"ކީއްވެ އިންނަ ހިސާބަށް ކަންތައް ދިޔައިރު ނުބުނީ. ބުނާނެ މިއީ ބެސްޓްފްރެންޑޭ" މެލެލް ޝަކުވާކޮށްލިއެވެ.
"ހަމަ އަސްލުވެސް ތިއީ ބެސްޓްފްރެންޑް. އެހެންވެ އެންމެ ކުރިންވެސް މިބުނީ މެލީ ކައިރީގަ" ރައްޔާން ބުންޏެވެ.
"އައިމް ސޯ އެކްސައިޓެޑް... ވާއު...” މެލެކްގެ އަޑުގައި ޖޯޝާ ފޯރިވިއެވެ.
"މިރަށު ގާލްއެއްތަ؟ ވަރަށް ރީތިތަ؟ ކޮން ނަމެއް ކިޔާ ކުއްޖެއް. އަހަންނާ މީޓްކޮށްދީބަ ޕްލީޒް. މި ޕާޓީގަ އެބައުޅޭތަ؟"
ރައްޔާނަށް ހެވުނެވެ. ކުރިންވެސް މެލެކް އުޅޭނީ އެހެންކަން އޭނާއަށް އެނގެއެވެ.
"ޝިނާ ކިޔަނީ. މާލޭގަ ވީ. ވަރަށް އަވަހަށް އަންނާނެ އޭނަގެ ބޭބެ އާ ފަހަރި ގޮވައިގެން. ތެދަށް ބުނަންޏާ ރީތި ކުއްޖެއް. އެކަމަކު މެލީއަށް ވުރެ ރީއްޗެއްނޫން" ރައްޔާން ބުންޏެވެ.
އެހިނދު މެލެކް ރައްޔާނުގެ އަތުގައި ޖަހާލިއެވެ. ރައްޔާން ހިނިގަނޑެއް ޖަހާލިއެވެ.
"ޔާނު ލޯބިވޭތަ؟ ޝިދާ ދެކެ. އެބައިންތަ ފޮޓޯއެއް" މެލެކް އަހާލިއެވެ.
"ފޮޓޮއެއް ނެތް. މިރަށަށް އައިމަ ފެންނާނެއްނު" ރައްޔާން ބުންޏެވެ.
"ދެން ބުނެބަ. ޔާން ލޯބިވޭތަ ޝިނާދެކެ"
މެލެކްގެ މޫނަށް ރައްޔާން ބަލައިލީ ވަރަށް ފުން ބެލުމަކުންނެވެ. އޭނާ އަނގައިން ނުބުނި ނަމަވެސް އެ ބެލުމުން އެކަނިވެސް މެލެކް އަކީ އޭނާއަށް ކިހާ ހާއްސަ މީހެއްކަން ހާމަވެއެވެ. އެ ބެލުން މާނަކުރަން ނޭނގެނީ މެލެކް އަށެވެ. އޭނާ ދެކޭ ގޮތުގައި އެއީ ރައްޔާންގެ ހިތުގައި ދެކުދީންގެ އެކުވެރިކަމަށް ދެވިފައިވާ ގަދަރާއި އިހުތިރާމެވެ.
"އަހަރެން ލޯބިވީން" ރައްޔާންގެ ޖަވާބު ވަރަށް ކުރެވެ. ރައްޔާން ޖަވާބު ދިނީ މެލެކްގެ މޫނަށް ބަލަން އިނދެއެވެ.
"ކިޔާދީބަ ތިދެމީހުން ދިމާވިގޮތް. މިރޭ ޔާން ސަލާމަތެއްނުވާނެ އެހާފަސޭހއިން"
ހީލާފައި ދުރަށް ރައްޔާންގެ ނަޒަރެއްދިނެވެ. އެވަގުތު އޭނާ އަށް ފެނުނީ އޭނާ އާ މެލެކް އިން ދިމާލަށް އަންނަމުންދިޔަ ބާޒިލް އެވެ. އޭރު ބާޒިލްއަށް މެލެކް ގާތުގައި އިނީ ރައްޔާން ކަމެއް ނޭނގެއެވެ. ރައްޔާންކަން އެނގުނީ ތަންކޮޅެއް ގާތަށް އާދެވުނު ފަހުންނެވެ. ކުރިއަށް ވުރެވެސް ބާޒިލްގެ ހިނގުން ބާރުކޮށްލިއެވެ.
"ޝިނާގެ ވާހަކަ ފަހުން ދައްކަމާ. މިހާރު ތޫފާން ބާޒިލް އެބައަރާ" ރައްޔާން ބުންޏެވެ. ކުޑަކޮށް ބޯއަރިކޮށްލާފައި މެލެކް ބަލައިލިއެވެ. ބާޒިލް އަރާހަވުމާއެކު މެލެކް ބާޒިލްއަށް ހިނިތުންވުމެއް ދިނެވެ. ޕާޓީ ފެށުނުފަހުން މެލެކްއަށް ބާޒިލް އެފެނުނީއެވެ. މެލެކްއަށް ހިނިތުންވެލުމަށްފަހު ބާޒިލް ބަލައިލީ ރައްޔާނަށެވެ. މެލެކް އިނުމުން އޭނާއަށް މަޖުބޫރުވީ އެތެރެއަށް ރުޅިގަނޑު ހިންދާލާށެވެ.
"ދެކުދީން މަޖާކޮށްލާ. ދަނީ އޭ މެލީ" ރައްޔާން ބުންޏެވެ. އިތުރަށް އެތަނުގައި އިނުމުގެ ބޭނުމެއް ނެތުމުން ރައްޔާން ތެދުވީ ދާށެވެ.
މެލެކް ހިނިތުންވެލާފައި ބޯޖަހާލިއެވެ. މެލެކް ބަލައިލިއިރު ބާޒިލް ހުރީ ދެބުމަ ގޮށްޖަހާލައިގެން އެމީހުންނާ ދުރަށް ދިޔަ ރައްޔާނަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ހޭވެރިކަމެއްވީ އޭނާގެ އަތުގައި މެލެކް ހިފުމުންނެވެ.
"އިށީނދެބަލަ" މެލެކް ބުންޏެވެ.
ބާޒިލް އިށީނެވެ. ރައްޔާން ގާތުގައި މިހުރިހާއިރު މެލެކް އިނުމުން އޭނާ އިނީ ހިތްހަމަނުޖެހިފައެވެ. އޭނާ އަނގައިން ނުބުނެ އިންކަމުގައި ވިޔަސް އޭނާގެ މޫނުމަތީގެ ހަރަކާތްތަކުން އެކަން މެލެކް ދެނގަތެވެ.
"ކިހާ އިރެއް މެލީ ހޯދާތާ؟ މިރޭ އަހަންނާ ހާދަ ދުރޭ" ބާޒިލް ބުންޏެވެ.
"އަހަރެންވެސް ބާޒިލް ހޯދިން. ހިނގަމުން ހިނގަމުން މިހިސާބަށް އާދެވުނީ" މެލެކް ބުންޏެވެ.
"ރައްޔާނާ އެކު ހިނގަމުން އާދެވުނީ ދޯ މިތަނަށް. ވަގުތު ދޭން ބޭނުންވީ އޭނައަށް ދޯ" ބާޒިލްގެ އަޑުގައިވީ މަލާމާތުގެ އަސަރެވެ.
މެލެކްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނާ ބާޒިލްގެ އަތުން ދޫކޮށްލިއެވެ. މިފަހަރު ބާޒިލްގެ އެބުނުމުގައި ސީރިޔަސްކަން މެލެކްއަށް އިހުސާސް ވިއެވެ.
"ކޮބާތަ މައްސަލައަކީ؟ ބޒިލް ކީއްވެތަ ޔާން ދެކެ ތިހާ ރުޅިއަންނަނީ؟ އޭނަ ކީއްކުރީތަ؟" މެލެކް ބުންޏެވެ.
"މެލީ އަށް ނޫޅެވޭނެތަ އޭނާ އާ ވާހަކަނުދައްކާ. އަހަރެން ހިތްހަމަޖެހޭގޮތަށް ކަންތައްކޮށްފިއްޔާ ކީއްތަވާނީ" ބާޒިލްގެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ.
"ބާޒިލް ބުނާގޮތަށް އަހަންނަށް ކަންތައް ކުރެވިދާނެ. އެކަމަކު ސަބަބު ބުނެދީ. އެވަރު އެނގެން އަހަރެންވެސް ބޭނުން" މެލެކް ހިތްހަމަނުޖެހޭގޮތް ވިއެވެ.
"އޭނަ އަހަރެމެން ދެމީހުން ދުރުކުރާނެ. މެލީއަށް ނުވިސްނޭނެ. ފާޅުގައި އަހަރެން ކުރިމަތީގައި އޭނަ އެބަހުރި އިއުތިރާފުވެފަ މެލީދެކެ ލޯބިވާކަމަށް ކިތންމެ ފަހަރަކު" ބާޒިލް ބުންޏެވެ.
މެލެކްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެވާހަކަ ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. އެއީ ދުވަހަކުވެސް ރައްޔާނުގެ ފަރާތުން އެފަދަ އިޝާރާތެއް އޭނާއަށް ކޮށްފައި ނުވާތިއެވެ.
"ތިއީ ތެދަކަށް ވެދާނެ. އެކަމަކު ޔާން އަކީ ބާޒިލް ތި ހީކުރާހާ ގޯސްމީހެއް ނޫން. އޭނައަކީ ފެމެލީ ކުއްޖެއް. އަހަންނަށްޓަކައި ބޭބެއެއް. ދުވަހަކުވެސް އަހަރެން ކައިރީގައި ލޯބީގެ ވާހަކައެއް ނުދައްކާ. ރައްޓެހިވާށެކޭވެސް ނުބުނޭ. ބާޒިލް އާ ދުރަށްދާށެކޭވެސް ނުބުނޭ. އެންމެފުރަތަމަ ބާޒިލް ވެއްޖެއްނު މަށަށް އިތުބާރުކުރަން"
މެލެކްގެ އަޑުގައިވި ހިތްހަމަނުޖެހުމުގެ އަސަރުން ބާޒިލް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ދެމަފިރިން ދެމެދުގައި މަޑުމަޑުން ދެކެވެމުން ދިޔަ ވާހަކަތައް ބަހުސަކަށް ބަދަލުވެ ދެބަސްވުމަކަށް މަގުފަހިވަމުންދާ ކަމެއް އޭނާއަށް ނޭނގެއެވެ. އޭނާ ބޭނުންވަނީ ރައްޔާނާ ދުރުގައި މެލެކް ހުންނާށެވެ. ރައްޔާންގެ ހިތް އޭނާއަށް އެނގޭތީއެވެ. ރައްޔާން މެލެކްދެކެ ލޯބިވެއެވެ. އެންމެ ގާތުގައި ހުރެފައި ޖަހައިގަންނާނެ ވަގުތެއް ނެނގެއެވެ. އަންހެނެއްދެކެ އިމެއް ނެތް މިންވަރަށް ލޯބިވާ ފިރިހެނެއްގެ ސިކުނޑީގައި ހިނގާނީ ކޮން ކަންތައްގަނޑެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ލޯބި ހާސިލުކުރަން ޖަހާލާ މަޅިގަނޑު ނިކަން ބާރުގަދަވާނެއެވެ. އެފަދަ ފިރިހެނުންނަކީ ނިކަން މަކަރުގަދަ މީހުންނެވެ.
"އަހަރެން ބޭނުންވަނީ އެންމެ ސުވާލެއްގެ ޖަވާބު. މެލީއަށް އޭނަ އާ ދުރުގަ ހުރެވޭނެހޭ ނޫނީ ނުހުރެވޭނެހޭ. ޔެސް އޯ ނޯ" ބާޒިލް ބުންޏެވެ.
މެލެކް ގޮނޑިން ކޮޅަށް ތެދުވިއެވެ. ބާޒިލްއަށް ބަލައިލީ ހިތްހަމަނުޖެހުމުގެ ބެލުމަކުންނެވެ.
"ރައްޔާނަކީ ރަނގަޅު ޒުވާނެއްކަން އަހަންނަށް ޔަގީން ކަށަވަރު. އެއީ އެއް އަންހެނެއް ކައިރިން ނުފުދިގެން އަނެއް އަންހެނެއް ކައިރިއަށް ދުވާނެ މީހެއްނޫން. އަހަރެން ރަހްމަތްތެރިޔަކަށް އެންމެ ބޭނުންވި ދަޑިވަޅުގައި އަހަރެންގެ އެންމެ ގާތުގައި ހުރެދިން މީހަކީ ރައްޔާން. ބާޒިލް އަދި އަހަރެންގެ ފިރިއަކަށް ނުވޭ. އެހެންވީމަ ތި ސުވާލު އަހަންނާ ފިރިއަކަށްވި އިރަކުން ކުރޭ. އެއްވެސް ސަބަބަކާނުލާ ރައްޔާނާ އަހަންނާ ދެމެދު އޮތް އިސްލާމްކަމުގެ ގުޅުން ކަނޑާލާކަށް ނެތިން"
ލައިގެން ހުރި ހެދުން އެއް އަތުން ކޮށިކޮށްލައިގެން މެލެކް ހިނގައިގަތެވެ. ބާޒިލް ފުންމައިގެން ތެދުވެ މެލެކްގެ އަތުގައި ހިފެހެއްޓިއެވެ.
"ތިއީ އަހަރެންގެ އަނބިމީހާ. ދުނިޔޭގެ އެއްވެސް ބާރަކަށް މި ހަގީގަތް ބަދަލެއް ނުކުރެވޭނެ ބާޒިލް ބުންޏެވެ.
ބާޒިލްގެ އަތުތެރެއިން މެލެކް އަތް ފޮޅުވާލިއެވެ. ހިތްހަމަނުޖެހުމުގެ ބެލުމަކުން ބާޒިލްއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ބާޒިލްއަށް ފެނުނެވެ. ވަގުތުން ބާޒިލްގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.
"ކޮންމެފަހަރަކު އަހަރެން މިއީ އަނބިމީހާ އޭ ބުނެ އަހަރެންގެ ފަރާތުން އެތައް އުފަލެއް ބާޒިލް ހޯދައިފި. މިފަހަރު އެހެނެއް ނެހެދޭނެ. ސާރާ ބުނީ ރަނގަޅަށް. ބާޒިލް ދުވަހަކުވެސް އަހަންނާ ނީންނާނެ. ތި ހިތުގައި ރަނގަޅަށް ވިއްޔާ އަދިވެސް ވަނީ ސާރާ" މެލެކް ހިނގައިގަތެވެ. ދެވަނަ ފަހަރަށްވެސް މެލެކްގެ އަތުގައި ބާޒިލް ހިފިއެވެ.
"ދޫކޮށްލާ" މެލެކްގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.
"ސޮރީ..." ބާޒިލް ބުންޏެވެ.
"އަހަންނަކަށް އަޑެއް ނީވޭ. މީގެފަހުން އަހަރެންގެ ހޯދަން ބާޒިލް އަންނަންވާނީ ތި ހިތުގަ އަހަރެންގެ މައްޗަށް ފުރިހަމައަށް އިތުބާރު އުފެދުނު އިރަކުން. ތިހެން ތިއުޅެނީ ކޮންމެހެން ޔާންއަށް އިތުބާރު ނުކުރެވޭތީއެއް ނޫން. ޔާން އާ ބެހޭގޮތުން ބާޒިލްގެ ވިސްނުން ކިލަނބުވެފަ ތިވަނީ އަހަންނަށް ވެސް ފުރިހަމައަށް އިތުބާރު ނުކުރެވޭތީ"
މެލެކް ދުއްވައިގަތެވެ. މީހުންގަނޑުގެ ތެރެއިން ދުވަމުން ދިޔަ މެލެކް އެންމެ ފުރަތަމަވެސް އަޅައިގަތީ ތަބައްސުމް އާއި އައްޒާމްގެ ލޮލުގައެވެ. ވަގުތުން ދެމަފިރިން މެލެކް ފަހަތުން ދިޔައެވެ. މަގަށް ނިކުތްގޮތަށް މެލެކް އައީ ގެއާ ދިމާލަށެވެ. ތަބައްސުމްއަށް ވުރެ ކުރިން ދިޔަ މެލެކް ހިފެހެއްޓުނީ އައްޒާމަށެވެ.
"ކިހިނެއްވީ މަގޭ ދަރިއަށް" އައްޒާމް ބުންޏެވެ.
ވަގުތުން އައްޒާމްގެ މޭގައި މެލެކް ލައްވެލައިފިއެވެ. އެއީ ތަބައްސުމްއަށް ދެބަފައިންނާ އަރާ ހަމަކުރެވުނު ވަގުތެވެ.
"އަޅުގަނޑު ގެއަށް ގެންގޮސްދީ" މެލެކް ބުންޏެވެ.
ތަބައްސުމް ވެސް ބޭނުންވީ އެގޮތެވެ. މެލެކްއަށް ހުރީ ކޮންމެވެސް ސަބަބަކާ ހުރެ އަސަރުތަކެއް ކޮށްފައެވެ. އެންމެރަނގަޅު ވާނީ ގެއަށް ގޮސް ހަމަޖެހިލައިގެން ވާހަކަދެއްކިއްޔާއެވެ.
****
ވަގުތުތަކެއް ފަހެވެ. ސިޓިންގރޫމު ސޯފާގައި އިން ބާޒިލް އިނީ ދެއަތް ޖޯޑުކޮށްލައިގެން ގެނެސް ދަތްދޮޅީގައި ޖައްސާލައިގެންނެވެ. ކުރިމަތީގައި ތިބީ އާއިލާ މެންބަރުންނެވެ. މަދީ ހަމައެކަނި ޒޭބާ އެވެ. ގެއަށް އައިގޮތަށް ޒޭބާ ވަނީ ލޫލު ގޮވައިގެން ކޮޓަރިއަށެވެ.
"މަންމަ މިއަހަނީ ކިހިނެއްހޭ ވީ؟" މައުސޫމާ ސުވާލު ތަކުރާރުކޮށްލިއެވެ.
ދެމަފިރިން ދެމެދު ދެކެވުނު ވާހަކަތައް ހިއްސާކުރަން ބާޒިލް ބޭނުމެއްނުވިއެވެ. އެއީ ދެމަފިރިންގެ ޒާތީ ކަމަކަށް ވާތީއެވެ. މެލެކް ފަހުން ބުނެލި ޖުމްލައާއެކު ބާޒިލްގެ ހިތަށް ވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. އަންބަކު ހުރެ ހިލޭ އަންހެނެއްގެ ފަހަތުން ދުވެވުނުކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް މިހާރު ހުރިހާކަމެއް ބަދަލުވެއްޖެއެވެ. އޭނާ ބޭނުންވަނީ ހަމައެކަނި މެލެކް އެވެ. އިތުރުއެއްވެސް އަންހެނެއް ބޭނުމެއް ނުވެއެވެ.
"އަހަރެން އެއްޗެއް ބުނީމަ މެލެކް ހިތްހަމަނުޖެހުނީ" ބާޒިލް ބުންޏެވެ.
"ދެމަފިރިން މެދުގައި މައްސަލަވެސް ޖެހޭނެ. ހިޔާލު ތަފާތުވުންވެސް އުޅޭނެ. އެކަމަކު ބާޒިލްއަށް އެނގޭނެ ކަންކަމާ ދެބަސްވެ މެލެކްއަށް އަދި މަޖުބޫރު ކުރާވަރެއްނުވޭ. މިގެއަށް އައިފަހުން އެމަންޖެއަށް އެތައް ކުރިއެރުންތަކެއް ލިބިފައި ވަނިކޮށް ތިގޮތަށް ކަންތައްކުރީމަ ކަމަކުނުދޭ. ތިދެކުދީން ދެމެދުގައި ޖެހުނީ ކޮންމައްސަލައެއްކަން ހޯދާކަށް ބައްޕަމެން ނެތިން. އެކަމަކު ހަމަ މިހާރު އެގެއށް ގޮސް މެލެކް ގޮވައިގެން އާދޭ" ޒިޔާދު ބުންޏެވެ.
ދެއަތުން ބާޒިލް މޫނުމަތީގައި އަތް އުނގުޅާލާފައި މޫނުމަތީގައިވާ އުދާސްތައް ފޮހެލިއެވެ. ތެދެކެވެ. މެލެކް އެއީ އަނބިމީހާ އެވެ. އަނބިމީހާ ދިޔައީ އެއްވެސް ކަމެއް ނޭނގޭ ހާލު ހިތްހަމަނުޖެހިގެންނެވެ. އަނބިމީހާ ބަލައި ދާންޖެހޭނީ ފިރިމީހާއެވެ. އަނބިމީހާ ރުއްސުމަކީވެސް ފިރިމީހާ ކުރަންޖެހޭ ކަމެކެވެ. މެލެކްއަށް މަޖުބޫރު ކުރެވުނީ މާބޮޑަށެވެ. ކެތްތެރިކަންވެސް ކުޑައީއެވެ. ވަކިން ހުރި މޭޒެއް ކައިރީގައި ރައްޔާނާއެކު އެކަނި އިންތަން ފެނުމުން މާބޮޑަށް ހަސަދަވެރިވެވުނީއެވެ. މުޅި ޕާޓީތެރެއިން އޭނާ ޅިޔަނުންނާއެކު ސަކަރާތުގައި އުޅެން ޖެހުމުން މެލެކް ވީތަނެއްވެސް ބަލައިނުލެވުނީއެވެ. އަންހެންވެރިންނާއެކު ހުދު މެލެކްއަށް ވަގުތު ދޭން އޭނާ ބޭނުންވީއެވެ. އެކަމަކު ކަންތައްތައް މިދިޔައީ ގޯހުން ގޯހަށެވެ.
"ޒެއްލު ގަޅިކަމެއް ދެން ނުކުރާނެކަމަށް ދޮންތަމެން އުންމީދުކުރަނީ" ހިބާ ބުންޏެވެ.
"ދެންވެސް ދޭ ތާބައްތަމެން އިންތިޒާރުކުރާނެ ޒެއްލުއަށް" ލައިބާ ބުންޏެވެ.
"އޭރުވެސް އެނގޭ ޒެއްލުކަން ގޯސްހަދާނީ. އަނެއްކާ ސާރާގެ ކަމެއް ނޫންތަ؟" ހިބާ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިން ޒޭބާ ބުންޏެވެ.
ބާޒިލް ފުންމައިގެން ތެދުވިއެވެ. ދޮރާ ދިމާލަށް އޭނާ ދުރުދުރުގައި ފިޔަވަޅު އަޅަމުން ހިނގަމުން ދިޔައެވެ. މައުސޫމާ ގޮވާލި ނަމަވެސް ބާޒިލްއަށް އަޑުއިވުނުހެނެއް ހިއެއް ނުވެއެވެ. ބާޒިލް ފަހަތުން ނިކުތީ އޭނާގެ ދެ ޅިޔަނުންނެވެ.
****
ގޭދޮރުމަތީގައި ރައްޔާން ހުރީ ކަންބޮޑުވެފައެވެ. މައްސަލަ އެހައި ގޯސްވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާގެ ސަބަބުން ދެމަފރިން ދެމެދުގައި މައްސަލަތަކެއް އުފެދިއްޖެކަން އެނގޭ ހިނދު އައްޒާމްގެ ހިތްހަމަނުޖެހުމާވެސް އޭނާ އާ ކުރިމަތިލާންޖެހިދާނެއެވެ. ރައްޔާން ހުރީ ކަންތައްކުރާނެ ގޮތެއް ނޭނގިފައެވެ. މެލެކް ހިތުގައިޖެހިފައި ރޮނީއެވެ. ގޭ އެއްވެސް މީހަކަށް ވީގޮތެއް އޭނާ ބުނެނުދެއެވެ. ވީކަމެއް އެނގެނީ އޭނާގެ ތިން މީހުންނަށެވެ.
ކުއްލިއަކަށް މަގުކޮޅުން ދައްކާލި ސައިކަލުގެ އަލި ކައިރިވަމުން އައިސް މަޑުކޮށްލީ ރައްޔާނާ ހަމައިގައެވެ. އޭގައި އިން ބާޒިލް ރައްޔާނަށް ވެނުނީ ސައިކަލުގެ ލައިޓް ނިވުމުންނެވެ.
"ކަލޭ ތަ؟" ރައްޔާން ބާޒިލް އާ ކުރިމަތިލިއެވެ.
ބާޒިލް ހިތްހަމަނުޖެހިފައި ރައްޔާންގެ ކުރިމަތީގައި ހުއްޓުނީ ގޮތުގައެވެ.
"މިހުރިހާ ކަމެއްވީ ކަލޭގެ ސަބަބުން. ކަލޭ ކޮންއިރަކުންތަ މަގޭ އަންހެނުންނާ ދުރުގަ ހުންނާނީ. ކަލޭ ވެއްޖެއްނު އެހެން އަންހެނަކާ ތަތްވާން. ބޮޑުކަމެކޭ. މަގޭ އަންހެނުން ނޫނީ އަންހެނަކު ނުފެނުނީތަ؟" ބާޒިލްގެ ބަސްތައް ރައްޔާން ހުއްޓުވިއެވެ. މިފަހަރު އޭނާ ބާޒިލް އާ ޖެއްސެވެން ވާހަކަދައްކަން ބޭނުންނުވިއެވެ. މިފަހަރު އޭނާ ބޭނުންވަނީ ހަގީގަތަށް ވާހަކަދައްކާށެވެ. ބާޒިލްގެ ސިކުނޑިން ކުޅޭކުޅޭ ވިސްނުން ނެރެލާށެވެ. ދެމަފިރިންގެ ގުޅުމަކީ ކޮބައިކަން ބާޒިލްއަށް ބުނެދޭށެވެ.
"ދެން އެންމެ ބަހެއްވެސް ނުކިޔާތި" ބާޒިލްއަށް އިނގިލިން އިޝާރާތް ކުރަމުން ރައްޔާން ބުންޏެވެ.
ލައިގެން ހުރި ކަޅުކުލައިގެ ކަކުލުން މައްޗަށް ހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިގެން ރައްޔާން ހުރީ ސީދާ ބާޒިލްގެ ކުރިމަތީގައެވެ. ބާޒިލްގެ ސިކުނޑިން ނުބައި ޝައްކުތަކާއި ވަހުމުތައް ބޭރުކުރަން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.
"ލައްކަ ދުވަހު ކަލޭތިދައްކާ ދެއުޅިއެއްނުވާ ވާހަކަތައް އަޑުއަހައިފިން" ރައްޔާން ބުންޏެވެ.
ދެބުމަ ގޮށްޖަހާލައިގެން ހިތްހަމަނުޖެހުމުގެ ބެލުމަކުން ބާޒިލް ހުރީ ރައްޔާނަށް ބަލާށެވެ.
"ކަލޭ މީހަކާ އިނީ ރަނގަޅަށް ބޮޑުނުވަނީސް ދޯ" ރައްޔާން ބުންޏެވެ.
"އަހަރެން ހިތަށްއަރަނީ ކަލޭ މެލެކްދެކެ ހަމަ ހަގީގަތުގައިވެސް ލޯބިވޭބާއޭ. ލޯބިވަންޏާ ކޮންހާ ޝައްކުތަކެއް. ބުނަންތަ ރަނގަޅު ވާހަކައެއް. ކަލޭ ހިތްހަމަނުޖެހެއޭ ހީވެ އަހަރެން މެލީ އާ ދުރުވާކަށް ނެތިން. އެއީ އަހަރެންގެ ރަހުމަތްތެރިއެއް. އަހަރެން އޭނައަށް ހެޔޮއެދެން. ކުރިންވެސް ބުނީމެއްނު ކަލޭގެ އަނބިމީހާ ކަލެއަށޭ. އަހަރެންގެ އެކުވެރިޔާ އަހަންނަށޭ. ތެދެއް ތިހީވަނީ. އަހަރެން މެލީދެކެ ލޯބިވިން. ކަލޭ އޭނާގެ ދިރިއުޅުމަށް އައުމުގެ މާކުރިން. ސްކޫލު ދައުރުން ފެށިގެން މެލީ ގަޔާވަނީ ކަލޭދެކެ. އެވާހަކަ މެލީ އެންމެ ފުރަތަމަވެސް ބުނީ އަހަރެން ކައިރީގަ. އެވަގުތުން ފެށިގެން އަހަރެންގެ ހިތުގައި މެލީއަށްޓަކައި އުފަންވަމުން އައި ލޯބި ކަފުންކޮށް ހިތުގަ ވަޅުލީ. އެދުވަހުން ފެށިގެން މިރޭގެ މިވަގުތާ ހަމައަށް ދުވަހަކުވެސް ނޯންނާނެ އަހަރެން މެލީދެކެ ލޯބިވާކަމަށް ކުޑަވެސް އިޝާރާތެއްދީފަ. އަހަރެން މެލީގެ އެންމެގާތް އެކުވެރިޔާގެ މަގާމުގައި ހުރެ ދިން ހިޔާލުތަކާ އެހީތެރިކަމުގެ ސަބަބުން މިއަދު ކަލެއަށް މެލެކް ހާސިލްވެފަ ތިހުރީ. ޝުކުރުކޮށްބަލަ. ކަލޭ ސާރާ އާއެކު އޮތް ނަހަމަ ގުޅުން އަންބެއްގެ ގޮތުގައި ހުރެ މެލީ އައީ ބަލަމުން. ކިތައްދުވަހު ދެރެވެގެން އަހަރެން ކައިރީގަ މެލީ އެވާހަކަ ދެއްކީ. ދުވަހަކުވެސް ނޯންނާނެ ކަލެ އާ ހިލާފަށް މެލީއަށް މަޝްވަރާއެއް ދީފަ. ކަލެ އާ ގާތްވާން މެލީއަށް ހިތްވަރުދީފަ އޮންނާނީ. ފާޅުގައި ނުބުނެ ކަލޭ ތިއީ މެލީގެ ފިރިމީހާކަން ބުނެދޭން މަސައްކަތްކޮށްފަ އޮންނާނީ. މެލީގެ އުފާވެރި މުސްތަގުބަލު ގުޅިފައި އޮތް މީހަކީ ކަލޭކަން އިހުސާސްކޮށްދީފަ އޮންނާނީ. ދެން އަހަންނާ މެލީ ވާހަކަދެއްކިއެކޭ ކިޔާފަ ކަލޭގެ މޭކަރަނީ ކީއްވެތަ؟ ފިރިހެނަކަށްވެސް ނުވިއެއްނު. ކަލޭ ތިހާ މެލީދެކެ ލޯބިވާކަމަށް ދައުވާކުރާއިރު ކަލޭގެ އެހީތެރިކަމާ އޯގާތެރިކަމަށް އޭނަ އެންމެ ބޭނުންވިއިރު ކަލޭ ކޮބާ؟ އެހެން އަންހެނެއްގެ އުނގުން ލޯބި ހޯދަމުން ކަލޭ ދިޔައީ. އޭރުވެސް މެލީއަށް އެހީތެރިކަން ފޯރުކޮށްދިނީ މެލީ ގެ އާއިލާ މީހުން. އެންމެ ގާތުގަ ހުރި އެކަކު އަހަރެން މިއީ. މިރޭވެސް އަހަންނަށް އެތަނުގަ އެކަނި މެލީ އިންތަން ފެނިގެން އެތަނަށް ކައިރިވެވުނުކަން އެއީ ކާކުގެ ނަސީބެއްކަމެއް ނޭނގޭ. އެނގޭތަ ކިހިނެއްވެގެކަން އޭނަ އިނީ. ކައިވެނީގެ ހެދުމުގަ ދޮނާ އިންތަން ފެނި އޭނާގެ ހަނދާންތަކެއް އާވީ. އެކަމު ކަލެއަށް އެނގެނީ ކޯޗެއް؟ މެލީ އެހުރި ހާލަތުގަ އޭނަގެ ކޮންމެ ފިޔަވަޅަކަށް ސަމާލުވާންޖެހޭ މީހަކީ ކަލޭ. ރީތި ގަމީހެއް ލައިގެން ސެންޓު ބުރުވާލައިގެން ގޮސް ޅިޔަނުންނާއެކު ސަކަރާތްޖަހަން ހުރެހުރެފަ އައިސް ނުޖެހޭ މެލީ ރުޅިއަރުވާލާކަށް. ކަލޭގެ ކެތްތެރިކަމެއްވެސް ނެތީ. އޯގާތެރިކަމާއެކު މެލީއާ ވާހަކަދައްކާކަށް އެވަގުތުވެސް ކަލެއަކަށް ނޭނގުނު. އަހަރެން މެލީގެ ފުށުން ނަހަމަ ގޮތުގައި ފައިދާތަކެއް ނަގަން ބޭނުންނަމަ ކިތަންމެ ފުރުސަތެއް އަހަންނަށް ލިބުނީސް. ކިތަންމެ ދުވަހަކު ، ކިތަންމެ ރެޔަކު މެލީގެ ބަލީގެ ނާޖައިޒު ފައިދާ އަހަރެން ނެގީމުސް. އަހަރެން ބޭނުންނަމަ ކަލޭ ތި ހީކުރާވަރަށް ވުރެވެސް ބޮޑަށް ކަލެ އާ މެދު މެލީގެ ހިތް ކިލަނބު ކުރެވުނީސް. މިއަދު މެލީގެ ހިތް ކަލެއަށް ފަތަހަކުރެވިފަ ތިވަނީ އެކަމުގެ ފަހަތުގަ ހަމަ މިރައްޔާނުވެސް މަސައްކަތްތަކެއް ކޮށްގެން. ކަލެއަށް ހަޖަމު ނުވާނެކަން އެނގޭ މިހެން ބުނީމަ"
ރައްޔާނުގެ ވާހަކަތައް އަހަން ހުރި ބާޒިލް އިރުކޮޅަކާ ދެއަތް މުށްކަވާލާނެއެވެ. އެހެންނަމަވެސް ރައްޔާނުގެ ވާހަކަތައް ގަބޫލުކުރަން އޭނާގެ ސިކުނޑި އިންޒާރުދެމުން ދިޔައެވެ.
"ކަލޭ ކިތަންމެ ރުޅިއަޔަސް އަހަރެން މެލީ އާ މި އެކުވެރިކަމެއް ނުކަނޑާނަން މެލީ ނުކަނޑާހާ ހިނދަކު. ހަގީގަތަކީ އަހަރެންގެ ނަޒަރު މެލީ އާ މެދު ބަދަލުވެއްޖެކަން. އަހަންނަށް އެންމެ މުހިންމު އެއްޗަކީ އަބަދުވެސް މެލީގެ އުފާވެރިކަމާ ހިތްހަމަޖެހުން. އެ އުފާވެރިކަމާ ހިތްހަމަޖެހުން ގުޅިފައިވަނީ ކަލެ އާ. އެހެންވީމަ މެލީ އުފަލުގަ އަހަރެން ބައިވެރިވަން. ކުރިއަށް އޮތް ތަނުގަވެސް ބައިވެރިވާނަން"
"ކަލޭގެ ވާހަކަތައް އަހަން އަހަންނަށް ވަގުތެއްނެތް. އަހަރެން މިއައީ އަހަރެންގެ އަންހެނުން ބަލާ" ބާޒިލް ދޮރާ ދިމާލަށް ދިޔައެވެ.
"ރަނގަޅު. އަވަހަށްދޭ. ނަސީބެއް މިފަހަރު ކަލޭގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރިކަން. ރައްޔާނު ބުންޏެވެ.
****
ގޭތެރެއަށް ވަނުމައެކު ފުރަތަމަވެސް ބާޒިލްއަށް ފެނުނީ ގޭތެރޭގައި ތިބި އާއިލާ މީހުންނެވެ. މެލެކް އިނީ ސޯފާގައި އޭނާއަށް ފުރަގަސްދީގެންނެވެ.
"އަވަހަށް އާދޭ. ބައްޕަމެން ގުޅަން އުޅެނިކޮށް ތިއައީ" އައްޒާމްގެ އަޑު އިވުނެވެ.
އައްޒާމް ހަމަޖެހިފަ ހުރިކަން އެނގުމުން ބާޒިލްގެ ހިތަށްވެސް ހަމަޖެހުމެއް ލިބިއްޖެއެވެ.
"ދަރިފުޅުމެން ދެން ދޭ ކޮޓަރިއަށް. އައްޒާމް ބުނީ އަލަތު ކައިވެނީގައި ތިބި މައިލީން އާއި އަހަދުﷲ އަށެވެ.
މެލެކް ރުއްސުމަށް ހުރިހާ އެންމެން ދިޔައީ ގެއަށް އައިއްސުރެ މަސައްކަތް ކުރަމުންނެވެ. މީހަކަށް އެއްޗެއް ކިޔައިނުދީ މެލެކް އެ އިންނަނީ ހަމަޖެހިން އުނގުމަތީގައި ހުރި ތަށިން ކާލަކާލައެވެ.
(ނުނިމޭ)