ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ލަދުގެ ކަންފުޅެއް ހުރި ނަމަ މިއަދު އެ މަގާމުގައި ނުހުންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ ވީހާވެސް އަވަހަކަށް މަސީހު އިސްތިއުފާ ދެއްވައި، ނައިބު ރައީސް ރީކޯ މޫސާ މަނިކަށް އެ މަސްއޫލިއްޔަތުތައް ހަވާލުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
"ލަދުގެ ކުޑަވެސް ކަންފުޅެއް ނެތް. އެހެންނޫން ނަމަ މިއަދު އެ މަގާމުގައި ނުހުންނަވާނެ. އެހެންވީމާ ވީހާވެސް އަވަހަކަށް އިސްތިއުފާ ދެއްވައި، މޫސާ މަނިކަށް އެ މަގާމު ހަވާލުކޮށް، ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ނެގުމަށް ޖާގަ ދެއްވުމަށް ގޮވާލަން،" އޭނާ ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތެއް ނުކުރެވި ގާތްގަނޑަކަށް ދެ އަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެ ކަމަށާއި މަޖިލީހުގައި ތަޅު އަޅުވައި، އެތަނަށް ސިފައިން ވައްދައި، ބައެއް މެމްބަރުން ޖަލަށްލައި ވަރަށް ހަޑި ހުތުރުކޮށް ކަންތައްތައް ވެގެން ގޮސްފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައިގެން. އެތަނަށް ސިފައިން ވައްދައިގައި. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ އިތުރުން ޖަލުގައި ގާސިމް އިބްރާހީމާއި އަޅުގަނޑާއި ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި މިހެން ގޮސް އެންމެންހެން ބަންދުގައި ބައިތިއްބައިގެން ނުވަދެވޭ ގޮތަށް ތަޅު އަޅުވައިގެން ސިފައިން އަތުރައިގެން އުސްފާރު ރާނައިގެން ވަރަށް ހަޑި ހުތުރުކޮށް މިދިޔައީ،" އޭނާ ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ތިންވަނަ ފަހަރަށް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައިވާނީ ކުރިއަށްވުރެ ގިނަ ސޮއި ހޯދައިގެން ކަމަށާއި އޭގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންގެ ސޮއި ވެސް ހިމެނޭ ކަމަށެވެ. އަދި ހުރިހާ މެމްބަރުންނަށް ސޮއި ކުރެވުނު ނަމަ، ސޮއިކުރި މެމްބަރުންގެ އަދަދު 60އާ ގާތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސޮއިކުރެވެން މިވަގުތަށް ތިބި ހުރިހާ ފަރާތްތަކަށް ކުރެވުނު ނަމަ އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް 60އާ ގާތްވާނެ. އެއީ ރަށުން ބޭރުގައި ތިއްބެވި ބައެއް ބޭބޭފުޅުން ވެސް އެބަ ތިއްބެވި. އަދި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިނިންމި ތިބި ހަތް މެމްބަރުން،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.