ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 17

8

ރިސޯޓްގެ ޖެޓީގައި ހުރި ޕެވީލިއަންގައި ޒޯހަން މަޑުކޮށްލައިގެން ހުރީ ފުރޭނެ އިރެއްގެ އިންތިޒާރުގައެވެ. އުޑުމަތި ބައްދާލާފައި އޮތް ކަޅު ވިލާތަކާއި ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކަށް އޭނަގެ ސަމާލުކަމެއް ނެތެވެ. ކަނޑުގައި ގަދަވެފައިވި ބާނީތަކަށް ޒޯހަން ބަލަމުން ދިޔައީ ވިސްނުމަކަށް ގެއްލިފައެވެ. ވަށައިގެން އޮތް މާހައުލަށް ކުޑަމީސް ސަމާލުކަމެއް ނެތެވެ. އޭނަގެ ސިކުނޑިއަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އައިރާގެ މިޒާޖަށް އައި ކުއްލި ބަދަލުން ޒޯހަން ހާސްކޮށްލައިފިއެވެ. މިއަދު ކޮންމެހެން ވެސް މާލެ ދާން ޒޯހަން ބޭނުން ވިއެވެ. ހެނދުނުއްސުރެން އައިރާގެ ޚަބަރެއް ވީކީއެއް ނޫނެވެ. އޭނަގެ މެސެޖުތަކަށް ވެސް ޖަވާބެއް ދީފައި ނެތެވެ. އެކަމާއި ވިސްނަން ހަދައިގެން ގޮސް ބޮލަށް ބަރުވެއްޖެއެވެ. އެއްފަޅީގައި ގަދަ ރިހުމެއް އުފެދުނެވެ. ކަންބޮޑުވެފައި ހުރިވަރުން މީހާގެ ހަމަޖެހުން ވެސް ގެއްލިގެން ގޮސްފިއެވެ.

އައިރާގެ ޚަބަރެއް ހޯދާނެ ގޮތަކާ މެދު ޒޯހަންއަށް ވިސްނާލެވުނެވެ. އެއާއެކު އިތުރު ހާސްކަމެއް ލިބުނެވެ. އެދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭ ކަމުގެ ހިލަން އެއްވެސް މީހަކަށް ވާން ޒޯހަން ބޭނުން ނުވިއެވެ. ޚުދު އޭނަ ވެސް އެވަނީ ސުވާލުމާކެއްގެ ތެރޭގައެވެ. އިތުރު މީހަކަށް ގުޅައިގެން އައިރާގެ ޚަބަރު އޮޅުން ފިލުވަން ހަދައިފިނަމަ ސުވާލު އުފެދިދާނެއެވެ. އެސުވާލުތަކަށް އޭނަ ޖަވާބުދޭނީ ކިހިނެއް ހެއްޔެވެ؟

ޒޯހަންއަށް އޭނަގެ މޫނުގައި އަތްތިލަ ހިންގާލެވުނެވެ. ގޮނޑީގައި އިންނަން އުނދަގޫވުމުން ކޮޅަށް ތެދުވެވުނެވެ. އޭނަ ދިޔައީ ފާލަމުގައި ބަނދެފައި އޮތް ލޯންޗުގެ ފަޅުވެރިން ކައިރިއަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދަށް ތާވަލު ކުރެވުނު ސީޕްލޭން ވަނީ ކެންސަލް ވެފައެވެ. ނަމަވެސް އިތުރު އެންމެ ދުވަހަކަށް ވެސް މަޑުކުރަން ބޭނުން ނުވާތީ ޑޮމެސްޓިކުން ޒޯހަން ވަނީ ޓިކެޓު ނަގާފައެވެ. ކޮންމެ ފަދަ ހާލެއްގައި ވެސް މާލެ ދާން ޒޯހަން ހުރީ އަޒުމުކަނޑަޅައިގެންނެވެ. އައިރާގެ ގާތަށް ދެވުމުން ނޫނީ އެހިތަށް ދެން ހަމަޖެހުމެއް ނުލިބޭނެއެވެ. އައިރާއަށް އައި ކުއްލި ބަދަލުގެ ފަހަތުގައިވާ ސަބަބު ހޯދަން ޒޯހަންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ.

''އަދި ކިހާއިރެއް ވާނެތަ؟...'' ޒޯހަން ގޮސް ސުވާލުކޮށްލީ ލޯންޗުގެ ކައްޕިއާއެވެ. ގަދަވެފައި އޮތް ކަނޑަށް ބަލަން ހުރެފައި ޒޯހަންއާއި ދިމާއަށް ކައްޕި އެބުރިލިއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ރައްޒާޤު އަކީ ކުޅާދާނަ ކައްޕިއެކެވެ. ގަދަ ކަނޑާއި ވައިގައި ވެސް އޭނަ ދަތުކުރެއެވެ. ނަމަވެސް ބޯމަތިވަމުން އައި ކެރީގެ ތެރެއިން ދަތުރަށް ފުރަން އޭނަ އުޒުރުވެރިވިއެވެ. ޒޯހަންގެ ކެތްތެރިކަން ކުޑަވެފައިވި މޫނަށް ބަލަމުން ރައްޒާޤު ބުނެދިނެވެ.

''ޑޫޑް...'' ޒޯހަން ފުރުވަން ޖެޓީއަށް އައިސް ހުރި ފާޒިލް ގޮސް ޒޯހަންގެ ކޮނޑުގައި ހިފާލަމުން ދުރަށް ގެންދިޔައެވެ. ފަރުވާތެރިކަމާއެކު ޒޯހަންގެ މޫނަށް ނަޒަރު ހިންގާލިއެވެ. ޒޯހަންގެ މިޒާޖަށް އައިސްފައިވި ބަދަލުތަކުން ހައިރާންކަން ލިބިފައިވިއެވެ.

''މި މޫސުމުގަ ފުރުން އެއީ ރަނގަޅު ގޮތެއް ނޫނޭ...'' ފާޒިލް ވިސްނައިދޭން އުޅުނެވެ.

''އެކަކަމު ވެސް ފުރަން ބޭނުން...'' ޒޯހަން ގޮތްދުލެއް ނުކުރިއެވެ.

''ޒާން!، ދާއިރާގެ ތަޖުރިބާ ހުރީ މީހުންގެ ވާހަކަ އަޑުއެހުން ރަނގަޅުވާނީ، ދެރަގޮތެއް ވެއްޖެއްޔާ ވާނީ ކިހިނެއްތަ؟...'' ފާޒިލް ބުންޏެވެ. ''ޒާންގެ ކޮންމެ ނިންމުމަކާ އައިރާ ވެސް ގުޅިފައިވާކަން ހަނދާން ނެތުނީތަ؟، އައިރާ އެއީ ޒާންގެ ދިރިއުޅުގެ ބަޔެކޭ، ޒާންގެ ކެތްތެރިކަން ކުޑަވުމުގެ ނަތީޖާ ގޯސްކޮށް ނިކުމެއްޖެއްޔާ އައިރާއަށް ވާނީ ކިހިނެއްތަ؟، ޗިލް ފޯ އެ މޯމެންޓް އެންޑް ތިންކް...''

ފާޒިލްގެ ވާހަކަތަކާއި މެދު ޒޯހަންއަށް ވިސްނާލެވުނެވެ. އެބުނީ ވެސް ދޮގެއް ނޫނެވެ. އޭނަގެ ސަބަބުން އައިރާއަށް އެއްވެސް ކަހަލަ ހިތާމައެއް ލިބިގެންދާން ޒޯހަންގެ ޒަމީރު އެއްބަހެއް ނުވިއެވެ.

ހަށިފުރާ ދޫކޮށްލި ފުންނޭވާއަށްފަހު، ޒޯހަން ގޮސް ގޮނޑީގައި އިށީނެވެ. ކަކުލުހުޅުގައި އުޅަނބޮށި ވިއްދާލަމުން އަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. ޒޯހަންގެ ހަރަކާތްތަކަށް ބަލަން ހުރި ފާޒިލްއަށް ކަމެއް ގޯސްވެއްޖެކަން އަންގައިދިނީ ޒޯހަންގެ ހަރަކާތްތަކުންނެވެ. ޒޯހަންއާއި ޖެހިގެން ހުސްކޮށް ހުރި ގޮނޑީގައި އޭނަ އިށީނެވެ.

''ޑޫޑް، ވަޓްސް ރޯންގް؟...'' ފާޒިލް އަހާލިއެވެ.

''އައި ޖަސްޓް ވޯން ޓު ލީވް...'' މޫނުގައި ފިރުމާލަމުން ޒޯހަން ވާހަކަދެއްކިއެވެ. ދިރިއުޅުމުގެ ކަންތައް ކޮންމެކޮންމެ މީހަކާއި ޒޯހަން ހިއްސާނުކުރެއެވެ. ވަކިން ހާއްސަކޮށް އޭނަގެ ހާސްކަމާއި އައިރާ ގުޅިފައިވުމުން އެވާހަކަތައް ދައްކަން އުޒުރުވެރިވިއެވެ. ފާޒިލްއަކީ އެކުވެރިޔެއްކަމުގައި ދެކުނަސް ޒޯހަން ހިޔާރުކުރީ ހިމޭންކަމެވެ.

''އޯކޭ... ވެދާ ފޯކާސްޓް ބަލައިލަމާ...'' ފާޒިލް ބުންޏެވެ. އެވަގުތު ޒޯހަންގެ ފޯނަށް މެސެޖެއް އައުމުން އަވަސްއަވަހަށް ޒޯހަން ފޯނު ނެގިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އައިރާ ފޮނުވި މެސެޖަށް ސަމާލުކަން ދިނެވެ. އެއާއެކު ޒޯހަންގެ މޫނުގައިވި އުއްމީދުގެ ކުލަވަރުތައް ފަނޑުވެގެން ދިޔައެވެ. ނިތުގައި ރޫޖެހިލިއެވެ. އެމެސެޖުގެ މާނަ ނަގަންވީ ގޮތެއް ނޭނގި ސިކުނޑި އިތުރަށް ހަލަބޮލިކޮށްލައިފިއެވެ. ޚިޔާލުތަކުގެ މިސްރާބު ގެންދަންވީ ދިމާއެއް ނެނގުނެވެ.

''ސެންޓްރަލް ޕާކް، މިރޭ އަށެއް ޖަހާއިރު...'' މިއަދު އޭނަ ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އައިރާ ފޮނުވި ހަމައެކަނި މެސެޖަކީ އެއީއެވެ. ބައްދަލުކުރަން އެދިފައި އޮތަސް އެކަމުން އުފާވެރިކަމެއް ނުލިބުނެވެ. އެއާ ޚިލާފަށް މީހާއަށް ލިބުނީ އިތުރު ނުތަނަވަސްކަމެވެ. އޭނައަށް ވަގުތުން އައިރާގެ ނަންބަރަށް ގުޅާލެވުނެވެ.

ރިންގު ދިގުލާން ފެށުމުން ޒޯހަން ކޮޅަށް ތެދުވުނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދެކޮޅަށް ހިނގަން ފެށިއެވެ.

ޒޯހަންއަށް ބަލަހައްޓައިގެން ފާޒިލް އިނެވެ. ސުވާލު އުފެދުނަސް އޭނަ އިހުތިޔާރުކުރީ ހިމޭންކަމެވެ. ޒޯހަންއަށް ވަގުތު ދެމުން އޭނަ ދިޔައީ ކައްޕި ކައިރިއަށެވެ.

އައިރާ ފޯނެއް ނުނެގިއެވެ. އަނެއްކާ ވެސް ޒޯހަން ގުޅިއެވެ. ތަކުރާރުކޮށް ގުޅުމުން ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ހާސްކަން ވެރިވެގެން ދިޔަ ސިކުނޑިއަށް އައިރާގެ މެސެޖުގެ މާނަ ދޭހަކުރަން ނުކުޅެދުނެވެ. ހިތަށް ބުނެދޭން ދަތި ބިރުވެރިކަމެއް ސަވާރުވާން ފެށިއެވެ. އިންޒާރުގެ ރަނގަބީލެއްގެ އަޑު ކަންފަތުގައި ގުގުމަން ފެށިއެވެ. ޒޯހަންއަށް އިސްތަށިގަނޑުގައި އަތްތިލަ ހިންގާލެވުނެވެ. އެއާއެކު ރީތިކޮށް ފުނާއަޅާފައި އޮތް އިސްތަށިގަނޑުގެ ތަރުތީބު ގެއްލިގެން ގޮސްފިއެވެ.

''އަރޫ ޕްލީޒް ފޯނު ނަގާބަލަ...'' ޒޯހަން މެސެޖެއް ފޮނުވާލިއެވެ. ސިކުންތުތައް މިނެޓުތަކަށް ބަދަލުވެ ވަގުތު ދިގުލައިގެން ދިޔައެވެ. އައިރާގެ ޖަވާބެއް ނުލިބުނެވެ. ހާސްކަމާއެކު މޫނުގައި ޒޯހަންއަށް ފިރުމާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެންވެސް ހިތަށް ވެރިވެފައިވި އުދާސްކަމާއި ދުރުވެވޭ ގޮތެއް ނުވިއެވެ.

''އޯކޭ، އަށެއް ޖަހާއިރު ދާނަން، އަރޫ ބަލާ ދަންތަ؟...'' ޒޯހަން ލިޔުނެވެ. އިރުކޮޅެއްފަހުން ޒޯހަންގެ ސުވާލަށް ޖަވާބުދީ އައިރާ މެސެޖެއް ފޮނުވިއެވެ.

''ނޫން...'' އެއީ ހަމައެކަނި އައިރާގެ ޖަވާބެވެ. ޒޯހަންއަށް ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް ވެސް ނޭނގުނެވެ. ޤަބޫލުކުރަން ދަތިވެފައިވާކަމުގެ އަސަރުތައް އެމޫނުން ފާޅުވެއެވެ. ގަސްދުގައި އޭނަގެ ފޯނަށް އައިރާ ޖަވާބު ނުދިނީ ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟

އައިރާ ފޮނުވި ކުރު މެސެޖު ޒޯހަންއަށް ކިޔުނު އަދަދެއް ނޭނގުނެވެ. އޭނަގެ ހުށަހެޅުމާއި އައިރާ ދެކޮޅު ހެދުމުން ޒޯހަން ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.

މޫސުން ރަނގަޅުވެ ފުރުމުގެ ހުއްދަ ލިބުމުން ޒޯހަން އުފަލެއް ނުވިއެވެ. ޒޯހަންއަށް ވިސްނެމުން ދިޔައީ އައިރާ ފޮނުވި މެސެޖާއި މެދުގައެވެ. އެދެމެދަށް ވެރިވެގެން ގޮސްފައިވި ދުރުކަން ސަޒާއަކަށް ވެގެން ދިޔައެވެ. އެތައް ސުވާލެއް ސިކުނޑީގައި ފުނިޖެހުނެވެ. ފިކުރުބޮޑުވެ ބޮލުގައި ގަދަޔަށް ރިއްސަން ފަށައިފިއެވެ. ލޯންޗުގައި އިން އިރުގައި ވެސް ޒޯހަންގެ ޚިޔާލުތަކުގެ ވާފަށް ގުޅިފައިވަނީ ހަމައެކަނި އައިރާއާއެވެ. އުފާވެރިކަމުން ގަތަމުން ދިޔަ ލޯބީގެ ދުވަސްތަކަށް ކުއްލިޔަކަށް ވެރިވެގެން އައި ހަނަފަސްކަމުން އޭނަގެ ޒަމީރަށް ސިހުން ގެނުވައިފިއެވެ.

*****

ބާރު ދުވެލީގައި ގޮސް މަތިންދާބޯޓު ރަންވޭ މައްޗަށް ތިރިކޮށްލީ ހަތް ގަޑި ބައިވީ ފަހުންނެވެ. ޒޯހަންގެ ކެތްތެރިކަން ކޮޅުންލައި، ގޮނޑީގައި އިންނަން ވެސް އުނދަގޫ ވާ ހިސާބަށް ގޮސްފިއެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް އަވަސް ނަޒަރެއް ދެވެއެވެ.

ޒޯހަން އިންތިޒާރުކޮށްލައިގެން އިނީ ބޯޓުގެ ދޮރު ހުޅުވާނެ އިރަކަށެވެ. ކުރިމަތީ ހުރި ސީޓުގެ ދަށުން ބެކްޕެކް ވެސް ނަގައިފިއެވެ. ބެކްޕެކް އެތާ ބޭއްވީ ވީހާ ވެސް އަވަހަކަށް ބޯޓުން ފައިބަން ގަސްދުކޮށްގެންނެވެ. ކްރޫގެ ހުއްދަ ލިބުމާއެކު ބޯޓުން އެންމެ ފުރަތަމަ ފޭބީ ވެސް ޒޯހަން އެވެ. ވިއްސާރަ އަލިކޮށްލައި މޫސުން ރަނގަޅު އަތަކަށް އަޅާފައިވުމުން ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

ކޮނޑުގައި ދަބަސް އަޅުވާލަމުން ހަލުވި ފިޔަވަޅުތަކެއްގައި ޒޯހަން ހިނގައިގަތެވެ. ޓެކްސީ ލައިނާއި ހަމައަށް ދިއުމުގެ ކުރިން ޒޯހަން މިސްރާބުޖެހީ މިސްކިތަށް ދިއުމަށެވެ. ނަމާދުކޮށް ނިމުމާއެކު އަތްމަތި އަވަސްކޮށްލިއެވެ. ހަރުކޮށް ހިނގާފައި އޭނަ ޓެކްސީ ކިއުއަށް އަރައިފިއެވެ. ނަސީބު ދިމާކުރި ގޮތުން ގިނަ އިރު ކިއު ލައިނުގައި މަޑުކުރާކަށް ވެސް ނުޖެހުނެވެ. ފަސް ވަރަކަށް މިނެޓް ތެރޭގައި ޓެކްސީއެއް ލިބުނެވެ.

ޓެކްސީގެ ކުރީ ސީޓުގައި ހަމަޖެހިލަމުން ޖިންސުގެ ޖީބުގައި އޮތް ފޯނު ޒޯހަން ނެގިއެވެ. ގަޑިއަށް ނުދެވިދާނެތީ އެކަމުގެ ކަންބޮޑުވުމާއެކު އައިރާއަށް ގުޅާލެވުނެވެ. މިފަހަރު ވެސް އައިރާ ޖަވާބެއް ނުދިނެވެ. ހައިވޭގައި ދުއްވަމުން ދަނިކޮށް ޓެކްސީއަށް ފައިސާ ވެސް ދައްކާލިއެވެ. ޒޯހަންއަށް އިނދެވުނީ މަޑުމަޑުން ފައި ތަޅުވާލަތަޅުވާލައެވެ. މަންޒިލާ ހަމައަށް ދެވެެންދެން ޒޯހަންގެ މޫނުން ފެންނަމުން ދިޔައީ ނުތަނަަވަސްކަމެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު އަވަސްއަވަހަށް ޒޯހަން ކާރުން ފޭބިއެވެ. ޓެކްސީގެ ދޮރު ލައްޕާލަމުން އޭނަ ވަށައިގެން ހޯދާލިއެވެ. މޫސުމުގެ ގޮތުން ޕާކު ފެންނަމުން ދިޔައީ ފަޅުކޮށެވެ. ޒޯހަން ކުރިއަށް ހިނގައިގަތެވެ.

ޒޯހަން ހޯދަމުން ދަނިކޮށް ތަންކޮޅެއް ދުރުގައި ފެންގަނޑާއި ކުރިމަތިވާނެހެން ހުރި ހިލައިގެ ގޮނޑީގައި އިން އައިރާ ފެނިއްޖެއެވެ. ފަސްދީގެން އިންކަމުގައި ވިޔަސް އެއީ އައިރާ ކަން ނަގައިގަންނަން ޒޯހަންއަށް ގިނައިރެއް ބޭނުމެއް ނުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިރާގެ ގާތަށް ޒޯހަންއަށް ދެވުނެވެ. ދެލޮލުގައި ވަނީ ބޭޤަރާރުކަމެވެ. އައިރާ ފެނިލުމުން ހިތަށް ހަމަޖެހުމެއް ލިބުނުކަން ގައިމެވެ.

ޒޯހަންގެ ފިޔަވަޅުތަކުގެ އަޑު އައިރާއަށް އިވުނެވެ. އޭނަ ފަސްއެނބުރި ބަލައި ވެސް ނުލިއެވެ. ޒޯހަންއަށް ބަލައިފިނަމަ އޭނަގެ މަޤުސަދު ހާސިލް ނުކުރެވިދާނެކަމުގެ ބިރު ހިތުގައި އޮތެވެ. އިހުސާސްތައް އޮއްބަން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވެދާނެތީ ވެސް އައިރާ އިނީ ފިކުރުބޮޑުވެފައެވެ. ޒޯހަންގެ ކުރިމަތީގައި ކަރުނަ އަޅައި ރުއިމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އޭރުން ޒޯހަންގެ ސުވާލުތައް ކުރިމަތިވާނެއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް ވެސް އޭނަގެ އަތުގައި ނެތެވެ. ކެތްތެރިވުން ނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. އޭނަގެ ނަސީބުގައި ޒޯހަންގެ ލޯބި ލިޔެވިފައި ނެތެވެ. އޭނަގެ ބަދުނަސީބާ މެދު ލޮލުން ލޭކަރުނަ ފައިބާހާ ވިއެވެ. އެސްފިޔަތައް އަވަސްއަވަހަށް ތަޅުވާލެވުނީ ރޮވިދާނެތީއެވެ. ފުންނޭވަތަކެއް ދޫކޮށްލަމުން ހަމައަކަށް އެޅިލަން އައިރާ މަސައްކަތްކުރިއެވެ. ހަޔާތުގެ މި ބާބު ނިމުނުހާ އަވަހަކަށް ދެހިތުގެ ޒަހަމްތައް ފަސޭހަވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އައިރާގެ ވިސްނުމުގައި އެއީ އެންމެ ރަނގަޅު ގޮތެވެ. ލޯތްބާއި ދުރުވާން ގަސްދުކުރީ ވެސް އެސަބަބާ ހުރެއެވެ.

''އަރޫ...'' ޒޯހަން ގޮވާލިއެވެ. އޭނައަށް ހުރީ މައިނޭވާ ލެވިފައެވެ. ފުން ނޭވާތަކެއް ދޫކޮށްލަމުން ހިލައިގެ ގޮނޑީގައި ޒޯހަން އިށީނެވެ. އައިރާގެ މޫނަށް ޒޯހަން ފުން ނަޒަރެއް ދިނެވެ. އެގަޑީގައި އައިރާ އަވިއައިނު އަޅައިގެން ހުރުމުން ހައިރާންކަން ލިބުނެވެ. އިސްއޮބާލައިގެން އިނުމުން އެމޫނުގެ ކުލަވަރުތައް ރަނގަޅަށް ދޭހައެއް ވެސް ނުކުރެވުނެވެ. ޒޯހަންގެ ހިތް ތެޅިލި އެވެ. މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އައިރާގެ ހިމޭންކަމުން ޒޯހަންއަށް އުނދަގޫ ވިއެވެ. އޭނަ ފެނުމުން އައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެސް ވެރިވެގެން ނުދިޔައެވެ. އެ ރީތި މޫނުން އުފާވެރިކަން ވެސް ފާޅެއްނުވިއެވެ.

ބޯއަރިކޮށް އައިރާގެ މޫނަށް ބަލަން ޒޯހަން މަސައްކަތްކުރިއެވެ. އެވަގުތު އައިރާ ދުރަށް ޖެހިލިއެވެ. ރުވާފަ ދޫކޮށްލި ތީރެއްގެ ސިފައިފައި އައިރާގެ ދުރުކަން އައިސް ޒޯހަންގެ ހިތުގެ އެންމެ ފުނަށް ހެރިގެން ދިޔައެވެ. އެވޭނުގެ އަސަރު މެޔަށް ފޭދުނު ހިނދު ޒޯހަން ބިރުގަންނަ ގޮތް ވެސް ވެއްޖެއެވެ.

''އަރޫ؟...'' ދެވަނަ ފަހަރަށް އައިރާއަށް ޒޯހަން ގޮވާލިއެވެ.

އައިރާ އިސްއުފުލައި ބަލައި ވެސް ނުލިއެވެ. އޭގެ ސަބަބުން ޒޯހަންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

ބަހެއް ވެސް ބުނުމެއް ނެތި އައިރާ އަދްދަބަހުން ނެގީ ކުޑަ ސިޓީ އުރައެކެވެ. ޒޯހަންގެ އަތަށް ސިޓީ އުރަ ދިއްކޮށްލީ ޒޯހަންގެ މޫނަށް ބަލައިލުމެއް ނެތިއެވެ. ހައިރާންކަމާއެކު އައިރާއަށް ބަލަން ޒޯހަންއަށް އިނދެވުނެވެ. ކާޑުގައި ހިފަން ޒޯހަން ފަސްޖެހުނެވެ.

''ކޯޗެއްތަ؟، ހަދިޔާއެއްތަ؟...'' ނުތަނަވަސްކަން ކަނޑުވާލުމުގެ ނިޔަތުގައި ޒޯހަން ސަމާސާއެއްކޮށްލިއެވެ. އައިރާ ހިނިތުންވުމުގެ ބަދަލުގައި ތުންފިއްތާލި މަންޒަރު ފެނުނެވެ. ޒޯހަންއަށް ނުބަލަން އައިރާ ހުވާކޮށްގެން އިން ކަހަލައެވެ.

ދުލުން ބަސްހުއްޓިފައި ޒޯހަންއަށް އިނދެވުނެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެންމެފަހުން އައިރާ ދިއްކޮށްލި ސިޓީ އުރައިގައި ޒޯހަން ހިފިއެވެ. ސިޓީ އުރަ އޭނަ އަތުލުމާއެކު ލޮލުގެ ހިމަކޮޅުން އައިރާ އޭނައަށް ބަލައިލިކަމުގެ އިހުސާސް ޒޯހަންއަށް ކުރެވުނެވެ. އެދެލޮލުގެ ޝުއޫރުތައް އޭނައަށް ސިއްރުކުރަން އަވިއައިނު އަޅައިގެން އިން ކަމާމެދު ޒޯހަންއަށް ޝައްކުކުރެވުނެވެ. އޭނައާއި ހަތަރުކަޅި ހަމަކުރަން ވެސް އައިރާއަށް އުނދަގޫވަނީ ހެއްޔެވެ؟

އަވަސްވި ހިތުގެ ވިންދުތަކުން ޒޯހަންގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. ނޭވާލާން ވެސް އުނދަގޫ ވެއްޖެއެވެ. އޭނައަށް ސިޓީ އުރަ ހުޅުވާލެވުނެވެ. އެއާއެކު ޒޯހަންއަށް ލިބިގެން ދިޔައީ ސިހުމެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އޭނައަށް ވަގުތުން ބަލައިލެވުނީ އައިރާގެ މޫނަށެވެ. ޤަބޫލުކުރަން ދަތިވެފައިވާކަމުގެ ޝުއޫރުތައް ޒޯހަންގެ ދެލޮލުން ފާޅުވާން ފެށިއެވެ. އައިރާގެ ހިމޭންކަމުން ޒޯހަންއަށް ލިބުނީ އިތުރު ހާސްކަމެކެވެ.

''އަރޫ؟...'' ސިޓީ އުރައިގެ ތެރޭގައި އޮތް އަނގޮޓީ މުށު ތެރެއަށްލަމުން ޒޯހަންއަށް ގޮވާލެވުނެވެ. އޭގެ މާނަ ނަގަން ޒޯހަންއަށް އުނދަގޫވިއެވެ. އެއީ އޭނައާއި އައިރާގެ ލޯބީގެ ރަމްޒެކެވެ. އަނގޮޓީ އޭނައާއި ހަވާލު ކުރީ ކީއްވެގެން ހެއްޔެވެ؟

''ނޫން!...'' އައިރާގެ ތަބީއަތަށް އައިސްފައިވި ބަދަލުތައް ދޭހަކުރެވުމާއެކު ޒޯހަންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެހަޤީޤަތާ ކުރިމަތިލާން ޒޯހަންގެ ޒަމީރު ދެކޮޅު ހެދިއެވެ. އެހެންވެގެން ނުވާނެއެވެ. އައިރާ އޭނަ ދެކެ ލޯބިވެއެވެ. އޭނައާއި ވަކިވުމަށް އައިރާގެ ހިތެއް ނޭދޭނެއެވެ. އެކުގައިވުމަށް ކުރި ވައުދާއި އަހުދުތަކުގެ އަގު ގެއްލިގެން ދިޔައީ ހެއްޔެވެ؟ އެކުގައި ދެކުނު ހުވަފެންތައް ބިލާހަކަށް ވެގެން ދިޔައީ ހެއްޔެވެ؟ ކައިވެންޏަށް ދުވަސް ކައިރިވެފައިވަނިކޮށް ފެންނަން މިފެށީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ މިއީ ނުބައި ސަމާސާއެއް ހެއްޔެވެ؟

''އައިމް ސޮރީ...'' އައިރާ ކޮޅަށް ތެދުވުނެވެ. އެއާއެކު ޒޯހަންއަށް ތެޅިގަނެވުނެވެ. އޭރު ޒޯހަންގެ މޫނުގެ ދިރުން ގެއްލިގެން ގޮސްފިއެވެ. ބޮޑު ބިރެއް ފެނުނު ކަހަލައެވެ. އައިރާ މަޑުކުރުވަން އަތުގައި ހިފަން ބޭނުން ވިއެވެ. ނަމަވެސް އައިރާގެ ހުއްދަ ހޯދުމަކާއި ނުލައި އައިރާގެ އަތުގައި ހިފަން ޒޯހަން ފަސްޖެހުނެވެ. އެހުއްދަ އައިރާ ނުދީފާނެ ކަމުގެ ބިރާއެކު އަހަން ވެސް ނުކެރުނެވެ.

''ވަޓްސް ހެޕެނިންގް؟...'' ޒޯހަންއަށް އުނދަގުލާއެކު ބުނެވުނެވެ. އޭނައަށް ހީވަނީ ވަށައިގެންވި ހުރިހާ މަންޒަރެއް ވެސް ބުރު ނޭނގޭ ބާރުމިނުގައި އެނބުރެމުންދާ ހެންނެވެ. މެޔަށް ވެސް ބާރުވާން ފަށައިފިއެވެ. އޭނައަށް ފުރަގަސް ދީގެން ހުރި އައިރާގެ ކުރިމައްޗަށް ޒޯހަން އެރިއެވެ. ނަފުސުގެ ހަމަޖެހުން ނަގާލި ސުވާލުތަކުގެ ޖަވާބު ހޯދަން އަވަސްވެގަތެވެ.

''މީ އަހަރެންގެ ޖަވާބު...'' އައިރާ ބުންޏެވެ. ''ޒޯހަންއަށް ވިސްނޭނެ ކަމަށް އުއްމީދުކުރަން...''

ޒޯހަންއަށް ބަލަން ހުރެވުނެވެ. އައިރާ އޭނަގެ ފުރިހަމަ ނަމުން ގޮވާލުމުން ވެސް ހިތަށް ތަދުވެއްޖެއެވެ. އައިރާ އޭނަ ދުރުކޮށްލައިފިކަމުގެ އިހުސާސް ކުރެވުނެވެ. މޭގެތެރޭގައި ހިތް ފިތެމުން ދިޔަ ކަހަލައެވެ. ލިބުނު ހާސްކަމުގެ ސަބަބުން ސިކުނޑި ރަނގަޅަށް މަސައްކަތެއް ނުކުރިއެވެ.

''އަރޫ، ޕްލީޒް...'' އައިރާގެ ވާހަކަތަކުން ޒޯހަންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ އަވަސްއަވަހަށް ފޮހެލެވުނެވެ. ހިތްދަތިކަން ޒޯހަންގެ މޫނުން ފާޅުވަމުން ދިޔައެވެ. އެދެލޮލުގައި ވަނީ އާދޭހެވެ.

''އައިމް ސޮރީ ޒޯހަން، އައި ކާންޓް ޑޫ ދިސް!... އަހަންނަށް ޒޯހަން މަޢާފްކުރާނެކަމަށް އުއްމީދުކުރަން...'' އައިރާ ބުންޏެވެ. ''ޒޯހަންއަށް އުއްމީދުތަކެއް ދެވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދެން، އެކަމަކު އަހަންނަށް ޒޯހަންއާއި ކައިވެނި ކުރެވޭކަށް ނެތް... ސޮރީ...''

ޒޯހަންއަށް ފަސްދެމުން އައިރާ ކުރިއަށް ހިނގައިގަތެވެ. ބާރުބާރަށެވެ. ވީހާ ވެސް އަވަހަކަށް ޒޯހަންގެ ކުރިމަތިން ދުރަށްދާން ބޭނުންވެފައިވާ ކަހަލައެވެ. އެމަންޒަރު ބަލަން ޒޯހަންއަށް ހުރެވުނީ ގަބުއަރާފައެވެ. ލަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އައިރާގެ ޖުމުލަ ކަންފަތުގައި ގުގުމަމުން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. މޭގައި އުފެދުނު ތޫނު ތަދާއެކު ޒޯހަންގެ ދެލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟