ވާހަކަ

ރުހުން ދީފާނުހޭ - 68

5

އަހަރެންގެ ފަރާތުން އިތުރު ތަކުލީފުތަކެއް ނުޖައްސާނަން. މުޅި ދުނިޔެ އަހަންނާ ދެކޮޅުވިޔަސް އަހަރެން ބާޒިލް ކައިރިއަކަށް އެނބުރި ނުދާނަން. އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއް ނިންމުމުގެ އިހުތިޔާރު އޮންނާނީ އަހަންނަށް. އެއީ އެއްވެސް މީހަކަށް ބެހެވޭނެ ކަމެއް ނޫން. އަހަރެން ހޯދަން ދެން މިގެއަށް ނާންނާތި... އަހަރެން... އަހަރެން ބާޒިލް އާ ކުރިމަތިލާކަށް ބޭނުމެއް ނޫން...... ބޭނުމެއްނޫން...."

ހިތުގެ ޝަކުވާތައް އެކީ އެކައްޗަކަށް ބަންޑުންވެގެން ދިޔައިރު މެލެކްއަށް އިނީ ރޮވިފައެވެ. އޭނާ ކަރުނަތައް ފޮހުނީ އަމިއްލައަށެވެ. ފައިމަތީގައި ލޫލު ނިދާފައި އޮންނަތާ ގިނައިރުތަކެއް ވެއްޖެއެވެ. އެއް ފައި އައްސިވެފައި ހުރިކަންވެސް އެނގުނީ މާފަހުންނެވެ. އޭނާ އެނދުގައި ރީތިކޮށް ލޫލު ބާއްވާލިއެވެ. ލޫލު ބޯ އަޅައިގެން އޮތް ބާލީހުގައި އޭނާވެސް ބޯ އަޅާލާފައި ދެފައި ކުރުކޮށްލިއެވެ. އޭނާ ދެލޯ މަރާލީ ސިކުނޑިއަށް ލުޔެއް ހޯދުމުގެ ބޭނުމުގައެވެ. އޭނާގެ ހިތަށް އެރިއެވެ. ހިތަށް ލިބޭ ވޭނާ ތަކުލީފުތަކަށް ލުޔެއް ހޯދަން ބޭނުމިއްޔާ މިހާރު އޮތް ގޮތަކީ މިއީއެވެ. މިއީ އެއްފަރާތުން ވެވުނު ލޯތްބަކުން ލިބުނު ސަޒާއެވެ.

****

މަޣްރިބް ނަމާދަށްފަހު ތަބައްސުމް ވަނީ ބަދިގެއަށެވެ. މޭވާއެއްގެ ޖޫސް ބިއްލޫތި ތައްޓަކަށް އަޅައިގެން އޭނާ ނިކުތްތަނާ ނަމާދުން އައި އައްޒާމް ފެނިއްޖެއެވެ. ސޯފާގައި އިށީނުމުގެ ބަދަލުގައި އައްޒާމް މިސްރާބުޖެހީ މެލެކްގެ ކޮޓަރި އާ ދިމާލަށެވެ.

"މެލީ އަށްތަ؟" ތަބައްސުމް އަތުގައި ހުރި ޖޫސްތަށި ފެނުމުން އައްޒާމް އަހާލިއެވެ.

"އާނ. މެންދުރުވެސް ރަނގަޅަކަށް ނުކެވޭ. އަހަރެން އަތުން ލަވާލީމަ ދެތިން ސުވާ ބަތްކޮޅެއް ކެއީ. ވަރަށް ވަރުދެރަކޮށް ހުރީ" ތަބައްސުމް ބުންޏެވެ.

"ހިނގާބަލަ. އަހަންނަށް އަދި ރަނގަޅަށް ވާހަކަވެސް ދައްކާނުލެވޭ" އައްޒާމް ބުންޏެވެ.

ދެމަފިރިން އެކުގައި ގޮސް ކޮޓަރިއަށް ވަނެވެ. ނިދިފައި އޮތް މެލެކް ފެނިމުން ދެމަފިރިން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.

"ގޮވާލާ އެމަންޖެއަށް. މަޣްރިބް ނަމާދު ވަގުތަކީ ކުޑަ ހިނދުކޮޅެއް" އައްޒާމް ތަބައްސުމް އަށް ބުންޏެވެ.

އައްޒާމް ނިކުތީ ބޭރަށެވެ. މެލެކް އާ ވާހަކަދައްކާލުން އޭނާ ތަންކޮޅެއް ފަސްކޮށްލީއެވެ. މެލެކްއަށް ތަބައްސުމް ގޮވާލިއެވެ. އިޝާވަގުތު ވާންވާއިރަށް އަވަހަށް ނަމާދުކޮށްލަން ތަބައްސުމް ބުންޏެވެ. އަދި ނަމާދުކޮށް ނިމިގެން ޖޫސްތަށި ބޯލުމަށްވެސް ހަނދާންކޮށްދިނެވެ. ތަބައްސުމް ބޭރަށް ނިކުތްއިރު ސޯފާގައި އައްޒާމް އިނެވެ. އިރުކޮޅަކުން ނަމާދު ދޮޅިއާއެކު މައިލީންވެސް ކޮޓަރިން ނިކުމެގެން އައެވެ.

"ބާޒިލްގެ ހަބަރެއް ފަހުން ނުވޭތަ؟" ތަބައްސުމް އަހާލިއެވެ.

"ނުވޭ. މިސްކިތުން ޒިޔާދު އާ ދިމާވެގެން ބުނި ކޮޓަރިން ނުވެސް ނިކުމެޔޭ. މިއީ އަހަރެން ބުނިތަނަކީ. އޭރުވެސް އަހަންނަށް ހީވީ މެލީގެ ހަނދާންތައް އާވާން ފެށުމުން ވާނީ މިކަހަލަ ގޮތެކޭ" އައްޒާމް ބުންޏެވެ.

"އެކަމަކު... ކައިވެނި ރޫޅާލާކަށް ނުވާނެއްނު. އަހަރެމެން އެބަޖެހޭ ތަންކޮޅެއް ފިނި ހިތަކައިގެން މެލީ އާ ވާހަކަދައްކާލަން" ތަބައްސުމް ބުންޏެވެ.

"މެލީ އަކީ އަމިއްލައަށް ގޮތް ނިންމޭވަރުގެ ވިސްނުން ހުރި ހަރުދަނާ ކުއްޖެއް. އަހަންނަކަށް އެމަންޖެ ނުރުހޭ ކަމެއް ނުކުރެވޭނެ. އެމަންޖެ ބޭނުން ގޮތަކަށް ނިންމާ. ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން ހުންނާނީ އެމަންޖެއާއެކު" އައްޒާމް ބުންޏެވެ.

"އެކަމަކު ބައްޕާ. ދެމަފިރިން މި ހިސާބުން ވަކިވިއްޔާ ލޫލުއަށް ވާނީ ކިހިނެއް؟" މައިލީން ބުންޏެވެ.

"މެލީ ހިތް ބަދަލުކުރެވޭނީ އަހަރެމެންނަކަށް ނޫން. ބާޒިލްއަށް. ބާޒިލްގެ އެ ހުނަރު ހުންނަންވާނެ. އަހަރެންގެ ރުހުންވެސް ބާޒިލްއަށް ދިނިން. އެއީ ރުހުން ހޯދަން ބާޒިލް މަސައްކަތްކުރީމަ. މިފަހަރުވެސް ބާޒިލް ޖެހޭނީ މަސައްކަތްކުރަން. އޭނައަށް މެލީގެ ރުހުން ހޯދެންޖެހޭނެ" އައްޒާމް ބުންޏެވެ.

"އެ ފުރުސަތު މެލީ ބާޒިލްއަށް ނުދެންޏާ އޭނަ ވަކި ކީއްކުރާނީ" މައިލީން ބުންޏެވެ.

"ދެން ހިނގާ ބަލަމާ" އައްޒާމް ބުންޏެވެ.

"ކުޑަކޮޓަރި މިރޭ ތައްޔާރުކޮށްލައްޗެ. މި ކޮޓަރީގަ މެލީ އާ ކުޑަމީހާ އާ ތާބާ އޮވެލާ" އައްޒާމް ބުންޏެވެ.

****

ބާޒިލް ކޮފީއަކަށް އައީ ރައްޔާނު ގުޅާފައި ކިޔާވަރުންނެވެ. އަންނަ ހިތަކުން ނޫނެވެ. މޭޒު ކައިރީގައި އިށީނުމާއެކު ރައްޔާން ދެ ކޮފީއަށް އޯޑަރުދިނެވެ. ހިމޭނުން އިން ބާޒިލްއަށް ބަލައިލާފައި ރައްޔާނު ދެފަރާތަށް ބޯހޫރާލިއެވެ. އެއްޗެއް ބުނަން އުޅެފައި އަނގަ ލައްޕާލިއެވެ. މެލެކް އާ ގުޅުވައިގެން ސަމާސާގެ އެންމެ ލަފްޒެއްވެސް ބުނަން އޭނާ ބޭނުމެއް ނުވެއެވެ. ބާޒިލް އިނީ އެކަހަލަ މޫޑެއްގައެއް ނޫނެވެ. ސަމާސާކުރާ ފަދަ ހާލަތެއްވެސް ނޫނެވެ. އަދިވެސް ބާޒިލްގެ މޫނުމަތީގައިވީ މޮޅިވެރިކަމެވެ. އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތް ކަހަލައެވެ.

"ފަސް ދުވަސް ޖަހައިފި" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ރައްޔާނު ބުންޏެވެ.

ބާޒިލް ރައްޔާނަށް ބަލައިލިއެވެ. ސާރާ އާއި ސިހާމާއަށް މުއްދަތު ދިންވާހަކަ ބުނީކަން ބާޒިލްއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އުފަލެއް ނުވިއެވެ. އެއީ މިވަގުތު އޭނާއަށް މުހިންމު މައުލޫމާތެއް ނޫނެވެ. އޭނާ ބޭނުންވަނީ މެލެކްގެ ވާހަކަ އަހާށެވެ. މެލެކްގެ އޭނާއަށް ހިތްހެޔޮކޮށް އޭނާގެ ގާތަށް އައުމަށެވެ.

"އަނގައިން ބަހެއްނުބުނެ އާގަމަވެފަ އިނަކަސް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ" ބާޒިލް އެއްޗެކޭ ނުބުނެ ހިމޭނުން އިނުމުން ރައްޔާން ބުންޏެވެ. ކޮންމެސް އެއްޗެއް ކިޔައިގެން ބާޒިލްގެ އަނގަ ހުޅުވަން އޭނާ ބޭނުންވިއެވެ.

"ދެން އަހަރެން ކީކޭތަ ކިޔަންވީ. ކަލެއަށްވެސް ފެނިއްޖެއްނު ކަންތައްތައް ވީގޮތް" ބާޒިލް ބުންޏެވެ.

"ވިސްނުމެއްނެތި ކުރާ ކޮންމެ ކަމަކުން އާހިރުގަ ނަތީޖާ ނިކުންނާނީ ތިފަދަ ހިތި ގޮތަކަށް. ހީކޮށްލާ މެލީ އެދިނީ އަދަބެކޭ. އެ އަދަބު ކަލޭ ލިބިގަތުން ނޫންގޮތެއް ނެތް" ރައްޔާނު ބުންޏެވެ.

"ކަލޭ މަ މިތަނަށް ގެނައީ މަގޭ ޒަހަމްތަކަށް ލޮނުމިރުސް އަޅާންތަ؟" ބާޒިލް ބުންޏެވެ.

"ނޫނޭ. މަ ކަލެއަށް ހަމްދަރުދީވަން. މިއަދު މަށަށް ފެނިއްޖެ ކަލޭ ހަގީގަތުގައިވެސް މެލީދެކެ ލޯބިވާވަރު. އަހަރެން ބުނަން މިއުޅެނީ ކަމެއް ދިމާވާއިރަށް ތިހާ ފިނޑިނުވާށޭ. ފިރިހެނެއް ވިއްޔާ ތަންކޮޅެއް ހިތްވަރުގަދަވާންޖެހޭނެ" ރައްޔާނު ވާހަކަދެއްކިއެވެ.

"ތިއެއް އެނގުނީސް ކަލޭ ލޯބިވާ މީހަކު ކަލޭ އަތުން ބީވާން އުޅޭނަމަ" ބާޒިލް ބުންޏެވެ.

"އަހަރެން ދޯ..." ރައްޔާނު ބުންޏެވެ. އޭނާގެ ހިތުގައި ރަންއަކުރު ފެވިފައިވާ މެލެކްގެ ނަން އަދި އެއްފަހަރު ހިތުގައި ފެވިގެން ދިޔަ ކަހަލައެވެ. އެއީ ހާއްސަ ގަދަރަކާއި އިހުތިރާމެއް ލިބިފައިވާ އެހެން އެއްވެސް އިންސާނަކަށް އިހުސާސްވެސް ނުވާނޭ ފަދަ ގޮތަކަށް އޭނާގެ ހިތުގެ ކަނެއްގައި ރައްކާކޮށްފައިވާ ލޯތްބެކެވެ.

"އަހަރެން މިކުރާ ކެތް ކަލެއަށް ވާނެތަ؟ ހިއެއްނުވޭ. އެހެންނޫނަސް އަހަރެން ތިހާ ފިނޑިއެއް ނުވާނެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އަހަރެން ނަމަ މެލީ ރުއްސޭތޯ ބަލާނަން" ރައްޔާނު ބުންޏެވެ.

"ކަލޭ މަށާ މެލީ ބައްދަލުކޮށްދޭންވީނު" ބާޒިލް ބުންޏެވެ.

"ކިހިނެއް؟ މިއަދު މެލީ ގެއަށް އައިފަހުން އަދި މިއުޅެނީ މަށަށްވެސް މެލީ އާ ވާހަކަދައްކާލާނެ ވަގުތެއް ނުލިބިގެން. ކަލެއަށް އެނގޭތަ ދައްތަމެން މެލީ ކައިރީގަ ބުނެފި ލޫލުއަކީ ތިދެމީހުންގެ ދަރިއެކޭ. މެލީ ވަރަކަށް ރޯލި" ރައްޔާނު ބުންޏެވެ.

"ސީރިޔަސްކޮށް. މިއީ ހާދަ ވޭންހުރި ކަމެކޭ. މެލީގެ ދެލޮލުން އަހަންނަށްޓަކައި ނަފްރަތު ދެކޭނެހާ އަހަރެން ހިތްވަރުގަދައެއް ނޫން. މޮޔަވެދާނެ. މިހާރު ހިތަށްއަރާ އެހަނދާންތައް ދުވަހަކުވެސް މެލީއަށް ނައި ނަމައޭ" ބާޒިލް މޭޒުގައި ބޯ އެޅިއެވެ.

****

ފާހާނައިން ނިކުމެފައި މެލެކްއަށް ބަލައިލެވުނީ އަރިމަތީގައި ކަބަޑުމަތީގައި އޮތް އޭނާގެ ފޯނަށެވެ. މިއަދު ހެނދުނު ނިއްވާލިގޮތަށް ފޯނު އެ އޮތީ އަދިވެސް ނިވާލާފައެވެ. އެ ފޯނު ހުޅުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބާޒިލްއަށް އޭނާ އާ ހަމައަށް އާދެވޭނެ އެއްވެސް ދޮރެއް ހުޅުވަން އޭނާ ބޭނުމެއް ނުވެއެވެ. މިހާރުވެސް އެ ފޯނަށް ބާޒިލް ނުގުޅާ ކަމެއް ނޭނގެއެވެ. އެނދުގައި އިށީންގޮތަށް ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް އޭނާ ބަލައިލިއެވެ. ދިހައެއްޖަހަން ފަސްމިނެޓް ހުއްޓެވެ. އޭނާގެ ސަބަބުން މައިންބަފައިންނަށް އުނދަގުލެއް ކުރެވޭހެން ހީވީ މައިންބަފައިން ވަކިން ނަދިންޖެހޭކަން ހަނދާންވުމުންނެވެ. މެލެކް ވަރަށް ބޮޑަށް ހިތުގައިޖެހުނެވެ. ވަރަށް ބޮޑަށް އޭނާ ބާކީވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ހިތުގައި އުފެދުނު ގިލަންވެރިކަމުގެ އިހުސާސް ކުރެވި އެންމެފަހުން ކަރުނަތަކެއްގެ ސިފައިގައި އޭނާގެ ދެލޮލުން އޮހިގަތެވެ. މިއަދު ހަތަރުދަމު އެގޮތަށް ރޮއެރޮއެ އޭނާގެ ދެލޮލުގައި ނުފިލާ ރިހުމެއް ހަރުލައިފިއެވެ. ބާލީސްނަގާ އޭގައި ބައްދާލައިގެން އިންދާ ކޮޓަރިއަށް ވަނީ ތަބައްސުމް އެވެ. މެލެކް އަވަސް އަވަހަށް ދެލޯ ކައިރި ފޮހެލިއެވެ.

"ނިދަންތަ ތިއުޅެނީ؟" ގެނައި ފެންޖަގު އަރިމަތީ ކަބަޑުމަތީގައި ބަހައްޓަމުން ތަބައްސުމް ބުންޏެވެ.

"އާނ. ދެން ކުރާނެކަމެއް ނެތެއްނު" މެލެކް ބުންޏެވެ.

"ބައްޕަ އެބައިން ސޯފާގަ. ހިނގާބަލަ. ވާހަކަދައްކާލަން ބޭނުންވެފަ އިނީ" ތަބައްސުމް ބުންޏެވެ.

މެލެކްއަށް އެނގެއެވެ. ބައްޕަ ވާހަކަދައްކަން ބޭނުންވާނެއެވެ. އެ ފުރުސަތު މައިންބަފައިންނަށް ދޭންޖެހޭނެއެވެ. ތަބައްސުމްއާއެކު މެލެކް ހިނގައިގަތެވެ. ބޭރުގައި އަހަދުﷲ ހުރިވާހަކަ ތަބައްސުމް ބުނުމުން މެލެކް ކޮޓަރިން ނިކުތީ ބުރުގާވެސް އަޅައިގެންނެވެ.

"އާދެބަލަ ބައްޕަގެ ދަރިފުޅު" މެލެކް ފެނުމާއެކު އައްޒާމް ދެއަތް ފޭކޮށްލިއެވެ. ކުޑަކުއްޖަކު ފަދައިން މެލެކް ގޮސް އައްޒާމްގެ ދެއަތުގެ ތެރެއަށް ވަނެވެ. އެހިނދު މެލެކްގެ ބޮލުގައި އައްޒާމް ބޮސްދިނެވެ. ތަބައްސުމް އިށީނީ އައްޒާމްގެ ވައަތް ފަރާތުންނެވެ.

"އެއްވެސް އުނދަގުލެއްވޭތަ؟" ކުރިމަތީ އިން ގޮނޑީގައި އިން އަހަދުﷲ އަހާލިއެވެ. މެލެކް ދެފަރާތަށް ބޯހޫރާލިއެވެ.

"މިރޭ ވެސް ރަނގަޅަށް ނުކައި. މެލީ ތިހެން ނުކައި އުޅުނީމަ ބަލިވެދާނެއްނު" އަހަދުﷲ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިން މައިލީން ބުންޏެވެ.

"ނުކެވެނީ. މާދަމާ ކާނަން" މެލެކް ބުންޏެވެ. އެހިނދު މައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ދަރިފުޅަށް އެނގެއެއްނު ދަރިފުޅުމެންނަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް މައިންބަފައިންނަށް ވުރެ ބޮޑަށް ކަނބޮޑުވުން ފާޅުކުރާނެ މީހަކު ނުހުންނާނެކަން. މިއުޅެނީ ދަރިފުޅުގެ ތި ނިންމުމަށް ފާޑުކިޔާކަށް ނޫން. އެކަމަކު ދަރިފުޅު ގޮތް ނިންމުމުގެ ކުރިން ވިސްނާލިންތަ ލޫލު އާ މެދުގަ. އެކުއްޖާ ބައްޕަގެ ލޯބިވެސް ބޭނުންވާނެ" އައްޒާމް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.

"ލޫލު އާ ބާޒިލް ބައްދަލުކުރާކަށް އަޅުގަނޑު ދެކޮޅެއްނޫން. އަޅުގަނޑު ދެކޮޅުމިވަނީ ބާޒިލްގެ ހަޔާތަށް އަޅުގަނޑު އެނބުރި ދާން" މެލެކް ބުންޏެވެ.

އައްޒާމް ތަބައްސުމް އަށް ބަލައިލިއެވެ. ދެން ފުން ނޭވައެއް ދޫކޮށްލިއެވެ.

"ދަރިފުޅާ. ވީކަމެއް ބަދަލެއްނުވާނެ. ޒަމާނާ ތަހުޒީބަށް އައިސްފައިވާ މޮޅެތި ބަދަލުތައް ހުއްޓަސް ތަގުދީރުގެ ރޭވުމަކީ އެއްވެސް އިންސާނަކަށް ބަދަލުކުރެވޭނެ ކަމެއްނޫން. ދަރިފުޅުގެ މާޒީގަ ބާޒިލް ކަންތައްކުރީ ރަނގަޅަކަށް ނޫންކަން ގަބޫލުނުކުރާ އެއްވެސް މީހަކު ދެފަރާތުގެ އާއިލާގައިވެސް ނެތް. ބައްޕަ ބުނަން މިއުޅެނީ އޭރުގަ އެހެން އޮތަސް މިހާރު ތަގުދީރުގެ ރޭވުމާ އެއްގޮތަށް މިވަނީ ކަންކަން ބަދަލުވެފަ. އެއީ ކުރީގެ ބާޒިލްއެއް ނޫން. ދަރިފުޅުދެކެ ބާޒިލް ލޯބިވޭ. އާއިލާ ދަމަހައްޓަން ބާޒިލް ބޭނުންވޭ. ދަރިފުޅާ، ދަރިފުޅަށް ބާޒިލްއަށް މައާފެއް ނުކުރެވޭނެތަ؟" އައްޒާމް ވާހަކަދެއްކީ ކިތަންމެ ވިސްނުންތެރިކަމާއެކު ނަމަވެސް އެ ހުރިހާ ވާހަކަތަކާ މެލެކްގެ ވިސްނުން ދެކޮޅެވެ. ބާޒިލް އާ އެއްކޮޅަށް އެއްވެސް މީހަކު ދައްކާ ވާހަކަތަކާ މިދަނޑިވަޅު އޭނާއަށް އެއްބައި ނުވެވޭނެއެވެ. މައިންބަފައިން އެގޮތަށް ބާޒިލް ދިފާއުކުރީތީ އޭނާ ހިތަށް ތަދުވިއެވެ. އޭނާ ހުރި މަގާމުގައި ހުރެ އެއްވެސް މީހަކު ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ ކުޑަވަގުތުކޮޅަކަށް ނަމަވެސް އެވާހަކަތައް އެކަކުވެސް ނުދައްކާނެނަމައެވެ. މެލެކްގެ ދެލޮލުން ރޮނގެހެއް ކަރުނައެއް ފައިބައިގެން ދިޔައެވެ.

"ބައްޕާ، ބައްޕަ ތިބުނާހެން އިންސާނުންގެ މަސައްކަތްތަކާއި އެއްގޮތަށް ތަހުޒީބުވީ ޒަމާން. އިންސާނުންގެ އަމަލުތަކެއް ނޫން. ބާޒިލް ބަދަލެއްނުވާނެ. އެއީ ދެއްކުންތެރިކަން. އެގޭ މަންމަ އާއި ބައްޕަ މަޖުބޫރުކޮށްގެން އޭރުވެސް މިހާރުވެސް އަޅުގަނޑު ބާޒިލްގެ ހަޔާތުގަ ބެހެއްޓީ. އެކަކަށް އެކައްޗެއްވެސް ނޭނގޭނެ. ހަލާލު ކައިވެންޏެއްގެ މަތީގައި ތިމާދެކެ އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ އަންބެއްގެ ކުރިމަތީގައި ހިލޭ އަންހެނަކާއެކު ލޯބީގެ ގުޅުމެއް ބާއްވަމުން އައީ. ސާރާ އާ ބާޒިލް ކިތައް ރޭ އަޅުގަނޑު ކުރިމަތީގައި ލޯބިން ވާހަކަދެއްކީ. ކިތައް ރޭ ބާޒިލްގެ ފޯނުން ލޯބީގެ އެތައް ވާހަކަތެއް ދުށީ. ކިތައް ރޭ އަޅުގަނޑު ކުރިމަތީގައި ސާރާގެ ރީތިކަމަށް ތައުރީފުކުރީ. ކިތައް ރޭ ބުނީ އަޅުގަނޑަށް ހާސިލްކުރެވުނީ އޭނާގެ ހަޔާތުން ޖާގައެކޭ. އޭނާގެ ހިތުގެ މިލްކުވެރިޔަކީ ސާރާ އޭ. ދުވަހަކުވެސް އޭނާގެ ހިތް އަޅުގަނޑަށް ހާސިލުނުކުރެވޭނޭ. އެހެންވީމަ ތިބުނާ ބާޒިލް މިއަދު އަޅުގަނޑާ ނުލާ ނޫޅެވޭނެޔޭ އަޅުގަނޑުދެކެ ލޯބިވެޔޭ ބުނީމަ އަޅުގަނޑަށް ގަބޫލުކުރެވޭނެތަ؟ ނުކުރެވޭނެ. ކިތަންމެ ވަރަކަށް މަތި އޮމާން ކުރިޔަސް ފެންނާނީ މީހާގެ ގައިގައި އަށަގެންފައި ހުރި ކަމެއް. އަޅުގަނޑުގެ ބަލި އެންމެ ބޮޑުވި ރޭގަވެސް ހޮސްޕިޓަލުގެ އެނދުގައި އޮވެ ހިތާހިތުން އެދެވެމުން ދިޔައީ އަޅުގަނޑު ކައިރިއަށް ބާޒިލް އަންނާނެކަމަށް. އެންމެފަހަރަކު ލޯބިން ހާލުއަހާލާނެ ކަމަށް. ހިތްވަރުދީ ގައިގައި ފިރުމާލާނޭކަމަށް. ހަގީގަތުގައި އެހާ ބޮޑުވަރުވެ ހަނދާންތައް ފިލައިގެންދާވަރަށް އަޅުގަނޑުގެ ސިކުނޑި ބަލިކަށިވީވެސް ހިތްދަތިވީވަރުން. އެއްވެސް މީހަކަށް ނުފެންނާނެ އަޅުގަނޑުގެ ދެލޮލުން ފޭބި ކަރުނަތަކެއް. ހިތަށް ކުރި އަސަރުތަކެއް. ހިތުން ވިންދުޖަހަމުން ދިޔަސް އަޅުގަނޑުގެ ހިތުން ފައިބަމުންދިޔަ ލޭ ކަރުނަތަކުގެ އިހުސާސް އެއްވެސް އިންސާނަކަށް ނުކުރެވޭނެ. އިންސާނަކަށް ދުލުން ބަޔާންކުރެވިދާނެ. އެކަމަކު އެކަމެއްގައި ހުރި ވޭނާއި ތުރާލާ ހިތްދަތި އަސަރުތައް އިހުސާސްވާނީ އެކަން ތަހައްމަލު ކުރި ފަރާތަކަށް"

މެލެކްގެ ވާހަކަތައް އަހަންތިބި ކޮންމެ މީހެއްގެ ދުލުގައިވީ ހިމޭންކަމެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މެލެކް ހާމައެކުރީ އޭނާގެ ހިތުގެ ޝަކުވާތަކެވެ. ހަގީގަތުގައިވެސް އޭނާ ތަހައްމަލުކުރި ހިތްދަތި އިހުސާސްތަކެވެ. މެލެކް އެބުނީ ތެދެކެވެ. ވިސްނައިދޭން ބޭނުންވާ މީހާއަށް ކިތަންމެ ވާހަކައެއްވެސް ދެއްކިދާނެއެވެ. ގޮތް ނިންމަން އުނދަގޫވާނީ ބަރުދާސްތުކުރި މީހާއަށެވެ.

"ބައްޕަ ގަބޫލުކުރަން ދަރިފުޅު ތިދެއްކި ވާހަކަތައް. ތިއީ ނުހިނގާ ކަންކަމޭ ނުބުނެވޭނެ. ތިކަން އެންމެބޮޑަށް އިހުސާސްކުރި ފަރާތަކީވެސް ދަރިފުޅު. ބައްޕަ ބޭނުންވަނީ..."

"ބައްޕަމެން ބޭނުންވަނީ އަޅުގަނޑު މިގެއިން ދާން ދޯ" އައްޒާމްގެ ވާހަކަތައް މެދުކަނޑާލާފައި މެލެކް ބުންޏެވެ.

ވަގުތުން އައްޒާމްގެ ބަސް ހުއްޓުނެވެ. މެލެކްގެ ދުލުން އެފަދަ އެއްޗެއް ބުނީތީ އޭނާ ހިތުގައިވެސް ޖެހިއްޖެއެވެ.

އައްޒާމް ދެފަރާތަށް ބޯހޫރާލިއެވެ. މެލެކް އައްޒާމް އާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަމިއްލައަށް ފޮހެލިއެވެ.

"އަޅުގަނޑަށް އެނގޭ އެންމެންނަށްވެސް އަޅުގަނޑާ ހެދި އުނދަގުވާކަން. މިގޭގަ އަޅުގަނޑާ ލޫލު ހުންނާކަށް ތަނެއް ނެތްކަން. އަޅުގަނޑު ލޫލު ގޮވައިގެން މިގެއިން ހިނގައިދާނަން. ވަންނާނެ ތަނެއް ނެތި މަގުމަތީގައި ހުންނަން ޖެހުނަސް އެގެއަކަށް ނުދާނަން. އަޅުގަނޑު އަމިއްލަ ނަފްސުގެވެސް އަގެއްވޭ. އަޅުގަނޑުގެ އަމިއްލަ ނަފްސަށް އަޅުގަނޑު ނުކުރި ގަދަރެއް އެހެން މީހަކު ނުކުރާނެ. ބޭނުމެއްނޫން ބައްޕަމެންނަށް އުނދަގުކުރަން މިގޭގަ ހުންނާކަށް" މެލެކް މޫނުމަތީގައި އަތްއެޅި ގޮތަށް ރޯންފެށިއެވެ.

"ކީކޭ ތިކިޔަނީ؟" ތަބައްސުމް މެލެކްގެ އަތުގައި ހިފަން އުޅުމުން އަތް ދުރަށް މެލެކް ޖައްސާލިއެވެ.

"ތިހެން ނުބުނޭ. ތިއިން އެއްވެސް ކުއްޖަކާ ހެދި ބައްޕައަކަށް އުނދަގުލެއްނުވާނެ" ހިތުގައިޖެހިފައި އިންވަރުން އައްޒާމްގެ އަޑު އައީ ކުރެހިގެންނެވެ. އެއްވެސް މީހަކަށް ނުފެނުނަސް އޭނާގެ ދެލޮލުގެ އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެ ތެތްކަން އޭނާއަށް އިހުސާސުވެއްޖެއެވެ.

"ތިކުދިންނާއެކު ދިރިއުޅެން ބައްޕައަށް ފުރުސަތު ލިބުނީ ހާދަ ފަހުންނޭ. ކުރީގަ ބައްޕައަށްވެސް ކަންތައްކުރެވިފަ ވަނީ ރަނގަޅަކަށްނޫން. މިހުރިހާ ކަމެއް ބައްޕަ މިކުރަނީ ކުރިން ގޯސްކޮށް ކުރެވިފަ ހުރިއްޔާ އެކަމެއް ރަނގަޅުކުރަން. ދަރިފުޅު ތިފަދައިން ވާހަކަދެއްކީތީ ބައްޕަ މިއަދު ވަރަށް ދެރަވެއްޖެ. ވަރަށް ހިތުގައިޖެހިއްޖެ. ދަރިފުޅުމެން މިގޭގަ ތިބޭ. މަގުމަތީގަ ހުންނަން މިގެއިން ބައްޕަ ހިނގައިދާނަން" އައްޒާމް ބުންޏެވެ.

މެލެކް ވާހަކަތައް އަތުރާލިގޮތުން ހަގީގަތުގައިވެސް އޭނާ ދެރަވެއްޖެއެވެ. އޭނާ ބޭނުންވީ މެލެކް އެގެއިން ފޮނުވާލާކަށް ނޫނެވެ. އޭނާ ބޭނުންވީ އެ ހިތާމަތަކުން މެލެކް ދުރުކޮށްދޭށެވެ. ދާއިމީ އުފަލެއް މެލެކް ހޯދައިދޭށެވެ. މެލެކްއަށް ނުވިސްނެނީއެވެ. އޭނާގެ އުފާވެރިކަން ގުޅިފައިވާ ފަރާތަކީ ބާޒިލްއެވެ. އޭނާ ބޭނުންވީ ދެމަފިރިންގެ މެދުގައި ހުރި ކުޑަދަރިފުޅު މުސްތަގުބަލު އުޖާލާކުރާށެވެ. ވީރާނާ މުސްތަގުބަލެއްގެ އަސަރު އެދަރިފުޅުގެ ދިރިއުޅުމަށް އެޅުނަ ނުދިނުމަށެވެ. މޫނުމަތީގައި އަތް އަޅައިގެން އިނދެ ރޮމުންދިޔަ މެލެކްއަށް ބަލަން އިރުކޮޅަކު އައްޒާމް އިނެވެ. ދަރީންގެ ކުރިމަތީގައި އޭނާ ފިނޑިނުވާން ލޮލުން ކަރުނައެއް ފައިބާފާނެކަމަށް އޭނާ އަވަހަށް ތެދުވަން އުޅުނެވެ. އެހިނދު އައްޒާމްގެ އަތުގައި މެލެކް ހިފިއެވެ.

"ސޮރީ ބައްޕާ" މެލެކް ބުންޏެވެ.

އައްޒާމްގެ މޭގައި މެލެކް ލައްވެލިއެވެ. އެހިނދު އައްޒާމް މެލެކްގެ ބޮލުގައި ފިރުމަން ފެށިއެވެ.

"ބައްޕަގެ ހަށިގަނޑުން ގުނަވަނެއް ބުރިކޮށްލާފައި ތިއިން ކުއްޖަކަށް ދޭން ޖެހުނަސް ބައްޕަ ފަސްނުޖެހޭނަން... އެކަން ހަނދާނުގަ ބަހައްޓާތި" އައްޒާމް ބުންޏެވެ.

ޖަޒުބާތުގައި ޖެހި ދުރުގައި އިން މައިލީންވެސް ޓައިލްސްތަކުގެ މަތީގައި އިށީނދެފައި އައްޒާމްގެ ކަކުލުގައި ބޯއަޅާލިއެވެ. ބައްޕަ ހިތުގައިޖެހުނީތީ އޭނާގެ އިންތިހާއަށް ޖެހިއްޖެއެވެ. ހިތުގައިޖެހިގެން އެތަނުން މިރޭ ބައްޕަ ދިޔަނަމަ އޭނާއަށް ވާނެގޮތެއްވެސް ނޭނގުނީހެވެ.

"ދަރިފުޅު ބުނޭ. ދަރިފުޅު ބުނިގޮތެއް ބައްޕަ ހަދާނަން. ދަރިފުޅު ބޭނުންނުވާހާ ހިނދެއްގައި ބާޒިލްގެ ނަންވެސް މިދުލާ ހަމައަށް ނުގެންނާނަން" އައްޒާމް ބުންޏެވެ. ކިތަންމެ ކެތްތެރިވެގެން އިނަސް އެންމެފަހުން އައްޒާމްގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.

"އަޅުގަނޑު ބޭނުންވަނީ މާލެ ދާން. ވީއެންމެ އަވަހަކަށް އަޅުގަނޑު މާލެ ފޮނުވަދީ" މެލެކް ބުންޏެވެ.

"އެހެންވިއްޔާ ތައްޔާރުވޭ" އައްޒާމް ބުންޏެވެ.

****

ބާޒިލް އޮފީހަށް ދިޔައީ ހަމައެކަނި ނަމަކަށެވެ. އޭނާއަށް އެއްވެސް މަސައްކަތެއް ކުރެވޭ ގޮތެއް ނުވިއެވެ. މިއަދު އައި ޝިޕްމަންޓްގެ ލިސްޓުގައި އެކުވެރިޔަކު އެހީނުވިނަމަ ތައްޔާރުކުރެވޭނީ ގޯހުން ގޯހަށެވެ. އެއްވެސް ފޫހިކަމެއްނެތި އޭނާ އިނީ ފޯނުން މެލެކްއަށް ގުޅާލަގުޅާލައެވެ. އޭނާގެ ފޯނަށް އައްޒާމް ގެ ކޯލު ލިބުނީވެސް އެހެން އިންދައެވެ.

"ހަލޯ ބައްޕަ..." ބާޒިލްގެ ހަރަކާތްތައް އަވަހެވެ.

"ދަރިފުޅަށް އާދެވޭނެތަ މިވަގުތު" އައްޒާމް ބުންޏެވެ.

"ކޮންތާކަށް ދާންވީ؟"

"ގޭ ކައިރިއަށް އާދޭ. އެހެންނޫނީ ދަރިފުޅު ބުނިތަނަކަށް ބައްޕައަށް ވެސް ދެވިދާނެ" އައްޒާމް ބުންޏެވެ.

މެލެކް ރަށުން ފުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެއެވެ. މެލެކްއަކީ މީހެއްގެ އަންބެކެވެ. ފިރިއަކު ދުނިޔޭގައި ހުއްޓާ އަންބެއްގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުނިންމޭނެއެވެ. މިވަގުތު މެލެކްއަށް ނުވިސްނުނަސް އެހެންމީހުން ވިސްނަންޖެހޭނެއެވެ. މެލެކް ކައިރީގައި ހުރީ ބާޒިލްގެވެސް ދަރިއެކެވެ. ބާޒިލްގެ ހުއްދަނެތި މެލެކްއަށް ވެސް އަދި ދަރިފުޅުގެ އެއްވެސް ކަމެއްގައި މެލެކްއަށް ގޮތް ނުނިންމޭނެއެވެ. އައްޒާމް ބޭނުންވީ ފުރުމުގެ ކުރިން މިކަމަށް ބާޒިލްގެ ރުހުން ހޯދާށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟