ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 24

1

''ދަރިފުޅުގެ ޖަވާބަކީ ކޮބާތަ؟...'' މެހެރުއްނިސާއަށް އަހާލެވުނެވެ. އެންމެން ތިބީ އައިރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ވަގުތު ދިގުލާން ފެށިއެވެ.

އައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ނިންމުން ހާމަކުރަން ދޫހަރަކާތްކޮށްލިއެވެ.

''ޒާންއަށް އެނގެން ބޭނުން...'' ހިތްވަރުކޮށްލަމުން އައިރާ ބުންޏެވެ.

މުސްތަޤުބަލުގައި ވެދާނެ ގޮތެއް ލަފާކޮށްލުމަކީ ނާދިރުކަމެކެވެ. ކެންސަރުގެ ބަލިމަޑުކަމުން އުފައްދާލި ހައިޖާންގަނޑުގައި އޭނައަށް ވަނީ ގޯސްތަކެއް ހެދިފައެވެ. ޒޯހަންއަށް ހަޤީޤަތް ސިއްރުކުރަން އޭނަ ބޭނުންވީ އޭނަގެ ބަލި ހާލަތުން ޒޯހަންއަށް ހިތާމަތަކެއް ލިބިގެން ގޮސްފާނެތީއެވެ. މަރުބައްޔަކަށް ކެންސަރުވެ ދުނިޔެއަޅާދާ މަންޒަރު ޒޯހަންއަށް ފެންނަން އޭނަގެ ޒަމީރު ދެކޮޅު ހެދީތީއެވެ. ވަކިހިއްޕާލި ބިރުވެރިކަމުން އޭނަގެ ވިސްނުމުގެ މައްޗަށް ބާރުފޯރުވީއެވެ. އެކުގައި ކުރި އަހުދާއި ވައުދުތަކަށް ފުރަގަސްދެވުނެއެވެ. އޭނައަށް ވިސްނާނުލެވުނީ ވަކިވުމުގެ ވޭން އެއަށްވުރެން ބޮޑުވެގެން ގޮސްފާނެ ކަމެވެ. މޭގައި އުފެދިފައިވި ނުފިލާ ރިހުމުން ވެސް އެކަމަށް ހެކިދެއެވެ. ޒޯހަންގެ ހާލަކީ ކޮބާ ހެއްޔެވެ؟ ކުރެވުނު ކަންތަކަށް ފަހުގައި ޒޯހަންގެ ލޯބި އޭނައަށް ހައްޤު ހެއްޔެވެ؟

ވަހުމުން އުފެދިގެން ގޮސްފައި އޮތް އަނދިރިކަމުގެ ތެރޭގައި ނަފުސު ދޫވެގެން ދިއުމުގެ ފުރުސަތެއް އައިރާ ނުދިނެވެ. މެހެރުއްނިސާގެ ވާހަކަތަކުން އުއްމީދުގެ ހުޅުކޮޅެއް ރޯވެގެން ގޮސްފިއެވެ. ގެއްލިގެން ދާނެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އަމުދުން މިހާރު ރަނަށް ވުރެން ވަގުތަކީ އަގުބޮޑު އެއްޗަކަށް ވެއްޖެއެވެ. އޭނަގެ އަޒުމު ވަރުގަދަވާން ފެށިއެވެ. ދިރިހުންނަން ނޭވާއަށް ބޭނުންވާ އުސޫލުން ޒޯހަންގެ ލޯބި އޭނަ ބޭނުމެވެ. އެލޯބި ހާސިލްކުރަން ކޮންމެ އިމްތިހާނަކާއި ވެސް އޭނަ ކުރިމަތިލާނެއެވެ. ކަރުނައާއި ހިތްދަތިކަމުގެ ހިޔަނީގެ ތެރެއިން ނިކުމެވުނު ކަހަލައެވެ. މި ދުނިޔޭގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ޒޯހަންއާއި އެކުގައި ހޭދަކޮށްލަން ލިބުނަސް އޭނަ އެގޮތާއި ރުހި ޤަބޫލުވާނެއެވެ. ޒޯހަންއާއި ވަކިވާން ހިތަށް މަޖުބޫރުކުމުން ލިބިގެން ދިޔަ ވޭން އިތުރަށް ބަރުދާސްތުކުރެވޭނެހެނެއް ހިޔެއް ނުވެއެވެ.

''އެންމެ ރަނގަޅު، ތިއީ ދަރިފުޅުގެ ފަހުގެ ނިންމުންކަމުގައި ވަނީނަމަ މާމަ ޒާންއާއި ވާހަކަދައްކާނަން، ދަރިފުޅު އެއްވެސް ކަމަކާއި ކަންބޮޑުނުވައްޗޭ، ހުރިހާ އެންމެން މިތިބީ ދަރިފުޅާއި އެކުގައި...'' އައިރާގެ އަތުގައި ފިރުމާލަމުން މަހެރުއްނިސާ ވާހަކަދެއްކިއެވެ. އައިރާގެ ނިންމުން އަޑު އިވި، ސިކުނޑިއަށް ވެރިވި ނުތަނަވަސްކަމާއި ދުރުވެލަން ފުރުސަތު ލިބުނެވެ. އެދަނޑިވަޅުގައި ދުޢާގެ މުހިންމުކަން އައިރާއަށް މެހެރުއްނިސާ ހަނދުމަކޮށްދިނެވެ. ކެތްތެރިވެ މާތްﷲއަށް ދުޢާ ދެންނެވުމުން ވެނާއި ހިތާމަތައް ލުއިވެގެންދާނެކަން ބުނެދިނެވެ. ހިނދުކޮޅަކަށް ވެސް މާތްﷲގެ ރަހުމަތުން އުއްމީދުކަނޑާނުލުމަށް ބުނެލީ އަސަރާ އެކުގައެވެ. މާތްﷲއީ މުއުމިނުންގެ ދުޢާތައް އައްސަވައިވޮޑިގެންވާ ރަހުމަތްވަންތަ ރަސްކަލާނގެއެވެ.

މެހެރުއްނިސާއަށް ދުޢާކުރެވުނީ އައިރާއަށް ދުޅަހެޔޮ ސިއްހަތެއް މިންވަރުކޮށްދެއްވުމަށް އެދިއެވެ.

''އަރޫގެ ޓެސްޓްތަކުގެ ނަތީޖާ ބަލައިލަން ލިބިދާނެތަ؟... އަހަރެން ބޭނުން ހޮސްޕިޓަލުގެ ސީނިއާރ ނިއުރޯސާޖަންއާއި އޮންކޮލޮޖީ ސްޕެޝަލިސްޓަށް ރިޕޯޓްތައް ދައްކާލަން...'' ދައުސް ވާހަދެއްކީ ބަސީލްއާއެވެ. އައިރާގެ ބަލިހާލަތުގެ ހުރިހާ މަޢުލޫމާތެއް އެނގެން ދައުސް ހުރީ ބޭނުންވެފައެވެ. އައިރާއަށް އެންމެ ރަނގަޅު ފަރުވާ ލިބޭނެ ގޮތަކާއި މެދު އޭނައަށް ވިސްނުން ހިނގާލިއެވެ. ހޮސްޕިޓަލުން ލިބެން އޮތް އެންމެ މޮޅު ފަރުވާ އައިރާއަށް ހޯދައި ދިނުމަށް އަވަސްވެގަތެވެ. އެކަމުގެ ވަސީލަތްތައް ވެސް އެބަހުއްޓެވެ. އައިރާގެ ޓެސްޓްތައް ހަދަން ހޮސްޕިޓަލުގެ އިސްވެރިންނަށް ގުޅައި މިނެޓްތަކެއްގެ ތެރޭގައި ހުރިހާ އިންތިޒާމެއް ދައުސް ހަމަޖައްސައިފިއެވެ.

ބަސީލްގެ ނަޒަރު ހުއްޓުނީ ޤަމަރަށެވެ. ބޯޖަހައިލަމުން ޤަމަރު ކޮޅަށް ތެދުވުނެވެ. އޭނަ އަވަސްވެގަތީ އައިރާގެ ކޮޓަރިއަށް ދިއުމަށެވެ. ދައުސް އެދުނު ރިޕޯޓްތައް ގެނެސްދޭށެވެ.

ޤަމަރު ދިއުމުން އައިރާގެ ގާތުގައި ރިސާލާ އިށީނެވެ. މާޔޫސްކަން ހިނިތުންވުމެއްގެ ފަހަތުގައި ސިއްރުކުރަމުން ލޯތްބާއެކު އައިރާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލިއެވެ. އެވަގުތު ރިސާލާއަށް އައިރާ ބަލައިލިއެވެ. އައިރާގެ ދެލޮލުން ކަރުނަ ފާޅުވުމާއެކު، ކަރުނަ ފޮހެލަމުން ނުރޯށޭ ބުނުމުގެ ގޮތުން ރިސާލާ ބޯހޫރާލިއެވެ. އައިރާއަށް ކުރި ފުން އަސަރާއެކު ރިސާލާގެ ގައިގައި ބައްދާލެވުނެވެ.

އެންމެންގެ ފަރާތުން ލިބުނު ލޯބިން އައިރާގެ ހިތުގައި އަޅަމުން ދިޔަ ވޭން ލުއިވެގެން ދިޔައެވެ. އޭރު ބޮލުގެ ރިހުން ފަނޑުވާން ފަށިއިފިއެވެ. އޯގާތެރިކަމުގެ ބަސްތަކުން ރޯވެގެން ދިޔަ އުއްމީދުގެ ހުޅުކޮޅަށް އިތުރު އަލިކަމެއް ލިބިގެން ދިޔައެވެ.

ރިޕޯޓްތައް އަޅާފައި އޮތް ފައިލު ގެެނެސް ދައުސްގެ އަތަށް ޤަމަރު ދިއްކޮށްލިއެވެ. ފައިލު ހިފައިގެން ދައުސް އިށީނީ ވަކިން ހުރި ސޯފާ ގޮނޑީގައެވެ. އެންމެފަހުގެ ރިޕޯޓްތައް ބަލަމުން އޭނަ ފޯންކޯލެއް ވެސް ކޮށްލިއެވެ. ފޯނުކޯލް ނިމެންދެން އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ ދައުސް އަށެވެ.

ކަންބޮޑުވެފައި ހުރި ޤަމަރުގެ ގޮނޑުގައި ހިފާ ބަސީލްއަށް ކައިރިކޮށްލެވުނެވެ. އަދި ޤަމަރުގެ ހިކަނދިމަސްގަނޑުގައި ފިރުމާލިއެވެ. ޒޯހަންގެ ޢާއިލާގެ ފަރާތުން އައިރާއަށް ލިބެމުން ދިޔަ ލޯތްބާއި އޯގާތެރިކަން ފެނި، ޤަމަރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އައިރާއަށް ވިސްނައިދޭން ބޭނުންވީ ވެސް އެސަސަބާ ހުރެއެވެ. މިއުނދަގޫ އިމްތިހާނުގައި، އައިރާގެ ގާތުގައި ސާބިތުކަމާއެކު ތިބޭނެ ޢާއިލާގެ މެންބަރުންގެ ލޯބިން އުއްމީދު ލިބިގެންދާނެތީއެވެ. ހަމައެއާއެކު ޒޯހަންގެ ލޯބިން އައިރާގެ އުދާސްތަކަށް ލުޔެއް ވެސް ގެނެސްދޭނެތީއެވެ. ދިމާވެދާނެ ކޮންމެ ފަދަ ހާލަތެއްގައި ވެސް އައިރާގެ ގާތުގައި ޒޯހަން ހުންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަޑިގުޑަންތައް ދިގު ރާސްތާގައި އައިރާއަށް ޒޯހަން ސާބިތުކަން ހޯދައިދޭނެއެވެ. ވަގުތު ފާއިތު ނުވަނީސް އައިރާއަށް ހެޔޮ ވިސްނުން ލިބުނީތީ މާތްﷲއަށް ހަމްދުކުރެވުނެވެ.

''ދަރިފުޅާ، ބައްޕަ ބޭނުން އިތުރު ޓެސްޓްތަކެއް ހަދާލަން، އެއަށްފަހު ޑޮކްޓަރ ކިރަން ފަރުވާގެ ތަފުސީލުތައް ހިއްސާކުރާނެ، އެޓިޕިކަލް މެނިންގިއޯމަސް ޓިއުމާރއެއް ވީމަ ސާޖަރީއަށް ފަހު ރޭޑިއޭޝަން ތެރަޕީ ނެގީމަ ރަނގަޅުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ... ދަރިފުޅު އުމުރުން ހަނގުވެފަ ސިއްހަތު ރަނގަޅުވީމަ ސާޖަރީން ރިކަވާވާން ފަސޭހަ ވާނެ...'' ފޯންކޯލް ނިންމާލަމުން ބަސީލް އައިރާއަށް ބަލައިލިއެވެ. އުއްމީދު ލިބޭނެ ފަދައިން ދައުސް ވާހަކަދެއްކިއެވެ.

ދައުސްގެ ޖުމްލައާއެކު، ބަސީލްގެ އަތުގައި ޤަމަރަށް ހިފާލެވުނެވެ. އެއީ ޑޮކްޓާރ ނަވާޒް ވެސް ދިން ޖަވާބެވެ. ދައުސްގެ ފަރާތުން ވެސް އެވާހަކަތަކަށް އެއްބާރުލުން ލިބުމުން އިހުސާސްކުރެވުނީ ބާޔާންކުރަން ދަތި ހަމަޖެހުމެކެވެ. ޝައްކުތަކާއި ދުރުވެލެވުނެވެ.

''ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް، އެކަމަކު ދަރިފުޅު ހިތްވަރުކުރަން ވާނެ... ދަރިފުޅަށް އެންމެ ރަނގަޅު ފަރުވާ ލިބޭނެ ގޮތްތައް މާމަ ފަހިކޮށްދޭނަން، އިރާދަކުރެއްވިއްޔާ އެއްވެސް ކަމަކާއި ދަރިފުޅު ދެން ހާސްވާކަށް ނުޖެހޭނެ.....'' އައިރާގެ ބުރަކަށީގައި ފިރުމާލަމުން މެހެރުއްނިސާ ބުންޏެވެ.

''މެންދުރު ހޮސްޕިޓަލަށް ދާންވާނެ ޓެސްޓް ހަދަން، ސީޓީ ސްކޭނެއް ހަދާފަ ދެން ޑޮކްޓަރ ކިރަންއަށް ދައްކާލާނީ... ބައްޕަ ވެސް ހުންނާނަން...'' ދައުސް ބުންޏެވެ.

''ދަރިފުޅާއެކު މަންމަވެސް ދާނަން...'' ރިސާލާ ބުންޏެވެ. އައިރާގެ ގާތުގައި ހުންނަން ރިސާލާ ބޭނުން ވިއެވެ.

ރިސާލާގެ ހިތުން އައިރާއަށް ދެވިފައި އޮތް މަޤާމާއި މައިވަންތަކަމުގެ ލޯބި ފެނި ޤަމަރުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ.. އެފަދަ ނަސީބެއް އައިރާއަށް މިންވަރުކޮށްދެއްވުމުން މާތްﷲއަށް ހަމްދުކުރެވުނެވެ. އުދާސްކަމުގެ ބަނަ ވިލާތައް ފޫއަޅުވާލައި އުއްމީދުގެ ދޯދިތަކުން އާރޯކަން ގެނެސްދީފިއެވެ. ފިކުރުބޮޑުވެފައިވި ސިކުނޑިއަށް ހަމަޖެހިލަން ފުރުސަތު ވެސް ލިބިގެން ދިޔައެވެ.

*****

ޢަޞްރު ނަމާދުން ފައިބައިގެން ގެއަށް އައި ޒޯހަން އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އޭނަ ސިޑިން މައްޗަށް އަރަން އުޅުނު ވަގުތު ބޮޑުކޮޓަރިން މާމަގެ އަޑު އިވުނެވެ. ކުރިއަށް ދާން ފަސްޖެހުނު ޒޯހަން ފަސްއެނބުރި ބަލައިލިއެވެ. ސޯފާގައި އިން މާމަ އޭނައަށް ފެނުނީ ދެނެވެ. ގޭތެރެއަށް ސަމާލުކަން ދިނުމެއް ނެތި ބާރަށް ހިނގާފައި ކޮޓަރިއަށް ދާން އުޅުމުން މާމަ ބޮޑުކޮޓަރީގައި އިންކަން އޭނައަށް ފާހަގަ ނުކުރެވުނީއެވެ.

''އާދެބަލަ މާމަ ގާތަށް...'' ޒޯހަންއާއި ނަޒަރު ވަކިކުރުމެއް ނެތި މެހެރުއްނިސާ ބުންޏެވެ. ސޯފާގައި އަތްތިލަ ޖައްސާލަމުން އޭނަގެ ގާތުގައި އިށީނުމަށް ޒޯހަންއަށް އިޝާރާތްކޮށްލިއެވެ.

ލަސް ހިނގުމެއްގައި އައިސް މެހެރުއްނިސާގެ ގާތުގައި ޒޯހަން އިށީނެވެ. ޒޯހަންގެ މޫނުން ފެންނަނީ ހާސްކަމެވެ. އޭނަގެ ސުވާލުތައް އަމަޒުވެދާނެތީކަން މެހެރުއްނިސާއަށް ނަގައިގަނެވުނެވެ. ޒޯހަންއަށް ބަލަމުން އޭނަގެ ވާހަކަ ފަށާނެ ގޮތަކާއި މެދު މެހެރުއްނިސާއަށް ވިސްނާލެވުނެވެ. އެވާހަކަތަކުން ސިހުމާއި ހިތްދަތިކަން ޒޯހަންއަށް ލިބިގެންދާނެކަން ގައިމެވެ. ނަމަވެސް އެއިހުސާސްތަކުގެ ތެރޭގައި ނަފުސު ބަނދެވިގެން ދިއުމުގެ ފުރުސަތު ދެވެން ނެތްކަމާއި، ކެތްތެރިކަން އިސްކޮށް އައިރާގެ ހިތްވަރުކަމުގައިވުމަށް ޒޯހަންއަށް އޭނަ ވިސްނައިދޭނެއެވެ.

''މާމަ އަރޫއާއި ވާހަކަދައްކައިފިން...'' މެހެރުއްނިސާ ބުންޏެވެ. އެއާއެކު ޒޯހަންގެ ސަމާލުކަން މެހެރުއްނިސާއަށް ހުއްޓުނެވެ.

''މާމާ...'' ޒޯހަންގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. އައިރާއާއި މާމަ ބައްދަލުކޮށްފިކަން އެނގުމުން އެދެމެދުގައި ދެކެވުނު ވާހަކަތައް އެނގެން އޭނަ ބޭނުންވިއެވެ. ދެލޮލުން ބޭޤަރާރުކަން ވެސް ފާޅުވެއްޖެއެވެ. އައިރާގެ ހާލު އެނގެން ކެތްތެރިކަން ކުޑަވެފައިވާކަން ހާމަކޮށްދިނީ ވެސް ޒޯހަންގެ ދެލޮލުންނެވެ.

''މާމަގެ ވާހަކަަތައް ދަރިފުޅު ކަނުލާ އަޑުއަހައްޗޭ...'' މެހެރުއްނިސާ ބުނެލިއެވެ. ޒޯހަންގެ މޫނަށް ވެރިވެފައިވި ނުތަނަވަސްކަން އޭނައަށް ފާހަގަ ކުރެވުނެވެ.

''ކޮން ވާހަކައެއްތަ؟... މާމާ، އަރޫ ކިހިނެއްތަ؟... ރަނގަޅުތަ؟...'' މާމައާއި ދިމާއަށް ވީހާވެސް ބޮޑަށް އެނބުރިލަމުން ޒޯހަންއަށް ސުވާލުކޮށްލެވުނެވެ. އޭރު އޮބިނޯންނަ ވަރަށް މޭގައި ހިތް ތެޅެމުން ދިޔައެވެ. ވިންދުގެ އަޑު ދިޔައީ ކަންފަތުގައި ގުގުމަމުންނެވެ. މާމަގެ ޖަވާބު އައިސްދާނެ ގޮތް ލަފާކޮށްލަން ނޭނގި ހާސްކަމުގެ ކަފުނެއްގައި ބަނދެވުނެވރޭއްސުރެން ބޮލުގައި ނުފިލާ ހުރި ރިހުމުގެ އަސަރު ގަދަވެއްޖެއެވެ. މިއަދު އޮފީހަށް ސަލާން ބުނީވެސް ބޮލުގައި ރިއްސާވަރުންނެވެ.

''އަރޫ މިވަގުތު ވަރަށް ބަލިކޮށްއުޅެނީ...'' މެހެރުއްނިސާއަށް ބުނެވުނީ އެހިސާބަށެވެ. ޒޯހަންއަށް ލިބުނު ސިހުމާއެކު އޭނައަށް ހިމޭނުން ނީނދެވުނެވެ.

''މާމާ، އަރޫއަށް ކިހިނެއްވީތަ؟... އިޒް ޝީ އޯލްރައިޓް؟... ކޮންއިރަކުތަ މާމައާއި އަރޫ ބައްދަލުވީ؟...'' ޒޯހަންއަށް އަވަސްއަވަހަށް އަހާލެވުނެވެ. ސިކުނޑީގައި އުފެދުނު ހައިޖާނާއެކު މާމަގެ ޖުމްލަ ދޭހަކުރަންވީ މުސްތަހީލުކަމަކަށެވެ. ތަފާތު އެކި ދިމަދިމާއަށް ފިކުރުތަކުގެ މޫތަށް ދިރެން ފެށުމާއެކު ނޭވާލާން ވެސް އުނދަގޫވެއްޖެއެވެ.

''ޒާން...'' މެހެރުއްނިސާ ގޮވާލިއެވެ. ''މާމަގެ ވާހަކަ އަދި ނުނިމެޔޭ...''

''ސޮރީ...'' ޒޯހަން މަޢާފަށް އެދުނެވެ. މާމަ ވާހަކަދައްކަމުން ދަނިކޮށް އަދަބުއިހްތިރާމް ކުޑަކޮށްލެވުމުން ޒޯހަންއަށް އިސްޖަހާލެވުނެވެ. އައިރާގެ ހާލަތާ މެދު އުފެދުނު ސުވާލުތަކުން އުފަންވި ބިރުވެރިކަމުގެ ސަބަބުން ޖަޒުބާތުތައް ކޮންޓްރޯލް އުނދަގޫވީއެވެ.

''ޒާން، ފުންނޭވާއެއް ދޫކޮށްލަބަލަ...'' ޒޯހަންގެ ނުތަނަަވަސްކަން ފެނި މެހެރުއްނިސާއަށް ބުނެވުނެވެ. ޒޯހަންގެ ބުރަކަށީގައި ވެސް ފިރުމާލިއެވެ.

ހަށިފުރާ ދެތިން ނޭވާއެއް ޒޯހަން ދޫކޮށްލިއެވެ. އަަވަސްވެފައިވި ވިންދުތައް ހަމައަށް އަޅުވޭތޯ ވެސް ބެލިއެވެ. މާމާ ދައްކަން އުޅުނު ވާހަކަތައް އަޑުއަހަން އޭނަގެ ކެތްތެރިކަން ކޮޅުންލައިގެންދާ ހިސާބަށް ގޮސްފިއެވެ.

''މިހާރު ރަނގަޅު...'' ޒޯހަން އިސްއުފުލައިލިއެވެ. ''މާމާ...''

''ޒާންގެ ހުރިހާ ސުވާލުތަކަށް މާމަ ޖަވާބުދޭނަން، އެކަމަކު ދަރިފުޅު މާމައަށް ވަޢުދެއްވާންވާނެ، ހުރިހާ ކަމަކަށް ވެސް ދަރިފުޅު ކެތްތެރިވާންވާނެ...'' މެހެރުއްނިސާ ޝަރުތު ކަނޑައެޅިލިއެވެ. އެވާހަކަތައް އަޑުއިވުމުން ޒޯހަންއަށް ވެދާނެގޮތަކާމެދު އިންތިހާއަށް އޭނަ ކަންބޮޑުވިއެވެ. ނަމަވެސް ހަޤީޤަތް ސިއްރުކުރެވޭކަށް ނެތެވެ. ޒޯހަންއަށް އެނގުމުގެ ހައްޤު ލިބިގެން ވެއެވެ. އައިރާއަށް ވި ވަޢުދު ފުއްދަން ވެސް އެބަޖެހެއެވެ. މިދަނޑިވަޅުގައި ޒޯހަންގެ ލޯތްބާއި އަޅާލުން އައިރާއަށް ބޭނުންވެފައިވާ މިންވަރު އަންގައިދޭން މެހެރުއްނިސާ އަވަސްވެގަތެވެ.

މާމާގެ ޝަރުތުން ޒޯހަންއަށް އިތުރު ހާސްކަމެއް ލިބުނެވެ. އެކަމުގެ ލިސާންތައް މޫނުމަތިން ފާޅުވުމުގެ ފުރުސަތެއް އޭނަ ނުދިނެވެ.

''ވަޢުދުވަން، ކޮންމެ ފަދަ ކަމަކާއި ކުރިމަތިލާން ޖެހުނަސް ކެތްތެރިވާނަން...'' ޒޯހަން ޔަޤީންކަން ދިނެވެ.

''ދަރިފުޅާ، އަރޫ ވަރަށް ބަލިކޮށް އުޅެނީ، ޒާން ގާތު ބުނާނެ ގޮތެއް ނޭނގި ވަރަށް ބޮޑަށް ބިރުގެންފައި ހުރީ...'' މެހެރުއްނިސާ ބުނެދިނެވެ. ''ޝީ ހޭޒް ކެންސާ...''

ކަންފަތަށް އަޑު އިވުނު ޖުމްލައާއި އެކު ޒޯހަންގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. މެޔަށް ފިނިވެގެން ދިޔައީނުން މޫނުގެ ކުލަ ފަނޑު ވެއްޖެއެވެ. ހިނދަށްހިނދަކަށް ދިރުން ގެއްލެމުން ގޮސް މުޅިން ހެން މޫނު ހުދުވެއްޖެއެވެ. ސިހުމެއްގެ ތެރޭގައި ވަނިކޮށް މާމަ އޭނައަށް ގޮވާލިހެން ހީވިއެވެ. އޭނަގެ މުލައްދަނޑީގައި ފިރުމާލިކަމުގެ އިހުސާސް ވެސް ކުރެވުނެވެ. އެއިން އެއްވެސް ކަމަކަށް ޒޯހަންއަށް ސަމާލުކަމެއް ނުދެވުނެވެ. މީހާ އަރަގުވެގެން ދިޔަ ބިރުވެރިކަމުގެ ސަބަބުން އިތުރު ކަމަކަށް ސަމާލުކަން ދެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ވުޖޫދައަށް ލޮޅުންއަރައިގެން ގޮސްފިއެވެ.

ހިމޭންކަމުގެ ދުލުން ތަކުރާރުކޮށް އައިރާގެ ނަން ޒޯހަންއަށް ކިޔާލެވުނެވެ. އޭނައަށް ސިފަކުރެވެމުން ދިޔައީ ރޭގެ ބައްދަލުވުމުގެ މަންޒަރުތަކެވެ. އޭނަގެ ކުރިމަތީ އައިރާ އިސްޖެހިފައި ހުރި މަންޒަރެވެ. އަޑުގައިވި ރިހުމެވެ. ހަށިގަނޑުން ފާޅުވަމުން ދިޔަ ވަރުބަލިކަމެވެ. ހުރިހާކަމެއްގެ އަސްލު ނަގައިގަނެވުމުން ޒޯހަންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ.

''ޒާން...'' މާމަގެ އަޑު އަނެއްކާ ވެސް ޒޯހަންގެ ކަންފަތުގައި ގުގުމާލިއެވެ. ކަރުނައިގެ ފިނިކަން އިހުސާސްކުރެވުނު ހިނދު މާމަގެ މޫނަށް ޒޯހަން ބަލައިލިއެވެ. ޒޯހަންގެ ދެލޮލުން ފާޅުވަނީ އާދޭހެވެ. އެވާހަކަތައް ދޮގުކޮށް ދޭށޭ ބުނާ ކަހަލައެވެ.

ޒޯހަންއަށް އޭނަގެ މޭގައި ފިރުމާލެވުނީ ތޫނު ތަދެއްގެ އިހުސާސާއެކުގައެވެ. މުޅި ޖިސްމަށް އެވޭނުން ސިހުން ގެނުވިއެވެ. އެންމެބޮޑަށް ދެރަވީ އައިރާ ހުރި ނާޒުކު ހާލަތާއި، ޖެހިލުންވާނެ މިންވަރާއި، މާޔޫސްކަން ތަސައްވަރުކުރެވުމުންނެވެ.

''މާމާ، އަހަރެން އަރޫއާއި ބައްދަލުކުރަން ބޭނުން...'' ޖަޒުބާތުތަކުގެ މައްޗަށް ބުއްދި އިސްކުރަމުން ޒޯހަން ބުންޏެވެ. އައިރާގެ ގާތަށް ވަގުތުން ދާން ޒޯހަން ބޭނުން ވިއެވެ. ބަސީލް އޭނައަށް އެފުރުސަތު ނުދީފާނެތީ ހިތުގެ ރިހުން ގަދަވެއްޖެއެވެ. ރޭވެސް އޭނައަށް އައިރާއާއި ބައްދަލުކުރުމުގެ ފުރުސަތެއް ނުދިން ވިއްޔާއެވެ. ސިކުނޑީގެ ހާސްކަމާ ހުރެ ޒޯހަންއަށް ރަނގަޅަކަށް ނުވިސްނުނެވެ.

''އަރޫ ވެސް ހުރީ ޒާންގެ އިންތިޒާރުގައި...'' މެހެރުއްނިސާ ބުންޏެވެ.

''އަސްލުވެސްތަ؟...'' ޒޯހަންއަށް އަވަސްއަވަހަށް އަހާލެވުނެވެ. ކެތްތެރިކަން ކުޑަވެފައިވާ ހާލު މާމަގެ ޖަވާބަށް އިންތިޒާރުކުރެވުނެވެ.

''ހޫމ، ޒާންއަށް ހުރިހާކަމެއް ކިޔައިދޭން ބެނުންވީ ވެސް އަރޫ، ޒާންއާއި ކުރިމަތިލާން ނުކެރިފައި އަރޫ ހުރީ، ޒާންގެ ހިތުގައި ޖެއްސުނީތީ ވަރަށް ބޮޑަށް ދެރަވެފަ ހުރީ... ޒާން!، މިވަގުތު ދަރިފުޅު ޖެހޭނެ ކެތްތެރިވާން، އަރޫއަށް ދަރިފުޅުގެ ލޯތްބާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ، ތި ދެކިދިންގެ އުފަލަށްޓަކައި ވެސް ދަރިފުޅު ޖެހޭނެ ހިތްވަރުކުރަން، އެކަކު އަނެއްކަކަށް އަޅާލަން ވެސް ޖެހޭނެ، މީ ވަރަށް ނާޒުކު ވަގުތެއް، އަރޫ ހުންނާނީ ބިރުގެންފަ، އެކަމަކު އަރޫގެ ހިތަށް އުއްމީދު ގެނެސްދެވޭނީ ޒާންއަށް...'' މެހެރުއްނިސާގެ ވާހަކަތައް ކަނުލާ އަޑުއަހަން ޒޯހަން އިނެވެ. ލޮލުން ފޭބި ކަރުނަަތައް ފޮހެލެވުނެވެ.

''ހަޔާތުގެ ބައިވެރިޔަކަށް އަރޫ އިހްތިޔާރުކުރީ ކޮންމެ ފަދަ ހާލެއްގައި ވިޔަސް އެކުގައިވާން ވަޢުދުވަމުން، އަހަރެން ވަރަށް ބޮޑަށް އަރޫ ދެކެ ލޯބިވޭ... އެލޯބި އިމްތިހާނުކުރެވޭނެކަން ވެސް އެނގޭ... މާމާ، އަހަރެން ބޭނުން އަރޫގެ ގާތުގައި ވާން، ހިތްވަރު ދޭން، ލޯބި ދޭން... އަހަރެން ކެތްތެރިވާނަން، މީ މާމައަށް އަހަރެން ވާ ވަޢުދެއް...'' ސާބިތުކަމާއެކު ޒޯހަން ވާހަކަދެއްކިއެވެ. އައިރާ ދެކެ ވާ ލޯބީގެ ހައްޤުގައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޒޯހަން ހުރީ ތައްޔާރަށެވެ. އައިރާގެ ހުރިހާ ހިތާމަޔަކަށް ނިމުންގެންނަން އަތުކުރި އޮޅާލެވުނެވެ. އެރީތި ހިނިތުންވުންތައް އަނބުރާ ގެނެސްދޭނެ ކަމަށް އަމިއްލަ ނަފުސަށް ވަޢުދުވަމުންނެވެ.

ޒޯހަންގެ އަޒުމު ވަރުގަދައެވެ. ދެހިތުގެ މަންޒިލް ވަރަށް ސާފެވެ. ނޭނގެނީ ހަޔާތުގެ ސަމުގާ ގެންދާނެ ރާސްތާއެވެ. ނަމަވެސް އޭނަ އައިރާގެ އަތުގައި ހިފާނީ ކޮންމެ ފަދަ އިމްތިހާނަކާއި ކުރިމަތިލާން ގަސްދުކޮށްގެންނެވެ. ލޯތްބާއި، އޯގާތެރިކަމާއި ވަފާތެރިކަމުން އައިރާގެ އުއްމީދު އާލާކޮށްދޭނެއެވެ. އައިރާގެ ކަރުނަަތައް ފޮހެލަދޭނީ އޭނަގެ ކަރުނަތައް ސިއްެރުކުރަމުންނެވެ. އައިރާގެ ހިދުމަތުގައި ދުނި އުމުރު ހުރުން އެއީ އޭނަގެ ދުޢާ އެވެ. މިދުނިޔެއާއި އާހިރަތުގައި ވެސް އެދެވޭނެ ހަމައެކަނި ބައިވެރިޔަކީ އައިރާއެވެ.

''ދަރިފުޅުގެ ތި ސާބިތުކަންމަތީ އަބަދުވެސް ދެމިހުންނާތި...'' މެހެރުއްނިސާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ''ދަރިފުޅަކީ ދުރުވިސްނޭ ކުއްޖެއްކަން މިއަދު ސާބިތުވެއްޖެ، މާމަގެ ދުޢާއަކީ އަރޫއާއި ޒާންއަށް އުފާވެރި ދިރިއުޅުމެއް ލިބިގެން ދިއުން، ތި ދެކުދިން އުފަލުގައި އުޅޭނެ ދުވަސް ދެކިލަން މާމަ ހާދަހާ ބޭނުމޭ...''

''ދެން ގޮސްލިޔަސް އެންމެ ރަނގަޅުތަ، އަރޫގެ ގާތަށް ދާން ބޭނުން...'' ޒޯހަން އެދުނެވެ.

މެހެރުއްނިސާ ބޯޖަހާލިއެވެ. ޒޯހަން އަވަސްއަވަހަށް ކޮޅަށް ތެދުވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟