ވެއްޓެން ދިޔަ އައިރާ ފެނުމުން ބަސީލްއަށް ހުރެވުނު ތަނެއް ވެސް ނެގުނެވެ. ދުވެލާފައި ގޮސް އައިރާގެ ހިކަނދިމަސްގަނޑުގައި އޭނައަށް ހިފެހެއްޓުނީ ކިރިޔާއެވެ. އޭނަގެ އަތުގެ ތެރެއަށް ޚަބަރު ހުސްވެގެން އައިރާ ދެމުނެވެ. ޤަމަރުގެ ހަޅޭކުގެ އަޑު ހަތަރު ފާރުތެރޭގައި ގުގުމާލައިފިއެވެ.
''ބަސީލް!، އަރޫ ގެނެސް ސޯފާގަ ބާއްވަބަލަ...'' ފެނުނު މަންޒަރުން ދައުސްއަށް ލިބުނީ ނުތަނަވަސްކަމެވެ. އައިރާއަށް އެވަގުތު ދެވެން އޮތް އަވަސް ފަރުވާ ފޯރުކޮށްދޭން އޭނަ އަވަސްވެގަތެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުވެ.
ބަސީލްގެ އަތްދަނޑިމައްޗަށް އައިރާ އުފުއްލައިލަމުން ގެނެސް ސޯފާގައި ބޭއްވިއެވެ. އެންމެން ވެސް ސޯފާއިން ތެދުވަމުން އައިރާ ބާއްވަން ޖާގަ ހުސްކޮށްލިއެވެ. ރޮވެމުން ދިޔަ ޤަމަރުގެ ގާތަށް ރިސާލާ ދިޔައެވެ. އަތުލިފައިކޮށްލަމުން ހިތްވަރުލައިދޭން ވެސް ފެށިއެވެ. ރިސާލާގެ ގާތްކަމުން އަސަރުކޮށް އިތުރަށް ޤަމަރަށް ރޮވިއްޖެއެވެ.
ސޯފާކައިރިއަށް ކުރުފައިމައްޗަށް ތިރިވެލި ދައުސް އޭނަގެ އަތުގައި އޮތް ކުޝަން އައިރާގެ ފައިތިލަ ދަށަށް ލައްވާލިއެވެ. އަދި އައިރާގެ ނޭވާއާއި ހިތުގެ ވިންދު ވެސް ބަލައިލިއެވެ. އިރުކޮޅެއް ވަންދެން ޗެކްކޮށްލުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ.
މެހެރުއްނިސާއަށް އައިރާގެ ގާތަށް ޖެހިލެވުނެވެ. އައިރާގެ މޫނަށް އޭނަގެ ނަޒަރު ހުއްޓުމާއެކު ލިބުނު ސިހުމުގައި މެހެރުއްނިސާއަށް މޭގައި އަތްއަޅާލެވުނެވެ. އިސާހިތަކު ރުޅިވެރިިމުގެ ލިސާންތައް ބަދަލުވެގެން ދިޔައީ ކަންބޮޑުވުމަށެވެ. އައިރާއަށް އައިސްފި ބަދަލުތައް ފާހަގަ ކުރެވުނެވެ. ގިނަ އިރު ރުއިމުގެ ސަބަބުން ދެލޯ ވަނީ ދުޅަވެފައެވެ. ކޯތާފަތާއި ނޭފަތުން ވެސް ފާޅުވަނީ ރަތްކަމެވެ. މޫނުން އެކަނި ވެސް ކުރަމުން ދިޔަ ހިތާމަތައް ރަމްޒުކޮށްދިނެވެ. މެރިފައިވި އެސްފިޔަތަކުގައި އަދިވެސް އެކުލެވިގެންވަނީ ކަރުނައިގެ ތެތްކަމެވެ.
''އައިރާ...'' ދައުސް ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވާލި ފަހުން އައިރާ އެސްފިޔަތައް ތަޅުވާލިއެވެ. ޤަމަރު ވަގުތުން އައިސް އައިރާގެ މަގަތުން ސޯފާގައި އިށީނެވެ. ރިސާލާ ދުރުގައި މަޑުކޮށްލީ ޤަމަރަށް ފުރުސަތު ދިނުމަށެވެ. އޭނަ ވެސް ހުރީ އައިރާއަށް ވީގޮތުން ކަންބޮޑުވެފައެވެ. ދައުސްގެ މޫނަށް ރިސާލާއަށް ބަލައިލެވުނީ އައިރާގެ ހާލަތު އޮޅުން ފިލުވުމުގެ ނިޔަތުގައެވެ. ދައުސް ބޯޖަހާލީ ހުރިހާކަމެއް ވެސް ރަނގަޅޭ ބުނާ ފަދައަކުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ރިސާލާއަށް ދޫކޮށްލެވުނެވެ. އެހެނަސް މެޔަށް ފޭދުނު ބިރުވެރިކަން ފިލައިގެންދާ ގޮތެއް ނުވިއެވެ. އައިރާ އަނބުރައިގަތުމުގެ ފަހަތުގައިވި ސަބަބު އެނގެން އޭނަ ހުރީ ބޭނުންވެފައެވެ.
ލޯ ހުޅުވާލި އައިރާއަށް ވަށައިގެންވި މަންޒަރުތައް ފަހުމުވާން ވަގުތު ނެގިއެވެ. ކޮންމެ މަންޒަރެއް ވެސް ދެފަހަރަށް ފެންނަން ފެށުމުން ދެތިން ފަހަރު އެސްފިޔަތައް ތަޅުވާލެވުނެވެ. ފުރަތަމަ ވެސް އައިރާގެ ނަޒަރު ސީދާވެގެން ދިޔައީ ކަރުނުން ފުރިފައިވި މަންމަގެ ދެލޮލެވެ. ވިސްނައިގަންނަން އިރުކޮޅެއް ނެގިއެވެ. އެއާއެކު އައިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިޔަކަށް ތެދުވަން ހަދައިގެން އަނެއްކާ ވެސް އެނބުރުން އަރައިގަތެވެ.
''އަދި ތެދުވާކަށް ނުވާނެ... ރެސްޓް...'' ދައުސް ބުންޏެވެ.
އައިރާ އޮތީ ނިކަން މަޑުންނެވެ. ހަރަކާތެއްކޮށްލާކަށް ނުކެރުނެވެ. ނޭވާ ހިފަހައްޓާލުމާއެކު ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން އައިރާއަށް ބަލައިލެވުނެވެ. އޭނަގެ ނަޒަރު އެންމެފަހުން ހުއްޓުނީ މެހެރުއްނިސާ އަށެވެ. ކަރުނުން ދެލޯ ފުސްވެގެން ދިޔައީ ދެނެވެ. އިތުރަށް އޭނަގެ ބަލި ހާލަތު ސިއްރުނުކުރެވޭނެކަން ނަގައިގަނެވުމާއެކު އޭނައަށް ގިސްލެވުނެވެ. މަންމަގެ ގައިގައި ބައްދާލަމުން މޫނު ފޮރުވާލެވެނެވެ. އުދާސްތައް ސިއްރުކުރެވޭތޯއެވެ.
''އައިރާ...'' މެހެރުއްނިސާ ލޯތްބާއެކު ގޮވާލިއެވެ. އައިރާގެ ރުއިމުގެ އަޑުން އޭނަގެ ހިތް މަޑު ފުށްކޮޅަކަށް ބަދަލުވެގެން ގޮސްފިއެވެ. އައިރާގެ ކަރުނަތަކުން އެއްކަމެއް ސާފުވެގެން ދިޔައެވެ. ޒޯހަން ފަދައިން އައިރާ ވެސް އެދަނީ ހިތާމައިގެ ފުންކަނޑެއްގައި އަރަގު ވަމުންނެވެ. އަދި މިކަމާ ކުރިމަތި މިލެވެނީ ރަނގަޅު ނަޒަރިއްޔާތަކުން ނޫންކަން މެހެރުއްނިސާގެ ތަޖުރިބާކާރު ސިކުނޑިއަށް ވިސްނައިގަނެވުނެވެ. ހަޤީޤަތް ނޭނގި އައިރާ ގޯސްކުރެވުމުން މެހެރުއްނިސާ ދެރަވާ ގޮތް ވެއްޖެއެވެ. އޭނަގެ ވާހަކަތައް އައިރާއަށް އަޑު އިވިއްޖެކަން ރޭކާލުމުން މާޔޫސްކަން ލިބުނެވެ. ފިނި ހިތަކާއިގެން މިކަމާއި ކުރިމަތިލެވުނުނަމައެވެ.
''އަރޫ...'' ސޯފާގައި މެހެރުއްނިސާ އިށީނެވެ. އައިރާގެ ބުރަކަށީގައި މެހެރުއްނިސާ ފިރުމާލިއެވެ. އޯގާތެރިކަން އިހުސާސްކުރެވި އައިރާއަށް ބާރަށް ގިސްލެވިއްޖެއެވެ.
މަހެރުއްނިސާއަށް ބަލައިލެވުނީ ޤަމަރުގެ މޫނަށެވެ. އައިރާގެ ހިތާމަތަކާއި ގުޅިފައިވަނީ ޤަމަރު ދައްކަން އުޅުނު ވާހަކަތައްކަން އޭނައަށް ޔަޤީންކުރެވުނެވެ. އައިރާ ކުއްލިޔަކަށް ކޮޓަރިން ނިކުމެގެން އައީ ވެސް އެދަނޑިވަޅުގައެވެ. ބޮޑު ކަންތައްގަނޑެއްގެ ކޮޅުމަތި ފެންނަން ފެށި ކަހަލައެވެ. އައިރާގެ ގިސްލުންތަކުގައި ފަހަތުގައި ފޮރުވިފައި އޮތް ސަބަބު ދޭހަ ކުރެވުނެވެ. އައިރާގެ ރޮމުން ދިޔަ ރުއިމާއި އެމީހުންނާއި ކުރިމަތިލުމަށް ފަސްޖެހެމުން ދިޔަ މަންޒަރުތަކުން ހާމަކޮށްދެނީ ޒޯހަންއަށް އެހިތުގައި އޮތް ލޯތްބެވެ. އެލޯތްބާއި ވަކިވާން ދަތިވެފައިވާ މަންޒަރެވެ. މޭގައި ޅިޔައެޅި ޒަހަމްވަމުން ދިޔަ އިރުގައި ވެސް ސަޒާ ދެމުން އެދަނީ ކީއްވެގެން ހެއްޔެވެ؟ އައިރާގެ ނިންމުމުގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ސިއްރެއްވެއެވެ. އެސިއްރު އެނގިގެން މެނުވީ އައިރާ އަދި ޒޯހަންގެ ހިތާމަތަކަށް ނިމުން ގެނެވޭކަށް ނެތެވެ. ޒަހަމްތަކަށް ޝިފާ ލިބުމެއް ނެތެވެ.
''މާމާ، އަހަންނަށް މަޢާފްކުރޭ...'' ގިސްލަމުން އައިރާއަށް ބުނެވުނެވެ.
''ދަރިފުޅާ، މާމައަށް ބަލާބަލަ...'' މެހެރުއްނިސާ އެދުނެވެ. ހިތްވަރުދިނުމުގެ ގޮތުން އައިރާގެ ބޮލުގައި ވެސް ލޯތްބާއެކު ފިރުމާލިއެވެ.
އެތެރެއަށް ނޭފަތް ދަމާލަމުން މަންމަގެ އަތުގެ ހިމާޔަތުގެ ތެރެއިން އައިރާ ނިކުތެވެ. މެހެރުއްނިސާގެ އަޑުގައިވި އޯގާތެރިކަމުން ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ކަރުނަ ފޮހެލަމުން އިސްއުފުލައި މެހެރުއްނިސާގެ މޫނަށް އައިރާ ނަޒަރު ހުއްޓާލިއެވެ.
''ދަރިފުޅުގެ ހިތާމައިގެ ފަހަތުގައި ސަަބަބެއް ވާކަން މާމައަށް އެނގޭ، ނިކަން މާމައާއި ހިއްސާކޮށްބަލަ... ކޮންމެ ވާހަކައެއް ވެސް އަޑުއަހަން މާމަ މިހިރީ ތައްޔާރަށް...'' މެހެރުއްނިސާ ބުނެލިއެވެ. އައިރާގެ ހިތަށް ގޯނާކުރަމުން ދިޔަ ކަންތައް ހިއްސާކޮށްގެން މެނުވީ ލުޔެއް ނުލިބޭނެކަން ވިސްނައިދޭން މެހެރުއްނިސާ ވާހަކަދެއްކިއެވެ.
އައިރާ އިނީ ހިމޭނުންނެވެ. ދެޚިޔާލެއްގައިވާ ފަދައަކުން މެހެރުއްނިސާގެ މޫނަށް ވެސް ބަލައިލިއެވެ. ތިރީ ތުންފަތުގައި ދަތްއަޅާލަމުން، އައިރާއަށް އިސްޖަހާލެވީ އެވާހަކަތައް ދުލާ ހަމައަށް ގެންނާނެ ގޮތެއް ނޭނގުމުންނެވެ. އޭރު މުޅި މީހާއަށް ލިބިފައި ވަނީ ހާސްކަމެވެ.
''ދަރިފުޅު ބަލީތަ؟...'' މެހެރުއްނިސާއަށް އަހާލެވުނެވެ. ކުއްލިޔަކަށް އައިރާ އަނބުރައިގަތުމުން އުފެދުނު ސުވާލުތަކަށް ޖަވާބު ލިބޭތޯ އޭނަ އުޅުނެވެ.
އައިރާގެ ލޮލުން ފޭބި ކަރުނަ ތިކި ކޯތާފަތުގައި ރޮނގުދަމާލިއެވެ. އާހުގެ އަޑު އޮއްބަން އުޅުނަސް އޭނަގެ އިހުސާސްތައް އޭނައަށް ކެހި ދީފިއެވެ. މެހެރުއްނިސާގެ ޝައްކު ޔަޤީނަށް ބަދަލުވެގެން ދިޔައީ ދެނެވެ. އޭނައަށް އައިރާގެ އަތުގައި ބާރަށް ހިފާލެވުނެވެ. މޭގައި ބިރުވެރިކަމުގެ ބާނީތަކެއް އުފެދުނެވެ.
''ދެން އިތުރަށް ސިއްރުކުރަން މަންމައަކަށް ނުފެނޭ، ދަރިފުޅާ...'' ޤަމަރު ބުންޏެވެ. އައިރާއަށް ވިސްނައިދެވޭތޯ ޤަމަރު ވާހަކަދެއްކިއެވެ.
''ތެދެއް ދަރިފުޅާ...'' ބަސީލް ބުންޏެވެ. އައިރާ އަނބުރައިގަތުމުން ލިބުނު ނުތަނަވަސްކަން ފިލައިގެންދާ ގޮތެއް ނުވިއެވެ. އައިރާގެ ސިކުނޑިއަށް ވެރިވެފައިވި ހާސްކަމާއި ދުރުވެގެން މެނުވީ ކުރެވޭ ފަރުވާއިން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަން އޭނައަށް ރޭކާލައިފިއެވެ. އައިރާގެ ރޫހުގެ ދިރުމަކީ ޒޯހަން އެވެ. ޒޯހަންގެ ފަޅުކަމުން އައިރާ މަރުގެ ތުންފަތްމައްޗަށް ނެގުވަފާނެކަމުގެ ބިރުވެރިކަން އައިސް ބަސީލް ވަށާލިއެވެ. ޤަމަރު ދެއްކި ވާހަކައިގެ ތެދުކަން ވެސް އިހުސާސްކުރެވިއްޖެއެވެ.
''މާމަ މިހުރީ އަޑުއަހަންށޭ ދަރިފުޅާ، ބިރުނުގަނޭ......'' މެހެރުއްނިސާގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ. މަޑުމަޑުން އައިރާގެ އަތުގައި ފިރުމާލެވުނެވެ. އައިރާ އުފުލަމުން ދިޔަ ހިތާމަތައް ގާތުން ފެނި މެހެރުއްނިސާގެ ލޮލަށް ވެސް ކަރުނަ ގެނުވައިފިއެވެ.
''މާމާ.... އަހަރެން.... އަހަރެން ވަރަށް ބަލި... އައި ހޭވް ކެންސާ...'' އަޅައިގަންނަމުން އައިރާ އެންމެފަހުން ބުންޏެވެ. އެއާއެކު މުޅި މާހައުލަށް ވެރިވެގެން ދިޔައީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ. ދޫކުރަމުން ދިޔަ ލަސް ނޭވާގެ އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް ނީވެއެވެ.
ކަންފަތަށް އިވިގެން ދިޔަ ޖުމްލަ ޤަބޫލުކުރަން މެހެރުއްނިސާގެ އިތުރުން ރިސާލާއަށް ވެސް ފަސޭހައެއް ނުވިއެވެ. ދައުސްއަށް ވެސް ލިބުނު ސިހުމުގައި ދެލޯބޮޑުކޮށްލެވުނެވެ. އެހަޤީޤަތާ ކުރިމަތިލާން ދަތިވެފައިވާ މިންވަރު ކޮންމެ މީހެއްގެ މޫނުން ވެސް ހާމަކޮށްދިނެވެ.
''އަރޫ...'' އައިރާ ގެނެސް މޭގައި ޖައްސާލަމުން މެހެރުއްނިސާ ބުންޏެވެ. ލިބުނު ފުން ހިތާމައިގައި އޭނަގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ބިރުވެރިކަމުގެ ހައިޖާންގަނޑުގެ ތެރޭގައި ތެރޭގައި ނަފުސު ބަނދެވުމުގެ ކުރިން އޭނަ އަވަސްވެގަތީ އައިރާގެ ހިތާމަތަކަށް ލުޔެއް ހޯދައިދެވޭތޯއެވެ. ކެންސަރުގެ ހުރި ބިރުވެރިކަން ޚުދު އޭނަ ވެސް ވަނީ ގާތުން ތަޖުރިބާކޮށްފައެވެ. އޭނަގެ މަންމަގެ މަރު ބައްޔަކަށް ވެސް ވެގެން ދިޔައީ ކެންސަރެވެ. ހަމްދަރުދީން އޭނަގެ ދެލޯ ފުރިގެންދިޔައެވެ. އައިރާގެ މިޒާޖަށް އައިސްފައިވި ކުއްލި ބަދަލާއި ޒޯހަންއާއި ވަކިވާން ގަސްދުކުރި ސަބަބު ވެސް ހާމަވެގެން ދިޔައީއެވެ.
''ޒާންއާއި ވަކިވާން ބޭނުންވީ ދަރިފުޅު ބަލިކަން އެނގުނީމަތަ؟...'' މެހެރުއްނިސާއަށް އަހާލެވުނެވެ. ވާހަކަދައްކަން އުނދަގޫވުމުން އައިރާއަށް ބޯޖަހާލެވުނީއެވެ.
''ދަރިފުޅާ، މާމަ މިބުނާއެއްޗެއް ކަނުލާ އަޑުއަހައްޗޭ...'' މެހެރުއްނިސާ އެދުނެވެ. ''މާމައަށް ނިކަން ބަލާބަލަ...''
ހިތްވަރުކޮށްލަމުން އައިރާ އިސްއުފުލައިލިއެވެ. ނޭވާ ހިފަހައްޓާލެވުނީ މެހެރުއްނިސާގެ މޫނުން ފެނުނު އަސަރުތަކުންނެވެ. ލޯތްބާއި އޯގާތެރިކަން އެދެލޮލުގައިވިއެވެ.
''ﷲގެ ރަހުމަތުން ދަރިފުޅު އުއްމީދުކަނޑާލައިގެން ނުވާނެ... ބައްޔަށް ޝިފާ ދެއްވާނީ އެކަލާނގެ... މުސްތަޤުބަލުގައި ވެދާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ، އެކަމަކު އަމިއްލަ ނަފުސު ނާއުއްމީދުގައި ބަނދެވުމުގެ ފުރުސަތު ދީގެން ނުވާނެ... ދަރިފުޅުގެ ހިތްވަރުކަމުގައި ވާން އެންމެން މިތިބީ ތައްޔާރަށް... ކެންސަރުގެ ބަލިމަޑުކަމަށް ވުރެން ބޮޑަށް މީހާ ބަލިކޮށްލާނީ ނާއުއްމީދުގެ ޚިޔާލުތަކުން، އެފުރުސަތު ދަރިފުޅު ދީގެން ނުވާނެ، މިކަމާއި ކުރިމަތިލާން ޖެހޭނީ އެކަނި ކަމުގައި ހީނުކުރައްޗޭ... ކޮންމެ މަރުހަލާއެއްގައި ދަރިފުޅާއެކު އެންމެން ތިބޭނެ...'' މެހެރުއްނިސާ ބުންޏެވެ. ''އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ... ކެތްތެރިކަމުގެ އަޖުރު ފޮނިވާނެކަން ހަނދާން ނައްތާނުލައްޗޭ... ދުޢާކުރުމުން ހިތުގެ ބިރުވެރިކަމާ ދުރުވެލަން ފުރުސަތު ލިބިގެންދާނެ، މާމަގެ މި ނަސޭހަތުގައި އަރޫ ވާނެ ހިފަން، ކޮންމެ އިންސާނަކަށް ވެސް ދުނިޔޭގައި ތަފާތު އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނެ، މީ ވެސް ހަމަ އެފަދަ އިމްތިހާނެއް، ﷲގެ އިރާދަފުޅުން ދަރިފުޅަށް ޝިފާ ލިބޭނެ...... ލަސްތަކެއް ނުވެ މިދުވަސްތައް މާޒީއާއެކުވެގެން ހިނގައިދާނެ...''
މަހެރުއްނިސާގެ ވާހަކަތަކުން އައިރާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯކޮށްލަދިނެވެ. އަނދިރިކަމުގެ ތެރޭގައި ޤައިދުވެފައި ވަނިކޮށް، ހަތަރެސްފައިގައި އެޅިފައިވި މަޖުބޫރީގެ ކަސްތަޅުތަކަށް ލޮޅުން އަރައިގެން ގޮސްފިއެވެ. މަންމަ ވެސް މިހުރިހާ ދުވަހު އޭނައަށް ވިސްނައިދޭން އުޅުނީ ހަމަ އެކަންތަކެވެ. ލޯބިވާ އެންމެން އޭނަގެ ގާތުގައި ވާނެކަން ގައިމެވެ. އޭނައަށް ކުރިން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ނަފުސުގެ މައްޗަށް އަތްގަދަކުރަމުން ދިޔަ ބިރުވެރިކަމާއި ކުރިމަތިނުލެވުނީ ކީއްވެގެން ހެއްޔެވެ؟
''ޒާންއަށް ދަރިފުޅުގެ ގާތުގައި ހުރުމުގެ ފުރުސަތު ދޭންވާނެއެއްނު؟... އެހައްޤު ދަރިފުޅު ދޭނަންތަ؟...'' މެހެރުއްނިސާ އަހާލިއެވެ.
''ބިރުގަނޭ...'' އައިރާގެ އަޑު ކުރެހުނެވެ.
''ބިރުގަންނާނެކަން އެނގޭ، އެކަމަކު އެބިރާއި ދަރިފުޅު ކުރިމަތިލާން ވާނެއެއްނު، ފަސްޖެހެންޏާ ދިރިއުޅުމުގެ އުފާތައް ވެސް ހާސިލެއް ނުވާނެ، ކެންސަރު ހުރިކަން އެނގުމަކީ ކަރުނައިގެ ދާނެއްގައި ދިރިއުޅުން ބަރުބާދުކޮށްލަންޖެހޭ ފަދަ ކަމެއް ނޫނޭ، ދަރިފުޅު އަދި އުމުރުން އެހާ ހަނގު، ތަޖުރިބާކުރަން ބޭނުން ކަންތައް ވެސް ހުންނާނެއްނު؟... ތިހާ އަވަހަށް ބަލި ޤަބޫލުކުރަން މާމަ ފުރުސަތެއް ނުދޭނަން....'' އައިރާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލަމުން މެހެރުއްނިސާ ވާހަކަދެއްކިއެވެ.
''ކެތްތެރިންވާން ބޭނުން...'' އައިރާ ބުންޏެވެ.
''ޒާންއަށް ދަރިފުޅުގެ ގާތުގައި ހުރުމުގެ ފުރުސަތު ދޭނަންތަ؟... ހަޤީޤަތް އެނގުމުގެ ހައްޤު ޒާންއަށް ލިބިފައިވާކަން ދަރިފުޅު ޤަބޫލުކުރަންތަ؟...'' އައިރާގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި މެހެރުއްނިސާ އެހިއެވެ. ސަމާލުވެ އައިރާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާކޮށްލެވުނެވެ.
''ޒާން ގާތު ބުނަން ބިރުގަނޭ!...'' އައިރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އަނެއްކާ ވެސް ފަސްޖެހޭ ގޮތް ވެއްޖެއެވެ.
''ޒާންއަށް ދަރިފުޅު އިތުބާރުކުރަމެއްނު؟، އެއީ ދަރިފުޅު އިްހތިޔާރުކުރި ބައިވެރިޔާއެނު؟... ފުރިހަމަ ސިއްހަތާއި ބަލިހާލަތުގައި ވެސް އެކަކު އަނެކަކަށް އިތުބާރުކޮށް ލޯބިދޭން ވާނެ، އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް، ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ ފުރަތަމަ ބިންގަލަކީ ވެސް އެއީ...'' މެހެރުއްނިސާ ބުންޏެވެ.
''ޒާންއަށް އިތުބާރުކުރަން...'' އައިރާ އަވަސްއަވަހަށް ބުންޏެވެ.
''ދެން ކޮންކަމަކާތަ ދަރިފުޅު ބިރުގަންނަނީ؟...'' މެހެރުއްނިސާ ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ. ''މާމަ ޒާންއާއި ވާހަކަދައްކާނަމޭ... ދަރިފުޅުގެ ގާތަށް ޒާން އައުމުން ދަރިފުޅާއެކު ވުމުގެ ފުރުސަތު ދޭނަންތަ؟...''
ޒޯހަންއާއި މެދު އައިރާއަށް ވިސްނާލެވުނެވެ. ރޭގެ ބައްދަލުވުމަށްފަހު ޒޯހަންގެ ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭން ތަސައްވަރުކުރެވި އައިރާގެ ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވެގެން ގޮސްފިއެވެ. އޭނައަށް ވަނީ ޒޯހަންގެ ހިތުގައި ވަރަށް ބޮޑަށް ޖެއްސިފައެވެ. ޒޯހަން އޭނައަށް މަޢާފްކުރާނެ ހެއްޔެވެ؟ އޭނަގެ ބަލި ހާލަތު އެނގުމުން ޒޯހަންއަށް ވާނީ ކިހިނެއް ހެއްޔެވެ؟
އައިރާގެ ހިމޭންކަމުގެ މާނަ ނަގައި ޒޯހަންއަށް އެކަންތައް ސިއްރުކުރަން އުޅޭހެން ހީވުމުން އުދާސްކަމުގެ ނޭވާއެއް މެހެރުއްނިސާއަށް ދޫކޮށްލެވުނެވެ. ޒޯހަންއަށް ހަޤީޤަތް ހާމަކުރުމުގެ ހައްޤު ލިބިފައި ވަނީ ހަމައެކަނި އައިރާ އަށެވެ. އައިރާ ދެކޮޅު ހަދާނަމަ އެމީހުންނަށް ވެސް މަޖުބޫރުވާނީ އެކަންތައް ސިއްރުކުރާށެވެ. ނަމަވެސް އެއީ އިންސާފުވެރި ގޮތެއް ނޫނެވެ.
''ދަރިފުޅުގެ ޖަވާބަކީ ކޮބާތަ؟...'' މެހެރުއްނިސާއަށް އަހާލެވުނެވެ. އެންމެން ތިބީ އައިރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ވަގުތު ދިގުލާން ފެށިއެވެ.
އައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ނިންމުން ހާމަކުރަން ދޫހަރަކާތްކޮށްލިއެވެ.
''ޒާންއަށް އެނގެން ބޭނުން...'' ހިތްވަރުކޮށްލަމުން އައިރާ ބުންޏެވެ.
(ނުނިމޭ)