ރާޖާ އެހުރީ އޭނައާއި ބައްދަލުކުރަން އައިހެވެ. އޭނަގެ އިންތިޒާރުގައެވެ. ހަށިފުރާ ދޫކޮށްލި ފުން ނޭވާއަށް ފަހު، އިސްތަށިގަނޑައި އަތްފުނާއަޅާލަމުން ހުޅިއެއް ޖަހާލިއެވެ. ދެން އޭނަ ފާޚަނާއިން ނިކުތެވެ.

ގޭގައި އަޅަން ގެންގުޅޭ ވަށްބުރުގާ އަޅާލަމުން ކޮޓަރިން ނިކުންނަން އައިރާ ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފާލުމުގެ ކުރިން ދޮރުގައި މޫނު ޖައްސާލެވުނެވެ. އެގޮތުގެ މަތިން އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދެތިން ނޭވާ ދޫކޮށްލަމުން އައިރާ ދޮރު ހުޅުވާލީ ގިނައިރު ޒޯހަން އިންތިޒާރުގައި ބަހައްޓަން ބޭނުން ނުވާތީއެވެ. ބެލްކަޏަށް ދިއުމަށް އޭނަ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. ބެލްކަނީގެ ދޮރު ކައިރިއަށް ހުއްޓުނު އައިރާއަށް، ދޮރަށް ފުރަގަސްދީގެން ހުރި ޒޯހަން ފެނުނެވެ. އޭނައަށް ވަގުތުން މޭގައި ފިރުމާލެވުނެވެ. ޖެހެމުން ދިޔަ ރޯޅިތަކުން އޭނަގެ ނޭފަތާއި ހަމައަށް ގެނެސްދިނީ ޒޯހަންގެ ފިރިހެންވަންތަ ވަހެވެ. ވަގުތުން އެތެރެއަށް ނޭފަށް ދަމާލެވުނެވެ. ޒޯހަން ފެނި ފާރުވެފައިވި ޒަހަމްތަކަށް ޝިފާއެއް ލިބުނުކަހަލައެވެ.

ޒޯހަންއަށް ފަސްއެނބުރިލެވުނީ ހިތަށް ވެގެން ދިޔަ އިލްހާމާއެކުގައެވެ. އައިރާއާއި ނަޒަރު ބައްދަލުވުމާއެކު ޒޯހަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ފިނިފެންމާ ގަހުގައި ފޮޅިފައި އިން މާ ބިންނަމުން ކުރިއަށް އޭނަ ފިޔަވަޅު އަޅާލިއެވެ. ހިތާމަޔާއި މާޔޫސްކަމާއި ދުރުވެލަން ޒޯހަން ބޭނުން ވިއެވެ.

އައިރާގެ ކުރިމައްޗަށް ހުއްޓުނު ޒޯހަންގެ އަތުގައި އޮތް ރަތް ފިނިފެންމާ އައިރާއަށް ދިއްކޮށްލިއެވެ. ބަސް ހުއްޓިފައި ޒޯހަންއަށް ބަލަން އައިރާއަށް ހުރެވުނެވެ. ރިހުމެއްގެ އަސަރު އެދެލޮލުގައި ވިއެވެ.

''ނުހިފާނަންތަ؟...'' ޒޯހަން ބުންޏެވެ.

އައިރާ ކުރިއަށް ޖެހިލައި ޒޯހަން ދިއްކޮށްލި ފިނިފެންމަލުގައި ހިފާލިއެވެ. ޒޯހަންގެ ދެލޮލުން ފެނުނު ލޯބިން އައިރާގެ ދިލަ ހިތުގައި ފިރުމާލަ ދިނެވެ. ޒޯހަން އޭނައަށް ވެދުން ކުރި ލޯބި ހިނިތުންވުމުން ލޮލުން ކަރުނަ ނީރާލައިފިއެވެ.

''އަރޫ...'' އޯގާތެރިކަމާއެކު ޒޯހަން ގޮވާލިއެވެ. އޭނަގެ އަތުގައި ހިފުމަށް އަތްތިލަ ވެސް ދިއްކޮށްލިއެވެ.

ކަރުނުން ފުސްވެފައިވި ދެލޮލުން ޒޯހަންގެ ދިއްކޮށްލި އަތްތިލައަށް އައިރާ ބަލައިލިއެވެ. އެއަތުގައި އޭނައަށް ހިފާލެވުނީ ނިކަން އަވަހަށެވެ. ޒޯހަންގެ އަތުގައި ބާރަށް ހިފާލެވުނީ އޭނަގެ މުޅި ވުޖޫދު އެކަމަކަށް އެދޭ ހާލުގައެވެ.

އައިރާ ގޮވައިގެން ގޮސް ޒޯހަން އިށީނީ އުނދޯލީއެވެ. އިރުއޮއްސެން ގާތްވެފައިވާ ވަގުތަށް ވުމުން މަޑު އޮރެންޖްކުލައިން އުޑުމަތި ދިޔައީ ހުޅުދާންވަމުންނެވެ. ވިލާތައް ވެސް ގިނަ ދުވަހަކަށް ވުމުން ކުރެހެމުން ދިޔަ މަންޒަރުތައް ޗާލުވެފައި ރީއްޗެވެ. ޖެހިލާ ރޯޅިތަކުގައި ވެސް ވަނީ ހިތްގައިމުކަމެވެ. މުޅި ކާއިނާތު ވެސް ދެލޯބިވެރިންގެ ބައްދަލުވުމަށް ސަނާ ކިޔާ ކަހަލައެވެ.

''އަހަރުމެން ފުރަތަމަ ބައްދަލުވި ދުވަސް ހަނދާންވޭތަ؟...'' ޒޯހަން އަހާލިއެވެ. ބަނަކަމުގެ ވިލާގަނޑެއްގެ ހިޔަނި އެޅިފައި ވިޔަސް އެކަމަށް އަލިއަޅުވާލުމުގެ ކުރިން ޒޯހަން ފެށީ އުފާވެރިކަމުގެ ހަނދާންތަކުންނެވެ.

''ހޫމ...'' އައިރާ ބުންޏެވެ. މާޒީގެ ހަނދާންތައް އާލަވެގެން ދިޔައެވެ.

''ޕާޓީން ދިމާވި ފަހުން އަރޫ ނުފެނިގެން ހާދަ ވަރަކަށް އުޅުނީމޭ...'' ހިނިތުންވުމަކާއެކު ޒޯހަން ބުންޏެވެ. ''ފަހުން ކޮލެޖް ކައިރީ ހުންނަ ކޮފީޝޮޕުން ފެނުނީމަ ޤަބޫލުކުރަން ވެސް އުނދަގޫވި...''

''ޔޫ ޑްރޮޕްޑް ޔޯ އައިސް ކޮފީ އޮން މީ!...'' އައިރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

''އަރޫ ގާތަށް ދާން އަަވަސްކުރަން ހަދައިގެން ފައި ކައްސާލީއޭ...'' ޒޯހަން އިތުރުކޮށްލިއެވެ. ދެޒުވާނުންގެ ހުނުމުގެ އަޑު މާހައުލަށް ފެތުރިގެން ދިޔައެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެން ދިޔައީ ހިނދުކޮޅަކަށެވެ. އަނެއްކާ ވެސް އައިރާގެ ދެލޮލަށް މޮޅިވެރިކަން ވެރިވެއްޖެއެވެ.

''އަރޫ...'' ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ޒޯހަން ގޮވާލިއެވެ.

''މިކަމާއި އެކަނި ކުރިމަތިލާން ގަސްދުކުރީ ކީއްވެގެންތަ؟...'' ޒޯހަންއަށް އަހާލެވުނެވެ. ''އަހަންނަށް ފުރުސަތުދޭން ފަސްޖެހެވުނީ ކީއްވެތަ؟...''

''ޒާން... އައި ތޯޓް ޕުޝިންޔް ޔޫ އަވޭއި ވުޑް ޕްރޮޓެކް ޔޫ އެންޑް ސެވް ޔޫ ފްރޮމް ޕެއިން... ޒާންގެ ލޯތްބާއި އޯގާތެރިކަމާއި ހިމާޔަތަށް އަބަދު އަހަރެން ދިޔައީ ޝުކުރުވެރިވަމުން، އަހަރެންގެ ޑަޔޮގްނިސްއާއެކު ބިރުގަތީ އެހެންވެ، ފުރަތަމަ ފަހަރަށް ޓިއުމާ ހުރިކަން އެނގުނު ފަހަރު މަންމައާއި ބައްޕަ އުޅުނު ހާލު ފެނި ޒާން އެފަދަ ހާލެއްގައި ވާތަން ދެކެން ބޭނުމެއް ނުވި... އަހަންނަށް ޓަކައި ޒާންގެ ހުރިހާ އުފަލެއް ޤުރުބާންކޮށްފާނެކަން އެނގިހުރެ ކިހިނެއްތަ އެކަމާއި ރުހެވޭނީ؟... އެކަމަކު އެއީ އަހަންނަށް ހެދުނު ގޯހެއް، ބިރުވެރިކަން އައިސް ވަށާލުމުން އަހަންނަށް ރަނގަޅަށް ނުވިސްނުނީ، ވަކިވާން ނިންމިއިރު އޭގެ ސަބަބުން އިތުރު ވޭނެއް ދެވިދާނެކަން ރޭކާނުލީ... ހަޤީޤަތް ހާމަކުރުގެ މުހިންމުކަން ނޭނގުނީ، ކެންސަރު ހުރިކަން އެނގުމަށް ވުރެން ވަކިވާން ނިންމުމުން ލިބޭނެ ހިތާމައާއި މެދު ވިސްނާނުލެވުނީ... ޒާންގެ ހިތުގައި އަހަންނަށް ޖެއްސިއްގެ... އައިމް ސޯ ސޮރީ... އައި ޑޯންޓް ވޯންޓު ފޭސް ދިސް އެލޯން، ޒާން... އައި ނީޑް ޔޫ... މިކަމާއި ކުރިމަތިލާން އަހަރެން ބޭނުމީ ޒާންއަށްޓަކައި.. އައި ވޯންޓު ފައިޓް ދިސް... ޒާން އަހަރެންގެ ގާތުގައި ވާނަމަ ހުރިހާކަމެއް ވެސް ފަސޭހަވެގެން ދޭނެކަން މިހާރު އެނގިއްޖެ...'' ޖަޒުބާތުތައް އުތުރިއަރައިގަތުމާއެކު އައިރާގެ އަޑު ކުރެހިގެން ދިޔައެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ޒޯހަންއަށް އޭނަ ބަލައިލިއެވެ. އައިރާ ފަދައިން ޒޯހަންގެ ދެލޮލުގައި ވަނީ އެއް ޖަޒުބާތެކެވެ. އެއް އިހުސާސެކެވެ. ފަނޑުވުމެއް ނުވާ ލޯތްބެވެ.

''އައި ނޯ ޔޫ ވާ ސްކޭއަޑް... އަރޫ... ތިއަތުގައި ހިފީ އުމުރަށް އެކުގައި ވުމަށް ވަޢުދުވަމުން، އެވަޢުދު މަތީގައި އަބަދުވެސް އަހަރެން ދެމި ހުންނާނަން... ވީ ވިލް ފޭސް ދިސް ޓުގެދާ... އަހަރެން ބޭނުން އަރޫގެ ގާތުގައި ހުންނަން...'' އައިރާގެ އަތްތިލައަށް ޒޯހަން ބާރުކޮށްލިއެވެ.

''އަހަރެން ވަރަށް ބިރު އެބަގަނޭ...'' އައިރާއަށް ރޮވޭ ގޮތް ވެއްޖެއެވެ.

''އައިމް ހިޔާ ފޯ ޔޫ، އަހަރެން އަރޫގެ ގާތުގައި ކޮންމެ ހާލެއްގައި ވާނަން...'' ޒޯހަން ޔަޤީންކަން ދިނެވެ. ''އަހަރެން މިވާ ލޯތްބަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ، އަހަރެންގެ ހިތަކީ އަރޫގެ މިލްކެއް...''

''ޒާން...'' އައިރާއަށް އަސަރާއެކު ގޮވާލެވުނެވެ. ޒޯހަންގެ ބަހުގައިވި ޔަޤީންކަމުން ޒޯހަން އޭނަ ދެކެ ވާ ލޯބީގެ ފުރިހަމަކަން ތަސައްވަރުކުރެވުނެވެ. ހަމަޖެހުން ލިބިގެން ދިޔައެވެ.

''އަަހަންނާއި އެކުގައި ވާނަންތަ؟...'' އުނދަގުލުން ނަމަވެސް އައިރާ ވާހަކަދެއްކިއެވެ. އެވަގުތު ކުރިއަށް ޖެހިލައި އޭނަގެ ނިތްކުރި އައިރާގެ ނިތްކުރީގައި ޒޯހަންއަށް ޖައްސާލެވުނެވެ.

''އަބަދުވެސް!...'' ޒޯހަން ބުންޏެވެ. އައިރާގެ ލޮލުން ހޯސްލާފައި ފައިބައިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެފަދަ މަތިވެރި ލޯތްބެއް އޭނަދެކެ ވާނެ އިތުރު ފަރާތެއް މިދުނިޔެއިން އޭނައަކަށް ނުލިބޭނެއެވެ. އެލޯބި އޭނަގެ ނަސީބުގައި މިންވަރުކޮށްދެއްވި މާތްﷲއަށް ހަމްދުކޮށްލެވުނެވެ. އޭނަގެ ދުޢާތައް ﷲ އިޖާބަކުރައްވައިފިއެވެ. މިއުނދަގޫ އިމްތިހާނުގައި އޭނަގެ ހިތްވަރުކަމުގައި ލެއްވީ ޒޯހަން އެވެ. އެއީ އޭނަގެ އުއްމީދެވެ. ޖާނެވެ.

ޒޯހަންއަށް އައިރާ ގެނެސް އެމޭގައި ފޮރުވާލެވުނެވެ. ޒޯހަންގެ ލޮލުން ވެސް ކަރުނަ ނީރާލިއެވެ.

''އައި ލަވް ޔޫ...'' ޒޯހަންގެ މޭގައި އައިރާއަށް މޫނު ފޮރުވާލެވުނެވެ. ޒޯހަންގެ ހިތުގެ ވިންދުތައް އިހުސާސްކުރެވުނު ހިނދު އައިރާއަށް ލިބިގެން ދިޔަ އުފާވެރިކަން ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ. އެވިންދުތަކާއި ގުޅިލާމެހިގެންދާން އެދެވުނެވެ. ޒޯހަންގެ ލޯތްބަށް އޭނަ އިތުބާރުކުރާނެއެވެ. އެލޯބީގެ ބާރުގައި ކުރިއަށް ދާން އޭނަ ގަސްދުކުރިއެވެ.

''މި ހިތަކީ އަރޫގެ ހައްޤެއް...'' ޒޯހަން ވެސް ލޯބިވާކަން ހާމަކުރިއެވެ. ''އަރޫ... ފަރުވާ ފަށާއިރު އަރޫގެ ގާތުގައި އަހަރެން ހުންނަން ބޭނުންވަނީ އަރޫގެ ފިރިމީހާގެ ހައިސިއްޔަތުން... އަހަންނަށް އެފުރުސަތު ދޭނަންތަ؟...''

އައިރާއަށް އިތުރަށް ޒޯހަންގެ މޭގައި ލައްވެލެވުނެވެ. މުޅި ޖާން ޒޯހަންއަށް ހިބަކޮށްދިން ފަދައެވެ.

''ކުރިން ކަނޑައެޅި ތާރީހުގެ ބަދަލުގައި ކައިވެނި އަވަސްކޮށްލާނީ... ކައިވެންޏަށް ފަހު ފަރުވާއަށް ބޭރަށް ފުރާނީ...'' ޒޯހަން ބުންޏެވެ. ''އަރޫގެ ޖަވާބަކީ ކޮބާތަ؟...''

''އަހަރެން ވެސް ބޭނުން...'' އައިރާ ބުންޏެވެ. މުސްތަޤުބަލުގައި ވެދާނެ ގޮތެއް ނޭނގެއެވެ. އެހެނަސް، ހަޔާތުގައި ދެން ގުނާ ދުވަސްތައް އައިރާ ބޭނުންވީ ޒޯހަންއާއި އެކުގައި ހޭދަކޮށްލާށެވެ. ފަހިވެގެން ދިޔަ ފުރުސަތުގައި ހިފާލީ ވެސް އެސަބަބާ ހުރެއެވެ. ޒޯހަންގެ އަންބެއްގެ މަޤާމު އޭނައަށް ލިބުން އެއީ އޭނަގެ އެންމެ ފަހުގެ އެދުމެވެ.

*****

ޒޯހަން އޭނަގެ ނިންމުން ހާމަކުރުމުން ދެޢާއިލާގެ ފަރާތުން ވެސް އެއްބަރުލުން ލިބުނެވެ. ދެ ދުވަސް ތެރޭގައި ރަންކިއުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. ހަފްލާފައި ބައިވެރިވީ ހަމައެކަނި ދެއާޢިލާގެ މެންބަރުންނެވެ. ނޫރާލްއަށް ވެސް ދަޢުވަތު އެރުވުނެވެ. ނޫރާލްއައީ ޖާދިން ގޮވައިގެންނެވެ. އޭނަ ހުރީ އައިރާގެ ނިންމުން ބަދަލުކުރުމުން އުފާވެފައެވެ. އެކުވެރިޔާގެ އުފަލުގައި ބައިވެރިވީ ފުޅާ ހިނިތުންވުމަކާއެކުގައެވެ.

ވަގުތާއި ހާލަތުގެ ސަބަބުން ހަޤީޤީ އުފާވެރިކަމަށް ހުރަސް އެޅުނަސް ޢާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ޒޯހަންއާއި އައިރާއަށް މުބާރަކުބާދި ލިބުނެވެ.

ޒޯހަންގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އައިރާގެ އަތުގައި އޭނަ ހިފާލީ އެހިތަށް އުއްމީދުތައް ގެެނެސްދެމުންނެވެ. އައިރާ ވެސް ހިނިތުންވެލިއެވެ. މިވަގުތު އުފާވެރިކަމާއެކު ހޭދަކޮށްލަން އައިރާގެ އޭނަގެ ޒަމީރަށް ވަޢުދުވިއެވެ. އޭނައަށް މިއުފާވެރިކަން ހައްޤެވެ. ޒޯހަންގެ ލޯތްބަށް އޭނަ ދިގު އިންތިޒާރެއްކޮށްފިއެވެ. ހިތްދަތިކަމާއި ވޭނުގެ ކަރުނަ ވެސް އޮއްސައިފިއެވެ. ލަސްތަކެއްނުވެ ކައިވެނީގެ މަތިވެރި ގުޅުމުން ދެހިތް ބަނދެވިގެން ދާނެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟