ސްކޫލްގެ ރަސްމީ ގަޑި ނިމުމުން ނޫރާލް ސްޓާފް ރޫމަށް ވަދެލީ ގެއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުންނެވެ. މެންދުރު ވިއިރު ވެސް އައިރާގެ ޚަބަރެއް ނުވުމުން އޭނަ ހުރީ ކަންބޮޑުވެފައެވެ. ދެފަހަރެއްގެ މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދިނެވެ. އޭނަ ކުރި މެސެޖުތަކަށް ވެސް ރައްދެއް ނުލިބުނެވެ. ކަމެއް ގޯސްވެއްޖެކަން ނޫރާލްއަށް ޔަޤީންކުރެވުނެވެ. އަތް މަތި އަވަސްކޮށްލީ އައިރާއާ ބައްދަލުކުރަން ދާންވެގެންނެވެ.
މަސައްކަތުގައި ހުއްޓާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު ނޫރާލްއަށް އިވުނެވެ. ފަސްއެނބުރި ބަލައިނުލިޔަސް، އެއީ ޖާދިންކަން ނަގައިގަނެވުނެވެ. ކެލްވިން ކްލެއިންގެ ފިރިހެވަންތަ ސެންޓުގެ ވަސް ނޭފަތުގައި ޖެހުމުން ދިގު ނޭވާއެއް ދަމާލެވުނެވެ.
''ހޭއި...'' ޖާދިން ގޮވާލިއެވެ. ކޮމްޕިއުޓަރުން ކުރަމުން ދިޔަ މަސައްކަތް އިރުކޮޅަކަށް މަޑުޖައްސާލަމުން ޖާދިންއަށް ނޫރާލް ބަލައިލިއެވެ. ވަގުތުން ނޫރާލްގެ މޫނުގައިވި ކަންބޮޑުވުމުގެ އަސަރުތައް ޖާދިންއަށް ފާހަގަކުރެވުނެވެ. ސްޓާފްރޫމަށް ދިން އަވަސް ނަޒަރަށް ފަހުގައި އިށީނދެގެން އިން ގޮނޑި ނޫރާލްގެ ގާތަށް ޖައްސާލިއެވެ. އެވަގުތު ސްޓާފްރޫމުގައި މާގިނަ ބަޔަކު ވެސް ނޫޅެއެވެ. ފަޒްނާ ވެސް ދަތުރު ދިޔަ ދުވަހަށް ފަހު އުޅެނީ ދުރުދުރުންނެވެ. ދޭތެރެއަކުން ރުޅި މޫނު ހަދާލިޔަސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމާއި އުފާކުރަންވީ ކަމެއް ނުވަތަ ކަންބޮޑުވާންވީ ކަމެއް ވެސް ނޭނގެއެވެ. ޖާދިން މާބޮޑު ސަމާލުކަމެއް ވެސް ނުދިނެވެ. ފަޒްނާގެ ގޮތް އެންމެނަށް އޮތީ ދަސްވެފައެވެ. ފަތުރާލާނެ ވާހަކައަށް ސަމާލުކަން ދޭނެ މީހަކު ވެސް ނުހުންނާނެއެވެ.
''ކަމެއް ވީތަ؟...'' ޖާދިންއަށް އަހާލެވުނެވެ.
''އަރޫގެ ޚަބަރެއް ނުވެގެން މިއުޅެނީ، ފޯނެއް ވެސް ނުނަގާ، މެސެޖަށް ރިޕްލައި ވެސް ނުދޭ، އެހެން ދުވަސްދުވަހު ސަލާން ދެންޏާ ބުނާނެ...'' ނޫރާލް ބުންޏެވެ. އޭނަގެ އިހުސާސްތަކަށް ޖާދިންގެ ފަރާތުން ލިބުނު ސަމާލުކަމުން ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ.
''ޑޫ ޔޫ ތިންކް ސަމްތިންގް ހެޕެންޑް؟...'' ޖާދިންއަށް ސުވާލުކޮށްލެވުނެވެ. އޭނައަށް ވެސް އައިރާގެ ފަޅުކަން ވަނީ ފާހަގަ ކުރެވިއެވެ. އެހެންޏާ ސްކޫލް ތެރެއިން ނޫރާލްއާއި އައިރާ ފެންނާނީ އެކުއެކީގައެވެ. އެދެމެދުގައި އޮތްތަނީ ވަރުގަދަ އެކުވެރިކަމުގެ ގުޅުމެކެވެ. އައިރާ ކަހަލަ ދީނަށް ލޯބިކުރާ އެކުވެރިޔަކު ނޫރާލްއަށް ލިބިފައިވުމުން ހިތްހަމަވެސް ޖެހުނެވެ.
''ނޭނގޭ ބުނާކަށް، އެކަމަކު އަރޫގެ ފަރާތުން މީގެ ކުރިން ފެނުނު ބަދަލެއް ނޫން މިއީ... އަބަދު ފޯނަށް ޖަވާބު ދެނޭ...'' ނޫރާލްއަށް ބުނެވުނެވެ.
''ފެމިލީ މީހެއްގެ ގާތު އަހާލިންތަ؟...'' ޖާދިން ބުނެލިއެވެ.
''ނޫން، ހަނދާނެއް ވެސް ނެތް، ބެކް ޓު ބެކް ކްލާސްތައް ހުރުމުން ވަގުތެއް ވެސް ނުވީ... ދެން މިހާރު ސްކޫލް ވެސް ނިމުނީތާ، ބޭނުމީ އެގެއަށް ގޮސް އަރޫއާ ބައްދަލުކޮށްލަން...'' ނޫރާލް ބުންޏެވެ.
''ނޫރާ ގެންގޮސްދެންތަ؟...'' ޖާދިން އަހާލިއެވެ. ނޫރާލްއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައިވާ ކަހަލައެވެ. ޖާދިންއަށް ބަލައިލަމުން ނޫރާލް ބޯޖަހާލިއެވެ. ޖާދިންގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ފެނި ނޫރާލްއަށް ވެސް ހިނިތުންވެވުނެވެ.
''އަންނާނަން މިސްކިތަށް ގޮސްލާފަ، އެހާއިރަށް ނޫރާ ނިމޭނެދޯ؟...'' ޖާދިން ކޮޅަށް ތެދުވުނެވެ. ފަޓުލޫނުގެ ޖީބަށް އެއް އަތް ޖަހާލަމުން ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
''ހޫމްމް، ނިންމާލާފަ ޖާދުއަށް ގުޅާލާނަން...'' މަސައްކަތް ގޮސްފައިވާ ހިސާބު ބަލައިލަމުން ނޫރާ ވާހަކަދެއްކިއެވެ. ޖާދިން ބޯޖަހާލަމުން ސްޓާފުރޫމުން ނިކުންނަން ހިނގައިގަތީ ވަދާއުގެ ހިނިތުންވުމެއް ނޫރާލްއާއި ބައްދަލުކޮށްލާފައެވެ.
ހުރިހާ ކަމަކުން ނޫރާލް އަވަދިވީ އެކެއް ޖަހަން އުޅެނިކޮށެވެ. ކޮނޑުގައި އަތްދަބަސް އަޅުވާލަމުން ޖާދިންއަށް ނޫރާލް ގުޅާލިއެވެ. ޖާދިންއާއި ވާހަކަދައްކަމުން ގޮސް ސްޓާފްރޫމުން އޭނަ ނިކުތެވެ. ފަސްވަރަކަށް މިނެޓް ތެރޭގައި އަންނާނަމޭ ބުނެލަމުން ޖާދިން ފޯނު ކަނޑާލިއެވެ. ޖާދިންގެ އިންތިޒާރުގައި ނޫރަލް ގޮސް މަޑުކޮށްލީ ސްކޫލްގެ މެދު ގޯއްޗަށް ވާހެން ހުރި ފިތިރޯނު ގަހުގެ ވަށައިގެން ޖަހާފައި ހުރި ބެންޗެއްގައެވެ. އޭރު އުޑުމަތީގައި ކޮޅުނަގަމުން ދިޔަ ބަނަ ވިލާތަކުގެ އަސަރުތައް ފެންނަމުން ދިޔައެވެ.
*****
ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދާލާފައި އޮތުމުން މެންދުރުގެ ވަގުތުގައި ވެސް ފަޒާއަށް ވެރިވެފައި އޮތީ ފިނިކަމުގެ އަސަރެވެ. ޖެހިލާ ބާރު ވައިރޯޅިތަކުން ހަށިގަނޑުގައި ވެސް ތުރުތުރުލުމެއް އުފައްދާލައެވެ. ސައިކަލުގައި އިން ނޫރާލްއަށް ބަލައިލެވުނީ ހާމައަށް އޮތް އުޑަށެވެ. ކަޅުވިލާތަކުން އުދަރެސް އޮޮތީ އަނދިރިކޮށްލާފައެވެ. އަންނަން އުޅޭ ތޫފާނުގެ ނަޒަރު ކޮންމެ ދިމާއަކުން ވެސް ފާޅުވަމުން ދިޔައެވެ.
''ވަރަށް ބޯކޮށް ވާރޭ ވެހޭނެހެން ހީވަނީ...'' ނޫރާލް ބުންޏެވެ. ސައިކަލު ދުއްވަމުން ދިޔަ ޖާދިން ވެސް އުޑަށް އަވަސް ނަޒަރެއް ދިނެވެ. މިދުވަސްކޮޅު މޫސުން އޮތްނަ ގޮތުން ސައިލަކުގެ މަޑި ދަށުގައި އަބަދު ވެސް އޭނަ ވާރޭ ކޯޓެއް ބާއްވައެވެ. އިންޒާރު ދިނުމެއް ވެސް ނެތި މޫސުން ބަދަލުވެގެން ގޮސްފާނެއެވެ.
''ނޫރާ ނިމެންދެން މަޑުކޮށްލަންތަ؟...'' ޖާދިން އަހާލިއެވެ. ނޫރާލްއާއި ޖާދިން ވެސް ދިރިއުޅެނީ މާލޭގައެވެ. ޖާދިންއަކީ މާލެއަށް އުފަން ޒުވާނެކެވެ. މާލޭގައި ގެދޮރު ހުރި މުއްސަނދި ޢާއިލާއެއްގެ ހަނގަށް ހުރި ހަމައެކަނި ފިރިހެންކުއްޖާ ވެސް މެއެވެ. ޖާދިން ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހަކަށް މުޅި ޢާއިލާ ދިޔައީ އިންތިޒާރުކުރަމުންނެވެ. ޖާދިން ގަސްދުކޮށްގެން ހުރީ ލަސްތަކެއް ނުވެ ޢާއިލާއަށް ނޫރާލް ތަޢާރަފްކޮށްދޭށެވެ. ރައްޓެހިވެގެން ގިނަ ދުވަހު ތިބުމުގެ ވިސްނުމެއް އޭނަގެ ނެތެވެ.
ނޫރާލް އުޅެނީ އޭނަގެ މަންމަ އަދި ބައްޕައާއި އެކު އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެންނެވެ. އޭނަ ކުޑައިރު މާލެ ބަދަލުވި ފަހުން އުފަށް ރަށަށް ދިޔަ އަދަދު އެންމެ އަތެއްގެ އިނގިލިން ގުނާލެވޭނެއެވެ. މެދުރާއްޖޭގެ ރަށަކަށް ނިސްބަތްވާ އޭނަގެ މައިންބަފައިން މާލެ ހިޖުރަކުރީ އޭނައަށް އުޖާލާ މުސްތަޤުބަލެއް ހޯދައި ދިނުމަށެވެ.
''ނޫން، އަހަރެން ލަސްވެސް ވެދާނެ، އޭރަށް ވާރޭގަ ޖާދު ތާށި ވެދާނެ...'' ނޫރާލް ބުންޏެވެ. ''އަހަރެން ޓެކްސީއެއްގަ ގޮސްފާނަން...''
''އޯކޭ، މާލެ ދެވުމުން ޚަބަރެއް ވެލައްޗޭ...'' ޖާދިން އެދުނެވެ. ސައިކަލުގެ ދުވެލި އޭނަ ބާރުކޮށްލީ ވައިރޯޅީގެ އަޑުފަށްގަނޑު ގަދަވެލުމުންނެވެ.
*****
ލިފްޓްގައި ހޭދަވި ކުޑަ ވަގުތުކޮޅުގައި ވެސް އައިރާއަށް ގުޅަން ނޫރާލް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެންމެފަހުން ފޯނު އަތްދަބަސް ތެރެއަށް ލަމުން އޭނަ އިންތިޒާރުކޮށްލީ ލިފްޓް ހުޅުވެން ދެކަށެވެ. ބޮޑު ފިކުރަކަށް ގެއްލިފައި ހުރިކަން ނޫރާލްގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދިނެވެ.
ނޫރާލް ބެލް ޖަހާލިއެވެ. ދެ ފަހަރެއްގެ މަތިން ބެލް ޖަހާލި ތަނާ ދޮރުހުޅުވަލީ ޤަމަރުއެވެ. ޤަމަރުއާއި ނަޒަރު ބައްދަލުވުމާއެކު ނޫރާލް ހިނިތުންވެލިއެވެ. ނަމަވެސް، ޤަމަރުގެ މޫނުން ފެނުނު މާޔޫސްކަމުގެ ކުލަވަރުތަކުން ނޫރާލްގެ ހިނިތުންވުން މިލައިގެންދާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. އައިރާގެ ތަބީއަތަށް އައިސްފައިވާ ބަދަލާއި، ޤަމަރުގެ މާޔޫސްކަމާއި ގުޅުވާލެވުނު ހިނދު ނޫރާލްގެ މެޔަށް ފިނިވެލިއެވެ.
''ދައްތާ، އަރޫ އެބައުޅޭތަ؟...'' ނޫރާލް ކުރިއަށް ޖެހިލިއެވެ.
''ކޮޓަރީގަ ވީ...'' ނޫރާލް ވަންނަން ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލަމުން ޤަމަރު ވާހަކަދެއްކިއެވެ. އެކުވެރިޔާގެ ހާލު ބަލައިލަން ނޫރާލް އައުމުން، ޤަމަރުއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''މިއަދު އެއްވެސް ގޮތަކަށް އަރޫގެ ޚަބަރެއް ނުވޭ...'' އެތެރެއަށް ވަންނަމުން ނޫރާލް ބުންޏެވެ. އެކި ފަހަރު މަތިން އައިރާއާ އެކު އޭނަ ވަނީ ޕެންޓްހައުސްއަށް އައިސްފައެވެ. އެއީ އުފާވެރިކަމުން އާރޯކަން ގެނެސްދީފައި އޮތްނަ މާހައުލެކެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. މިފަހަރު އެތެރެއަށް އެޅި ފުރަތަމަ ވިޔަވަޅުން ވެސް ކަމެއް ގޯސްވެއްޖެކަމުގެ ހިލަން ވެގެން ގޮސްފިއެވެ. މާހައުލަށް ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެވެ. ޤަމަރުގެ އަޑުން ވެސް އުފާވެރިކަން ފާޅެއް ނުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
''ދައްތާ...'' އޭނައަށް ފުރަގަސްދެމުން މައި ދޮރު ލައްޕަން އުޅުނު ޤަމަރުއަށް ނޫރާލް ގޮވާލިއެވެ. ''އިޒް އެވްރީތިންގް އޯކޭ؟...''
''ތި ސުވާލަށް ޖަވާބު ދޭން ދައްތަ ބޭނުން، އެކަމަކު އަރޫ ހިތްހަމަނުޖެހިދާނެ، ނޫރާގެ ސުވާލުތަކަށް ޖަވާބު ދެވޭނީ އަރޫއަށް...'' ނޫރާލްއާއި ކުރިމަތިލަމުން ޤަމަރު ބުންޏެވެ.
''އަރޫއަށް ކަމެއް ވީތަ؟...'' ޤަމަރުގެ ޖުމްލައިން ނޫރާލްއަށް ނުތަނަވަސްކަން ލިބުނެވެ. ސުވާލުގެ ނަޒަރަކުން ބަލަން ހުރެވުނެވެ.
''މިވަގުތު އެކުވެރިޔެއްގެ އެހީ އަރޫއަށް ވަރަށް މުހިންމު، އަހަރުމެންނާއި ހިއްސާކުރަން ދަތި ވާހަކަތައް ފަހަރެއްގައި ނޫރާއާ ހިއްސާކުރަން އަރޫއަށް ފަސޭހަ ވެދާނެ، އަރޫއާ ވާހަކަދައްކާލަބަލަ...'' ނޫރާލްގެ އަތުގައި ޤަމަރުއަށް ހިފާލެވުނެވެ. އައިރާއަށް އޭނަ ވިސްނަދޭން ކުރިހާ މަސައްކަތް ދިޔައީ ފެނަށެވެ. އެއްވެސް ހާލެއްގައި އެނިންމުން ބަދަލުކުރުމުގެ ވިސްނުމެއް އައިރާގެ ނެތެވެ. އައިރާގެ ވާހަކަތަކުން އެކަމަށް ހެކިދެއެވެ. ބޯހަރުކަމުން ވެސް ގޮތް ހުސްވާ ހިސާބަށް ކަންތައް ގޮސްފިއެވެ. މެންދުރު ކާން ގޮވަން ގޮސްފައި ވެސް އައިރާއާ ވާހަކަދައްކާލަން ޤަމަރު މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔަބެއް ނުލިބުނެވެ. އެކަމާ ހުރެ ޤަމަރުގެ ބޮލުގައި ވެސް ދަގަޔަށް ރިއްސަމުން ދިޔައެވެ. ބަސީލް އެދުނު ފަދައިން އައިރާއަށް ވަގުތު ދީގެން ހުންނަން ވެއްޖެނަމަ ހުރިހާކަމެއް ބޮއްސުންލައިގެން ހިނގައިދާނެކަމުގެ ބިރު ޤަމަރުގެ ހިތުގައި އޮތެވެ.
ޤަމަރުގެ ވާހަކަތަކުން ނޫރާލް ހުރީ ހުއްޓުން އަރާފައެވެ. ޤަމަރުގެ އާދޭސްތަކުގެ ފަހަތުގައި ފޮރުވުފައިވި ރިހުން އޭނައަށް އިހުސާސްކުރެވުނެވެ. އެއާއެކު ބިރުވެރިކަމުގެ ވިންދު ހިތުގައި ޖަހާލިއެވެ. ސިކުނޑިއަށް ވެސް ބާރު ބޮޑުވެގެން ގޮސްފިއެވެ. އެޖުމްލައިގެ ފަހަތުގައިވާ ހަޤީޤަތް ހޯދަން ނޫރާލް އަވަސްވެގަތެވެ.
''ޒާންއާ މައްސަލައެއް ޖެހުނީތަ؟...'' ނޫރާލްއަށް އަހާލެވުނެވެ. އޭނަގެ ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. އެހާ ލޯބިން އުޅެފައި އެދެމެދުގައި ކުންޏެއް ޖެހޭވަރުގެ ކަމެއް ދިމާވުމުން ހައިރާންކަން ވެސް ލިބުނެވެ. އައިރާއާއި ޒޯހަންއަކީ އެކަކު އެނެކަކުގެ އިހުސާސްތައް ރަނގަޅަށް ދަންނަ ދެޒުވާނުންނެވެ. ދެހިތުގައި ވެސް ވިންދު ޖަހަމުން ދިޔައީ ސާފު ފުރިހަމަ ލޯތްބެވެ. އެލޯތްބަށް އުނިކަމެއް އައިސްދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަކަށް އޭނައަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. އައިރާގެ ހިތުގައި ޖެހޭ ފަދަ އެއްވެސް ކަމެއް ޒޯހަން ނުކުރާނެ ކަމުގެ ޔަޤީންކަން ވެސް ހިތުގައި އޮތެވެ. ޒޯހަންއަކީ ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. އައިރާ ދެކެ އިންތިހާއަށް ލޯބި ވެސް ވެއެވެ.
ޤަމަރުގެ ހިމޭންކަން ދޭހަކުރަން ނޫރާލްއަށް އުނދަގޫ ވެއްޖެއެވެ. އޭނައަށް ބަލަން ހުރެވުނެވެ. އޭރު ވެސް ނޫރާލްގެ އަތުން ޤަމަރު ދޫކޮށްނުލައެވެ. ބާރަށް ހިފަހައްޓައިގެން ހުރީ ނޫރާލްގެ މަދަދަށް އާދޭސްކުރާ ހާލުގައެވެ. އެމަންޒަރު ބަލަން ނޫރާލްއަށް ފަސޭހައެއް ނުވިއެވެ. ޖަޒުބާތީވާ ގޮތް ވެސް ވެއްޖެއެވެ.
''ވެވުނު ކޮންމެ ގޮތަކުން އަރޫއަށް އެހީވާނަން...'' ނޫރާލްގެ ޔަޤީންކަމުން ފަނޑު ހިނިތުންވުމެއް ޤަމަރުގެ ތުންފަތަށް ވެރިވިއެވެ. މަޑުމަޑުން ނޫރާލްގެ އަތުގައި ވެސް ފިރުމާލިއެވެ.
ނޫރާލްގެ ސުވާލަތަކަށް ޖަވާބުދާރީވާން ޤަމަރު އުޒުރުވެރިވުމުން، ނޫރާލް މިސްރާބުޖެހީ އައިރާގެ ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރި ކުރިމައްޗަށް ހުއްޓި ދޮރުގައި ޓަކި ޖަހާލިއެވެ.
''އަރޫ، އިޓްސް މީ...'' ނޫރާލް ގޮވާލިއެވެ. ތިން ފަހަރު ޓި ދިން ފަހުން އައިރާ އައިސް ދޮރު ހުޅުވާލައިފިއެވެ.
އައިރާ ހުރީ އިސްއޮބާލައިގެންނެވެ. ފަންއިސްތަށިގަނޑު ރޫޅި މޫނުގެ ބޮޑު ބައެއް ނިވާވެފައިވުމުން އެމޫނުގެ ކުލަވަރުތައް ދޭހަކުރަން ނޫރާލްއަށް ފަސޭހަކަމަކަށް ނުވިއެވެ. އެއްޗެއް ބުނަން ނޫރާލްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. އަވަސްއަވަހަށް އައިރާ ފުރަގަސް ދިނެވެ. ހީވީ ނޫރާލްއަށް އެމޫނުގެ ކުލަވަރުތައް ސިއްރުކުރަން އުޅުނު ހެންނެވެ.
އައިރާ ގޮސް އެނދުގައި އިށީނެވެ. ދޮރު ކުރިމަތީ ހުރި ނޫރާލް އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. ކޮޓަރިއަށް ވަންނަމުން އޭނަ ދޮރު ވެސް ލައްޕާލިއެވެ. އިރުކޮޅެއް ވަންދެން އައިރާއަށް ބަލަން ހުރެފައި އޭނަ އައިސް އައިރާގެ ގާތުގައި އިށީނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން ނޫރާލްއަށް ހާސްކަން ލިބުނެވެ. އިސްއޮބާލައިގެން އިންކަމުގައި ވިޔަސް އައިރާގެ މުޅި ހަށިގަނޑުން ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. ބޮޑު ވޭނެއް ތަހައްމަލުކުރަމުންދާ ކަހަލައެވެ. އައިރާއަށް ބަލަން ނޫރާލްއަށް އިނދެވުނީ ހައްލުކުރަން ދަތި އަރަތެއް ފަދައިންނެވެ. ދުވަހަކު އައިރާގެ ފަރާތުން އެފަދަ ހިތްދަތިކަމެއް އޭނަ ނުދެކެއެވެ. ހިތުގައި އެތައް ސުވާލެއް ފުނިޖެހުނެވެ.
''އަރޫ...'' ނޫރާލް ގޮވާލުމުން ވެސް އައިރާ ބަލައިނުލިއެވެ. ނޫރާލް ބޯއަރިކޮށްލަމުން އައިރާގެ މޫނަށް ބަލައިލިއެވެ. އައިރާގެ ކޯތާފަތުން ރޮނގު ދަމަލާފައި ފޭބި ކަރުނަ ތިކި ފެނުނީ ދެނެވެ. އައިރާ ރޮނީކަން އެނގުމުން ނޫރާލްއަށް ވަގުތުން އައިރާގެ ގައިގައި ބައްދާލެވުނެވެ. އައިރާގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު ހޯދަން ބޭނުންވި ނަމަވެސް މިވަގުތު ސުވާލުކުރުން އެއީ ބުއްދިވެރި ގޮތެއް ނޫންކަން އޭނަގެ ޒަމީރު އިރުޝާދުދިނެވެ. ރޯލަން އައިރާއަށް ފުރުސަތު ދިނީ ވެސް އެހެންވެއެވެ.
އައިރާގެ ދުލުން ނިކުތް ގިސްލުމުގެ އަޑުން ހިތަށް ކުރި ފުން އަސަރާއެކު ނޫރާލްގެ ލޮލުން ވެސް ކަރުނަ ނީރާލިއެވެ. އިހުނަށް ވުރެން ބޮޑަށް އައިރާގެ ގައިގައި ބައްދާލެވުނެވެ. އައިރާގެ ހަށިގަނޑުގައި އުފެދުނު ތުރުތުރުލުމާއި، ގިސްލުންތަކުގައިވި ރިހުމުން ނޫރާލް ކަންބޮޑުވާން ފެށިއެވެ. އައިރާގެ ބުރަކާށީގައި ފިރުމަމުން ހިތްވަރުދޭން ނޫރާލް މަސައްކަތްކުރިއެވެ.
ހިމޭންކަމާއެކު ދެއެކުވެރިންނަށް ވެސް ރޯ ލެވުުނެވެ. އައިރާގެ ކަރުނައާއި ގުޅިފައިވަނީ އޭނަގެ ހާލަތެވެ. އަތުން ބީވަމުން ދިޔަ ޒޯހަންގެ ލޯތްބެވެ. އުފާވެރި ހަޔާތެވެ. ނޫރާލްގެ ދެލޮލުން ކަރުނަ ފޭބީ އައިރާއަށް ވީ ގޮތެއް ނޭނގި ލިބުނު ހާސްކަމުގެ ސަބަބުންނެވެ. ހަމައެއާއެކު އައިރާގެ އުދާސްތަކުން ނޫރާލްގެ މޭގައި ވެސް ރިއްސާލައިފިއެވެ.
''ޒާންއާއި މައްސަލައެއް ޖެހުނީތަ؟...'' ނޫރާލްއަށް އަހާލެވުނެވެ.
''ނޫން!...'' ގިސްލުމުގެ ތެރެއިން އައިރާ ބުންޏެވެ. ނޫރާލްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އައިރާގެ ހިތާމަތަކުގެ އަސްލާއި މެދު އަނެއްކާ ވެސް ސުވާލު އުފެދުނެވެ. ހުއްޓުން އަރާފައި އިންދާ އައިރާ ދުރަށް ޖެހިލައިފިއެވެ. ބަހެއް ވެސް ބުނުމެއް ނެތި އައިރާ ކޮޅަށް ތެދުވުނެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އައިރާގެ ހަރަކާތްތަކަށް ބަލަން ނޫރާލް އިނެވެ. ސުވާލުކުރަން އުޅެފައި ވެސް އައިރާއަށް އޭނަ ވަގުތު ދިނެވެ. އައިރާ ގޮސް ހުއްޓުނީ އަލަމާރި ކުރިމައްޗަށެވެ.
ފައިލެއް ހިފައިގެން އައިސް އައިރާ އަނެއްކާ ވެސް އެނދުގައި އިށީނެވެ. އިސްޖަހާލަމުން ނޫރާލްގެ އަތަށް ފައިލު ދިއްކޮށްލިއެވެ. އޭނަގެ ހާލަތު ނޫރާލްއާއި ހިއްސާކޮށްލަން ބޭނުންވީ ކުޑަ ނަމަވެސް ތަސައްލީއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ނޫރާލްގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޭނަ އުއްމީދުކުރިއެވެ.
ނޫރާލް ފައިލު ހުޅުވާލިއެވެ. އެއާއެކު އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފައިލުގައި ހުރި ރިޕޯޓްތައް ކިޔަމުން ދިޔަ ވަރަކަށް ނޫރާލްގެ މޫނުގެ ކުލަަވަރު ފަނޑުވަމުން ގޮސް މުޅިން ހެން ހުދުވެއްޖެއެވެ. ބޮޑު ބިރެއް ފެނިފައިވާ ކަހަލައެވެ. ނޭވާ ލާން ވެސް ހަނދާން ނެތެވެ. އިސާހިތަކު ލޮލުން ކަރުނަ ފާޅުވީ އެކުވެރިޔާއާއި މެދު ހިތުގައި އުފެދިގެން އައި ބިރުވެރިކަމުގެ ތޫފަނުގެ ސަބަބުންނެވެ. ފައިލުގައި ހުރި ލިޔެކިޔުންތައް ބަލާނެ ހިތްވަރު ނެތުމުން، ތެޅިގެންފައި ނޫރާލްއަށް ފައިލު ލައްޕާލެވުނެވެ.
''އައިމް ސޯ ސޮރީ... އަރޫ...'' ބުނާނެ އެއްޗެއް ނޫރާލްގެ ސިކުނޑިއަކަށް ނައެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ކަހަލައެވެ. ހާމަވެގެން ދިޔަ ހަޤީޤަތާއި ކުރިމަތިލާނެ ގޮތެއް ވެސް ނޭނގުނެވެ. އަވަސް ނޭވާތަކެއް ދޫކޮށްލެވުނީ އޭނަގެ މަދަދަށް އައިރާ ބޭނުންވާނެ މިންވަރު ފަހުމުވުމުންނެވެ. ކަރުނަތައް ފޮހެލަމުން އެހީތެރިކަމުގެ އަތެއް އޭނަ ދިއްކޮށްލިއެވެ.
''އެވްރީތިންގް ވިލް ބީ ފައިން... ޓިއުމާ ހުރީ ވެސް ފަސޭހައިން އޮޕަރޭޝަން ކުރެވޭ ހިސާބެއްގައެއްނު...'' ނޫރާލް ބުންޏެވެ.
''ދިސް އިޒް ދަ ސެކެންޑް ޓައިމް، ސަވައިވަލް ޗާންސެސް އާ ލޯ، އޮޕެރޭޝަނަށް ފަހު ކޮމްޕްލިކޭޝަންސްތައް ވެސް ގިނަވާނެ...'' އައިރާގެ އަޑު ކުރެހުނެވެ. ނޭފަތުގެ ކުރީކޮޅުގައި އައިރާއަށް އަތުގެ ނުފުށް ޖައްސާލެވުނެވެ. އަރުބެދުމުން އިތުރަށް ވާހަކަ ނުދެއްކުނެވެ.
''ތިހެން ނުބުނޭ، ފަރުވާ ފެށުމުގެ ކުރިން އުއްމީދު ކަނޑާލަން ނުވާނެއެއްނު؟...'' ނޫރާލް ވިސްނައިދިނެވެ. ''ޔޫ އާ ސްޓްރޯންގާ ދޭން ޔޫ ރިއަލައިޒް...''
''ވަރަށް ބިރު އެބަގަނޭ...'' ކަރުނަ ފޮހެލަމުން އައިރާ ބުންޏެވެ. ނޭފަތް އެތެރެއަށް ދަމާލަމުން އިސްއުފުލައި ނޫރާލްގެ މޫނަށް ބަލައިލިއެވެ. އައިރާގެ ދެލޮލުގައިވި އަސަރުން ނޫރާލްގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އައިރާގެ މޫނު ވަނީ މިލައިގެން ގޮސްފައެވެ. ތުންފަތުގައި މަޑު ތުރުތުލުމެއްގެ އަސަރު ވާއިރު އިރުއިރުކޮޅާ ކޯތާފަތުގައި ރޮނގުދަމާލާ ކަރުނަތަކަށް ނިމުމެއްނުވާ ކަހަލައެވެ. މޭގައި ދެއަތް ހުރަސްކޮށްލައިގެން އިނީ މީހާ ކުޑަވާން ބޭނުންވެފައިވާހެންނެވެ. ނޫރާލްއަށް ހިންދިރުވާލެވުނެވެ. އައިރާގެ ހިތުގައި މިވަގުތު ދައުރުވަމުންދާ ބިރުވެރިކަން އޭނައަށް ތަސައްވަރެއް ވެސް ނުކުރެވޭނެއެވެ. ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހަށް ތައްޔާރުވަމުން ދަނިކޮށް މިވީ ކިހިނެއް ހެއްޔެވެ؟
''ޒާންއަށް އެނގޭތަ؟...'' ނޫރާލްއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު އައިރާގެ ތަބީއަތު މުޅިންހެން ބަދަލުވެގެން ގޮސްވިއެވެ. ހަށިގަނޑަށް ވެސް ހަރުކަމެއް އަތުވެއްޖެއެވެ.
''ނުބުންތަ؟... ވައި ނޮޓް؟...'' ނޫރާލްގެ ސުވާލަށް ޖަވާބު ދިނީ އައިރާގެ ހިމޭންކަމުންނެވެ. އޭނައަށް ނުވިސްނުނެވެ. އިތުރަށް އޮޅުންފިލުވަން ބޭނުންވީ ވެސް އެހެންވެގެންނެވެ.
''ބޭނުމެއް ނޫން!...'' އައިރާ ކޮޅަށް ތެދުވުނެވެ. ނޫރާލްއަށް ފުރަގަސް ދެމުން ގޮސް ހުއްޓުނީ ކޮޓަރީގެ ކުޑަދޮރު ކައިރިއަށެވެ. ފަރުދާތައް ކަހާލާފައިވުމުން ބޯމަތި ވެފައި އޮތް ތޫފާނުގެ އަސަރު ފެންނަމުން ދިޔައެވެ. ބަލަހައްޓައިގެން ހުއްޓާ ވާރޭގެ ބޮޑެތި ތިކިތަކުން ކުޑަދޮރަށް ހަމަލާ ދީފިއެވެ.
''އެކީއްވެ؟...'' ނޫރާލްއަށް ބުނެވުނެވެ.
''ލޯބިވާތީ...'' އައިރާ ރައްދުދިނެވެ.
''ވަޓް؟...'' ނޫރާލް ކޮޅަށް ތެދުވުނެވެ. ހަލުވިކޮށް ހިނގާފައި އައިސް އައިރާގެ ފުރަގަހުން ހުއްޓުނެވެ.
''ނޫރާއަކަށް ނުވިސްނޭނެ...'' އައިރާ ބުނެލިއެވެ.
''ތިބުނީ ކީކޭތަ؟...'' އައިރާގެ ވާހަކަތަކުން ނޫރާލްގެ ހިތަށް އަސަރުކުރިއެވެ. ''ކީއްވެ އަހަންނަށް ނުވިސްނެން ވީ؟...''
''ޔޫ ނެވާ ހެޑް ސަޗް އެ ޑީޕް ކަނެކްޝަން ވިތް އެނީވަން...'' ފުރަގަސްދީގެން ހުރެ އައިރާ ވާހަކަދެއްކިއެވެ. އޭރު ވެސް އެދެލޮލުން ކަރުނަ ފައިބައެވެ.
''އައި ނޯ އޫ އާ ހާޓިންގް، ބަޓް ދެޓްސް ނޮޓް ފެއާ...'' ނޫރާލްއަށް ބުނެވުނެވެ. ''ކޮންމެ މީހެއްގެ ހިތުގައި ވެސް ލޯބި މިންވަރު ކުރައްވާނީ އެކި ގޮތްގޮތަށް... ކޮންމެކޮންމެ ލޯތްބެއް އެއްގޮތަކަށް ވެސް ކުރިއަކަށް ނުދާނެ...''
''އައިމް ސޮރީ...'' މޫނުގައި އަތްއަޅަމުން އައިރާއަށް ބާރަށް ގިސްލެވުނެވެ.
''އަރޫ...'' ނޫރާލް ގޮވާލިކަމުގައި ވިޔަސް އައިރާ ބަލައިނުލިއެވެ.
''ވަޓް އެބައުޓް ދަ ވެޑިންޑް؟...'' ނޫރާލް އަހާލިއެވެ. އައިރާ ފުރަގަސްދީގެން ހުރުމުން ވާހަކަ ކުރިއަށް ގެންދަން ފަސޭހައެއް ވެސް ނުވިއެވެ.
''ކައިވެނި ކުރުމުގެ ބޭނުމެއް އެބައޮތްތަ؟...'' އައިރާގެ އަޑުގައި ހިތިކަމެއް ވިއެވެ. އެސުވާލުން ނޫރާލް ދިޔައީ ސިހިގެންނެވެ. އެއީ ހަމަ އައިރާގެ ދުލުން ބޭރުވި ސުވާލެއް ބަވައެވެ! ކައިވެނީގެ ތައްޔާރީތައްވަމުން ދިޔަ އިރު އައިރާގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އުފާވެރިކަމުގެ އާލަމުގައި ފިޔަ ޖަހަމުން ދިޔަ ކަހަލައެވެ. ޒޯހަންއާއި ކައިވެނި ކުރެވޭނެ ދުވަހަކަށް އައިރާ ހުރީ ބޭޤަރާރުވެފައެވެ. ނަމަވެސް މިހާރު ފެންނަމުން ދިޔަ މަންޒަރުތަކުން ބުނެދެނީ ބިރުވެރި މަންޒަރެކެވެ. ނޫރާލްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.
''ކީއްވެ ތިހެން ތިބުނީ؟...'' އައިރާގެ ކޮނޑުގައި ހިފާ އަނބުރާލަމުން ނޫރާލް ސުވާލުކޮށްލިއެވެ. އައިރާގެ ވާހަކަތައް ހުރި ގޮތުން ނޫރާލް ހިސާބަކަށް ހިތްހަމަނުޖެހުނެވެ.
''އައި ޑޯންޓް ހޭވް މަޗް ޓައިމް ލެފްޓް ޓު ލިވް!...'' ކުރިއަށްވުރެން ބޮޑަށް އިސްއޮބާލަމުން އައިރާ ބުންޏެވެ. އިންތިހާ ދަރަޖައިގެ ވޭން އަޑުގައި ވިއެވެ.
''ތިހެން ވާހަކަ ނުދައްކަބަލަ، އެމީހެއްގެ އަޖަލު ހުރީ ކިހިނެއްކަމެއް އެއްވެސް މީހަކަށް ނޭނގޭނެ...'' ނޫރާލްގެ އަޑު ކުރެހުނެވެ.
''އަހަރެން ވޭނުގައި އުޅޭ މަންޒަރު ޒާންއަށް ފެންނާކަށް ބޭނުމެއް ނޫން!...'' އައިރާ ތަކުރާރުކޮށްލިއެވެ. އެއީ އޭނަގެ އާންމު ޖުމުލައަކަށް ވެފައިވާ ކަހަލައެވެ.
''ބަޓް ހީ ޑިޒާވްސް ޓު ނޯ ދަ ޓްރުތް...'' ނޫރަލް ވިސްނައިދޭން އުޅުނެވެ.
''ނޫން!، ޒާންއަށް އެނގޭކަށް ނުޖެހޭ... އެފުރުސަތެއް އަހަރެން ނުދޭނަން...'' އައިރާއަށް ތެޅިގަނެވުނެވެ. ނޫރާލްގެ އަތް ވެސް ފޮޅުވާލިއެވެ. ދެލޯ ފުރި ބާރުވެފައި ކަރުނަޔާއެކު ދެފަރާތަށް ބޯހޫރަން ފެށިއެވެ.
''އައިރާ...'' ނޫރާލްއަށް ގޮތްހުސްވެއްޖެއެވެ. އޭނަގެ އެއްވެސް ވާހަކައެއް އަޑުއަހަން އައިރާ ބޭނުންނުވާ ކަހަލައެވެ. ''ވަޓް ވިލް ޔޫ ޑޫ؟...''
''ޒާންއާ ވަކިވާނީ، އެނޫން ގޮތެއް ނެތް...'' ރިހުމާއި ކެކުޅުމާއެކު އައިރާގެ އަޑު ތުރުތުރުލައެވެ.
''ނޫން!...'' ނޫރާލްއަށް ލިބުނީ ސިހުމެވެ. ''ހައު ކޭން ޔޫ ޑޫ ދިސް؟...''
''ބިކޯޒް އައި ލަވް ހިމް!، އައި ސޯ ވަޓް މައި ފެމިލީ ވެންޓް ތްރޫ ދަ ފަސްޓް ޓައިމް، އެންޑް އައި ކާންޓް ލެޓް ދަ ސޭމް ތިންގް ހެޕެން ޓު ޒާން، އައި ކާންޓް ބެއާ ޓު ސީ ހިމް އިން ޕެއިން، އައި ކާންޓް! އައި ވިލް ނޮޓް ލެޓް ދެޓް ހެޕެން!!!...'' އައިރާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ''އައި ކާންޓް ޑޫ ދެޓް ޓު ހިމް...''
އައިރާގެ ހިތުގައި އަޅަމުން ދިޔަ ވޭން ގަދަވެގެން ދިޔައެވެ. އޭނަގެ ވާހަކަަތައް އެއްވެސް މީހަކަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
(ނުނިމޭ)