މެލެކް ރަށުން ފުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެއެވެ. މެލެކްއަކީ މީހެއްގެ އަންބެކެވެ. ފިރިއަކު ދުނިޔޭގައި ހުއްޓާ އަންބެއްގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުނިންމޭނެއެވެ. މިވަގުތު މެލެކްއަށް ނުވިސްނުނަސް އެހެންމީހުން ވިސްނަންޖެހޭނެއެވެ. މެލެކް ކައިރީގައި ހުރީ ބާޒިލްގެވެސް ދަރިއެކެވެ. ބާޒިލްގެ ހުއްދަނެތި މެލެކްއަށް ވެސް އަދި ދަރިފުޅުގެ އެއްވެސް ކަމެއްގައި މެލެކްއަށް ގޮތް ނުނިންމޭނެއެވެ. އައްޒާމް ބޭނުންވީ ފުރުމުގެ ކުރިން މިކަމަށް ބާޒިލްގެ ރުހުން ހޯދާށެވެ.
"ބައްޕާ...،" އައްޒާމް ފޯނު ކަނޑާލަން އުޅުނު ވަގުތު ބާޒިލްގެ އަޑު އިވުނެވެ. އައްޒާމް ފުރުސަތު ދިނެވެ.
"މެލެކް ރަނގަޅުތަ؟ ލޫލު ހުރީ ހަމަޖެހިފަތަ؟" ބާޒިލް އަހާލިއެވެ. ކުއްލިއަކަށް އައްޒާމް ބައްދަލުކުރަން ބުނުމުން ބާޒިލް ހަމައެކަނި ބޭނުންވީ ދެމައިންގެ ހާލު ރަނގަޅުތޯ ބަލާށެވެ. ހަމައެކަނި އޭނާގެ ހިތުގެ ތަސައްލީއަކަށެވެ.
"ދެމައިންވެސް ﷲ އިރާދަކުރެއްވިއްޔާ ރަނގަޅު" އައްޒާމް ބުންޏެވެ.
ފޯނު ކަނޑާލާފައި ބާޒިލް އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ނުތަނަވަސްކަމެއް އޭނާގެ ހިތުގައި ހިނގާލިއެވެ. އައްޒާމްގެ އަޑުގައި މާޔޫސްވެރިކަމެއް ހުރިހެން އޭނާއަށް ހީވިއެވެ. ބައްދަލުކުރަން އެބުނީ ކީއްވެގެން ހެއްޔެވެ؟ މެލެކް.... މެލެކް ވަރިވާން ކިޔަނީ ހެއްޔެވެ؟ ކުއްލިއަކަށް ހިތަށްވެރިވި ހިޔާލުތަކުން ބާޒިލްގެ މުޅި ގައިން ވަރުދޭވެގެން ދިޔަހެން ހީވިއެވެ. ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. އޭނާ ގަޑި ބަލައިލާފާއި ފޯނު ޖީބަށް ލައިގެން ނިކުތެވެ. ސައިކަލަށް އެރިގޮތަށް އައްޒާމް ބުނި ދިމާލަށް ދުއްވާލިއެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ. އައްޒާމް ބުނި ގަޑީގެ ދިހަމިނެޓް ކުރިން އޭނާއަށް އެގެއަށް ދެވިއްޖެއެވެ. މަސައްކަތްތެރިންނާއެކު އައްޒާމް އުޅުނީ ބުރަކޮށެވެ. އެމީހުންގެ މަސައްކަތްތަކުގައި އަމަލީގޮތުން އޭނާ ބައިވެރިވަމުން ދިޔައެވެ. އައްޒާމަށް ބާޒިލް ފެނުމުން ހިނގައިގަތީ ދުރުގައި އޮތް ފެންހޮޅި އާ ދިމާލަށެވެ. ދެއަތް ދޮވެލައިގެން އޭނާ އައީ ބާޒިލް އާ ދިމާލަށެވެ.
"ބައްޕައަށް އެނގޭ ގުޅިއިރުވެސް ބޮޑުމީހާ އަންނަން މިނެޓެއްހާއިރުވެސް ނުނަގާނެކަން" އައްޒާމް ބުންޏެވެ.
ބާޒިލްގެ ކޮނޑަށް އަތްލައިގެން ހުރެ އޭނާ ވަނީ ކޮފީ ބޮވޭ ގޮތަށް ހިޔާކޮށްފައި ހުރި ބަޔަކަށެވެ. އެއްފަރާތުގައި ހުރި ކުޑަ ލަކުޑި މޭޒެއް މަތީގައި އައްޒާމުގެ މުހިންމު ބައެއް އެއްޗެހި ލިޔަން ގެންގުޅޭ ފޮތަކާއި ފަންސުރެއްގެ އިތުރުން ފަތިގަނޑެއްވެސް އޮތެވެ. އެ ފޮތް ހިފައިގެން އައިސް އައްޒާމް އިށީނީ ގޮނޑީގައެވެ.
"ކޮފީއެއް ހަދާލަންތަ؟" އައްޒާމް ބުންޏެވެ.
ބާޒިލް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ހުރީ އެއްވެސް އެއްޗެއް ދިރޭ އަދި ބޮވޭ ހާލަތެއްގައެއް ނޫނެވެ. އޭނާ ބޭނުންވަނީ އައްޒާމް ބުނަން އުޅޭ އެއްޗެއް އަޑުއަހާށެވެ. އައްޒާމް ހިނިގަނޑެއް ޖަހާލިއެވެ. ދަރިން ކުރިމަތީގައި ހިތްވަރުކުރަން ދަސްވެފައި ހުރި އައްޒާމް މިފަހަރު ބާޒިލްއަށް ވެސް ދެއްކީ މޫނުމަތީގައި ވަށާޖެހިފައިވާ ރަބަރު ހިނިތުންވުމެވެ.
"މި ބަލާލަބަލަ" ފޮތްތެރެއިން ނަގާފައި އައްޒާމް ދިއްކޮށްލީ ހުދު ކުލައިގެ ކަރުދާސްގަނޑެކެވެ. ބާޒިލް އެ ނިއުޅާލާފައި ބަލައިލިއެވެ.
"ޓިކެޓެއް. މެލެކް އާ ލޫލުގެ" ބާޒިލް އަތުން ގަނޑު ދޫވެގެން ތިރިއަށް ދިޔައެވެ. ލުއި ފަތެއްހެން ތިރިއަށް ފައިބައިގެން ދިޔަ ކަރުދާސްގަނޑު އައްޒާމް ހިފާފައި ފަތްޖަހާފައި އަލުން ފޮތް ތެރެއަށް ލިއެވެ.
"ބައްޕައަށް މިއަދު މަޖުބޫރު. މެލެކް ބޭނުންވަނީ މާލެ ދާން. ބާޒިލް އާ ވީ
ހާވެސް ދުރަށް ދާން" އައްޒާމް ބުންޏެވެ.
އިސްޖަހައިގެން އިން ބާޒިލްއަށް އިހުސާސްތައް ހިފަހައެއްޓާއެއް ނުލެވުނެވެ. އޭނާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އައްޒާމް ބާޒިލްގެ ކޮނޑުގައި ޖަހާލިއެވެ.
"މެލެކްގެ ރުހުން ހޯދަން މަސައްކަތްކުރޭ. ބޮޑުމީހާ ބައްޕަގެ ރުހުން ހޯދަންވެސް އުޅުނީނު. ކާމިޔާބުވާނެ" އައްޒާމް ބުންޏެވެ.
ވާހަކަދައްކަން ބާޒިލްއަށް ދަތިވިއެވެ. އޭނާގެ ހިތުން އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެންމެ ލަފްޒެއްވެސް ދުލުން ބޭރުކުރެވޭ ގޮތެއް ނުވިއެވެ.
"ސޮރީ އޭ މެލީ... ތިހެންނަހަދާ. އަދި ވިސްނާލާ އެއްފަހަރު. މިތަނަށް އަހަރެން އެކަނި ދޫކޮށްފަ ނުދޭ. ސޮރީ... ވަރަށް ބޮޑަށް ސޮރީ. އަހަރެން ދެން އެހެން ނޫޅޭނަން. ގޯޑް ޕްރޮމިސް" އެވާހަކަތައް ވީ ބާޒިލްގެ ހިތުގައެވެ.
"ދިރިއުޅުމަކީ ހަނގުރާމައެއް. މެލެކްގެ ވާހަކަތައް ބައްޕަ އަޑުއެހިން. އެމަންޖެ ވަރަށް ރުއި. އެދުވަސްތަކު އެމަންޖެ ކުރި ހިތާމަތަކާއި ބަރުދާސްތުކުރި ވޭންތައް... މެލެކް ގަބޫލެއްނުކުރޭ ބާޒިލްގެ ލޯބިވާކަމަކަށް. މެލެކް ބުނަނީ އޭރުވެސް ދިރިއުޅެން ބާޒިލްއަށް ވީ މަޖުބޫރޭ. މިހާރުވެސް މަޖުބޫރުވެގެންނޭ އުޅޭކަމަށް. ބާޒިލްގެ މައްޗަށް މެލެކްއަށް އިތުބާރެއް ނެތް"
އައްޒާމްގެ ވާހަކަތަކުން ބާޒިލްގެ ހިތް ހިނދަކަށްފަހު ހިނދެއް ދިޔައީ ޒަހަމްވަމުންނެވެ. އޭނާ ކެތްނުވެ ގޮނޑިން ހަށިގަނޑު ކުރިއަށް ޖައްސާލިއެވެ. ދެއަތުގެ އުޅަނބޮށި ދެ ކަކުލުގައި ވިއްދާލިއެވެ. ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ.
"ހިތްވަރުލުރަންވާނެ. ރޮއެގެން މިއީ ހައްލުވާނެ ކަންކަމެއް ނޫން. މެލެކްދެކެ ބޮޑުމީހާ ލޯބިވާވަރު ބައްޕައަށް އިހުސާސްކުރެވޭ" ބާޒިލްގެ ބުރަކަށީގައި ފިރުމައިލަމުން އައްޒާމް ބުންޏެވެ.
ކުރިމަތީގައި އިނދެ ބޮޑު ފިރިހެނަކު ރޯތަން ބަލަން އައްޒާމް އިނެވެ. އޭނާގެ އުފަން ދަރިއަކަށްޓަކައި ފިރިހެނަކު އެވަރަށް ރޯ މަންޒަރު ބަލަން އޭނާއަށް އުނދަގޫވެސް ވިއެވެ. ބާޒިލް އާ މެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މެލެކްއަށް ޓަކައި ބާޒިލްގެ ހިތުގައި އިހުސާސެއް ނުވާނަމަ އެވަރެއް ނުވާނެއެވެ. މެލެކްއަށް އެމަންޒަރުތައް ފެނި ވިސްނޭނެނަމައެވެ. ކަރުނަވީ ދެލޮލުން ބާޒިލްއަށް ބަލަން އިން އައްޒާމް ބާޒިލް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
****
ގެއަށް ވަތްއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. ފައި ދަމަމުން އައި ބާޒިލް ސޯފާއަށް ވެއްޓުނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ކަނާއަތްފަރާތު ތުންފަތުގެ ތިރިން ފަޅައިގެން ގޮސްފައިވާ ތަނުން ލޭ ހިލިފައި ހުއްޓެވެ. ހަށިގަނޑު ތެދުކޮށްލި ގޮތަށް ޢޭނާ ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އޭނާގެ އެތެރެހަށީގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. ހިތުގައި އުފެދެމުންދިޔަ ވޭނާ ތުރާ އޭނާ އެހެންކަމެއްގެ މަތިން ހަނދުމަކުރިޔަ ނުދިނެވެ. ހިތްހަލާކުވެ މޭގައި އުފެދެމުންދިޔަ ލޭގެ ކޯރު އެންމެފަހުން ބަނޑުންވެ އޭނާއަށް ރޮވެން ފެށުނެވެ. ފުރަތަމަ ފެނުނީ ހިމޭން ރުއިމެއްގެ އަސަރެވެ. ހިތްހަލާކުވާފަދަ ރުއިމެކެވެ. މަޑުމަޑުން އެ އަޑު ގަދަވެއްޖެއެވެ. ދެކޯތާފަތް ހުރަސްކޮށް ފައިބަމުންދިޔަ ކަރުނަތައް ރުޅިވެރިކަން އިހުތިޔާރުކުރީ ކޮން ވަގުތެއްގައި ކަމެއްވެސް ނޭނގުނެވެ. ސޯފާގައި ހުރި ކުޝަންތަކާއި މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އޭނާ ބުރުވާލިއެވެ. ކޮޓަރީގެ ބެޑްޝީޓް ބަދަލުކުރަން އުޅުނު މައުސޫމާ ކޮޓަރިން ނިކުތީ ކުއްލިއަކަށެވެ. އޭނާއަށް ފެނުނީ ސިޓިންގރޫމުގައި ހުރެ އެއްޗެއްހި އުކަމުން ދިޔަ ބާޒިލްއެވެ. ކޮރެއް ޖަހަމުން ބާޒިލް އުޅުނު ގޮތުން މައުސޫމާއަށް ސިފަވެގެން ދިޔައީ ބުއްދި ފިލައިގެން ގޮސްފައިވާ މީހެއް ފަދައިންނެވެ. މޭގައި އަތްއަޅާލި މައުސޫމާއަށް ހީވީ އޭގެ މަގާމުން އޭނާގެ ލަގޮނޑި ނެއްޓިގެން ދިޔަހެންނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން މައުސޫމާއަށް ފާރުގައި ލެގިގަނެވުނެވެ. އޭނާގެ ކުރިމަތީގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ބުއްދި އެދަނީ ފިލަމުންނެވެ. މިކަމުގައި އެނާ ކުށްވެރިކުރާނީ ކާކު ހެއްޔެވެ؟ ލައިގެން ހުރި ހަރުވާޅުގެ ޖީބުގައި އޮތް ފޯނު މައުސޫމާ ނެގިއެވެ. ނަންބަރަކަށް ގުޅާލާފައި ވާހަކަތަކެއް ދެއްކުމަށްފަހު އޭނާގެ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. ކޮންމެސްއެކަކު ބާޒިލް ހުއްޓުވަން ޖެހޭނެއެވެ. އޭނާ ކުރިމަތިލާންޖެހޭނީ ރުޅިއައިސްގެނެއް ނޫނެވެ. ބާޒިލްގެ ސިކުނޑި އެވަނީ ހަމައިން ނެއްޓިފައެވެ. ގައިގައި ޒަހަމްތަކެއް އެބަހުއްޓެވެ. މައުސޫމާ މަޑުމަޑުން އައިސް ބާޒިލް ކައިރީގައި ހުއްޓުނެވެ.
"ޒެއްލު... ކިހިނެއްވީ ދަރިފުޅާ" މައުސޫމާ ބާޒިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ކީއްވެ ކޮރެއް ތިޖަހަނީ؟ އަނިޔާއެއްވީތަ؟" މައުސޫމާ ބުންޏެވެ. ބާޒިލްގެ ފަރާތުން ޖަވާބެއް ނައެވެ.
"މީހަކާއެކު މާރާމާރިއެއް ހިންގީތަ؟" ބާޒިލްގެ މޫނުގައިވާ ޒަހަމް ފެނުމުން މައުސޫމާ އެހިއެވެ.
ސޯފާގައި އޭނާއަށް ބާޒިލް ބޭންދުނީ އެތައް މަސައްކަތަކުންނެވެ. ބާޒިލް ލައިގެން ހުރި ވިލު ނޫކުލައިގެ އަތްދިގު ގަމީހުގެ ފަހަތުން ކަފައިގެން ގޮސްފައި ހުރި ތަންގަނޑު މައުސޫމާއަށް ފެނުނީ މާފަހުންނެވެ. އޭނާ އެދިމާ ރަނގަޅަށް ބަލައިލިއެވެ. އެތެރެއިން ހުރި ބާޒިލްގެ އަލި ހަންގަނޑު ހުރި ނޫފައިގެން ގޮސްފައެވެ. މައުސޫމާއަށް ހީވީ ހިތުގައި ވަރުގަދަ ކޫރުމެއް ލެވިގެން ދިޔަހެންނެވެ.
"ޔާރައްބީ... މިދަރި އަދި އަމިއްލައަށް މަރުވާނެ" މައުސޫމާއަށް ރޮވިއްޖެއެވެ. އޭނާ ބާރަށް ޒޭބާއަށް ގޮވާލިއެވެ. އިސްތަށިގަނޑުގައި ތުވާލި އޮޅަމުން ނިކުމެގެން އައި ޒޭބާ ދުމެއްޖަހާފައި އައިސް މައުސޫމާ ގާތުގައި ހުއްޓުނެވެ.
"ކިހިނެއްވީ؟ ޔަގީން ސައިކަލުން ވެއްޓުނީކަން" ޒޭބާ ބުންޏެވެ.
"ދޭބަލަ އައިސް ހިފައިގެން އަންނަން" މައުސޫމާ ބުންޏެވެ.
ޒޭބާ ބަދިގެއަށް ގޮސްފައި އައިރު އައިސް އަތުގައި އޮތެވެ. އިރުކޮޅަކުން ފަސްޓް އެއިޑް ބޮކްސްވެސް ހިފައިގެން އައިސް ހުއްޓުނެވެ. ބާރު ހިނގުމުގައި ގެއަށް ވަދެގެން އައީ އައްޒާމް އާއި ޒިޔާދު އެކުގައެވެ.
"ސައިކަލުން ކަހާލީ. މަންޒަރު ފެނުނު މީހުން އެބަތިއްބޭ. އާދަނު ބުނި ދުއްވާފަ އައީ އެހާބާރަށޭ" ޒިޔާދު ބުންޏެވެ. ދެ އުކުޅުގައި އަތްވިދެލައިގެން ޒިޔާދު ހުއްޓުނުގޮތަށް ބާޒިލްއަށް ބަލައިލިއެވެ. ދެލޯ ކައިރިން ކަރުނައިގެ އަސަރު އެއްކޮށް ނުފިލައެވެ. ބާޒިލް އިނީ ހިމޭންވެފައެވެ. އެއްވެސް މީހަކު ދައްކާ ވާހަކައެއް އޭނާއަށް ނީވޭ ކަހަލައެވެ. މަރުވެފައި އިން މައްޔިތެކޭ ބާޒިލް އެކޭ ތަފާތެއް ނެތެވެ. ކައިރީގައި އިނދެ ރޮމުން ދިޔަ މައުސޫމާ ބާޒިލްގެ ޒަހަމްތަކަށ ްލުޔެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
"ހޮސްޕިޓަލަށް ގެންދަންޖެހޭނެ. ބަލާބަލަ އިނގިލިތައް" އައްޒާމް ބުންޏެވެ.
މައުސޫމަ ބަލައިލިއިރު ވައަތުގެ ތިން އިނގިއްޔެއް ވަނީ ލެއިން ޗަސްވެފައެވެ.
"މެލެކްމިރޭ މާލެ ފުރާނެ. އެވާހަކަ ބުނަން އަހަރެން ބޮޑުމީހާ އާ ބައްދަލުކުރީ. އޭގެފަހުން މިކަމެއް މިވީ" އައްޒާމް ބުންޏެވެ.
މައުސޫމާ އާއި ޒިޔާދު ކަރުއެލުވާލިއެވެ. މެލެކް އެފަދަ ފިޔަވަޅެއް އެޅީ ހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް އާއިލާ ދޫކޮށްލާފައި ދާން މެލެކް ނިންމީ ހެއްޔެވެ؟ މިހާރު އޭނާއަށް ވިސްނިއްޖެއެވެ. ބާޒިލްއަށް އެހާވަރެއް އެވީ އެ ހަބަރު ލިބުމުންތާއެވެ.
"ޔާ ﷲ. މިއަޅާގެ މި ދަރިއަށް ކެތްތެރިކަން މިންވަރު ކުރައްވާށި" މައުސޫމާ ދުއާކޮށްލިއެވެ.
"މިއީ ނިމުމެއްނޫން. ބައްޕަ ކިހާވަރަކަށް ވިސްނައިދިނިން. ކަމެއްވާއިރަށް އިންސާނާގެ ހޭބުއްދި ފިލައިގެން ދާވަރަށް ވިސްނާކަށް ނުޖެހެއޭ. މެލެކް ނިންމީ މާލެ ދާން. ބާޒިލްގެ ކިބައިން ވަރިވެގެން މުޅި އުމުރަށް ވަކިވެގެންދާކަށް ނޫން. ދުލުން ހާމައެއް ނުކުރޭ. އެކަމަކު ބައްޕައަށް އެނގޭ މެލެކް ބޭނުންވަނީ ވަގުތުކޮޅެއް. އަހަރެމެން ހިނގާ އެވަގުތު މެލެކްއަށް ދީފަ އިހަށް ދުރުގަ ހުންނަން. މުސީބާތުގެ ވަގުތުގައި ތިގޮތަށް އަމިއްލަ ނަފްސަށް ގެއްލުންދީގެން އަމިއްލަ ނަފްސު ވައްޓާއެލެވެނީ ފާފައެއްގެ ތެރެއަށް. ކެތްތެރިވާން އެކަލާނގެ އަންގަވާފަ އޮންނަނީ. މާޒީގައި ކުރެވިފަ އޮތް ކަމެއް ވިއްޔާ އެއީ އެއްވެސް އިންސާނަކަށް ބަދަލުކުރެވޭނެ ކަމެއް ނޫން. އޭރުގަ ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވެފަ ހުއްޓަސް އެންމެންވެސް ގަބޫލުކުރޭ ދަރިފުޅު މެލެކްދެކެ ލޯބިވާވަރު. ދިރިއުޅެން ބޭނުންވާވަރު" ބާޒިލް ގާތުގައި އިށީނދެގެން އިން އައްޒާމް ބާޒިލްއަށް ވިސްނައިދެމުން ދިޔައީ އުފަން ދަރިއަކަށް ވިސްނައިދޭނެހާ ލޯބިންނެވެ. އިސްޖަހައިގެން އިން ބާޒިލްގެ ތުންފަތާއި ބުރަކަށީގައި ހަލާކުވެފަ ހުރި ތަންތަނުގައި މައުސޫމާ އައިސް އަޅަމުން ދިޔައިރު އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ.
****
ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށް މެލެކް ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ބުރުގާ ބޮލަށް މަހާލިއެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ރައްޔާނެވެ. ރައްޔާނުގެ އަތުގައި ހުރި ތަށީގައި މުޑި ހުއްޓެވެ. އެއީ މެލެކްއަށް މީރު އެއްޗެއްކަން އެނގޭތީ ޑިއުޓީ ނިންމާފައި އައި އިރު އޭނާ އައީ ސްޓޭޝަނަށް މީހަކު ގެނެސްފައި ހުރި މުޑި ކާށި ތަކުން ބައެއް ކާށި ހިފައިގެންނެވެ.
"ޔާނު ތަ؟ އާދޭ އެތެރެއަށް" ދޮރު ބޮޑަށް ހުޅުވާލާފައި މެލެކް އެތެރެއަށް ހިނގައިގަތެވެ. އޭނާ ކޮޓަރީގެ އޭސީ އޮފްކޮށްލާފައި ފަންކާ ޖަހާލިއެވެ.
"މިއީ މެލީއަށް" ރައްޔާނު މުޑި ތަށި މެލެކްއަށް ދިއްކޮށްލިއެވެ.
ތަށީގައި މެލެކް ހިފިއެވެ. އެނދުގައި އީށީނދެފައި އޭނާ ހެޑްބޯޑުގައި ލެގިލިއެވެ. އުނގުމަތީގައި ތަށި ބެހެއްޓިގޮތަށް އޭނާ އެތިކޮޅެއް އަނަގއަށް ލިއެވެ.
"ތެންކިޔު ފޯ ދިސް" މެލެކް ބުންޏެވެ.
ރައްޔާނު ހީލިއެވެ. ފާރު ކައިރީގައި ބަންދުކޮށްފައި ހުރި ފޮއްޓަށް ރައްޔާން ބަލައިލިއެވެ. އޭނާ ދެން ބަލައިލީ މެލެކް އަށެވެ. މެލެކްގެ ނިންމުމަށް ފާޑު ކިޔާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެފަދަ ނިންމުމެއް މެލެކް ނިންމީތީ އޭނާ ދެރަވެއްޖެއެވެ. ނުދާށޭ ބުނަން ބޭނުންވިޔަސް އެވަރުގެ ހައްގެއް އޭނާއަށް ލިބިގެން ނުވާކަން ހަނދާންވެފައި އެއްޗެއް ނުބުނެއެވެ.
"ޔާނު އަހަންނަށް ސިއްރުކުރީ ކީއްވެ؟ ކީއްވެ އަހަރެން ކައިރީގަ ތެދަށް ނުބުނެވުނީ؟" މެލެކް ބުންޏެވެ.
ރައްޔާނު ތެޅިގަތެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ހީވީ މެލެކްގެ ކުރިމަތީގައި އޭނާގެ ހިތް ބޭޒާރުވެގެން ދިޔަހެންނެވެ. ފާއިތުވެގެން ދިޔަ މަދު ވަގުތުކޮޅުގެ ތެރޭގައި އޭނާއަށް އެފަދަ އެއްޗެއް ބުނެވުނުތީ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.
"އަހަރެން... ސޮރީ... ކިހިނެއް ބުނާނީ؟" ރައްޔާނު ބުންޏެވެ.
"އަހަރެން ގަބޫލުކުރަން އަހަރެން ހުރީކީ މީހަކު ބުނާހާ އެއްޗެއް ގަބޫލުކުރެވޭ ހާލަތެއްގައެއް ނޫންކަން. އެހެންވެ ޔާނު ނުބުނީ. ޔާނު ނިކަން ބުނެބަލަ. އަހަރެން ގޯސް ތަ؟ އަޅެ ތެދަށް އަހަރެން ކައިރީގަ ބުނެބަލަ. އަހަރެން ކަންތައް މިކުރީ ގޯސްކޮށްތަ؟ އަހަރެން ބަނޑުބޮޑުވެ ވިހޭ ހަނދާނެއް ނުވޭ. އެކަމަކު ބާޒިލްގެ ކަމެއްވިއްޔާ ހަނދާން އެބަހުރި. ބުނެބަލަ... އަހަރެން ވީ ބާޒިލް އާއެކު އުޅެންތަ؟ އަހަރެން ހުރިހާ ކަމެއް ހަނދާންވީމަވެސް އެއްޗެއް ނުބުނެ ހުންނަންވީތަ؟ އޭރު އަހަރެންގެ ލޯތްބަށް ބާޒިލް ނުކުރި ގަދަރެއް މިހާރު ކުރާނެތަ؟ މިހާރުވެސް ސާރާ އެބައުޅޭ. ބާޒިލްގެ ކުރިމަތީގަ. އެއީ ބާޒިލްގެ ޒަމާންވީ ލޯބިވެރިޔާ. އަހަރެންގެ ވަތާފެރި ތެދުވެރި ލޯބީގަ ބާޒިލް ކޮޅުފައިންޖަހާ ކޮންމެ ސިކުންތެއް އަހަރެން ހިތުގައި ޖެއްސުމުގަ ބާޒިލް ހޭދަކުރީ ސާރާގެ ހައްގުގަ. ބާޒިލްގެ ހިތުން ސާރާއަށް ދިންފަދަ މަތިވެރި ދަރަޖައެއް އެހާ ފަސޭހައިން އަހަންނަށް ދީފާނެތަ؟ އަހަންނަށް ހަމަ ގަބޫލުކުރަން އުނދަގޫ. ވެދާނެ އަހަރެންގެ ހިތް ނިންމި މި ނިންމުމަކީ އެހާ ހަމަޖެހޭ ނިންމުމެއް ނޫންކަމަށްވެސް. އެކަމަކުވެސް މިހުރިހާ ކަމަކުން އަރައިގަންނަން އަހަރެން ވަގުތު ބޭނުން. ކިހާ ދުވަހެއް ކަމެއް ނޭނގޭ. އަހަރެންގެ ސިކުނޑިއަށް ކުރާ ބާރާއި ހިތަށް މިކުރާ އަސަރު އެނގޭނީ އަހަންނަށް. އަހަންނަށް އެނގޭ އަހަރެންގެ މި ނިންމުމުގެ ސަބަބުން މަންމަ އާއި ބައްޕަ ހިތްހަމަނުޖެހޭކަން. އެންމެން ރުހޭ ގޮތަކަށް އުޅެގެން އަނިޔާ ކުރިންވެސް ލިބުނީ އަހަރެންގެ ހިތަށް. މިފަހަރު އެހެންވާކަށް ބޭނުމެއްނޫން.... "
މެލެކްއަށް ރޮވިއްޖެއެވެ. ހުއްޓާލަންވެސް އޭނާއަށް ދަތިވެއްޖެއެވެ. ރައްޔާނު މެލެކްގެ އަތުގައި ހިފަހައްޓާލިއެވެ. އެގޮތަށް މެލެކް ރޯތަން ފެނުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ. ދެންމެ މެލެކް ފާޅުއެކުރީ އޭނާގެ ހިތުގެ އިހުސާސްތަކެވެ. އެދެއްކީ މުޅިއަކުން ދޮގުވާހަކަތަކެއްވެސް ނޫނެވެ. މެލެކްގެ އެ ނިންމުމަށް އެންމެން ރުހެންޖެހޭނެއެވެ. ދިރިއުޅުމަށް ކުއްލިއަކަށް ބިންދާލި ރާޅުގެ ސަބަބުން މަރާ ހަނގުރާމަ ކުރީ މެލެކްއެވެ. ހުރިހާ ކަމެއް ހަނދާންވެގެން ދިޔައިރު އަނެއްކާވެސް އަނެއް ރާޅު ބޯމަތިން ހުރަސްކޮށްފިއެވެ. ބާޒިލްގެ ބޭވަފާތެރިކަން މެލެކްއަށް ބަލައިނުގަނެވުނީ އޭނާގެ ސިކުނޑީގެ ބަލިކަށިކަމުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އޭރުގައި މެލެކް ކެތްތެރިވީ މިންވަރު އެނގޭނީ މެލެކްއަށެވެ. ހަލާލު ފިރިމީހާ ހިލޭ އަންހެނެއްދެކެ ލޯބިވާ މަންޒަރު ބެލުމަކީ ބުއްދި ސަލާމަތުން ހުރި އެއްވެސް އަންހެނަކަށް ރުހުންދެވޭނެ ކަމެއް ނޫނެވެ. ބަލި އެނދުގައި އޮށޯތުމާ ހަމައަށް އެއީ މެލެކް ބަރުދާސްތުކުރި ހިތްދަތިކަމެވެ.
"ވަރަށް ދެރަވޭ އެންމެން އަހަރެން ކުއްވެރިކުރާތީ" ރުއިމުގެ ތެރެއިން މެލެކް ބުންޏެވެ.
"ސްޓޮޕް އިޓް މެލީ... މެލީ ތިހެން ރޯތަނެއް އަހަންނަކަށް ނުބެލޭނެ. އެކަކުވެސް މެލީ ކުއްވެރިނުކުރޭ. މާބޮޑަށް ހިތުގައިޖެހިފަ އިނީމަ ތިގޮތަށް ހީވަނީ" ރައްޔާން ބުންޏެވެ.
އެހެންމީހުންނަށް އަޑުއިވޭނީ މެލެކް ދައްކާ ވާހަކަތަކެވެ. އެ ހިތުގައި އަޅަމުންދާ ވޭނެއް ވިސްނާ ވިސްނުންތަކާއި ފިކުރުތަކެއް އެހެން އެއްވެސް މީހަކަށް އިހުސާސެއް ނުވާނެއެވެ. މިއީ އެންމެންގެ އެހީތެރިކަން މެލެކްއަށް ދޭންޖެހޭ ވަގުތެވެ. ފިކުރުތަކުން މެލެކް ނެރެދީ އެހިތަށް ލުއިކޮށްދޭންވީ ވަގުތެވެ. މެލެކްގެ ނިންމުމަށް އިހުތިރާމްކޮށް ހިތްހަމަޖައްސައިދޭންވީ ވަގުތެވެ.
"އަހަރެން ސަތޭކަ ޕަސެންޓް ތާއީދުކުރަން މެލީ. ތިކަމާ އެވަރަށް ނުވިސްނާ. މެލީ ކޮންމެ ނިންމުމެއް ނިންމިޔަސް އެއީ އެހެންމީހަކު ބެހެންޖެހޭ ކަމެއްނޫން" ރައްޔާނު ބުންޏެވެ.
"ތެދެއް ބުނަންތަ؟" ކަރުނަވީ ދެލޮލުން މެލެކް ރައްޔާނަށް ބަލައިލިއެވެ. ދެން އެއްއަތުން ލޯކައިރި ފޮހެލިއެވެ.
"އަހަރެން ބާޒިލްދެކެ އަދިވެސް ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ވަރަށް މިސްވޭ. އޭރުވެސް ހަގީގަތުގަ ހުރިހާ މަންޒަރެއް އަހަރެން ބެލީ ލޯބިވާވަރުން. އެކަމަކު ލޯތްބަކީ ހުރިހާ ކަމެއްގެ ހައްލެއްނޫން. އަންހެންމީހާ އަބަދު ގުރުބާންތަކެއް ވާކަށް ނުޖެހޭ. ލޯބިވިޔަސް އަހަރެން މިހުރީ އެހާ ފަސޭހައިން ބާޒިލް ގާތްކުރާ ގޮތަކަށްނޫން..." މެލެކް ބުންޏެވެ.
ރައްޔާނު ބޯޖަހާލިއެވެ. މެލެކްއަށް ހިތްވަރުދިނެވެ. ރަހްމަތްތެރިޔާގެ ހައިސިއްޔަތުން އޭނާގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ދިނެވެ.
"މެލީ އެކޮޅަށް ގޮސް ހަމަޖެހުނީމަ އޭނަ ފޮނުވާނަން އެނގޭ މީޓުކޮށްލަން" ރައްޔާނު ބުންޏެވެ.
ކަރުނަތަކާއެކު ރައްޔާނަށް މެލެކް ބަލައިލިއެވެ. ރައްޔާން އިނީ ހެވިފައެވެ. ރައްޔާނު އެބުނީ ކާކުގެ ވާހަކަތަކެއްކަން މެލެކްއަށް އެނގުނެވެ. ތުންފަތަށް ހިނިތުންވުމެއް މެލެކް ވެރިކޮށްލިއެވެ. ދެއަތުން ދެލޯ ކައިރޮ ފޮހެލިގޮތަށް އެ ހިނިތުންވުން އިތުރަށް ފުޅާކޮށްލިއެވެ.
(ނުނިމޭ)