ޒޯހަންއަށް ހަމަހޭވެރިކަން ވި ހިނދު އައިރާގެ ލިސާނެއްގެ މިންވަރު ވެސް ފެންނާކަށް ނެތެވެ. އަވަސްއަވަހަށް ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ޒޯހަންއަށް އައިރާ ދިޔަ ދިމާއަށް ދުއްވައިގަނެވުނެވެ. މަގަށް ނިކުންނަމުން އޭނަ ހޯދާލިއެވެ. އައިރާ ނުފެނުމުން އެހިތަށް ލިބުނީ ހާސްކަމެވެ. މޭގައި އުފެދެމުން އައި ރިހުން ފުން ނޭވާއެއްގެ އެހީގައި އޮއްބާލަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ކޮންމެ ވިންދަކާއެކު ރިހުންވީ ގަދައެވެ. ނޭވާ ލޭވެ ގޮތެއް ވެސް ނުވިއެވެ. ސިކުނޑިއަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. ހުއްޓުން އަރާފައި ހުރެވުނީ ކިހާ އިރެއް ވަންދެން ހެއްޔެވެ؟ ވަގުތު ފާއިތުވެގެން ދިޔަކަން ގައިމެވެ. އައިރާ ފެންނަންނެތީ ވެސް އެހެންވެއެވެ.
ހާސްކަމާއެކު ޒޯހަންއަށް މޫނުގައި އަތްތިލަ ހިންގާލެވުނެވެ. ތުނބުޅި ކަރުނުން ތެމިފައިވާކަން ވެސް ރޭކާލީ ދެނެވެ. ކަނާއަތުގެ މުށް ހުޅުވާލަމުން، މުށުތެރޭ އޮތް އަނގޮޓިއަށް ޒޯހަން އަނެއްކާ ބަލައިލިއެވެ. އެހަޤީޤަތް ޤަބޫލެއްނުކުރެވުނެވެ. އޭރުވެސް އައިރާ ބުނި ޖުމްލަތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ފުން ޒަހަމްތަކެއް މޭގައި އުފަންވެގެން ގޮސްފިއެވެ. އެޒަހަމްތަކުން އުފެދިގެން އައި ވޭން ބަރުދާސްތުކުރަން ދަތި ވެއްޖެއެވެ.
މިއީ ބިރުވެރި ހުވަފެނަކަށް ވުމަށް ޒޯހަންގެ ޒަމީރު އެދެމުން ދިޔައެވެ. ހާމަވެގެން ދިޔަ ހަޤީޤަތް ޤަބޫލުކުރަން ޒޯހަން ނުކުޅެދުނެވެ. ހިތު ލޯބި ހިތާ ވަކިވުމުން ޤަބޫލުކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އައިރާއަކީ ފުރާނައިގެ ދިރުމެވެ. އެލޯބީގެ ރާހަތު ލިބިފައި ވަނިކޮށް ކުއްލިޔަކަށް މަހުރޫމުވެގެން ދިއުމުން ނަފުސަށް ލިބިފައިވަނީ ސިހުމެވެ. ހަ އަހަރު ދުވަސްވީ ލޯބީގެ ގުޅުމަށް ނިމުން ގެންނަން އައިރާއަށް އެހާ ފަސޭހަވުމުން ޝަކުވާތައް ހިތުގައި ފުނިޖެހުނެވެ. ދެރަ ވެސް ވިއެވެ. ވީ ގޮތެއް އޮޅުންނުފިލަނީސް ދެން ހަމަޖެހުމެއް ނުލިބޭނެއެވެ. ކައިވެނީގެ ތައްޔާރީތައް އުފާވެރިކަމާއެކު ކުރިއަށް ދަނިކޮށް ކުއްލިޔަކަށް އެފަދަ ފިޔަވަޅެއް އަޅަން އައިރާ ނިންމީ ކީއްވެެގެން ހެއްޔެވެ؟ ސަބަބެއް ނެތި އެފަދަ މަގެއް އައިރާ އިހްތިޔާރު ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ޒޯހަންއަށް އޮތެވެ. އައިރާގެ ހިމޭންކަމާއި އޭނައާއި ހަތަރުކަޅި ހަމަކުރަން ފަސްޖެހިފައި ހުރި މަންޒަރުތައް ލޯކުރިމަތިން ސިފަވެގެން ދިޔައެވެ. އައިރާގެ ފަސްޖެހުމުގެ ފަހަތުގައި ވަނީ ވޭނާއި ހިތްދަތިކަމެވެ. އައިރާ އެދަނީ ބޮޑު ވޭނެއް ތަހައްމަލުކުރަމުންނެވެ. އެވޭނުގެ ފަހަތުގައިވި ސަބަބު ހޯދަން ޒޯހަން އަވަސްވެގަތެވެ. ވޭނުގައި އައިރާ ވަނިކޮށް އެކަނި ދޫކޮށްލަން އޭނަގެ ޒަމީރު ޤަބޫލެއް ނުވިއެވެ.
''އަރޫއަށް ކަމެއް ވެއްޖެ!، އެހެން ނޫންނަމަ އެފަދަ ގޮތަކަށް ވާހަކަނުދައްކާނެ... އައި ކާންޓް އެކްސެޕްޓް ދިސް!... އަރޫ...'' ޒޯހަންއަށް ބުނެވުނެވެ. އަނގޮޓީ ޖިންސުގެ ޖީބަށް ލަމުން ޒޯހަން އަވަސްވެގަތީ މަގުން ޓެކްސީއެއް ހޯދުމަށެވެ. ނަސީބު ރަނގަޅުކަމުން ތަންކޮޅެއް ދުރުން ފެހި ބޯޑު އަޅުވައިގެން އައި ޓެކްސީއެއް ލޮލުގައި އަޅައިގަތެވެ. ވަގުތުން ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. އޭރު ސިކުނޑީގައި ފުނިޖެހިފައިވި ޚިޔާލުތަކުން ބޮލުގައި ގަދަޔަށް ރިއްސައެވެ. ޓެކްސީ ކައިރިކޮށްލުމުން އަވަސްއަވަހަށް ޒޯހަން ޓެކްސީއަށް އަރައިފިއެވެ. ދާންވީ މަންޒިލް ޓެކްސީ ޑްރައިވަރު ގާތު ބުނެލަމުން ފޯނުން އައިރާއަށް ގުޅޭތޯ އޭނަ މަސައްކަތްކުރިއެވެ. ކާމިޔާބުވާ ގޮތް ނުވުމުން ޒޯހަންއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
*****
''ދަރިފުޅާ...'' މައިދޮރު ހުޅުވާފައި އެތެރެއަށް ވަން އައިރާ ފެންނައިރަށް ޤަމަރުއަށް ގޮވާލެވުނެވެ. އައިރާއަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ.
ބޮޑުކޮޓަރީގެ ސޯފާގައި އިން ޤަމަރަށް ކޮޅަށް ތެދުވެވުނެވެ. އައިރާގެ މޫނަށް ބަސީލް ފުން ނަޒަރެއް ދިނެވެ. ދެމަފިރިންގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފާޅުވަމުން ދިޔަ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިރާގެ ކުރިމައްޗަށް ޤަމަރު ހުއްޓުނެވެ. އައިރާ ދިޔަ ތަނެއް އޮޅުން ފިލުވަން ޤަމަރު އަވަސްވެގަތެވެ. އިޝާ ނަމާދުކޮށްލައިގެން އޭނަ އައިރާގެ ކޮޓަރިއަށް ދިޔަ އިރު، އައިރާ ފެންނަން ނެތުމުން ލިބުނީ ހާސްކަމެވެ. އޭނައަށް އަންގާލުމެއް ވެސް ނެތި ބޭރަށް ދިއުމުން ސުވާލު އުފެދުނެވެ. މިސްކިތުގައި ހުރި ބަސީލްއަށް ގުޅައި ޤަމަރު އެޚަބަރު ދިނެވެ. އިޝާ ނަމާދުކޮށްލައިގެން ބަސީލް ގެއަށް އައީ ޤަމަރު ބިރުގެންފައި އިންވަރުން ހަމައަކަށް އަޅުވާށެވެ. އައިރާ ހުރި ހާލަތުގެ ސަބަބުން، އަންގާލުމެއް ނެތި ބޭރަށް ދިއުމުންނާއި ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުން ކުޑަކޮށް ހުރީ ބަސީލް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން އޭނަ ފާޅެއް ނުކުރިއެވެ. އައިރާ ގެއަށް އެއައީ ވީތަނެއް ބަލަން ޒޯހަންއަށް ގުޅަން އުޅެނިކޮށެވެ.
ޤަމަރުއަށް އެއްޗެއް ނުބުނެވީސް ނިކަން ބާރަށް ޤަމަރުގެ ގައިގައި އައިރާ ބައްދާލިއެވެ. ބައްދާލި ގޮތް ބަރުކަމުން ނޭވާލާން ޤަމަރަށް އުނގޫވިއެވެ. ސިހުމެއްގެ ތެރޭގައި ވަނިކޮށް އައިރާގެ ބާރު ގިސްލުމުގެ އަޑު ހިމޭންކަން ވެރިވެފައި އޮތް މާހައުލުގައި ގުގުމާލަފިއެވެ. ބަސީލް ވެސް ސޯފާއިން ތެދުވެގެން ޤަމަރުގެ ގާތަށް އަތުވެއްޖެއެވެ. ކަންބޮޑުވުން ދެމަފިރިންގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައެވެ. ލިބުނު ސިހުމުގައި ހަދާނެ ގޮތެއް ނޭނގިފައި އިރުކޮޅެއް ވަންދެން ތިބެވުނެވެ.
''ދަރިފުޅާ...'' ޤަމަރު ބުންޏެވެ. ހިތުގައި ޖެހި ރޮމުން ދިޔަ އައިރާ ހީވަނީ އޭނަގެ އަތުގެ ތެރެއަށް ރޫޅިގެން ހިނގައިދާނެހެންނެވެ. އައިރާގެ ބުރަކަށީގައި ޤަމަރުއަށް ފިރުމާލެވުނެވެ. ބަސީލްގެ މޫނަށް ޤަމަރު އަވަސް ނަޒަރެއް ދިނެވެ. ލޮލުގެ އިޝާރާތުން ބަސީލް އެނދުނީ ބޮޑު ކޮޓަރިއަށް އައިރާ ގެންދިއުމަށެވެ. ޤަމަރު ބޯޖަހާލަމުން އައިރާ ގޮވައިގެން ސޯފާތަކާއި ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ހުރެފައި ބަސީލް ގޮސް ވަނީ ބަދިގެ ބަޔަށެވެ. އައިސްއަލަމާރި ހުޅުވާލާފައި ނެގި ފެންފުޅިން ތަށްޓަކަށް ފެންއަޅާލަމުން، ތަށި ހިފައިގެން އޭނަ މިސްރާބު ޖެހީ އައިރާ ގާތަށް ދިއުމަށެވެ.
''އަރޫ...'' އައިރާ މަސަލަސްކުރަން ޤަމަރުއަށް ފަސޭހަކަމަކަށް ނުވިއެވެ. ދުވަހަކު އެފަދަ ގޮތަކަށް ގިސްލަގިސްލާފައި އައިރާ ރޮނިކޮށް ފެނިފައި ނުވެއެވެ. ސްކޭންތަކުގެ ނަތީޖާ ލިބުމުން ވެސް އައިރާ އެގޮތަށް ރޮއެފައި ނުވެއެވެ. ގަދަފަދަ ވޭނެއް ތަހައްމަލުކުރަމުންދާ ކަހަލައެވެ. ހާސްވެގެން ގޮސް ސިކުނޑި ސުމަކަށްދާ ވަރު ވެއްޖެއެވެ. އެވަގުތު ޤަމަރުއަށް އެހީތެރިވެދިނީ ބަސީލް އެވެ. އައިރާގެ ރުއިމުގެ އަޑުން އަސަރުކޮށް ޤަމަރުގެ ދެލޮލުން ވެސް ކަރުނަ ފައިބައިގަތެވެ.
''ދަރިފުޅާ... ފެން ފޮދެއް ބޯލަބަލަ...'' ސޯފާގައި އިން އައިރާއަށް ގޮވާލަމުން ބަސީލް ވާހަކަދެއްކިއެވެ. ކުރުފައިމައްޗަށް ތިރިވެލަމުން އައިރާގެ އަތަށް ފެންތަށި ލައިދޭން ބަސީލް އުޅުނެވެ. އައިރާގެ އަތުގައިވި ތުރުތުރުލުމުން ތަށީގައި ހިފަން އިރުކޮޅެއް ނެގިއެވެ. ދެ ކޯވަރު ބޯލަމުން ތަށި ސޯފާ ކުރިމަތީ ހުރި ތިރި މޭޒު މަތީ ބަހައްޓަން އުޅުނެވެ. އައިރާގެ އަތުން ފެންތަށި އަތުލީ ޤަމަރެވެ.
''ބޮލުގަ ރިއްސަނީތަ؟، ކޮންތަނަކަށްތަ ދަރިފުޅު ދިޔައީ؟...'' ޤަމަރުއަށް އަހާލެވުނެވެ. އޭނައަށް އައިރާގެ އަތުގައި ހިފާލެވުނެވެ. ބަނދެވެމުން ދިޔަ ސުވާލުތަކުގެ ތެރެއިން ވެސް ޤަމަރަށް އައިރާގެ އަތްތިލައިން ފަޅުކަމެއް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނައަށް ވަގުތުން ބަލައިލެވުނީ އައިރާގެ މޫނަށެވެ. އިސްޖެހި ރޮމުން ދިޔަ އައިރާގެ ހިތާމަތަކާއި ގުޅިފައިވި ސަބަބު އޭނައަށް ފަހުމުވީ ދެނެވެ. ޤަމަރު އިނީ ހުއްޓުން އަރާފައެވެ. ބަސީލްގެ މޫނަށް ވެސް ޤަމަރު ބަލައިލިއެވެ. ބަސީލްގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ އައިރާ އަށެވެ. އައިރާ މަސަލަސްކުރަން އުޅުނު ބަސީލްއަށް ކަމެއް ފާހަގަ ކުރެވުނު ހެނެއް ހިޔެއް ނުވެއެވެ.
''ޒާންއާއި ބައްދަލުކުރަންތަ ދިޔައީ؟...'' ޤަމަރު ސުވާލުކޮށްލިއެވެ. އައިރާ އެސުވާލަށް ޖަވާބު ނުދިންކަމުގައި ވިޔަސް އައިރާގެ ގިސްލުންތަކުން ޤަމަރުގެ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. އައިރާގެ ލޮލުން އޮހޮރެމުން ދިޔަ ވޭނީ ކަރުނައިގެ ފަހަތުގައި ވަނީ ޒޯހަން އެވެ. ކަށި އިނގިލީގައި އޮތް އަނގޮޓީގެ ފަޅުކަމުން ޤަމަރަށް ލިބިގެން ދިޔައީ ބިރުވެރި ޚަބަރެކެވެ. އެއްވެސް މީހަކާއި މަޝްވަރާ ކުރުމެއް ނެތި އައިރާ އެވަނީ އެހިތުގެ މުރާދު ހާސިލްކޮށްފައވެެ. އެކަމާއި މެދު ދެކެން ވީ ކިހިނެއް ކަމެއް ވެސް ނޭނގުނެވެ.
''އަރޫ... އެއީ ދަރިފުޅު ބޭނުންވާ ގޮތްތަ؟...'' ޤަމަރުއަށް އަހާލެވުނެވެ. ޤަމަރުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އައިރާ ހަމައެކަނި ބޯޖަހާލީއެވެ.
ހިތުގައި އެހާ ވޭން އަޅާ އިރުގައި ވެސް އެނިންމުން މަތީ ދެމިހުންނަން އައިރާ ގަސްދުކުރުމުން ޤަމަރުގެ ދުލުން ބަސްހުއްޓުނެވެ. ނިއުޅެމުން ދިޔަ މަންޒަރުތައް ދޭހަކުރަން ވަގުތު ނެގިއެވެ. މައިލަގޮނޑީގައި ގަދަޔަށް ރިއްސާލިއެވެ. އައިރާގެ ވޭނާއި ކެކުޅުން ލުއިކޮށްދޭނެ ގޮތެއް ވިސްނުމަކަށް ނައެވެ. އައިރާގެ ހިތުގެ ވިންދާއި ގުޅިފައިވަނީ ޒޯހަންއެވެ. ޒޯހަންގެ ލޯބި ނުލިބޭހާ ހިނދަކު އައިރާގެ ހިތުގެ ޒަހަމްތަކަށް ދުވަހަކު ޝިފާއެއް ނުލިބޭނެއެވެ. ލޮލުން ފައިބާ ކަރުނަތަކަށް ހުއްޓުމެއް ވެސް ނާންނާނެއެވެ. ދެރައީ އައިރާއަށް އެކަން ނުވިސްނޭތީއެވެ. އައިރާ ޒޯހަންއާއި ދެއްކި ވާހަކައެއް ވެސް އެނގެނީކީ ނޫނެވެ. އައިރާ ކުރަމުން ދިޔަ ހިތާމައިން ހަޤީޤަތް ހާމަނުކުރާކަން ވެސް ހާމަކޮށްދިނެވެ. ހަޤީޤަތް އެނގޭނަމަ އައިރާއަށް ދިއުމުގެ ފުރުސަތެއް ވެސް ޒޯހަން ނުދޭނެއެވެ. ސާބިތުކަމާއެކު އައިރާގެ ގާތުގައި ހުންނަން ވެސް ބޭނުން ވާނެއެވެ.
''އެންމެ ރަނގަޅު، ދަރިފުޅުގެ ނިންމުމަށް އެއްވެސް މީހަކު ދެކޮޅެއް ނަހަދާނެ...'' އައިރާގެ ހިތްހަމަޖައްސާލަ ދޭން ބަސީލް ބުންޏެވެ. މަޖުބޫރީ ހާލަތުން އަތުގައި ލެވުނު ކަސްތަޅުން އިތުރަށް ދައްކާނެ ވާހަކައެއް ވެސް ނެތެވެ. އައިރާ ހުރި ނާޒުކު ހާލަތުގެ ސަބަބުން ދެކެވޭ ވާހަކައިން އިތުރު ތަކުލީފެއް ލިބިގެން ގޮސްފާއެވެ. އެހެންވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އައިރާއަށް މަދަދުވެރިވާންވި ވަޢުދު މަތީގައި ދެމިހުރުގެ އަޒުމު ވަރުގަދަކޮށްލެވުނެވެ.
''ދެން މިކޮޅުގަ މަޑުކުރާކަށް ބޭނުމެއް ނޫން، ތިއްތަ ގާތަށް ދާން ބޭނުމީ...'' އައިރާ ހާމަކޮށްލިއެވެ.
ޤަމަރުއާއި ބަސީލްއަށް ވެސް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ތިބީ އައިރާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދެމުންނެވެ. ނަމަވެސް އައިރާ އިތުރު އެންމެ ލަފުޒެއް ވެސް ނުބުންޏެވެ.
''ދަރިފުޅު ފުރަން ބޭނުންނަމަ އަވަހަށް އެކަމާ އުޅެންވީ... ރަނގަޅު ފަރުވާ ވެސް އެކޮޅުން ލިބޭނެ... ސައުއާއި ބައްޕަ ވާހަކަދައްކާނަން...'' ބަސީލް ބުންޏެވެ. އައިރާގެ ރުއިމަށް ހުއްޓުމެއްއް އައީ ދެނެވެ. އަވަސްއަވަހަށް ކަރުނަ ފޮހެލައިފިއެވެ.
''ވީހާ ވެސް އަވަހަކަށް ފުރަން ބޭނުން...'' އައިރާ ބުންޏެވެ. ދެކޮޅު ހެދުމެއް ނެތި ބަސީލް ބޯޖަހާލިއެވެ.
''ކޮޓަރިއަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟...'' ދިއުމުގެ ހުއްދައަކަށް އައިރާ އެދުނެވެ.
ބަސީލް ހުއްދަ ދިނުމާއެކު އައިރާ ނިކަން އަވަހަށް ސޯފާއިން ތެދުވެއްޖެއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ.
''ބަސީލް...'' އައިރާ ދިއުމާއެކު ޤަމަރު ވާހަކަދައްކަން ފެށިއެވެ. ''ކިހިނެއްތަ މިވަނީ؟...''
''ފުރުމުގެ ކަންތައް އަވަހަށް ހަމަޖައްސަމާ...'' ބަސީލްއަށް ޤަމަރުގެ ސުވާލުގެ މާނަ ނަގައިގަނެވުނެވެ. ނަމަވެސް ސަމާލުކަން ދޭން ބޭނުން ނުވީއެވެ. ހަޤީޤަތުގައި އެސުވާލަށް ދޭނެ ޖަވާބެއް އޭނަގެ އަތަކު ނެތެވެ. މައުޟޫޢު ބަދަލުކޮށްލީ ވެސް އެހެންވެއެވެ. އެކަމާ ޤަމަރު ހިތްހަމަނުޖެހުނެވެ.
''ފުރުމުގެ ވާހަކަދައްކާއިރު އެހެން ކަންތައް ވެސް އެބަހުއްޓޭ...'' ޤަމަރު ބުންޏެވެ. ''އެގޮތަށް ކޮންމެ ކަމަކަށް އާނ ބަސް ދެންޏާ ގޯހެއް ހެދުނަސް އެކަމެއް ރޭކާނުލާނެ، އަރޫއަށް އެހެދެނީ ވަރަށް ބޮޑު ގޯހެކޭ...''
''ތިކަން އެނގެޔޭ، އެކަމަކު އަރޫ ބޭނުން ނުވާ ކަމަކަށް މަޖުބޫރުކުރާނީ ކިހިނެއް؟...'' ބަސީލްއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ''ކައިވެނި ކުރަން ބޭނުން ނުވަންޏާ ގަދަ މަޖުބޫރުން އެކަމާ ނޫޅެވޭނެ ދޯ...''
''އެކަމަކު...'' ޤަމަރު ބުންޏެވެ. އޭނަ ވާހަކަދައްކަން އުޅުނު ވަގުތު ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ދެމަފިރިންނަށް ވެސް ލިބުނީ ހައިރާންކަމެވެ. ބަސީލްއާއި ހޫނު ޒުވާބަކަށް ގޮސްފާނެތީ ފުރުސަތުގެ ބޭނުން ޤަމަރު ހިފިއެވެ. އޭނަ އަވަސްވެގަތީ ދޮރުހުޅުވަން ދިއުމަށެވެ.
ފާރުގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ މޮނީޓަރަށް ދިން ނަޒަރާއެކު ޤަމަރު ގަނޑު ވެއްޖެއެވެ. ބޭރުގައި ހުރީ ޒޯހަންއެވެ.
''ކާކުތަ؟...'' ބަސީލް އެހިއެވެ.
''ޒާން...'' ޤަމަރު އެހެން ބުނިތާ ފަޅި ސިކުންތުކޮޅެއް ވެސް ނުވަނީސް ބަސީލް އަތުވެއްޖެއެވެ. ބަސީލްގެ މޫނަށް ޤަމަރު ބަލައިލީ ނުތަނަވަސްކަމާއެކުގައެވެ.
''އަހަރެން ޖަވާބު ދޭނަން...'' ބަސީލް ބުންޏެވެ. ބަސީލް ބަދަލުކޮށްލި ނަޒަރުގެ ފަަހަތުގައިވި މާނަ ޤަމަރުއަށް ނަގައިގަނެވުނެވެ. މާޔޫސްކަން ޤަމަރުގެ މޫނަށް ވެރިވެއްޖެއެވެ.
''އެކަމަކު...'' ޤަމަރުގެ ޖުމުލަ ފުރިހަމަނުކުރެވުނީ ބަސީލް ވާހަކަދައްކަން ފެށުމުންނެވެ.
''ޤަމަރު، ކުރިން ވެސް ބުނިހެން އަހަރުމެން ޖެހޭނެ އަރޫގެ ކޮންމެ ނިންމުމަކަށް އެއްބާރުލުން ދޭން، އަރޫ އެންމެ ފަހުގެ ނިންމުން ނިންމައިފި، ގަދަ މަޖުބޫރުން އަހަރުމެން ބޭނުން ގޮތަކަށް ކަންތައް ކުރަން އަރޫގެ މައްޗަށް އަނިޔާވެރިވެވޭނީ ކިހިނެއްތަ؟، އެދަރިފުޅު އެހުރީ ވަރަށް ނާޒުކު ހާލަތެއްގައި، ބިރުގެންފައި ހުރި މިންވަރު ޤަމަރަށް ވެސް ފެންނާނެ... ހަޤީޤަތް ސިއްރުކުރަން އެދޭ ނަމަ އަރޫގެ އެނިންމުމަށް އަހަރުމެން ޖެހޭނެ އިހްތިރާމްކުރަން... މިއީ އަހަރުމެން ބޭނުން ވާ ގޮތެއް ނޫންކަން ވެސް އެނގޭ... އެކަމަކު މިނޫން ގޮތެއް އެބައޮތްތަ؟... ކިތަންމެ ނޭދެވެ ނަތީޖާއެއް ނިކުތް ކަމުގައި ވިޔަސް އަރޫގެ އެދޭ ގޮތަކަށް އަހަރުމެން ކަންތައް ކޮށްދޭން ޖެހޭނެ، މަޖުބޫރުކުރަން ހަދައިގެން ފަރުވާއަށް ވެސް އައިރާ ދެކޮޅު ހަދާފާނެޔޭ!...'' ނިތުގައި ބޮޑުވާއިނގިލި ހިންގާލަމުން ބަސީލް ވާހަކަދެއްކިއެވެ.
ލޮލުން ފޭބި ކަރުނަ ފޮހެލަމުން ޤަމަރު ބޯޖަހާލިއެވެ. ބަސީލްއަށް ފުރުސަތު ދެމުން އޭނަ އެއްފަރާތަކަށް ޖެހިލިއެވެ. ކަންތައްވަމުން ދިޔަ ގޮތުން ތަޤުދީރާއި މެދު ޝަކުވާ ކޮށްލެވުނެވެ. މިނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ އައިރާގެ ވިސްނުން ބަދަލުނުވާނީ ހެއްޔެވެ؟ އަމިއްލަ ދެއަތުން ދިރިއުޅުން ހަލާކުކޮށްލާ މަންޒަރު ބަލަން ހުންނަންވީ ހެއްޔެވެ؟
*****
ބެލް ޖަހަމުން ދިޔަ ޒޯހަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދޮރު ހުޅުވިގެން ދިޔަ އަޑަށެވެ. ނަމަވެސް ހިތުގެ ހަމަޖެހުން ދެމިގެން ދިޔައީ ފަޅި ސިކުންތުކޮޅަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަސީލްގެ މޫނަށް ދެވުނު ނަޒަރާއެކު ޒޯހަންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެމޫނުން އޭނައަށް ކިޔައިދިނީ ބިރުވެރި ވާހަކައެކެވެ. ޒޯހަންއަށް ނޭވާ ހިފަހައްޓާލެވުނެވެ.
''ބައްޕާ...'' ތެޅިތެޅި އޮތް ހިތަކާއެކު ޒޯހަން ގޮވާލިއެވެ. އައިރާއާއި ބައްދަލުކޮށްލުމުގެ ހުއްދައަކަށް އެދެން ޒޯހަންގެ ދޫ ހަރަކާތްކޮށްލިއެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ އިޝާރާތެއް ބަސީލްގެ ފަރާތުން ނުލިބުމުން ޒޯހަންއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ނިތުން ފިނި ދަލެއްވެސް ހިއްލާލައިފިއެވެ.
ބަސީލް އިސްޖަހާލުމާއެކު ޒޯހަންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ބޭނުންވި ފުރުސަތު މުށުތެރޭން ދޫވެގެން ގޮސްފިކަމުގެ ހިތިކަން އަރުބުޑަށް ރަނގަޅަށް ވެސް ފޭދިއްޖެއެވެ.
(ނުނިމޭ)