"ދަރިފުޅުމެން ދެން ދޭ ކޮޓަރިއަށް. އައްޒާމް ބުނީ އަލަތު ކައިވެނީގައި ތިބި މައިލީން އާއި އަހަދުﷲ އަށެވެ.
މެލެކް ރުއްސުމަށް ހުރިހާ އެންމެން ދިޔައީ ގެއަށް އައިއްސުރެ މަސައްކަތް ކުރަމުންނެވެ. މީހަކަށް އެއްޗެއް ކިޔައިނުދީ މެލެކް އެ އިންނަނީ ހަމަޖެހިން އުނގުމަތީގައި ހުރި ތަށިން ކާލަކާލައެވެ.
"ހަމަޖައްސައިގެން އަވަހަށް ގޮވައިގެން ދޭ. ޖެހުނު މައްސަލައެއް ވިއްޔާ ވާހަކަދއްކައިގެން ހައްލުކޮށްލާ" ބާޒިލްގެ ކޮނޑުގައި އަހަދުﷲ ޖަހާލިއެވެ.
"ދަރިފުޅު ގެއަށް ދަމުން މަންމައަށް އެނގިލައްޗޭ" މެލެކްގެ ބޮލުގައި ތަބައްސުމް ފިރުމާލިއެވެ.
ދެމަފިރިންނަށް ވަގުތުދީފައި އެހެންމީހުން ކޮޓަރިތަކަށް ވަނުމުން ބާޒިލް މަޑުމަޑުން ހިނގާފައި އައިސް ހުއްޓުނީ މެލެކް ކުރިމަތީގައެވެ. އެނާއަށް ލިބުނީ ހައިރާންކަމެވެ. ސޯފާއަށް ދެފައި އަރުވައިގެން އިން މެލެކްގެ އުނގުގައި އިނީ އެންމެ ބޮޑު ސައިޒްގެ އައިސްކުރީމް ތައްޓެކެވެ. ބަލައިވެސްނުލާ އިނދެ އޭނާ ދިޔައީ އައިސްކްރީމް ބޮމުންނެވެ. މެލެކްގެ ސަމާލުކަން ނުލިބުމުން ބާޒިލްއަށް ހެވުނެވެ. ކުރީގެ ހަނދާނެއްވެސް އާވިއެވެ. ކަމަކާ ދެރަވެ ހިތްނުތަނަސްވަސް ވިއްޔާ މެލެކް އާދަޔާހިލާފަށް ގިނައިން ކާނެއެވެ. މެލެކް ގާތުގައި ބާޒިލް އިށީނެވެ. އެންމެ ބޭނުންވާނީ އެވަގުތުތަކުގައި ފޮނި އެއްޗެއް ކާށެވެ. ފޮނި އެއްޗެއް ނެތިއްޔާ އަތުޖެހުނު ކޮންމެ އެއްޗެކެވެ. އޭނާ އިނީ ކަޅިޖަހާވެސްނުލާ މެލެކްއަށް ބަލާށެވެ. ކުޑައިރުކޮޅެއްފަހުން އައިސްކްރީމް ސަމްސަލެއް މެލެކް ބާޒިލްއަށް ދިއްކޮށްލިއެވެ. ބާޒިލް ހީލާފައި ސަމްސަލުގައި މެލެކްގެ އަތާއެކު ހިފާލިއެވެ. ދެން އޭނާ އަނގަ އާ ދިމާލަށް ސަމްސާ ގެންދިޔައެވެ.
"ބާކީ ބައި މާދަމާ އަށް ބަހައްޓާފަ ހިނގާ ދާން" ބާޒިލް ބުންޏެވެ.
މެލެކް އަނގައިން ބަހެއް ނުކިޔައެވެ. ބާޒިލް އިނގިލިތަކުން މެލެކްގެ މޫނުގައި ފިރުމާލިއެވެ. އިތުރަށް މެލެކް އާ ގާތަށް ޖެހިލުމަށްފަހު މެލެކްގެ ކޮލުގައި ބޮސްދިނެވެ. ދެންވެސް މެލެކް އަޅައެއް ނުލިއެވެ. އަނގައިން ބަހެއް ނުބުނި ތަނުގައި ބަލައިވެސް ނުލިއެވެ. މެލެކް އަތުގައި ހުރި އައިސްކްރީމް ތަށި ބާޒިލް ނެގިއެވެ. ސަމްސަލާއެކު ތަށި މޭޒުމަތީގައި ބަހައްޓާފައި އޭނާގެ ދެއަތުން މލެކްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ދެން މެލެކްގެ މޫނު ކުޑަކޮށް މައްޗަށް އުފުލާލިއެވެ. މެލެކްގެ ނަޒަރު ލަސްލަހުން ބާޒިލް އާ އަމާޒުކޮށްލިއެވެ.
"ސޮރީ. ވަރަށް ބޮޑަށް. ދެން އެކަހަލަ ކަމެއް ނުކުރާނަން" ބާޒިލް ބުންޏެވެ.
"އިޓްސް އޯކޭ. އަހަރެންވެސް ސޮރީ ބުނަން ބޭނުން" މެލެކް ބުންޏެވެ.
"ގެއަށް ދަމާ. އެގޭ މީހުން މެލީއަށް އިންތިޒާރުކުރޭ އެބަ. ދޮންތަމެން މާދަމާ ހަވީރު ފުރަންކިޔާ. އެމީހުން ބޭނުންވޭ މެލިއާއެކު ވަރަށް ވަގުތު ހޭދަކުރަން" ބާޒިލް ބުންޏެވެ.
ބާޒިލްއާއެކު މެލެކް ތެދުވިއެވެ. ދޮރުން އެތެރެއަށް ވަން ރައްޔާނުގެ ނަޒަރު މެލެކްއަށް ހުއްޓުމާއެކު ރައްޔާން ހިނިތުންވެލިއެވެ. މެލެކް ހިނިތުންވެލި ދިމާ ބާޒިލް ބަލައިލިއެވެ. ރައްޔާނު ފެނުމުން މިފަހަރު އޭނާ ރުޅިއެއް ނައެވެ. މެލެކް އަތުގައި ހިފައިގެން އޭނާ އައީ ދޮރާ ދިމާލަށެވެ.
"މިއަންނަނީ މަންމަ ކައިރީގަ ބުނެލާފަ" މެލެކް ދިޔައީ މައިންބަފައިންގެ ކޮޓަރި އާ ދިމާލަށެވެ.
ބާޒިލް ރައްޔާނަށް ބަލއިލިއެވެ.
"އަހަރެން އަންހެނުން ރުއްސާކަށް މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނު. އޭނަ އިނީ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގަ" ބާޒިލް ބުންޏެވެ.
"ލަކީ ޔޫ... މެލެކްގެ ލޯތްބަށް ގަދަރުކުރާތި." ރައްޔާނު ބުންޏެވެ.
އެއީ މެލެކް އައިސް ބާޒިލްގެ އަތުގައި ހިފާލި ވަގުތެވެ.
"މެލީގެ ހަޒްބަންޑް ގާތުގަ ބުނޭ ދެން މިކަހަލަ ކަމެއް ތަކުރާރު ވިއްޔާ އަހަރެން މެލީ ގޮވައިގެން ފިލާނަމޭ ލާހިކެއް ނޫނޭ ހޯދަކަށް"
ރައްޔާން ހަމަ ގަސްތުގައި ފަހުވަގުތު ބާޒިލް ރުޅިއަރުވާލީއެވެ. ސީރިޔަސް ބެލުމަކުން ބާޒިލް ބަލން ހުރިގޮތުން ރައްޔާނަށް ހެވުނެވެ.
****
ބާޒިލް އާއެކު މެލެކް އައިސް ގެއަށް ވަތްއިރު އާއިލާ އެންމެން ސޯފާގައި ތިއްބެވެ. ގަޑިން ބާރަޖަހައި ބޮޑުވިއިރުވެސް އެއްވެސް މީހަކު ނިދާކަށް ނުދެއެވެ. މެލެކް ދެރަވިއެވެ. ބާޒިލްދެކެ ހިތްހަމަނުޖެހި އޭނާއަށް ކުރެވުނު ކަމެއްގެ ސަބަބުން އެންމެން އެތިބީ ނިދިން މަހުރޫމުވެފައެވެ. މެލެކް މައާފަށްއެދުނެވެ. މައުސޫމާގެ އަތުގައި ހިފާލިގޮތަށް ބާޒިލްގެ ޝަކުވާ ކުރަން ފެށިއެވެ. މެލެކްގެ އެ އަމަލުން އެންމެންނަށް ހެވުނެވެ.
"ދެން ތިހެން މެލީ ނުދައްޗޭ. މިއީ މެލީގެ ގެއަކީ. ތިއީ މިގޭ ކުއްޖެއް. މަންމަގެ ބާޒިލްގެ އަނބިމީހާ. ދަރިފުޅު އެކަން ގަބޫލުކުރަން ދޯ" ލޯތްބާއެކު މެލެކްގެ މޫނުގައި ފިރުމާލަމުން މައުސޫމާ ބުންޏެވެ.
މެލެކްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ސިކުނޑީގެ ލޯގަނޑުގައި ތަސްވީރުވެގެން ދިޔައީ މީގެ އިރުތަކެއް ކުރިން އޭނާއަށް ފެނުނު ހުދާ ކަޅުގެ މަންޒަރުތަކެވެ. ދެފަރާތަށް މެލެކް ބޯހޫރާލިއެވެ.
"އަޅުގަނޑު ކުރިން މީހަކާ އިނިންހެން ހީވަނީ. އެއީ ބާޒިލްތަ؟" މެލެކް އިނީ އެއްދިމާލަކަށް ބަލާށެވެ.
"މަންޒަރުތަކެއް އެބަ ސިފަކުރެވޭ. އެއީ ބާޒިލް ހެން ހީވަނީ. މަންމަމެން ބުނެބަލަ" މެލެކް ބުންޏެވެ.
މެލެކްގެ އެ ސުވާލުން އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. އެކަކަށްވެސް އެއާ ގުޅުވައިގެން އެއްޗެއް ބުނަން ނޭނގުނެވެ. އެންމެން އިންތިޒާރުކުރީ މެލެކް ބުނި ބަސްތަކަށް ބާރުދޭނެ އެހެން ޖުމްލައެއް މެލެކް ބުނާނެ ކަމަށެވެ.
"އާނ. ކުލައެއްނުވޭ. އެކަމަކު މަންޒަރު ފެނިއްޖެ. ހަނދާންނެތިފަ ކަންނޭނގެ ދޯ" މެލެކް ބުންޏެވެ.
"ވެދާނެ. އެކަމަކު އެއީ ބާޒިލްއަށް ވިއްޔާ އަދި ދަރިފުޅަށް އެއަށް ވުރެ ބޮޑަށްވެސް އެމަންޒަރުތައް ފެންނާނެ" މައުސޫމާ ބުންޏެވެ.
ބާޒިލްއަށް ކެތެއްނުވިއެވެ. މެލެކްގެ ބަސްތަކުން އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނުވައިފިއެވެ. އޭނާ އައިސް މެލެކްގެ ދެއަތުގައި ހިފާލިއެވެ. ކައިރީގައި ތިބި މީހުންނަށް ބެލުމެއްނެތި މެލެކް އޭނާގެ މެއާލާ ފިއްތާލިއެވެ. މެލެކް ލަދުގަނެފައި މަޑުމަޑުން ބާޒިލް އާ ދުރަށްޖެހިލިއެވެ.
"ހަނދާން ނެތިފަ ކަމެއް ހުރިއްޔާ ވަރަށް އަވަހަށް ހަނދާންވާނެ. މެލީ ނުވާނެ އެއްވެސް ކަމަކާ ވިސްނައިގެނެއް" މެލެކްގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން މައުސޫމާ ބުންޏެވެ.
"ދޭ ގޮސް ހެދުން ބަދަލުކޮށްލައިގެން އަންނަން. މިދަނީ ނޫޑްލްސްގަނޑެއް ހަދާލަން" ހިބާ ބުންޏެވެ.
"ސީރިޔަސްލީ. އެކަކުވެސް ނުކައިތަ ޕާޓީގަ. މި ބާޒިލް އާ ހެދި އަޅުގަނޑަށްވެސް ނުކެވުނީ" މެލެކް ބުންޏެވެ.
މެލެކް ކޮޓަރިއަށް ވަންނަންދެން އެންމެން ހިމޭނުން ތިއްބެވެ. މައުސޫމާއަށް ހޭވެރިކަމެއްވީ ޒޭބާ އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. މައުސޫމާ ބަލައިލިއިރު އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވި ސަބަބު އެންމެންނަށް އެނގުނެވެ.
"މެލީ މިގޭގަ ދިރިއުޅެން ފެށިފަހުން އެ ބަދަލުތައް ފެންނަން ފެށީ" ޒޭބާ ބުންޏެވެ.
"އަލްހަމްދުލިއްލާހް" މައުސޫމާއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވިދާލިއެވެ.
"މައިގެ ހަޒްބެންޑް ދޯ މެލީގެ ޑޮކް އަކީ. ހިނގާބަ ގުޅަން. ބުނަންވާނެއްނު" ހިބާ ބުންޏެވެ.
"މަގޭ މޮޔަ އަންހެނުން" ކައިރީގައި ހުރި އީތަން ހިބާ އަތުން ފޯނު އަތުލާފައި ބޮލުގައި ޖަހާލިއެވެ.
"އަލަށް ކައިވެނިކުރި ދެކުދީންނަށް މިރޭ ދެން އުނދަގޫ ކުރާނެ ކަމެއްނެތް. ދަރިފުޅުމެން ތިކުރާ ކަމެއް ކޮށްގެން އަވަހަށް ނިދަން އުޅޭ. މިހާރުވެސް މާލަސްވެއްޖެ" މައުސޫމާ ބުންޏެވެ.
****
ހެނދުނު ބާޒިލް އޮފީހަށް ދާން ނިކުތްއިރު އެހެން ދުވަސްތަކަށް ވުރެ އޭނާގެ ސިކުނޑި ތާޒާއެވެ. މެލެކްއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޭނާއަށް ލިބިފައިވަނީ އާދަޔާހިލާފު އުފަލެކެވެ. ގޭ ކައިރީގައި ހުރި ސައިކަލަށް އަރާ ދުއްވާލަން އުޅެނިކޮށް ފަހަތުގައި މީހަކު އިށިންހެން ހީވެގެން ބަލއިލިއެވެ. ހައިރާންކަމެއް އޭނާއަށް ލިބުނީ ފަހަތުގައި ހެވިފައި އިން ސާރާ ފެނިފައެވެ.
"ކިހިނެއްވީ؟ އަލަކަށް ނޫނެއްނު މިއަށް އެރީ" ސާރާ ބުންޏެވެ.
"ތިއީ ކޮން ސަކަރާތެއް. ހަމަ މިހާރު ފައިބާ" ބާޒިލްގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.
"ނުފައިބާނަން. އަހަރެން މިއައީ ބާޒިލް އާ މޮޅު ވާހަކަތަކެއް ދައްކާކަށްނޫން" ސާރާ ބުންޏެވެ. ސައިކަލު ކައިރީގައި ބާޒިލް ކޮޅަށް ހުރިއިރު ސާރާ އިނީ ސައިކަލުގެ ފަހަތުގައި އިށީނދެ ހަމަޖެހިގެންނެވެ.
"ތީދެން ކިހާ ދެރަކަމެއް. އަހަރެން ކަލެ އާ ގުޅުން ކަނޑާލިތާ ކޮންދުވަހެއް. ތިހެން ފިރިހެނެއްގެ ފަހަތުން އުޅުމަކީ ކިހާ ހަޑިކަމެއް. އަމިއްލަ މީހާގެ އަގު ތިވައްޓާލަނީ އަމިއްލައަށް"
ސާރާ ރުޅިއައީ ދެނެވެ. ސައިކަލުން ފުންމާލިގޮތަށް ހުއްޓުނީ ބާޒިލްގެ ކުރިމަތީގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
"ހަނދާންއެބަހުރިތަ؟ އަހަރެން ބުނީމެއްނު ތި ބާޒިލްއަށް ހަމަޖެހިގެން އުޅޭކަށް ލާހިކެއްނޫނޭ. މެލެކް އާ ވެސް ދިމާކުރާނަން. މުޅި ރަށަށް ކަލޭމެން ބަދުނާމު ކުރާނަން. ތިއުޅެނީ މަގޭ ވަރެއް އަދި ނޭނގިގެން" ސާރާ ބުންޏެވެ.
ބާޒިލްއަށް ހުރެވުނީ ހައިރާންކަމާއެކު ސާރާއަށް ބަލާށެވެ. އެއީ މީގެކުރިން އޭނާ ދަންނަ ސާރާއެއް ނޫނެވެ. މުޅިން ތަފާތު އިންސާނެކެވެ.
"ސާރާ، ތިގޮތަށް އުޅެގެން ކޮބާތަ ކަލެއަށް ލިބޭ ފައިދާއަކީ؟ ހެޔޮނުވާނެ އަހަރެމެންގެ ދިރިއުޅުމުން ދުރަށްގޮސްފާނަންތަ؟" ބާޒިލް ބުންޏެވެ. މަގުމަތީގައި ހުރެ އަންހެނަކާ ޒުވާބުކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަމުދުން މީގެކުރިން އޭނާ އާ ގުޅުމެއް އޮތް މީހެކެވެ.
"ދުރަށްދާނަން. އަހަރެންގެ މަގުސަދު ހާސިލުވި ދުވަހަކުން" ސާރާ ބުންޏެވެ.
ބާޒިލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އޭނާގެ ގަޑިޖެހެނީއެވެ. އޭނާ ސައިކަލަށް އެރިއެވެ. ހަމަ އަރާއިރަށް ސާރާ ފަހަތަށް އަރާ އިށީނދެއްޖެއެވެ. ބާޒިލް ސައިކަލުން ފޭބިއެވެ. ހިތަށް އެރީ ފައި މަގުގައި އޮފީހާ ދިމާލަށް ދިޔުމަށެވެ. އެހިޔާލު ދޫކޮށްލީ އެވަރަކުންވެސް އަދި ސާރާ މައިތިރިނުވާނެކަން އެނގުމުންނެވެ.
ބާޒިލް ފޯނު ނެގިއެވެ. އޭނާ ލަސްވާނެކަމަށް ލިޔެފައި އަންގަންޖެހޭ ފަރާތަށް މެސެޖެއް ފޮނުވާލިއެވެ.
"ކޮބާތަ ސާރާގެ ބޭނުމަކީ؟" ދެން ބާޒިލް ކުރިމަތިލީ ސާރާ އާއެވެ.
"ހަމަ އެންމެފަހަރަކު ހަމަޖެހިގެން ވާހަކަދައްކާލެވޭނެތަ؟" ސާރާ ބުންޏެވެ.
"އަޑުއަހަން މިހުރީ" ބާޒިލް ބުންޏެވެ.
"ބާޒިލް ހީކުރީ މަށަކީ މޮޔައެއް ކަމަށްތަ؟ މިތާ ވާހަކަދައްކަން އަހަރެން ބޭނުމެއްނޫން" ސާރާ ބުންޏެވެ.
"ކަލެ އާ ވަކިން ވާހަކަދައްކަން އެއްވެސް ތަނަކަށް އަހަރެން ނުދާނަން. ސާފުވެއްޖެތަ؟" ބާޒިލްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
"އެންމެރަނގަޅު. އެކަމަކު ދެން އަހަރެން ކުރާކަމަކުން އަހަރެން ކުށްވެރިކޮށްގެން ނުވާނެ. ބާޒިލް އަށް ތިއުޅެނީ އަދި އަހަރެންގެ ވަރެއް ނޭނގިގެން" ސާރާ ބުންޏެވެ.
ބާޒިލް އެއްޗެއް ނުބުނެ ހިމޭންވިއެވެ. އޭނާ ވިސްނާލިއެވެ. މިއީ ކުރީގެ ސާރާއެއް ނޫނެވެ. ކޮށްފަ ނުކުރާނީ ކޮންފަދަ ނުބައި ކަމެއްކަން ވިސްނާލަން މިހާރު ފަސޭހައެއް ނޫނެވެ. ސާރާގެ ވިސްނުމާއި ފިކުރު އެވަނީ ކިލަނބުވެފައެވެ. މިވަގުތު ވިސްނަންޖެހޭ މީހަކީ ހަމައިގައި ހުންނަ މީހާއެވެ.
"ފައިން. ހަނދންކުރާތި. ސާރާ ވާހަކަދައްކަން އަހަރެން އިތުރު ފުރުސަތެއް ނުދޭނަން. އަދި މިފަހަރު އަހަރެން އެއްބަސްމިވަނީ ހަމައެކަނި ތިބަލިމަޑުކަމުން ސަލާމަތްވާން. ދާންވީ ތަނާ ގަޑި ބުނޭ. އަވަސްކުރޭ. އަހަންނަކަށް ވަގުތެއްނެތް" ބާޒިލް ބުންޏެވެ.
"ތިވަރުގެ ކަމެކޭ. ޔަގީން އެއަށްފަހު އަހަރެން އުނދަގުލެއް ނުކުރާނަން" ސާރާގެ އަޑަށް މަޑުމައިތިރިކަން އައެވެ.
ނަސީބަކުން ސާރާގެ އަތްދަށުން ބާޒިލް ސަލާމަތްވިއެވެ. އޮފީހަށް ވަދެވުނުއިރު ގަޑިޖެހެން އެއް ސުކުންތު ހުއްޓެވެ. ސުންގަޑި ވުމުގެ ކުރީގައި އޭނާއަށް ހާޒިރީގައި ސޮއި ކުރެވުނެވެ. ކެބިންއަށް ވަތްގޮތަށް އޭނާ އިނީ ބޮލުގައި ރިއްސައިގަނެފައެވެ. ސާރާގެ ހަބަރެއްނުވެ ފުދޭ ވަރަކަށް ދުވަސްތަކެއް ފާއިތުވެގެން ދިޔުމުން އޭނާ ހީކޮށްގެން ހުރީ އެ އުނދަގުލުން ސަލާމަތްވީ ކަމަށެވެ. މިއަދު ކުއްލިއަކަށް ސާރާގެ އުނދަގު ޖެހުމުން އޭނާގެ މުޅި ދުވަސް ހަރާބުވެއްޖެއެވެ. ބޯ ހަމަޖައްސާލަން ބާޒިލް ބޭނުންވިއެވެ. އޭނާ ގުޅީ މޯޑު އަށެވެ. ސާރާގެ ކަންތަކުގައި އެކުވެރިއެއްގެ ހިޔާލުނެތި އެއްވެސް ކަމެއް ނިންމުމަކީ ގޯހެކެވެ. އެއްފަހަރު ގޯސް ހެދިއްޖެއެވެ. މެލެކް އާއި ދެފަރާތު އާއިލާގެ އިތުބާރު ގެއްލޭފަދަ ކަމެއް ހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި އޭނާ ނުކުރާނެއެވެ.
****
ކޮޓަރިން ނިކުންނަން އައި މައިލީންގެ އަތުގައި އަހަދުﷲ ހިފާލިއެވެ. މައިލީން ބަލައިލުމާއެކު އަހަދުﷲ ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އޭނާ މައިލީން ނުވިސްނާހުއްޓާ ގާތަށް ދަމާލިއެވެ.
"އަދިވެސް ހިތް ނުފުރެނީތަ؟" އަހަދުﷲ އާ ނަޒަރު ބަދަލުކޮށްލަމުން މައިލީން ބުންޏެވެ.
"އެންމެ ރެޔަކުން ކިހިނެއް ހިތް ފުރާނީ" އަހަދުﷲ ބުންޏެވެ.
"ދެން؟ ބޭރަށް ނިކުންނަން ހިނގާ" މައިލީން ބުންޏެވެ.
މައިލީންގެ އުނަގަނޑުގައި ހިފާލުމަށްފަހު އިތުރަށް ގާތަށް ދަމާލާފައި މޫނާ މޫނު ގާތްކޮށްލިއެވެ. އެއްވެސް ކޫރުމެއްނެތް މައިލީންގެ ދޮން ކޯތާފަތުގައި ލުއިލުއިކޮށް އަހަދުﷲ ބޮސްދިނެވެ.
"މުޅިއުމުރު އެއްކޮށް އުޅެން ތިބި ދެމީހުންނޭ މިއީ. ހިތް އުފާކުރާނެ ކިތަންމެ ވަގުތެއް އަންނާނެ" މައިލީން ބުންޏެވެ.
"ޔަގީން ކަށަވަރެއްނު. އަބަދުވެސް ހުންނައްޗޭ. އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ހިނދެއް ކޮންމެ ސުކުންތެއް ހޭދަކުރަން ބޭނުންވަނީ މައި އާއެކު. ވަރަށް ލޯބިވޭ"
"އަހަރެންވެސް" މައިލީން ބުންޏެވެ.
އަހަދުﷲ އަށް ހެވުނެވެ. ލޯބިވާކަމަށް މައިލީން އިއުތިރާފުވި މިއީ ފުރަތަމަ ފަހަރެވެ.
"އަހަރެން އެންމެ އަޑުއަހަން ބޭނުންވާ ގޮތަށް އަދިވެސް ނުބުނެވޭ. ރޭގަވެސް އަހަރެން މިހެން ބުނި ކޮންމެ ފަހަރެއްގަ މައި ބުނޭ ތިހެން" އަހަދުﷲ ބުންޏެވެ.
މައިލީން ލަސްލަހުން އެސްފިޔަތައް އުފުލާލުމަށްފަހު އަހަދުﷲ އަށް ބަލައިލިއެވެ. ދެމަފިރިންގެ ހަތަރުކަޅި އެކަކު އަނެކަކާ ބައްދަލުވެގެން ދިޔައެވެ.
"އަހަރެންގެ ފިރިމީހާ ދެކެ ވަރަށް ލޯބިވެވިއްޖެ. އަހަރެންގެ އަންހެންވަންތަކަށް އަމާނާތްތެރިކަމާއެކު ހަދިޔާކުރި މީހަކީ ތިއީ. އެއަށް އޯގާތެރިވެ އަހަންނަކީވެސް ފުރިހަމަ އަންހެނެއްކަން އިހުސާސްކޮށްދިން މީހަކީ ތިއީ. އަހަރެންގެ ހަލާލު ފިރިމީހާ. އަހަރެންގެ ކައިވެނީގެ ފުރަތަމަ ރޭ އެހާ ހާއްސަ ރެޔަކަށް ހަދާދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ފިރިމީހާ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ" މައިލީން ބުންޏެވެ.
އަހަދުﷲ ހިނިއައިސްފައި މައިލީންގެ ނިތުގައި ބޮސްދިނެވެ. މައިލީންގެ އަތާ އަތް ގުޅުވައިލުމަށްފަހު އަތްތިލައިގައިވެސް ބޮސްދިނެވެ. ދުވަހަކުވެސް ދެގޮތެއްނުވެ އޭނާ އެކު ހުންނާނެކަމަށް އެހިނދު އެކަކު އަނެކަކަށް ވައުދުވިއެވެ.
****
ފޯނު ނެގިތަށް ގެއަށް މިއަދު ކާން ނުދެވޭނެ ވާހަކަ ބާޒިލް ބުންޏެވެ. ކުރިމަތީގައި ވޭޕް ދަމަން އިން މޯޑަށް ބަލައިލިއެވެ.
"ކަލޭ މިހާރު ހާދަ ތަދޭ. އެއް އޮފީހެއްގައި އުޅޭއިރުވެސް އަހަރެން މިޖެހެނީ ކަލޭ އަތުން ވަގުތުކޮޅެއް ވަގަށްނަގަން" ބާޒިލް ބުންޏެވެ.
"މަށަކީ މިހާރު ވަރަށް ޒިންމާދާރު މީހެކޭ. އޮފީހުން ގެއަށް. ގެއިން އޮފީހަށް. ކިތައް ދުވަހު ކަލެއާއެކު އޮންލައިންކޮށް ބޭރަށް ދިޔައިން" ހިނިގަނޑަކާއެކު މޯޑު ބުންޏެވެ.
"ސީރިޔަސްކޮށޭ. މިއުޅެނީ ސާރާގެ އުނދަގޫ ޖެހިގެން ހިޔާލެއް ދީބަލަ ނިކަން އޮށްޓަރުހުރި" ބާޒިލް ބުންޏެވެ.
ވެއިޓަރު ގެނައި ކަޅު ކޮފީތަށިން ކޯވަރެއް ބޯލާފައި މޯޑު ހަމަޖެހިލިއެވެ.
"ނަމަނަމަ ޅަ އެއްޗެއް ނާޅާތި. ދެވަނަފަހަރަށް މެލެކް ގެއްލުނިއްޔާ މުޅިއުމުރަށް ކަލޭ ޖެހޭނީ ރޯން އޮންނަން:" މޯޑު ބުންޏެވެ.
"ޅަ އެއްޗެއް ނާޅާންވެގެންނު ކަލޭގެ ހިޔާލަކަށް މިއެދުނީ. ސީރިޔަސްކޮށް ކަލޭގެ ހިޔާލަކީ ވަރަށް މުހިންމު އެއްޗެއް. ރާއްޖޭގަ މި ހިނގާ ބޮޑެތި މަރުތަކުގެ ހަގީގަތް ހޯދަންވެސް ޓީމުތަކުގަ ކަލޭ ބައިވެރިކޮށްފިއްޔާ ޔަގީން ރަނގަޅު ތަހުގީގެއް ކުރެވޭނެކަން" ބާޒިލް ބުންޏެވެ.
މޯޑު ހިނިގަނޑެއް ޖަހާލިއެވެ. "ޔަގީނެއްނު. މައްސަލައަކީ އަންހެނުން ގަބޫލެއްނުކުރެއޭ"
"ނުކުރާނެއްނު. ފަސްވަނަ އަނބިމީހާ އެއީ" އަނެއްކާވެސް މޯޑު ހޭންފެށިއެވެ.
"ސާރާ ކީކޭ ކިޔައިގެން ތިއުޅެނީ؟"
ސާރާ ދެއްކި ވާހަކަތައް ތަފްސީލުކޮށް ބާޒިލް މޯޑަށް ކިޔައިދިނެވެ.
"ނަސީބެއް އަހަރެން ކަހަލަ ދިރިއުޅުމުގެ ގިނަ ތަޖުރިބާތަކެއް ކޮށް ކާމިޔާބު މީހަކަށް ތިވާހަކަ ކިޔައިދިންކަން" މޯޑު އަމިއްލަ ނަފްސަށް ފަހުރުވެރިވެލަމުން ބުންޏެވެ.
"ކަލެއަށް ކެރޭނެތަ މަ ބުނާ ކަމެއް ކުރަން" މޯޑު ބުންޏެވެ.
****
ޝިމްލާ އާއި އަސަދު ފުރުވާލުމަށްފަހު ސައިކަލުގައި އަހަދުﷲ އާއި މައިލީން މިސްރާބުޖެހީ ގެއާ ދިމާލަށެވެ. މައިލީން ބޭނުންވީ މެލެކް އާ ބައްދަލުކުރަން ހެޕީނައިޓަށް ދާށެވެ. ވަގުތުން އަހަދުﷲ ގެ މިސްރާބު ބަދަލުކޮށްލިއެވެ. ގޭ ދޮރުކައިރިއަށް މައިލީން ފައިބާފައި ގެއަށް ދާންވުމުން ގުޅަންވީހޭ އަހާލިއެވެ.
"ނުގުޅިޔަސް އަންނާނަން" އަހަދުﷲ ބުންޏެވެ. މައިލީން އަށް ހެވުނެވެ.
"ފަހަރެއްގަ ހިނގާލާފަ ދާންވެގެން މިއަހާލީ" މައިލީން ބުންޏެވެ.
"މައި ބޭނުންގޮތެއް. ހިނގާފަ ދިޔަސް އަންގާލާތި. މިދަނީ ބައްޕަ އާއެކު އެގޭ މަސައްކަތްތައް ބަލައިލަންވެގެން. އަހަދުﷲ ބުންޏެވެ.
މައިލީން ބޯޖަހާލާފައި ދޮރާށިން އެތެރެއަށް ވަނެވެ.
****
ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. ހިބާގެ ދެމަފިރިންނާއި ލައިބާގެ ދެމަފިރިން ހަވީރު ފުރުމަށް ހަމަޖެހިފައިވާތީ އެކަމުގެ ތައްޔާރީތައް ވަމުން ދިޔައެވެ. އަވައްޓެރިންނާއި ގާތްމީހުން ދީފައިވާ ހަދިޔާ ދަޅުތައް މުޅި ގޭތެރޭގައި ހުއްޓެވެ.
"ސީރިޔަސްލީ. ގިނައިގިނައިން އަންނަންވީ މިރަށަށް. ހާދަ ހަދިޔާއެކޭ"
ވަކިން ހުރި ސޯފާގައި އިން އަޔާޒު ބުންޏެވެ. އޭރުވެސް އޭނާގެ އަތުތެރޭގައި ތެލުލި ބަނބުކެޔޮ ދަޅެއް އޮތެވެ. އޭނާ ދިޔައީ އޭގެއިން ފަހަރު ފޮއްޗެއް ނަގައި ހަފަމުންނެވެ. އޭނާގެ ދަތްތަކުން އެ ފޮތިތައް މުގުރޭ އަޑު ކަނޑައިގެން ނުދެއެވެ.
"މަންމަވެސް އެބަހުރި ތިއެމެންނަށް ދޭން ހަވާދު ޕެކްކޮށްފަ" މައިލީން ބުންޏެވެ.
ދޮރަށް ފުރަގަސްދީގެން މުށިތަކުގެ މަތީގައި އިން ދެ އަންހެންކުދީން ބަލައިލިއެވެ. އެއީ ބަދިގޭގައި ހުރި ޒޭބާ ވެސް އައި ވަގުތެވެ.
"މައި؟ ކިހިނެއްތަ ރޭގެ ކަންތައްތައް ދިޔައީ" ހިބާ ބުންޏެވެ.
ކައިރީގައި އިން ލައިބާ ހިބާ އަތުގައި ޖަހާލިއެވެ. ހިބާގެ ސަމާސާ ބައި ބޮޑުކަމުން ކޮންމެފަދަ ވަގުތެއްގައި ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެއެވެ.
"ކީއްތަވީ. ރެއަކީ މައި ގެ ހާއްސަ ރެއޭ" ހިބާ އިނީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އޭރު މައިލިން ހެވިފައި ހުރެ ގޮނޑީގައި އިށީނދެއްޖެއެވެ.
"މިތާ އިނީ ދޮންތަބެ އެކަންޏެއް ނޫނޭ. އަޔާވެސް އެބައިން" ހިބާގެ ކަންފަތް ކައިރިއަށް ކައިރިވެލާފައި ލައިބާ ބުންޏެވެ.
"ޓައިމެއް ހޯދާލައިގެން މިއަދު މަށާ ބައްދަލުކޮށްލާ. އޭރުން ކިޔައިދޭނަން" މައިލީންވެސް އަނގައިން ދެރަނުވިއެވެ.
އިރުކޮޅަކުން އިތުރު ހަދިޔާ ކޮތަޅުތަކެއް ހިފައިގެން މައުސޫމާ ވަނެވެ. ހިބާ އާއި ލައިބާ ގެންގުޅޭ ދަބަހަށް ކޮތަޅުތައް ލާފައި އޭނާގެ ދެތިން ރައްޓެހިން ދިން ހަދިޔާ އޭ ބުންޏެވެ. މައިލީން ފެނުމުން ހިނިތުންވުމެއްދިނެވެ. މެލެކް ފެންނަން ނެތުމުން ކޮބައިތޯ އަހާލިއެވެ.
"ކައިގެން ލޫލު ނިންދަވަން ވަންގޮތަށް ނުނިކުމޭ. ނިދިފަ ކަންނޭނގެ" ޒޭބާ ބުންޏެވެ.
"ނިދިފަ އޮތިއްޔާ ބާއްވާ" މައިލީން ބުންޏެވެ.
ރޭގައި މެލެކް ދެއްކި ވާހަކަތައް ޒޭބާ މައިލީންއަށް ކިޔައިދިނެވެ. މައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެވާހަކަތައް ވަގުތުން އަހަދުﷲ އަށް ކިޔައިދޭން ބޭނުންވިއެވެ.
"އަހަރެމެންގެ ތެރެއިން އެކަކުވެސް އަދި ނުބުނުން އެންމެ ރަނގަޅީ. ގޯހެއް ވެދާނެތީ މިހެން މިބުނީ. އަމިއްލައަށް ހަނދާންތައް އައުން މީގަ އެންމެ ރަނގަޅު އަދި އެންމެ ރައްކާތެރި ގޮތަކީވެސް" މައިލީން ބުންޏެވެ.
****
އޮފީސް ނިންމާލިގޮތަށް އެންމެ ވަގުތެއްވެސް ބޭކާރުނުކޮށް ބާޒިލް ބޭރަށް ނިކުތެވެ. ސައިކަލާ ދިމާލަށް ދަނިކޮށް ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ.
(ނުނިމޭ)