ނިދިފައި އޮތް ރިސާލާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ނިދީގެ އަސަރު އެކުލެވިގެންވި ދެލޯ ހުޅުވާލަމުން އެނދުގެ އަރިމަތީ ކަބަޑު މަތީ ހުރި ފެންޖަގަށް ނަޒަރެއް ދިނެވެ. ޖަގުގެ މެދާއި ހިސާބަށް ހުރި ފެނުން ތަށްޓަކަށް ފެންއަޅާލިއެވެ. ފެންތަށި ހުސްވިއިރުގައި ވެސް ކަރު ހިއްކުން ފިލާ ގޮތެއް ނުވިއެވެ. އެނދުގެ އަނެއް ފަޅީގައި ފުން ނިންޖެއްގައި އޮތް ދައުސްއަށް އުނދަގޫ ނުވާނެހެން އޭނަ އެނދުން ތެދުވުނެވެ. ފެންޖަގު ހިފައިގެން ކޮޓަރިން ނިކުންނަން ދަމުން ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން މެންދަމު ދޭއް ޖަހައި ބޮޑުވެއްޖެއެވެ.
ނިދާ ބޮކިތަކުގެ ފަނޑު އަލިކަން ގޭތެރެއަަށް ފެތުރިފައި އޮތެވެ. އޭރު ވެސް ހުއްޓާލުމެއްނެތި ވާރޭވެހެމުން ދިޔަ އަޑު އިވެއެވެ. ސިޑިން ފައިބަން ދިޔަ ރިސާލާއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނީ، ވައިރޯޅީގެ ފިނިކަން އިހުސާސް ކުރެވިގެންނެވެ. އެއާއެކު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ގޭގެ ހާމަފެންޑާއަށް ނިކުމެވެން ހުރި ބިއްލޫރި ދޮރަށެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ބޭރުގައި އުފެދިފައި އޮތް ތޫފާނީ ރޯޅިތަކުން ދޮރުފޮތިގަނޑު ވިހުރެމުން ދިޔައެވެ.
''ކިހިނެއްތަ މި ދޮރު ހުޅުވުނީ؟...'' ސުވާލު އުފެދިފައި ހުރި ރިސާލާ ގޮސް ދޮރު ކައިރިއަށް ހުއްޓިލިއެވެ. ދޮރު ލައްޕައި ތަޅުލަން އުޅުނު ހިނދު ހާމަފެންޑާގެ ރެއިލިންގް ކައިރިން ހިޔަންޏެއްގެ ހިލަންވިހެން ހީވިއެވެ. ފުރަތަމަ ރިސާލާ ދިޔައީ ސިއްސައިގެންނެވެ. އަވަސްވި ހިތުގެ ހިނގުން ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން، ހާމަފެންޑާއަށް ފެތުރިފައި އޮތް ފަނޑު އަލިކަމުގެ ތެރޭން އޭނަ ހޯދާލިއެވެ.
''ޒާން؟...'' ރެއިލިންގް ކައިރީގައި ހުރީ ޒޯހަން އެވެ. ރިސާލާއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ.
ގަޔަވަޔާއެކު ވިއްސަމުން ދިޔަ ވާރެއަށް ޒޯހަންގެ ސަމާލުކަން ދެވިފައިވާހެނެއް ހިޔެއް ނުވެއެވެ. ލައިގެން ހުރި ޓީޝާޓު ވަނީ ކޮންމެވެސް ވަރަކަށް ވާރެއިން ތެމިފައެވެ. ފުރަގަސް ދީގެން ހުރި ޒޯހަންގެ މޫނު ރިސާލާއަށް ފެންނަ ގޮތެއް ނުވިއެވެ. އެވަގުތު ޒޯހަން އެތަނުން ފެނުމުން ރިސާލާގެ ހައިރާންކަން އިތުރުވެއްޖެއެވެ. ޒޯހަން ހުރި ހާލަތުން ވެސް އެތައް ސުވާލެއް އުފެދުނެވެ. ވާރެޔާ ތެމެމުން ދިޔަ ހިނދުގައި ފިނީގެ އަސަރު ޒޯހަންއަށް ނުކުރާ ކަހަލައެވެ. ރިސާލާގެ ހައިރާންކަން ބަދަލުވެގެން ދިޔައީ ކަންބޮޑުވުމަށެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.
''ޒާން؟...'' ރިސާލާ ގޮވާލިއެވެ. އޭނަގެ ހިލަމެއް ޒޯހަންއަކަށް ނުވިއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވާ ކަހަލައެވެ. ލިބުނު ނުތަނަވަސްކަމާއެކު، އަތުގައި އޮތް ފެންޖަގު ހާމެފެންޑާގައި ހުރި ސޯފާ ކުރިމަތީ ހުރި މޭޒު މަތީ ބަހައްޓަމުން ޒޯހަންގެ ގާތަށް ރިސާލާއަށް ދެވުނެވެ. ޒޯހަންގެ ކޮނޑުގައި ރިސާލާ އަތްތިލަ ޖައްސާލުމުން ޒޯހަން ދިޔައީ ސިއްސައިގެންނެވެ.
ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިއުމާއެކު ޒޯހަންއަށް ފަސްއެނބުރިލެވުނެވެ. ކަންބޮޑުވުން އެކުލެވިގެންވި މަންމަގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުމާއެކު ޒޯހަންއަށް އިސްޖަހާލެވުނެވެ. ދަންކޮށްލާފައި އޭނަ ގެއަށް އައީ ވެސް ޢާއިލާއާއި ކުރިމަތިލާނެ ގޮތެއް ނޭނގިގެންނެވެ. މާލޭގައި ހުރި ކަމުގެ ޚަބަރެއް ވެސް ނުވީ ސިކުނޑިއަށް ލިބިފައިވި ހާސްކަމުގެ ސަބަބުންނެވެ. ހަޤީޤަތް ހިއްސާކުރާނެ ގޮތެއް ވިސްނާވިސްނާ ޒޯހަންއަކަށް ނޭނގުނެވެ. ހިތް ނުތަނަވަސްވެފައިވަނީ ޢާއިލާއާއި ބައްދަލުކުރަން ބަސީލް އަންނާނެކަން އެނގޭތީއެވެ. އޭގެ ކުރިން އެޚަބަރު ދޭން ޒޯހަން ބޭނުން ވިއެވެ. ނަމަވެސް ކޮން ދުލަކުން ހެއްޔެވެ؟ ހުދު އޭނަ ވެސް އެވަނީ ސިހުމެއްގެ ތެރޭގައެވެ.
އިސްޖެހިފައިވި ޒޯހަންގެ މޫނަށް ބަލައިލި ރިސާލާގެ މެޔަށް ފިނިވެގެން ދިޔައެވެ. ކަމެއް ގޯސްވެއްޖެކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. ސުވާލު އުފެދުނުސް، އެއީ އެކަމަށް އެންމެ މުސާބު ވަގުތު ނޫންކަން ޒަމީރު ހަނދުމަކޮށްދިނެވެ. އެއާއެކު އޭނަ އަވަސްވެގަތީ ވާރޭގެ ފިނިން ޒޯހަން ރައްކާތެރިކޮށްދޭށެވެ.
''ވާރެއާ ތެމެނީއެއްނު، އާދެބަލަ މަންމައާއެކު...'' ޒޯހަންގެ އަތުގައި ރިސާލާ ހިފާލިއެވެ. ޗާބީދީފައި ހުރި ބުދެއްގެ އުސޫލުން ރިސާލާގެ ފަހަތުން ޒޯހަން ހިނގައިގަތެވެ. ޒޯހަން ގޮވައިގެން ގޮސް ރިސާލާ އިށީނީ ސޯފާގައެވެ.
''ފިނިވެފަ ދޯ ތިހުރީ؟... އެހެންނޭ ވަނީ ވާރެއާ ތެމުނީމަ...'' ސޯފާ ކުރިމަތީ ހުރި ތިރި މޭޒުގެ ކަބަޑު ހުޅުވާލަމުން ތުނި ރަޖާގަނޑެއް ރިސާލާ ނެގިއެވެ. ރަޖާގަނޑު ނަގައި ޒޯހަންގެ ހަށިގަނޑު ނިވާވާނެހެން ކޮނޑުގައި އަޅުވާލަދިނެވެ. ޒޯހަންގެ ހިމޭންކަން ދޭހަކުރަން ރިސާލާއަށް ވީ އުނދަގޫ ކަމަކަށެވެ. މީގެކުރިން އެފަދަ ބަދަލެއް ޒޯހަންގެ މިޒާޖަށް އައިސްފައި ވަނިކޮށް ފެނިފައި ނުވެއެވެ. ކަންބޮޑުވުމާއެކު ބެލެމުން ދިޔައީ ވެސް އެހެންވެއެވެ.
ޒޯހަން އިސްއޮބާލައިގެން އިނީ އެމޫނުގެ ކުލަވަރުތައް ސިއްރުކުރަން ކަހަލައެވެ. ކޮނޑުވެސް އެލިފައިވާއިރުގައި ބޮޑު ހިތާމައެއް ބަރުދާސްތުކުރަމުންދާކަން ރިސާލާގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. ހައިރާންކަމާއެކު ސިހުމުގެ އަސަރު ރިސާލާގެ މޫނުން ފާޅުވެއްޖެއެވެ. އޭނައަށް ޒޯހަންގެ ގާތަށް ޖެހިލެވުނެވެ.
''ދަރިފުޅާ...'' ރިސާލާ ބުންޏެވެ. ޒޯހަން އިސްއުފުލާ ބަލައި ވެސް ނުލިއެވެ. އެއާއެކު މަސްރަހު ގޯސްވެފައި އޮތް މިންވަރު ރިސާލާއަށް އަންދާޒާކޮށްލެވުނެވެ.
''ކޮންއިރަކުތަ ދަރިފުޅު މާލެއައީ؟... މަންމަ ހީކުރީ މޫސުން ގޯސްވެގެން ސީޕްލޭން ކެންސަލްވީ ކަމަށް...'' ރިސާލާ ބުންޏެވެ. މިއަދު ހެނދުނު އޭނަ ޒޯހަންއަށް ގުޅީ މާލެ އާދެވޭނެ އިރެއް ބަލަންށެވެ. ކައިވެނީގެ ހަފްލާއަށް ހަމަޖެހުނު ފޮޓޯގްރާފަރު އައިރާ އަދި ޒޯހަންއާއި ބައްދަލުކޮށްލަން ބޭނުންވާތީ އެކަމުގެ އިންތިޒާމު ހަމަޖައްސަންށެވެ. ހެނދުނު ގުޅުމުން ޒޯހަން ބުނީ ފުރުން ކެންސަލްވި ވާހަކައެވެ. އިތުރު ފްލައިޓަކުން ޖާގަ ލިބުނުކަން ވެސް ހާމައެއް ނުކުރެއެވެ. ޒޯހަން ފެނުމުން ހައިރާންކަން ލިބުނު ސަބަބަކީ އެއީއެވެ.
ޒޯހަން އިހްތިޔާރުކުރީ ހިމޭންކަމެވެ. އެހިމޭންކަމުން މަންފާއެއް ނުކުރާނެކަން އެނގޭ ހާލުގައެވެ. މަންމަގެ ސުވާލުތަކުން ރެކިގަނެވޭނެ ގޮތެއް ނެތެވެ. ހަޤީޤަތް ސިއްރުކުރެވޭކަށް ވެސް ނެވެތެވެ. ނަމަވެސް ދުލާ ހަމައަށް އެވާހަކަތައް ގެންނާނެ ގޮތެއް ނޭނގި ޒޯހަން ފަސްޖެހުނެއެވެ.
''ޒާން...'' ކަންބޮޑުވުމާއެކު ރިސާލާ ގޮވާލިއެވެ. ޒޯހަން އަނގައިން ނުބުނުމުން އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވާން ފެށިއެވެ. އަބަދު ހެވިފައި ހުންނަ ލާނެއް މިޒާޖުގެ ޒޯހަންގެ ފަރާތުން ފެންނަމުން ދިޔަ ބަދަލުތައް ދޭހަކުރަން ރިސާލާގެ ސިކުނޑި ނުކުޅެދުނެވެ.
''ސީޕްލޭން ކެންސަލް ވީމަ ޑޮމެސްޓިކުން އައީ...'' ޒޯހަންގެ އަޑު މަޑެވެ. ސަމާލުވެގެން ނެތް ނަމަ ރިސާލާއަށް އަޑު ނީވުނީހެވެ.
''ކީއްވެ މަންމަ ގާތު ނުބުނީ؟...'' ރިސާލާއަށް ސުވާލުކޮށްލެވުނެވެ.
ޒޯހަން އެސުވާލަށް ޖަވާބެއް ނުދިނެވެ. އިސްއޮބާލައިގެން އިނުމުން އެމޫނުގެ ކުލަވަރުތައް ރިސާލާއަށް ދޭހަކުރެވޭ ގޮތެއް ނުވިއެވެ. އެއާއެކު އިތުރު ނުތަނަވަސްކަމެއް ލިބުނެވެ.
''ޒާން، މަންމަގެ ސުވާލަށް ޖަވާބުދީބަލަ، ކީއްވެ ޑޮމެސްޓިކުން އަންނަ ވާހަކަ ނުބުނީ؟، ކިހާއިރަކު ޖެއްސި ފްލައިޓަކުންތަ އައީ؟...'' ރިސާލާގެ ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު ނަފުސުގެ ހަމަޖެހުން ވެސް ގެއްލެން ފަށައިފިއެވެ. ''ދަރިފުޅާ، މަންމަގެ ސުވާލަށް ޖަވާބު ދީބަލަ...''
''އިރާކޮޅު...'' ޒޯހަން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އަމިއްލަ ނަފުސު ތައްޔާރުކޮށްލިހެންނެވެ.
''މިހުރިހާ އިރު ދަރިފުޅު ހުރީ ކޮންތާކުތަ؟، ކީއްވެތަ ރޭގަނޑު ކެއުމަ ބައިވެރިވާން ގެއަށް ނައީ؟، މިހާ ލަސްކޮށްފަ އަންނަންޖެހުނީ ކީއްވެތަ؟...'' ރިސާލާއަށް ފެންނަމުން ދިޔަ މަންޒަރުތަކުން އޭނައަށް ލިބުނީ ހާސްކަމެވެ. ފަށްޗަކަށް ސުވާލުތައް އަމުނާލެވުނީ ވެސް އެހެންވެއެވެ. ޒޯހަންއަކީ ބަސްމަދު ކުއްޖެއް ނޫނެވެ. އެހިތުގެ އިހުސާސްތައް އަބަދުމެ ހިއްސާކުރާނެއެވެ. މަޝްވަރާއަށް އެދޭނެއެވެ. މިހާރު ފެންނަމުން މިދަނީ މުޅިން ވެސް ތަފާތު މަންޒަރެކެވެ.
ޒޯހަންއަށް ޖަވާބެއް ނުދެވުނެވެ. ހަޤީޤަތުގައި މަންމަގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަށް ނޭނގުނީއެވެ. މަންމަގެ ހާސްކަން އިހުސާސްކުރެވި ޒޯހަން މާޔޫސްކޮށްލައިފިއެވެ. ހަޤީޤަތް ހާމަކުރަންވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟
''މަންމައަށް ބަލާބަލަ...'' ރިސާލާ އެދުނެވެ. ޒޯހަންގެ އަތުގައި ވެސް ރިސާލާއަށް ހިފާލެވުނެވެ. އެވަގުތު ރިސާލާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ޒޯހަންގެ މޫނުން ފެނިދާނެ އިހުސާސްތައް ލަފާކޮށްލަން ދަތިވުމުން ނޭވާ ހިފަހައްޓާލެވުނެވެ.
ކެތްތެރިވާ ހާލު ޒޯހަން އިސްއުފުލައިލިއެވެ. ހިތުގެ އުދާސްތައް ދެން އިތުރަށް ސިއްރުނުކުރެވޭނެކަން ޔަޤީންކުރެވުނެވެ. މަންމަގެ ސުވާލުތަކަށް ހުއްޓުމެއް ނާންނާނެތީއެވެ. ހަޤީޤަތާއި ކުރިމަތުލުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ޖެހޭނީ ކެތްތެރިވާށެވެ. މިއީ ތަޤުދީރުގައި ލިޔެވިފައި އޮތް ގޮތެވެ.
ވޭނުން ފުރިގެންވި ޒޯހަންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުމާއެކު ރިސާލާގެ މައިލަނގޮޑިއަށް ލޮޅުން އަރައިގެން ދިޔައެވެ. ފުރާފުރިހަމަވިފަހުން ޒޯހަންގެ ލޮލުން ދުވަހަކު ވެސް އޭނަ ކަރުނަ ދެކެފައި ނުވެއެވެ. ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން އުނދަގޫވެފައި އިނދެވުނެވެ. އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ. އެހެނަސް މަންޒަރުތައް ބަދަލެއް ނުވިއެވެ. ޒޯހަންގެ ހިތްދަތިކަމަށް ނިމުމެއް ނުވާ ކަހަލައެވެ.
ސިހުމެއްގެ ތެރޭގައި އިން ރިސާލާގެ މޭގައި ވޭން އަޅުވާލީ ޒޯހަންގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތައް ފެނުމުންނެވެ. އެކަރުތަކުން ބަޔާންކޮށްދިނީ ޒޯހަން އުފުލަމުން ދިޔަ ވޭނާއި ކެކުޅުމެވެ. އެވޭނުގެ ފަހަތުގައިވާ ސަބަބު ނަގައިގަންނަން އެވަގުތު ދަތިވުމުން، އަވަސްއަވަހަށް ދެ އަތް ހުޅުވާލެވުނީ ލޯބިވާ ދަރިފުޅަށް ހިމާޔަތް ދިނުމުގެ ނިޔަތުގައެވެ. ޒޯހަންގެ ހިތްދަތިކަމުން ކުރި ފުން އަސަރުގައި ރިސާލާގެ ދެލޮލުން ވެސް ކަރުނަ ނީރާލައިފިއެވެ.
ޒޯހަންއަށް އޭނަގެ މަންމަގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އެއަތުގެ ހިމާޔަތާއި ލޯބި އިހުސާސްކުރެވުމާއެކު ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. މިހުރިހާ އިރު ބަނދެވެމުން ދިޔަ ހާސްކަމުގެ ތެރެއިން ފުން ނޭވާއެއް ދޫކޮށްލުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. ޒޯހަންއަށް ދެލޯމަރާލެވުނެވެ.
ޒޯހަންގެ ބުރަކަށީގައި ރިސާލާއަށް ފިރުމާލެވުނެވެ. އޭނައަށް އިނދެވުނީ ގޮތް ހުސްވެފައެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅު ހިތުގައި ޖެހި ރޮމުން ދިޔަ މަންޒަރު ބަލަން ކެތެއް ވެސް ނުކުރެވުނެވެ. ކުރިއަށް ވުރެން ބޮޑަށް ޒޯހަންގެ ގައިގައި ރިސާލާއަށް ބައްދާލެވުނެވެ. ދަރިފުޅުގެ ހުރިހާ ހިތާމަތަކެއް އޭނަގެ ފަސްބަޔަށް އެޅިގެންދާން އެދެވުނެވެ.
''މަންމާ...'' ޒޯހަންގެ އަޑުގައި ވަނީ ރިހުމެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ކުރިހޯދަން ރިސާލާ މަސައްކަތްކުރިއެވެ. އޭނަގެ ހިތްވަރާއި ލޯތްބަށް ޒޯހަން ބޭނުންވެފައި ހުރި މިންވަރު ތަސައްވަރު ކުރެވުމުންނެވެ. ކަރުނަތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެނައީ ވެސް އެހެންވެއެވެ. ޒޯހަންގެ ބުރަކަށީގައި ފިރުމަމުން ދުރަށް ޖެހިލިއެވެ. އަދި ޒޯހަންގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަ ދިނެވެ.
''މަންމަ ވަރަށް ބިރުއެބަގަނޭ... ބޮޑު ކަމެއްވެއްޖެކަން މަންމައަށް އެނގޭ، ސިއްރުނުކޮށް މަންމައާއި ހިއްސާކޮށްބަލަ... މަންމަ މީނީ ދަރިފުޅުގެ ވާހަކަތައް އަޑުއަހަންށޭ... ދަރިފުޅު ތިހެން ރޯ މަންޒަރު ބަލަން މަންމައަށް ވަރަށް އުނދަގޫވޭ...'' އަސަރާއެކު ރިސާލާ ވާހަކަދެއްކިއެވެ.
''އަރޫ...'' ޒޯހަންގެ އަރު ބެދި އޭނައަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ހިންދިރުވަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ.
''އަރޫއަށް ކަމެއް ވީތަ؟...'' ރިސާލާގެ މެޔަށް ފިނިވެގެން ދިޔައެވެ. ''ޒާން، މަންމައަށް ބަލާބަލަ، އަރޫއަށް ކަމެއް ވީތަ؟...''
''އަރޫ އަހަންނާ ރުޅިވެއްޖެ...'' މަންމައާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވުމުން ޒޯހަންއަށް ނަޒަރު ހިންގާލެވުނީ ވެހެމުން ދިޔަ ވާރެއަށެވެ. އެޖުމްލަ ދުލާ ހަމައަށް ގެނެވުނީ ނިކަން އުނދަގުލުންނެވެ. އަރުގައި ބަސްތައް ތާށިނުވީ ކިރިޔާއެވެ. ދުލުން އެހަޤީޤަތް ހާމަކުރެވުމުން ލިބުނީ އިތުރު ވޭނެކެވެ. އުފާވެރި ދުވަސްތައް ދެން އަނބުރާ ނުވެސް ގެނެވޭނެއެވެ.
''ވަޓް؟...'' ރިސާލާއަށް ލިބުނު ސިހުމުގައި ދެލޯބޮޑުކޮށްލެވުނެވެ. އޭރު މޫނުގެ ކުލަވަރު ފަނޑުވެލައިފިއެވެ. ''މަންމައަށް ނިކަން ސާފުކޮށް ކިޔައިދީބަލަ... މައްސަލައެއް ޖެހުނީތަ؟...''
''އަރޫ އަހަންނާއި ވާހަކަދައްކަން ބޭނުމެއް ނުވޭ...'' ޒޯހަން ބުންޏެވެ.
''ތިބުނީ؟...'' ރިސާލާއަށް ތެޅިގަނެވުނެވެ. ޒޯހަންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އޭނައާއި ކުރިމަތިލުމަށް މަޖުބޫރުކޮށްފިއެވެ. ޒޯހަންގެ ދެލޮލުން ފާޅުވަމުން ދިޔަ ގިލަންވެރިކަމުގެ އަސަރުތަކުން ރިސާލާގެ ހިތަށް ސިހުން ގެނުވިއެވެ. ޒޯހަން ދެއްކި ވާހަކައިގެ ތެދުކަން ވެސް ހާމަކޮށްދިނެވެ. ހުއްޓުން އަރާފައި ރިސާލާއަށް އިނދެވުނެވެ. ހާމަވަގެން ދިޔަ ހަޤީޤަތާއި ކުރިމަތިލާން އޭނަގެ ޒަމީރު ނުކުޅެދުނެވެ.
''އަރޫ... ބޭނުމެއް ނުވޭ ކައިވެނި... ކައިވެނި ކުރާކަށް ވެސް...'' އަޅައިގަންނަމުން ޒޯހަން ބުންޏެވެ. މަންމައާއި އިތުރަށް ކުރިމަތިލާނެ ހިތްވަރު ނެތުމުން ކުއްލިޔަކަށް ޒޯހަން ސޯފާއިން ތެދުވުނެވެ. މަންމައަށް ފުރަގަސް ދެމުން ކޯތާފަތް ވެސް ފޮހެލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި ހާމަފެންޑާއިން ދާން ޒޯހަން އަވަސްވެގަތެވެ. އަމިއްލަ ނަފުސަށް ވެސް ފިލަން އުޅުނު ކަހަލައެވެ. ފިޔަވަޅުތައް ބާރުކޮށްލެވުނެވެ.
ރިސާލާއަށް އެއްވެސް އެއްޗެއް ބުނެވުމުގެ ކުރިން ޒޯހަން ގޮސް ހާމަފެންޑާގެ ދޮރާއި އަރާހަމަކޮށްފިއެވެ. ރިސާލާއަށް ގޮވާލެވުނެވެ. އެއަޑު ޒޯހަންއަށް އިވުނެވެ. ނަމަވެސް މަޑުނުކޮށް ދާން ހިނގައިގަތެވެ. މަންމަގެ ގޮވާލުމަށް އިޖާބަ ދޭނެހާ ހަކަތައެއް އޭނަގެ ނެތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ފިނޑިކަން އިހުސާސްކުރެވުނީ ވެސް އެވަގުތުގައެވެ.
ޒޯހަންގެ ފަހަތުން ދާން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލަން ރިސާލާއަށް މަޖުބޫރުވިއެވެ. އެކަނިވެލަން ޒޯހަންއަށް އޭނަ ފުރުސަތު ދިނެވެ. ސުވާލުކޮށް ހަދަން ފަށައިފިނަމަ ޒޯހަންއަށް އިތުރު ހާސްކަމެއް ލިބިދާނެއެވެ. މިއީ ވަރަށް ނާޒުކު ވަގުތެކެވެ. ކޮޅަށް ތެދުވެފައި އަނެއްކާ ވެސް ސޯފާގައި ރިސާލާ އިށީނެވެ. އޭނަގެ މޫނު ވަނީ މިލައިގެންގޮސްފައެވެ. ދެލޮލުގައި ވަނީ މާޔޫސްކަމެވެ.
ރިސާލާއަށް އިނދެވުނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ޒޯހަން ދެއްކި ވާހަކަތަކާއި މެދު ވިސްނި ހިތުގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. ޒޯހަންގެ ހިތާމަތަކާއި ގުޅިފައިވި ސަބަބު ހާމަވުމުން އިތުރު ތަކުލީފެއް މެނުވީ ނުލިބުނެވެ. އޭނައަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ. އެވަގުތު ހަނދާނަށް އައީ ހުކުރުދުވަހު އައިރާއާއިއެކު ހޭދަކުރެވުނު އުފާވެރި ދުވަހުގެ މަންޒަރުތަކެވެ. އައިރާގެ މޫނުން ފެނުނު އުފާވެރިކަމެވެ. ކައިވެނީގެ މަޝްވަރާތަކާއި މެދު ދުށް ހުވަފެންތަކެވެ. ފޮނި އުއްމީދުތަކެވެ. އެއީ ބިލާހެއް ހެއްޔެވެ؟
''ނޫން، އަރޫއަކީ ރަނގަޅު އައުލާޤެއް ލިބިފައިވާ ކުއްޖެއް، ދީންވެރި ކުއްޖެއް، ކައިވެނީގެ މާތްކަމާއި އެކަމުގެ މަޤުސަދު ރަނގަޅަށް އެނގޭނެ... ސަބަބެއް ނެތި އެފަދަ ފިޔަވަޅެއް އަރޫ ނާޅާނެ، ކިހިނެއްބާވީ؟...'' ރިސާލާއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އެފަދަ ފިޔަވަޅެއް އަޅަން އައިރާއަށް ކުރިމަތިވީ ކޮންފަދަ މަޖުބޫރީ ހާލަތެއް ބާވައޭ ތަކުރާރުކޮށް ސުވާލުކުރެވުނެވެ. އެފަދަ ބޮޑު ލަނޑެއް ޒޯހަންއަށް އައިރާ ނުދޭނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އައިރާއަށް ކުރެވޭ އިތުބާރުގެ ސަބަބުންނެވެ.
''ކިހިނެއްތަ މިވަނީ؟...'' ރިސާލާއަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. ދެން މިރޭ ލޮލުފިޔަ ޖަހާނުލެވޭނެއެވެ. ސިކުނޑިއަށް ތަފާތު ޚިޔާލުތައް އަރާފައިބަން ފެށިއެވެ. އެކިދިމަދިމާއަށް ވިސްނުން ހިންގާލެވުނެވެ. އެއްވެސް ހާލަތެއްގައި އޭނައަށް އައިރާ ގޯހެއް ނުކުރެވުނެވެ. ޒޯހަން ދެކެ އައިރާ ވީ ހަޤީޤީ ލޯބި ކަމާއި މެދު އޭނަ ޝައްކެއް ނުކުރެއެވެ. ޒޯހަންއާއި ވަކިވާން އައިރާ ގަސްދުކުރުމުން ލިބިފައިވި ސިހުން ފިލައިގެން ނުދިޔައީ ވެސް އެހެންވެއެވެ. ކަޝްފުވެފައިވާ ބޮޑު ސިއްރެއްވެޔޭ އޭނަގެ ޒަމީރު އިންޒާރުދެމުން ދިޔައެވެ. އެކަމުގެ އެންމެ ފުނަށް ފީނައިގެން މެނުވީ ހައްލެއް ލިބޭކަށް ނެތެވެ.
''ޤަމަރުމެންނަށް މިކަން އެނގޭބާ؟... އެނގޭނަމަ ކީއްވެގެންތަ ނުބުނީ؟، މަޝްވަރާ ކުރުމެއް ނެތި އެފަދަ ނިންމުމަކާ ހަމައަށް އަރޫ ދާން ޖެހުނީ ކީއްވެތަ؟...'' ރިސާލާގެ ފިކުރުތައް ބޮޑުވަމުން ދިޔައެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ ވެސް ޚިޔާލުތަކުގެ ތެރޭގައި ބަނދެެވިފައި ވަނިކޮށެވެ.
ރިސާލާއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމާދުކުރަން އޭނަ އަވަސްވެގަތެވެ. އޭރު ވެސް ތަފާތު ސުވާލުތަކުން އޭނަގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އޭނަ ކޮޓަރިއަށް ދިޔަ އިރު ދައުސް އުޅުނީ ފާޚަނާގައެވެ. ދައުސްގެ އިންތިޒާރުގައި ރިސާލާ މަޑުކޮށްލައިގެން ހުއްޓެވެ. ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށިއެވެ. މެހެރުއްނިސާއާއި ހަމައަށް އެޚަބަރު ގެންދިއުމުގެ ކުރިން ދައުސްގެ ޚިޔާލެއް ހޯދަން އޭނަ ބޭނުން ވިއެވެ.
''މިރޭ އަހަންނަށް ވުރެ ކުރިން ހޭލައިފިންދޯ؟...'' ފާޚަނާގެ ދޮރު ހުޅުވާލާފައި ނިކުތް ދައުސްއަށް ރިސާލާ ފެންނައިރަށް އަހާލެވުނެވެ. ހާސްކަން ލިބިފައިވި ރިސާލާގެ ހަރަކާތްތައް ފާހަގަ ކުރެވުމާއެކު ދައުސްއަށް ހައިރާންކަން ލިބުނެވެ.
''ރިސާލާ؟...'' ރިސާލާގެ މޫނަށް ދައުސް ފުން ނަޒަރެއް ދިނެވެ. ''ކަމެއް ވީތަ؟...''
''އާނ!، ވަރަށް ބޮޑު ކަމެއް ވެއްޖެ...'' ފިޔަވަޅުތައް މަޑުޖައްސާލަމުން ދައުސްއާއި ދިމާއަށް ރިސާލާ އެނބުރިލިއެވެ.
''އާދެބަލަ...'' ނުތަނަވަސްކަން ދައުސްގެ މޫނަށް ވެރިވެގެން ދިޔަކަމުގައި ވިޔަސް އެވަގުތު އޭނަ އިސްކުރީ މަޑުމައިތިކަމެވެ. ރިސާލާ ހަމައަކަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ. އެނދުގައި އިށީންނަމުން އޭނަ ގާތުގައި އިށީނުމަށް ރިސާލާއަށް އިޝާރާތްކޮށްލިއެވެ.
ދައުސްގެ މޫނަށް ބަލައިލި ރިސާލާ އައިސް އެނދުގައި އިށީނެވެ. އެވަގުތު ރިސާލާގެ އަތުގައި ދައުސް ހިފާލިއެވެ.
(ނުނިމޭ)