ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 14

2

ކުރިން ވެސް އެފަދަ ގޮތަކަށް ނަތީޖާ އައިސްދާނެކަމުގެ ބިރުވެރިކަން ހިތުގައި އޮތެވެ. އެބިރުވެރިކަމަށް ދިރުން ލިބިގެން ދިއުމާއެކު، އެ ހަޤީޤަތާ ކުރިމަތިލާން އައިރާގެ ސިކުނޑި ނުކުޅެދުނެވެ. އުއްމީދުގެ ފަހުގެ ވާފަށް ވެސް ކަނޑައިގެން ގޮސްފިއެވެ.

އައިރާއަށް ލަސްލަހުން ދެފަރާތަށް ބޯހޫރާލެވުނެވެ. އޭރު އެސްފިޔަތަކަށް ބަރުވި ކަރުނަތަކުން ކޯތާފަތުގައި ރޮނގުދަމާލައިފިއެވެ. ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އުދާސްކަމުގެ ސައިލަކުން އޭނަ ކަފުންކޮށްލައިފިއެވެ. ތުންފަތުގައި ތުރުތުލުން އުފެދުމާއެކު ދެތުންފަތްޖައްސާ ބާރުކޮށްލެވުނެވެ. ގިސްލެވިދާނެތީއެވެ. ހިނދަށްހިނދަކަށް މޭގެ ރިހުން ދިޔައީ ގަދަވަމުންނެވެ. އެންމެފަހުން އައިރާއަށް އިސްޖަހާލެވުނެވެ. މޫނުމަތިން ފެންނަނީ ނާއުއްމީދެވެ.

''އައިރާ......'' ޑޮކްޓަރ ނަވާޒް ގޮވާލިހެން ހީވިއެވެ. އިސްއުފުލުމުގެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ސިކުނޑީގެ ހަލަބޮލިކަމުގެ ތެރެއިން ޑޮކްޓަރ ނަވާޒްގެ ވާހަކަތަކަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. އައިރާއަށް ހީވަނީ އޭނަގެ މުޅި ދުނިޔެ ބުރު ނޭނގޭ ބާރުމިނުގައި އެނބުރެމުންދާ ހެންނެވެ. އެފަދަ ހާލެއްގައި ވަނިކޮށް، ސިހުންގެނުވީ މަންމަގެ ދުލުން ބޭރުވި ވޭނީ އާހުގެ އަޑުންނެވެ. އެއާހުގަ އެކުލެވިގެންވި ރިހުން އައިރާއަށް އިހުސާސް ކުރެވުނެވެ. ހިތަށް އިތުރު ތަކުލީފެއް މެނުވީ ނުލިބުނެވެ.

''އައިމް ސޮރީ އައިރާ...'' އައިރާ ހަމައަކަށް އެޅޭނެ އިރަކަށް ޑޮކްޓާރ ނަވާޒް މަޑުކޮށްލިއެވެ. އެފަދަ ޚަބަރެއް ލިބުމުން ސިކުނޑިއަށް ބާރު ބޮޑުވާނެ މިންވަރު ތަސައްވަރުކުރެވޭތީއެވެ. އައިރާ ނޫނަސް އެތައް ބަލިމީހުނެއްގެ ފަރާތުން އެފަދަ ޝުޢޫރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ކޮށްދެވޭނެ ކަމަކަކީ ބަލިމީހާގެ ހިތަށް އުއްމީދު ގެނެސްދިނުމެވެ. ނައްސި ޚިޔާލުތަކުން ދުރަށް ގެންގޮސްދީ ބަލިން ފަސޭހަވާނެ ފަރުވާޔަށް އަލިއަޅުވާލުމެވެ.

މޭޒުމަތީ ހުރި ޓިޝޫ ފޮށި އޭނައާއި ކައިރިއަށް ޑޮކްޓަރ ނަވާޒް ޖައްސާލި މަންޒަރު ފުސްވެފައިވި ދެލޮލުން އައިރާ ދުށްޓެވެ. ނަމަވެސް އިނގިއްޔެގެ މިންވަރު ވެސް ހިއްލާލުމުގެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ޓިޝޫ ފޮށިން ޓިޝޫ ނެގުމުގެ ޚިޔާލު ދޫކޮށްލީ ވެސް އެހެންވެގެންނެވެ.

''އައި ވޯންޓު ޑޫ ފިއު މޯ ޓެސްޓް...'' ޑޮކްޓާރ ނަވާޒް ބުންޏެވެ. އެޖުމްލައިން އައިރާއަށް ލިބުނީ ހައިރާންކަމެވެ. އިތުރަށް ދެން ޓެސްޓް ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނަގެ ސިކުނޑީގައި ޓިއުމަރު ނުވާ ކަމަކަށް ނުވާނެއެވެ. އޭނަގެ ހާލަތު ބަދަލެއް ވެސް ނުވާނެއެވެ. އުއްމީދެއް ވެސް ނުލިބޭނެއެވެ.

ކޮމްޕިއުޓަރުގެ މޮނީޓަރު އައިރާއާއި ދިމާއަށް އަބުރާލަމުން ޑޮކްޓާރ ނަވާޒް ހުރިހާ މައުލޫމާތެއް ހިއްސާކުރަން ފެށިއެވެ. ސިކުނޑީގެ ސްކޭނުގެ ނަތީޖާތައް ވެސް ދެއްކިއެވެ. އަޑުގައި ވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ. އައިރާ ހުރި ނާޒުކު ހާލަތު ނަގައިގަނެވުމުން، ބަލި ހާލަތަށް ވުރެން ބޮޑަށް އަލިއަޅުވާލީ ފަރުވާއަށެވެ. ޓިއުމަރަށް ދެވެން އޮތް ފަރުވާގެ މައުލޫމާތުތައް ހިއްސާކުރީ އައިރާގެ ހާސްކަމަށް ނިމުމެއް އަންނާނެ ފަދައިންނެވެ. އުއްމީދު ކަނޑާނުލުމަށް ވެސް ބުންޏެވެ.

އައިރާ އިނީ އަޑުއަހަންށެވެ. ނަމަވެސް އެއިން މަޢުލޫމާތެއް ސިކުނޑީގައި ހަރުލާ ގޮތެއް ނުވިއެވެ.

ކެންސަރާއި ބެހޭ ޑޮކްޓަރަކަށް ރިފާކޮށްދޭނެ ވާހަކަ ބުނުމުން އައިރާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ކުއްލިއަކަށް ކޮޅަށް ތެދުވުނެވެ. ބޮޑު ބިރެއް ފެނި ފިލަން އުޅުނު ކަހަލައެވެ.

''ތެންކިއު...'' ކުރެހިފައިވާ އަޑަކުން އައިރާ ބުންޏެވެ. އިތުރަށް މަޑުކުރުމެއް ނެތި އައިރާ ހިނގައިގަތީ

''އައިރާ...'' ޤަމަރުއަށް ގޮވާލެވުނެވެ. އެގޮތަށް އައިރާ ކަންތައް ކުރުމުން ހުއްޓުވަން ވެސް ބޭނުންވިއެވެ. މަޑުޖެހިލެވުނީ ޑޮކްޓާރ ނަވާޒް ދެފަރާތަށް ބޯހޫރާލުމުންނެވެ. އެއާއެކު އައިރާ ދިއުމުގެ ފުރުސަތު ޤަމަރު ދިނެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެމުން އައިރާ ނިކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ޤަމަރުއަށް އިނދެވުނެވެ.

''ވަރަށް އުނދަގޫ ވަގުތަކަށް ވާނެކަން ވެސް އިނގޭ، އެކަމަކު ވީހާ ވެސް އަވަހަކަށް ފަރުވާ ފަށަން އެބަޖެހޭ، އޮންކޮލޮޖިންސްޓަށް މިއަދު ދެއްކޭނެ ގޮތަށް ރިފެރެލް ދޭނަން...'' ޑޮކްޓާރ ނަވާޒް ބުންޏެވެ.

*****

''ދަރިފުޅާ...'' ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނދެލައިގެން އިން ބަސީލްއަށް އައިރާ ފެނުމާއެކު ގޮވާލެވުނެވެ. އިސްޖެހިފައި ހުރި އައިރާގެ މޫނަށް ބަސީލްގެ ނަޒަރު ހުއްޓުމާއެކު ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ވަގުތުން ގޮނޑިން ތެދުވެވުނެވެ. ކަންބޮޑުވުމާއެކު ކުރިއަށް ވެސް ޖެހިލެވުނެވެ. ބަސީލް ދެވަނަ ފަހަރަށް ގޮވާލުމުން ވެސް އައިރާއަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. އައިރާ ހިނގައިގަތީ ދުރަށެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވާ ކަހަލައެވެ.

''އަރޫ...'' ބަސީލް ގޮވާލިއެވެ. އައިރާއަށް އަޑުއިވުނުހެނެއް ހިޔެއް ނުވެއެވެ. ފިޔަވަޅުތަކަށް ބަދަލެއް ވެސް ނައެވެ.

އިސްއޮބާލަމުން ކުރިއަށް ހިނގައިގަތް އައިރާގެ ތަބީއަތަށް އައިސްފައިވި ބަދަލުތަކުން، ބަސީލްގެ ހިތުގައިވި ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔައެވެ.

އައިރާގެ ފަހަތުން ބަސީލް ހިނގައިގަތެވެ. ކަންބޮޑުވުމާއެކުވެ މޮޅިވެރިކަމުގެ އަސަރު ބަސީލްގެ މޫނުން ފާޅުވަމުން ދިޔައެވެ. އެހާލުގައި އައިރާ ފެނުމުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ހާމަކޮށްދެއެވެ.

ބާރުބާރަށް ހިނގާފައި ގޮސް އައިރާ ބޭރަށް ނިކުތެވެ. ވަށައިގެން ވި މާހައުލު ހޯދާލަމުން ހުސްކޮށް ހުރި ބެންޗެއްގައި އިށީނެވެ. ވަގުތުގެ ގޮތުން ގިނަ މީހުންނެއް ވެސް ނޫޅެވެ. ހޭލަމޭލަވަމުން ދިޔަ އެންމެންވެސް އެމީހެއްގެ އަމިއްލަ ދުނިޔެއަށް ގެއްލިފައިވާ ކަހަލައެވެ. އައިރާގެ ހިތާމައިގެ ހިލަމެއް ވެސް ނުވާ ކަހަލައެވެ. އެކަނިވެރިކަން އިހުސާސްކުރެވުނު އައިރާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. އޭނައަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ކަރުނައިގެ ތެރޭގައި ހަފުސްވަމުން ދަނިކޮށް ގާތުން ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އަވަސްއަވަހަށް ކަރުނަތައް ފޮހެލެވުނެވެ. އޭނަ ރޮމުން ދިޔަ މަންޒަރު ފެނި ހާލު ބަލައިލަން މީހަކު ކައިރިވެލީއޭ ހިތާ ހިތްނުތަނަވަސްވާ ގޮތް ވެއްޖެއެވެ. އެތެރެއަށް ނޭފަތް ދަމައިލަމުން އައިރާއަށް އިސްއުފުލާލެވުނެވެ.

''ބައްޕާ...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން އައިރާއަށް ބުނެވުނެވެ. ވަގުތުން އައިރާގެ ގާތުގައި ބާސިލް އިށީނެވެ. އެދެއަތް ހުޅުވާލީ އައިރާއަށް ހިމާޔަތް ދިނުމުގެ ގޮތުންނެވެ. ބައްޕަގެ އޯގާތެރިކަމަށް ބޭނުންވެފައި އިން އައިރާއަށް ބާރަށް ބައްދާލެވުނެވެ.

''ދަރިފުޅާ... މީ ކެތްތެރިވާންވީ ވަގުތު... މާތްﷲގެ ރަހުމަތާއި މެދު އުއްމީދު ކަނޑާނުލައްޗޭ، އެކަލާނގެއީ ގިނަގުނައިން ދުޢާ އިޖާބަކުރައްވާ ރަހުމަތްވަންތަ ރަސްކަލާނގެ، ބައްޔަށް ޝިފާ ދެއްވުމުގެ ކުޅަދާނަކަން ވެސް ލިބިގެންވަނީ އެކަލާނގެއަށް އެކަމަކު ދަރިފުޅު ވާނެ ކެތްތެރިވާން، ޔޫ އާރ އެ ފައިޓާ... ޔޫ ކޭން ބީޓް ދިސް އެގެއިން...'' އައިރާއަށް ވިސްނައިދޭން ބަސީލް މަސައްކަތްކުރިއެވެ. ކުޑަ ހިނދުކޮޅަކަށް ވިޔަސް އުއްމީދު ކަނޑާނުލުމަށް އެދުނެވެ. ފަރުވާ ފެށުމާއެކު އަވަސް ޝިފާއެއް ލިބިގެންދާނެ ކަމުގެ އުއްމީދު އާލާކޮށްދޭން ވެސް މަސައްކަތްކުރިއެވެ. ވެރިވެގެން ދިޔަ އަނދިރިކަމުގެ ތެރޭން ހުޅުކޮޅެއް ރޯކޮށްލަ ދިނެވެ.

ބަސީލްގެ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން، ފޯނު ނަގައި ބަލައިލެވުނެވެ. ގުޅަނީ ޤަމަރެވެ. ޤަމަރު ހާސްވެފައި ހުންނާނެ މިންވަރު އަންދާޒާކޮށްލެވުމުން އަވަސްއަވަހަށް ފޯނަށް ޖަވާބު ދިނެވެ.

''ބޭރުގަ...'' ފޯނުން ޤަމަރުއާއި ވާހަކަ ދައްކަމުން އައިރާގެ މޫނަށް ބަސީލް ބަލައިލީ މާޔޫސްކަމާއެކުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އައިރާގެ އުފަލަށް މީހެއްގެ އެސްފީނާ ޖެހުނީ ހެއްޔެވެ؟

*****

ހެނދުނު ސްކޫލަށް އައިސް އައިރާ ނުފެނުމުން ނޫރާލްއަށް ލިބުނު ހައިރާންކަން އިތުރުވެގެން ދިޔައީ ނުވައެއް ޖެހިއިރު ވެސް އޭނަ ފޮނުވި މެސެޖަށް ޖަވާބެއް ނުލިބުމުންނެވެ. އޭނަ ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. އައިރާގެ ހިމޭންކަން ދޭހަކުރަންވީ ގޮތެއް ނޫރާލްއަކަށް ނޭނގުނެވެ. އެއީ ދުވަހަކު ވެސް އައިރާގެ ފަރާތުން ފެނުނު ބަދަލެއް ނޫނެވެ. ސުވާލު އުފެދުނީ ވެސް އެހެންވެއެވެ. ބަލިވެގެން ސްކޫލަށް ނާދެވެނަމަ އައިރާ އޭނަ ގާތު ބުނާނެއެވެ.

''އާ ޔޫ އޯކޭ؟...'' ގަޑި ނިމުމުން ކްލާސް ރޫމުން ނިކުތް ނޫރާލް އައިރާއަށް މެސެޖެއް ފޮނުވާލިއެވެ. އަނެއްކާ ވެސް އިތުރު ކްލާހަކަށް ދާން ޖެހޭތީ ނޫރާލްއަށް ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. ރޭގައި ޖާދިންއާ އެކު ދިޔަ ޑޭޓްގެ ވާހަކަތައް އައިރާއާއި ހިއްސާކޮށްލަން ނޫރާލް ހުރީ ބޭނުން ވެފައެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަ އެދޭ ހުރިހާ ސިފަތަކެއް ވެސް ޖާދިންގެ ފަރާތުން ވަނީ ފެނިފައެވެ. ހިތުގައި ވިންދުޖަހަމުން ދިޔައީ އުފާވެރިކަމެވެ. ހެނދުނު ސްކޫލަށް އައި އިރުގައި ހުރިހާ ވާހަކައެއް ވެސް އައިރާއާއި ހިއްސާކުރާ ހިތުން ނޫރާލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ނަމަވެސް އައިރާގެ ޚަބަރެއް ނުވުމުން ނޫރާލް ކަންބޮޑުވާ ގޮތް ވެއްޖެއެވެ. ސްކޫލް ނިމެން ވާއިރަށް އައިރާގެ ޚަބަރެއް ނުވެއްޖެނަމަ ބައްދަލުކުރަން ދާން ހިތުލަމުން އޭނަ ގޮސް ކްލާސް ރޫމަށް ވަނެވެ.

ސިކުނޑިއަށް ވެރިވެފައިވި ޚިޔާލުތަކާއި ދުރުވެލަމުން، ނޫރާލްގެ ސަމާލުކަން ކްލާހަށް ހުއްޓާލިއެވެ. ކްލާހަށް ވަނުމުން ކޮޅަށް ތެދުވުނު ދަރިވަރުންނަށް ހެނދުނުގެ ތަހުނިޔާ އަރިސްކޮށްލިއެވެ.

*****

ކޮޓަރީގައި ގިނައިރުވެ އުދާސްކަން ބޮޑުވާން ފެށުމާއެކު ޤަމަރުއާއި ބަސީލް ވެސް ކޮޓަރިން ނިކުތެވެ. އޭރު މެންދުރު އަތަށް އަޅައިފިއެވެ. ގެއަށް އާދެވުމާއެކު ކޮޓަރިއަށް ވަން ގޮތަށް އައިރާގެ ޚަބަރެއް ނުވެއެވެ. އައިރާގެ ޚަބަރެއް ބަލައިލަން، އައިރާގެ ކޮޓަރީގެ ދޮރުގައި ޤަމަރު މަޑުމަޑުން ޓަކި ޖަހާލިއެވެ.

ޤަމަރުއާއި އައިރާއަށް އެކަނިވެލަން ފުރުސަތު ދެމުން ބަސީލް ގޮސް ނިކުތީ ބެލްކަންޏަށެވެ.

އައިރާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޤަމަރު ނުތަނަވަސްވާ ގޮތް ވެއްޖެއެވެ. އޭނައަށް ތަޅުގައި ހިފާލެވުނެވެ. ތަޅުނުލާ ހުރުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން އޭނަ ދޮރު ހުޅުވާލިއެވެ. އެނދުގައި އޮށޯވެލައިގެން އޮތް އައިރާއަށް ގޮވަމުން ޤަމަރު ކޮޓަރިއަށް ވަނެވެ.

''ދަރިފުޅު ނިދަނީތަ...'' އައިރާގެ ޚަބަރެއް ނުވުމުން ޤަމަރުއަށް ބުނެވުނެވެ. އެނދު ކައިރިއަށް ހުއްޓިލަމުން އައިރާއަށް ފުން ނަޒަރެއް ދިނެވެ.

ނިދިފައި އޮތް އައިރާއަށް ބަލައިލި ޤަމަރުއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެނދުގައި އިށީންނަމުން އައިރާގެ ބޮލުގައި ލޯތްބާއެކު ފިރުމާލެވުނެވެ. އެވަގުތު ނިދީގެ ތެރެއިން އައިރާ ކުކުރާލިއެވެ. ވަގުތުން ޤަމަރުއަށް އަތްތިލަ ދުރަށް ޖައްސާލެވުނެވެ. ނިދިފައި އޮތް ކަމުގައި ވިޔަސް އައިރާގެ މޫނުން ގަމަރުއަށް ފެނުނީ މާޔޫސްކަމެވެ. ހަމަޖެހުމެއް ނުވާ ކަހަލައެވެ. އެސްފިޔަތަކުގައި ވަނީ ކަރުނައިގެ ތެތްކަމެވެ. އިސާހިތަކުގެ ޤަމަރުގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ބަސީލްގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކަށް ފަހުގައި ވެސް ޤަމަރުގެ ހިތުގައި އޮތް ބިރުވެރިކަމައި ދުރުވެވޭ ގޮތެއް ނުވިއެވެ. އައިރާއަށް ދެރަގޮތެއް ވެދާނެތީ މީހާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ޖަޒުބާތުގައި ބެހި ބާރަށް ރޮވިދާނެތީ ބޭރަށް ނިކުތްނަން ޤަމަރު އަވަސްވެގަތެވެ.

ކޮޓަރިން ނިކުތުމުގެ ކުރިން ނިދިފައި އޮތް އައިރާއަށް ޤަމަރު ބަލައިލީ ކަރުނުން ފުސްވެފައިވި ދެލޮލުންނެވެ. އެވަގުތު އަމިއްލަ ނަފުސަށް އޭނަ ވަޢުދެއް ވިއެވެ. އޭނަ ކެތްތެރިވާނެއެވެ. އައިރާގެ ކުރިމަތީގައި ކަރުނައަޅައި ނުރޯން ހިތްވަރުކުރާނެއެވެ. ދަރިފުޅަށްޓަކައި ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއަކަށް ވާން ވެސް އަޒުމު ކަނޑައެޅިއެވެ. އައިރާގެ ހިތްވަރު ކަމުގައި ވާން ތިބީ އޭނައާއި ބަސީލް އެވެ. ރޮއި ހިތާމަކުރަން ފަށައިފިނަމަ އައިރާގެ ހިތަށް އިތުރު ތަކުލީފެއް ލިބިގެން ގޮސްފާނެއެވެ. އައިރާ ހުރީ ވަރަށްވެސް ނާޒުކު ހާލަތެއްގައެވެ. ހިނދުކޮޅަކަށް ވެސް އެކަން ހަނދާންނައްތާލެވޭކަށް ނެތެވެ.

*****

''ނިދިފަ އޮތީ...'' ބެލްކަނީގެ ދޮރު ލައްޕާލަމުން ބަސީލްއަށް ޤަމަރު ބުންޏެވެ. އުނދޯލީގައި އިން ބަސީލް ޤަމަރުއަށް ބަލައިލަމުން ބޯޖަހާލިއެވެ.

ލުއި ފިޔަވަޅުތަކެއްގައި އައިސް ބަސީލްގެ ގާތުގައި ޤަމަރު އިށީނެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެމެދަށް ވެރިވެފައި އޮތް ހިމޭންކަމުން ވެސް ބަޔާންކޮށްދެނީ އުފުލަމުން ދިޔަ ވޭނާއި ހިތްދަތިކަމެވެ. އައިރާގެ މުސްތަޤުބަލާއި މެދު އުފެދިފައި އޮތް ބިރުވެރިކަމެވެ.

''ސައު ގާތު މިވާހަކަތައް ބުނާނީ ކިހިނެއް؟...'' ޤަމަރުގެ ކެތްތެރިކަން ކޮޅުންލި ހިނދު ބުނެވުނެވެ. ދޮށީ ދަރިފުޅަށް އައިރާގެ ބަލި ހާލަތު ސިއްރުކުރަން ޤަމަރު ބޭނުމެއް ނުވިއެވެ. ނަމަވެސް އެވާހަކަތައް ހިއްސާކުރަން އޭނަ ޖެހިލުން ވިއެވެ. އެހާ ދުރުގައި ސައުފާ ހުއްޓާ އެޚަބަރު ލިބުމުން ވާނެ ގޮތެއް ވެސް އެނގޭނީކީ ނޫނެވެ.

''ސައުއަށް ގުޅުމަށް ވުރެން ނަހްލާންއަށް ގުޅައި ކިޔައި ދިނުން އެންމެ ރަނގަޅު ވާނީ...'' ބަސީލް ބުންޏެވެ. އުދާސްކަމުގެ ފުން ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ސައުފާއަށް ލިބިގެންދާނެ ހިތްދަތިކަން އޭނައަށް ތަސައްވަރު ކުރެވުނެވެ.

''ބަލިން ރަނގަޅު ވަންދެން ކައިވެނީގެ ކަންތައް ވެސް މަޑުޖައްސާލަން ޖެހޭނެ...'' ޤަމަރުއަށް ބުނެވުނެވެ. މޭގައި އުފެދުނު ރިހުމުގެ ސަބަބުން އޭނައަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. ޢާއިލާގެ ހުރިހާ އުފަލެއް ވިއްސިވިހާލިވެގެން ގޮސްފައިވާ ކަހަލައެވެ. ކުރިއަށް އޮތް ބަނަ ދުވަސްތަކާއި ކުރިމަތިލާނެ ގޮތެއް ވެސް ނޭނގުނެވެ. ކައިވެންޏަށް އަތެއް ބަޔަކަށް ދަޢުވަތު އެރުވިއްޖެއެވެ. ބޮޑެތި ތައްޔާރީތައް ވެސް ވެ ނިމިއްޖެއެވެ. ނަމަވެސް ތާވަލު ކުރެވުނު ދުވަހަށް ކައިވެނީ ކުރެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ.

''އަދިވެސް ޒާން ގާތު ބުނަން އަރޫ އެއްބަހެއް ނުވޭ، މިއަދު ވެސް އެވާހަކަ ދެއްކުމުން ހުރީ ހިތްހަމަނުޖެހިފައި...'' ޤަމަރުއަށް ޝަކުވާކޮށްލެވުނެވެ. އެހާލަތަށް ކަންތައް ގޮސްފައި އޮތްއިރު ވެސް ޒޯހަންއަށް އެއްވެސްކަމެއްގެ ހިލަން ނުވާތީ ޤަމަރުގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނި ސިކުނޑިއަށް ބާރުބޮޑުވާން ވެސް ފަށައިފިއެވެ. އިންޒާރެއްގެ ރަނގަބީލުގެ އަޑު އިވޭހެން ވެސް ހީވެއެވެ.

''އަރޫއަށް ވަގުތު ދިނުން އެއީ އެންމެ ބުއްދިވެރި ގޮތް، އެއްވެސް ކަމެއްގައި އަރޫއަށް މަޖުބޫރުކުރަން އަހަރެން ބޭނުމެއް ނޫން، މައިންބަފައިންގެ ހައިސިއްޔަތުން އަރޫގެ ނިންމުންތަކަށް އިހުތިރާމްކުރަން ވެސް ތިބީ އަހަރުމެން...'' ކުރިން ވެސް އޭނަ ދިން ޖަވާބު ބަސީލް ތަކުރާރުކޮށްލިއެވެ. އައިރާ ހިތްހަމަނުޖެހޭ ފަދަކަމެއް ކުރިމަތިވާން ބަސީލް ބޭނުމެއް ނުވިއެވެ. ނަތީޖާ ލިބުމަށްފަހު އައިރާ އެދުނު ކޮންމެ ގޮތަކާ ވެސް ބަސީލް ހުރީ ރުހިޤަބޫލުވާށެވެ.

''މިއަދު ދެން އިތުރަށް އެވާހަކަ ނުދައްކަމާ...'' ބަސީލް އިތުރުކޮށްލިއެވެ.

''އިއްޔެގަ ބަސީލް އެއްބަސްވީ ނަތީޖާ ލިބުމުން މި ވާހަކަދައްކަން... އެކަމަކު މިހާރު ޚިޔާލު ބަދަލުވީތަ؟، މިކަންތައް ސިއްރެއް ވެސް ނުކުރެވޭނެއެއްނު!، ޒޯހަންއަށް އެނގެން ވެސް ޖެހޭނެއެއްނު؟، ޒޯހަންގެ އާއިލާއަށް ވެސް އަހަރުމެން ޖަވާބުދާރީވާން ވާނެއެއްނު!، ކައިވެންޏަކީ ކުޅޭކުޅިވަރަކަށް ވެގެން ނުވާނެޔޭ...'' ޤަމަރުއަށް ބުނެވުނެވެ. ''މިކަމާ ގުޅިފައިވަނީ ހަމައެކަނި އައިރާއާކާ ވެސް ނޫން...''

''ތިކަން ވިސްނެޔޭ، އެކަމަކު މިއަދަކު ނޫން...'' ބަސީލް ބުންޏެވެ. އައިރާގެ ބަލި ހާލަތުގެ ސަބަބުން ބަސީލްގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. ޤަމަރުގެ ވާހަކައިގެ ތެދުކަން ޤަބޫލުކުރެވުނަސް، ބަސީލް ގަސްދުކުރީ އައިރާގެ ނިންމުމަށް އިހުތިރާމްކުރާށެވެ. އައިރާގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭނެހޭ ހިތްވަރެއް އޭނަގެ ނެތެވެ.

''ދެން ކޮންދުވަހަކުތަ؟... ބަސީލް އަހަންނަށް ޖަވާބު ދީބަލަ؟، އަރޫގެ ވިސްނުން ބަދަލުނުކޮށްފިއްޔާ ކިހިނެއްތަ ވާނީ؟... ގޯސް ނިންމުމެއްކަން އެނގޭ އިރުވެސް އެކަމަށް އެއްބާރުލުންދޭނީތަ؟، މާދަމާއަށް ފަސްކުރަމުން ގޮސް ބޮޑު މައްސަލައެއް ޖެހިއްޖެއްޔާ ކިހިނެއްތަ ހަދާނީ؟، ކައިވެންޏަށް ރަންކިއުމުގެ ހަފުލާއަށް އަންނަ ހަފްތާގަ ތައްޔާރުވާން އެބަޖެހޭ...'' ޤަމަރުއަށް ބުނެވުނެވެ.

''ޤަމަރު ޕްލީޒް، މިހާރަކު ނޫން، މިއަދު ކިރިޔާ ޓެސްޓުގެ ނަތީޖާ އެލިބުނީ، އަނެއްކާ ތިވާހަކަ ދައްކަން ހަދައިގެން އަރޫއަށް އިތުރު ހާސްކަމެއް ލިބިދާނެ...'' ބަސީލްއަށް ކޮޅަށް ތެދުވުނެވެ.

ޤަމަރުއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެބަސްވުމުގެ ކޮޅުމަތި ފެންނަން ފެށުމުން އޭނައަށް މަޖުބޫރުވީ ހިމޭންކަން އިހުތިޔާރުކުރާށެވެ. ބަސީލްގެ މޫނަށް ވެރިވި ކުލަވަރުތަކުން ޤަމަރުގެ މެޔަށްފިނިވެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟