ވާހަކަ

ރުހުން ދީފާނުހޭ - 64

4

"ނޫން. ކޮޓަރިއަކަށް ނުދެވޭނެ. މިތަނުގަ ސާރާއަށް ނުދެއްކޭނެ ވާހަކައެއް ނޯންނާނެ. މިތަނުގަ ވާހަކަދައްކަން ސާރާ ބޭނުން ނުވަންޏާ އަހަންނަށް ބުނެވޭނީ މިނޫން ތަނެއްގަ ވާހަކަދައްކަން އަހަރެންވެސް ބޭނުމެއް ނުވެއޭ" ބާޒިލް ބުންޏެވެ. އޭނާ ވަރަށް ރަނގަޅަށް ސިކުނޑީގެ ބޭނުން ހިފިއެވެ.

"ނޫން. ތިހެން އައިސް ވާހަކަނުދައްކާ ދިޔައިއްޔާ އެމަންޖެ ވަރަށް ދެރަވާނެ. މި އަންނަނީ ގޮވައިގެން" ސިހާމާ ހިނގައިގަތެވެ. ބާޒިލްއަށް ކުދި ކިޔަމުން އޭނާ ދިޔައީ އެ ފުރުސަތު ނަގައިލަން ބޭނުންނުވާތީއެވެ.

ސިހާމާ ދިޔުމުން ޖޫސްތަށި ޖޯލީގެ ފަހަތުގައި ހުރި ގަސް ޕޮޓުތަކުން ޕޮޓަކަށް އޮށްސާލިއެވެ. ހުސްތަށީގައި ހިފަހައްޓައިގެން އޭނާ އިނީ ސާރާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ފޯނަށް މެސެޖެއް އައުމުން އޭނާ ބަލައިލިއެވެ. ރައްޔާނުގެ މެސެޖު ކިޔާލުމުން ދެން ކަންތައްކުރަންވީ ގޮތްވެސް އޭނާއަށް އެނގުނެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އެނދުގެ ހެޑް ބޯޑުގައި ލެގިގެން އިން ސާރާ ފުންމައިގެން ތެދުވިއެވެ. އޭނާ ހީކުރީ ބާޒިލް ކަމަށެވެ. އެތެރެއަށް ސިހާމާ ވަނުމުން އޭނާ ސިހާމާގެ ފަހަތް ހޯދަންވެސް ހޯދިއެވެ. ބާޒިލް ފެންނަން ނެތުމުން ސުވާލުގެ ނަޒަރަކުން ސިހާމާއަށް ބަލައިލިއެވެ.

"ވަރަށް ހުޝިޔާރު ފިރިހެނެއް. އިންތަނުން ގުޑާވެސްނުލި. ސާރާ ހިނގާ. އެހެންނުނީ އޭނާއަށް ޝައްކުވާނީ" ސިހާމާ ބުންޏެވެ.

ސާރާގެ ތުންފަތަށް ވެރިވި ވިހަ ހިނިތުންވުމެކެވެ. ކުރިންވެސް ބާޒިލް ކަންތައްކުރާނީ އެފަދައިންކަން އޭނާއަށް އެނގޭ ކަހަލައެވެ.

"މިރެއަކު ސަލާމަތެއް ނުވެވޭނެ. ޖޫސްތަށި ބުއިތަ؟" ޑްރެސިނޓޭބަލް މަތީގައި އޮތް އަތްދަބަސް ހަށިގަނޑުގައި ހުރަހަށް އަޅުވައިލަމުން ސާރާ ބުންޏެވެ.

"ހީވަނީ މިހާރު ބޮއެފާނެހެން. ދެންވެސް ހިނގާ" ސިހާމާ ބުންޏެވެ.

"މަޑުކޮށްލާ. އިހަށް މީގަ އެއްޗެހި ހަމަތޯ ބަލާލަންވާނެއްނު" ސާރާ ބުންޏެވެ. އަތްދަބަހުގެ ޒިޕް ކަހާލުމަށްފަހު އޭނާ ނެގީ ދެ ސިރިންޖެވެ. އޭގައި ހުރި ފެންކޮޅު އެތެރެއަށް ފޮނުވާ ތައްޔާރީ ހާލަތުގައެވެ.

"ތިއީ ޕްލޭން ބީ އެއްނު. އެ ޖޫސްތަށި އޭނަ ހުސްކޮށްފިއްޔާ ތީގެ ބޭނުމެއް ނޯންނާނެއްނު" ސިހާމާ ބުންޏެވެ.

"މިކަން ކޮންމެހެންވެސް މިރޭ ކާމިޔާބު ކުރަން އެބަޖެހޭ. މީތި ފެއިލްވިއްޔާ އަހަރެން ކުރިއަށް މި އޮތް ހަފްތާ ތެރޭގަ ޒަމްބެ އާ އިންނަން ރަންކިޔަންޖެހޭ. މި އިންޖެކްޝަންތަކާ ބޭސްތައް ޒަމްބެ ހޯދައިދިނީ އެކަމަށް ޝަރުތުކޮށްފަ" ސާރާ ބުންޏެވެ.

"ކީކޭ؟ ތިކަމެއް ދައްތައަކަށް ނޭނގޭ" ސިހާމާ ބުންޏެވެ.

"ފެއިލްވިއްޔާއެއްނު. ހިނގާ ދާން. ދައްތަ ގޭތެރޭގަ މަޑުކޮށްލާ. އަހަރެން ދާނަން ބާޒިލް ކައިރިއަށް" ސާރާ ބުންޏެވެ.

ކޮޓަރިން ނިކުމެ ނިކުމެ ހުރެފައިވެސް އޭނާ ދުވެލާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އަދި އެއްފަހަރު އަރިއަރިވެފައި އޭނާގެ ބައްޓަން ރީތި ހަށިގަނޑަށް ބަލައިލިއެވެ. ރަތް ކުލައިގެ ލިޕްސްޓިކް ނެގުމަށްފަހު އިތުރަށް އޭނާގެ ތުންފަތް ރަތުން ފަވާލިއެވެ. ދެން އެއްފަރާތުގައި ހުރި އުސް ބޫޓަށް އަރައިގެން ފަރިފަރިކޮށް ހިނގާފައި ދޮރާ ދިމާލަށް ދިޔައެވެ.

****

ސާރާ ފެނުމުން ބާޒިލްއަށް ލިބުނީ ހައިރާންކަމެވެ. ސާރާގެ ނިޔަތް ރަނގަޅުނަމަ އެ ދަރަޖައަށް މީހާ ތައްޔާރުވެގެން ނުހުންނާނެއެވެ. އެފަދަ ހިނިތުންވުމެއް ރައްދުކޮށްގެން ނުހުންނާނެއެވެ. ބާޒިލްގެ ގާތުގައި ސާރާ އިށީނެވެ. ކޮނޑާ ކޮނޑުޖެހޭހާ ގާތުގައެވެ. ކައިރީގައި އިށީނދެފައި އެއް ފައި މައްޗަށް އަނެއް ފައި އެއްލިއެވެ. ދެފައިގެ ފަލަމސްގަނޑުން ބޮޑު ބައެއް ހާމަކޮށްލިއެވެ. ބާޒިލް ތެދުވެ ޖެހިންގެން ހުރި ޖޯއްޔަށް ދިޔައެވެ. ސާރާ ބަލައިލުމާއެކު ހުސް ތަށި ދިއްކޮށްލިއެވެ.

"ޖޫސްތަށި ގޯހެއް ނޫން. ޝުކުރިއްޔާ ވަރަށް ބޮޑަށް" ބާޒިލް ބުންޏެވެ.

ސާރާ ތުއި ހިނިތުންވުމެއް ބާޒިލް އާ ބަދަލުކޮށްލިއެވެ. ހުސް ތަށީގައި ހިފާލާފައި ބެހެއްޓީ އޭނާ އިން ދިމާލުން ތިރީގައެވެ. ކުއްލިއަކަށް ސާރާ އެއްލި އަތުން ހިފީ ބާޒިލްގެ އަތުގައެވެ.

"ގައިގަ އަތްނުލާ ތިކިޔަން އުޅޭ އެއްޗެއް ކިޔާ" ބާޒިލް ބުންޏެވެ.

ސާރާ ހިނިގަނޑެއް ޖަހާލިއެވެ. އެ ހިނިތުންވުން މަޑުމަޑުން ފަނޑުވެގެން ގޮސް އޭނާގެ ދެލޯ ވަގުކޮށްލިއެވެ. ވަރުގަދަ މަޅިއެއްގައި މިރޭ ބާޒިލް ނުޖައްސުވާނެ ގޮތެއް ނޯންނާނެއޭ އޭނާގެ ހިތް ބުންޏެވެ.

"ޒެއްލުއަށް އެންމެ މީރު ބުލޫބެރީ ޖޫސް. މީރު ދޯ" ސާރާ ބުންޏެވެ.

"ނޫން. ތިކަން ބަދަލުވެއްޖެ. މިހާރު އަހަރެންގެ އަނބިމީހާ އަތުން ހަދާފަ ދޭ ކޮންމެ ބުއިމެއް އަހަންނަށް މީރުވާނީ. ތިއީ މާ ކުރީގެ ކަމެއްނު" ބާޒިލް ބުންޏެވެ.

ސާރާ ކައިރިއަށް އައީ ރުޅިއައެވެ. ދެބުމަ ވަށްކޮށްގެން ބާޒިލްއަށް ބަލަން އިނެވެ.

"އަހަރެން މިގެއަށް ޒެއްލު ގެނައީ ތިގެންގުޅޭ އަނބިމީހާގެ ވާހަކަތައް އަހާކަށް ނޫން" ސާރާ ބުންޏެވެ.

"ދެން އެހެންވިއްޔާ ކިޔާބަލަ. ބުނަން". އަހަރެން ނުޖެހޭނެ ސާރާ ބުނާހާ ވާހަކަތަކެއް އަހަން މިތަނުގަ އިންނާކަށް. އަހަރެން ދޭނީ ފަސްމިނެޓް" ބާޒިލް ބުންޏެވެ.

"މި ތަށީގައި އެވަރުން އަހަރެން ހަދާދިން ޖޫސްތަށި އަނެއްކާ އުކާލީތަ؟ އެހާ އަހަރެންދެކެ ފޫހިވީތަ؟ "ސާރާގެ އަޑަށް މަޑުމޮޅިކަން ގެނުވިއެވެ.

"ޖޫސްތަށި ގޯހެއް ނޫނޭ އަހަންނަށް ބުނެވިއްޖެއްނު. ބީރުތަ؟ ހެހެހެ... " ބާޒިލް ބުންޏެވެ.

ސާރާގެ މޫނަށް ބާޒިލް ބަލައިލިއެވެ. ކަންބޮޑުވުމެއް ސާރާގެ މޫނުން ފެނިލިހެން ބާޒިލްއަށް ހީވިއެވެ.

"ކިހިނެއްވީ؟ އެއްޗެއް އަޅާފަ ހުރީތަ؟ ހާދަ ފާޑެއްގެ ގޮތެއް ތިވީ؟" ބާޒިލް ބުންޏެވެ.

"ވަރަށް ސްމާޓް..." ސާރާ ހިނިގަނޑެއް ޖަހާލިއެވެ.

"ވަޓް ޔޫ ތިންކް؟" ބާޒިލް ބުންޏެވެ.

"ޕްލޭން ބީ ވެސް އެބައިނޭ" ސާރާ ބުންޏެވެ.

"ހެހެހެ... މިރޭ އަހަރެން ކުޅޭ ޑްރާމާ ބަލާލަންވީނު" ބާޒިލް ބުންޏެވެ.

ސާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތުން ބާޒިލްއަށް ހެވުނެވެ. އިތުރަށް ސާރާއަށް ފުރުސަތެއް ނެތެވެ. ޖޯލިން ތެދުވެ ދެކޮޅަށް ހިނގާލިތަނާ އެއީ ބާޒިލްއަށް ފޯނު އައި ވަގުތެވެ. ބާޒިލް ކަންފަތުގައި ފޯނު ޖައްސާލިއެވެ. ސާރާ ބަހެއް ނުކިޔާ އިނީ އެއީ ހަގީގަތުގައިވެސް ބާޒިލްއަށް އައި ކޯލެއް ކަމަށް ހީކޮށްފައެވެ. ހިނދުކޮޅަކަށް ނަމަވެސް ސާރާގެ ނޭވާ އަވަސްވިއެވެ. އޭނާގެ ރޭވުންގަނޑު އެކޮޅުކޮޅުން ޖެހޭކަށް ބޭނުމެއް ނުވެއެވެ. ރޭވުމެއްގެ ތެރެއިން ބާޒިލް ކުރަން އުޅޭ ކަމެއްގެ ހިލަމެއްވެސް ސާރާއަށް ނުވެއެވެ. ފޯނުގައި ކޮޅަށް ހުރި ބާޒިލްގެ ފަހަތުން ސާރާ އައެވެ. މިފަދަ ފުރުސަތެއް ދެން އޭނާއަށް ނުލިބިދާނޭ ހީވިއެވެ. ޖޫސްތަށި ބާޒިލް ނުބޯކަން ޔަގީންވިއެވެ. އޭނާގެ އަތްދަބަހުގައި އޮތް ސިރިންޖު ނުނެގެނީސް ދޮރާށި ހުޅުވާލިތަން ފެނުނެވެ. ސިހިފައި ސާރާ އަތުން ސިރިންޖު ދޫވެ ވެއްޓުނީ ބިންމައްޗަށެވެ.

"ހެހެހެ... އަހަރެންގެ ސްމާޓުކަން ސާރާއަށް ތިއެނުގުނީ ހާދަ ފަހުންނޭ" ބާޒިލްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ގަބޫލުނުކުރެވިފައި ސާރާ ހުއްޓެވެ. އޭނާއަށް ބެލެނީ ރައްޔާނާއެކު ފުލުހުންގެ ޔުނީފޯމުގައި ތި ބި ދެ އަންހެން ފުލުހުންނަށްށެވެ.

"އަހަރެން ދަނީ. ދެން އޮތް ބައި ކުރިއަށް ގެންދާނީ ކަލޭމެން. ވަރަށް ރަނގަޅަށް މުޅި ގެއާ މީނަ ގެންގުޅޭ ދަބަސްތަކާ ކޮޓަރި ބަލާފާސްކުރާތި. މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކަލޭމެންނަށް އެހީއަކަށް ވާނެ ކިތަންމެ ހެއްކެއް ފެންނާނެ. ފުރަތަމަ ހެކި އެ އޮތީ އޭނަގެ ފައި ކައިރީގަ ވެއްޓިފަ" ބާޒިލް ހީލާފައި ދޮރާށި ހުޅުވާލާފައި ނިކުތެވެ. މިވަނީ ކީއްކަމެއް ނޭނގި ސާރާއަށް ގޮވާލެވުނީ ސިހާމާ އަށެވެ.

****

ގެއަށް އައުމުގެ ކުރިން ބޯ ހަމަޖައްސާލަން ބާޒިލް ދިޔައީ ދުއްވާލާށެވެ. މިރޭ އޭނާގެ ހިތަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން ލިބިއްޖެއެވެ. އޭނާ ސައިކަލުގައި ގޮސް މަޑުކޮށްލީ ބަނދަރަށެވެ. ސައިކަލު ބަހައްޓާފައި މަޑުމަޑުން ހިނގާލާފައި ގޮސް އޭނާ އިށީނީ ބެންޗެއްގައެވެ. ރޭގަނޑަށް ހިނގަން ނިކުމެ އުޅޭ މެދު އުމުރުގެ މީހުންނާއި ޒުވާން އަންހެންކުދިން އެވަގުތު ބަނދަރުމަތީގައި ގިނައެވެ. ހިތްގައިމު ވަރަކަށް ވައިރޯޅި ވަމުން ދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ބާޒިލް މެސެޖުކޮށްލީ ރައްޔާނަށެވެ. ހަމައެކަނި އަޕްޑޭޓެއް ބަލައިލުމަށެވެ. ސިހާމާ އާއި ސާރާ ޕޮލިސް ސްޓޭޝަނަށް ގެނެވިއްޖެކަމަށް ބުނުމުން ބާޒިލްއަށް ހެވުނެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން އިނދެފައި ދާން އުޅުނު ވަގުތު އެދިމާލަށް އަންނަ މައިންބަފައިން ފެނުނެވެ. ރޭގަނޑު ކެއުމުގެ ފަހުން ބައެއް ރޭތަކުގައި މައިންބަފައިން ހިނގަން ނިކުންނަކަން ބާޒިލް ހަނދާންވިއެވެ. އޭނާ އިނީ އެމީހުން ކައިރިވަންދެކަށެވެ.

"ޒެއްލު ތަ؟" ދިމާލަށް ކޮޅަށް ހުރި ބާޒިލް ފުރަތަމަ އަޅައިގަތީ މައުސޫމާގެ ލޮލުގައެވެ.

"ޔަގީނެއްނު. އެއީ މަގޭ އަނބިމީހާ މަށަށް ދިން ދަރި ބާޒިލު" ޒިޔާދު ބުންޏެވެ.

ކައިރިއަށް އައުމާއެކު ބާޒިލް ފުރަތަމަވެސް މައުސޫމާގެ ގައިގައި ބައްދާލިއެވެ. ޒިޔާދުވެސް ހުރީ ހައިރާންވެފައެވެ.

"އަނެއްކާ ކިހިނެއްވީ؟ ކޮންކަހަލަ ހަބަރެއް ލިބުނީ؟" ޒިޔާދު ބުންޏެވެ.

"އާދެބަލަ އިށީންނަން. ނަސީބެއް މިތަނުން މަންމަމެންނާ ދިމާވިކަން" ބާޒިލް ބުންޏެވެ.

ކުރިން ބާޒިލް އިން ބެންޗުގައި ތިންމައިން އިށީނެވެ. ބާޒިލް އިނީ މެދުގައެވެ.

" މެލީ ބަތް ތަށި ހުސްކުރިތަ؟" ބާޒިލް އަހާލިއެވެ.

"ޒޭބާ ވަރަށް މަސައްކަތްކުރި. މިއަދު ވަރަށް ފާޑަކަށް އިން ދުވަހެއް. ޒެއްލު މިކަހަލަ ތަނަކަށް އަންނައިރު އެމަންޖެވެސް ގޮވައިގެން އައި ނަމައެއްނު" މައުސޫމާ ބުންޏެވެ.

"މިއީ އަނެއްހެން އައި އައުމެއް ނޫނޭ. މަންމެންނަށް އެނގޭތަ؟" ބާޒިލް ކިޔައިދޭން ފެށިއެވެ.

"ތިއީ ވަރަށް ދެރަ ހަބަރެއް. އެހެންވެތާ ދެންމެ އައި އިރު އެގޭ ކައިރީގަ މާ މީހުން ގިނަވެފަ ތިބީ. މަންމަ އެތަނާ ކައިރިކޮށްލަން އުޅެންފެށީމަ ބައްޕަ ބުނެފި ދާނެ ކަމެއްނެތޭ" މައުސޫމާ ބުންޏެވެ.

"އެމީހުން މެލީއަށް ދޭން އުޅުނު ދެރައިން މެލީ ސަލާމަތް ކުރައްވައިފި. އަލްހަމްދުލިއްލާހް" ބާޒިލް ބުންޏެވެ.

"ސިހާމާއަކީ ގޯސް މީހެއް ނޫން. ސާރާ ދޮންފުތު ކުރަން ހަދައިގެން އޭނާ އަމިއްލައަށް ބުއި ބޮނޑިއެއް. ދެންވެސް ހެޔޮ ވިސްނުން ލިބުނިއްޔާ ކިތަންމެހާވެސް ރަނގަޅު" މައުސޫމާ ބުންޏެވެ.

އެއީ ބާޒިލްއަށް ފޯނު ކޯލެއް ލިބުނު ވަގުތެވެ. ގުޅަނީ އައްޒާމް ކަން އެނގުމުން އޭނާ ވަގުތުން ފޯނަށް ޖަވާބުދިނެވެ.

"އެމީހުން މެލީއަށް ދޭން އުޅުނު ދެރައިން މެލީ ސަލާމަތް ކުރައްވައިފި. އަލްހަމްދުލިއްލާހް" ބާޒިލް ބުންޏެވެ.

އެއީ ބާޒިލްއަށް ފޯނު ކޯލެއް ލިބުނު ވަގުތެވެ. ގުޅަނީ އައްޒާމް ކަން އެނގުމުން އޭނާ ވަގުތުން ފޯނަށް ޖަވާބުދިނެވެ.

މެލީ ބައްޕަ އެގުޅީ. އެގެއަށް ޖައްސާލަބަލާށޯ" ފޯނު ކަނޑާލާފައި ބާޒިލް ބުންޏެވެ.

"އަވަހަށް ދޭ. ބޮޑުކަމަކު އެގޮތަށް އަންނަން ބުނާނީ" ޒިޔާދު ބުންޏެވެ.

****

ސަލާމް ގޮވާލުމާއެކު ތަބައްސުމް ސަލާމް ބަލައިގެންފިއެވެ. ބާޒިލް އެތެރެއަށް ވަދެގެން ގޮސް ގޮނޑީގައި އިށީނެވެ. މޭޒު ކައިރީގައި މައިލީންގެ ދެމަފިރިންނާއި އައްޒާމް އިނެވެ. ކޮންމެ މީހެއް ކައިރީގައި ކޮފީ ތައްޓެއް ހުއްޓެވެ. ތަބައްސުމް ބާޒިލްއަށް ވެސް ކޮފީ ތައްޓެއް ގެނެސްދިނެވެ.

"ތި ތިބީ ދެ ދަރީން އެއްތަންވެފަ. ދަރިފުޅު ދެން ފަށާބަލަ" އައްޒާމް ބުނީ އަހަދުﷲ އަށެވެ.

"ހައި.." އަހަދުﷲ ބާޒިލްއަށް ބުންޏެވެ. އަހަދުﷲ އާއި ބާޒިލް އާ ދެމެދު އަދި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އެކަކު އަނެކަކަށް އަދިވެސް ބީރައްޓެއްސެވެ.

"މެލީގެ ވާހަކަ ދައްކަން މިއުޅެނީ" އަހަދުﷲ ބުންޏެވެ. ހީލަމުން ބާޒިލް ބޯޖަހާލިއެވެ.

"ތިގޭގަ އުޅެން ފެށިފަހުން މެލީއަށް ވަރަށް ބަދަލުތައް އަންނަން ފަށައިފި. މެލީ ހަނދާންއެބަވޭ ކޮންމެސް ވަރަކަށް. ބާޒިލް ވީ ކަމެއްކުރަން މިރޭ ނޫނީ މާދަމާ ވިޔަސް" އަހަދުﷲ ބުންޏެވެ.

"ބުނޭ" ބާޒިލް ބުންޏެވެ.

"ކޮންމެސް ވަރަކަށް މެލީއަށް ކިޔައިދޭންވީ. ބުނެދޭންވީ ކުރީގެ ވާހަކަތައް. މެލީ ރިއެކްޓްކުރާ ގޮތް ޖެހޭނެ ވަރަށް ރަނގަޅަށް ބަލަން. ބޭސް ހުންނާނެ. ބާޒިލްއަށް މިހާރު އެނގޭނެ މެލީގެ ބޭސްތައް ވަކިކޮށް ކާންދޭންޖެހޭ ގޮތް" އަހަދުﷲ ވާހަކަދެއްކިއެވެ.

"އާނ ދޮނާ ކިޔައިދިން" ބާޒިލް ބުންނެވެ.

"މާދަމާ ނައިންގަ މެލީ ގޮވައިގެން ފުރަންޖެހޭނެ އަތޮޅު ހޮސްޕިޓަލަށް ދާން. އެކޮޅުން ބައްދަލުކުރާނެ ޑޮކްޓަރ ވިޖޭ. އޭނައަށް ވަރަށް ރަނގަޅަށް މެލީގެ ކޭސް އެނގޭނެ. ސީޓީއެއް ހައްދާލާފަ ދެކުދީން ވަގުތުކޮޅެއް ހޭދަކޮށްލާފަ އާދޭ. އާޖެންޓް ކަމެއް ދިމާވިއްޔާ މަށަށް ގުޅާލާ. މިއީ އަހަރެމެން އެންމެން އުފާކުރަންވީ ވަގުތު. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވޭ. މެލީއަށް މިހާރު އެބައެނގޭ އަމިއްލައަށް ނޯމަލްވާން. އަސްލު މެލީ ވަރަށް ހިތްވަރު އެބަކުރޭ. އެ ހަނދާންތައް އަންނައިރު އުނދަގޫތަކެއް ވާނެ. ހިތުގަ ވަރަށް ސުވާލު އުފެދޭނެ. އިތުރަށް ވިސްނާނެ. ސިކުނޑިއަށް ވަރަށް ބާރުލާނެ. އެއިން އެއްވެސްކަމެއް މެލީ އަހަރެމެންނަށް ނާންގާ ކޮންޓްރޯލް ކުރޭ އެބަ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ދެން އޮތީ ކުރީގެ ހަނދާނަކާ ގުޅުވައިގެން މެލީ ސުވާލެއް ކުރިއްޔާ ހަމަ ސީދާ ތެދުތެދަށް ޖަވާބުދޭންވީ. އެއްވެސް ކަމަކާ ފަސްޖެހޭނެ ކަމެއް ނެތް" އަހަދުﷲ ހުރިހާ އެންމެންނަށް އިރުޝާދު ދެމުން ދިޔައެވެ.

"އަދި ހަމައެކަނި ކައިވެންޏާ ގުޅޭ ސުވާލެއް ކުރަނީ. މިރޭވެސް ކާން އިނދެފަ އަހާލި ތިމަންނަ ކުރިން މީހަކާ އިން ދޯ އޭ. އެއީ ބާޒިލް ހެއްޔޭ" ބާޒިލް ބުންޏެވެ.

"ނޫނޭ. ކުރީ ދުވަހެއްގެ ހިބާ އާއި ލައިބާ އާ ދެކުދިން ސަފޫރާގޯތި ނައުޝާދުގެ ވާހަކަ ފެށީމަވެސް މެލީ ކުރީގެ ވާހަކަތަކެއް ދެއްކި" ތަބައްސުމް ބުންޏެވެ.

"އަޅުގަނޑުމެންގެ ވެޑިން އޮތް ރޭގަވެސް ވީގޮތް ޔާނު ކިޔައިދިން. ވަރަށް ގުޅާގުޅާކޮށް މިހާރު ކުރީގެ ވާހަކަތައް ދައްކަނީ" މައިލީން ބުންޏެވެ.

"އެއީ ހަނދާންތައް އިއާދަވާން އުޅޭކަމުގެ އަލާމަތްތައް. ހަނދާންތައް އާވުމުގެ އެކި މަރުހަލާތައް އެދަނީ. ﷲ އިރާދަކުރެއްވިއްޔާ މެލީގެ ނަސީބު ވަރަށް ރަނގަޅު. ހަނދާންތަކާ ދުރުގަ މެލީ މާގިނަ ދުވަހު ދިރިއުޅޭކަށް ނުޖެހުނު" އަހަދުﷲ ބުންޏެވެ.

"ﷲ އަށް ހަމްދުހުރި. އެހެންއެވީ އަހަރެންގެ ދަރިފުޅު މާބޮޑަށް ހިތްހަމަވެސްޖެހުނީމަ" އައްޒާމް ބުންޏެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ.

"ދަރިފުޅު ފަދަ ބައިވެރިއެއް މެލީއަށް ދެއްވި ކަމަށްޓަކައި ބައްޕަ ﷲ އަށް ހަމްދުކުރަން. އަބަދުވެސް ތިގޮތުގަ ދެމިހުންނާތީ. އެންމެ ހިނދުކޮޅަކަށްވެސް މެލީ ދުރުކޮށްނުލާތި" އައްޒާމް ބާޒިލްގެ ގައިގައި ބައްދާލިއެވެ.

****

ބާޒިލްއަށް ގެއަށް އާދެވުނުއިރު ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ. ސިޓިނގރޫމުން އެއްވެސް މީހަކު ފެންނަން ނެތެވެ. ޓީވީ ހުޅުވާފައި ހުރިއިރު ދީނީ ޕްރޮގްރާމެއް ގެނެސްދެމުން ދިޔައެވެ. ބާޒިލް ސޯފާގައި އިށީނެވެ. ޓީވީއަށް ސަމާލުކަންދީގެން އިނދެފައި އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ރައްޔާނުގެ މެސެޖެއް އައިސްފައި އޮތެވެ. އޭނާ އޮތީ ވަގުތު އޮތިއްޔާ ގުޅާލުމަށް އެދިފައެވެ. ބާޒިލް ވަގުތުން ރައްޔާނަށް ގުޅާލިއެވެ.

"ކީކޭ؟ ކޮބާ އެމީހުން؟ ހައްޔަރުކުރީތަ؟" ބާޒިލް އަހާލިއެވެ.

"އާނ. ސައްވިސް ގަޑިއިރަށް ވައްދާފަ ތިބޭނީ. މާދަމާ ކޯޓަށް ގެންދާނީ. ދެ އަންހެނުން ނުކުރޭ އެހެންކަމެއް. ރުއިން ހުއްޓާވެސްނުލާ. މިތާ ތިބި ބައެއްފަހުން ގެނބިގެން ސަލާމަތް ނުވެވޭވަރަށް ދެލޮލުން ފެން ބާލައިފި" ރައްޔާނު ބުންޏެވެ.

"ދެން ގެނބޭނީ އޭ ކިޔާފަ ވެއްދި ދޮރުން ނެރޭނީއެއް ނޫން. އެއީއްނު ކަލޭމެން އާންމުކޮށް ކަންކުރާ ގޮތަކީ" ބާޒިލް ބުންޏެވެ.

"އަހަރެމެން ނޫޅެން ނެރޭކަށް. ގާޒީ ނިންމާ ގޮތަކީ އަހަރެމެންނަށް ފާޑުކިޔޭނެ ކަމެއްނޫން" ރައްޔާން ބުންޏެވެ.

"ކަލެއަށް އެނގޭތަ. އޭނާގެ ކޮޓަރީގަ ސިއްރު ކެމެރާތައް އެބަހުރި. ބޭސްތަކާ އިންޖެކްޝަންތަކާ ސިރިންޖުތައްވެސް އެބަހުރި. ބޭސްތައް ފެނުނީ ސިހާމައްތަގެ ކޮޓަރިން. ސާރާ އުޅުނީ މިރޭ ހަމަ ކަލޭ ކަމެއްގަ ބައްދާލަން" ރައްޔާނު ބުންޏެވެ.

"އެހެން ކިހިނެއް އެނގެނީ. ސާރާ ބުނީތަ އެހެން" ބާޒިލް އަހާލިއެވެ.

"ކޮންތާކު. އަދި މިއުޅެނީ އެކަކުވެސް އަނގައިން ނުބުނެގެން ބަޔާނެއްވެސް ނުނެގިގެން" ރައްޔާނު ބުންޏެވެ.

"އަދި ބުނާނެ. އެހެން ނުތިބެވޭނެއްނު. ބިރުދައްކާލާ" ބާޒިލް ބުންޏެވެ.

"މަ ކަލެއަށް އަޕްޑޭޓެއް ދޭނަން މާދަމާ"

ފޯނު ނަގާފައި ބާޒިލް ފުން ނޭވައެއް ދޫކޮށްލިއެވެ. ސާރާ އާ އެކު މާޒީގައި ހޭދަކުރެވުނު ދުވަސްތަކުގެ މަތިން އޭނާ ހިތަށް އެރިއެވެ. އޭރު ސާރާ އެއީ އެކަހަލަ އަންހެނެއް ނޫނެވެ. ސާރާ އެދަރަޖައަށް ބަދަލުވާންޖެހުނީ ހަމައެކަނި އޭނާގެ ސަބަބުން ހެންޔެވެ؟ ހިތަށް އަރަން ފެށީ އެއްޗެހިން ބާޒިލްއަށް އުނދަގުވިއެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް މިހާރު އޭނާގެ ކޮންމެ އަމަލެއްގައި ހެޔޮގޮތް ވާނެކަން ހެއްދެވިފަރާތް ދެނެވޮޑިގެންވާނޭކަން ހަނދާންވުމުން ހިތަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އޭނާ ސާރާ ދޫކޮށްލާފައި އަނބިމީހާއަށް ހުރިހާ ވަގުތެއް ހުސްކުރީ އަމިއްލަ ނަފްސު އިސްލާހު ކުރުމަށްޓަކައެވެ. އެހެންވީމަ އެއްވެސް ކަމަކާ އޭނާ ޒިންމާވާކަށް ނުޖެހޭނެއެވެ. ސާރާ ކުރި ކަމެއްގެ ފާފަ އެޅޭނީ ސާރާގެ ބޮލުގައެވެ.

"މެލީ ކޮބާ؟ މިހުރިހާއިރު ހަބަރެއްވެސް ނުވޭ" ބާޒިލް ހިތަށް އެރިއެވެ.

ކޮޓަރިއަށް ދާން އުޅެނިކޮށް ކޮޓަރިއެއްގެ ދޮރުހުޅުވާލި އަޑު އިވުނެވެ. އޭނާ ފަހަތަށް ބަލައިލިއެވެ. ނިދާ ހެދުމުގެ މަތިން ކަޅުކުލައިގެ ޖެކެޓަކާއި ހަމަ އެކުލައިގެ ކުޑަ ބުރުގާކޮޅެއް އަޅައިގެން އެނިކުތީ މެލެކް އެވެ. ބާޒިލް އެދިމާލަށް ހިނގައިގަތެވެ. މެލެކް އަށް ބާޒިލް ފެނުމުން ބަލަން ހުރީ ފާޑަކަށެވެ. މެލެކްގެ މޫނުމަތިން ފާޅުވާން ހުރި އަސަރުތައް ދިރާސާ ކުރަން އުޅޭ ކަހަލަ ގޮތަކަށް ދެލޯ ކުޑަކޮށްލިއެވެ. މެލެކް ވަގުތުން ބާޒިލް އާ ނަޒަރު ބަދަލުކޮށްލިއެވެ.

"މަގޭ ކަމަނަ ކޮންތާކަށް ދާން ތި ނިކުންނަނީ؟" ބާޒިލް މެލެކް އާ އަރާހަމަވެފައި ބުންޏެވެ. އޭނާ މެލެކްގެ އަތްތިލައިގައި ހިފާލިއެވެ.

" ބާޒިލް ކޮންތާކު ތިއުޅެނީ؟ " މެލެކް ބުންޏެވެ.

"ސޮރީ ދޫންޏާ. ބޮޑު އޮޕަރޭޝަނެއް ނިންމާލާފަ މިއައީ" ބާޒިލް ބުންޏެވެ.

"އޮޕަރޭޝަނެކޭ. ކާކުގެ" މެލެކްގެ އަޑުގައި ހައިރާންވިއެވެ.

"މިރަށު ޕޮލިހުންނާއެކު ދެ ކުށްވެރިން ހައްޔަރުކުރަން އެހީވެދިން ވާހަކަ މިބުނީ" ބާޒިލް ބުންޏެވެ.

"މިރަށު ޕޮލިހުން މަދީތަ؟ ޔާނު އެކަނި ނިކުތަސް ޔަގީން މިރަށު އެންމެ ކުށްވެރިއެއްވެސް ނުބަހައްޓާނެކަން" މެލެކް ބުންޏެވެ.

"ކޮންމެހެން ރައްޔާނުގެ މޮޅުކަމެއް ނޫނޭ އެއީ... ހިނގާ ކޮޓަރިއަށް ދާން" ބާޒިލް ބުންޏެވެ.

މެލެކް ހިނިއައެވެ. ރައްޔާނުގެ ވާހަކަދައްކައިގެން ބަހުސެއް ކުރަން ބާޒިލް ބޭނުންނުވީކަން އެނގުމުން މެލެކްވެސް ހުއްޓާލިއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟ " މެލެކް ބުންޏެވެ.

ބާޒިލް ބަލައިލިއެވެ.

"އަހަރެން ބޭނުންވަނީ ތެދުތެދަށް ޖަވާބުދޭން. އަހަންނަށް އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެ. ދެންމެ ނިދިޖެހިފަ އޮތް ގަޑީގަ ފާޑެއްގެ ހުވަފެނެއް ފެނިއްޖެ. ބާޒިލް ގެ" މެލެކް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟