ވާހަކަ

ރުހުން ދީފާނުހޭ - 67

5

"މެލީ މިއަދު ކާއެއްޗެއްވެސް ނުކައޭ މައުސޫމާ ބުނި" މައުސޫމާ ބުންޏެވެ.

"ހޭލީމަ އެއްޗެއް ކާންދެވޭތޯ ބަލާނީ" މައިލީން ބުންޏެވެ.

ކުއްލިއަކަށް އިވުނީ ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ. އެއާއެކު ލޫލު ރޮއިގަތްއަޑު އިވުނެވެ. ގޭތެރެއާ ދިމާލަށް ބަލައިލީ އެންމެން އެކުގައެވެ. އެކަކުގެ މޫނު ބަލައިލުމަށްފަހު އެތެރެއަށް ދާން ދުއްވައިގަތީވެސް އެންމެން އެކުގައެވެ. އެންމެ ކުރީގައި ހުރީ އައްޒާމް އާއި އަހަދުﷲ އެވެ. ދޮރުހުޅުވާލާފައި އެތެރެ ބަލައިލިއިރު މެލެކް ހުއްޓިގެން ހުރީ އަލަމާރި ކައިރީގައެވެ. ނިދާ ހޭލިގޮތަށް އިށީނދެގެން އިން ލޫލު އިނީ ރޮއެރޮއެ ބަލިވެފައެވެ. މެލެކްއަށް ބަލަމުން އެތެރެއަށް ގޮސް މައިލީން ލޫލު އުރާލިއެވެ. މޭގައި ލޫލު ލައްކޮށްލިއިރުވެސް އެކުޑަކުޑަ ހިތުގެ ތެޅުން މައިލީންއަށް އިހުސާސް ކުރެވުނެވެ. މެލެކް ކުރިކަމަކުން ނިދީގައި އޮތް ލޫލުއަށް ހޭލެވުނީ ސިހިގެންކަން ޔަގީނެވެ. އެވަގުތު މެލެކްގެ އަޅާލުން ނުލިބުމުން ލޫލު އިނީ އިންތިހާއަށް ބިރުގެންފައިކަންވެސް މައިލީންއަށް އެނގުނެވެ. ތަބައްސުމް ހައިރާންވެފައި ހުރީ މެލެކްގެ ހަރަކާތްތަކަށް ބަލާށެވެ. މެލެކްގެ ސަމާލުކަން ލޫލުއަށް ކުޑަވެފައިވިތަން ފެނި ތަބައްސުމް ހިތުގައިޖެހުނެވެ. ކުއްލިއަކަށް އައި ހަނދާންތަކާއެކު މެލެކްގެ މިޒާޖަށް މިހާ ބޮޑު ބަދަލެއް އައިސްދާނެ ކަމަކަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ. މެލެކް އާ ގާތަށް ތަބައްސުމް ފިޔަވަޅެއް އަޅާލިއެވެ. ކުއްލިއަކަށް ތަބައްސުމްގެ ލޮލުގައި އަޅައިގަތީ މުށިތަކުގެ މައްޗަށް އެއްލާލާފައި އޮތް އަލަމާރީގެ ތަޅުލާފައި ހުންނަ ދެ ވަތްގަނޑެވެ. ދެންމެ އިވުނު ބާރު އަޑުފަށްގަނޑަކީ ގަދަކަމުން ވަތްގަނޑު އުފުރާލާފައި މުށިތަކުގެ މައްޗަށް އެއްލާލި އަޑުކަން ތަބައްސުމްއަށް އެނގުނެވެ. މެލެކްގެ ފައި ކައިރީގައި އޮތް ހުދު ކުލައިގެ ބޯ އަލްބަމް ފެނުމުން މެލެކް ގުދުވެލީ އެ ނެގުމަށެވެ. އެހެންނަމަވެސް މެލެކްއަށް ވުރެ އެ ނެގީ ތަބައްސުމްއެވެ.

"ދަރިފުޅު ކިހނެއް ހަދަންވެގެން މި ވަތްގަނޑު ވެއްޓުނީ" ތަބައްސުމް ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ.

"އެއްޗެއް... އެއްޗެއް ހޯދަންވެގެން" މެލެކް ބުންޏެވެ.

"ކޯޗެއް؟ ކޯޗެއް ހޯދަން ބޭނުމީ؟ މަންމަ ކައިރީގަ ބުނޭ. އޭރުން މަންމަ ހޯދައިދޭނަން" ތަބައްސުމް ބުންޏެވެ

ތަބައްސުމް ކުރިއަށް ޖެހިލިއެވެ. ވެއްޓިފައި އޮތް ވަތްގަނޑުމަތިން ހުރަސްކޮށް އޭނާ މެލެކް އާ ހަމައަށް ދިޔައެވެ. މެލެކްގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ. ލަސްލަހުން މެލެކްގެ ނަޒަރު ހުއްޓުނީ މައިލީން އުރާލައިގެން ހުރި ލޫލު އަށެވެ. ލޫލު ދުވަސް ހަރާބެވެ. އެކުއްޖާ މިއަދު ހަތަރުދަމު އެހެން ކަމެއް ނުކުރެއެވެ. މިހާރުވެސް ރޮނީއެވެ. ލޫލު މަސަލަސް ކުރެވޭތޯ މައިލީން އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. ރައްޔާނު ކުރިއަށްޖެހިލާ ލޫލު އުރާލިއެވެ. ފޯނުން ލޫލުއަށް އެއްޗެއް ދައްކަމުން ކޮޓަރިން ނިކުމެ އޭނާ ހުއްޓުނީ ކޮޓަރި ދޮރުމަތީގައެވެ. އެތެރޭގައި ވާހަކައެއް ދައްކަންޏާ އެވާހަކައެއް އިވޭ ހިސާބުގައެވެ.

"މަންމާ، ލޫލުއަކީ އަޅުގަނޑުގެ ދަރިއެއްތަ؟" މެލެކް އަހާލިއެވެ.

ތަބައްސުމް ބަލައިލީ މައިލީން އަށެވެ. ތެދަށް ޖަވާބުދޭންވީހޭ އަހާލިއެވެ.

"ދަރިފުޅަށް ހީވަނީ ކިހިނެއް؟ އައްޒާމް އިށީނީ މެލެކްގެ އަނެއްފަރާތުންނެވެ.

"ހީވަނީ އަޅުގަނޑުގެ ދަރިފުޅުހެން" މެލެކް ބުންޏެވެ. އޭނާގެ ދެލޮލުން ރޮނގެއްހެން ކަރުނައެއް ފައިބައިގެން ދިޔައެވެ.

"އެއީ މެލީ އާ ބާޒިލްގެ ފުރަތަމަ ދަރިފުޅު" ތަބައްސުމް ބުންޏެވެ.

ހަމަ އެހިނދު މެލެކްއަށް ހީވީ އޭނާގެ އެތެރެހަށީގައި ދައުރުވަމުން ދިޔަ ލޭ ހުއްޓުމަކަށް އައިހެންނެވެ. މައި ލަގޮނޑިއަށް ބާރުވެގެން ދިޔައެވެ. މައިވަންތަ އިހުސާސް އޭގެ އެންމެ ފުނަށް އޭނާއަށް އިހުސާސްވެގެން ދިޔައެވެ. ދެލޯމަރާ މެލެކް ބާރުކުރަމުން ދިޔައެވެ. ލޫލުގެ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތެވެ. ބަނޑުބޮޑުވި ކަމެއްވެސް ނުވާ ކަމެއްވެސް ހަނދާނެއް ނެތެވެ. ހަމަ ޔަގީނުންވެސް ބާޒިލް އަކީ އޭނާ ފިރިމީހާކަން ޝައްކެއް ނެތް މިންވަރަށް އޭނާއަށް ކަށަވަރު ވެއްޖެއެވެ. ދެލޯ މަރާލައިގެން އިން މެލެކް ސިކުނޑިއަށް ބާރުލަމުން ދިޔައެވެ. ލޫލުގެ އެއްވެސް ހަނދާނެއް އޭނާއަށް ނައެވެ. ހިތުގައި ސުވާލު އުފެދުނެވެ. ލޫލުއަކީ އޭނާގެ ދަރިއެއް ކަމަށްވަންޏާ އޭނާ ބަނޑުބޮޑުވީ ކޮންއިރަކު ހެއްޔެވެ؟ ވިހެއީ ކޮންއިރަކު ހެއްޔެވެ؟ ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ދަށްބަނޑުގައި ހުރި ލަފެވެ. އެއީ ކޮންލަފެއްކަން އޭނާއަށް ފަހުމުވެގެން ދިޔައެވެ. އެހިނދު މެލެކް ބާރަށް ރޮއެގަތެވެ.

"ލޫލު... މަގޭ ދަރިފުޅު..."

ކުއްލިއަކަށް އެނދުން ފައިބައިގެން މެލެކް ދުއްވައިގަތެވެ. ރައްޔާނު އަތުގައި އިން ލޫލު ގޮވައިގެން އޭނާ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީންގޮތަށް ބާރަށް ލޫލުގެ ގައިގައި އޭނާ ބައްދަމުން ދިޔައެވެ. މޫނުގެ އެކި ތަންތަނުގައި ބޮސްދީ އޭނާގެ މޭގައި ލޫލު ބޮނޑިކުރަމުން ދިޔައެވެ. ހިނދަކަށްފަހު ހިނދެއް މެލެކްގެ ރުއިން ބާރުވަމުން ދިޔައެވެ. އޭނާއަށް ހުއްޓާލަން ދަތިވާ މިންވަރަށް ހިތުގައިޖެހި ރޮމުން ދިޔައެވެ. މެލެކްގެ ހަރަކާތްތައް ހުރިގޮތުން މިހުރިހާއިރު މަސަލަސްވެފައި އިން ލޫލު އަނެއްކާވެސް ތުންފިއްތަން ފެށިއެވެ. މިވަނީ ކިހިނެއްކަން އެ ތުއްތު ފުރާނައަކަށް ނޭނގެއެވެ. އެހެންނަމަވެސް މައިމިހާގެ ހިތާ ތުއްތު ފުރާނައިގެ ވިންދު ގުޅިފައިވާތީ މަންމަ ހިތާމައެއް ކުރާކަން ލޫލުއަށް އިހުސާސްވާ ކަހަލައެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި މެލެކް އޭނާގެ މޭގައި ލޫލު ލައްކޮށްލިއެވެ. އޭނާގެ އެއް އަތުން ލޫލުގެ މޫނާ ބުރަކަށީގައި މަޑުމަޑުން ފިރުމަން ފެށިއެވެ. އިސާހިތަކު ރުއިން ލޫލު ހުއްޓާލައިފިއެވެ. މެލެކްގެ ހަރަކާތްތަކަށް ބަލަން ހުރި ކޮންމެ މީހެއްގެ ދެލޮލުގައިވީ ކަރުނައެވެ.

"ހިނގާ ބޭރަށް..." އަހަދުﷲ ބުނީ ރައްޔާނަށެވެ.

މެލެކް އިނީ ހަމަޔަކަށް އެޅިފައިކަން އަހަދުﷲ އަށް އެނގިއްޖެއެވެ.

"ދަރިފުޅު ދޭ ބައްޕަމެންނަށް ކާން ހަދާލަން. ލޫލުގެ ބަތްކޮޅުވެސް މަންމަ ހުންނާނީ މުގުރާލާފަ" ތަބައްސުމް މައިލީންއަށް ބުންޏެވެ.

"މަންމަމެންވެސް ދޭ. ކައިގެން އާދޭ. އަޅުގަނޑާމެދު ފިކުރުނުކުރޭ. އަޅުގަނޑު ރަނގަޅު" މެލެކް ބުންޏެވެ.

ތަބައްސުމް މެލެކްގެ މޫނުގައި ފިރުމާލިއެވެ. މެލެކްގެ އެއް އަތް ކުރިއަށް ދަމާލާފައި އެ އަތުގައި ބޮސްދިނެވެ. ބުރުގާ ތެރެއިން ބޭރަށް ނިކުމެފައި ހުރި އިސްތަށިތައް އެތެރެއަށް ލައްވާލާފައި ބުރުގާ ރީތިކޮށްލިއެވެ.

"ދީބަލަ ބައްޕަ އަތަށް ލޫލު" އައްޒާމް ބުންޏެވެ.

މެލެކް އައްޒާމަށް ލޫލު ދިނެވެ. ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ފިލުވައިލުމަށްފަހު ލޫލު އާ އައްޒާމް ކުރިމަތިލީ ލޫލު ހެއްވާލުމަށެވެ. ލޫލު އާ ސަކަރާތްޖަހަމުން އައްޒާމް ނިކުތީ ބޭރަށެވެ. ތަބައްސުމް އިނެވެ. މެލެކް އާ ވާހަކައެއް ދައްކަންވީ ކަމެއް ނުވަތަ ނޫންކަމެއް ނޭނގިފައެވެ. ފަށަންވީ ދިމާލެއް ނޭނގިފައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ މެލެކް އޯކަށް ދެމިގަތެވެ. އޭނާ ދުވެފައި ދިޔައީ ފާހާނާ އާ ދިމާލަށެވެ. އެންމެން ކާން ތިބި ވާހަކަ ބުނަން އައި މައިލީންވެސް ދުވެފައި އެދިމާލަށް ދިޔައެވެ.

"ކިހިނެއްވީ؟" ފާހާނާ ތައްޓާ ދިމާލަށް ގުދުވެގެން އޮތް މެލެކްގެ ބުރަކަށީގައި ފިރުމަން އޮތް މައިލީންއަށް ތަބައްސުމް ބަލައިލިއެވެ.

"ދަރިފުޅު ދޭބަލަ ފެންތައްޓެއް ހިފައިގެން އަންނަން" ތަބައްސުމް ބުންޏެވެ.

ފެންތަށި ހިފައިގެން މައިލީން އައި އިރު މެލެކް އެނދުގައި ބައިންދަނީއެވެ.

"ކީއްވެ ހޮޑުލެވެނީ؟" ތަބައްސުމް އަތަށް ފެންތަށި ދެމުން މައިލީން ބުންޏެވެ.

ތަބައްސުމް ފެންތަށި މެލެކްގެ ތުނބުގައި ޖައްސާލިއެވެ. މެލެކް ބޯލެވުނީ ކުޑަ މިންވަރެކެވެ. އޭނާ ފެންތަށި ދުރަށް ޖައްސާލިއެވެ.

"ހޮޑުލައިފިތަ؟ އޯކަށް ދެމުނީ. ގޮހޮރުގަ އެއްޗެއް އޮތް ނަމައެއްނު ހޮޑަށް އެއްޗެއް އަންނާނީ" ތަބައްސުމް ބުންޏެވެ.

"ނުކެވެންޏާ ކީއްކުރާނީ މަންމާ. ރަނގަޅަށް ކާއެއްޗެއް ކެވުނީ އިއްޔެގަ ކުރީ ދުވަހު" މެލެކް ބުންޏެވެ.

"އަސްތަޣުފިރުﷲ... ހިނގާ އެއްޗެއް ކާލަން ދާން" ތަބައްސުމް ބުންޏެވެ.

"އިރުކޮޅަކުން ދާނަން" މެލެކް ބުންޏެވެ. "ލޫލު ކޮބާ؟"

"އެބައިން ބައްޕައާއެކު ކާން. ހިނގާ އެއްޗެއް ކާލަން ދާން" މައިލީންވެސް ބޭނުންވީ މެލެކްއަށް ކާއެއްޗެއް ދޭށެވެ.

މައިލީން އައިސް މެލެކްގެ އަތުގައި ހިފިއެވެ. އެއްވެސް ކަމެއް ކުރާހިއްނުވެފައި އިނދެވެސް މެލެކް ދާން ހިނގައިގަތެވެ.

ފިރިމީހާއާއި ފިރިމީހާގެ އާއިލާ އާއި ދުރަށް އަމިއްލަ މައިންބަފައިން ކައިރިއަށް އޭނާ އޭނާގެ އަމިއްލަ އިހުތިޔާރުގައެވެ. އޭނާއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ގާތުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބޭނީ އާއިލާކަން އޭނާގެ ހަނދާނުގައި ހުއްޓެވެ. އެހާ ފަސޭހައިން ގޮތްދޫކޮށް ކާއެއްޗެއް ކާން ދާން އެއްބަސްވީ އެހެންވެއެވެ.

****

ސޯފާގައި ޒޭބާ އާއި މައުސޫމާ ތިއްބެވެ. ކުރިމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން ފެންނަން ތިބީ ހިބާ އާއި ލައިބާއެވެ. ދެ އަންހެންކުދީންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. މެންދުރު ނަދާމުކޮށްގެން އައިސް ޒިޔާދު ވަނީ ވެސް އެވަގުތުއެވެ. އޭނާ އައިސް އިށީނީ މައުސޫމާގެ ވައަތް ފަރާތުންނެވެ.

"ދެން އެކަމު ހާދަ ދެރައޭ" ލައިބާ ބުންޏެވެ.

"ދެރަގޮތެއް ވާން އަދި ގާތްވެސްނުވޭ. މެލީ އަދި އަންނާނެ. އޭނަ ޒެއްލުދެކެ ވަރަށް ލޯބިވޭ. ކުއްލިއަކަށް އޭރުގެ ދިރިއުޅުން ހަނދާނަށް އައިމަ މެލީ އެ އުޅެނީ އެކަން ހިތުން ނެރެލަން އުނދަގުވެގެން" ހިބާ ބުންޏެވެ.

"މަންމައަށް ވެސް ހީވަނީ ތިކަހަލަ އެއްޗެއް" މައުސޫމާ ބުންޏެވެ.

"ކޮބާ މިހާރު ޒެއްލު؟" ލައިބާ އަހާލިއެވެ.

"ގެއަށް އައިގޮތަށް ކޮޓަރިއަށް ވަނީ. މިސްކިތަށް ދާންވެސް ނުނިކުމޭ" ޒޭބާ ބުންޏެވެ.

"މިގުޅަނީ ޒެއްލުއަށް" ހިބާ ބުންޏެވެ.

"އުނހު. ދަރިފުޅުމެންގެ އެއްވެސް ކުއްޖަކު އަދި ބާޒިލުއަށް ނުގުޅާތި. ބާޒިލް އަމިއްލައަށް އެބަޖެހޭ މެލެކްގެ ހާލަތު ގަބޫލުކުރަން. އޭނަ އަމިއްލައަށް ހަމަޔަކަށް އެޅިގެން ކޮޓަރިން ނިކުންނަންދެން އެކަކުވެސް އެކޮޓަރިއަށް ގޮސްގެންވެސް، ގުޅައިގެންވެސް ނުވާނެ" ޒިޔާދު ބުންޏެވެ.

"ތިހެން ބުންޏަސް އަހަރެންގެ ލަގޮނޑިއަކަށް ކެތެއްނުވާނެ އެސޮރުގެ ހާލެއް ނުބަލާ" މައުސޫމާގެ އަޑު ކުރެހުނެވެ.

ޒިޔާދު މައުސޫމާގެ ކޮނޑުގައި ހިފާލާފައި ގަޔާ ކައިރިކޮށްލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން އެއް އަތުން މައުސޫމާގެ ކޮނޑުގައި ފިރުމަމުން ދިޔައެވެ.

"ދަރިފުޅުމެންގެ އެއްވެސް ކުއްޖަކު މެލީއަށް ހިތްބުރަ ނުކުރައްޗޭ. އެއީ ހިތް ގޯސް ކުއްޖެއް ނޫން. އެއީ ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. ދަރިފުޅުމެންގެ އެއްވެސް ކުއްޖަކާ މެލީ އާ މަންމަ ތަފާތެއް ނުކުރަން. އެއީ މިގެއަށް ޒެއްލުގެ އަނބިމީހާއަށް ވެގެން އައި ކުއްޖެއްނޫން. އެއީ ދަރިފުޅުމެން ފަދައިން މަންމަގެ އަންހެން ދަރިއެއް. މަންމަ ދިނީ ޅީ ދަރިފުޅަކަށް ދޭންޖެހޭ މަގާމެއްނޫން. އަމިއްލަ ދަރިއެއްގެ މަގާމު ދިނީ. ހުރިހާ ކުދިންވެސް ދުއާކުރޭ. މި އާއިލާގެ އުފާވެރިކަން ތާ އަބަދަށް ލަހައްޓަވާތޯ. ބާޒިލްއަށް ކުރެވުނު ފާފައިން އޭނާ ތައުބާވެ ރަނގަޅު މަގަށް ރުޖޫއަވުމާއެކު އެސޮރަށް ކުރިމަތިވި މި އިމްތިހާނަށް ކެތްތެރިވުމުގެ ހެޔޮ ތައުފީގު އެސޮރަށް ދެއްވާތޯ. މިއަދު އެސޮރުގެ ހިތް އެވަނީ އެކީއެކައްޗަކަށް ކުދިކުދިވެފަ. ކުރިއަށް ވާނެ ގޮތެއްވެސް ނޭނގޭ. ﷲ އާ ވަކީލު" މައުސޫމާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އެހިނދު ތިން އަންހެންދަރީންނަށް ވެސް ރޮވިއްޖެއެވެ.

އަސުރުނަމާދު ކޮށްގެން މައުސޫމާ ބޭރަށް ނިކުތެވެ. ފުރަތަމަވެސް އޭނާ ބަލައިލީ ބާޒިލްގެ ކޮޓަރި އާ ދިމާލަށެވެ. މެންދުރު ކޮޓާރިއަށް ވެއްދި ކާއެއްޗެހި ބާޒިލް ކެއި ކަމެއްވެސް ނޭނގެއެވެ. އެކޮޓަރިއަށް ވަންނަން އުޅެފައިވެސް އޭނާ އެ ހިޔާލު ދޫކޮށްލާފައި އައިސް ވަނީ ބަދިގެއަށެވެ. އެހިނދު އޭނާއަށް ލިބުނީ ހައިރާންކަމެވެ. މޭޒު ކައިރިން ގޮނޑިއެއްގައި އިނީ ބާޒިލް އެވެ. ވެއްދި ކާއެއްޗެހި ތަށި ހުރިގޮތަށް ހުއްޓެވެ. އެއަށް ބާޒިލް ބަލާލައިފައިވެސް ނެތެވެ. މައުސޫމާ އައިސް ބާޒިލްގެ ގާތުގައި ހުއްޓުނެވެ. ގާތުގައި މަންމަ ހުރިކަން އެނގުމާއެކު ބާޒިލްގެ އަޑު ނިކުތެވެ. ހިފެހެއްޓުމެއްނެތި އޭނާއަށް ރޮވެމުން ދިޔައެވެ. މައުސޫމާގެ ގައިގައި ބައްދާލައިގެން އިނދެއެވެ.

"މަންމާ، ދެން ކިހިނެއްހަދާނީ؟" ގޮތްހުސްވެފައިވާ މީހަކު ފަދައިން ބާޒިލް ބުންޏެވެ.

"އިހަށް ހަމަޖެހިބަލަ" މައުސޫމާ ބާޒިލްގެ ގާތުގައި އިށީނެވެ. ބާޒިލްގެ ކަރުނަތައް ފޮހެދިނެވެ.

"ކެތްތެރިވޭ ދަރިފުޅާ. މެލެކްއަށް އިހަށް ވަގުތުދީ" މައުސޫމާ ބުންޏެވެ.

"މެލީ ދެން ނާންނާނެ. މަންމަ ނުދެކެންތަ މެލީ ރުޅިއައިސްފަ ހުރި ވަރު" ބާޒިލް ބުންޏެވެ.

"އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެ. އެ ދިރިއުޅުން މެލީގެ ހަނދާނަށް އައިތާ މާގިނައިރު ނުވޭ. ދަރިފުޅާ. މެލީގެ މަގާމުގައި މިއަދު ދަރިފުޅު ހުރިނަމަވެސް ދަރިފުޅުގެ އަމަލުތައްވެސް ހުންނާނީ މިފަދަ ގޮތަކަށްހެން މަންމައަށް ހީވަނީ. ދިރިއުޅުމަށް ކަންތައްތަކާ ދިމާވާނެ. ކެތްތެރިވާންޖެހޭނީ. އެއްވެސް ދިރިއުޅުމަކީ ތާއަބަދަށް އުފަލާއި އަރާމުގައި އޮންނާނެ ދިރިއުޅުމެއް ނޫން. މިއީ ކުރެވޭ އިމްތިހާނެއް ދަރިފުޅު މިކަމާ ކުރިމަތިލާންޖެހޭނީ ވަރށް ވިސްނައިގެން" މައުސޫމާ ބުންޏެވެ.

"އެގެއަށް ދާން ބޭނުން. މެލީ އާ ވާހަކަދައްކާލަން ބޭނުން. އާދޭސްކޮށް މައާފަށްއެދެން ބޭނުން. މެލީ އާ ނުލާ އަހަންނަކަށް ނޫޅެވޭނެ" ބާޒިލް ބުންޏެވެ.

"ނޫން. ތި ވިސްނުން ދޫކޮށްލާ. މަންމަގެ ބަހެއް އަހަންޏާ ދަރިފުޅު އެގެއަށް ގޮސްގެންނުވާނެ. މެލީ ބޭނުންނުވާހާ ހިނދެއްގައި ޒެއްލު ނުވާނެ މެލީގެ ކުރިމައްޗަށް އަރައިގެން. މިއީ މީހާ ތެޅިފޮޅެންވީ ވަގުތެއްނޫން. އައްޒާމްގެ ރުހުން ހޯދަން ދަރިފުޅު އުޅުނު ގޮތް ހަނދާން އެބަހުރިތަ؟ ދަރިފުޅުގެ މަސައްކަތްތައް ކާމިޔާބުވެ އައްޒާމްގެ ރުހުން ލިބުނީ ކިހާ ފަސޭހައިން. މިއީ މެލެކްގެ ރުހުން ހޯދަންވީ ވަގުތު. މެލީގެ ރުހުން ދަރިފުޅަށް ލިބޭނީ ކެތްތެރިކަމާއެކު މަސައްކަތްކޮށްގެން. ﷲ އަށް އިތުބާރުކޮށް އެކަލާނގެއަށް މަދަދަށް އެދިގެން"

މައުސޫމާގެ ވާހަކަތައް އަހަން ބާޒިލް އިސްއޮބާލައިގެން އިނެވެ.

****

ހަވީރުގެ ވަގުތެވެ. ގެއިން ބޭރަށް މެލެކް ނުނިކުމެއެވެ. އޭނާ އިނީ ކޮޓަރީގައެވެ. ލޫލު ގޮވައިގެން މުޅި ދުވަސް އޭނާ ހޭދަކުރަން ބޭނުންވަނީ އެކޮޓަރީ ހަތަރުފާރުން އެތެރޭގައެވެ. އޭނާ ބޭނުންވަނީ އެކަނި ވަގުތުކޮޅެކެވެ. އެނދުގެ ހެޑްބޯޑުގައި ލެގިގެން އޭނާ އިނެވެ. ދަމާލާފައިވާ ދެފައި މަތީގައި އޮތް ބާލިސްމަތީގައި ލޫލު ނިދާލާފައި އޮތެވެ.މެލެކް އިނީ އެނދުގެ ހެޑްބޯޑުގައި ލެގިގެންނެވެ. އެހެން އިންއިރު އިރުކޮޅަކާ އޭނާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދެއެވެ. ބާޒިލް މަތިން ހަނދާންވާ ކޮންމެފަހަރަކު ހީވަނީ ހިތުގައި ލެވިފައި ހުރި ޒަހަމްތަކުގެ މަތީގައި ލޮމިރުސްގަނޑެއް އަޅާލެވޭ ހެންނެވެ. އެހެންއިންއިރު އޭނާގެ މާޒީގެ ލޯގަނޑަށް ސިފަވަމުން ދިޔައީ މިހުރިހާ ދުވަހު އޭނާގެ ހަނދާން ނެތިފައިވާ ދިރިއުޅުމުގެ އެތައް ކަމެކެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭ އޭނާގެ ދިރިއުޅުމުގެ ހިތި ހަގީގަތެވެ. ހަމައެކަނި ހާލައިގެން ފިރިމީހާގެ ބޭވަފާތެރިކަން އޭނާ ބަރުދާސްތުކުރި ދުވަސްތަކެވެ. ފިރިމީހާ އާ މެދު ހޭބަލިވާ މިންވަރަށް ހިތްމޮވެފައި ހުރެގެން ކެތްތެރިވެ ހުރެ ފިރިމީހާގެ ބޭވަފާތެރިކަމާއި އަޅާލުންކުޑަކަން ބަރުދާސްތުކުރި ދުވަސްތަކެވެ. އޭނާގެ ދެލޮލުން ފޭބި ކަރުނަތަކާއި ކުރި ހިތާމަތައް ތަހައްމަލުކުރި ވޭނާ ކެކުޅުން އެއީ އޭނާ އާއި އޭނާގެ ވެރި ރައްބާ ދެމެދުގައި ވަންހަނާ ވެގެންވާ ކަންކަމެވެ. ތިންވަނަ އެއްވެސް ފަރާތަކާ އޭނާ އެއްވެސް ކަމެއް ހިއްސާއެއް ނުކުރެއެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އޭރު އޭނާ ހިތްދަތިކަން ތަހައްމަލުކޮށްފައި ވިޔަސް ދުނިޔެއަށް އޭނާ ހާމަކުރީ ދެއްކުންތެރި ހިނިތުންވުމެކެވެ.

އަހަރެން... ކިހިނެއް ހަނދާން ނައްތާލާނީ؟ އަހަރެން ކައިވެނިކުރީ ވަރަށް ލޯބިން. އެތައް އުންމީދަކާއެކު. ފުރަތަމަ ރޭވެސް ބާޒިލް އަހަންނަށް އިހުސާސްކޮށްދިނީ ދުރުކަން. އަހަރެންދެކެ ލޯބިނުވާކަން. ކިތައްފަހަރު އަހަންނާ ދިމާލަށް ފާޅުގަ އެހެންބުނީ. ކިތައްދުވަހު ސާރާއަށް ގުޅައިގެން އަހަރެން ކުރިމަތީގައި ލޯބީގެ މާތައް ފޮޅުވީ. ކިތައްދުވަހު ސާރާއަށް ފޮނުވާފައިވާ ލޯބީގެ އެތައް މެސެޖެއް ބާޒިލްގެ ފޯނުން އަހަރެން ދުށީ. އަހަރެންގެ ހިތަށް ހާދަ ތަދެއްވިއޭ. ބާޒިލްއަށްޓަކައި އަހަރެންގެ ހިތުގައިވި ތެދުވެރި ވަފާތެރި ލޯތްބަށްޓަކައި ކިތައްދުވަހު އަހަރެން ކެތްތެރިވީ. ހަގީގަތަކީ އަހަރެން ކެތްތެރިވާން ނުޖެހޭކަން. ކީއްވެ އޭރު އަހަރެން ބާޒިލް ދޫކޮށްކާފަ ނުދިޔައީ. އޭރު ދިޔަނަމަ މިއަދު މި ހިތާމަތައް ކުރާކަށް ނުޖެހުނީސް.. ކިތައްފަހަރު އަހަރެންނަކީ އުނި އަންހެނެއްކަން ބާޒިލް އިހުސާސްކޮށްދިނީ. ކޮބާ އަހަރެންގެ ކުށަކީ؟ ދެން މިހާރު އަހަރެންދެކެ ބާޒިލް ލޯބިވުމުގެ ބޭނުމަކީ ކޮބާ؟ އޭރު ހިތުގައި ނެތް އިހުސާސެއް ކުއްލިއަކަށް އުފެދެންވީ ކީއްވެ؟ ބާޒިލް އެހަދަނީ ހުސް ދޮގު. އޭރުވެސް އަހަރެން މޫނު ނުބައި ޖަނަވާރެއްގެ ސިފައިގައި ފެނުނު އިރުވެސް އޭނާ ކެތްތެރިވީ އޭނާގެ މައިންބަފައިންނަށް ޓަކައި. މިހާރުވެސް އޭނާއަށް އޮތީ ހަމަ އެމަޖުބޫރީ. ނޫނީ ބައްޕަގެ ނުފޫޒުން ލޫލު އޭނާ އާ ދުރަށް ގެންގޮސްދާނެތީ އެކަމާ ޖެހިލުންވަނީ. ބާޒިލް... އަހަރެންގެ ހިތް ބާޒިލްއަކަށް ސާފެއްނޫން. ވަރަށް ޝަކުވާ އެބަހުރި. އެތައް ބައެއްގެ ކުރިމަތީގައި އެ ޝަކުވާތައް ބޭލިޔަސް ދުވަހަކުވެސް ނިމުމެއް ނާންނާނެ ވަރަށް އަހަރެންގެ ހިތް ޝަކުވާއެބަ ކުރޭ. އަހަރެން މައާފެއްނުކުރާނަން. އަހަރެންގެ ހަނދާންތައް ނައި ނަމަ މުޅި އުމުރަށްވެސް ބާޒިލް ކައިރީގަ އުޅުނީމުސް. މިހާރު އަހަންނަށް ހުރިހާ ކަމެއް ހުދު ކަރުދާސްގަނޑެއްހާ ސާފުވެއްޖެ. އަހަރެންގެ ފަރާތުން އިތުރު ތަކުލީފުތަކެއް ނުޖައްސާނަން. މުޅި ދުނިޔެ އަހަންނާ ދެކޮޅުވިޔަސް އަހަރެން ބާޒިލް ކައިރިއަކަށް އެނބުރި ނުދާނަން. އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއް ނިންމުމުގެ އިހުތިޔާރު އޮންނާނީ އަހަންނަށް. އެއީ އެއްވެސް މީހަކަށް ބެހެވޭނެ ކަމެއް ނޫން. އަހަރެން ހޯދަން ދެން މިގެއަށް ނާންނާތި... އަހަރެން... އަހަރެން ބާޒިލް އާ ކުރިމަތިލާކަށް ބޭނުމެއް ނޫން...... ބޭނުމެއްނޫން...."

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟