މާހައުލަށް ވެރިވެފައި އޮތީ ނުތަނަވަސްކަމެވެ. އައިރާ ގޮސް އެނދުގައި އިށީނެވެ. ހުރި ފިޔަވަޅު މަތީ އައިރާއަށް ބަލަހައްޓައިގެން ނޫރާލްއަށް ހުރެވުނެވެ. އައިރާގެ ޖުުމުލައަށް ފަހު އިތުރަށް ދައްކާނެ ވާހަކައެއް ނޫރާލްގެ ވިސްނުމަކަށް ނައެވެ. އައިރާގެ ވާހަކަތައް އޭނައަށް ޤަބޫލުކުރެވުނެވެ. އައިރާ ހުރި ހާލަތު ވެސް އަންދާޒާ ކުރެވުނެވެ. ނަމަވެސް ޒޯހަންއަށް ހަޤީޤަތް އެނގުމުގެ ފުރުސަތު ދޭން ޖެހޭނެކަން އޭނަގެ ޒަމީރު ހަނދުމަކޮށްދިނުމުން، އައިރާއަށް ވިސްނައިދެވޭތޯ ނޫރާލް އަނެއްކާ ވެސް މަސައްކަތްކުރިއެވެ. ހަޤީޤަތަށް ފިލުމުގެ ބަދަލުގައި އެކަމާއި ކުރިމަތިލައިގެން މެނުވީ ކާމިޔަބެއް ވެސް ނުލިބޭނެއެވެ. މި ހިތްދަތި ވަގުތުގައި އައިރާގެ އުއްމީދު ކަމުގައި ޒޯހަން ވާނެކަން އޭނަ ޤަބޫލުކުރެއެވެ. އައިރާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ކޮންމެ ފަދަ ހާލެއްގައި ވެސް ސާބިތުކަމާއެކު އަރާއިގެ ގާތުގައި ވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެކަން އައިރާއަށް ނުފެންނަނީ ހެއްޔެވެ؟ ނުވަތަ ފެންނަން ބޭނުން ނުވަނީ ހެއްޔެވެ؟
''ޒާންއަށް ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެއެއްނު؟... ވަޓް ވިލް ޔޫ ޓެލް ހިމް؟...'' ހަށަން ބަނދެލަމުން ނޫރާލް ސުވާލުކޮށްލިއެވެ. ފިކުރުބޮޑުވެ ބުމަ ވެސް ކައިރިކޮށްލެވުނެވެ.
''ކައިވެނިކުރަން ބޭނުންނުވާކަން...'' އައިރާ ޖަވާބު ދިނެވެ. ނޫރާލްގެ މޫނަށް އައިރާ ބަލައިވެސް ނުލިއެވެ. އުނގުތެރޭ ޖޯޑުކޮށްލެވިފައިވި އަތްތިލައަށް ނަޒަރު ހުއްޓާލައިގެން އިނީ މާޔޫސްކަމާއެކު އިސްޖެހިފައެވެ. އެޖުމްލައިގެ ސަބަބުން އިތުތު ހިތްދަތިކަމެއް ބަރުދާސްތުކުރަމުންދާ ކަހަލައެވެ.
''ޒެން އެއްބަސް ނުވެއްޖެއްޔާ؟...'' ނޫރާލްއަށް އަހާލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ ހަމަ އައިރާ ބާވައޭ ވެސް ޒަމީރާއި ސުވާލުކޮށްލެވުނެވެ.
''އައި ވޯންޓް ލީވް ހިމް އެ ޗޮއިސް!...'' ކުރެހިފައިވާ އަޑަކުން އައިރާއަށް ބުނެވުނެވެ. ގިސްލެވިދާނެތީ އަނެއްކާ ވެސް އައިރާއަށް ތުންފިއްތާލިއެވެ.
މަންޒަރު ބަލަން ހުރި ނޫރާލްއަށް ކޮނޑު އެލުވާލެވުނެވެ. ކައިވެންޏަށް ވެފައި ހުރި ތައްޔާރީތަކާއި މެދުގައި ވެސް އައިރާ ވިސްނާހެނެއް ހިޔެއް ނުވެއެވެ. ހިތުގެ އިހުސާސްތަކަށް ފިލަން މަސައްކަތްކުރާ ކަހަލައެވެ. އައިރާގެ ފަރާތުން ކުރިއެރުމެއް ނުލިބޭނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެއްވެސް އެއްޗެއް ވިސްނޭވަރަށް ވުރެން އައިރާ ބޯހަރެވެ. އައިރާގެ ފަހުގެ ނިންމުން މަތީގައި ދެމިހުންނަން އެހުރީ ވަރުގަދަ އަޒުމެއްގެ މަތީގައެވެ.
''ޒާންގެ ހިތުގައި ޖައްސައިގެން އަރޫގެ ހިތުގެ ވޭނަށް ލުޔެއް ލިބޭނެތަ؟...'' ނޫރާލް ގޮސް އެނދުގައި އިށީނެވެ.
އެއްޗެއް ބުނަން އައިރާއަށް އަނގަހުޅުވާލެވުނެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. އަރުބެދޭ ގޮތްވެ ލޮލުން ވޭނީ ކަރުނަތައް ފައިބައިގަތެވެ. ޒޯހަންގެ ހިތުގައި ޖައްސަން އޭނަ ބޭނުމެއް ނޫނެވެ. އެހެނަސް އޭނައަށް އިތުރު ގޮތެއް ނެތެވެ. ހަތަރު އަނގޮޅިއަކަށް އާދެވުނު ކަހަލައެވެ. ކިތަންމެ އުނދަގޫ ވިޔަސް ރާސްތާއެއް އިހްތިޔާރުކުރަން އެބަޖެހެއެވެ. ޒޯހަންގެ ލޯތްބާއި ނުލާ އަޑިގުޑަންތަކުން ފުރިފައިވި ރާސްތާއާއި އޭނައަށް ކުރިމަތިލެވިދާނެ ހެއްޔެވެ؟ މޭގެ ރިހުމަށް ލުޔެއް ލިބިދާނެ ހެއްޔެވެ؟ ޖިސްމަށް ވެރިވެފައިވި މާޔޫސްކަމާ ދުރުވެވިދާނެ ހެއްޔެވެ؟
ޒޯހަންއަކީ އެހިތުގެ ދިރުމެވެ. ވިންދެވެ. އެލޯތްބާއި ނުލާ އޭނަ އުޅެނީ ވެސް ކިހިނެއް ހެއްޔެވެ؟
''އަރޫ...'' ނޫރާލްއަށް ގޮވާލެވުނެވެ.
''ނޫން!...'' އައިރާއަށް ބުނެވުނެވެ. ''ވަކިވުން އެންމެ ރަނގަޅުވާނީ، އަހަންނާއެކު ޒާން ބޭނުންވާ ފަދަ ދިރިއުޅުމެއް ނުލިބޭނެ، އައި ހޭވް ނޯ ފިއުޗާ...''
''އަރޫ ތިހެން ވާހަކަނުދައްކަބަލަ، މިޒަމާނުގަ އެތައް ފަރުވާއެއް އޮވެޔޭ...'' ނޫރާލް ވިސްނައިދިނެވެ. ''ހައު ކޭން ޔޫ އީވެން ތިންކް ލައިކް ދިސް؟...''
''މި ނޫން އިތުރު ގޮތެއް ނެތޭ، ނޫރާ، ޕްލީޒް!، ދެން އިތުރަށް އެވާހަކަ ނުދައްކަފާނަންތަ؟... އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ... ޒާންއަށް ހަޤީޤަތް އެނގިއްޖެނަމަ އަހަރެން ދުވަހަކު ނޫރާއަށް މަޢާފެއް ނުކުރާނަން!...'' ނޫރާލްއާއި ހަތަރުކަޅި ހަމަކޮށްލަމުން އައިރާ ބުންޏެވެ. އައިރާގެ ދެލޮލުގައި ވަނީ އާދޭހެވެ.
ނޫރާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. އެފަދަ ދަތި ނިންމުމަކަށް އައިރާ އޭނައަށް މަޖުބޫރުކޮށްފާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. ހިތްހަމަވެސް ނުޖެހުނެވެ. ނަމަވެސް އެކުވެރިކަމުގެ ހައްޤުގައި އޭނައަށް މަޖުބޫރުވީ ހިމޭންކަން އިހްތިޔާރުކުރާށެވެ. އައިރާގެ ޖުމްލައިން އޭނަގެ ދުލުގައި ތަޅެއް ލެވިގެން ގޮސްފިއެވެ.
''އަރޫގެ ނިންމުން ޤަބޫލުކުރަން ޒާން ބޭނުން ނުވެއްޖެއްޔާ ހަދާނީ ކިހިނެއްތަ؟... ކައިވެންޏާއި ދެކޮޅު ހަދަން ގަސްދުކުރާއިރު ޒާން ގާތު ބުނާނީ ކީކޭތަ؟، ލޯބި ނުވެޔޭތަ؟، ޚިޔާލު ބަދަލުވެއްޖެޔޭތަ؟... އޭގެ އެއްވެސް ބަހަނާއެއް ޒާން ޤަބޫލެއް ނުކުރާނެ... ހީ ނޯސް ޔޫ ވެރީ ވެލް، ހީ ހޭޒް އެ ޑީޕް ކަނެކްޝަން ވިތް ޔޫ!...'' ނޫރާލްއަށް ބުނެވުނެވެ. އައިރާގެ ޖަވާބެއްގެ އިންތިޒާރުގައި ވަގުތު ގުނަން ފެށުނެވެ.
''އައިލް ތިންކް އެބައުޓް ސަމްތިންގް!...'' ގޮތްދޫކުރަން ހަމަހިލާ އައިރާ ބޭނުމެއް ނުވިއެވެ. ނޫރާލްގެ ބަހުގެ ތެދުކަން އެނގުނުކަމުގައި ވިޔަސް މެއެވެ.
''ޒާންއަށް ފިލައިގެން އުޅެންތަ އަރޫ ބޭނުންވަނީ؟...'' ނޫރާލްއަށް ޝައްކެއް ވިއެވެ. އައިރާގެ ހިމޭންކަމުން އޭނަގެ ސުވާލަށް ޖަވާބު ވެސް ލިބުނެވެ. އެއާއެކު އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އައިރާ ގަސްދުކޮށްގެން އެހުރީ ޒޯހަންއަށް ފިލަންށެވެ. އަބަދުގެ އަބަދަށް ޒޯހަންގެ ދިރިއުޅުމާއި ދުރަށް ދާށެވެ. އެކަމުން ދެހިތުގައި އަޅާނެ ވޭނާއި މެދުގައި ވެސް ވިސްނަން ބޭނުން ނުވާ ކަހަލައެވެ.
''ނޫރާ، އަހަންނަށް ކަމެއްކޮށްދޭން ބޭނުންވާ ނަމަ މިކަންތައް ސިއްރުކޮށްދީ... ޔޫ އާރ މައި ކްލޯޒެސްޓް ފްރެންޑް...'' ނޫރާލްގެ އަތުގައި ހިފަމުން އައިރާ އާދޭސްކޮށްގަތެވެ. ރިހުން އެކުލެވިގެންވި ދެލޮލުން ނޫރަލްގެ މޫނަށް ނަޒަރު ވެސް ހުއްޓާލިއެވެ.
''އަހަންނަށް މަޖުބޫރުނުކުރޭ...'' ނޫރާލްއަށް ބުނެވުނެވެ.
''ޕްލީޒް، ޒާންއަށް އެނގެން އަހަރެން ބޭނުމެއް ނޫން...'' އައިރާގެ އާދޭސްތައް ދިގުލައިގެން ދިޔައެވެ. ޒޯހަންއަށް ހަޤީޤަތް އެނދިގާނެތީ އައިރާގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. އާދޭސްތަކުގެ ބާރުގައި އެންމެފަހުން ނޫރާލް އެއްބަސްކުރުވައިފިއެވެ.
''އަދިވެސް އެއްފަަހަރު ވިސްނާލަބަލަ...'' ނޫރާލް ފަހު ފަހަރަށް ބުންޏެވެ.
''މީ ފަހުގެ ނިންމުން، ޒާންއާއި ވަކިވުން އެންމެ ރަނގަޅުވާނީ، ޒާންއަށް ފަހުން ވިސްނޭނެ...'' ވިސްނުމަކަށް ގެއްލިފައިވާ ހާލު އައިރާ ބުންޏެވެ. ތޫނު ރިހުމެއް އައިރާގެ މޭގައި އުފެދިގެން ދިޔައެވެ. ލާ ކޮންމެ ނޭވާޔަކާއެކު ވޭން ގަދަވާން ފެށުމުން ނޭވާލާން ވެސް އުނދަގޫ ވެއްޖެއެވެ.
''ކިހިނެއް؟...'' ހައިރާންކަން ނޫރާލްއަށް ލިބުނެވެ.
ނޫރާލްގެ އެސުވާލަށް އައިރާ ޖަވާބެއް ނުދިނެވެ. ހަނުހުރުމުގެ އިތުރުން މޫނުގެ ކުލަވަރުތައް ސިއްރުކޮށްލީ އިސްއޮބާލަމުންނެވެ. ވަގުތު ދިގުލައިގެން ދިޔައެވެ. އައިރާ އަނގަޔަކުން ނުބުންޏެވެ. އެންމެފަހުން ނޫރާލްއަށް މަޖުބޫރުވީ އަމާންކަން ދޭށެވެ.
''ވަޓް ޑިޑް ދަ ޑޮކްޓާރ ސޭއި އެބައުޓް ދަ ޓްރީޓްމެންޓް ޕްލޭން؟...'' ނޫރާލް މައުޟޫޢު ބަދަލުކޮށްލިއެވެ.
''ރާއްޖޭން ބޭރަށް ދާން މި ވިސްނަނީ...'' ނޫރާލްގެ ސުވާލަށް އައިރާ ސީދާ ޖަވާބެއް ނުދިނެވެ.
އެވަގުތު ނޫރާލްއަށް ދެލޯބޮޑުކޮށްލެވުނެވެ. އޭނައަށް ހީކުރެވުނީ ރަނގަޅަށް ތާއޭ ހިތަށް އެރިއެވެ. އައިރާ ގަސްދުކޮށްގެން އެހުރީ ޒޯހަންއަށް ޖަވާބުދާރީވުމުގެ ބަދަލުގައި ވީހާވެސް ދުރަކަށް ދާށެވެ. އެެމެދުގައި އެތައް ހާސް މޭލެއްގެ ދުރުމިން އުފައްދަން ހިތުލައިގެން އެހުރީ ޒޯހަންއަށް ބައްދަލުކުރުމުގެ ފުރުސަތު ނުދޭން ވެގެންނެވެ. ސިއްރުން ހުރިހާކަމެއް ރާވަމުން ދިޔައީ ވެސް އެސަބަބާ ހުރެއެވެ. އެއީ އިންސާފުވެރި ގޮތެއް ނޫނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ނޫރާލްއަށް މަޖުބޫރުވީ ހިމޭންކަން އިހުތިޔާރުކުރާށެވެ. އައިރާގެ ސިކުނޑިއަށް އިތުރު ބުރަހެލިކަމެއް ލިބިގެންދާނެ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓަން ނޫރާލް ބޭނުމެއް ނުވިއެވެ.
''ވެއާ ވިލް ޔޫ ގޯ؟...'' ނޫރާލް އެހިއެވެ. އައިރާ ހިތްހަމަނުޖެހިދާނެތީ ވާހަކަދައްކަމުން ދިޔައީ އައިރާގެ އިހުސާސްތަކަށް ސަމާލުވެގެންނެވެ.
''ތިއްތަ ގާތަށް...'' އައިރާ ބުންޏެވެ.
''ލަންޑަން؟...'' ޔަޤީންކޮށްލަން ނޫރާލް އަހާލުމުން އައިރާ ބޯޖަހާލިއެވެ.
''ބަލިން ފަސޭހަ ވީމަ ދެން ކަންތައްކުރަން ވިސްނަނީ ކިހިނެއްތަ؟...'' ނޫރާލްގެ ސުވާލުތައް ގިނަވާން ފެށިއެވެ. އައިރާގެ ވިސްނުން ހުރި ގޮތުން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވަދެވޭ ކަހަލައެވެ. ޒޯހަންއަށް ހަޤީޤަތް ސިއްރުކުރަން ހިތުލައިގެން ހުރިއިރުގައި އިތުރު އެއްވެސް ކަމަކާއި މެދު އައިރާ ވިސްނާހެނެއް ހިޔެއް ނުވެއެވެ. އެވަގުތު ހިތަށް ވެރިވެގެން އައި ޚިޔާލަކުން ނޫރާލްގެ މެޔަށް ފިނިވެލިއެވެ.
''ފަރުވާ ލިބޭނެހެން އަރޫއަށް ހީނުވަނީތަ؟...'' ނޫރާލްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެސުވާލަށް ޖަވާބު ދޭން އައިރާ އުޒުރުވެރިވެއްޖެއެވެ. އައިރާ މޫނު އަނބުރާލުމުން ނޫރާލްގެ މޫނު ހުދުވެގެން ގޮސްފިއެވެ. ބިރުވެރިކަން އައިސް އޭނަ ވަށާލިއެވެ. އައިރާގެ ތަބީއަތަށް އައިސްގެން އުޅޭ ބަދަލުތައް އޭނައަށް ދޭހަކުރެވުނީ ދެނެވެ.
''އައިރާ!...'' ނޫރާލްއަށް ބުނެވުނެވެ. ''ތިހެން ވިސްނައިގެން ނުވާނެޔޭ...''
''އައިމް ބިއިންގް ޕްރެކްޓިކަލް!...'' އައިރާ ރައްދު ދިނެވެ.
''އެކަމަކު...''
''ނޫރާ، ޕްލީޒް، އިތުރަށް ވާހަކަދައްކަން ބޭނުމެއް ނޫން...'' ނޫރާލްގެ ޖުމްލަ މެދުކަނޑާލަމުން އައިރާ ބުންޏެވެ.
*****
އައިރާގެ ފަރާތުން ކުރިއެރުމެއް ނުލިބުމުން ނޫރާލްއަށް ކޮޓަރިން ނިކުމެވުނީ މާޔޫސްކަމުގެ މޫނަކާއެކުގައެވެ. ބޮޑުކޮޓަރީގައި އިން ޤަމަރުއަށް ނޫރާލް ފެންނައިރަށް ސޯފާއިން ތެދުވެވުނެވެ. އޭނަގެ ނަޒަރު ނޫރާލްގެ މޫނަށް ހުއްޓުމާއެކު، އުއްމީދުގެ ކުލަވަރުތައް ފަނޑުވެގެން ދާން ނެގީ ހިނދުކޮޅެކެވެ. އުދާސްކަން އެކުލެވިގެންވި ނޭވާއެއް ޤަމަރުއަށް ދޫކޮށްލެވުނެވެ.
ނޫރާލް އައިސް ޤަމަރުގެ ކުރިމައްޗަށް ހުއްޓުނެވެ. ހިތްވަރުކޮށްލަމުން ޤަމަރުގެ މޫނަށް ބަލައިލިއެވެ. އައިރާގެ ބަލިހާލަތާ މެދު އުފެދިފައިވި ކަންބޮޑުވުންތައް ޤަމަރުގެ ދެލޮލުން އަންގައިދިނެވެ. ނޫރާލްއަށް އިސްޖަހާލެވުނެވެ. ކުރިމަތިލާން ޖެހުނު ނާކާމިޔާބީތައް ޤަމަރުއާ ހިއްސާކޮށްލެވުނީ މޮޅިވެރިކަމާއެކުގައެވެ.
''އަރޫ ބޭނުންވަނީ ރާއްޖޭން ބޭރަށް ދާން...'' ނޫރާލް ހާމަކޮށްލިއެވެ. އެޖުމްލައިން ޤަމަރުއަށް ހައިރާންކަން ލިބުނެވެ. އެއިން އެއްވެސް ވާހަކައެއް އައިރާ ހިއްސާކޮށްފައިނުވާތީއެވެ. ދެރަ ވެސް ވިއެވެ. އައިރާގެ ނިންމުން ބަދަލު ނުކުރެވޭނެކަމުގެ ހިތި ކަމާއި ކުރިމަތިލާން ޖެހުނެވެ. ޒޯހަންގެ ޢާއިލައަށް ޖަވާބުދާރީވާނެ ގޮތެއް ނޭނގި އިތުރު ހާސްކަމެއް ލިބުނެވެ. ކައިވެނީގެ މަޝްވަރާތަށް ހުއްޓާލަން ބުނަނީ ވެސް ކޮން ދުލަކުން ހެއްޔެވެ؟ އެޚަބަރު ޒޯހަން ނަގައިގަންނާނީ ވެސް ކިހިނެއް ހެއްޔެވެ؟
''ނޫރާ ތިއީ ވަރަށް ރަނގަޅު އެކުވެރިޔެއް، މި އުނދަގޫ ވަގުތު އައިރާގެ ގާތުގައި ހުރީތީ ޝުކުރިއްޔާ...'' ހިނިތުންވެލަން ޤަމަރު މަސައްކަތްކުރިއެވެ. ނަމަވެސް އެހިނިތުންވުން މިލައިގެން ދިޔައެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވެދާނެ...'' ނޫރާލް ބުންޏެވެ. އެދެމެދުގައި ދެކެވުނު ބައެއް ވާހަކަތައް ނޫރާލް ސިއްރުކުރިއެވެ. ޝިފާއެއް ނުލިބޭނެކަަމަށް އައިރާގެ ހިތުގައި އޮތް ޔަޤީންކަން ހާމަ ނުކުރީ ވެސް ޤަމަރުއަށް އިތުރު ހިތާމައެއް ލިބެން ބޭނުން ނުވާތީއެވެ.
''ދައްތަގެ ދުޢާއަކީ ވެސް ތިއީ... އެކަމަކު ޒާންއަށް އަރޫގެ ބަލިހާލަތު އެނގެން ދައްތަ ހާދަ ބޭނުމޭ، ޒާން އަރޫގެ ގާތުގައި ހުރުމުން އިތުރު ހިތްވަރެއް ވެސް ލިބޭނެ، ދެރައީ އަރޫއަށް އެކަން ނުވިސްނޭތީ...'' އުދާސްތައް ބަންޑުންކޮށްލަމުން ޤަމަރު ބުންޏެވެ.
''ޒާންއަށް އެނގިދާނެތީ އަރޫ އެހުންނަނީ ވަރަށް ބިރުން...'' ނޫރާލް ބުންޏެވެ. ޤަމަރުއަށް އެކަމާއި އެއްބަސް ވެވުނެވެ. މިލައިގެން ގޮސްފަވި މޫނުގައި އޭނައަށް އަތްތިލަ ހިންގާލެވުނެވެ. ދުޢާކޮށްލެވުނީ ވަގުތު ފާއިތުވުމުގެ ކުރިން އައިރާއަށް ހެޔޮ ވިސްނުން ދެއްވުމަށެވެ. ހިތު ލޯބި ޤުރުބާންކުރުމުގެ ކުރިން އިތުރު މަގެއް ފަހިވެގެން ދިއުމަށެވެ. ޒޯހަންގެ ލޯތްބާއި އޯގާތެރިކަމުން އައިރާގެ ހިތަށް ދިރުން ލިބިގެން ދާނެކަން އިލްހާމަވެގެން ދިއުމަށް ވެސް އެދެވުނެވެ.
*****
އެނދުގައި އޮށޯވެލައިގެން އޮތް އައިރާގެ ފޯނަށް ޒޯހަން ދެފަހަރެއްގެ މަތިން ގުޅައިފިއެވެ. ފޯނު ކެނޑެން ދެން ބަލަހައްޓައިގެން އައިރާ އޮތެވެ. ޒޯހަން ހެނދުނުއްސުރެން އެތައް މެސެޖެއް ފޮނުވައިފިއެވެ. އެއިން ކޮންމެ މެސެޖެއް އައިރާ ބެލިއެވެ. އެކަމަކު ރައްދެއް ނުދިނެވެ. ހިތަށް ތަދުވި ނަމަވެސް އޭނަގެ ނިންމުން މަތީ ދެމިހުންނަން އައިރާ ބޭނުން ވިއެވެ. ހިތުގައި ޅިޔަ އެޅިގެން ދިޔަ ކަމުގައި ވިޔަސް އެވޭން އޭނަ ބަރުދާސްތުކުރާނެއެވެ. ޒޯހަން ދެކެ ވާ ލޯބީގެ ހައްޤުޤައެވެ. ވަކިވާން މަޖުބޫރުވެފައިވުމުން އައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނުވާ ކަހަލައެވެ.
''އައިމް ސޮރީ... މީ ޒާންއަށް އެންމެ ރަނގަޅު ގޮތް...'' އަމިއްލަ ޒަމީރަށް ޔަޤީންކަން ހޯދައިދޭން އައިރާ މަސައްކަތްކުރިއެވެ. ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަ ގޮސް ބާލީސް ތެރެއަށް ހިނދިގެން ދިޔައެވެ. ބާލީހުގެ ބޮޑު ބައެއް ކަރުނުން ވަނީ ތެމިފައެވެ. ކަރުނައިގެ ދާނެއްގައި ހަފުސްވަމުން ދިޔައެވެ.
ކަށިއިނގިލީގައި އޮތް އަނގޮޓީގައި އައިރާ ފިރުމާލިއެވެ. އިރުކޮޅެއް ވަންދެން އޮނގޮޓިއަށް ބަލަހައްޓައިގެން އޮވެވުނެވެ. ދުރު ހަނދާންތަކެއް އާލާކޮށްލެވުނެވެ. މިފަހަރު އެހަނދާންތަކުން އުފާވެރިކަމެއް އިހުސާސެއް ނުވިއެވެ. މަސްހުނިވަމުން ދިޔަ ޖަޒުބާތުތަކުގެ ތެރޭން އައިރާއަށް ދެލޯމަރާލެވުނެވެ. ގިސްލަމުން އިނގިލިން އަނގޮޓި ވަކިކޮށްލިއެވެ. އެއާއެކު ހީވީ ހަށިގަނޑުން ބައެއް އުނިވެގެން ދިޔަ ހެންނެވެ. އޭގެ ވޭނުން މުޅި މީހާއަށް ސިހުން ގެނުވިއެވެ.
''ޒާން، އައިމް ސޯ ސޮރީ...'' އައިރާއަށް ބުނެވުނެވެ. މިއަދު ހަވީރު ޒޯހަން މާލެ އަންނާނެއެވެ. އޭނަގެ ނިންމުން ޒޯހަންއަށް ހާމަކޮށްދޭން އައިރާ އަޒުމުކަނޑައެޅިއެވެ. މުށުތެރޭގައި އަނގޮޓި ބާރުކޮށްލަމުން ގެނެސް މޭގައި ޖައްސާލެވުނެވެ. ރުއިމުގެ ސަބަބުން ހަށިގަނޑުގައި ތުރުތުރުލުމެއް ވެސް އުފެދިއްޖެއެވެ.
''އައި ލަވް ޔޫ...'' ޒޯހަންގެ ނަން ވޭނުން ފުރިގެންވި އާހްތަކެއްގެ ސިފައިގައި ތުންފަތް ފޫއަޅުވާލައިފިއެވެ. ބާލީސް ގެނެސް މޫނު ނިވާކޮށްލެވުނީ ގިސްލުންތަކުގެ އަޑު ކޮޓަރީގެ ހަތަރު ފާރުން ބޭރު ވެދާނެތީއެވެ. އޭރުން އަނެއްކާ ވެސް މަންމަ ކަންބޮޑުވުން ފާޅުކޮށްފާނެއެވެ. އޭނަގެ ސަބަބުން ޢާއިލާގެ ހަމަޖެހުން ގެއްލެމުން ދިޔަ ކަމުގެ އިހުސާސްކުރެވި ވަކިން ބޮޑަށް ހިތުގައި ޖެހުނެވެ.
ޒޯހަންއަށް އައިރާ މެސެޖެއް ފޮނުވާލިއެވެ. ކުރު މެސެޖެކެވެ. އޭގައި އޮތީ ބައްދަލުކުރަން ބޭނުންވާ ކަމެވެ. ތަނާއި ވަގުތު ވެސް ލިޔެފައި އޮތެވެ.
*****
ރިސޯޓްގެ ޖެޓީގައި ހުރި ޕެވީލިއަންގައި ޒޯހަން މަޑުކޮށްލައިގެން ހުރީ ފުރޭނެ އިރެއްގެ އިންތިޒާރުގައެވެ. އުޑުމަތި ބައްދާލާފައި އޮތް ކަޅު ވިލާތަކާއި ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކަށް އޭނަގެ ސަމާލުކަމެއް ނެތެވެ. ކަނޑުގައި ގަދަވެފައިވި ބާނީތަކަށް ޒޯހަން ބަލަމުން ދިޔައީ ވިސްނުމަކަށް ގެއްލިފައެވެ. ވަށައިގެން އޮތް މާހައުލަށް ކުޑަމީސް ސަމާލުކަމެއް ނެތެވެ. އޭނަގެ ސިކުނޑިއަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އައިރާގެ މިޒާޖަށް އައި ކުއްލި ބަދަލުން ޒޯހަން ހާސްކޮށްލައިފިއެވެ. މިއަދު ކޮންމެހެން ވެސް މާލެ ދާން ޒޯހަން ބޭނުން ވިއެވެ. ހެނދުނުއްސުރެން އައިރާގެ ޚަބަރެއް ވީކީއެއް ނޫނެވެ. އޭނަގެ މެސެޖުތަކަށް ވެސް ޖަވާބެއް ދީފައި ނެތެވެ. އެކަމާއި ވިސްނަން ހަދައިގެން ގޮސް ބޮލަށް ބަރުވެއްޖެއެވެ. އެއްފަޅީގައި ގަދަ ރިހުމެއް ވެސް އުފެދިއްޖެއެވެ. ކަންބޮޑުވެފައި ހުރިވަރުން މީހާގެ ހަމަޖެހުން ވެސް ގެއްލިގެން ގޮސްފިއެވެ.
(ނުނިމޭ)