މަންމަގެ ވާހަކަ އަޑު އިވުމުން ނާޒުގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ހިނިތުންވެ ފޮޅިފައި އިން ނާޒުގެ މޫނުމަތިން މާޔޫސީއާއި ހިތާމައިގެ އަސަރު ފެނުމާއެކު ރޫޙީނަށް ވެގެން އުޅޭގޮތް ވިސްނިއްޖެއެވެ.
"އޭތް، ކަމްއޯން، މޫޑު ހަރާބު ނުވައްޗޭ، މަށެއް ނުވަންނާނަން އެތެރެއަށް ތިހެން މޫނު އޮއްސިފަ ހުރިއްޔާ،" ރޫހީން ނާޒުގެ އަތުގައި ހިފާލިއެވެ.
"އޯކޭ، އޯކޭ،" ނާޒު ހީނލަމުން ބުންޏެވެ.
"ރަމިއްތަ ތިބުނީ ވަރަށް ބޮޑު ތެދެއް، މަންމަ ދިޔަ ދުވަހުން ފެށިގެން މަށަށް މަގޭ އަސްލު މަގާމު އެނގިއްޖެ، މަ ހީކުރީ މަންމައާ ނުލައި އެއްދުވަސްވެސް ނޫޅެވޭނެ ކަމަށް، ތެދަށް ބުންޏާ މަންމައާ ނުލައި އަހަރެން ހީނުކުރަން މަށަށް އެންމެންގެ ލޯބި އެހާވަރަށް ލިބޭނެކަމަކަށް، އެކަމަކު އެންމެން ތިބީ މަށާއެކު، މަންމަގެ ވަސިއްޔަތުގައި އަހަންނަށް ކަމޭހިތާށޭ ބުނެފައި އޮތީމަ ކަމަށްވެސް ވެދާނެ،"
"ރަމިއްތާ. ކޮބާ ރޫހީން،" ބޭރު ދޮރުން ބަންކަރަށް ވަންނަމުން ގޮވާލީ ޑިއުޓީ އޮފިސަރެކެވެ.
"އަނހާ، ރޫހީން އެބަހުއްޓޭ ދޯ. ރަމިއްތާ އޭނަ ވައްދާފައި ދޮރުލައްޕާލަބަލަ،"
ޑިއުޓީގެ ބަހަށް ރަމީޒާ، ރޫހީން އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. ރޫހީނާ އެކުއެކީގައި ކަހަލަގޮތަކަށް ބަންކަރުތެއަށް ނާޒުވެސް ދެމިގަތެވެ. އަދި ރަމީޒާ ބަންކަރު ތަޅުލާފައި އެނބުރި ރޫހީން ގާތު މޭޒުދޮށުގައި އިށީންނަން ގޮނޑި ދެއްކިއެވެ.
"ވަކީލު ވިދާޅުވީ މި ފޯމު ފުރުވައިގެން އަވަހަށް ގެންނާށޭ، އޭނާގެ އެހެން ކްލައިންޓެއް އެފަޅިން ނެރެގެން އުޅޭތީ މަ މިއައީ ފޯމު ހިފައިގެން،"
ޑިއުޓީ އޮފިސަރު މޭޒުމަތީގައި ފައިލެއް ބާއްވަމުން ބުނެލިއެވެ. ގޮނޑީގައި އިށީނދެ އިން ރޫހީންގެ ކޮނޑުގައި އަތް ބާއްވާލަމުން ނާޒު އުފާވެފައި ލޮލުން ފޯމަށް އިޝާރާތްކޮށްލިއެވެ.
"ރޫހީން، އަވަހަށް ފޯމު ފުރާފައި ދީ، ވަގުތެއް ނެތް، މާގިނައިރެއް ނުވެ އެ ލޯޔަރު ފުރަން ޖެހޭނެ،"
ރަމީޒާ ޖީބުން ގަލަމެއް ނަގައި ރޫހީންގެ އަތަށް ދެމުން ބުނެލިއެވެ. އަދި ސިޓީ އުރަ ހުޅުވައި އޭގެ ތެރެއިން ތިން ވަރަކަށް ގަނޑު އެއްކޮށް ހީރަސް ޖަހާފައި އޮތް ފޯމެއް ނަގައި މޭޒުމަތީގައި ބާއްވައިފިއެވެ.
"ހަމައެކަނި އަންހެންމީހާގެ ބައި ފުރިހަމަ ކޮށްފައި ގެނޭ، ބާކީ ބައި އެކޮޅުން ހަމަޖައްސައިފާނެ، އަސްލު ހަމައެންމެ ތަނެއް ފިލްކޮށްގެން ގެނެސްދޭށޭ ބުނީ، އޯލްރެޑީ އެކޮޅުން ހުރިހާ ލިޔުންތަކާއި ހުއްދަތައް ތައްޔާރުކޮށް ނިންމާފައި ހުރިކަމަށް ޑިޕާޓްމަންޓުން ކައިވެނި ބައިގައި އުޅޭ ހުދާ ގުޅާފައި ކިޔައިދިން،" ފޯމު ހިފައިގެން އައި ޑިއުޓީ ބުނެލިއެވެ.
"ދީބަލަ،" ހަދާނެ ގޮތެއް ނޭނގިފައި ފޯމު މަތީގައި އަތް ބާއްވައިގެން އިން ރޫހީންގެ އަތްދަށުން ފޯމު ނަގަމުން ޑިއުޓީ ބުނެލިއެވެ.
"އާނ، މި ބައި،" ކައިވެނީގެ ފޯމުގެ ރަންކިޔުމުގެ ބައި ދައްކަމުން ޑިއުޓީ ބުނެލިއެވެ.
"ރޫހީން، ހާދަ މުއްސަނދި ސޮރެކޭ ތި އަޅުވާލީ، ސޮރެއްވެސް ނޫން، ކީކޭ ބުނާނީ، އަހަރެމެން އެންމެން މިތިބީ ބަސް ހުއްޓިފައި، އެހާ ބޮޑު ޕޮލިސް ސުޕްރިޑެންޓެއް ޖަލުގައި އޮތް މީހަކާ އިންނަން އުޅޭ ވާހަކަ އިވުމުން، ކިހިނެއް ކޮށްލި ކަމެއްތަ؟ އެސޮރަށް ކޮން ކުޅިސަމާއެއް ދައްކައިގެންތަ؟ އެ ސޮރުގެ ލޯ ރަނގަޅަށް ސަލާމަތުން ހުރިހެނެއް ހިއެއް ނުވޭ،"
ޑިއުޓީ އޮފިސަރުގެ ރާގުގައި ސާބަހާއި ތައުރީފަށްވުރެ މަލާމާތުގެ ރާގު ހުރިކަން އިހުސާސް ކުރެވުމުން ރޫހީންގެ ހިތްތެޅިގަތެވެ. ނަޒްމާނާ ބެހޭ ގޮތުން އެއްވެސް މީހަކު އެއްވެސް ކަހަލަ ނުރަނގަޅު ވާހަކައެއްވެސް އަދި އެންމެ ބަދުބަހެއްވެސް ބުނާ އަޑު އަހާކަށް އޭނާގެ ހިތް ކެތެއް ނުކުރާނެއެވެ.
"ސުޕްރިޑެންޓް ތިބުނީ ސުޕަރއިންޓެންޑެންޓް ދޯ، އާނ، އެއީ މިހާރު ސްޓޭޝަން އިންޗާޖް، އަތޮޅުވެހީގަވެސް ދޫނިދޫގަވެސް އިންޗާޖް، އެހާ ކަންބޮޑު ނުވޭ،"
ރޫހީންގެ އަޑު ބާރު ނޫނަސް ހުރީ ނުރުހުމާއި ރުޅީގެ އަސަރެވެ.
"އޭނާގެ ލޯ ހުރީ ހަމަ ސަލާމަތުން، އަސްމާ، މީހުންގެ ލޮލަށް ބޮލަށް ނުގޮވާ އަމިއްލަ ފިރިކަލުން ސާލިމްސަރގެ ހިއްސުތައް ރަނގަޅުތޯ ބެލިއްޔާ މާ ރަނގަޅުވާނެކަން ޔަގީން،
މިހާރުވެސް މުޅި މާފުށީގައި އަސްމާ ބުނާހެން މިއޮތް ފަދަ ތާކުންތާކުނުޖެހޭ ކުށްވެރިން ތިބި އަންހެންޖަލުގައި އެއްއަޑަކަށް އޮންނަނީ ސާލިމްސަރ އާއި ޒީނިޔާގެ ވާހަކަ، އެއްޝިފްޓެއްގައި ތިބެގެން ކުރާ ޑިއުޓީ ޕާފެކްޓް ވާހަކަ، އޭގެ ކުރިން މި ޖަލުގައި އަސްމާ ބުނާހެން ގޮތެއްފޮތެއް ނެތް މީހުން ތިބޭ އަންހެންޖަލުގެ ރިފްޝާނާއެކު ކުލާސްތެރެއިން ފެނުނު ނޮޓްއޯކޭ ސްޕޮޓުގެ ވާހަކަ، އެކަންކަމަށް ސަމާލުކަން ދޭންވީނު ދޯ، އެނޫނީ ތިންވަނަ ފަށްވާކަށް މާގިނަ ވަގުތެއް ނުނަގާނެ،"
އަސްމާ ޑިއުޓީއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ޖެހީހެންނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އަވަހަށް ގޮސް އެތެރެބަޔަށް ވަދެ ދޮރުލައްޕާލީ ބާރަކަށެވެ.
"ސޮރީ، ރަމިއްތާ، ރެސްޕެކްޓް ކުރެވޭނީ އަނެއްމީހާވެސް ކުރާ ވަރަކުން،"
ރަމީޒާ ހުރީ އެއްޗެއް ބުނަން ބޭނުން ނުވެފައެވެ. އަސްމާ އޮފިސަރުގެ ޒީލަގަދަ ބަސްތަކާއި ޑީލްކުރާ ގޮތުގެ ގޯސްވާހަކަ އަކީ ޖަލުން ކޮންމެ ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ލިބޭ ޝަކުވާއެކެވެ.
އަދި އަމުދުން ދެންމެ އެ ހިނގި ކަމެއް ހިނގީ ދިމާކުރިމަތިން ވިއްޔާއެވެ. ގައިދީއެއް ކަމަކު ބުނަން ނުޖެހޭ ބަސްތައް އެމީހުންނާ ދިމާއަށް ބުނުމަކީ ހުދު ރަމީޒާވެސް ކުރާކަމެއް ނޫނެވެ.
"ދެން ތި ފިލްކޮށްލަބަލަ، ބިސްމީގެ ބަރަކާތުން،"
ނާޒު ރޫހީންގެ ކޮނޑުގައި ކޮއްޓާލަމުން ބުނެލިއެވެ. އަދި ރޫހީން އަތުގެ ތުރުތުރުއެޅުން ހަމައަކަށް އެޅުވޭތޯ ފުންނޭވާއެއް ލައި ހަމަޖެހެވޭތޯ ބަލަމުން ގަލަމުގެ ތުނޑު ފޯމުގައި ޖައްސާލިއެވެ.
ހަތްސަތޭކަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ފަސް ލާރި، 55/757 ޖެހުމަށްފަހު ސޮއިކުރަން ޖެހޭ ތަނުގައި ސޮއިކޮށްލިއެވެ.
"ޔިޕީ، ހާއޭ. މަގޭ ރޫހީ ރަން ކިޔައިފިޔޯ،"
ނާޒު ހީނގެންފައި ފުންމައިގަތުމާއެކު ރޫހީންގެ ގައިގައި އޮޅުލައިގަތެވެ.
"އޭތް، ހަޝްޝްޝް،"
ރޫހީން އަވަސް އަވަހަށް ނާޒުގެ އަތުގައި ހިފައި މަޑުން ހުރުމަށް ބުނެލިއެވެ.
"ރަމިއްތާ، މި ވާހަކަ އެއްވެސް މީހަކަށް ނޭންގިއްޔާ ރަނގަޅީ، ރިކުއެސްޓެއް ހަމަ،"
ނާޒު ރަމީޒާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ގިނަ އަހަރުތަކެއް ވަންދެން ފެނި އެނގިފައިވާ ނާޒުމެން ކަހަލަ ގައިދީންނާ މެދު ރަމީޒާގެ ހިތުގައި ކުލުނު އުފެދިފައި އޮންނަކަން މި ގައިދީންނަށްވެސް އެނގެއެވެ. އެހެންކަމުން ގާތްކޮށް ވާހަކަދައްކައި އުޅުމަކީ އާންމު ކަމެކެވެ.
"ރަމިއްތައެއް ވާ ނުބުނާނަން، އެކަމަކު މިތާ ތިބޭ ކުދިން މާބޮޑަށްވެސް އަޕްޑޭޓް، ރާއްޖޭގެ ޓީވީން ހަބަރު ކިޔުމުގެ ކުރިން ޓީވީ ހޯލުން ހަބަރު ކިޔާ ތަނެއް މިއީ،" ރަމީޒާ ހެވިލާފައި ބުންޏެވެ.
"އަމުދަކުން އަހަރެމެންނަށް އެއްވެސް ވާހަކައެއް ބުނުން ހުއްދަ ކޭސްއެއްވެސް ނޫނެއްނު މިއީ،"
ސޮއިކޮށްފައި އޮތް ފޯމު ނަގައި ސިޓީއުރައަށް ލަމުން ޑިއުޓީ އަސްމާ ތުން އަނބުރާލާފައި ބުނެލިއެވެ.
"ނަސީބެއްނު،"
ނާޒު މަލާމާތުގެ ގޮތަކަށް އަސްމާ ތުން އަނބުރައިލި ގޮތަށް އަނގައަށް ހަދާލަމުން ބުނެލިއެވެ.
"ރަމިއްތާ، އަޅުގަނޑު ދަނީ އިނގޭތޯ، އޮފީހުން ލަސްވެގެން ގުޅަންވެސް ގުޅައިފި،" އޮފިސަރު އަސްމާ ރަމީޒާއަށް ބުނެލިއެވެ. އަދި ރަމީޒާ އާނއެކޭ ބުނެލުމުން އަވަސް އަވަހަށް ތޮފިގަނޑު ބުރުގާމަތިން ބޮލަށް މަހަމުން ގޮސް ދޮރުން ނުކުމެއްޖެއެވެ.
"ތޭންކްސް، ރަމިއްތާ."
ބަންކަރުގެ ދޮރު ހުޅުވާލަމުން އެނބުރި ރަމީޒާއަށް ބަލައިލަމުން ރޫހީން ބުނެލިއެވެ.
"ރަމިއްތައަށް ތޭންކްސް ބޭނުމެއް ނޫން، ރަމިއްތައަށް ޝުކުރު އަދާކުރި ކަމަށް ގަބޫލު ކުރެވޭނީ ގެއަށް ގޮސްފައި މިތަނަށް އެނބުރި ނައިއްޔާ،" ރަމީޒާ ހިނިތުންވެލާފައި ބުނެލިއެވެ.
"އޭނ. ރަމިއްތަ ތިބުނީ ކީކޭ...؟ ހީވަނީ ހަމަ މާދަމާ އަހަރުމެން ގެއަށް ދާން އުޅޭހެން،" ރޫހީން ހައިރާންވެފައި އަހާލިއެވެ.
"ކިހިނެއް އެނގެނީ، ހަމަ ވެދާނެނު އެހެން ކަމަށްވެސް، ކާކަށް އެނގޭނީ މާދަން ވާނެ ގޮތެއް،" ރަމީޒާ ބުނެލީ ދެމާނަ އެކުލެވޭ ރާގެއްގައެވެ.
"އޭތް، ޓީވީ ހުޅުވަބަލަ، ހަބަރު އެބައާދޭ، އަވަސް،"
ކުއްލިއަކަށް ޖަލުތެރެ ހަލަބޮލިވެގަތް އަޑު އިވިއްޖެއެވެ. ރޫހީނާއި ނާޒަށް އެކަކު އަނެކަކަށް އެއްފަހަރު، އަނެއްފަހަރު ރަމީޒާގެ މޫނަށް ބަލައިލެވުނެވެ.
(ނުނިމޭ)