ވާހަކަ

އަލިވިލުން - 23

2

ގިނަ އަހަރުތަކެއް ވަންދެން ފެނި އެނގިފައިވާ ނާޒުމެން ކަހަލަ ގައިދީންނާ މެދު ރަމީޒާގެ ހިތުގައި ކުލުނު އުފެދިފައި އޮންނަކަން މި ގައިދީންނަށްވެސް އެނގެއެވެ. އެހެންކަމުން ގާތްކޮށް ވާހަކަދައްކައި އުޅުމަކީ އާންމު ކަމެކެވެ.

"ރަމިއްތައެއް ވާ ނުބުނާނަން، އެކަމަކު މިތާ ތިބޭ ކުދިން މާބޮޑަށްވެސް އަޕްޑޭޓް، ރާއްޖޭގެ ޓީވީން ހަބަރު ކިޔުމުގެ ކުރިން ޓީވީ ހޯލުން ހަބަރު ކިޔާ ތަނެއް މިއީ،" ރަމީޒާ ހެވިލާފައި ބުންޏެވެ.

"އަމުދަކުން އަހަރެމެންނަށް އެއްވެސް ވާހަކައެއް ބުނުން ހުއްދަ ކޭސްއެއްވެސް ނޫނެއްނު މިއީ،" ސޮއިކޮށްފައި އޮތް ފޯމު ނަގައި ސިޓީއުރައަށް ލަމުން ޑިއުޓީ އަސްމާ ތުން އަނބުރާލާފައި ބުނެލިއެވެ.

"ނަސީބެއްނު،" ނާޒު މަލާމާތުގެ ގޮތަކަށް އަސްމާ ތުން އަނބުރައިލި ގޮތަށް އަނގައަށް ހަދާލަމުން ބުނެލިއެވެ.

"ރަމިއްތާ، އަޅުގަނޑު ދަނީ އިނގޭތޯ، އޮފީހުން ލަސްވެގެން ގުޅަންވެސް ގުޅައިފި،" އޮފިސަރު އަސްމާ، ރަމީޒާއަށް ބުނެލިއެވެ. އަދި ރަމީޒާ އާނއެކޭ ބުނެލުމުން އަވަސް އަވަހަށް ތޮފިގަނޑު ބުރުގާމަތިން ބޮލަށް މަހަމުން ގޮސް ދޮރުން ނުކުމެއްޖެއެވެ.

"ތޭންކްސް، ރަމިއްތާ."

ބަންކަރުގެ ދޮރު ހުޅުވާލަމުން އެނބުރި ރަމީޒާއަށް ބަލައިލަމުން ރޫހީން ބުނެލިއެވެ.

"ރަމިއްތައަށް ތޭންކްސް ބޭނުމެއް ނޫން، ރަމިއްތައަށް ޝުކުރު އަދާކުރި ކަމަށް ގަބޫލު ކުރެވޭނީ ގެއަށް ގޮސްފައި މިތަނަށް އެނބުރި ނައިއްޔާ،" ރަމީޒާ ހިނިތުންވެލާފައި ބުނެލިއެވެ.

"އޭނ. ރަމިއްތަ ތިބުނީ ކީކޭ...؟ ހީވަނީ ހަމަ މާދަމާ އަހަރުމެން ގެއަށް ދާން އުޅޭހެން،" ރޫހީން ހައިރާންވެފައި އަހާލިއެވެ.

"ކިހިނެއް އެނގެނީ، ހަމަ ވެދާނެނު އެހެން ކަމަށްވެސް، ކާކަށް އެނގޭނީ މާދަން ވާނެ ގޮތެއް،" ރަމީޒާ ބުނެލީ ދެ މާނަ އެކުލެވޭ ރާގެއްގައެވެ.

"އޭތް، ޓީވީ ހުޅުވަބަލަ، ހަބަރު އެބައާދޭ، އަވަސް،"

ކުއްލިއަކަށް ޖަލުތެރެ ހަލަބޮލިވެގަތް އަޑު އިވިއްޖެއެވެ. ރޫހީނާއި ނާޒަށް އެކަކުއަނެކަކަށް އެއްފަހަރު، އަނެއްފަހަރު ރަމީޒާގެ މޫނަށް ބަލައިލެވުނެވެ.

"ރަމިއްތައަކަށް ނޭނގޭ،" ރަމީޒާ ދެކޮނޑު އަރުވާލިއެވެ. އޭރުވެސް އެ މޫނުމަތީގައި ހުރި ހިނިތުންވުން ފަނޑެއް ނުވެއެވެ.

"ހިނގާބަލަ، ބަލައިލަން، އަނެއްކާ ކޮންފަދަ ކަމެއް ލައިގަތީބާ....!" ނާޒުގެ އަތުގައި ހިފައިގެން ކޮރިޑޯ ތެރެއިން ކުރިއަށް ހިނގައިގަންނަމުން ރޫހީން ބުނެލިއެވެ.

"ހައްތަހާވެސް ކަލޭ ދެކެ މީހަކު ވާ ލޯބީގެ އަސަރު،" ނާޒު މަޑުމަޑުން ބުނެލިއެވެ. "ވަރިހަމަތާ، ކަލޭ ތީ ހިތެއް އޮންނަ މީހެއް ނޫން ވިއްޔަ، ފޯމު ފުރިޔަސް މިހާރުވެސް ވިސްނާނެކަން ޔަގީން އެކަން ހުއްޓުވާނެ ގޮތެއް، އަޅެ މިއީ ދޮގެއްތަ..!"

"މަޑުކޮށްބަލަ، ވެއިޓް ވެއިޓް، މިދިޔަ ހުކުރު ދުވަހުއްސުރެ މަށާ ދިމާއަށް ކެރެމްޝޮޓް ޖަހާހެން ހީވެފަ މި ހުންނަނީ، އެކަމަކު ހައްތަހާވެސް ނާޒުވީމަ، ހިތަށް އަރާ ގޮތޭ ހީކޮށްފަ މި ހުންނަނީ މަޑުން، ތެދަށް ބުނެބަލަ، ކަމަކާ ރުޅިންތަ ތި ހުންނަނީ؟ މަށަށް ކީއްކުރެވުނީ؟ ނާޒަށް ހަމަ ރަނގަޅަށް އެނގޭނެ، މަ އެހެންމީހުންނާ ދޭތެރޭ ދެކޭ ގޮތަކަށް ނޫންކަން ނާޒާ ދޭތެރޭ ދެކެނީ، ލާނާމެން އެއީ ތާއަބަދު އެކުގައި އުޅޭ މިތުރުން، އެކުވެރި ރައްޓެހިން، ފުރަތަމަ ދިމާވި ދުވަހުން ފެށިގެން ލާނާއަށް ޕްރޮޓެކްޝަން ދީ އޭނަ ރަނގަޅު ގޮތުގައި އުޅޭތޯ ހުރިހާ ޒިންމާއެއް ނަގައިގެން އުޅޭތީ އޭނާއާ ގާތްކަން އޮންނަނީ. އެކަމަކު އެއީ ކުރިންވެސް ބުނިހެން ރައްޓެހިން، ނާޒު ތީ ރައްޓެއްސެއް ނޫނޭ،"

ރޫހީން ކޮރިޑޯ މެދުގައި ހުރި ތަނބު ކައިރީ ހުއްޓެމުން ވާހަކަ ދެއްކިއެވެ.

"އެނގޭ، މަގޭވެސް ރައްޓެހިން މި ޖަލުގައި ވަރަށް ގިނަ، އެކަމަކު ރޫހީން ތިއީ މަގޭ ރައްޓެއްސެއް ނޫން، ރަހުމަތްތެރިއެއް، ތާއަބަދު އެކުގައި ނޫޅުނަސް ގާތްކަން އޮންނަ އަމިއްލަ މީހެއް، އެހެންވެ ކަންބޮޑުވަނީ، ކަލެއާ މެދު ވިސްނާތީ، ކަލެއަށް ދެރައެއް ވާން ނޭދޭތީ، ހުރިހާ އުފަލެއް ހައްގުވާ މީހަކަށް ވާތީ، އެކަމަކު އެކަމަށް ހުރަސް އަޅާ މީހުންނާއެކު ގާތްވެގަނެގެން އެމީހުން ބޭނުން ގޮތެއް ހަދާއިރުވެސް ނޭނގިފައި ހުންނާތީ މަ ރުޅި އާދޭ،" ނާޒު ހިތްހަމަނުޖެހޭ ރާގެއްގައި ބުނެލުއެވެ.

"ތިބުނީ، ނޭނގުނު....؟" ރޫހީން ހައިރާންވެފައި އަހާލިއެވެ.

"ތި، ތިއޭ މައްސަލައަކީ، ކަލޭ މާބޮޑަށްވެސް އިނޮސެންޓީ، ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ ދޫނިދޫގައިވެސް މިތަނަށް އައިފަހުން މިވީ ދުވަސްތަކުގައިވެސް، ތާތި އާއި ޒޭނާއާ ދެމީހުން ބައިވެގެން ކަލޭގެ ހުރިހާ ރިޕޯޓެއް ވިލިނީއަށް ގެންގޮސްދޭކަން، ކަލޭގެ ފޯނު ބަރާބަރަށް ޗެކްކޮށް، ކަލޭގެ މާ ގާތް ބަޔަކަށް ވެގެން ކަލޭގެ ފޯނުކޯލުތައް އަޑުއަހައި، ކަލެއަށް ރަނގަޅު ނުރަނގަޅު ބުނެދެނީ، ކަލެއަށް ހެޔޮ އެދޭތީކީ ނޫނޭ، ކަލޭ ރީތި ރަނގަޅު މީހަކާއެކު ލައިފެއް ސްޓާޓް ކޮށްފާނެތީ، ވަރަށް ސާފުކޮށް މި ބުނަނީ، ނަޒްމާނު ކަލެއާ އިނދެފާނެތީ އެ ހުރިހާ ޗަރުކޭސެއް ޖައްސަނީ، މިހާރުވެސް ކިރިޔާވެސް ހީއެއް ވިޔަސް ނަޒްމާނު ނޫނީ އޭނާގެ ފެމިލީއަށް ގުޅައިގެން ފަނި ހަދާނެ،"

ނާޒުގެ ވާހަކަ އަޑު އިވެމުންދިޔަ ވަރަކަށް ރޫހީންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އެސްފިޔަތައް ތެމެމުން ގޮސް ކޯތާފަތް މަތިން ކަރުނަ ފައިބަން ފެށިއެވެ. ހިންދިރުވަމުން އަތުގެ ނުފުށުން ލޯ ފޮހެލުމަށްފަހު ފުން ނޭވާއެއް ލަމުން ނާޒުގެ ދެއަތުގައި ހިފާ ބާރުކޮށްލަމުން ރޫހީން ވާހަކަދެއްކިއެވެ.

"އެނގޭ، ނޭނގޭތީ ނޫން، މީގެ ކުރިން އެމީހުން އެގޮތަކަށް ކަންތައް ނުކުރޭ، އަހަންނަކަށް ނޭނގޭ އަސްލު އެމީހުން މަށާ ދެމެދު އެގޮތަށް ހިތް ބަދަލުވާން ފެށީ ކޮން އިރަކު ކީއްވެގެން ކަމެއް،"

"މަށަށް އެނގޭ، ކަލޭ އަތުގައި ބޯކޮށް ފައިސާއެއް ނެތެއްނު، ކޮންމެ މަހަކު ވަރުވަރުން ފިހާރަ ތަކެތި ނަގައިގެން އަޗާ ތެޅުމެއް ނޯވެއެއްނު، އަގުބޮޑު ފޯނާއި އަގު ބޮޑު ސާމާނު، އެހާ ބޮޑު އަގު ދީފައި ވައްދައިގެން އެއިން ނާޗަރަންގީ ނުކުޅެމެއްނު، އެހެންވީމަ ވިލިނީއާ ގާތްވާނެ އެއްނު، އަސްލު ނަޒްމާނުގެ މައްސަލަ މި ދެމެދަށް އައިފަހުން އެ ހުރިހާ ކަމެއް ބަދަލުވީ، މާކުރިންވެސް ނަޒްމާނާއި ވިލިނީ ދަނޭ، އެކަމަކު ވިލިނީއަކީ އެއް އިރެއްގައިވެސް ނަޒްމާނުގެ އައިޑަލް ޓައިޕެއް ނޫން،"

ނާޒަށް އެހާ ބޮޑަށް ނަޒްމާނުގެ ވާހަކަ އެ ދައްކަނީ ކީއްވެގެން ބާވައެވެ. ނާޒަށް ނަޒްމާން އެނގެނީ ކިހިނެއްބާވައެވެ. ދެފަހަރަކު އޭނާ ނަޒްމާނުގެ ވާހަކަ ނާޒަށް ކިޔައިދިނެވެ. އެކަމަކު އޭނާ ކިޔައިދިނީ ހަމައެކަނި ނަޒްމާނުގެ މަދު ވާހަކައެކެވެ. ނަޒްމާނު ދޫނިދޫގައި ކަންތައް ކޮށްދިން ގޮތުގެ ވާހަކައެވެ. އެކަމަކު ނާޒު އެ ދައްކާ ވާހަކައިން ހީވަނީ ނާޒަށް ނަޒްމާން ވަރަށް ބޮޑަށް އެނގޭހެނެވެ.

"ނާޒަށް ކިހިނެއް ތިހާ ރަނގަޅަށް ނަޒްމާން އެނގެނީ...؟" އެންމެ ފަހުން ރޫހީން އެ ސުވާލުކޮށްލިއެވެ،

ރޫހީންގެ ސުވާލު އަޑުއިވުމުން ނާޒު ބަލައިލީ ރޫހީންގެ ދެލޮލަށެވެ. ދެން ކުއްލިއަކަށް ބާރަށް ހީނގަތެވެ.

"މޮޔަ ކުއްޖާގަނޑާ، އެއީ މަގޭ ތިމާގެ ބޮޑުދައިތައެއްގެ ދަރިއެއް،" ނާޒު އެހެން ބުނެލީ ރޫހީންގެ ކަންފަތާ ކައިރިއަށް ޖެހި މަޑުމަޑުންނެވެ.

"ނުވާނެ އެހެނެއް، ރިއަލީ،" ހައިރާންވެފައި އަދި އެހާމެ އުފާވެފައި ރޫހީން ބުނެލިއެވެ.

"އޭތް. ތި ދެމީހުން ބަންކަރު ގޮއްވާލަން ރާވަނީތަ؟ މިހާރު ތިތާ ތިބޭތާ ކޮންއިރެއް، ހަބަރުން މިއޮތް ދެއްކި ވާހަކައެއް އަހަންވެސް ނައިސް ތި ތިބީ، ހާދަ އޮލަ ކޮށްލައިގެނޭ ދޯ،"

ޖޯލިފަތީގައި ޓީވީ ބަލަން ތިބި ގައިދީންގެ ތެރެއިން އެކަކު ގޮވާލިއެވެ.

"ތެދެއް، ދޮންދައްތާ، އާދެބަލަ، އަހަރެމެންގެ ވާހަކައޭ ދެއްކީ، ރައީސް މާފު ދެއްވަނީޔޯ، ބޮޑު އަފޫއާންމެކޯ،"

ޖޯލިފަތީގައި ތިބި މީހުންގެ ތެރެއިން އެހެން މީހަކު އަނެއްކާވެސް ގޮވާލިއެވެ.

"އަނެއްކާ އަނެއް ކަންތަކާ ލައިގަތީ، ދެން ހުންނާނެ ފޯރި،" ރޫހީން ދެ އަތަކަށް ބޯހޫރާލިއެވެ.

"އާނ ފޯރި ހުންނާނެ، މި ހަފުތާ ތެރޭގައި ކަލެއާއި މަށާ ދެމީހުން ތައްޔާރުވާން ގޮވީމަ،" ދާން ހިނގައިގަތުމުގެ ކުރިން މަޑުމަޑުން ނާޒު ތުންތަޅުވަމުން އެ ބުނެލި ބަސްތައް ރޫހީންގެ ކަންފަތުގައި ޖެހުމާއެކު ހުއްޓިލިއެވެ. އަދި ދެބުމަ ގޮށްޖަހާލާފައި ނާޒަށް ބަލައިލަމުން ބޮލުގެ އިޝާރާތުން ތި ކިޔަނީ ކީކޭހޭ އަހާލިއެވެ.

"ދެ ސަޕްރައިޒް، ދޯ، ޕްރޮމިސް މައި ޑާލިން ހީނާ، މާންގެ އަލަތު ކައިވެނި އޮންނާނީ މި ހިރަފުސް ތޭރިތަކު ތެރޭގައެއް ނޫން، ޕާލްހައުސްގައި، އެވެސް ދިއްލާ އަޅާފައި، ނޫނީ ޑޯންޑިއުގެ ޓެރަސްގައި،"

ނާޒުގެ ޔަގީންކަމުން ފުރިގެންވާ އެ ބަސްތައް ގޮސް ރޫހީންގެ ހިތުގެ ކަނެއްގައި ފިލައި އިން ބިރު ހޭލައްވާލައިފިއެވެ.

"ނާޒު ތި ކިޔަނީ ކީކޭތަ؟ ހަމަ ސީރިއަސްކޮށް މިބުނީ، އެ ފޯމު ފުރީވެސް ހަމަ ވިސްނުމެއްގައި ހުރެގެނެއް ނޫން، މިހާރު ދެން މަގޭ ބޯގޮއްވަނީ ތި،" ނާޒުގެ އަތުގައި ހިފައި ބާރުކޮށްލަމުން ރޫހީނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ކޮން ފޯމެއް، އަނެއްކާ ޕެރޯލް ނޫނީ ކްލެމެންސީ ފޯމު ފުރީތަ؟ އަޅެ، އެކަހަލަ މޮޔަ ކަންތައް މި ދުވަސްކޮޅު ކުރާކަށް ނުވާނެއެއްނު، ރައީސް ދެއްވާ ހާއްސަ ފުރުސަތުގެ އިންޓަވިއުގަ ބަލާނެ އެއްވެސް ފުރުސަތެއް ނުލިބި ގިނަ ދުވަސްވެފައި ތިބި މީހުންނަށް، ދޮންދައްތަމެން ތީ ވަރަށް ގިނަ ޗާންސް ލިބިފައި ތިބި މީހުން ވިއްޔަ، ރޫހީންމެންނަކީ ކުޑަ ހުކުމް ގަނޑެއްގައި އައިސް ތިބި މީހުން، މިފަހަރު އަހަރެމެންނަށް ފުރުސަތު ބޮޑީ،"

ޖޯލިފަތީގައި އިނީ ޖަލުގައި އެންމެ ގިނަ ދުވަސްވީ ކަމުގެ ރެކޯޑު އޮތް ވަސީލާ އެވެ. މަސްތުވާތަކެތީގެ ބޮޑު އަދަދެއްގެ ޝިޕްމަންޓަކާއެކު ހިފަހައްޓައިގެން ގެނެސް 25 އަހަރަށް ލާފައިވާ މީހެކެވެ. މިހާރު މިތަނުގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމަކު ޖަލުގައި ގިނަ ދުވަސްވީ މީހަކާ އަޅާބަލާއިރު ވަސީލާއަކީ އެހެންމީހުން މާބޮޑަށް ރުހޭ މީހެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ލާމަސީލު ނަމޫނާއަކަށްވާތީ ތޯއްޗެކެވެ. ނޫނީ ދަހިވެތިކަން ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ވަސީލާގެ ވާހަކައަށް ޖަވާބެއް ދޭކަށް ރޫހީން ނުވިސްނިއެވެ. އެއަށްވުރެ ބޮޑަށް ނާޒުގެ ވާހަކަ އޭނާގެ ކަންފަތުގައި ހުރީ ގުގުމާފައެވެ.

"އޭތް ރޫހީން، އާދެބަލަ، ދޮންދައްތަވެސް އާދެބަލަ، އަވަސް އަވަސް،"

ހަތް ނަންބަރު ގޮޅި ދޮރުން ބޯދިއްކޮށްލާފައި އެ ގޮވީ ތާތިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟