"އަހަރެން ބޭނުންވަނީ ތެދުތެދަށް ޖަވާބުދޭން. އަހަންނަށް އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެ. ދެންމެ ނިދިޖެހިފަ އޮތް ގަޑީގަ ފާޑެއްގެ ހުވަފެނެއް ފެނިއްޖެ. ބާޒިލް ގެ" މެލެކް ބުންޏެވެ.
"އަހަރެން.. ކޮންކަހަލަ... ހެދުން ލައިގެންތަ ހުރީ އަނެއްކާ ހުވަފެނުގަ" ބާޒިލް އަހާލިއެވެ. މެލެކް ބާޒިލްގެ އަތުގައި ޖަހާލިއެވެ.
"ސާބަހޭ... ހޭލާ ހުއްޓާވެސް ފެންނަނީ ކުލަނުވާ މަންޒަރުތަކެއް. ހަމައެގޮތަށް ފެނުނީ. ކިޔާބަލަ މިވާގޮތެއް. އަހަރެން ހަނދާންނެތިފަ ހުރި ކަމެއް ވިއްޔާ ކިޔާދީބަލަ. މިހެން ފެންނާތީ ވަރަށް އުނދަގޫވޭ" މެލެކް ބުންޏެވެ.
"ތިކަމާ މިއުޅެނީ. ހިނގާ" ބާޒިލް ބުންޏެވެ.
ދެއަތްތިލަ ގުޅުވާލައިގެން ދޮރު ހުޅުވާލާފައި ދެމަފިރިން ނިކުތީ މަގަށެވެ. ގޭ ކައިރި ޖޯލިފަތީގައިވެސް ދެމަފިރިން ތިބޭ ހިތެއް ނުވިއެވެ. މަގު ހުރިގޮތަށް ހިނގަމުން ދެމަފިރިން ނިކުމެލީ ބަނދަރު މައްޗަށެވެ. ހިތްހަމަޖައްސާލަން ނިކުންނަ މީހެއްގެ އެންމެ ފުރަތަމަ މަންޒިލަކަށް އަބަދުވެސް ވާނީ ރަށުގެ ބަނދަރު ސަރަހައްދެވެ. އެދިމާލަށް މެލެކް ގޮވައިގެން ބާޒިލް ނިކުތީ އެހެންވެއެވެ. ގުދުރަތީ ވައިރޯޅިއެއްގެ އިހުސާސް އެކަނި ވިޔަސް އެމީހެއްގެ ވިސްނުންތަކާ ފިކުރުތައް އެއްފަރާތް ވާނެކަން ޔަގީނެވެ.
"ހިނގާ އޭނދަ ޖޯއްޔަށް. ނެތެއްނު އެއްވެސް މީހަކު" ބާޒިލް ބުންޏެވެ.
ދެމަފިރިން އެދިމާލަށް ހިނގައިގަތެވެ. ޖެހިޖެހިގެން ހުރި ތިން ޖޯއްޔެވެ. އަލި ސަރަހައްދެކެވެ. ވަގުތުގެ ގޮތުން މީހުން މަދެވެ. މެލެކްގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ގުޅަނީ ޒޭބާ އެވެ. މެލެކް ބާޒިލްއަށް ފޯނު ދައްކާލިއެވެ.
"ބޭރަށް ނިކުމެފަ ހަބަރެއް ނުވީމަ އެގުޅަނީ" މެލެކް ބުންޏެވެ. ފޯނުގައި ބާޒިލް ހިފިއެވެ.
"ކޮންތާކު؟ އެބައަންނަމޭ ކިޔާފަ ނިކުމެގެން ދިޔައީ. މުޅި ގެ ހޯދައިފިން" ޒޭބާގެ އަޑުގައި ކަންބޮޑުވުންވިއެވެ.
"ހިނގާލަން ނިކުތީ. މެލީ ބޮލުގަރިއްސާ ވާހަކަ ބުނީމަ" ބާޒިލް ބުންޏެވެ.
މެލެކް ހުރީ ބާޒިލް ކައިރީގަކަން އެނގުމުން ޒޭބާ ފޯނު ބޭއްވިއެވެ.
ޖީބަށް ފޯނު ކޮށްޕާލާފައި ބާޒިލް މެލެކްއަށް ބަލައިލިއެވެ. އުޑު މެދުގައި ފެންނަން ހުރި ބުރުހަމަ ހަނދަށް ބަލަން މެލެކް އޮތީ ހިޔާލެއް ފިކުރެއް ނެތިއެވެ. ކަޅިޖަހާނުލާ ހަނދަށް ބަލަން އޮތްއިރު ހަނދުގެ ބުރުގެ ތެރެއިން އޭނާގެ ހިތަށް ސިފަވަމުން ދިޔަ ކަންކަމުގެ ތެރެއަށް ފީނައިގަންނަން ތައްޔާރަށް އޮތް ކަހަލައެވެ. ކުއްލިއަކަށް އޭނާ ބަލައިލީ އޭނާގެ އަތްތިލައިގައި ބާޒިލް ހިފާލުމުންނެވެ.
"މެލީގެ މޫނުމަތިން މިރޭ ފެންނަނީ ވަރުބަލިކަން. ވަރަށް ބޮޑަށް ބޮލުގަ ރިއްސާތަ؟" ބާޒިލް އަހާލިއެވެ.
"ބޮޑަކަށް ނޫން" މެލެކް ތެދުވެ ޖޯލީގައި ހަމަޖެހިލިއެވެ. ބާޒިލްގެ އަތުގައި ބައްދާލިއެވެ. "ހިއެއް ނުކަރުވާތަ؟ ވަރަށް ފިނިވާން ފަށައިފި"
"ދެން މިތަނުގަ ހީފިލުވައިދޭކަށް ކަމެއް ނުކޮށްދެވޭނެ" ބާޒިލް ބުންޏެވެ.
"އެއްކަލަ... އަބަދު އެކަހަލަ ކޮންމެސް އެއްޗެއް ބުނާނީ" މެލެކް ބުންޏެވެ.
"މެލީއަށް އެނގޭތަ ސާރާ ހައްޔަރުކޮށްފި. އޭނަ ދައްތައާއެކު" ބާޒިލް ބުންޏެވެ.
"ވަޓް...؟" މެލެކްއަށް ގަބޫލުނުކުރެވުނެވެ.
ހެނދުނު ސާރާ އާ ދިމާވި ހިސާބުން ފެށިގެން ސާރާގެ ހުރިހާ ވާހަކަތަކެއް ބާޒިލް ކިޔައިދިނެވެ. އޭނާ މިހުރިހާއިރު އުޅުނީ އެކަމުގައި ބުންޏެވެ. މެލެކްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
"ސާރާ އެވަރުވީތަ އަޅެ. ހާދަ ގޯހޭ. މުއްދަތެއް ޖެހިއްޔާ ކުށުގެ ރެކޯޑެއް އޮންނާނެ. އެހެންވެއޭ ބުނަނީ ކަމެއް ކުރުމުގެ ކުރިން ވިސްނައްޗޭ. ކިހާ ބޮޑު ދެރައެއް" މެލެކް ބުންޏެވެ.
"އަޅާނުލާ. އެއީ އެމީހުންގެ ކަމެއްނު. އުންމީދުކުރަނީ މިނިވަނެއްގެ ގޮތުގަ ޖަލުން ނިކުންނައިރު ހެޔޮވިސްނުން ލިބިފަ ހުންނާނެ ކަމަށް" ބާޒިލް ބުންޏެވެ.
"އަހަރެން ގަބޫލެއްނުކުރަން އެއީ ލޯބި ކަމަކަށް. ލޯބިވާ މީހަކު ލޯބިވާ އަނެއް މީހާއަށް ދެރައެއްދޭކަށް ގަސްދެއް ނުކުރާނެ. ސާރާގެ ހިތުގައި އޮތީ ހަސަދަވެރިކަމެއް. އަހަރެންގެ މައްޗަށް އޮތީ" ބާޒިލްގެ އަތުގައި ބައްދާލައިގެން އިނދެ މެލެކް ވާހަކަދައްކަމުން ދިޔައެވެ.
"ދެން ސާރާގެ ވާހަކަތައް ނިންމާލާ. އެއީ ބޭކާރު މީހެއް. މެލީ ރެޑީވައްޗޭ. މާދަމާ އަތޮޅު ހޮސްޕިޓަލަށް ދާން އެބަޖެހޭ މެލީގެ ޓެސްޓްތައް ހަދާލަން" ބާޒިލް ބުންޏެވެ.
"ކީއްކުރަން ހަދާ ޓެސްޓެއް. ޓެސްޓެއް ނެހެދިޔަސް ހަނދާންނެތިފަ ހުރި ކަމެއް ވިއްޔާ މަޑުމަޑުން ހަނދާނަށް އަންނާނެއްނު. ކިޔާބަލަ ފަށައިގެން" މެލެކް ބުންޏެވެ.
"މެލީ..." ބާޒިލް ހައިރާންވެފައި މެލެކްގެ މޫނަށް ބަލައިލިއެވެ.
"ކިހިނެއްވީ؟ މެލީ އެއްވެސް ކަމެއް ހަނދާންނެތިފަ ހުރީތަ؟" ބާޒިލް އަހާލިއެވެ.
"އާނ. ވަރަށް ހީވޭ... ނޫން ހީވަނީއެއްނޫން. މިހާރު ޔަގީންވޭ އެބަ. ދިރިއުޅުމުގެ ވަރަށް މުހިންމު ދުވަސްތަކެއް ހަނދާނުން ގޮސްފަ ހުރީ. މިހާރު މިވާ އުނދަގޫތަކަކީ އެކަންކަން ރަނގަޅުވާން އުޅޭ ކަމުގެ ނިޝާންތަކެއް. އަހަންނަކީވެސް އެއްޗެއް ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫން. ވާގޮތްގޮތް އެނގޭ. ބާޒިލް އަހަންނަށް ކިޔާދީބަލަ" މެލެކް ބުންޏެވެ.
ބާޒިލް ހަނދާންވީ އަހަދުﷲ ދެއްކި ވާހަކަތަކެވެ. މެލެކް ސުވާލެއްކޮށްފިއްޔާ އެއަށް ތެދުތެދަށް ޖަވާބުދޭށެވެ. އެކަމަކު ބާޒިލްގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ހުރިހާ ކަމެއް އެނގުމަށްފަހު ދުނިޔެ އަނެއްފުށަށް ނުޖެހޭނެ ހެއްޔެވެ؟
"ކޮންކަމެއްގެ ވާހަކަ ބުނަންވީ" ބާޒިލް ބުންޏެވެ.
"އަހަރެމެން ކައިވެނީގެ ވާހަކަ. ހަގީގަތެއް ވިއްޔާ އަހަރެން ވަރަށް އުފާވާނެ" މެލެކް ބުންޏެވެ.
ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. މެލެކް އިނީ އޭނާއަށް ބަލާކަށް ނޫނެވެ. އެހެންނަމަވެސް އޭނާ މެލެކްގެ މޫނު ދެކިލާހިތއްވިއެވެ. މެލެކްގެ ދުލުން އެހެން ބުނީތީއެވެ.
"އަހަންނަށް ބަލާލަބަލަ" ބާޒިލް ބުންޏެވެ.
މެލެކް ބާޒިލްއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ވިދަމުން ދިޔަ ކަރުނަތައް ފެނުމުން ބާޒިލްގެ ހިތުގައި ރިއްސާލިއެވެ.
"މެލީ... މެލީއަށް ތިހީވަނީ ރަނގަޅަށް. އަހަރެމެންގެ ކައިވެނި ވަނީ ކުރެވިފަ. އަހަރެން އަބަދުވެސް ބުނަމެއްނު ތިއީ އަނބިމީހާ އޭ"
ބާޒިލްގެ ދުލުން އެހެންބުނުމުން މިފަހަރު މެލެކް ކުރުވީ ތަފާތު އަސަރެކެވެ. އެބުނި ބަސްތަކުގެ ޔަގީންކަން އޭނާއަށް ލިބުނީ ސީރިޔަސް ބެލުމަކުން އޭނާގެ ދެލޮލަށް ބާޒިލް ބަލަން އިނުމުންނެވެ. ހީވީ ހިތުގައި ޖަހަމުންދިޔަ ވިންދުތައް ފުންމަ ފުންމައިގެން އަރާ ވިންދުތައް އޮޅުންބޮޅުންވެގެން ދިޔަހެންނެވެ. ހިނދުކޮޅަކަށް އޭނާއަށް ހީވީ ނޭވާ ހުއްޓުނީ ހެންނެވެ. މޭގައި އަތްއަޅާލިގޮތަށް ވަރަށް ބާރަށް ބާޒިލްގެ އަތުގައި އޭނާ ހިފިއެވެ.
"ނޭވާ.. ނޭ ވާ..." ހުއްޓަ ހުއްޓަމުން މެލެކް ބުންޏެވެ.
ބާޒިލްއަށް އިނދެވުނުތަންވެސް ނޭނގުނެވެ. މެލެކް ކައިރީގައި ރަނގަޅަށް ނުބުނެވުނުނަމައޭ ހިތަށް އެރިއެވެ.
"މެލީ... ފުންކޮށް ނޭވައެއް ދޫކޮށްލަބަ މަގޭ ޖާނާ..." ބާޒިލް ބުންޏެވެ.
މެލެކް ހަމަޖެހެން މަސައްކަތް ކުރިއެވެ. ބާޒިލް ބުނި ގޮތަށް ކަންކަން ކުރަމުން ދިޔައެވެ. އޭނާ ދެލޯ މަރާލައިގެން އިނދެ ފުން ނޭވާތަކެއް ލަމުން ދިޔައެވެ. ބާޒިލް މެލެކްއަށް ބަލަން އިނީ މޭގަނޑު އަތަށް ލައިގެންނެވެ. މެލެކްއެކޭ އެއްގޮތަށް އޭނާވެސް ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ. މިވަގުތު އޭނާވެސް އިނީ މެލެކް އިން ހާލަތުގައެވެ. ކުއްލިއަކަށް އިންތަނުން ތެދުވެގެން މެލެކް ހިނގަން ފެށިއެވެ. އޭނާއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. އޭނާ އާ އެއްވަރަށް ބަހެއްނުކިޔާ ހުރެ ބާޒިލްވެސް ހިނގަމުން ދިޔައެވެ. ކުއްލިއަކަށް މެލެކް މިސްރާބުޖެހީ ކުރިން އިން ޖޯއްޔާ ދިމާލަށެވެ.
"އަހަރެން މިހުރީ ހަނދާންނެތިފަތަ؟ ކިހިނެއްވެގެން ހަނދާންނެތުނީ؟ އަހަރެމެން ދެމީހުން އުޅެނީ ކައިވެނިކޮށްގެން ކަމުގައި ވަނީނަމަ ސާރާ މިދެމެދަށް ވަނީ ކިހިނެއް؟ ތިހެން ތިކަން ވެފަ އޮތްނަމަ މިހުރިހާ ދުވަހު އަހަރެން ހުރީ ބާޒިލް ހިލޭ އަންހެނަކާ ގުޅުން ބާއްވަމުންދިޔަ މަންޒަރުތައް ދެކެންތަ؟ ބާޒިލް އެގޮތަށް ކަންތައްކުރަން ޖެހުނު ސަބަބަކީ ކޮބާތަ؟ ބާޒިލް ސާރާދެކެ ލޯބިވީވަރު އަހަރެން ދުށިން. އިހުސާސުކުރިން. ކުއްލިއަކަށް މިހާރު އަހަރެންދެކެ. އަހަރެން ކިހިނެއް...." މެލެކްގެ ހިތުގައި އުފެދުނު ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ.
ބާޒިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ އޭނާ ބިރުގަތް ހިސާބެވެ. ބާޒިލްއަށް ޖަވާބުދޭން އުނދަގޫވެފައި އިންހެން ހީވެ މެލެކް ދެން އެވާހަކަތައް ތަކުރާރު ނުކުރިއެވެ.
"އެއީ ވަރަށް ބޮޑެތި ވާހަކަތަކެއް. ހުރިހާ ކަމެއް ބަދަލުވެއްޖެ. ކިހިނެއްވާނެ އެވާހަކަތަ ފަހުން ދެއްކިއްޔާ" ބާޒިލް ބުންޏެވެ.
"ގަޑިން ކިހާ އިރެއް ވީ" މެލެކް އަހާލިއެވެ.
"އެގާރަ ގަޑި ސާޅީސް" ބާޒިލް ބުންޏެވެ.
މެލެކް ގެއާ ދިމާލަށް ހިނގައިގަތެވެ. އެއްވަރަށް ބާޒިލްވެސް އައެވެ.
"އޯކޭތަ ހުރިހާ ކަމެއް" މެލެކް ހިނގުން ބާރުކޮށްލުމުން ބާޒިލް އަހާލިއެވެ.
ބަހެއްނުކިޔާ ހުރެ މެލެކް އައީ ބާރަށް ހިނގާފައި ގެއަށެވެ. މެލެކް ހިމޭނުން ހުރީ އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީހެން ބާޒިލް އަށް ހީވިއެވެ. އެހެންވެ މެލެކް އަމިއްލައަށް ހަމަޔަކަށް އެޅެންދެން އޭނާ ހުއްޓެވެ.
"އިހަށް މަޑުކޮށްލަބަ" ކޮޓަރިއަށް ވަންނަން ދިޔަ މެލެކް މަޑުޖެހުނެވެ.
"މިހާރު ރަނގަޅުތަ؟ ކަމެއް ގޯސްވަންޏާ ނުބުނެ ނުހުންނައްޗޭ" ބާޒިލް ބުންޏެވެ.
"ދެން އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. އެނގިގެން މިދިޔައީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްކަންތައް. އަދިވެސް ހަނދާންނެތް ބައިވަރު ކަންތައްތައް ހުރިކަން އެނގޭ. ލަސްތަކެއް ނުވެ އެކަންކަންވެސް ދެން އެނގިގެން ހިނގައިދާނެ" މެލެކް ބުންޏެވެ.
"އަހަރެން ވަންނަންތަ އެކުގަ" ބާޒިލް އަހާލިއެވެ. މެލެކް އެކަނި ދޫކޮށްލަން އޭނާ ބޭނުމެއްނުވެއެވެ.
"އަހަންނަށް ސަތޭކަ ޕަސެންޓް ޔަގީން ދެން އިތުރަށް ކަމެއް ގޯހެއް ނުވާނެކަން. އެހެންނޫނަސް ކޫ އެބައޮތް ނިދާފަ" މެލެކް ބުންޏެވެ.
ބާޒިލްއަށް ލިބުނީ ހައިރާންކަމެވެ. ޒޭބާއަށް މެލެކް ކޫ އޭ ބުނުމުންނެވެ. ބަލައިބެލުމަށް މެލެކް ރަނގަޅުހެން ހީވިއެވެ. ބާޒިލްއަށް ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް ނޭނގޭ ނުތަވަސްކަމެއް ހިތު ތެރޭގައި އުފެދެމުން ދިޔައެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލަން އުޅުނު މެލެކް އަތުގައި ބާޒިލް ހިފާލިއެވެ. މެލެކް ބަލައިލުމާއެކު ބާޒިލް ހީލިއެވެ. މެލެކްގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ.
"ގުޑްނައިޓް ކިސްއެއްވެސް ނުދޭނަންތަ؟" ބާޒިލްގެ އަޑުގައި ލާނެއް ކަމެއް ވިއެވެ.
މެލެކްގެ އަނގައިން ޖަވާބެއް ނުނިކުމެއެވެ. މޫނުމަތިން ވަކި އަސަރެއްވެސް ނުފެނެއެވެ. އޭނާ މަޑުމަޑުން ކޮޓަރީގެ ދޮރުލައްޕާލިއެވެ. އެހިނދު ބާޒިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
****
ފަތިސްނަމާދަށް ފަހު ބާޒިލް ގެއަށް އައި އިރު ޒޭބާ ދަތިގަނޑު ހިފައިގެން މަގުމައްޗަށް ނިކުންނަނީއެވެ. ފުރަތަމަވެސް ބާޒިލް އަހާލީ މެލެކްގެ ވާހަކައެވެ. ރޭގައި ފަހުން ކޮޓަރިއަށް ވަތްގޮތަށް ބާޒިލްގެ މެސެޖަކަށް ވެސް މެލެކް ޖަވާބެއް ނުދެއެވެ. ފޯނުވެސް ނުނަގައެވެ.
"ކޫ ފެންބޮވައިގަނެގެން ދަންވަރު ހޭލިއިރުވެސް އެނދުގެ ހެޑްބޯޑުގަ ލެގިގެން އިނީ. ކިހިނެއްވެފަހޭ އަހާލީމަ ބުނި ނިންޖެއް ނާދޭއޭ. ގަދަކަމުން ބޭއްވީ. ހީވަނީ ފަތިސްނަމާދަށް ފަހު ހެން އެ ނިދީ" ޒޭބާ ބުންޏެވެ.
ބާޒިލް ވިސްނާލިއެވެ. މާޒީގެ ތެރެއިން ދުވަސްތަކެއްގެ ހަގީގަތް އެނގުމުން މެލެކް އެ އުޅެނީ ސިކުނޑި ހަމަޔަކަށް ނޭޅުވިގެންނެވެ. ހަނދާނުން ދެން ގޮސްފައި ހުރީ ކޮންކޮން ކަންތައްތަކެއްކަން ނޭނގޭތީ އެކަން ހަނދާންކުރަން މަސައްކަތް ކުރަނީ ކަންނޭނގެއެވެ. އެހެންނަމަވެސް މެލެކްގެ ހާލަތު އެނގެން އޭނާ ބޭނުންވިއެވެ.
"އެކަމު ނުވައެއް ޖަހާއިރު ފެރީ އެބައޮތް. ހޮސްޕިޓަލަށް ދާންޖެހޭނެ" ބާޒިލް ބުންޏެވެ.
"ދެން އަށެއް ޖަހާލާހާއިރު ވަދެ ގޮވާލާ" ޒޭބާ ބުންޏެވެ.
"ލޫލު ވެސް ނުހޭލާތަ؟" ބާޒިލް އަހާލިއެވެ.
"އެއީ އަދި މާވަރެއްގެ ދައިތައެއްނު. މެލީ ނުހޭލަންޏާ ހޭލަން ހިތަށްވެސް ނާރާނެ. އެކަމު މަށަށް ހަދަނީ އެހެންތަ. އޭނަ ހޭލާ ގަޑިއެއްގަ ކޫ ދެލޯ މަރައިގެން އޮތިއްޔާ މޫނުގަ ވަކިވެސް އަޅުވާނެ. އެނދުން ކޮޅަށް ނަގާފަ ނޫނީ ނޭވައެއްވެސް ނުލާނެ" ޒޭބާ ހީލަމުން ބުންޏެވެ.
ހީލާފައި ބާޒިލް ވަނީ އެތެރެއަށެވެ.
ބަދިގެއަށް ގޮސް ކޮފީއެއް ހަދައިގެން ނިކުތްގޮތަށް އޭނާ ވަނީ ލޫލުގެ ކޮޓަރިއަށެވެ. ދެމައިންގެ ހާލެއް ބަލައިލުމަށެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރޭގައި އަދިވެސް ދެމައިން ތިބީ ގަދަ ނިދީގައެވެ. ބާޒިލް ގާތްވެލީ މެލެކް އޮތް ދިމާލުންނެވެ. އޭނާ ކުރުކަކޫ މައްޗަށް އިށީނދެލާފައި މެލެކްގެ މޫނުގައި ބޮސްދިނެވެ. އިސްތަށިގަނޑުގައި ފިރުމާލިއެވެ. ދެން ކޮޓަރި ދޮރުލައްޕާލާފައި ބޭރަށް ނިކުތެވެ. ހަތްގަޑި ދިހައެއް ހިނގިތަނާ އޮފީހަށް ދާން ތައްޔާރުވެގެން ބާޒިލް ނިކުތެވެ. ސައި މޭޒު ދޮށުގައި މައިންބަފައިންގެ އިތުރުން ޒޭބާ އިނެވެ. އޭރުވެސް މެލެކް ނުފެނެއެވެ.
"މިއަދު މާގިނައިން ނިދާ ދުވަހެއް" މައުސޫމާ ބުންޏެވެ.
ބާޒިލް ކަންބޮޑުވިއެވެ. އަނެއްކާ މެލެކްއަށް ކަމެއްވީ ހެއްޔެވެ؟ ރޭގައި އެކަންތައް އެނގުނުފަހުން މާބޮޑަށް ވިސްނާލީމަ ކަމެއް ގޯސްވީ ހެއްޔެވެ؟
"އެބަ އަންނަން ގޮވާފަ" ބާޒިލް ތެދުވަން އުޅުމުން މައުސޫމާ ހިފެހެއްޓިއެވެ.
"ބާއްވަބަލަ. ޒޭބާ ބުނި ރޭގަ ވަރަށް ލަހުން ނިދި ވާހަކަ" މައުސޫމާ ބުންޏެވެ.
"ކޮންމެސް ކަމެއްވެއްޖެ. ރޭގަ ސުވާލުކުރީމަ އަހަރެން ބުނިން ދެމީހުންގެ ކައިވެނި ކުރިން ކުރެވިއްޖޭ. އެހެން ބުނިފަހުން ވަރަށް ފާޑަކަށް ހުރީ" ބާޒިލް ބުންޏެވެ.
"ކީކޭ؟ ކީއްކުރަން އެހެން ބުނީ ސީދަލަށް. ދުރުދުރުން ބުނެލިނަމަ" މައުސޫމާ ބުންޏެވެ.
"ދުރުދުރުން އިޝާރާތްކޮށްކޮށް ވަރުބަލިވެއްޖެ. ދޮނާގެ ހަޒްބަންޑް ބުނި މެލީ ސުވާލުކޮށްފިއްޔާ ހަމަ ތެދަށް ބުނާށޭ. ރޭގަ އެވަގުތު ކުޑަކޮށް އުނދަގޫވެގެން އުޅުނު. ފަހުން އަމިއްލައަށް ރަނގަޅުވެއްޖެ" ބާޒިލް ކިޔައިދިނެވެ.
"ދަރިފުޅު ހަމަޖެހިގެން އޮފީހަށްދޭ. މަންމަ ސައިބޯނީ މެލީއާއެކު. އެހެންނޫނަސް މިއަދު ޑޮކްޓަރަށް ދައްކަން ދަމެއްނު. އިރުކޮޅަކުން މަންމަ ވަދެ ގޮވާލާނަން" މައުސޫމާ ބުންޏެވެ.
"ސޮއިކޮށްލާފަ މިއަދުގެ މަސައްކަތްތައް މޯޑު އާ ހަވާލުކޮށްލާފަ މިއަންނަނީ"
ގެއިން ނިކުންނަމުން ބާޒިލް ދިޔައީ އަދި އެއްފަހަރު ކޮޓަރިއަށް ވަދެ މެލެކް އޮތް ގޮތް ބަލައިލާފައެވެ. މެލެކް ނޭވާލާތޯ ދެތިންފަހަރު އޭނާއަށް ބަލައިލެވުނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެއްވެސް ކަމެއް ރަނގަޅެއް ނޫނޭ އޭނާގެ ހިތް ބުނާ ކަހަލައެވެ. އޮފީހަށް ނިކުންނަން ދިޔައީ އޭނާގެ ހިތާއި ސިކުނޑި ގެއަށް ދޫކޮށްލާފައެވެ.
****
ސައިބޯން ފެށުމުގެ ކުރިން މައުސޫމާ ދިޔައީ މެލެކްއަށް ގޮވާލާށެވެ. އެނދުގައި ހިފަހައްޓައިގެން ކޮޅަށް ހުރި ލޫލު ހުރީ ރީތިކޮށްލާފައެވެ. ދެމައިންގެ ފޮށި އެނދުގައި ތައްޔާރުކޮށްފައި ހުއްޓެވެ. މެލެކް ފެންނަން ނެތެވެ. މައުސޫމާ ފެނުމާއެކު ލޫލު ޝަކުވާކޮށްލިއެވެ. ހީވާގޮތުން މިއަދު ލޫލުގެ މޫޑު ރަނގަޅެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ދެލޯ ހުޅުވާލުމާއެކު މިއަދު ފުރަތަމަވެސް ލޫލުއަށް މަރުހަބާ ކިއީ މެލެކްގެ ދެލޮލުން ފޭބި ކަރުނަތަކެވެ. މާމަ ކައިރީގައި ލޫލު އެ ޝަކުވާ ކޮށްލި ކަހަލައެވެ.
"މާމަގެ ލޯބިކޮޅު.. ކޮބާ މަންމި؟ ހާދަ ތިއްތިކޮށްލާފައޭ" މައުސޫމާ ލޫލު އުރާލިއެވެ. ލޫލުގެ މޫނުގައި ބޮސްދިނެވެ.
އެއީ މެލެކް ފާހަނައިން ނިކުތް ވަގުތެވެ. މެލެކްވެސް ހުރީ ތައްޔާރުވެގެންނެވެ. މައުސޫމާ އާއި މެލެކްގެ ނަޒަރު ބައްދަލުވިއެވެ. އެހިނދު މެލެކް އިސްޖަހާލިއެވެ.
"ދަރިފުޅު... އާދެބަލަ މަންމަ ކައިރިއަށް" މައުސޫމާ ބުންޏެވެ.
މެލެކް އައިސް ހުއްޓުނެވެ. މައުސޫމާ މެލެކްގެ އަތުގައި ހިފާލާފައި ކައިރީގައި ބޭންދިއެވެ. ދެންވެސް މައުސޫމާއަށް ބަލައިލަން މެލެކް ނޫޅުނެވެ. މެލެކްގެ ދަތްދޮޅީގައި އިނގިލި ޖައްސާލާފައި މައުސޫމާއަށް ޖެހުނީ ގަދަކަމުން މެލެކް ލައްވާ އޭނާއަށް ބަލުވާށެވެ.
"ކަމެއްވީތަ؟ ބަލީތަ؟" މައުސޫމާ އަހާލިއެވެ. އެއީ މައުސޫމާ އާއި މެލެކް ލަސްވެގެން ޒޭބާ އައިސް ކޮޓަރިއަށް ވަތް ވަގުތެވެ.
"މަންމާ، އަޅުގަނޑަށް ވެސް އަޅުގަނޑުގެ އަމިއްލަ ކަންތައްތަކުގައި ގޮތް ނިންމެންވާނެއްނު" މެލެކް ބުންޏެވެ. އިސާހިތަކު މެލެކްގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގެން ދިޔައެވެ. މައުސޫމާގެ ހިތް ތެޅެން ފެށިއެވެ. އޭނާއަށް ނުވިސްނުނީ އެގޮތަށް މެލެކް ވާހަކަދައްކަންޖެހޭ ސަބަބެވެ.
"ޔަގީނެއްނު. މެލީއަށް މެލީގެ ކަންކަމުގަ ގޮތް ނިންމޭނެ. އެއްވެސް މީހަކު ފާޑުކިޔާކަށް ނުޖެހޭނެ" މައުސޫމާ ބުންޏެވެ.
ވީގޮތެއް އެނގެން ބޭނުންވެފައި ހުރި ޒޭބާވެސް މެލެކްގެ އަނެއްފަރާތުން އިށީނެވެ.
"އަޅުގަނޑު މިދަނީ ގެއަށް ދާން" މެލެކް ބުންޏެވެ.
ރުޅިގަދަވެފައި އިން ލޫލު އައިސް މެލެކްގެ ބުރުގަލަށް ދަމަން ފެށުމުން އޭނާ ލޫލު އުރާލާފައި އުނގުގައި ބޭންދިއެވެ.
"ހަމަ ދާންވީ. ދަރިފުޅަށް ކާކު މަނާކުރަނީ؟ އެކަމަކު ބާޒިލް ބުނި ޑޮކްޓަރަށް ދައްކަން ފުރާ ވާހަކަ" މައުސޫމާ ބުންޏެވެ.
"ޑޮކްޓަރަށް ދެއްކުމުގެ ބޭނުމެއްނެތް" މެލެކް ބުންޏެވެ.
"މަންމަމެންނަށް ކަމެއް ކުރެވުނީތަ؟" މައުސޫމާ އަހާލިއެވެ.
"ނޫން.." އިސްޖަހާލި މެލެކްއަށް ރޮވިއްޖެއެވެ.
"މެލީ ދާން ބޭނުމިއްޔާ ދޭ. އެކަކުވެސް ނުހިފަހައްޓާނެ" ޒޭބާ ބުންޏެވެ. މެލެކް ރޯން ފެށުމުން ޒޭބާ ހިތުގައި ޖެހިއްޖެއެވެ. އޭނާ ބޭނުންވީ މެލެކް ބޭނުންވި ފަދައިން ކަންތައްކުރާށެވެ.
"ސޮރީ މަންމާ... ކޫ ވެސް އަޅުގަނޑު.... ސޮރީ..." މެލެކް ބުންޏެވެ.
ހައިރާންވެފައި މެލެކްގެ މޫނަށް ބަލަން އިން ލޫލުވެސް ތުންކޮޅު ފިއްތާލިއެވެ. ލޫލުގެ ލޮލުން ކަރުނައެއް ނުފައިބައެވެ. އެހެންނަމަވެސް ހަމަ އިރުކޮޅަކާ މެލެކްގެ މޫނަށް ބަލައިލާފައި ތުންކޮޅު ފިއްތާލައެވެ.
"އެންމެރަނގަޅު. ހިނގާ. މަންމަ ދާނަން މެލީ ގޮވައިގެން" މައުސޫމާ ބުންޏެވެ. އޭނާ މެލެކްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ. ލޯތްބާއި އޯގާތެރިކަމާއެކު މެލެކްގެ ނިތަށް ބޮސްދިނެވެ. އޭނާ ހުރީ މެލެކްގެ ކޮންމެ ނިންމުމެއްގެ ފަހަތުގައިކަން އަންގައިދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް މައުސޫމާގެ ހިތަށް އިންތިހާއަށް އުނދަގުވިއެވެ. މެލެކްގެ އެފަދަ ނިންމުމެއްގެ ފަހަތުގައިވާނީ ޔަގީނުންވެސް ކުޑަކުޑަ ކަމެއް ކަމަކަށް ނުވާނެއެވެ. ބާޒިލް ރޭގައި ދެއްކި ވާހަކަތަކުގެ ސަބަބުން ހެއްޔެވެ؟ ކޮންމެއަކަސް މިވީ ވަރަށް ދެރަގޮތެކެވެ. މެލެކް އާ އިތުރަށް ސުވާލުކުރާކަށް ބޭނުމެއް ނުވިއެވެ. ގެއަށް އައި މަގުމަތީގައި ލޫލު އުރައިގެން ހުރީ މެލެކް އެވެ. މެލެކްގެ ހެދުންފޮށި ބަލައި އައިސް ގޭ ކައިރީގައި ސައިކަލުގައި އިނީ ރައްޔާނެވެ. ލޫލުގެ ދަބަސް އޮތީ މައުސޫމާގެ އަތުގައެވެ. ގެއަށް އައި މަގުމަތީގައި އެކަކުވެސް ބަހެއް ނުކިޔައެވެ. ބައެއްފަހަރު މައުސޫމާ މެލެކްގެ މޫނަށް ބަލައިލައެވެ. މެލެކްގެ ދެލޮލުގައިވީ މޮޅިވެރިކަމާއި ހިތާމައެވެ. ކުރީގައި ހުންނަ މަޖާގޮތާއި އަނގަގަދަކަން މެލެކްގެ ކިބައިން ނެތިއްޖެއެވެ. ދެތުންފަތް ވަނީ ހިކިފައެވެ. މެލެކް ދެލޮލުން އޭނާ ރޮއެފައި ހުރިކަން އެނގެއެވެ. މައުސޫމާގެ ވިސްނުންތޫނު ސިކުނޑި މިވަނީ ކިހިނެއްކަން ދެނެގެންފިއެވެ. މެލެކް ގެއަށް ދާން އުޅޭކަން ބާޒިލްއަށް އެނގޭ ހެއްޔެވެ؟
****
މެންދުރަށް ބަތްކޮޅު ހިންދާފައި ބަދިގެއިން ނިކުތް ތަބައްސުމް ކޮޓަރިއަށް ބޯ ދިއްކޮށްލީ މައިލީންގެ ހަބަރެއް ނުވާތީއެވެ. މިއަދު މިއީ މައިލީންގެ އޮފް ދުވަހެވެ. ހެނދުނުގެ ސަޔަށްފަހު އަހަދުﷲ ބޭރަށް ދިޔުމުން އެއްޗެހި ދޮންނަން ތައްޔާރުކުރަން މައިލީން ކޮޓަރިއަށް ވަދެފައި އަދި ނުނިކުމެއެވެ. ތަބައްސުމްއަށް ކޮޓަރި އާ ދިމާލަށް ނުދެވެނީސް މައިލީން ކޮޓަރިން ނިކުމެއްޖެއެވެ. އޭނާގެ އަތުގައި އޮތީ ފޯނެވެ.
"މެލީމެން އަދިވެސް ބަނދަރަށް ނުދޭ. އަހަދު އެބަހުރި ބަނދަރުގަ. ފޯނެއްވެސް މެލީ ނުނަގަ" މައިލީން ބުންޏެވެ.
"ބާޒިލްއަށް ގުޅާބަލަ" ތަބައްސުމް ބުންޏެވެ.
(ނުނިމޭ)