ވާހަކަ

ރުހުން ދީފާނުހޭ - 66

3

މެންދުރަށް ބަތްކޮޅު ހިންދާފައި ބަދިގެއިން ނިކުތް ތަބައްސުމް ކޮޓަރިއަށް ބޯ ދިއްކޮށްލީ މައިލީންގެ ހަބަރެއް ނުވާތީއެވެ. މިއަދު މިއީ މައިލީންގެ އޮފް ދުވަހެވެ. ހެނދުނުގެ ސަޔަށްފަހު އަހަދުﷲ ބޭރަށް ދިޔުމުން އެއްޗެހި ދޮންނަން ތައްޔާރުކުރަން މައިލީން ކޮޓަރިއަށް ވަދެފައި އަދި ނުނިކުމެއެވެ. ތަބައްސުމްއަށް ކޮޓަރި އާ ދިމާލަށް ނުދެވެނީސް މައިލީން ކޮޓަރިން ނިކުމެއްޖެއެވެ. އޭނާގެ އަތުގައި އޮތީ ފޯނެވެ.

"މެލީމެން އަދިވެސް ބަނދަރަށް ނުދޭ. އަހަދު އެބަހުރި ބަނދަރުގަ. ފޯނެއްވެސް މެލީ ނުނަގަ" މައިލީން ބުންޏެވެ.

"ބާޒިލްއަށް ގުޅާބަލަ" ތަބައްސުމް ބުންޏެވެ.

މައިލީން ބާޒިލްއަށް ގުޅިއެވެ. އެއްފަހަރު ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅިއެވެ.

"އަނެއްކާ ކިހިނެއްވީބާ؟ މައުސޫމާއްތަގެ ނަންބަރެއްވެސް ނެތް ގުޅާލާކަށް" މައިލީން ބުންޏެވެ.

ފޯނު ހިފައިގެން ދެމައިން ނިކުތީ ބޭރަށެވެ. އިށީންނަން ޖޯއްޔާ ދިމާލަށް ދަނިކޮށް ދޮރާށި ހުޅުވާލާފައި ވަނީ ރައްޔާނެވެ. ދެމައިންނަށް ހައިރާންކަމެއް ލިބުނީ ރައްޔާނާއެކު ފޮއްޓެއް ހުރީތީ ފެނުމުންނެވެ.

"ތިއޯ..." ރައްޔާނަށް އެ ސުވާލަށް ޖަވާބުނުދެވެނީސް ފަހަތުން އައިސް މެލެކް ވަނެވެ. އަންހެނުން ދައްކަންފެށި ވާހަކައިގެ ތެރެއަށް ވަންނަން ބޭނުންނުވާތީ ފޮށި ހިފައިގެން ރައްޔާނު އައީ އެތެރެއަށް ވަންނާށެވެ.

"މެލީ.... ދަރިފުޅު ތަ؟" ތަބައްސުމް ބުންޏެވެ. މައިލީން ހައިރާންވެފައި ކުރިއަށް ޖެހިލިއެވެ. މެލެކް އަތުގައި އިން ލޫލު އުރާލިއެވެ. ބަހެއްނުކިޔާ މެލެކް ވަދެގެން ގޮސް މައިންބަފައިންގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. މެލެކްގެ ފަހަތުން ދިޔައީ މައިލީން އެވެ.

"ކިހިނެއްވީބާ އަނެއްކާ؟ ރޮވިފަ ހުރީ" ތަބައްސުމް ބުންޏެވެ.

"ވީ ކިހިނެއްކަމެއް ސީދާ ބުނާކަށް ނޭނގޭ. ތިމަންނަ ކަންކަމުގަ ތިމަންނައަށް ގޮތް ނިންމެން ވާނެނޫންހޭ ކިޔާފަ ފެށީ. އެހެންކިޔާފަ ބުނެފި ގެއަށް ދާށޭ ބޭނުމީ" މައުސޫމާގެ އަޑުންވެސް އޭނާ ވަރަށް ބޮޑަށް ދެރަވެފައި ހުރިކަން އެނގެއެވެ.

"ސުވާލުކުރަންވާނެ. މިއީ މެލީ މިގެއަށް އަންނަންވީ ވަގުތެއްނޫން. މިހާރު ފެރީ ފުރާވެސްފާނެ" ތަބައްސުމް އެތެރެއަށް ހިނގައިގަތެވެ.

"މިއަދު ދެން އޮފީހަށްވެސް ދާހިއްނުވީ މި. ބާޒިލް ކައިރީގަވެސް މިހާރު ޒޭބާ މިވާހަކަ ބުނެފާނެ. އަހަރެން މިދަނީ އެނގޭ. ވާނުވާ އަންގާލާތި" ލޫލުގެ ދަބަސް ތަބައްސުމް އަތަށް ދެމުން މައުސޫމާ ބުންޏެވެ.

****

އެނދުގެ ހެޑް ބޯޑުގައި ލެގިގެން އިން މެލެކް އިނީ ދެ ކަކޫ ގަޔާ ކައިރިކޮށްލައިގެން ކަކުލުގައި ބޯ އަޅައިގެންނެވެ. ފަހަތުން އެހެންމީހުން ވަންނާނެކަން އެނގޭތީ އޭނާ އިނީ ދޮރު ތަޅުލައިގެންނެވެ. ގިސްޖެހިފައި އޭނާއަށް ރޮވެމުން ދިޔައެވެ. ހަނދާންކުރާކަށް އިތުރު ތަނެއް ނެތެވެ. މުޅި ރޭ އޭނާ ހޭދަކުރީ އޭނާގެ ސިކުނޑިއަށް މަޖުބޫރު ކުރުމުގައެވެ. ސިކުނޑިއަށް ފެންނަން ފެށި ކުލަނުވާ ތަސްވީރުތަކުގެ ހަގީގަތް ހޯދުމަށެވެ. ބާޒިލްއަކީ ފިރިމީހާކަން އެނގުމުން އޭނާ ހޯދަން ބޭނުންވީ ހަނދާނުން އުނިވެފައިވާ ހިތި ހަގީގަތެވެ. މަރާ ހަނގުރާމަކުރަމުން އޭނާ އެކަން ކާމިޔާބު ކުރިއެވެ. ރޭގައި އޭނާގެ ފުރާނަ ސަލާމަތްވުން އެއީ ކާކުގެ ނަސީބެއްކަމެއް ބުނާކަށް ނޭނގެއެވެ. އެނގެނީ އޭނާގެ ހިތްވަރު ކެނޑިފައިވާ ކަމެވެ. ކައިވެނީގެ މަންޒަރުތައް އޭނާއަށް ކުލަވެއްޖެއެވެ. ކައިވެނި އެކަންޏެއް ނޫނެވެ. ބާޒިލް އާ ކައިވެނިކޮށްގެން ދުވަސްތައް ހޭދަކުރަންޖެހުނު ގޮތްތައްވެސް އޭނާ ހަނދާންވެއްޖެއެވެ. ފިރިމީހާގެ ގެ ދޫކޮށްލާފައި އަންނަން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

ތަޅުދަނޑިން ދޮރުހުޅުވައިގެން ތަބައްސުމް އާއި މައިލީން ވަނެވެ. މެލެކް އިންގޮތް ފެނި ތަބައްސުމްގެ ލަގނޑިއަށް ބާރުވެގެން ދިޔައެވެ. ކަމެއް ގޯސްވެދާނެކަމަށް ބަލާފައި އޭނާ ވަގުތުން އަހަދުﷲ އާއި އައްޒާމަށްވެސް ގުޅައިފިއެވެ.

"ދަރިފުޅު..." މެލެކްގެ ބޮލުގައި ތަބައްސުމް ފިރުމާލިއެވެ. މެލެކްގެ އިޝާރާތެއް ނުވިއެވެ.

"މެލީ.. މަންމަގެ ދޫންޏާ... ކިހިނެއްވީ؟ ވީކަމެއް ބުނީމަ މަންމަމެންނަށް އެނގޭނީ" ތަބައްސުމް އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.

އިރުކޮޅަކުން ވަދެގެން އައީ އަހަދުﷲ އާއި އައްޒާމްއެވެ. ދެބަފައިންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. މެލެކްގެ އަނެއްފަރާތުގައި ލޫލު ގޮވައިގެން އިން މައިލީން އާ އަހަދުﷲ ނަޒަރެއް ބަދަލުކޮށްލިއެވެ. ކަންބޮޑުވުމަކާއެކު އަހަދުﷲ އަށް ބަލައިލަމުން މައިލީން ދެކޮނޑު އަރުވާލިއެވެ. ވީކަމެއް އަދި އޭނާއަށް ވެސް ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

މެލެކް ބޯ ހިއްލާލިއެވެ. އެހިނދު އޭނާއަށް ފުރަތަމަވެސް ފެނުނީ އެންމެންގެ ފަހަތުން ކޮޓަރީ ދޮރުމަތީގައި ހުއްޓުނު ބާޒިލް އެވެ. އޭނާ ވަގުތުން ބާޒިލް އާ ނަޒަރު ވަކިކޮށްލިއެވެ. އެ ސޫރަ ދެކެން އޭނާ ބޭނުންނުވާ ކަހަލައެވެ.

މެލެކް ފުންމައިގެން އެނދުން ތެދުވިއެވެ. އޭނާ ވާހަކަދައްކަންވީ ވަގުތު ޖެހުނީއެވެ. އެއްވެސްކަމެއް ފޮރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކުރިމަތީގައި އެންމެން ހަމައަށް ތިއްބެވެ. އޭނާގެ ސުވާލު އައީ އެންމެންނަށް އެއްކޮށެވެ.

'އަޅުގަނޑު ކުރާ ސުވާލަކަށް ޖަވާބުދެވިދާނެތަ؟" މެލެކް އަހާލިއެވެ.

"މެލީ ކޮށްބަލަ ބޭނުން ސުވާލެއް. އެކަމު ރުއިން ހުއްޓާލަބަލަ. މެލީ ތިއީ ރޯން އެނގޭ ކުއްޖެއް ނޫނެއްނު" މައިލީން ބުންޏެވެ. އޭނާ މެލެކްގެ ދެލޯ ކައިރި ފޮހެދިނެވެ.

"ބާޒިލް އަކީ އަޅުގަނޑުގެ ފިރިމީހާ ތަ؟ އަޅުގަނޑުގެ ކައިވެނި ކުރީ ކޮންއިރަކު؟ ކިތައް އަހަރުތަ ވީ؟ ބާޒިލް އާއެކު އަޅުގަނޑު އުޅުނީ އުފަލުންތަ؟ " މެލެކް ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ފަހަތުން އައި ބާޒިލް މެލެކް ގާތަށް ދާން އުޅުމުން އޭނާ ހުއްޓުވީ މެލެކް ފުރަގަސްދީ ކުރި ހަރަކާތުންނެވެ. ކޮޓަރީގައި ބާޒިލްވެސް މައުޖޫދުވެ ހުރިކަން އެންމެންނަށް އެނގުނީވެސް މެލެކްގެ އެ ހަރަކާތަށް ފަހުގައެވެ.

"ޖަވާބުނުދެވުނެއްނު. އަޅުގަނޑަށް އެނގިއްޖެ. ބާޒިލް އަކީ ފިރިމީހާ ކަން. ދެލޯ މަރާލީމަ އަބަދުވެސްފެނޭ. މިހާރު ހުރިހާ ކަމެއް ސާފުވެއްޖެ. ކައިވެނި. ދިރިއުޅެމުން އައި ގޮތް. ސާރާވެސް" މެލެކް ދައްކަން ފެށި ވާހަކަތަކުން އެންމެންނަށް ލިބިފައިވަނީ ހައިރާންކަމެވެ. އެންމެން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ހުރިހާކަމެއް މެލެކްގެ ހަނދާނަށް އައިކަން އެނގުމުން މިދަނޑިވަޅު އެއްވެސް މީހަކަށް އުފާވާކަށް ނޭނގުނެވެ. ހާލަތު ބަދަލުވެފައިވާ ގޮތުންނެވެ.

"ދެން ކޮންކަމެއް މެލީ އެނގެން ބޭނުންވަނީ" މައިލީން ބުންޏެވެ.

"ނޭނގެނީ ބާޒިލްގެ ގެއަށް އަޅުގަނޑު ފޮނުވި ސަބަބެއް. އެންމެން ކީއްވެގެންތަ ގަދަކަމުން އެގެއަށް ފޮނުވީ. ބައްޕަގެ ބަސް ގަބޫލުކޮށްގެން އަޅުގަނޑު ބާޒިލް އާ އިނީ ބާޒިލްދެކެ އަޅުގަނޑުވެސް ލޯބިވާތީ. އެކަމަކު ބާޒިލް އަޅުގަނޑާމެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ނޭނގޭ މީހަކު މިތާ އެބަހުރިތަ؟ ދެން ކީއްވެ؟" މެލެކް ކިޔަމުން ދިޔައެވެ. މިފަހަރު މެލެކް ރޯން ފެށުމާއެކު މައިލިންގެ އުނގުގައި އިން ލޫލުވެސް ބާރަށް ރޯން ފަށައިފިއެވެ. މެލެކް ރޯތަން ފެނި ނުރޮވިގެން ލޫލު ތުންފިއްތާތާ އިރުތަކެއް ވެއްޖެއެވެ. މިފަހަރު ލޫލުގެ ކުޑަކުޑަ ދެލޮލުން ކަރުނަ އަންނަންވެސް ފަށައިފިއެވެ. ލޫލު މަސަލަސް ކުރެވޭތޯ މައިލީން މަސައްކަތް ކުރިއެވެ.

މެލެކްގެ ވާހަކަތައް އަޑުއަހަން ހުރި ބާޒިލްއަށް އިތުރަށް ކެތެއްނުވިއެވެ.

"މެލީ... ނޫން.... އޭރުގެ ވާހަކަތައް ބަހައްޓާ..." ބާޒިލް އައިސް މެލެކް ގާތުގައި ކުރު ކަކޫ މައްޗަށް އިށީނެވެ. މެލެކް ބާޒިލްއަށް ބަލައިވެސް ނުލިއެވެ. ބާޒިލްގެ އެއްވެސް ވާހަކައަކުން މިއަދު އޭނާގެ ނިންމުން ބަދަލެއް ނުވާނެއެވެ. މިއީ އެދުވަހެއް ނޫނެވެ.

"މެލީ އައި ލަވް ޔޫ. އަހަންނަށް ވިސްނުނީ ފަހުން. އަހަރެން ދޮގެއް ނަހަދަން. ޕްލީޒް... ހުއްޓާލާފަ ހިނގާ ދާން" ބާޒިލް ކިޔަމުން ދިޔައެވެ. މެލެކް އަނގައިން ނުބުންޏެވެ. އޭނާ ކުރިހާވެސް ކަމަކީ މަޑުމަޑުން ބާޒިލް އާ ދުރަށް ޖެހުމެވެ.

ބާޒިލް އާ ހަތަރުކަޅި ހަމަކޮށް ބަލައިލަންވެސް މެލެކް ބޭނުންނުވާ ކަހަލައެވެ. ބާޒިލް އާ ވާހަކަދައްކަންވެސް އޭނާ ބޭނުމެއް ނުވެއެވެ. ބާޒިލް އާ ކުރަން ބޭނުންވާ އެތައް ސުވާލެއް ހުއްޓެވެ. އެތައް ޝަކުވާތަކެކެވެ. އެހެންނަމަވެސް އޭނާ އާ މެދު ޝައުގުވެރިކަމެއްނެތް ހިތަކަށް އަޑުއިވޭނެ ހެއްޔެވެ؟ އިންސާނުން ދައްކާ ވާހަކަ ފާރަށް އަޑުއިވި އެ ފާރަށް އަސަރުކުރާނަމަ ބާޒިލްގެ ހިތަށް އަސަރުކުރާނީ މިއަދުއެއް ނޫނެވެ. މީގެކުރިން ވެސް ހިމޭން އެތައް ޝަކުވާއެއް އޭނާ ބާޒިލް އާ ކުރިއެވެ. އޭރުގައި އެހިތަށް ނުކުރި އަސަރެއް މިއަދުވެސް ނުކުރާނެއެވެ. ބޭނުންވީ އޭނާގެ ލޯމަތިން ދުރަށް ބާޒިލް ފޮނުވާލާށެވެ. އެހެންނަމަވެސް އަޑުއުފުލާ ބާޒިލްއަށް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް އޭނާއަށް ނުލިބުނެވެ.

"މެލީ.. ތިހެން ނަހަދާ... އަހަރެން ކިހިނެއް މެލީ އާ ލޫލު އާ ނުލާ އުޅޭނީ... ހަނދާންކޮށްބަލަ މިފަހުން އަހަރެމެން އުޅުނީ ކިހާ ލޯބިން... ކުރީގަ ވި އެއްވެސް ކަމެއް ހަނދާންނައްތައެއް ނުލެވޭނެތަ؟" އިސާހިތަކު ބާޒިލްގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. މެލެކް އޭނާގެ އެއްވެސް ވާހަކައަކަށް ޖަވާބެއްނުދޭތީ އޭނާގެ ހިތް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. މެލެކްގެ ސަމާލުކަން އޭނާއަށް ކުޑަވެފައިވާތަން ފެނުމުން ބާޒިލްގެ ސިކުނޑި ހީވީ މޮޔަވެދާނެ ހެންނެވެ.

"ބާޒިލް... އިހަށް ހިނގާ ބޭރަށް" އަހަދުﷲ ބާޒިލްގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"ނޫން... " އަހަދުﷲ ގެ އަތް ބާޒިލް ފޮޅުވާލިއެވެ.

"މެލީ ގޮވައިގެން ދާނީ. ތި އެންމެންވެސް މެލީ އަށް ވިސްނައިދީ. މެލީ އަހަންނާއެކު ދާނެ. މެލީ އަހަރެންދެކެ ލޯބިވޭ. އަހަރެންވެސް" އަހަދުﷲ އާއެކު ކޮޓަރިން ބޭރަށް ނިކުންނަން ބާޒިލް އެއްބަހެއް ނުވިއެވެ.

"މެލީ... ވާހަކަދައްކަބަލަ. ކޮންމެސް އެއްޗެއް ބުނެބަލަ. ހިނގާ ގެއަށް ދާން. މެލީ ނުލާ އަހަންނަށް އެއްކަމެއްވެސް ނުކުރެވޭނެ" ބާޒިލްގެ އަޑު ކުރެހެން ފެށިއެވެ. މެލެކް އެކޭ އެއްގޮތަށް ބާޒިލްއަށް ވެސް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.

"ގަބޫލުކުރަން... ގަބޫލުކުރަން ކުރިން އުޅެވުނީ ރަނގަޅަކަށް ނޫންކަން. ގަބޫލުކުރަން ކައިވެނިކުރީ ލޯބިން ނޫންކަން. ގަބޫލުކުރަން މެލީ ކުރިމަތީގަ އެހެން އަންހގެނަކު ގޮވައިގެން އުޅުނިން. މެލީ... އޭރު ގެ ކަންތައް ހަނދާންވީމަ މިހާރު ދެރަވޭ. އެކަންކަން ނުވާކަމަކަށް ނުވާނެއްނު... މެލީ ޕްލިޒް... އަހަރެން ދުރުކޮށްނުލާ. އަހަރެން މޮޔަވެދާނެ" ބާޒިލް ކިޔަމުން ދިޔައެވެ.

މަންޒަރު ބަލަން ތިބި އައްޒާމް އާއި ތަބައްސުމްގެ ދެލޮލުންވެސް ކަރުނަ ނީރާލިއެވެ. ދިރިއުޅުމުގެ އެންމެ މުހިންމު ކަންތައްމަތިން މެލެކް ހަނދާންވުމަކީ އެދެމަފިރިން އިންތިހާއަށް އުފާކުރާނޭ ކަމެކެވެ. އެކަމަކު ލިބުނު އުފަލާއެކު އެގެއަށް ހިތާމައިގެ ކަޅު ހިޔަންޏެއް ޒިޔާރަތްކޮށްފިއެވެ. ހަގީގީ ހިތްހަމަޖެހުމަށް ހިތާމަ އާއި ކަރުނަ ހުރަސް އަޅައިފިއެވެ. ކަރުނަވީ ދެލޮލުން ބާޒިލްއަށް އައްޒާމް ބަލަން ހުރެފައި ބާޒިލް އާ ގާތަށް ޖެހިލިއެވެ. ހަނދާނަށް އައީ އޭނާ ބާޒިލް އާ ދެކެވުނު ވާހަކަތަކެވެ. ހުރިހާ ކަމެއް ހަނދާންވާ ދުވަހަކުން މެލެކް މިކަހަލަ ފިޔަވަޅެއް އަޅާފާނެކަން އޭރު އޭނާއަށް އަންދާޒާ ކުރެވިފައިވާތީއެވެ. މިހާރު މިވަނީ އެދުވަސް އައިސް ޖެހިފައެވެ. އޭނާ ހަނދާނުގައި ހުއްޓެވެ. އެދުވަހަކުން މެލެކްގެ ކޮންމެ ނިންމުމަކަށް އޭނާ އެއްބާރުލުން ދޭނެ ކަމެވެ. އެކަމަކު މިހާރު ހިތުގައި ސުވާލު އުފެދިއްޖެއެވެ. މެލެކްގެ އެ ނިންމުމަށް ބަފައެއްގެ ހައިސިއްޔަތުން އޭނާއަށް ރުހުން ދެވިދާނެ ހެއްޔެވެ؟ މާޒީއާ އެކުވެފައިވާ ހަނދާންތަކެއްގެ ސަބަބުން އަންހެން ދަރިއެއްގެ ދިރިއުޅުން ހަލާކުކޮށްލަން އޭނާއަށް ރުހުން ދެވިދާނެ ހެއްޔެވެ؟

"ދަރިފުޅާ..." ބާޒިލް އާ އައްޒާމް ކައިރިވެލިއެވެ. މިވީ މަދު ވަގުތުކޮޅުގެ ތެރޭގައި ބާޒިލްގެ ހިތުން މެލެކްއަށް ދީފައިވާ މަތިވެރި ގަދަރު އައްޒާމަށް ފެނިއްޖެއެވެ. އެހެންނަމަވެސް މިވަގުތު މެލެކް އޭނީ އެއްވެސް މީހަކު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާނެ ހާލަތެއްގައެއް ނޫނެވެ. ބާޒިލްވެސް އިނީ އެފަދަ ހާލަތެއްގައި ނޫނަސް މިވަގުތު މެލެކްގެ ސިކުނޑިއަށް ވުރެ ބޮޑަށް މަސައްކަތްކުރާނީ ބާޒިލްގެ ސިކުނޑިއެވެ. ލޯތްބާއެކު ބަފައެއް ފަދައިން އޭނާ ބޭނުންވީ ބާޒިލްގެ ހިތްވަރަކަށް ވާށެވެ. އިތުރަށް ބާޒިލްގެ ހިތް މަރާލާފައި އެގެއިން ފޮނުވާލަން އޭނާ ބޭނުމެއްނޫނެވެ.

"މިވަގުތު ބާޒިލް މިތަނުން ދިޔުން ވަރަށް މުހިންމު" މެލެކްގެ ހަރަކާތްތަކަށް ބަލަން ހުރި އަހަދުﷲ ބުންޏެވެ.

ރޮމުންދިޔަ މެލެކް ފުންކޮށް ދެތިން ނޭވައެއް ދޫކޮށްލިތަން އަހަދުﷲ އަށް ފެނިއްޖެއެވެ. މެލެކްގެ ދެލޮލުގެ ކަޅިއަށް ވެސް ތަފާތެއް އަތުވެއްޖެއެވެ. ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ފާއިތުވި ސައްވިސް ގަޑިއިރުގެ ތެރޭގައި މެލެކް ބޭސް ކެއިކަމެއްވެސް ނޭނގެއެވެ. އަނެއްކޮޅުން އިމޯޝަނަލީ މެލެކްގެ ސިކުނޑިއަށް އެވަނީ ވަރަށް ފުންއަސަރުތަކެއް ކޮށްފައެވެ. ބޭހަށް ވުރެ ބޮޑަށް މިވަގުތު މެލެކްއަށް ބޭނުންވަނީ ހަމަޖެހުމެވެ.

"އާދެބަލަ ބައްޕައާއެކު" އައްޒާމްއަށް އެތަނުން ބާޒިލް ނެގުނީ ވަރަށް މަސައްކަތުންނެވެ.

"މެލީ... އައި ލަވް ޔޫ... އަހަރެން މިތަނުން ފޮނުވާނުލާ މެލީ...... އައިމް ސޮރީ މެލީ. ދެން ދުވަހަކުވެސް އެހެން ނުވާނެ..." ބާޒިލް ގޮވައިގެން އައްޒާމް ކޮޓަރިން ނިކުތްއިރުވެސް ބާޒިލްގެ އަޑު ނުކެނޑެއެވެ.

"މަންމަ ލޫލު އުރާލަބަ" މައިލީންގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ލޫލުއަށް އެންމެފަހުން ރޮއެރޮއެފައި ނިދިއްޖެއެވެ. ލޫލު އުރާލައިގެން ގޮސް ތަބައްސުމް އިށީނީ އެނދުގެ ކަނެއްގައެވެ. މެލެކްގެ ގާތަށް ދާން އޭނާގެ ހިތް އިންތިހާއަށް އެދެމުން ދިޔައެވެ. އެހެންނަމަވެސް އަހަދުﷲ އާއި މައިލީން ކުރި އިޝާރާތަށް އޭނާ ބޯލެނބިއެވެ.

"އިރުކޮޅަކުން މައިލީން އައީ އަހަދުﷲ ގެ ޑޮކްޓަރީ ސާމާނު އަޅާފައި ހުރި ބޮޑު ފޮށި ހިފައިގެންނެވެ. އަހަދުﷲ މެލެކްގެ މަގަތުން އިށީނެވެ. ފޮށި ހުޅުވާލާފައި މައިލީން ތައްޔާރުކޮށްލީ އިންޖެކްޝަނެކެވެ. އަހަދުﷲ މެލެކްގެ އަތުގައި ހިފާލުމާއެކު އެއްވެސް ވާތްގެއް ނެތް ގޮތަކަށް މެލެކްގެ އަތް ވެއްޓިގެން ދިޔައީ އަހަދުﷲގެ އަތުތެރެއަށެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން މެލެކްގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތްކަން އަހަދުﷲ އަށް އެނގުނެވެ.

****

ގޯތިތެރޭގައި ހުރި ދެ ޖޯލިފަތީގައި ދެފަރާތުގެ އާއިލާ ހަމައަށް ތިއްބެވެ. އިސްޖެހިފައި ބާޒިލް އިނީ އައްޒާމް އާ ޖެހިގެންނެވެ. އަނެއް ފަރާތުގައި އިނީ ޒިޔާދެވެ. ކަރު އެލުވާލައިގެން މައުސޫމާ އިނެވެ. އުންމީދުކުރި ގޮތާ ހިލާފަށް ހުރިހާ ކަމެއްވުމުން ދެ މަންމައިން ގެ ހިތް ވަނީ ހަލާކުވެފައެވެ. އެކަކު އަނެކަކުގެ ހިތް ހަމަޔަކަށް އަޅުވަން ދައްކަންވީ ވާހަކައެއް ނޭނގިފައެވެ. ކޮންމެ މީހެއްގެ ދެލޮލުން ފެންނަނީ މޮޅިވެރިކަމެވެ. މުޅިތަނަށް ހިމޭންކަމުގެ ސާލެއް ފެތުރިފައިވާ ކަހަލައެވެ. އިރުކޮޅަކުން އަހަދުﷲ އާއި މައިލީން އެތެރެ ގެއިން ނިކުމެގެން އައެވެ. އަހަދުﷲ އިށީންނަން ގޮނޑި ދީފައި ރައްޔާން ކޮޅަށް ހުއްޓެވެ.

"ނިދިއްޖެ" އިންޖެކްޝަން ދިނީމަ" މައިލީން ބުންޏެވެ.

"މެލެކްގެ ހަނދާނަށް އައީތަ ހުރިހާ އެއްޗެއް" ތަބައްސުމް އަހާލިއެވެ.

"ހުރިހާ ކަމެއް ނޫން. ހަމަ ޔަގީނުންވެސް ކައިވެނީގެ ހުރިހާ ކަމެއް އޭނާ ހަނދާނުގަ އެބަހުރި. އޭރުގެ ދިރިއުޅުން ، ބާޒިލް އޭނާ ދުރުކޮށްލިވަރު އޭނާ އޭރު ކުރި ހިތާމަ. އެ އުޅެނީ އެ އަސަރުތައް އޭނާގެ ހިތުން ނުފިލައިގެން. އެންމެރަނގަޅު ވާނީ މި ދަނޑިވަޅުގައި އޭނައަށް އެއްވެސް ކަމަށް ބާރު ނޭޅިއްޔާ. މިއީ މެލީއަށް ވަރަށް ނާޒުކު ވަގުތުކޮޅެއް. އެކުއްޖާގެ ސިކުނޑި ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ. އިންޖެކްޝަން މަސައްކަތްކުރާނީ އޭނާގެ ސިކުނޑި މަސައްކަތްކުރާ ވަރަކަށް" އަހަދުﷲ ކިޔައިދިނެވެ.

ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލުމާއެކު އަނެއްކާވެސް ބާޒިލްއަށް ރޮވިއްޖެއެވެ. ކަންތައްތައް ވެގެން އެދިޔައީ އޭނާވެސް އުންމީދުކުރި ފަދަ ގޮތަކަށް ނޫނެވެ. ދެން ދުވަހަކުވެސް މެލެކްގެ ހިތް ހަލާލު ލިބޭނެކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހަޔާތަށް ބިންދާލި ގަދަ ރާޅެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. އެންމެންގެ ކުރިމަތީގައި އޭނާ ބަލިކަށިވެއްޖެއެވެ. ހިތް ބަލި މާނަކަށް ވެއްޖެއެވެ. ކުރީގައި އުޅެވުނު ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން މިއަދު އޭނާއަށް ލަދުވެތިކަމެއް އިހުސާސު ވެއްޖެއެވެ. ކުރިން ވިސްނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ބާޒިލް އިންގޮތް ފެނި މައުސޫމާގެ ހިތް ރޮއެގަތެވެ. އެހެންނަމަވެސް ދަރިފުޅު ހިތްހަމަޖައްސައިދިނުމަށް މިއަދު އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

"ހިތްވަރުކުރޭ ދަރިފުޅާ. އަދި އުންމީދު ކަނޑާނުލާ. ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ" ބާޒިލްގެ ބުރަކަށީގައި އައްޒާމް ފިރުމާލިއެވެ.

"ލޫލުގެ ކަމެއް އަދި ހަނދާނުގަ ހުރިހެނެއް ހިއެއްނުވޭ" މައިލިން ބުންޏެވެ.

"ދެން ކިހިނެއްހަދާނީ؟ އަހަންނަކަށް އެދުވަސްތަކެއް ބަދަލެއް ނުކުރެވޭނެ" ބާޒިލްގެ އަޑު އައެވެ. މޫނުމަތިން އަތްނަގާފައި އޭނާ ބަލައިލެވުނީ ދިމާލަށް އިން މައުސޫމާ އަށެވެ. ރަތް ފިޔައަކަށް ވުރެވެސް އޭނާގެ ދެލޯ ރަތެވެ. މައުސޫމާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފައި ފިތައިގަތް ހެންނެވެ.

"ހަނަދާންވޭތަ؟" އައްޒާމް ބުންޏެވެ.

ބާޒިލްގެ ކޮނޑުގައި ހިފާލާފައި ގަޔާ ކައިރިކޮށްލަމުން އައްޒާމް ހިތްވަރުދޭން ފެށިއެވެ.

"ބައްޕަ ބުނީމެއްނު މެލީ ހަނދާނަށް ކަމެއް އައިސްގެން ދިރިއުޅުމާ މެދު އެކުއްޖާ ގޮތެއް ނިންމާ ހިސާބުން ބައްޕަމެންނަށް ކުރެވޭނެ ކަމެއް ނޯންނާނޭ. ބުނީމެއްނު ބައްޕަމެން މެލީއަށް މަޖުބޫރެއް ނުކުރާނަމޭ" އައްޒާމް ބުންޏެވެ.

"ނޫން... ބައްޕަމެން ވިސްނައިދިނީމަ މެލީއަށް ވިސްނޭނެ" ބާޒިލް ބުންޏެވެ. އާދޭހުގެ ނަޒަރަކުން އޭނާ އައްޒާމަށް ބަލައިލިއެވެ. ދެލޮލުގެ ވަށައިގެން އަދިވެސް ކަރުނައިގެ ތެތްކަން ފެންނަން ހުއްޓެވެ.

"ބައްޕަ މަސައްކަތްކުރާނަން މެލީއަށް ވިސްނައިދެވޭތޯ" އައްޒާމް ބުންޏެވެ. އެހެން ބުނިއިރުވެސް އޭނާއަށް މާބޮޑު ޔަގީންކަމެއް ނެތެވެ.

އައްޒާމް އާއި ޒިޔާދުގެ އެތައް ނަސޭހަތަކަށްފަހު މައިންބަފައިންނާއެކު ގެއަށް ދިޔުމަށް ބާޒިލް ނިކުތެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން މައިންބަފައިންގެ އަތުން ވީއްލިގަނެގެން މަގު ހުރިގޮތަށް އޭނާ ދިޔައެވެ. ދަށަށް ޖަހައިގެން ހުރި ގަމީހުގެ އެއްބައި ވަނީ ނެއްޓިފައެވެ. އޭނާގެ ބޮލުގެ އިސްތަށިތައް ވަނީ ހޭވިފައެވެ. ގޭ ކައިރީގައި ސައިކަލު ޕާކުކޮށްފައި ހުރިކަންވެސް އޭނާގެ ހަނދާނުގައި ނެތް ކަހަލައެވެ. ފިރިހެން ދަރިފުޅަށް ޖެހިފައިވާ ހާލާ މެދު ހިތާމަކުރާ ހާލުގައި މައުސޫމާއާއި ޒިޔާދު އެކަކު އަނެކަކަށް ބަލައިލިއެވެ.

****

ތަބައްސުމް ދިއްކޮށްލި ކަޅު ކޮފީތަށި ތުނބުގައި ޖަހާފައިވެސް އައްޒާމްއަށް ދިރޭގޮތެއް ނުވިއެވެ. އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ދޮޅު ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. އަދިވެސް މެލެކްއަށް އޮތީ ނިދިފައެވެ. އޭނާ އެއިނީ ހަދަމުންދާ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައިލަން ދާންވެސް ބޭނުން ނުވެފައެވެ.

"ދަރިފުޅު މިއަދު އޮފް ދުވަހެއްނު" އައްޒާމް ވާހަކަދެއްކީ ކައިރީގައި އިން ރާއްޔާނަށެވެ.

ރައްޔާނުގެ އޮފް ދުވަހަށް ވިޔަސް ސްޓޭޝަނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. އޭނާއަކީ ޓީމުގެ އެއް މެންބަރެވެ. އޭނާ އިނީ މެލެކްއަށް ދިމާވި ގޮތުން ސްޓޭޝަނަށް ދާން ބޭނުންނުވެފައެވެ. ދިޔަސް އޭނާއަށް އެހެން ކަމަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. މޫނުމަތިން ފާޅުނުވިޔަސް އޭނާގެ ހިތުގައި ވަނީ ބާޒިލް އަށްޓަކައި ހަމްދަރުދީއެވެ. މެލެކްގެ ވިސްނުން ބަދަލުވެ ބާޒިލް އާ ފުރުސަތު ދިނުމަކީ އޭނާ އެދޭގޮތެވެ. ބާޒިލް މެލެކްދެކެ ވާ ސާފު ލޯބި މިއަދު އޭނާގެ ދެލޮލަށް ފެނިއްޖެއެވެ.

"ލައްބަ. މާދަމާ ރޭ ދަންވަރު ޑިއުޓީ އޮތީ" ރައްޔާނު ބުންޏެވެ.

"އެހެންވިއްޔާ މެންދުރު ކައިގެން އެގޭ މަސައްކަތްތައް ބަލައިލަން ދާންވާނެ. ބޭބެއަކަށް ހިއެއްނުވޭ މިއަދު ގެއިން ނިކުމެވޭނެހެއްނެއް" އައްޒާމް ބުންޏެވެ.

ރައްޔާނު ބޯޖަހާލިއެވެ.

"މެލީ މިއަދު ކާއެއްޗެއްވެސް ނުކައޭ މައުސޫމާ ބުނި" މައުސޫމާ ބުންޏެވެ.

"ހޭލީމަ އެއްޗެއް ކާންދެވޭތޯ ބަލާނީ" މައިލީން ބުންޏެވެ.

ކުއްލިއަކަށް އިވުނީ ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ. އެއާއެކު ލޫލު ރޮއިގަތް އަޑު އިވުނެވެ. ގޭތެރެއާ ދިމާލަށް ބަލައިލީ އެންމެން އެކުގައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟