''ބައްޕާ...'' ތެޅިތެޅި އޮތް ހިތަކާއެކު ޒޯހަން ގޮވާލިއެވެ. އައިރާއާއި ބައްދަލުކޮށްލުމުގެ ހުއްދައަކަށް އެދެން ޒޯހަންގެ ދޫ ހަރަކާތްކޮށްލިއެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ އިޝާރާތެއް ބަސީލްގެ ފަރާތުން ނުލިބުމުން ޒޯހަންއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ނިތުން ފިނި ދަލެއްވެސް ހިއްލާލައިފިއެވެ.
ބަސީލް އިސްޖަހާލުމާއެކު ޒޯހަންގެ ހިތް ގެނބިގެން ދިޔައެވެ. ބޭނުންވި ފުރުސަތު މުށުތެރޭން ދޫވެގެން ގޮސްފިކަމުގެ ހިތިކަން އަރުބުޑަށް ރަނގަޅަށް ވެސް ފޭދިއްޖެއެވެ.
''އާދެބަލަ ބައްޕައާއެކު...'' ބޭރަށް ނިކުތް ބަސީލް ދޮރު ލައްޕާލިއެވެ. ލެއްޕިގެން ދިޔަ ދޮރަށް ޒޯހަންއަށް ބަލަހައްޓައިގެން ހުރެވުނީ މަޔޫސްކަމާއެކުގައެވެ. އެއީ އައިރާއާ ބައްދަލުކުރަން އެޅިގެން ދިޔަ ހުރަހަކަށް ވާތީއެވެ. ނުތަނަަވަސްކަމާއެކު ބަސީލްގެ މޫނަށް ޒޯހަން ބަލައިލިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ޒޯހަންއަށް ހުރެވުނީ ގަބު ވެފައެވެ.
''ޒޯހަން...'' ޒޯހަންގެ ކޮނޑުގައި އަތްތިލަ ޖައްސާލަމުން ބަސީލް ބުންޏެވެ. އެއީ ކުރިއަށް ދިއުމުގެ އިޝާރާތެއްކަން ޒޯހަންއަށް ނަގައިގަނެވުނެވެ. ބަސީލްގެ މިސްރާބު ހުރީ ލިފްޓާއި ދިމާއަށެވެ. އެއާއެކު ޒޯހަންއަށް ތެޅިގަނެވުނެވެ.
''ބައްޕާ...'' ޒޯހަންއަށް ބުނެވުނެވެ. އޭނަގެ އަޑު ކުރެހުނެވެ. އަރުބެދެން ފެށުމުން ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. އުނދަގުލާއެކު ހިންދިރުވާލެވުނެވެ.
ޒޯހަންގެ ނަޒަރު ޕެންޓްހައުސްގެ ދޮރާއި ވަކިނުވެއެވެ. ރިހުމެއްގެ އަސަރު އެދެލޮލުގައި ވިއެވެ. އެހާ ގާތަށް އައިސްފައި އައިރާއާ ބައްދަލުނުކޮށް ދާން އޭނަގެ ޒަމީރު ނުރުހުނެވެ. މިފުރުސަތު ބީވެގެން ގޮސްފިނަމަ ދެން އައިރާއާ ބައްދަލުވުމުގެ ފުރުސަތު ދެން ދުވަހަކު ނުލިބިދާނެ ކަމުގެ ބިރުވެރިކަން ފޭދުނެވެ. މޭކަށިގަނޑު ދެމެދުގައި އުފެދުނު ރިހުމާއެކު ޒޯހަންއަށް މޭގައި ފިރުމާލެވުނެވެ. އެވޭނަށް ލުޔެއް ލިބޭތޯއެވެ.
''ޒާން...'' ޒޯހަންގެ މޫނުން ފެނުނު ހިތްދަތިކަމުން ބަސީލްއަށް އަސަރުކުރިއެވެ. އައިރާއަށް ޓަކައި ޒޯހަންގެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އައިރާގެ ނިންމުމާ ކުރިމަތިލާން ފަސްޖެހިފައިވާ މަންޒަރެވެ. ބޭޤަރާރުކަން ވެސް އެދެލޮލުގައި ވިއެވެ. އޭގެ ސަބަބުން ބަސީލްއަށް އުނދަގޫ ވިއެވެ. އެވަގުތު އައިރާގެ އާދޭސްތައް ބަސީލްގެ ކަންފަތުގައި ގުގުމާލިއެވެ. ޒޯހަންގެ އިހުސާސްތަކަށް ފުރަގަސްދޭން މަޖުބޫރުކުވީ އައިރާއަށް ވެފައިވި ވަޢުދުންނެވެ. ޒޯހަންއަށް ވިސްނައިދޭން ބޭނުންވީ ވެސް އެހެންވެއެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެކަން ބަސީލްއަށް ޔަޤީންކުރެވުނެވެ. ނަމަވެސް އިތުރު ގޮތެއް ނެތެވެ. ދުނިޔޭގެ ބޭއިންސާފާއި މެދުގައި ބަސީލްއަށް ޝަކުވާ ކުރެވުނެވެ. އެހާ ލޯބިން އުޅުނު ދެކުދިންގެ ނަސީބުގައި އުފާވެރިކަން ލިޔެވިފައި ނުވަނީ ހެއްޔެވެ؟
''އަރޫ...'' ލޮލުން ފޭބި ކަރުނަތައް އަވަސްއަވަހަށް ފޮހެލަމުން ޒޯހަން ބުންޏެވެ. ދައްކަން ކިތަންމެ ވާހަކައެއް ހުއްޓެވެ. އެހެނަސް ސިކުނޑިއަށް ބާރުބޮޑުވެފައިވުމުން އެވާހަކަތައް ދުލާ ހަމައަށް ގެނައުން ފަސޭހަކަމަކަށް ނުވިއެވެ. ބަރުދާސްތުކުރަމުން ދިޔަ ވޭން ކިތަންމެ ރީއްޗަށް ވެސް ޒޯހަންގެ ދެލޮލުން ހާމަކޮށްދިނެވެ.
''ބައްޕައާއެކު އާދެބަލަ...'' ބަސީލް އެދުނެވެ. އަނެއްކާ ވެސް ޒޯހަންއަށް ބަލައިލެވުނީ ޕެންޓްހައުސްގެ ދޮރާއި ދިމާއަށެވެ. އެހިތުގެ މަންޒިލް ވަނީ އެދޮރުން އެތެރޭގައެވެ. އެމަންޒިލް ގެއްލިގެން ގޮސްފިނަމަ ވާނެ ގޮތެއް ޚިޔާލަށް ގެންނަން ވެސް ދައްޗެވެ. އޭނައަށް ލޯބި ދަސްވީ އައިރާގެ ފަރާތުންނެވެ. އެލޯބި ބީވެގެންދާ މަންޒަރު ބަލަން ކުޅަދާނަވާނީ ވެސް ކިހިނެއް ހެއްޔެވެ؟
''އަރޫއާއި ބައްދަލުކޮށްލަން ބޭނުން، ބައްޕާ، އަހަންނަށް އެފުރުސަތު ދީފާނަންތަ؟...'' ބަސީލްގެ މޫނަށް ޒޯހަން ބަލައިލީ އާދޭސްކުރާ ހާލުގައެވެ. އެއާދޭސްތަކަށް ބީރުކަންފަތެއް ދޭން ޖެހިފައިވިވުމުން ބަސީލްއަށް ޒޯހަންގެ މޫނާއި ނަޒަރު ވަނިކޮށްލެވުނެވެ. ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ހީވީ އަމިއްލަ ނަފުސު ތައްޔާރުކޮށްލިހެންނެވެ.
''އަރޫގެ ނިންމުން ޒާންއަށް އެނގެޔެއްނު؟...'' ބަސީލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ކެތްތެރިކަމާއެކު ޒޯހަންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
''އެކަމަކު...'' ޒޯހަންއަށް އިސްޖަހާލެވުނެވެ. ''ސަބަބެއް އަރޫ ނުބުނޭ...... ވަކިވާން އަރޫ ބޭނުންވަނީ ކީއްވެގެންތަ؟...''
ޒޯހަންގެ ތުންފަތް ފޫއަޅުވާލީ ވޭނީ އާހްތަކުންނެވެ. އައިރާގެ ލޯބިން މަހުރޫމުވެއްޖެކަމުގެ ހިތި ހަޤީޤަތް ޤަބޫލުކުރަން އޭނައަށް އުނދަގޫވިއެވެ. އެހާ ލޯބިން އެކުގައި އުޅެފައި ވަކިވާން އައިރާ ގަސްދުކުރީ ކީއްވެ ހެއްޔެވެ؟ އޭނައަށް ޖަވާބުދާރީވާން ދެކޮޅުހަދަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ މައްޗަށް ރަހުމުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖިސްމުގައި އަޅާ ވޭން އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އޭނައަށް ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އިސްލާހުކުރުމުގެ ފުރުސަތު ނުދެނީ ކީއްވެގެން ހެއްޔެވެ؟
ޒޯހަންގެ ސުވާލަށް ދޭނެ ޖަވާބެއް ބަސީލްއަކަށް ނޭނގުނެވެ. އެވަގުތު ހަޤީޤަތް ހާމަކުރަން އޭނަގެ ޒަމީރު އިރުޝާދުދިނެވެ. ނަމަވެސް އޭގެ ކުރިން ރޮމުން ގިސްލަމުން އައިރާ ކުރި އާދޭސްތައް އޭނަގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު ބަސީލްއަށް އިހްތިޔާރުކުރެވުނީ ހިމޭންކަމެވެ. ގޮތްހުސްވެފައި ހުރި ޒޯހަން ގޮވައިގެން އޭނަ ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ. ފަސްއެނބުރި ޒޯހަން ބެލިއެވެ. ކުރިއަށް ހިނގަމުން ދިޔައީ ދެފަޔަށް ބަރުވެފައިވާ ހާލުގައެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނައާ އައިރާގެ ދެމެދަށް ވެރިވަމުން ދިޔަ ދުރުކަމާއި ގޮންޖެހުންތައް ތަސައްވަރުކުރެވުނެވެ. އެއްވެސް ދިރުމެއް ޒޯހަންގެ މޫނުމަތީގައި ނުވެއެވެ.
''އެންމެ ފަހަރަކު، ހަމަ އެންމެ ފަހަރަކު އަރޫއާއި ބައްދަލުކޮށްލުމުގެ ފުރުސަު ލިބިދާނެތޯ... ޕްލީޒް...'' ޒޯހަންގެ އާދޭސްތަކަށް ނިމުމެއް ނުވާ ކަހަލައެވެ.
''ބައްޕައަށް މަޢާފްކުރޭ، ޒާންއަށް އެފުރުސަތު ދެވޭކަށް ނެތް، އެންމެ ރަނގަޅުވާނީ އަރޫ އެދޭފަދައިން ކަންތައްކޮށްދިނިއްޔާ...'' ބަސީލް ބުންޏެވެ. އެހިތުގެ އިހުސާސްތައް ޒޯހަންއަށް އޭނަ ސިއްރުކޮށްލިއެވެ. ހަރުކަށިކަން އަޑަށް ގެނައީ އޭނަގެ ވާހަކަތަކުގައި ހުރި ބަރުދަން ޒޯހަންއަށް ހަނދުމަކޮށްދޭށެވެ. އައިރާއާ ބައްދަލުކުރުމުގެ ފުރުސަތު ދެވެން ނެތްކަން ބަސީލް ހާމަކޮށްލިއެވެ.
''ރުޅިވާން ބޭނުންވާ ސަބަބެއް އަރޫ ނުބުނޭ، ބައްޕާ، އަހަންނަށް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ ރަނގަޅުކުރާނަން، އަރޫގެ ހިތުގައި ޖެހޭ ފަދަ ކަމެއް ދުވަހަކު ތަކުރާރު ވިޔަކަ ނުދޭނަން...'' ބަސީލްގެ ފަރާތުން ކުރިއެރުމެއް ނުލިބޭނެކަން ރޭކާލުމުން މާޔޫސްކަމާއެކު ޒޯހަންއަށް ކަރު އެލުވާލެވުނެވެ. ނާއުއްމީދުގެ ކަނޑެއްގައި ނަފުސު ބެހިގެން ދިޔަ ކަހަލައެވެ. މުސްތަޤުބަލުގެ ސަމުގާ ވެސް ފުނޑުފުނޑުވެގެން ގޮސްފިއެވެ.
އޭނަގެ ވާހަކަތަކަށް ބަސީލް ސަމާލުކަން ނުދިނުމުން ޒޯހަންއަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ. އޭނައައީ ސިކުނޑި ހަލަބޮލިކޮށްލި ސުވާލުތަކަށް ޖަވާބު ލިބިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ހިތަށް އިތުރު ކެކުޅުންތަކެއް ލިބުން ނޫންކަމެއް ނުވިއެވެ. މުޅި މަސްރަހު ބަދަލުވެގެން ގޮސްފިކަން ޒޯހަންއަށް ރޭކާލިއެވެ. އޭނައާއި އައިރާ ރުޅިވުމުގެ އިތުރުން އައިރާގެ ޢާއިލާއިން އޭނަ ބާކީކޮށްލައިފިކަމުގެ އިހުސާސްކުރެވުނެވެ. އަމިއްލަ ދަރިއަކު ފަދައިން ލޯބިދިން ބަސީލްގެ ފަރާތުން މިހާރު ފެންނަމުން ދިޔައީ ބީރައްޓެހިކަމެވެ. ދެކޮޅުވެރިކަމެވެ. އެއީ އޭނައަށް ހީވާ ގޮތް ހެއްޔެވެ؟ ނުވަތަ އައިރާގެ ޢާއިލާއިން އޭނަ ބާކީކޮށްލީ ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ ހިތަށް ގޯނާކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބިދާނެ ހެއްޔެވެ؟
ބަސީލްގެ ފަހަތުން ޒޯހަން ލިފްޓަށް އެރީ އިސްޖަހައިގެން ހުރެއެވެ. ކުރިއެރުމެއް ނުލިބުމުން އިތުރަށް އާދޭސްކުރަން ޒޯހަން ފަސްޖެހުނެވެ. ކަށިން ނެރެމުން ދިޔަ ހިތްވަރު ވެސް އެލިގެން ގޮސްފިއެވެ. ހިތާމަތަކުން މުޅި މީހާ ބަލިކަށިކޮށްލައިފިއެވެ. ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ރިހުމެވެ. އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ މިހެން ކަންތައް ވާން މެދުވެރިވި ސަބަބެއް ނޭނގޭތީއެވެ. އެކުގައި އުޅެންވި ވައުދާއި އަހުދުތައް އައިރާ ހަނދާން ނައްތާލީ ހެއްޔެވެ؟ އެހިތުގެ ވޭނީ ފަސާނާ އަޑުއަހާނެ މީހަކު ނެތީ ހެއްޔެވެ؟
''ކައިވެނީގެ ކަންތައް މެދުކަނޑާލަން ޒާންގެ ޢާއިލާއާއި މާދަން ވާހަކަދައްކާނަން...'' ތިރިއަށް ގޮސް ލިފްޓް ހުޅުވުމުން ބަސީލް ވާހަކަދެއްކިއެވެ. ޒޯހަންގެ މޫނަށް ނުބަލަން ބަސީލް މަސައްކަތްކުރިއެވެ. އެމޫނުގައިވި ވޭނާ އުދާސްތަކުގެ ނުފޫޒު ފޯރަފާނެތީއެވެ.
ބަސީލްގެ ޖުމްލައިން ޒޯހަންއަށް ދެލޯ މަރާލެވުނެވެ. ލޮލުން ފޭބި ކަރުނަތައް ގޮސް ތުނބުޅީގެ ތެރެއަށް ހިނދިގެން ދިޔައެވެ. އެޖުމްލައިން ހާސްކަން ލިބުނެވެ. ޢާއިލާއަށް އެޚަބަރު ލިބުމުން ވާނީ ކިހިނެއް ހެއްޔެވެ؟ މަންމައާ މާމަގެ ފޮނި އުއްމީދުތައް އޮތީ އޭނައާ އައިރާގެ ކައިވެންޏާއި ގުޅިފައެވެ.
ޒޯހަންގެ ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނީ ނިކަން ހިތްވަރުންނެވެ. މަންޒިލް ގެއްލިފައިވާ މުސާފިރެއް ކަހަލައެވެ. މާޔޫސްކަމުގެ ބޯ ސާލެއް އޮޅާލެވިފައިވާ ކަހަލައެވެ.
''ޒާން!، ބައްޕައަށް އެނގޭ މިއީ އުނދަގޫ ވަގުތެއްކަން، އެކަމަކު އަރޫގެ ނިންމުމަށް ޒާން ޖެހޭނެ ޤަދަރުކުރަން، ބައްޕަ ވެސް ބޭނުންވޭ ޒާންއާ އަރޫ އެކުގައި އުފާވެރި ހަޔާތެއް ފަށާތަން ދެކެން، އެކަމު ތަޤުދީރުގައި އެހެން ލިޔެވިފައި ނެތް...... މިދުވަސްތައް ވެސް ހިނގައިދާނެ، ވަގުތާއެކު ވޭން ލުއިވެގެން ދާނެ... ހިތްވަރުކުރޭ... އަރޫ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމާއި ކުރިމަތިލާންވީ ވަގުތު މިއީ...'' ޒޯހަންއާ ކުރިމަތިލަމުން ބަސީލް ބުންޏެވެ.
ދެފަރާތަށް ބޯހޫރާލަމުން ޒޯހަންއަށް އިސްއުފުލާލެވުނެވެ. ޅިޔައެޅިގެން ދިޔަ ހިތުގެ ރިހުން ބަރުދާސްތުކުރަން ދަތިވެއްޖެއެވެ. ބަސީލްގެ ޖުމްލަތަކުން ޒަހަމްވެފައިވި މޭ އިތުރަށް ފާރުކޮށްލައިފިކަމުގެ އިހުސާސްކުރެވުނެވެ. ގަދަފަދަ ވޭނެއްގެ ކޮޅުމަތި ފެންނަން ފެށިއެވެ.
''ޒާން، އަރޫ ހޯދަން މިގެއަށް ނައުން ވެސް އެދެން...'' ބަސީލް ބުންޏެވެ.
''ބައްޕާ...'' އަސަރާއެކު ޒޯހަންއަށް ގޮވާލެވުނެވެ. ބަސީލްގެ މޫނުގެ ކުލަވަރުތައް ދިރާސާކުރަން ޒޯހަންއަށް ފަސޭހައެއް ނުވިއެވެ. ފާއިތުވެގެން ދިޔަ ހިމޭންކަމުގެ ސުކޫތަށް ފަހު ޒޯހަންއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނޭވާގައި ވެސް ވޭން އެކުލެވިގެންވިކަން އިހުސާސްކުރެވުނެވެ.
''މިވާހަކަތައް ޒާން ޤަބޫލުކުރާނެކަމަށް ބައްޕަ އުއްމީދުކުރަން...'' ބަސީލް ބުންޏެވެ. އޭރު ޒޯހަން ގޮވައިގެން ގޮސް ބަސީލް ބޭރަށް ނިކުމެއްޖެއެވެ. ދުވާރު މަތީ މަޑުކޮށްލަމުން ޒޯހަންގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ.
*****
ބޮޑު ކޮޓަރީގައި ކުރުކާލިކަނޑަމުން ދިޔަ ޤަމަރަށް ޕެންޓްހައުސްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އޭނައަށް ވަގުތުން ބަލައިލެވުނެވެ. ބަސީލް ގާތަށް އާދެވުނު ގޮތެއް ވެސް ނޭނގުނެވެ.
''ޒާން ދިޔައީތަ؟...'' ޤަމަރުގެ އަޑުގައި މޮޅިވެރިކަން ވިއެވެ.
''ފޮނުވާލާފަ މިއައީ...'' ބަސީލް ބުނެދިނެވެ. ޒޯހަންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުން ފަސޭހަކަމަކަށް ނުވިއެވެ. އެންމެ ބޮޑަށް އަސަރު ކުރީ ޒޯހަންގެ ހިތުގައި އައިރާއަށް ދެވިފައި އޮތް ފުން ލޯބި ފެނުމުންނެވެ. ޒޯހަންގެ ލޮލުން އޮހޮރުނު ކަރުނައިން ވެސް އައިރާ ދެކެ ވާ ސާފު ލޯބި ހާމަކޮށްދިނެވެ. ޒޯހަންއާއި އެކު އައިރާއަށް އުފާވެރި މުސްތަޤުބަލެއް ލިބޭނެކަމަށް އޭނަ ހާދަ ފޮނި އުއްމީދުތަކެއް ކުރިއެވެ. ނަމަވެސް ތަޤުދީރުގައި އެނަސީބު ލިޔެވިފައި ނެތެވެ. ހާދަ ދެރައެވެ.
''ޒާން ސުވާލެއް ނުކުރޭތަ؟، އަރޫ ޒާން ގާތު ދެއްކީ ކޮން ވާހަކައެއްކަން ނުބުނޭތަ؟، ކީއްކުރަންތަ އަރޫއާ ބައްދަލުކުރަން ޒާން އައީ؟......'' ސުވާލުތައް ފަށްޗަކަށް އަމުނާލަމުން ޤަމަރު ވާހަކަދެއްކިއެވެ.
''ވަރަށް ދެރަވެފަ ހުރީ... ހިޔެއް ނުވޭ އެއްވެސް އެއްޗެއް އަރޫ ބުނިހެނެއް، ޒާންގެ ސުވާލުތަކުން ވަކިވާން ބޭނުންވާ ސަބަބު އަރޫ ހާމަނުކުރާކަން އެނގޭ... ޤަމަރު، ރަނގަޅުކަމެއްތަ މިކުރެވެނީ؟... ޒާން ފަދައިން އަރޫ ދެކެ ލޯބިވާނެ އިތުުރު ބައިވެރިޔަކު ނުލިބޭނެ، ޒާން ހިތާމަކުރަމުން ދަނީ އަރޫގެ ލޯތްބަށް...'' ޤަމަރަށް ބަސީލް ބަލައިލީ ކުރެވުނު ކަންތަކާ މެދު މާޔޫސްވެފައިވާ ހާލުގައެވެ. ޒޯހަން ފޮނުވާލެވުން އެއީ ހެދުނު ގޯހެއްބާއޭ އަމިއްލަ ނަފުސާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. ހަމައެއާއެކު ޒޯހަން އުފުލަމުން ދިޔަ ވޭނާއި ކެކުޅުންތައް ގާތުން ފެނި އޭނައަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. އައިރާ ފަދައިން ޒޯހަން ވެސް ކަރުނަ އަޅަމުން ދިޔައީ ބީވަމުން ދިޔަ ލޯތްބަށެވެ. އެލޯތްބާ ނުލާ ދިރިއުޅުމާއި ކުރިމަތިލާން ވުމުން ގޮތްހުސްވެފައިވާ ކަހަލައެވެ.
''އަރޫއަށް ވިސްނައިދޭން އަހަރެން ބޭނުންވަނީ އެހެންވެޔޭ... ވަގުތު ފާއިތު ނުވަނީސް އަރޫއަށް ވިސްނޭނެނަމަ ކޮންފަދަ، އަރޫގެ އެންމެ ބޮޑު ހިތްވަރުކަމުގައި ވެސް ވާނީ ޒާން، ދެރައީ ހިތުގައި އޮތް ބިރުވެރިކަމުގެ ސަބަބުން ޒާން ވާލޯބި އަރޫއަށް ނުފެންނާތީ...'' ޤަމަރަށް ފިރިމީހާގެ ކަންބޮޑުވުން ނަގައިގަނެވުނެވެ. ހައިޖާންގަނޑެއްގެ ތެރޭގައިވި އިހުސާސްތައް ހަމަޔަކަށް އެޅޭ ގޮތެއް ނުވިއެވެ.
''ޒާންގެ ޢާއިލާއަށް އަހަރުމެން ދޭނީ ކޮން ޖަވާބެއްތަ؟...'' ބަސީލްއަށް އެނަގެ ނިތުގައި ބޮޑުވާ އިނގިލި ހިންގާލެވުނެވެ. ފިކުރު ބޮޑުވެ އޭނަގެ ބޮލަށް ވަނީ ބަރުވެފައެވެ. އޭނައަށް ކުރާ ޤަދަރުގެ ސަބަބުން ޒޯހަންގެ ފަރާތުން ސުވާލުކުރިމަތި ނުވި ކަމުގައި ވިޔަސް، މެހެރުއްނިސާގެ ސުވާލުތަކުން ރެކިނުގަނެވޭނެކަން އޭނައަށް ނަގައިގަނެވުނެވެ. ގާތްގަނޑަކަށް ކައިވެނީގެ ތައްޔާރީތައް އެވަނީ ނިމިފައެވެ. ރަނގަޅު ސަބަބެއް ނެތި އިންތިޒާމުތައް މެދުކަނޑާލަން ބުނާނި ވެސް ކިހިނެއް ހެއްޔެވެ؟ އެންމެ ބޮޑަށް ކަންބޮޑުވީ އައިރާ ދެކެ މެހެރުއްނިސާ ނުރުހިދާނެތީއެވެ. ލޯބިވާ ދަރިފުޅަށް އެއްވެސް މީހެއްގެ ނަފުރަތާއި ރުޅިވެރިކަން އަމާޒުވެގެން ދާން ބަސީލްގެ ހިތެއް ނޭދުނެވެ.
''ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެތާ...'' ޤަމަރުގެ މޫނުން ފާޅުވަނީ ނުތަވަސްކަމެވެ.
''މާދަމާ ވާހަކަދައްކާލަމާ!... އަހަންނަށް ފެންނަނީ ވީހާ ވެސް އަވަހަކަށް ފުރުމުގެ ކަންތައް ހަމަޖައްސަން...'' ބަސީލް ބުންޏެވެ.
''ސައު ގާތު ބުނެފިންތަ؟...'' ޤަމަރު ސުވާލުކޮށްލިއެވެ.
''އަދި ނުބުނަން، މިރޭ ނަހުލާންއަށް ގުޅަން ހުއްޓާ މިކަމެއް މި ހިނގީ...'' ބަސީލް ބުންޏެވެ. އޭނަ ފޯނު ނަގައި ދޮށީ ދަރިފުޅު ސައުފާގެ ފިރިމީހާ، ނަހުލާންއަށް ގުޅާލިއެވެ. ބަސީލްގެ ފަހަތުން ޤަމަރު ގޮސް ކޮޓަރިއަށް ހިނގައިގަތެވެ.
*****
ޒޯހަން ކުރިއަށް ހިނގަމުން ދިޔައީ ވަކި މަންޒިލެއް ނެތިއެވެ. ވަށައިގެންވި މާހައުލަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ސިކުނޑިއަށް ވަނީ ބާރު ބޮޑުވެފައެވެ. އައިރާގެ ޚިޔާލުތައް ސަޒާއަކަށް ވެއްޖެއެވެ. އެންމެ ފަހުގެ ބައްދަލުވުން ތަކުރާރުކޮށް ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ތޫނު ތަދެއް އިހުސާސްވެގެންދެއެވެ.
އައިރާއާއި ބައްދަލުކޮށްލުމުގެ ނަސީބު ނުލިބުމުން ކުރިއަށް ދާންވީ ރާސްތާއެއް ޒޯހަންއަކަށް ނޭނގުނެވެ. ދިރިއުޅުމުގެ ކޮންމެ ނިންމުމަކާ ކުރިން ގުޅިފައި އޮތީ އައިރާއާއެވެ. އޭނަގެ ދުވަސް އައިރާގެ ހިނިތުންވުންތަކުން އުޖާލާކޮށްދިނެވެ. އެލޯބިން އާރޯކަން ގެނެސްދިނެވެ. އަބަދުމެ ކުރެވޭ ހިޔާލަކީ ވެސް އެއެވެ. ނިމުމެއް ނުވާ އުފާވެރިކަން ވެސް ލިބުނުމެއެވެ. ނަމަވެސް ކުއްލިޔަކަށް މަންޒަރުތައް ބަދަލުވެ، ހުވަފެންތައް ވިއްސިވިހާލިވުމުން ޒޯހަންގެ ދުނިޔެ އަނދިރިވެފައިވާ ކަހަލައެވެ.
ޒޯހަން އައިރާއަށް މެސެޖެއް ވެސް ފޮނުވިއެވެ. ފަހުން ގުޅި އިރުގައި އޮތީ ފޯނު ނިއްވާލާފައެވެ. ވާހަކަދައްކާލުމުގެ ހުރިހާ ދޮރެއް އައިރާ ވަނީ ބަންދުކޮށްލާފައެވެ. ހާސާވްގެން ގޮސް އޭނައަށް ނޭވާލާން ވެސް އުނދަގޫވެއްޖެއެވެ.
''އަރޫގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވުނު ނަމަ އަހަރެން ގާތު ބުނެބަލަ، ތި ހިމޭންކަމުން އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރޭ... ކައިވެނި ކުރަން މިވަގުތު ބޭނުން ނުވާނަމަ އަރޫ ބޭނުން ހިނދަކަށް ފަސްކޮށްލެވިދާނެ، އެންމެ ފަހަރަކު، ހަމަ އެންމެ ފަހަރަކު ތިހިތުގެ ހާލު އަހަންނާއި ހިއްސާކޮށްލަބަ........ ޕްލިޒް އަރޫ... އަހަންނައި ރުޅިނުވޭ... ޕްލީޒް، ވަން މޯ ޗާންސް، ފޯ އެވްރީތިންގް ވީ ހެޑް އެންޑް ބިލްޓް ޓުގެދާ، ޑޯންޓް ލެޓް އިޓް އެންޑް ލައިކް ދިސް އަރޫ... އަހަރެންގެ އުނިކަމެއް ވާނަމަ ރަނގަޅު ކުރާނަން، އަރޫ ދެރަވާ ކަހަލަ ކަމެއް ކުރެވިފައިވާނަމަ މުޅި އުމުރު ދުވަހު މަޢާފަށް އެދޭނަން، ތިލޯތްބާއި ދުރުވުމަށް އަހަންނަށް މަޖުބޫރުނުކުރޭ... އަހަރެން އަރޫ ދެކެ ވަރަށް ބޮޑަށް ލޯބިވޭ...''
ދިގު މެސެޖެއް ލިޔެފައި ޒޯހަން ފޮނުވާލިއެވެ. އެމެސެޖު އައިރާއަށް ފެންނާނެކަމަށް އޭނަ އުއްމީދުކުރިއެވެ. ދެވަނަ ފުރުސަތެއް ލިބޭނެކަމަށް ވެސް އުއްމީދުކުރިއެވެ.
މުސުން ގޯސްވެ ވާރޭ ވެހެން ފަށައިފިއެވެ. އޭރު ވެސް ޒޯހަން ދުވާރު މަތިން ހިނގަމުން ދިޔައެވެ. އައްސޭރިއެއްގެ ހިޔާވެހިކަން ހޯދުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. މަގުގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ ނަޒަރުތައް ވެސް ޒޯހަންއަށް ހުއްޓުނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޒޯހަން ސަމާލުކަމެއް ނެތެވެ. ފިސްފިސްވަމުން ދިޔަ ހިތުގެ ވޭނާ ހުރެ އެހެންކަމާއި މެދު ވިސްނޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަލަތު ލޯބި ނާކާމިޔާބުވެއްޖެކަމުގެ ހިތިކަމާ ކުރިމަތިލާނެ ގޮތެއް ނޭނގި މުޅި ނަސުފު ވަނީ ގިލަންވެރިކަމެއްގެ ތެރެއަށް ގެނބިފައެވެ.
ވެހެމުން ދިޔަ ވާރޭއާއި މެދު ޒޯހަން ޝުކުރުވެރިވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވާރެއިން ކަޝްފުކޮށްދިނީތީއެވެ. ފުރާފުރިހަމަވެފައި ހުރި ފިރިހެނަކު ރޯ މަންޒަރު ފެނުމުން މީހުންނަށް ބޮޑު ޖޯކަކަށް ވެސް ވެދާނެއެވެ. މަލާމާތް ވެސް ކޮށްފާނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ފިރިހެނަކަށް ވިޔަސް ހިތުގެ އިހުސާސްތައް ބޭރުކޮށްލުމުގެ ފުރުސަތު ލިބެން ޖެހޭނެއެވެ. އެއީ މީހާ ފިނޑިވެގެންދާކަމެއް ވެސް ނޫނެވެ.
ޒޯހަން ލޮލުން އޮހޮރުނު ކަރުނަތަކުން އަންގައިދިނީ އައިރާ ދެކެ ވާ ލޯތްބެވެ. ހިތުން ދެވިފައި އޮތް މަޤާމެވެ. އެލޯތްބާ ނުލާ ދިރިއުޅުމާ ކުރިމަތިލާން އުނދަގޫވެފައިވާ މަންޒަރެވެ.
(ނުނިމޭ)