އޮފީސް ނިންމާލިގޮތަށް އެންމެ ވަގުތެއްވެސް ބޭކާރުނުކޮށް ބާޒިލް ބޭރަށް ނިކުތެވެ. ސައިކަލާ ދިމާލަށް ދަނިކޮށް ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ.
ސާރާގެ މެސެޖެއްކަން އެނގުމުން ބާޒިލްގެ މޫނުމައްޗަށްވެރިވީ ހިތްހަމަނުޖެހުމުގެ ކުލަވަރެކެވެ. ބައްދަލުކުރަންވީ ތަނާއި ގަޑި އަންގާލަދިނީއެވެ. ނަސީބަކުން ބައްދަލުކުރަން އެދުނީ ގޭގައެވެ. އެގެއަށް ދިޔަސް ސާރާ އާ އެކު އެކަނިވާކަށް ނުޖެހޭނެއެވެ. ސާރާ ކިތަންމެ ބޭނުންވިޔަސް އެކުގަ ބަންދު ކޮޓަރިއަކަށް ނުދާނަމެވެ. މިހާރު ސާރާ ހުރި ހާލަތުން ކިތަންމެ ބޮޑު ގޯހެއްވެސް ހަދާފާނެއެވެ. ކަންތައްކުރާނެ ގޮތް ސިކުނޑީގައި ރާވާލަމުން އޭނާ ސައިކަލަށް އަރައި ދުއްވާލިއެވެ. ތިން މިނެޓެއްހާއިރު ދުއްވާފައި އޭނާ މަޑުކޮށްލީ ގޭ ކައިރިއަކަށް ނޫނެވެ. ޕޮލިސް ސްޓޭޝަން ކުރިމައްޗަށެވެ. ސައިކަލުމަތިން ނުފައިބާ އިނދެ އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ. އިރުކޮޅަކުން ނިކުމެގެން އަންނަތަން ފެނުނީ ރައްޔާނެވެ. އޭނާ ހުރީ ނޫކުލައިގެ ޔުނީފޯމުގައި ޝަހްސިއްޔަތު ވަރުގަދަކޮށެވެ.
"ކިހިނެއްވީ އަނެއްކާ؟ މެލީ ރަނގަޅުތަ؟" ބާޒިލް އާ އަރާ ހަމަވެފައި ރައްޔާނު ބުންޏެވެ.
އެންމެފުރަތަމަވެސް ރައްޔާނު މެލެކްގެ ވާހަކަ އެހުމުން ބާޒިލް ދެބުމަ ގޮށްޖަހާލިއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެއެވެ.
"ވާހަކަދައްކާލެވޭނެތަ؟" ބާޒިލް އަހާލިއެވެ.
"ދެއްކިދާނެ. އެކަމަކު އަހަންނަށް ދެއްކޭނީ ހަމައެކަނި މެލީގެ ވާހަކަ" ރައްޔާނު ބުންޏެވެ.
ބާޒިލް ހިތްހަމަނުޖެހުމުގެ ބެލުމަކުން ރައްޔާނަށް ބަލަން އިނެވެ. އެއްޗެއް ބުނަން އުޅޭ ނޫޅޭ ކަހަލަ ގޮތަކަށް އޭނާ މޫނުމަތީގެ ހަރަކާތްތައް ހުއްޓެވެ. އެލކަން އެނގުމުން ރައްޔާން ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ.
"ކިހިނެއްވީ؟ އެމީހަކު ހިތްއެދޭ މީހެއްގެ ވާހަކަތާ އެމީހަކަށް ދެއްކޭނީ" ރައްޔާނު ބުންޏެވެ.
"ކަލޭ ތިއުޅެނީ މަ ރުޅިއަރުވަންތަ؟" ބާޒިލް އަހާލިއެވެ.
ރައްޔާނު ޖަހާލީ ހިނިގަނޑެކެވެ. އޭނާ ބާޒިލްގެ ކޮނޑުގައި ޖަހާލިއެވެ.
"އެއީ މަޖާ. ހަގީގަތް މިހާރު ކަލޭވެސް ގަބޫލުކުރަންވެއްޖެ. މެލެކް އަކީ ކަލޭގެ މީހެއް. އެންމެ ރަނގަޅެއްނު" ރައްޔާނު ބުންޏެވެ.
"ކަލެއަށް ވަގުތުކޮޅެއް ދެވޭނެތަ؟" ބާޒިލް އަހާލިއެވެ.
"ކޮންތާކަށް ދާންވީ. ޔުނީފޯމުގަ ހުރެފަ މަށަކަށް ކެފޭ ރެސްޓޯރަންޓްތަކަށް ނުވަދެވޭނެ. އޮފީސް ނިންމާފަ ކިހިނެއްވާނެ" ރައްޔާނު ބުންޏެވެ.
"އޭރުން މާ ލަސްވާނެ" ބާޒިލް ބުންޏެވެ.
އަތުކުރީގައި އޮތް ގަޑިއަށް ރައްޔާން ބަލައިލިއެވެ. ޑިއުޓީ ނިމެން ހުރީ ފަނަރަ ވަރަކަށް މިނެޓެވެ. އޭނާ އެތެރެއަށް ވަދެފައި ނިކުތެވެ. މިފަހަރު އައީ ކުލަ ހެދުމުގައެވެ. ސްޓޭޝަނުގެ އެތެރޭގައި ހުރި ސައިކަލު ނަގައިގެން އައިސް ބާޒިލް ކައިރީގައި މަޑުކޮށްލިއެވެ.
"ކޮންދިމާލަކަށް ދާންވީ" ރައްޔާނު އަހާލިއެވެ.
އެއްވަރަށް ސައިކަލު ދުއްވާފައި ދެ ޒުވާނުން އައީ ގެއާ މާދުރުނޫން ހިސާބެއްގައި ހުންނަ ކެފޭއަކަށެވެ. ރަނގަޅު ޖާގައެއްގައި ދެ ޒުވާނުން އިށީނެވެ. ދެ ޒުވާނުންނަކީވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކަށް ވުމުން ކޮފީ ގެނައުމާ ހަމައަށް ހަމައެކަނި ފެންފޮދެއް ބޯލައިގެން ހަމަޖައްސާލިއެވެ.
"ކޮންކަމެއް ލައިގަނެގެން ތިއުޅެނީ؟" ރައްޔާނު އަހާލިއެވެ.
"ސާރާގެ ކަންތައް" ބާޒިލް ބުންޏެވެ.
"ސާރާ ދޯ. މިފަހަރު ކީއްކުރީ" ރައްޔާނު ބުންޏެވެ.
"މިރޭ ބައްދަލުކުރަން ބުނެފި. ނުކޮށްފިއްޔާ މިވެނި ކަމެއް ކުރާނަމޭ ކިޔާ އަހަންނަށް ބިރުދައްކަނީ" ބާޒިލް ބުންޏެވެ.
ރައްޔާނު ޖަހާލީ ހިނިގަނޑެކެވެ. ސާރާގެ ކަންތަކާ ހުރެ ބާޒިލް އެހާ ހާސްވެފައި ހުރުމުން ދިމާކޮށްލަން ހިތަށް އެރިއެވެ. އެހެންނަމަވެސް ކަމުގެ ސީރިޔަސްކަން ކޮންމެވެސް ވަރަކަށް އޭނާއަށް އިހުސާސްވުމުން ދެތުންފަތް ބައްދާލާފައި ހިނިގަނޑު މަތަކޮށްލިއެވެ.
"މިއީ މަލާމާތްކުރާވަރުގެ ކަމެއްތަ؟ ކަލޭ ކައިރިން އެހީއަކަށް އެދެން މިއުޅެނީ" ބާޒިލް ބުންޏެވެ.
"ހޭނެއްނު. އަންހެނެއްދެކެ ބިރުން ކަލޭ ތިއުޅެނީ. ސާރާ ދެކެ ހާދަ ޖެހިލުމެކޭ ދޯ" ރައްޔާނު ބުންޏެވެ.
"ސާރާގެ ގޮތް ކަލެއަށް ވުރެ ބޮޑަށް އެނގޭނީ މަށަށް. އެއީ ކުރީގެ ސާރާއެއް ނޫން. އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އަހަރެން ވަރަށް ކަންބޮޑުވޭ. އަހަރެން ބޭނުމެއްނޫން ސާރާގެ ސަބަބުން މެލެކްއަށް ގެއްލުމެއްވާކަށް. ސާރާ ހުރީކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާ ގޮތަކަށްނޫން. އަހަންނަށް ޔަގީން އޭނާގެ ޝައިތާނީ ވިސްނުމުގެ ނުބައި ކަންތައްގަނޑެއް އެނބުރޭކަން"
ބާޒިލްގެ ވާހަކަތަކަށް ރައްޔާން ޝައުގުވެރިވިއެވެ. އޭނާގެ މޫނުމަތިން ސަމާސާ ގޮތްގަނޑު ފިލުވާލުމަށްފަހު މީހާ ސީރިޔަސްވިއެވެ.
ހެނދުނު ގޭ ކައިރިން ދިމާކޮށް ސާރާ ދެއްކި ވާހަކަތައް ރައްޔާނަށް ބާޒިލް ކިޔައިދިނެވެ. ސާރާގެ ވިސްނުން ހުރީ ކިހިނެއްކަން ލަފާކޮށް ކިޔައިދިނެވެ. ބޭނުންވަނީ ސާރާ ކުރަން އުޅޭ ކަމެއް ފެއިލްކޮށްލަން ކަމަށް ބުންޏެވެ.
"އަހަންނަށް ތިކަމުގަ ކޮންކަމެއް ކޮށްދެވޭނީ؟" ރައްޔާނު ބުންޏެވެ.
"ނޫ ކުލައިގެ ޔުނީފޯމެއް އަޅައިގެން ބޮޑު ހުވައެއް ކޮށްގެން ކީއްކުރަން ތިބޭ ބައެއް ކަލޭމެންނަކީ. މި ބުނީކީ މީހަކު މަރާށެކޭ ނޫނެއްނު" ބާޒިލް ހިތްހަމަނުޖެހޭ ގޮތް ވިއެވެ.
"ހުރިހާ ކަމެއްގަވެސް ކަލޭ ތިހާ ރުޅިގަދަތަ؟" ރައްޔާނު ބުންޏެވެ.
ބާޒިލް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.
"ކަލޭ ކިތަންމެ ރުޅިގަދަޔަސް މެލެކް އަށް ތި ރުޅިގަނޑުގެ އިންޗިއެއްގެ މިންވަރުވެސް ބާލައިގެން ނުވާނެ. އެއީ މަގޭ ބެސްޓްފްރެންޑް" ރައްޔާނު ބުންޏެވެ.
"އެއީ މަގޭ އަންހެނުން. މަގޭ ލޯބި. ބެސްޓްފްރެންޑަށް ވިޔަސް ކަލޭ މަގޭ އަންހެނުންނާ ދުރުގަ ހުރޭ" ބާޒިލް ބުންޏެވެ.
"ކަލޭގެ އަންހެނުންނަށް ވިޔަސް ކަލޭގެ ލޯތްބަށް ވިޔަސް ކަލޭވެސް މަގޭ ބެސްޓްފްރެންޑާ މަށާ ދެމެދަށް ވަދެގެން ނުވާނެ" ރައްޔާނު އިނީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާގެ އަޑުގައިވީ ސަމާސާއެވެ.
"ކަލޭ ޖެހޭތަ ދެބަހުން އެއްބަހެއް ކިޔާފަ މަ ރުޅިއަރުވަން" ބާޒިލް ބުންޏެވެ.
"ކަލޭ ޖެހޭތަ މީހަކު އެއްޗެއް ބުނައިރަށް ރުޅިއަންނަން. ގްރޯ އަޕް މޭން" ރައްޔާނު ބުންޏެވެ.
"މިބުނި ކަންތަކުގަ ކަލެއަށް އެއްވެސް ކަމެއް ކޮށްދެވޭނެތަ؟" ބާޒިލް އެހިއެވެ.
"ކަލޭ ހީކުރީ މަށަކީ ފީކަޅާ ފުލުހެއް ކަމަށްތަ؟ ސާރާ ބުނި ގަޑިއަށް ކަލޭ ވީ އެގެއަށް ދާން. ބާކީ ބަޔާ މަ ހަވާލުވެއްޖައިން" ރައްޔާނު ބުންޏެވެ.
"އެކަމު ބުނަން މިއިން އެއްވެސް ކަމެއް އަދި މެލީއަށް އެނގިގެން ނުވާނެ އެނގޭ" ރައްޔާނު ބުންޏެވެ.
"މިކަންތައް ކޮންމެސް އެއްކޮޅެއްގަ ޖެހުނީމަ ބުނާނަން މެލީ ގާތުގަ. ކަލެއަކަށް ނޭނގޭނެ މެލީ ކައިރީގަ މަ ބުނާނެ ވާހަކަ އާއި ނުބުނާނެ ވާހަކަ ބުނެދޭކަށް"
ރައްޔާނު ހޭންފެށި ގޮތަށް ހުއްޓާވެސް ނުލިއެވެ. ބާޒިލް ރުޅިއައުމުން ރައްޔާނަށް ހެވެނީ މާވަރަކަށެވެ.
"ދިޔުމުގެ ކުރިން އަދި ހިތަށް އަރަނީ ކަލެއަށް ހަބަރެއް ދޭންވީއޭ" ރައްޔާނު ބުންޏެވެ.
ބާޒިލް ދެބުމަ ގޮށްޖަހާލައިގެން އިނދެ ރައްޔާނަށް ބަލައިލިއެވެ.
"އަހަރެން ވަރަށް އަވަހަށް މެރީކުރާނަން" ރައްޔާނު ބުންޏެވެ.
ބާޒިލް ރައްޔާނަށް ބަލައިލީ ފާޑާކަށެވެ. ގަބޫލުނުކުރެވިފައެވެ.
"ރަނގަޅށް ތި އިވުނީ. މިވާހަކަ އަހަރެން އެންމެ ކުރިންވެސް ބުނީ މެލީ ކައިރީގަ. ދެން ކަލޭ ކައިރީގަ މިބުނީ. އަހަރެން ބޭބެ އާ ދައްތަ އާ ހަމައަށް މިވާހަކަ ގެންދިޔުމުގެ ކުރިން ކަލޭ އަނގަ މަޑުންލައިގެން ހުންނާތި" ރައްޔާނު ވާހަކަދެއްކިއެވެ.
"ކޮންކުއްޖަކާ އިންނަން؟ މިރަށު ކުއްޖެއްތަ؟" ބާޒިލް އަހާލިއެވެ.
"ތިއުޅެނީ މަ ލައްވާ ބުނުވަންވެގެން ދޯ. ނުދޭނަން އެއްވެސް މައުލޫމާތެއް. އަމުދުން ކަލެއަށް. އޭނަ ފެންނަތަނުން ކަލޭގެ ހިތް ބަދަލުވެދާނެ. އޭރުން އަނެއްކާވެސް ހުރިހާ ދެރައެއް ލިބޭނީ މެލީއަށް" ފަހު ޖުމްލައާއެކު ސީރިޔަސްކަން ރައްޔާނަށް ނުހިފެހެއްޓުނެވެ. ޒާތަކަށް އޭނާއަށް ހެވިއްޖެއެވެ.
"އެއްވެސް މަޖަލެއް ނޫން އިނގޭ. ކަލޭ ތިއުޅެނީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަރެން މެލީ ދޫކޮށްލާނެކަމަކަށްނު"
ރައްޔާނަށް އަނެއްކާވެސް ޖަހާލެވުނީ ހިނިގަނޑެކެވެ. ބާޒިލް ރުޅިއަރުވާލެވުމުން އޭނާއަށް ލިބެނީ އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ.
****
އައިސްއަލަމާރި ކައިރީގައި ފެން ތައްޓެއް ބޯން ހުރި ސާރާ ބަލައިލީ ފަހަތުން މީހަކު ހުއްޓުނުހެން ހީވުމުންނެވެ. އޭނާ ބަލައިލިއިރު ހުރި ސިހާމާ އެވެ. ސިހާމާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އޭނާ ސާރާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. ސާރާ ލައިގެން ހުރި ކްރީމް ކުލައިގެ ކަކުލުން ދެ އިންޗިއެއްހާތަން މައްޗަށް ހުރި ކަޅު ކުލައިގެ ކުދި މާތަކެއްޖެހި އަތްދިގު ހެދުމެކެވެ. އެ ހެދުން ހުރީ އޭނާގެ ގަޔަށް ހިފާލާފައެވެ. އޭނާގެ ބައްޓަންތައް ހުރީ ހާމަވާށެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ހުރީ އެއްކޮށްލާފަ މައްޗަށް އައްސާލާފައެވެ. މޫނުގައި ހާކާފައިވާ ފައުންޑޭޝަންތަކުން ސާރާ ކުރިއަށް ވުރެ ޗާލު ކަމަށް ދައްކައެވެ. އަރައިގެން ހުރި ކަށި ބޫޓުން އޭނާ އިތުރަށް ދިގުހެންވެސް ހީވެއެވެ.
"ވަރަށް ރީތި. ތިއީ އޭ ސާރާ ހުންނަންޖެހޭ ގޮތަކީ" ސިހާމާ ސާރާއަށް ތައުރީފު ކޮށްލިއެވެ.
"މިރޭ ބާޒިލް ސަލާމަތެއްނުވާނެ. އަހަރެންގެ މަޅީގައި މިރޭ އޭނާ ނުޖައްސުވާނެ ގޮތެއް އެއީ ނެތް ގޮތެއް" ފެންފުޅި އައިސްއަލަމާރިއަށް ލާފައި އޭނާ ލެގިލީ ކެބިނެޓުގައެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ.
"ސާރާގެ ބައްޕަ ދެންމެ ގުޅި" ސިހާމާ ބުންޏެވެ.
"އޯ ގޯޑް. ބައްޕަ އަންނަނީތަ؟ ނޫން... މިވަގުތު ބައްޕަ މިކޮޅަށް އައުން ރަނގަޅެއް ނުވާނެ" ސާރާ ބުންޏެވެ.
"އަންނާކަށް ނޫޅޭ. ދައްތަ ކައިރީގަ އެހީ ސާރާ ކީއްކުރަން ބޭނުންވެގެން އުޅޭ ކެމެރާތަކެއްހޯ. ޖަންބެ ލައްވާ ކޮންކަހަލަ ބޭހެއްހޯ އެ ހޯދީ" ސިހާމާ ބުންޏެވެ.
"ދެން ދައްތަ ކިޔާދިނީތަ؟" ސިހާމާ ބުންޏެވެ.
"ދައްތަ ކިޔާނެތަ؟ ސާރާގެ ބައްޕަ ހުރީ ވަރަށް ކަންބޮޑުވެފަ. ބުނި ޖަންބެއަކީ ބައްޕަ ވަރަށް ދަގަރުކުރާ ބައްޕަގެ ބޮޑުމީހާ އޯ. ސާރާ ކައިރީގަ ބުނައްޗޭ ބައްޕަ ލަދުގަންނަންޖެހޭ ފަދަ ކަމެއް ނުކުރައްޗޭ. ސާރާ ބޭހެއް ހޯދަންޖެހޭ އެއްވެސް ކަމެއް ނޯންނާނޭ" ސިހާމާ ވާހަކަދެއްކިއެވެ.
"ބުނި ނަމަ އެއީ އަހަރެންގެ ސްކިންއަށް ހޯދި ބޭހެކޭ" ސާރާ ބުންޏެވެ.
"ދައްތައެއް ނުބުނަން ތިހެނެއްވެސް. ސާރާ ގުޅާބަލަ ބައްޕައަށް. ރީތިކޮށް ވާހަކަދައްކާފަ ބައްޕަގެ ހިތް ޝައްކުކަން ފިލުވާލަބަލަ" ސިހާމާ ބުންޏެވެ.
ސިހާމާ ހިނގައިގަންނަން ދޮރާ ހަމައަށް ގޮސްފައި އެނބުރި ސާރާއަށް ބަލައިލިއެވެ.
"ކިހާއިރަކު ބާޒިލް އަންނަނީ؟"
ސާރާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
"މާގިނަ އިރެއްނެތް" ހީލާފައި ސާރާ ބުންޏެވެ.
"ކޮޓަރި ތައްޔާރުތަ؟" ސިހާމާ އެހިއެވެ.
"ހުރިހާ ކަމެއް ތައްޔާރު" ސާރާ ބުންޏެވެ. އޭނާގެ ދެލޮލުގައިވި ކެހިވެރިކަން ހަމައެކަނި ފާޅުވާނީ ޝައުގުވެރިކަމާއެކު އެ ދެލޮލަށް ބަލައިލި މީހަކަށެވެ.
****
މޮޑެފައި ދިން ރޮށި ތައްޓަށް ބަލައިލާފައި ދެން ބާޒިލް ބަލައިލީ މެލެކްގެ މޫނަށެވެ. މެލެކް ހީލާފައި ޖެހިލީ ދުރަށެވެ. ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލައިގެން ދެން އައިސް މޭޒު ކައިރިން ގޮނޑިއެއްގައި އިށީނެވެ. އޭނާ އިނީ ބާޒިލްއަށް ބަލާށެވެ. މޭޒު ކައިރީގައި އެންމެން ހަމައަށް ތިއްބެވެ. މާ ފާޑަކަށް އޭނާ އެއް ދިމާލަކަށް ގެއްލިފައި އިނުމުން ޒިޔާދު މައުސޫމާގެ އަތުގައި ކޮށްޓާލާފައި މެލެކް ދައްކާލިއެވެ.
"ދަރިފުޅު ކާން ނުފަށަ ކިހިނެއްވެފަ ތި އިންނަނީ؟" މައުސޫމާ އަހާލިއެވެ.
ބާޒިލްގެ ސަމާލުކަންވެސް މެލެކްއަށް ހުއްޓުނީ އެވަގުތުއެވެ.
"އެންމެން ދިޔައިމަ ގޭތެރެ ފަޅުވެއްޖެ. ނޫންތަ؟" މެލެކް ބުންޏެވެ.
"އަސްލު ވަރަށް ދެރަވޭ ދޯ އެހެންވާތީ. އެގޮތަށް ދެތިން ދުވަހު އުޅެލާފަ ދާން މާ ރަނގަޅޭ ހިތަށް އަރާ ނައިސް ހުރިއްޔާ" ޒޭބާ ވެސް އިނީ ފާޑަކަށެވެ.
"ތައިމޫރު އަންނައިރަށް ދަރިފުޅުވެސް ދާނެއްނު. އޭރުން މަންމަމެން ކިހާ އެކަނިވާނެ" މައުސޫމާވެސް ބައިވެރިވިއެވެ.
"ދެން ތިއީ ކޮން ވާހަކައެއް؟ ބަލަ މިއީ ދުނިޔެ. އެމީހަކު ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ދެމިއެއް ނޯންނާނެ. ދުނިޔެ ދައްކާ ހާލަތަކަށް އަބަދުވެސް އަހަރެމެން ވާނީ ތައްޔާރުވާން" ޒިޔާދު ވާހަކަދެއްކިއެވެ. އޭނާ ބޭނުންވީ އެވާހަކަތައް ހުއްޓުވާށެވެ.
"މަންމަމެންނަށް އެނގޭތަ ލޫލު ހިނގައިފިކަން" މެލެކް ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.
"ހަމަ ރަނގަޅަށް" މައސޫމާއަށް ހެވުނެވެ.
"އާނ އެދައިތަ ހިނގިކަން މެލީ ބުނީމަ އެނގުނީ. މިރޭ ހިނގާށޭ ކިޔާ ކިޔާ އިވުނު ކަމަށްވެސް ނެހެދިއޭ. މެލީ ބުނީމަ ނޫނީ އިންތަނުން ފޫ ހިއްލާވެސްނުލި" ޒޭބާ އިނީ ހިނިއައިސްފައެވެ.
އެންމެން ވާހަކައިގައި އިނުމުން ކައި ނިމިގެން ބާޒިލް ތެދުވި އިރުވެސް ނޭނގުނެވެ. އޭނާ ފެންތަށި ހުސްކޮށްލާފައި އަލުން ގޮނޑީގައި އިށީނެވެ. އެހެން ތައްޠަކަށް ބަތް އަޅަން ފެށިއެވެ. މަސްކޮޅަކާއެކު މޮޑެލާފައި ހުތް ކޮޅެއް ފެލާލިއެވެ. ލޮނު މިރުސްކޮޅެއް އެއް ކައިރީގައި ބާއްވާފައި ތަށި ތެރެއަށް ދެތިން ކެރެޓް ފޮއްޗާއި ކިޔުކަމްބާ ފޮތި ލިއެވެ. ބާޒިލްގެ ހަރަކާތްތަކަށް ބަލަން އަންހެންވެރިން ތިއްބެވެ. ރޮށި ތަށި ހުސްކޮށްފައި އަލުން ބާޒިލް އަލުން ބަތް ކާން އުޅޭ ކަމަށް ހީކޮށް އެންމެން ތިބީ ހައިރާންވެފައެވެ. ބާޒިލް އަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރަށް އާންމުކޮށް އެއް ވަގުތެއްގައި ކައި އުޅޭ ކުއްޖެއް ނޫނެވެ.
"ބަލާނެ ކަމެއް ނެތޭ. މިއީ މެލީއަށް. މިއަދު މެލީ ކެއީ ވަރަށް މަދުން. މި ތަށި ހުސްކުރަންވާނެ އެނގޭ" މެލެކް އާ ގާތަށް ބަތް ތަށި ޖައްސާލަމުން ބާޒިލް ބުންޏެވެ.
ބަތް ތަށި ފެނުމުން އެކަނިވެސް މެލެކްގެ މޭ ބޮޑުވެގެން ދިޔައެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު އޭނާ އަނގަ ނުބައިވެފަ އިން ދުވަހެކެވެ. ހަމަ އެއްގޮތަކަށްވެސް ކާހިތެއް ނެތެވެ. ބަނޑުހައިނުވެސް ވަނީއެވެ.
"މިރޭ ގަޑިއަކަށް ތަނަކަށް ދާންއެބަޖެހޭ. ރަނގަޅަށް ކައިގެން އިންނާތި އިނގޭ. އުންމީދުކުރަން އަންނަދެން ނުނިދަ އިންނާނެ ކަމަށް. އޭރުން އައިސް ބުނާނަން ވަރަށް ބޮޑު ވާހަކައެއް"
ބާޒިލް މެލެކްގެ މޫނުގެ އެއްފަރާތުގައި ލޯތްބާއެކު ފިރުމާލިއެވެ. މެލެކްގެ ނިތުގައި ބޮސްދިނެވެ.
"ހަދިޔާއެއް ހިފައިގެން އަންނާނީ" ބާޒިލް ބުންޏެވެ. އެއީ ކޮންކަމަކާ ގުޅިގެންހޭ އަހާލާކަހަލަ ގޮތަކަށް މެލެކް ގެ މޫނަށް އިޝާރާތެއް ގެނައެވެ.
"ލޫލު ހިނގީމަ. ހަދިޔާ ދޭހިއްވަނީ ލޫލުގެ މަންމިއަށް" ބާޒިލް ބުންޏެވެ.
ދެވަނަ ފެންތަށި ހުސްކޮށްލައިގެން ބާޒިލް ތެދުވިއެވެ.
"މެލެކް ބަތް ތަށި ހުސްނުކޮށްފިއްޔާ ބުނާތި އެނގޭ ކޫ" ދަމުން ބާޒިލް ބުންޏެވެ.
ބާޒިލް މެލެކް އާ މެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަން ފެނިފައި މައުސޫމާ އާއި ޒިޔާދު އިނީ ހިތަށް ހަމަޖެހުން ލިބިފައެވެ. ހަގީގަތުގައިވެސް އެމީހުން ބޭނުންވިފަދަ ދަރިއަކަށް ބާޒިލްގެ ވެއްޖެކަން އެނގުނު ހިނދު އަނެއްކާވެސް ދެމަފިރިންނަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ.
"އަޅުގަނޑު ކުރިން މީހަކާ އިންތަ؟ އެމީހަކީ ބާޒިލް ތަ؟" މެލެކް އަހާލިއެވެ.
މިފަހަރުވެސް މައުސޫމާ އާއި ޒިޔާދު އަދި ޒޭބާއަށް ވީ އެއްގޮތެވެ. ތެދުތެދަށް ބުނާކަށް ނުކެރުނެވެ. ހުއްޓުން އަރާފައި ތިބީއެވެ. އެކަކު އެކައްޗެކޭވެސް ނުކިޔައެވެ.
"ތިގޮތަށް ދަރިފުޅަށް ހީވަންޏާ ތިވާނީ ތެދަކަށް" ޖަވާބުދިނީ ޒިޔާދު އެވެ.
މެލެކްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އަދިވެސް އޭނާ ބަތް ތަށީގައި އަތްލާކަށް ނޫޅުނެވެ.
"ވަރަށް ފާޑުފާޑުގެ ގޮތްގޮތް ވޭ. ކާހިތެއްނުވޭ. ބޮލަށް ބާރުވޭ. ބައެއްފަހަރު ހާޓްބީޓު ވަރަށް އަވަސްވޭ. ހީވަނީ ކޮންމެސް ކަމެއް ހަނދާން ނުވެގެންނޭ މިއުޅެނީ" މެލެކް ކިޔައިދިނެވެ.
"ދަރިފުޅު ބޭސް ކެއިންތަ މިއަދު" މައުސޫމާ އަހާލިއެވެ. ޒޭބާވެސް ތެދުވެގެން އައިސް މެލެކްގެ ގާތުގައި ޖައްސާލިއެވެ. މެލެކްގެ އަތުގައި ފިރުމަން ފެށިއެވެ.
"ނުވޭ ބޭސް ކާހިތެއް. އަސްލު މިހާރު އެ ބޭސްކެއިމަ މާ އުނދަގުވޭ" މެލެކް ބުންޏެވެ.
"ތިވާހަކަ ދައްކާނީ ފަހުން. ހިނގާ ބަތް ކަމާ" ޒޭބާ ބުންޏެވެ.
ބަތް ސަމްސަލެއް ޒޭބާ މެލެކް ގެ އަނގަ އާ ގާތްކޮށްލިއެވެ. ޒޭބާއަށް ބަލައިލާފައިވެސް ބަތް ސަމްސާ މެލެކް އަނގައަށް ލިއެވެ. އޭނާ ޒޭބާއަށް ބަލައިލީ ޝުކުރުވެރިކަމާއެކުގައެވެ.
"މީރުވާނެހޭވެސް ނާހާނަން. ފިރިކަލުން ވިއްޔާ މޮޑެފަ ދިނީ. ނޫންތަ މަންމާ" ޒޭބާ ބުންޏެވެ.
މެލެކް ހީލިއެވެ.
****
ސާރާ އުޅޭ ގޭ ކައިރިއަށް ސައިކަލުގައި އައި ބާޒިލް މަޑުކޮށްލިއެވެ. ގޭތެރެއަށް ވަނުމުގެ ކުރިން އޭނާ ރައްޔާނު ވީ ހިސާބެއް ބަލައިލިއެވެ. އޭނާ ދޮރާއްޓާ ދިމާލަށް ހިނގައިގަތީ ރައްޔާނު އިރުޝާދު ދިނުމުންނެވެ. ދޮރާށި ހުޅުވާލުމާއެކު ފުރަތަމަވެސް ބާޒިލްގެ ދެލޮލުގައި އަޅައިގަތީ މައި ދޮރާ ދިމާލުން ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އިން ސިހާމާ އެވެ. ބާޒިލްއަށް ސިހާމާ ދިނީ ހިނިތުންވުމެކެވެ.
"އާދޭ އާދޭ. ދައްތަ ކައިރީގަ ސާރާ ބުނި އަންނާނެ ވާހަކަ" ސިހާމާ ބުންޏެވެ.
ބާޒިލް ބަހެއް ނުކިޔައެވެ. ސިހާމާ ހިނިތުންވެލީތީ އޭނާވެސް ހިނިތުންވެލިއެވެ. ސިހާމާ އާ އެއް ޖޯލި ދޫކޮށް އޭނާ އިށީނެވެ.
"ސާރާއަށް ގޮވާލަދީފާނަންތަ؟" ބާޒިލް ބުންޏެވެ.
"ދައްތައަށް އެނގޭ ތިދެކުދިންގެ މެދުގަ މިހާރު އެއްވެސް ގުޅުމެއް ނެތްކަން. އިހަށް ހިނގާ އެއްޗެއް ބޯލަމާ" ސިހާމާ ބުންޏެވެ. އިރުކޮޅަކުން އޭނާ އެތެރެއަށް ވަދެފައި ނިކުތްއިރު އަތުގައި ޖޫސް ތައްޓެއް ހުއްޓެވެ. ހީވާގޮތުން ބްލޫ ބެރީ ތައްޓެކެވެ. އެ ތަށީގައި ބާޒިލް ހިފިއެވެ. ޝުކުރުއަދާކުރިއެވެ. އެހެންނަމަވެސް އޭނާ ތަށި ތުނބުގައި ނުޖަހައެވެ.
"ސާރާއަށް ގޮވާލަންވީނު" ބާޒިލް އަނެއްކާވެސް ބުންޏެވެ.
"ސާރާ ވަރަށް ބަދަލުވެއްޖެ. އުޅެނީ ކިޔެވުން ފުރިހަމަކުރަން ދާން ފުރަން. އަދިވެސް ސާރާ ބާޒިލްދެކެ ވަރަށް ލޯބިވޭ. އެހެންވެ ބޭނުންވޭ ފަހު ފަހަރަށް ބާޒިލް އާ ވާހަކަދައްކާލަން. މީހަކު ދައްކާ ވާހަކަ އަޑުއަހާލުމަކީ ގޯހެއް ނޫނެއްނު. އެއީވެސް މުސްލިމެއް. ތިއީވެސް މުސްލިމެއް. ދައްތައަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އެމަންޖެ ދައްކާ ވާހަކަތައް އަޑުއަހާލަދީ" ސިހާމާ ވާހަކަދެއްކިއެވެ.
"ވާހަކައަޑުއަހަން މިއައީ. ގޮވާލަދީ" ބާޒިލް ބުންޏެވެ.
"އެތެރެއަށް ދާންވީނުން. އެބައިން ކޮޓަރީގަ" ސިހާމާ ބުންޏެވެ.
"ނޫން. ކޮޓަރިއަކަށް ނުދެވޭނެ. މިތަނުގަ ސާރާއަށް ނުދެއްކޭނެ ވާހަކައެއް ނޯންނާނެ. މިތަނުގަ ވާހަކަދައްކަން ސާރާ ބޭނުން ނުވަންޏާ އަހަންނަށް ބުނެވޭނީ މިނޫން ތަނެއްގަ ވާހަކަދައްކަން އަހަރެންވެސް ބޭނުމެއް ނުވެއޭ" ބާޒިލް ބުންޏެވެ. އޭނާ ވަރަށް ރަނގަޅަށް ސިކުނޑީގެ ބޭނުން ހިފިއެވެ.
(ނުނިމޭ)