ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 22

5

''މަންމަ ބޭނުމެއް ނޫނޭ ރުޅި އިސްކުރާކަށް، އެކަމަކު ބޮޑެތި ތައްޔާރީތައް ވެފައި ވަނިކޮށް ކުއްލިޔަކަށް އެފަދަ ނިންމުމަކާ ހަމައަށް އަރޫ ދިއުމުން ރުޅި ނައިސް ހުރެވޭނެތަ؟... ދައުވަތު ކާޑަށް ދާންދެން ބެހިއްޖެ، މިކަމަށް ހައްލެއް ނުހޯދިއްޖެނަމަ މުޅި މާލެއަށް އަހަރުމެން ބަދުނާމުވާނެ...'' މަހެރުއްނިސާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ވިސްނެމުން ދިޔަ ވަރަކަށް ނިތަށް ޖަމާވަމުން ދިޔަ ރޫތައް ގިނަވަމުން ދިޔައެވެ. އިށީނދެގެން އިންނަން އުނދަގޫވުމާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ. ތުންތުން މަތިން ދެކެވޭނެ ވާހަކަތައް ޚިޔާލަށް ގެނެވުމާއެކު މޫނަށް ވެރިވެގެން ދިޔައީ ހާސްކަމެވެ.

''މީހުންގެ ދުލުކުރީގައި ހިފެހެއްޓުމަކީ ވާނެ ކަމެއް ނޫން، އެކަމަކު ޒާންގެ ހާލަތު ބަދަލުކޮށްދޭން އަހަރުމެންނަށް މަސައްކަތްކުރެވޭނެ...'' ދައުސް ބުންޏެވެ. މަންމަގެ ވިސްނުން ހުރި ގޮތާ މެދު ދައުސް ފުރަތަމަ ފަހަރަށް ނުރުހުނެވެ. ޒޯހަންއަށް ލިބިފައިވި ހިތްދަތިކަމާ މެދު ވިސްނުމަށް ވުރެން، ޢާއިލާއަށް ލިބިދާނެ ހުތުރު ނަމަކާމެދު މަންމަ ކަންބޮޑުވުން ފާޅުކުރުމުން ދައުސްއަށް ހިމޭނުން ހުރުން ވީ އުނދަގޫ ކަމަކަށެވެ. ކައިވެނި ކެންސަލް ވުމުން ފެތުރިދާނެ ވާހަކަތަކަށް ވުރެން މުހިންމުކަންތައް ހުރިކަން ހަނދުމަކޮށްދޭން ދައުސް މަސައްކަތްކުރިއެވެ. ދުވަހަކު ވެސް މަންމަ ދެކެ ހިތްހަމަނުޖެހުނު ހަނދާނެއް އޭނަ ނުވެއެވެ. އަަބަދުވެސް މަންމަގެ ހުރިހާ ނިންމުމަކަށް އޭނަ ދިޔައީ ބޯލަނބައި ކިޔަމަންވަމުންނެވެ. ނަމަވެސް މިހާރު މަންމަގެ ވިސްނުމާމެދު ދައުސްއަށް ރުހެވޭ ގޮތެއް ނުވިއެވެ.

''ޒާން...'' ދައުސްގެ ޖުމްލައާއެކު ޒޯހަން މަތިން މެހެރުއްނިސާ ހަނދާންވެއްޖެއެވެ. އެއާއެކު މޫނުގައިވި ރުޅިވެރިކަމުގެ އަސަރު ފިލައި މާޔޫސްކަން ވެރިވެގެން ގޮސްފިއެވެ. ހެނދުނު ނާސްތާ ކުރިއަށް ދިޔަ ވަގުތު ޒޯހަންގެ ފަރާތުން ފާހަގަކުރެވުނު ހިމޭންކަމުގެ ފަހަތުގައި އޮތް ސަބަބު ވެސް މެހެރުއްނިސާއަށް ދެނެގަނެވުނެވެ. އެއާއެކު ދެލޮލަށް މޮޅިވެރިކަން ފޭދުނެވެ. އައިރާއަކީ ޒޯހަންގެ ހިތުގެ ދިރުމާއި ވިންދެވެ. އެލޯތްބާއި ވަކިވާން މަޖުބޫރުވުމުން އެހިތުގައި އަޅާނެ ވޭން އަންދާޒާކޮށްލުން ވެގެން ދިޔައީ މުސްތަހީލުކަމަކަށެވެ.

''ބަސީލްއާއި ޤަމަރަށް މިކަންތައް އެނގޭތަ؟...'' މެހެރުއްނިސާއަށް އަހާލެވުނެވެ. ''އެހާ ބޮޑު ނިންމުމަކާ ހަމައަށް އަންނައިރުގައި މަޝްވަރާކޮށްލުމެއް ވެސް ނެތީތަ؟...''

''ޒާން އެއްވެސް އެއްޗެއް ނުބުނޭ، ދެރަވެފަ ހުރުމުން އިތުރަށް އޮޅުންފިލުވާކަށް ވެސް ނުކެރުނު...'' ބަސީލް ބުނެލިއެވެ. ''ބަސީލްމެންނަށް އެނގޭނަމަ އަހަރުމެންނަށް ނާންގާ ހިމޭނުން ނުތިބޭނެ، ދެކުދިންގެ އުފަލާއި ގުޅިފައި އޮތް ކަމަކަށް ވުމުން ހައްލުވެސް ހޯދަން ބޭނުންވާނެތާ......''

''އެގެއަށް ދިޔައީމާ އެނގިދާނެތާ...'' މެހެރުއްނިސާ ބުންޏެވެ. ''ކޮބާތަ ރިސާލާ؟...''

އެވަގުތު ސިޑިން ފައިބައިގެން އައި ރިސާލާ ފެނުމުން މެހެރުއްނިސާ އަަވަސްވެގަތީ ގޭގެ ޕޯޓިކޯއަށް ނިކުތުމަށެވެ. ރިސާލާ އަންނަންދެން ދައުސް މަޑުކޮށްލައިގެން ހުއްޓެވެ. ޕޯޓިކޯއަށް ދާން ދައުސް މިސްރާބުޖެހީ ރިސާލާއާއި އެކުގައެވެ. ގޭގެ ޑްރައިވަރަށް އެންގުމުގެ ބަދަލުގައި ކާރު ދުއްވަން އެރީ ދައުސް އެވެ. ކުރީ ސީޓުގައި އިނީ ރިސާލާ އެވެ. ފަހަތު ސީޓުގައި މެހެރުއްނިސާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ދެން ކަންތައްކުރަންވީ ގޮތަކާއި މެދު ވިސްނަމުން ދިޔަ ކަހަލައެވެ.

*****

ހެނދުނުގެ ސަޔަށް ފަހު ޤަމަރާއި ބަސީލް ތިބީ ބެލްކަނީގައެވެ. ގަސްތަކުގައި ދޮންވެފައި ހުރި ފަތްތަށް އަތުގައި އޮތް ކަތުރުން ވަކިކުރަމުން ދިޔަ ޤަމަރަށް ބަލަހައްޓައިގެން އުނދޯލީގައި ބަސީލް އިނެވެ. އަތުގައި އޮތް ހޫނު ކޮފީ ތަށިން އިރުއިރުކޮޅާ ކޯވަރެއް ބޯލައެވެ. ޤަމަރަށް އެހީވާން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލީ ޤަމަރުގެ ހިމޭންކަމަށް އޭނަގެ ސަބަބުން ނިމުމެއް އައިސްދާނެތީއެވެ.

ހެނދުނުގެ ސައި ނިންމާލި ގޮތަށް އައިރާ ވީ ކޮޓަރިއަށެވެ. ސްކޫލުން ކެނޑެން އުޅޭ ވާހަކަ ވެސް ހެނދުނުގެ ސައި ގަޑީގައި ހާމަކޮށްފިއެވެ. ދިރިއުޅުގެ ހުރިހާކަމެއް ދޫކޮށްފައި ޒޯހަންއަށް ފިލަން ބޭނުންވެފައިވާ މިންވަރު އައިރާގެ ކޮންމެ ނިންމުމަކުން ހާމަކޮށްދިނެވެ. ހުކުރު ދުވަހަށް ފުރަން ޓިކެޓު ވެސް ނަގައިފިއެވެ.

ސައުފާއަށް އައިރާގެ ބަލި ހާލަތު އެނގުމުން އެއްވެސް ގޮތަކަށް ފަރުވާގެ ކަންތައް ލަސްކުރަން ބޭނުމެއް ނުވިއެވެ. އައިރާ ލަންޑަނަށް ދާން ނިންމުމުން އެކަމަށް އެންމެ ބޮޑު އެއްބާރުލުމެއް ވެސް ދިނީ ސައުފާ އެވެ. ކާމޭޒު ދޮށުގައި އެހެންޏާ އޮތްނަ އުފާވެރިކަމެއް ވެސް މިއަދަކު ނެތެވެ. ވެރިވެފައި އޮތް މާޔޫސްކަމަށް ނިމުމެއް ގެންނާނެ ގޮތެއް ނޭނގޭ ކަހަލައެވެ. ޒޯހަންގެ ނަން ވެސް ދުލާ ހަމައަށް ގެނެވިދާނެތީ ސަމާލުކަން ދޭން ޖެހުނެވެ. ޒޯހަންގެ ނަން އަޑުއިވުނަސް އައިރާގެ މޫނުގެ ކުލަވަރު އިހުނަށްވުރެން ފަނޑުވެގެންދެއެވެ. ކަރުނައިގެ ދާސްތާނަށް ނިމުމެއް ނުވާ ކަހަލައެވެ.

ފިނިފެންމާގަސްތައް ކައިރީގައި ހުރި ޤަމަރުގެ މޫނުން ފާޅުވަނީ އުދާސްކަމެވެ. ފިނިފެންމާގަސްތަކަށް އޭނަ ބަލަން ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އެގަސްތައް ހުރިހާ ހިނދަކު އައިރާއަށް ޒޯހަންގެ މަތިން ހަނދުމަކޮށްދޭނެކަން ގައިމެވެ. އެގަސްތަކަކީ އައިރާދެކެ ޒޯހަން ވާ ލޯބީގެ ރަމްޒެކެވެ. އެގަސްތަކަށް ހާއްސަ ސަމާލުކަމެއް ވެސް އައިރާ ދިޔައީ ދެމުންނެވެ. އެންމެ ދުވަހެއްގެ ތެރޭގައި ތާޒާކަން ގެއްލެން ފަށާފައިވާ ގަސްތަކުން ބުނެދެނީ އެލޯބީގެ ފަސާނާގެ ދިރުން ގެއްލެމުން ދިޔަ ކަމެވެ.

ބެލް ޖަހާލި އަޑާއެކު ޤަމަރަށް ވުރެ ކުރިން ދޮރު ހުޅުވަން ދާން ބަސީލް އަަވަސްވެގަތެވެ. ފަސްއެނބުރި ޤަމަރަށް ބަލައިލެވުނެވެ.

''ޒޯހަންތަ؟...'' ޤަމަރަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. މޮޅިވެރިކަމުން ޤަމަރުގެ މޫނު މިލައިފިއެވެ. ''އަރޫއަށް ވިސްނޭނެނަމަ...''

އައިރާއާއި ޒޯހަންގެ ނަސީބާއި މެދު ޤަމަރުގެ ހިތުގައި އުފެދިފައިވި މަޔޫސްކަމާއި ޝަކުވާތަކަކަށް ނިމުމެއް ނުވާ ކަހަލައެވެ. ޒޯހަންގެ ލޯތްބަށް އައިރާ އިތުބާރުކުރާނެނަމައޭ ޤަމަރުގެ ހިތަށް އެރިއެވެ. ވޭނާއި ކެކުޅުމުގައި ހަފުސްވެގެން ދާއިރުގައި ވެސް ގޮތްދޫކުރަން އައިރާ ބޭނުމެއް ނުވެއެވެ. އައިރާގެ އެނިންމުންތަކުން ނޭނގި ވިޔަސް ޒޯހަންގެ މައްޗަށް އަނިޔާވެރިވެވޭކަން ރޭކާނުލަނީ ބާވައެވެ؟ ޒޯހަންގެ ހިތުގައި އައިރާއަށް އޮތް ލޯބި ފޫހިކަމަށް ބަދަލުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ނަފުރަތުގެ ހުޅުކޮޅު ރޯވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ސިކުނޑިއަށް ވެރިވެގެން ދިޔަ ސުވާލުތަކުން ޤަމަރުގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. މިބަނަ ދުވަސްތަކުގެ ތެރެއިން އަލިމަގެއް މަގުފަހިކޮށްދެއްވުމަށް އެދި މާތްﷲއަށް ދުޢާ ދެންނެވުނެވެ. އައިރާގެ އުފަލާއި ގުޅިފައިވަނީ ޒޯހަން އެވެ. ދުޢާއަކީ ވަގުތު ފާއިތުނުވަނީސް އެކަން އައިރާއަށް އިލްހާމަވެގެން ދިއުމެވެ. ހިތުގެ ބިރުވެރިކަމާއި ކުރިމަތިލައި ޒޯހަންގެ ލޯތްބަށް ފުރުސަތު ދިނުމެވެ.

''އަރޫ ކޮބާތަ؟...'' މެހެރުއްނިސާގެ އަޑު ކަންފަތާއި ހަމައަށް ފޯރުމާއެކު ބަނދެވެމުން ދިޔަ ޚިޔާލުތަކުގެ ތެރެއިން ޤަމަރަށް ނިކުމެވުނެވެ. ފުރަތަމަ އޭނައަށް ލިބުނީ ހައިރާންކަމެވެ. ހީވީ ހީވުމެކޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ދޮރުހުޅުވަން ދިޔަ ބަސީލްގެ ޚަބަރެއް ނުވުމުން ޤަމަރުގެ މެޔަށް ފިނިވެލިއެވެ. އަތުގައި އޮތް ކަތުރު ޕޮޓްތައް އަތުރާފައި ހުރި ސްޓޭންޑް މަތީ ބާއްވަމުން ޤަމަރު ގޮސް ބޮޑުކޮޓަރިއަށް ވަނެވެ.

ބަސީލްގެ ފަހަތުން އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީން މެހެރުއްނިސާއަށް ޤަމަރު ބަލައިލީ ނުތަނަވަސްކަމާއެކުގައެވެ. ދައުސްއާއި ރިސާލާގެ މޫނަށް ވެސް އަވަސް ނަޒަރެއް ދެވުނެވެ.

''ޤަމަރު!، އަރޫ ގޭގައި ނޫޅެނީތަ؟، ސްކޫލްގަތަވީ؟...'' އައިރާގެ ހިލަމެއް ގޭތެރެއިން ނުވުމުން މެހެރުއްނިސާ ބަލައިލީ ޤަމަރުގެ މޫނަށެވެ. ތަންކޮޅެއް ކުރިން ބަސީލްއާއި ސުވާލުކޮށްލުމުން، އޭނަގެ އެސުވާލަށް ޖާވާބުދޭން ބަސީލް ފަސްޖެހުނުކަން މަހެރުއްނިސާއަށް ފާހަގަކުރެވުނެވެ.

ޤަމަރުގެ ނަޒަރު ހުއްޓުނީ ބަސީލް އަށެވެ. އެވަގުތު ބަސީލް ވެސް ޤަމަރަށް ބަލައިލިއެވެ. ނުތަނަވަސްކަން ދެމަފިރިިންގެ މޫނުން ފާޅުވަމުން ދިޔައެވެ. ސަމާލުވެ ބަލަމުން ދިޔަ މެހެރުއްނިސާއަށް ބަސީލްގެ ދެމަފިރިން ކަމެއް ސިއްރުކުރަން އުޅޭކަން ދެނެގަނެވުނެވެ.

''ކޮޓަރީގަދޯވީ؟...'' މެހެރުއްނިސާއަށް އަހާލެވުނެވެ. ''ގޮވާލަން ވީނު؟...''

''އަރޫ ބޭނުމެއް ނުވޭ އިތުރު މީހަކާއި ވާހަކަދައްކާކަށެއް...'' ބަސީލްއަށް އަވަސްއަވަހަށް ބުނެވުނެވެ. އެއާއެކު މެހެރުއްނިސާގެ ބުމަގޮށްޖެހިގެން ދިޔައެވެ. ރުޅިވެރިކަމުގެ ލިސާންތައް ވެސް ފާޅުވެއްޖެއެވެ.

''ކީއްވެ؟...'' މެހެރުއްނިސާ އެހިއެވެ.

''މަންމާ...'' މާހައުލަށް ވެރިވެގެން ދިޔަ ނުތަނަވަސްކަމުގެ ތެރޭން ދައުސް ގޮވާލިއެވެ. އެއަޑު އިވުނުކަމަކަށް މެހެރުއްނިސާ ނުހެދިއެވެ. ނުރުހުމާއެކު ބަސީލްއަށް ބަލަން އިނދެފައި އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

''ކީއްވެ އަހަރުމެންގެ ސުވާލުތަކަށް އައިރާއަށް ޖަވާބު ނުދެވެންވީ؟... ކައިވެންޏާއި ދެކޮޅު ހަދަން ޖެހޭ ސަބަބެއް ނަން ވާނެއެއްނު؟، ޒާންއަށް ގޯސްކޮށްކަމެއް ކުރެވުނީތަ؟... ހުރިހާ ތައްޔާރީއެއްވެފައި އެވަރުގެ ބޮޑު ލަނޑެއް ދޭކަށް ނުވާނެއެއްނު؟...'' ރުޅިވެރިކަން މެހެރުއްނިސާއަށް ސިއްރެއްނުކުރެވުނެވެ.

''އަރޫ ބޭނުން ނުވާ ކަމަކަށް މަޖުބޫރުކުރާކަށް އަހަރުމެން ބޭނުމެއް ނޫން...'' މެހެރުއްނިސާގެ ރުޅިވެރިކަމާއި ބަސީލް ކުރިމަތިލިއެވެ. ''ދެކުންދިންނަށް ވެސް ދެން ރަނގަޅުވާނީ ރީތި ގޮތުގައި ވަކިވުން...''

''ދުވަސް ކައިރިވީމަތަ އެނގުނީ ކައިވެނިކުރަން ބޭނުން ނުވާކަން؟...'' މެހެރުއްސިނާގެ މޫނު ބަނަވެގެން ދިޔައެވެ. އައިރާއަށް ވިސްނައިދިނުމުގެ ބަދަލުގައި، އައިރާގެ ގޯސް ނިންމުންތަކަށް ހިތްވަރު ދޭތީ، ބަސީލްގެ ވާހަކަތަކާ މެދު އޭނަ އެއްގޮތަކަށް ވެސް ނުރުހުނެވެ. ރުޅި އަންނަ ގޮތް ވެސް ވީ އެހެންވެއެވެ.

''މަންމާ...'' ދައުސްއަށް އަނެއްކާ ވެސް ގޮވާލެވުނެވެ. ރުޅިވެރިކަން އިސްކޮށްގެން އެއްވެސް ކަމަކަށް ހައްލެއް ނުލިބޭނެކަން ވިސްނައިދޭން އޭނަ މަސައްކަތްކުރިއެވެ. ހަމައެއާއެކު ބަސީލްގެ ވާހަކަތަކުން ދައުސްގެ ހިތުގެ ހަމަޖެހުން ވެސް ގެއްލިއްޖެއެވެ. ނުތަނަވަސްކަމާއެކު އޭނަގެ އަތުގައި ރިސާލާ ހިފާލުމުން ރިސާލާގެ މޫނަށް ވެސް ބަލައިލެވުނެވެ.

''ވަރަށް ބޮޑަށް މަޢާފަށް އެދެން...'' ރިސާލާއާއި ދައުސްއަށް ބަލައިލަމުން ބަސީލް ބުންޏެވެ. ''ކައިވެނީގެ ހަރަދުތަކަށް މިހާ ހިސާބަށް ހިނގި ހުރިހާ ހޭދައެއްގައި ހިފަން އަހަރުމެން މިތިބީ ތައްޔާރަށް...''

''މަޢާފަށް އެދުނީމަ ހުރިހާކަމެއް ހައްލުވީތަ؟... އައިރާއާއި މެދު ހާދަ އުއްމީދުތަކެއް އަހަރެން ކުރީމޭ، ދީންވެރި ކުއްޖަކަށް ވީމަ ޒާންއަށް ރަނގަޅު މުސްތަޤުބަލެއް ލިބޭނެކަމަށް ޔަޤީންކުރިން، އެކަމަކު އުއްމީދުކުރި ކަހަލަ ކުއްޖަކަށް އައިރާ ނުވި، އެންމެ ކުޑަމިނުން ކައިވެނި ކުރަން ބޭނުންނުވާ ސަބަބެއް ވެސް ހާމައެއް ނުކުރެވުނު، މައިންބަފައިންގެ ހައިސިއްޔަތުން ދަރިފުޅަށް ވިސްނައިދޭން ތިބީ ބަސީލްއާއި ޤަމަރު، އެކަމަކު އެކަން ކުރަން ބޭނުންނުވާކަން ވާހަކަތަކުން ވަރަށް ސާފު!، މިކަމުގެ ޚަބަރު ފެތުރުމުން އައިރާގެ ނަން ކިލަނބުވެގެން ދާނެކަން ނޭނގެނީތަ؟...'' ކުއްލިޔަކަށް މެހެރުއްނިސާ ސޯފާއިން ތެދުވުނެވެ. ރުޅިން ގޮސް އެމޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އަޑު ވެސް އިންތިހާއަށް ބާރެވެ. އައިރާއާއި ބައްދަލުކޮށްލަން އޭނަ އައީ ސުވާލުތަކަށް ޖަވާބު ލިބި، ސުލްހަވެރިކަން ޤާއިމުރުކުރެވޭނެ ކަމުގެ އުއްމީދާއެކުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ދިމާ އޭގެ އިދިކޮޅަކަށެވެ. އައިރާގެ ފަރާތުން ޒިންމާދާރުކަމެއް ވެސް ނުފެނުނެވެ. އައިރާއާއި މެދު ދެކެވެމުން ދިޔަ ނަޒަރިއްޔާތު ބަދަލުވެގެންދާން ގިނަ އިރެއް ނުނެގިއެވެ. ލޯބި ނަފުރަތަށް ބަދަލުވާން ފެށިއެވެ. ޒޯހަންއާއި މެދު ވިސްނާލެވުމުން ވަކިން ބޮޑަށް އައިރާ ދެކެ ރުޅިއާދެވުނެވެ.

''ދައުސް!، ދާން ހިނގާ!، ދެން ދައްކާނެ އިތުރު ވާހަކައެއް ނެތް...'' މެހެރުއްނިސާ އަމުރުކޮށްލިއެވެ. ''އައިރާގެ ޚިޔާލު ބަދަލު ވިޔަސް ދެން ޒާންއާއި ގުޅުމުގެ ފުރުސަތެއް އަހަރެން ނުދޭނަން!...''

މެހެރުއްނިސާގެ ވާހަކަތަކުން ޤަމަރަށް އަސަރުކުރިއެވެ. އައިރާގެ ކުށެއް ނެތި އައިރާގެ ނަން ކިލަނބުވެގެންދާ މަންޒަރު ބަލަން ކެތެއް ނުކުރެވުނެވެ. ނަފުސުގެ މައްޗަށް އަތްގަދަކޮށްފައިވި ބިރުވެރިކަން ހަޤީޤަތަކަށްވަމުން ދިޔަ މަންޒަރު ބަލަން ހުރެވޭ ގޮތެއް ނުވިއެވެ. ހަޤީޤަތް ސިއްރުކުރަން ހަދައިގެން ގޯހުން ގޯހަށް ކަންތައް ގޮސްފާނެކަމުގެ ބިރާއެކު ދޫހިމޭނުން ބާއްވަން އޭނައަށް އުނދަގޫވެއްޖެއެވެ. މިފުރުސަތު ބީވެގެން ގޮސްފިނަމަ މަސްރަހު ބޮއްސުންލައިގެން ދިއުން ނޫންކަމެއް ނުވާނެއެވެ. ދެޢާއިލާގެ ދެމެދުގައި ބޮޑު ހައިޖާންގަނޑެއް އުފެދިގެން ދާނެކަން ގައިމެވެ. އައިރާއާއި ޒޯހަންގެ ލޯތްބަށް އިތުރު ހުރަސްތަކެއް އެޅިގެން ދާނެކަން ވެސް ގައިމެވެ.

ޤަމަރުގެ އަތުގައި ހިފަަހައްޓަން ބަސީލް އުޅުނެވެ. ނަމަވެސް ބަސީލްއަށް މިފަހަރު ޤަމަރު އިޖާބައެއް ނުދިނެވެ. ބަސީލްއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު ދެފަރާތަށް ބޯހޫރާލިއެވެ.

''ޤަމަރު...'' ބަސީލް އުޅުނީ ޤަމަރު ހުއްޓުވާށެވެ.

''ނޫން!... ހަޤީޤަތް ހާމަކުރަންވީ ވަގުތު މިއީ...'' ޤަމަރު ބުންޏެވެ. ''މިވަގުތު އެއްޗެއް ބުނަން ފަސްޖެހިއްޖެނަމަ ވެދާނެ ގޮތަކާމެދު އަހަރެން ބިރުގަނޭ... ބަސީލް، އަރޫއަށް އެހެދެނީ ގޯހެކޭ...''

*****

ބޮޑުކޮޓަރީގައި ދެކެވެމުން ދިޔަ ވާހަކަތައް ސާފުކޮށް އައިރާއަށް އަޑު އިވުނެވެ. ހިތަށް ކޮށްފައިވި ފުން އަސަރުތަކުން އައިރާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އޭނަ ދެކެ މެހެރުއްނިސާ ނުރުހިއްޖެކަން އެނގުމުން މާޔޫސްކަމާއެކު އިސްޖަހާލެވުނެވެ. މާމައެއްގެ ލޯބި އޭނައަށް އިހުސާސްކުރެވުނީ މެހެރުއްނިސާގެ ފަރާތުންނެވެ. އޯގާތެރިކަމާއި ލޯތްބާއެކު އޭނަ ބަލައިގަތް ދުވަހުގެ ހަނދާންތަކުން މޭގައި ފަސޭހަވުމެއް ނެތް ޒަހަމްތަކެއް ލެވިގެން ދިޔައެވެ. ހިތުގެ އުދާސްތަކާއި ކުރިމަތިލާން އައިރާ ނުކުޅެދުނެވެ. ރޭއްސުރެން އޭނަ އެހުރީ ލޮލުފިޔަ ޖަހާނުލައެވެ. ބޮލުގައި އެހާ ގަދަޔަށް ރިއްސައެވެ. އުފުލަމުން ދިޔަ ހިތާމަތަކުން މުޅި މީހާ ބަލިކަށިކޮށްލައިފިއެވެ.

ކޮޓަރީގެ ދޮރަށް ލެނގިލައިގެން ބިންމަތީ އިށީނދެގެން އިން އައިރާއަށް މަންމަގެ ފަހު ޖުމްލަ އަޑު އިވުމާއެކު ތެޅިގަނެވުނެވެ. ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނައާއެކު އޭނައަށް ކޮޅަށް ތެދުވުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ލިޔާ މޭޒުގެ ގޮނޑީގައި އަޅުވާފައި އޮތް ވަށް ބުރުގާ ނަގައި އަޅައިފިއެވެ. ދެން އޭނަ އަވަސްވެގަތީ ކޮޓަރިން ނިކުންނާށެވެ. ކޯތާފަތް އަތުގެ ފުށަތުން ފޮހެލަމުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލެވުނެވެ.

''މަންމާ...'' އައިރާއަށް ބާރުބާރަށް ގޮވާލެވުނެވެ. އެއާއެކު އެންމެންގެ ނަޒަރު އައިރާއަށް ހުއްޓިއްޖެއެވެ. އައިރާގެ މެޔަށް ފިނިވެގެން ދިޔަ އެވެ. ލިބުނު ހާސްކަމުގެ ސަބަބުން އޭނަ އަނބުރައިގަތެވެ. މޫނު މައްޗަށް އަނދިރިވެ އަރިއަޅާލައފިއެވެ. ދެން ވީގޮތެއް އޭނައަކަށް ނޭނގުނެވެ. ވެއްޓެން ދިޔަ ވަގުތު މަންމަގެ ބާރު ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟