ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 21

3

ރިސާލާއަށް ވާހަކަދައްކަން އުނދަގޫވެފައިވުމުން ރިސާލާއަށް ވަގުތު ދީގެން ދައުސް އިނެވެ. ރިސާލާގެ މޫނަށް ފުން ނަޒަރަކުން ބަލައިލެވުނެވެ. އެހިތުގައި އުފެދިފައިވި މާޔޫސްކަމުގެ އަސަރުތައް މޫނުމަތިން ފާހަގަ ކުރެވުމާއެކު، ރިސާލާގެ ގާތަށް ދައުސްއަށް ޖެހިލެވުނެވެ. އަދި ރިސާލާގެ އަތްތިލައަށް ފިތާލެވުނެވެ. ރިސާލާއަށް އައިސްފައިވި ކުއްލި ބަދަލުތަކުން ހާސްކަން ލިބުނަސް އެކަން ދައުސް ފާޅެއް ނުކުރިއެވެ. އޭނަ ރިސާލާއަށް ހިތްވަރުދިނީ އުނދަގޫކުރަމުން ދިޔަ ވާހަކަތައް އޭނައާއި ހިއްސާކުރުމަށެވެ.

''ޒާން ބުނި ވާހަކައަކުން ހަދަންވީ ގޮތެއް ނޭނގިފައި މިހުންނަނީ...'' ރިސާލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ޖުމްލައިން ދައުސްއަށް ހައިރާންކަން ލިބިގެން ދިޔަ މަންޒަރު ވެސް ފެނުނެވެ.

''ކޮން ވާހަކައެއްތަ؟...'' ދައުސްއަށް އަހާލެވުނެވެ.

''އަރޫ ކައިވެނި ކުރަން ބޭނުން ނުވެޔޭ ޒާން ބުނީ...'' ދައުސްގެ މޫނަށް ބަލަމުން ރިސާލާ ބުންޏެވެ.

''ވަޓް؟... ކޮން އިރަކު ދެއްކި ވާހަކައެއްތަ؟...'' ދައުސްއަށް ލިބުނީ ހައިރާންކަމާއި ސިހުމެވެ.

''އިރުކޮޅެއް ކުރިން، ފެން ޖަގު ހުސްވެފަ ހުރީމަ ފެން އަޅަން ބަދިގެއަށް ދަނިކޮށް ޓެރެސްގަ ޒާން ހުއްޓާ ފެނުނީ...'' ރިސާލާ ބުނެދިނެވެ.

''ޒާން އެބައުޅޭތަ؟...'' ދައުސްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޒޯހަން ރިސޯޓުން އައިކަމެއް އޭނައަށް އެނގިފައި ނެތެވެ.

''އާނ، އެބައުޅޭ، އަންގާލުމެއް ވެސް ނެތި އިރާކޮޅުގަޔޯ އައީ... ގެއަށް ވެސް އެއައީ އަހަރުމެން އެންމެން ނިދި ފަހުން... ދައުސް، އަހަރެން ދުވަހަކު ވެސް އެފަދަ ހާލެއްގައި ޒާން ވަނިކޮށް ނުދެކެން، ބޮޑުވިފަހުން ދުވަހަކު ކަރުނައަޅައި ރޮނިކޮށް ވެސް ނުދެކެން، އެކަމަކު މިރޭ ޒާންގެ ލޮލުން ކަރުނަ ފޭބި މަންޒަރު ބަލަން ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައި... ޒާން ވަރަށް ބޮޑަށް ހިތުގަ ޖެހިފަ ހުރީ، އެހިތާމަތަކަށް ނިމުމެއް ގެންނަން އަހަރެން ބޭނުން...'' ރިސާލާގެ އަޑު ކުރެހުނެވެ. އަދިވެސް އޭނަގެ ލޯކުރިމަތިން އިސްޖެހިފައި ހުރި ޒޯހަންގެ މޫނު ސިފަކުރެވޭ ކަހަލައެވެ. ކޮނޑުއެލިފައި ހުރީ ނާއުއްމީދުގެ ބުރަކަމުން މީހާ ބަލިކަށިވެފައިވާ ހާލުގައެވެ. އެމޫނުން ފެނުނު ވޭނުގެ އަސަރުން އުފެދުނު ރިހުން ފިލައިދާ ގޮތެއް ނުވިއެވެ. ޒޯހަންގެ ހާލަތާއި މެދު ވިސްނަމުން ގޮސް އޭނަގެ ސިކުނޑި ހާސްކަމެއްގެ ތެރެއަށް ގެނބިގެން ގޮސްފިއެވެ.

''ކައިވެނި ކުރަން އަރޫ ބޭނުންނުވާ ސަބަބު ޒާން ހާމައެއް ނުކުރޭތަ؟...'' ރިސާލާގެ ވާހަކަތައް ފަހުމުކުރަން އުނދަގޫވި ނަމަވެސް ހުރިހާކަމެއްގެ އަސްލު އޮޅުން ފިލުވަން ދައުސް އަވަސްވަގެތެވެ. އެހާ ބޮޑު ނިންމުމެއް އެއްވެސް މަޝްވަރާއަކާއި ނުލާ ނިންމާލުމުން ދައުސްއަށް ލިބިފައި ވަނީ ސިހުމެވެ. މޫނަށް ވެރިވެފައިވި ކުލަވަރުތަކުން އެކަން ހާމަކޮށްދެއެވެ. ފިކުރުތައް ގިނަވެ އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. އައިރާއަކީ ޒިންމާދާރު ކުއްޖެކެވެ. ކައިވެންޏަށް ދުވަސް ކައިރިވެފައި ވަނިކޮށް އެފަދަ ނިންމުމަކާ ހަމައަށް ދިއުމުން ޤަބޫލުކުރަން ދަތިވެއްޖެއެވެ.

''ޒާން އެސުވާލަށް ޖަވާބެއް ނުދިން... ވަރަށް ދެރަވެފަ ހުރީ، އެހެންވެ އިތުރަށް އޮޅުންފިލުވާކަށް ވެސް ނުކެރުނު... ދައުސް!، އަހަރެން ވަރަށް ބިރުއެބަގަނޭ...'' ރިސާލާ ބުންޏެވެ. ދަރިފުޅުގެ މުސްތަޤުބަލާއި މެދު އުފެދިފައިވި ކަންބޮޑުވުންތައް ފިރިމީހާއާއި ހިއްސާކޮށްލެވުނެވެ.

''އަހަންނަށް މިހުރެވެނީ ތިވާހަކަތައް ޤަބޫލުކުރަން އުނދަގޫވެފައި، ޒާން ދޮގު ނަހަދާނެކަން އެނގޭ، އެކަމަކު އަރޫ އެފަދަ ނިންމުމެއް ނިންމީ ކީއްވެގެންތަ؟... އިހަށް ދުވަހު ޒަންއާއި އެކު މިގެއަށް އައިއިރު ވެސް ނުލާހިކު އުފަލުން ހުރީ، ދެން ކިހިނެއްބާވީ؟.... އަނެއްކާ ކަމެއް ގޯސްވެއްޖެކަން ބަސީލްމެން ވެސް ނުބުނޭ، އަނެއްކާ ބަސީލްމެނަށް އެނގޭތަ؟...'' ދައުސްގެ ހިތުގައި ފުނިޖެހިފައިވި ސުވާލުތައް އަމުނާލެވުނެވެ.

''ތި ސުވާލުތައް އަހަރެންގެ ހިތުގައި ވެސް އެބައޮތޭ، މިވަގުތު ތިކަމާއި މެދު އެއްޗެއް ބުނެވެން އޮތީ ހަމައެކަނި ޒާންއަށް، އެކަމަކު ޒާން ހުރި ހާލަތުން ޒާން ގާތަށް ދާން ވެސް ބިރުގަނޭ...'' ރިސާލާގެ އަޑުގައި ވަނީ މާޔޫސްކަމެވެ.

''އިހަށް ޒާންއަށް ވަގުތު ދެމާ...'' ރިސާލާގެ މޫނަށް ދައުސް ބަލައިލިއެވެ.

''ޒާންއަށް އެވާހަކަތައް ހިއްސާކުރުން ފަސޭހައެއް ނުވާނެ، އަހަންނާއި އެވާހަކަަތައް ހިއްސާކުރަން ޖެހުމުން ހުރީ ވަރަށް ބޮޑަށް އުނދަގޫވެފައި... ޒާންއާއި އިތުރަށް ސުވާލުކުރަން އަހަންނަކަށް ނުފެނޭ... އަހަންނަށް ފެންނަނީ ޤަމަރުމެންނާއި ބައްދަލުކޮށްލަން، ނޫނީ އަރޫއާއި ވާހަކަދައްކާލަން...ވެގެން އުޅޭ ގޮތެއް އޭރުން އެނދިގާނެއެއްނު؟...'' ރިސާލާ ޚިޔާލެއް ދިނެވެ.

''ތި ގޮތް އެންމެ ރަނގަޅު ވާނީ... ހިމޭނުން ތިބެގެން ވާނެ ފައިދާއެއް ނޯންނާނެ...'' ދައުސް ވިސްނާލިއެވެ. ''ހަވީރު އެގެއަށް ދަމާ؟...''

''ނޫން!، އޭރުން މާ ލަސް، ޒާންގެ ހިތުގެ ތަކުލީފަށް ވީހާވެސް އަވަހަކަށް ނިމުމެއް ގެންނަން އަހަރެން ބޭނުން، ވޭނުގައި ޒާން ވާތަން ދެކެން އަހަންނަށް ކެތެއް ނުވާނެ...'' ރިސާލާ ބުންޏެވެ.

''ހެނދުނު ސައި ނިންމާލާފަ ދަމާ؟...'' ދައުސް ބުންޏެވެ. ރިސާލާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

''މިހާރު ޒާން ކޮބާތަ؟...'' ދައުސްއަށް އަހާލެވުނެވެ. ފިރިހެންދަރިފުޅާއި މެދު ދައުސް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެހެނަސް އޭނަ އެކަން ފާޅެއް ނުކުރިއެވެ. ރިސާލާއަށް އިތުރު ހާސްކަމެއް ލިބިގެން ގޮސްފާނެތީއެވެ. މިހާރު ވެސް ރިސާލާ އިނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަމިއްލަ އިހުސާސްތަކަށް ވުރެން ބޮޑަށް އެވަގުތު ދައުސްއަށް އިސްކަން ދެވުނީ ރިސާލާ ހަމައަކަށް އެޅުވުމަށެވެ. ކަމަކާ މެދު ރިސާލާ ވިސްނަން ފަށައިފިނަމަ އެނޫންކަމަކާއި މެދު ފިކުރެއް ނުކުރާނެއެވެ.

''ކޮޓަރީގަ ވީ...'' ރިސާލާ ބުންޏެވެ.

''ޒާން ގޮވައިގެން ފަތިސް ނަމާދަށް ދާން މިދަނީ...'' ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން ދައުސް ވާހަކަދެއްކިއެވެ. ރިސާލާގެ ގާތުގައި މަޑުކުރަން ބޭނުން ވިޔަސް ޖަމާއަތުގައި ލައްވާނުލާފާނެތީ އޭނައަށް މަޖުބޫރުވީ ތެދުވާށެވެ. އެވާހަކަ ފަހުން ދައްކަން ހިތުލަމުން އޭނަ ރިސާލާގެ މޫނަށް ބަލައިލިއެވެ.

''މަންމަ ގާތު ވެސް ބުނަން ވާނެއެއްނު؟...'' ދައުސް ދިއުމުގެ ކުރިން ރިސާލާއަށް އަހާލެވުނެވެ. ރިސާލާގެ އަޑުގައިވި ހާސްކަން ދައުސްއަށް ނަގައިގަނެވުނެވެ.

''އަހަރެން މަންމައާއި ވާހަކަދައްކާނަން، އެމަކާއި ރިސާލާ ހާސްނުވޭ...'' ދިއުމުގެ ކުރިން ދައުސް ބުންޏެވެ. ރިސާލާއާއި ލުއި ހިނިތުންވުމެއް ބަދަލުކޮށްލީ ހުރިހާ ކަމެއް ވެސް ހަމައަކަށް އަޅުވާނެ ކަމުގެ އުއްމީދު ގެެނެސްދިނުމުގެ ގޮތުންނެވެ. އެމަޤުސަދު ހާސިލް ނުވެދާނެތީ ވެސް ނުތަނަވަސްވަ ގޮތެއް ވެއްޖެއެވެ. އޭރު ވެސް ދައުސްގެ ޚިޔާލުތައް ޒޯހަންއާއި ވަކިނުވެއެވެ. ދަރިފުޅު ކުރާނެ ހިތާމަތައް އޭނައަށް ތަސައްވަރުކުރެވުނެވެ. އައިރާ ފުރަތަމަ ތަޢާރަފްކޮށްދިން ދުވަހުގެ މަންޒަރުތައް އާލާވެގެން ދިޔައެވެ. އެއީ އުފާވެރިކަމުން ރަންގުވެފައިވި މަންޒަރުތަކެކެވެ. އެދުވަހު ޒޯހަންގެ މޫނުން ފެނުނު އުފާވެރިކަމާއި ހިނިތުންވުންތައް ދުވަހަކު ހަނދާނުން ފިލައިގެން ނުދާނެއެވެ. ޢާއިލާއަށް ޒޯހަން ތަޢާރަފްކޮށްދިން ފުރަތަމަ އަންހެންކުއްޖާއަކީ ވެސް އައިރާ އެވެ. އެކަމުން ވެސް ޒޯހަންއަށް އައިރާ ހާއްސަ މިންވަރު ދެނެގަނެވުނެވެ.

*****

ޒޯހަންގެ ކޮޓަރީގެ ދޮރުގައި ދައުސް ޓަކި ޖަހާލިއެވެ. ޖަވާބެއް ނުލިބުމުން ދޮރުގެ ތަޅުގައި ހިފައި އަނބުރާ ލެވިއްޖެއެވެ. ތަޅު ނުލާ ހުރުމުން ވަގުތުން ދޮރު ހުޅުވުނެވެ. ދައުސްއަށް ހައިރާންކަން ލިބިގެން ދިޔައީ ކޮޓަރި ފަޅުކޮށް އޮތުމުންނެވެ. ބޮކިތައް ދިއްލާފައި އޮތް އިރު ޒޯހަންގެ ހިލަމެއް ނެތެވެ. އެނދުގައި އަޅާފައި އޮތް ބަނާތުގައި އެންމެ ރުލެއްގެ އަސަރު ވެސް ނުވެއެވެ. މުޅި ކޮޓަރި ތެރެއިން ފެންނަނީ ސާފުތާހިރުކަމަށް ޒޯހަން ބަހައްޓާ އަހަމިއްޔަތުކަމާއި ލޯތްބެވެ.

''ދަރިފުޅާ...'' ދައުސް ގޮވާލިއެވެ. ފާޚަނާގައި އުޅޭތޯ ބަލަން އެދިމާއަށް ވެސް ކައިރިވެލިއެވެ. އެއްވެސް އަޑެއް ފާޚަނާއިން ނީވުމުން ދޮރު ހުޅުވާލެވުނެވެ. ފާޚަނާ ވެސް އޮތީ ހުސްކޮށެވެ. ދައުސް ކަންބޮޑުވާ ގޮތް ވެއްޖެއެވެ.

''މިސްކިތަށް ދިޔައީތަ؟...'' ދައުސްއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ވަގުތު ނުތަންވަޅުވެފައި އޮތުމުން އިތުރަށް ވިސްނާކަށް ދައުސް ނެހެދިއެވެ. ހަރުކޮށް ހިނގާފައި ގޮސް އޭނަ ޒޯހަންގެ ކޮޓަރިން ނިކުތެވެ. އޭނަގެ މަންޒިލް ކަމުގައިވީ ގެއާއި ކައިރީގަިއ ހުރި މިސްކިތެވެ. މިސްކިތުން ޒޯހަންއާއި ބައްދަލުވާނެ ކަމުގެ އުއްމީދާއެކުގައެވެ. ފަތިސް ނަމާދަށް ފަހު ޒޯހަންއާއި ވާހަކަދައްކާލަން ދައުސް ގަސްދުކުރިއެވެ. ރިސާލާ އޭނައާއި ހިއްސާކުރި ވާހަކަަތަކަށް ފަހުގައި ޒޯހަންގެ ހާލު އެނގެން ދައުސް ހުރީ ބޭނުން ވެފައެވެ.

*****

މިސްކިތަށް ވަން ދައުސްއަށް ކުރީ ސަފުގައި ސުންނަތް ނަމާދުކުރަން ހުރި ޒޯހަން ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ގަމަތް ދިނުމުގެ ކުރިން ދައުސް ވެސް އަަވަސްވެގަތީ ސުންނަތް ނަމާދަށް އަރަންށެވެ.

ޖަމާއަތުގައި ނަމާދުކޮށް ސަލާން ދިން ޒޯހަންއަށް ކުރީ ސަފުގައި އޭނައާއި ތަންކޮޅެއް ދުރުގައި އިން ބައްޕަ ލޮލުގައި އަޅައިގަތެވެ. ޒޯހަންއަށް ވަގުތުން ބައްޕައާއި ނަޒަރު ވަކިކޮށްލެވުނެވެ. ޒިކުރުތައް ކުރަން ހުރިއިރުގައި ވެސް ބައްޕަގެ ނަޒަރު އޭނައަށް އިހުސާސްކުރެވުނެވެ. މަންމަގެ ފަރާތުން ބައްޕައަށް ވެސް ހަޤީޤަތް އެނގިއްޖެކަން ޒޯހަންއަށް ޔަޤީންކުރެވުނެވެ. ބައްޕައާއި ކުރިމަތިލާން ޒޯހަން ފަސްޖެހޭ ގޮތް ވެއްޖެއެވެ. މަންމަ ފަދައިން ބައްޕަ ވެސް ސުވާލުކުރާނެތީއެވެ. އައިރާގެ ނިންމުމުގެ ފަހަތުގައިވާ ސަބަބު އޮޅުން ފިލުވަން އުޅޭނެއެވެ.

ދުޢާކޮށް ނިންމާލަމުން ޒޯހަން އަވަސްވެގަތީ މިސްކިތުން ނިކުންނާށެވެ. ފެންއިސްރުކު ބަރި ކައިރީގައި ހުރި ފައިވާނަށް އަރަން އުޅުނުތަނާ ބައްޕަ އޭނައަށް ގޮވާލި އަޑު ޒޯހަންއަށް އިވުނެވެ. އެއަޑަށް ފުރަގަސްދޭން ޒޯހަންއަށް ނުކެރުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ފަސްއެނބުރިލިއެވެ.

ޒޯހަންގެ ކައިރިއަށް ހުއްޓުނު ދައުސްއަށް މިލައިގެން ގޮސްފައިވި ޒޯހަންގެ މޫނު ފެނުމުން ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ޒޯހަންގެ މޫނުން އެހިތުގައި އަޅަމުން ދިޔަ ވޭން ރީއްޗަށް ބަޔާންކޮށްދެއެވެ. އެއްޗެއް ބުނަން ދައުސްއަށް އަނގަ ހުޅުވާލެވުނެވެ. ނަމަވެސް ނެގިމަޑުވެފައި ހުރި ޒޯހަން ފެނުމުން އެޚިޔާލު ދޫކޮށްލެވުނެވެ. ޒޯހަންގެ ބުރަކަށީގައި ފިރުމާލަމުން ކުރިއަށް ހިނގައިގަތުމަށް އަތުން އިޝާރާތްކޮށްލިއެވެ.

ބައްޕަގެ ފަރާތުން ސުވާލުތައް ކުރިމަތި ނުވުމުން ޒޯހަންއަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހުރެވުނު ހާލަތުގެ ސަބަބުން އެއްވެސް މީހާކާއި ކުރިމަތިލާން ވެސް ޒޯހަން ބޭނުމެއް ނުވެއެވެ. ހަމްދަރުދީގެ ނަޒަރުތަކުން އިތުރު މާޔޫސްކަމެއް މެނުވީ ނުލިބޭނެތީއެވެ. އެއީ އޭނައާއި އައިރާގެ ލޯތްބަށް ނިމުން އައިސްފިކަމުގެ ހިތި ހަޤީޤަތް ހާމަކޮށްދޭނެ ކަމަކަށް ވާތީއެވެ.

*****

ހިމޭންކަމާއެކު ހިނގާލާފައި އައިސް ''ރޯޒްވުޑް''ގެ ގޭޓުން ދެބަފައިން ވަނެވެ. ބައްޕަގެ ހިމޭންކަމަށް ޒޯހަން ޝުކުރުވެރިވިއެވެ. ޒޯހަން އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދާށެވެ. ބައްޕަ ގޮވާލުމުން ޒޯހަންއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

''އާދެބަލަ ބައްޕައާއެކު...'' ދައުސް އެދުނެވެ. އޭނަ އަތުން އިޝާރަތް ކޮށްލީ ގޭގެ ގަރާޖު ކައިރީގައި އޮތްނަ މަސްފެންގަނޑަށެވެ. ފަތިސް ނަމާދަށް ފަހު މަސްތަކަށް ކާންދިނުމަކީ ދައުސްގެ އާދައެކެވެ. މިއަދު ޒޯހަންއަށް އޭނަ ދައުވަތު ދިނީ އެކަމަށް ޒޯހަންގެ ހުންނަ ޝައުޤުވެރިކަމުންނެވެ. ޒޯހަންއަށް ލިބިފައިވި އުދާސްކަމަށް ލުޔެއް ގެެނެސްދެވޭތޯ ދައުސް މަސައްކަތްކުރިއެވެ. ފިޔަވަޅުތައް މަޑު ޖެހިފައި ހުރި ޒޯހަންއާއި އަރާހަމަކޮށްލަމުން، ޒޯހަންގެ ބުރަކަށީގައި ދައުސް އަތްތިލަ ޖައްސާލިއެވެ. ބައްޕަގެ ހުށަހެޅުން ޤަބޫލުކޮށް ޒޯހަން ހިނގައިގަތެވެ.

ވައިރޯޅިތައް ހިނދި ވިއްސާރައަލިކޮށްލުމުގެ ނިޝާންތައް ފާޅުވަމުން ދިޔައެވެ. އުޑުގައި ނަގާފައި ހުރި އަނދިރި ވިލާތައް ވެސް ރޫޅި އައު ދުވަހަކަށް މަރުޚަބާ ކިޔަން ތައްޔާރުވަމުން ދިޔަ އިރަށް ފުރުސަތު ދިން ކަހަލައެވެ. ޒޯހަން ގޮވައިގެން ގޮސް މަސްފެންގަނޑު ކައިރިއަށް ދައުސް ހުއްޓުނެވެ.

ގަރާޖު ހުޅުވާލާފައި އެތެރެއަށް ވަން ޒޯހަން އިރުކޮޅެއް ފަހުން އައީ މަސްކާނާ ޕެކެޓެއް ހިފައިގެންނެވެ. ބަހެއް ބުނުމެއްނެތި މުށު ތެރެއަށް ޕެކެޓުން އެތިކޮޅެއް އަޅާލިއެވެ. އެއަށްފަހު ބައްޕަގެ އަތަށް ޕެކެޓް ދިއްކޮށްލިއެވެ.

ވިސްނުމެއްގައި ހުރި ދައުސް ޕެކެޓުގައި ހިފިއެވެ. އޭނަގެ ސަމާލުކަން ވަނީ ޒޯހަން އަށެވެ. މުށުތެރޭގައިވި މަސްކާނާ ފެންގަނޑު ތެރެއަށް ޒޯހަން އަޅާލިއެވެ. އެއާއެކު ފެންގަނޑުގައިވި ކޯއި މަސްތައް އުތުރިއަރައިގަތެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެން މަތީ އުފުލިފައި ހުރި ކާއެއްޗިސް ހުސްކޮށްލައިފިއެވެ. އެމަންޒަރު ބަލަން ހުރި ޒޯހަންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހިިނިތުންވުން ދެމިގެންދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. އަނެއްކާ ވެސް ބަނަކަމުގެ ސައިލެއް މޫނުގައި އޮޅާލެވިއްޖެއެވެ.

''ދަރިފުޅާ، މީ އުނދަގޫ ވަގުތެއްކަން ބައްޕައަށް އެނގޭ، އެކަމަކު ދަރިފުޅު އުއްމީދު ކަނޑާނުލައްޗޭ، މިވަގުތު ކެތްތެރިކަން އިސްކުރަން ޖެހޭނެ، މަދަދަށް އެދި ﷲގެ ހަޒުރަތުގައި ދުޢާ ދެންނެވުމުން ކުރިއަށް ދާންވީ މަގު ފަސޭހަވެގެން ދާނެ... ދަރިފުޅަކީ ދުރު ވިސްނޭ ކުއްޖެއްކަން ބައްޕައަށް އެނގޭ... މިކަމާއި ވެސް ހިތްވަރާއެކު ކުރިމަތިލާންެކަން ވެސް އެނގޭ، ދަރިފުޅުގެ ގާތުން ބައްޕަ އެދޭނީ ހަމަ އެންމެ ކަމަކަށް... ދަރިފުޅުގެ ހިތުގައި ވޭންއަޅާނަމަ އެކަން ސިއްރުނުކޮށް ކިޔައިދޭތި، އިހުސާސްތައް ސިއްރުކުރަން ވެއްޖެނަމަ ލުޔެއް ނުލިބޭނެ...'' ދައުސް ވިސްނައިދިނެވެ. އިތުރަށް ވާހަކަ ދިގުކުރަން އޭނަ ގަސްދެއް ނުކުރިއެވެ. ފުނި ޖެހިފައިވި ސުވާލުތައް ދުލާއި ހަމައަށް ނުގެނައީ ވެސް ޒޯހަންގެ މޫނު މިލައިގެން ގޮސްފައި ވީތީއެވެ.

ބައްޕަގެ ވާހަކަތަކުން ކުރި އަސަރާއެކު، ބައްޕަގެ ގައިގައި ޒޯހަންއަށް ބާރަށް ބައްދާލެވުނެވެ. ފުން ނޭވާއެއް ވެސް ދޫކޮށްލިއެވެ.

''ދެރަނުވޭ ދަރިފުޅާ، އިރާދަކުރެއްވިއްޔާ އަލިމަގެއް ފެންނާނެ...'' ޒޯހަންގެ ބުރަކަށީގައި ދައުސް ފިރުމާލިއެވެ.

''ބައްޕާ، އަހަންނަށް އަރޫގެ ނިންމުން ޤަބޫލުކުރަން ވަރަށް އުނދަގޫ... އަރޫ ބޭނުމެއް ނުވޭ އަހަންނާއި ވާހަކަދައްކާކަށް ވެސް، އެގެއަށް ދިއުމުން ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ނުލިބުނު... އަހަންނާއި ރުޅިވާން އަރޫ ބޭނުންވާ ސަބަބެއް ވެސް ނޭނގުނު...'' ޒޯހަންއަށް ހިތުގެ އުދާސްތައް ބަންޑުންކޮށްލެވުނެވެ. ގިލަންވެރިކަން އިތުރަށް ހިތުތެރޭ ވަންހަނާކުރަން ހަދައިފިނަމަ ވެދާނެ ގޮތަކާ މެދު އޭނަ ބިރުގަތީއެވެ.

''ދަރިފުޅުގެ ތިސުވާލުތަކަށް ބައްޕަ ޖަވާބެއް ހޯދަދޭނަން...'' ދައުސް ބުންޏެވެ.

*****

މެހެރުއްނިސާއަށް މަސްރަހު ގޯސްފައި އޮތް މިންވަރު ދައުސް ބުނެދިނީ ހެނދުނުގެ ނާސްތާއަށް ފަހުގައެވެ. އަވަސްއަވަހަށް ސައިބޮއެ ނިންމާލާފައި ކާކޮޓަރިން ނިކުމެގެން ދިޔަ ޒޯހަންއަށް ބަލަން މެހެރުއްނިސާ އިނީ ސުވާލުގެ ނަޒަރަކުންނެވެ. މާހައުލަށް ވެރިވެފައި އޮތް އާދަޔާ ހިލާފު ހަމަހިމޭންކަން ވެސް އޭނައަށް ނަގައިގަނެވިއްޖެއެވެ. ރިސާލާއާއި ދައުސްގެ މޫނަށް ވަކިވަކިން މެހެރުއްނިސާ ބަލައިލިއެވެ. އޭނައަށް ފެނުނު މަންޒަރުތަކުން މުސްކުޅިވެފައިވި މޫނަށް އިތުރު ރޫތަކެއް އަރައިގެން ގޮސްފިއެވެ.

''މަންމާ...'' ދައުސް ފެށިއެވެ.

''ޒާންއަށް ކޮންމެެވެސް ކަމެއް ވެއްޖެ!...'' ދައުސްގެ ވާހަކަތައް މެދުކަނޑާލަމުން މެހެރުއްނިސާ ބުންޏެވެ. ޒޯހަންގެ ތަބީއަތަށް އައިސްފައިވި ބަދަލުތަކުން މެހެރުއްނިސާއަށް ލިބިފައިވަނީ ހައިރާންކަމެވެ. ޒޯހަންގެ މޫނުން ފާހަގަ ކުރެވުނު ހިތްދަތިކަމުގެ ފަހަތުގައިވާ ސަބަބު ހޯދަން އޭނަ އަވަސްވެގަތެވެ. މާމަ ދަރިފުޅާއި މެދު މެހެރުއްނިސާގެ ދެލޮލުން ފާޅުވަނީ ކަންބޮޑުވުމެވެ.

''ދައުސް؟...'' ދައުސް އޭނަގެ ސުވާލަށް ޖަވާބު ނުދިނުމުން މަހެރުއްނިސާ ބުނެލިއެވެ.

ރިސާލާއާއި ބަދަލުކޮށްލި ނަޒަރަށް ފަހު، ދައުސް ކިޔައިދޭން ފެށިއެވެ. ސިއްރުކުރަން ހަދައިގެން ބޮޑު ހައިޖާންގަނޑެއް އުފެދިދާނެ ކަމުގެ ބިރަށްޓަކައި ދައުސްއަށް މަޖުބޫރުވީ ހުރިހާ ވާހަކައެއް ހިއްސާކުރާށެވެ. ސަމާލުވެ މަންމަގެ މޫނަށް ދައުސް ބަލަމުން ދިޔައެވެ. މަންމަ އެވާހަކަތައް ނަގައިގަފާނެ ގޮތެއް ނޭނގޭތީއެވެ. ހާސްކަމާއެކު ވަގުތު ދިއުގައިލެން ދިޔައެވެ.

''ކޮން އިރަކު ހިނގިކަމެއްތަ ތިއީ؟...'' ކާމެޒު ދޮށަށް ވެރިވެގެން ދިޔަ މަރުގެ ހިމޭންކަން މުގުރާލީ މެހެރުއްނިސާގެ އަޑުންނެވެ. އެމޫނުގެ ކުލަވަރު މުޅިން ހެން ވަނީ ބަދަލުވެގެން ގޮސްފައެވެ. ބުމަގޮށްޖެހި ހިސާބަކަށް ނުރުހުމުގެ އަސަރުތައް ވެސް ވެރިވެއްޖެެއެވެ.

''ރޭގަ...'' ރިސާލާ ބުނެދިނެވެ. އެއާއެކު މެހެރުއްނިސާގެ ނަޒަރު އަމާޒުވީ ރިސާލާ އަށެވެ.

''އެގެއަށް ދާން ތައްޔާރުވެގެން އާދޭ، އެހެން ބުނާ ބުނުކަމުން ކިހިނެއް ކައިވެނީގެ ހުރިހާ ތައްޔާރީއެއް ވެފަ އޮތްވާ ނިންމާލެވޭނީ؟... ޒާންއާއި ރުޅިވާން ޖެހޭ ސަބަބެއް އޮތްނަން ޖެހޭނެ، އެސަބަބު ހާމަކުރެވެން ވެސް ޖެހޭނެ!... އެގޮތަށް ޒާންއާ މެދު ކަންތައް ކުރުމުގެ ހައްޤު އަރޫއަށް ލިބިގެން ނުވޭ......'' މަހެރުއްނިސާގެ ރާގު މުޅިން ބަދަލުވެގެން ދިޔަ އެވެ. ''އެދެކުދިންގެ އަތްމައްޗަށް މިކަން ދޫކޮށްލައިގެން ތިބޭކަށް މަންމައަށް ނުފެނޭ... ރިސާލާ، އަވަހަށް އާދޭ ތައްޔާރުވެގެން... އިތުރަށް މަޑުކުރާކަށް މަންމަ ބޭނުމެއް ނޫން!...''

ރިސާލާ އަވަސްވެގަތީ މެހެރުއްނިސާ ބުނި ފަދައިން ކަންތައް ކުރާށެވެ. މަސްރަހު އިތުރަށް ގޯސްވެދާނެތީ ކާކޮޓަރިން ނިކުތުމުގެ ކުރިން ދައުސްއަށް ރިސާލާ އަވަސް ނަޒަރެއް ދިނެވެ. ރިސާލާގެ ބެލުމުގައި ފޮރުވިފައިވި މާނަ ދައުސްއަށް އެނގުނެވެ. އޭނަ ބޯޖަހާލިއެވެ.

''މަންމާ، ރުޅި އިސްކޮށްފިނަމަ ނޭދެވެ ނަތީޖާއެއް ނިކުމެދާނެ...'' ދައުސް ބުންޏެވެ. ''އަރޫއަކީ ގޯސް ކުއްޖެއް ނޫން، އަހަރެންގެ ހިތް ބުނަނީ މިކަމުގެ ފަަހަތުގައި ކޮންމެެވެސް ސަބަބެއް ވެޔޭ، އެސަބަބު ހޯދުން އެއީ އަހަރުމެންގެ ޒިންމާއެއް...''

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟