ވާހަކަ

ރުހުން ދީފާނުހޭ - 60

3

"އަލްހަމްދުލިއްލާހް.... ރަނގަޅު ސިގްނަލެއް. ހީވަނީ ލަސްތަކެއްނުވެ ހުރިހާކަމެއް ރަނގަޅުވެދާނެހެން. މިގެއަށް ބަދަލުވިފަހުން ހަނދާންތައް އަންނަން ފެށީ. މިހާރުވެސް ހިތްއަވަސްވާން ފަށައިފި. މާދަމާ ނޭނގޭ ކޮންކަމެއްގެ ވާހަކަ ކަމެއް ބުނާނީ" މައިލީން ބުންޏެވެ.

****

ގެއަށް އައުމުގެ ކުރިން މެލެކް ދިޔައީ މައިލީން އާއެކު އޭނާގެ އެގެއަށެވެ. އަހަދުﷲ އަށް ގުޅައިގެން ހުރެ މައިލީން ކޮޓަރިއަށް ދިޔުމުން މެލެކް އައިސް އިށީނީ ސޯފާގައެވެ. ރަނގަޅަށް ޓީވީ ހުޅުވާނުލެވެނީސް ބޭރުން އައިސް ވަތް އައްޒާމް އާއި ތަބައްސުމްއަށް މެލެކް ފެނިއްޖެއެވެ. ދެމަފިރިން އައިސް އިށީނީ މެލެކްގެ ގާތުގައެވެ.

"ދަރިފުޅު މިގަޑީގަ؟ ކާކާއެކު އައީ؟" ތަބައްސުމް އަހާލިއެވެ.

"ދޮނާ. ވެއްޖެ ކޮޓަރީގަ" މެލެކް ބުންޏެވެ.

"އެގޭކުދިން މަސްބާނަން ދާ ވާހަކަ ބުނި. ހިބާ އާއި ލައިބާ ނުދޭތަ؟" ތަބައްސުމް އަހާލިއެވެ.

"ފިރިހެނުންތައް ދިޔައީ" މެލެކް ބުންޏެވެ.

މެލެކްގެ ޖަވާބުތައް ކުރެވެ. އައްޒާމަށް ތަބައްސުމް ބަލައިލިއެވެ. މެލެކްގެ ފަރާތުން ޖަވާބެއް ރަނގަޅަށް ހޯދޭނީ އައްޒާމަށޭ ތަބައްސުމްގެ އެ ބެލުމުން ބުނާ ކަހަލައެވެ.

"ބައްޕަގެ ދަރިފުޅު ހާދަ ފާޑަކަށޭ މިރޭ މިއިންނަނީ؟" އައްޒާމް މެލެކްގެ ބޮލުގައި ފިރުމާލިއެވެ.

"ސާރާގެ ސަބަބުން. މިއަދު ހަވީރު ބަނދަރުމަތިން ދިމާކޮށްލައިފި. މި ހިތަށްއަރަނީ ބާޒިލް އާ ސާރާ އާ ދެމެދަށް ވަދެވުނީ އަނެއްކާ އަޅުގަނޑަށްބާއޭ. މީހުން ބުނެއެއްނު އެކަކުގެ ދިރިއުޅުން ހަލާކުކޮށްފަ އަނެއްކަކަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނޭ" މެލެކް ބުންޏެވެ. ހަގީގަތުގައި ވެސް އެއީ އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ކަންތަކެވެ.

ތަބައްސުމް އިތުރަށް މެލެކް އާ ގާތަށް ޖެހިލިއެވެ. މެލެކްގެ ބޮލުގައި ފިރުމާލިއެވެ. މޫނުގެ ދެފަރާތުގައި އޭނާގެ ދެއަތުން ހިފަހައްޓާލިއެވެ.

"ދަރިފުޅަށް ހީވޭތަ މަންމަ އާ ބައްޕަ ދަރިފުޅަށް ނުބައި ނަސޭހަތެއްދީފާނޭ. ދަރިފުޅަށް ހީވޭތަ މަންމައާ ބައްޕަގެ ދެއަތުން ދަރިފުޅު އަލިފާންގަނޑެއްގެ ތެރެއަށް އެއްލާލަފާނޭ" ތަބައްސުމް ބުންޏެވެ. މެލެކް ލަސްލަހުން ދެފަރާތަށް ބޯހޫރާލިއެވެ.

"އެހެންވިއްޔާ މަންމަ މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހައްޗޭ. ދަރިފުޅާ ބާޒިލްގެ ދެމެދަށް ވަން މީހަކީ ސާރާ. މެލީ ނުކުރޭ އެއްވެސް ގޯސްކަމެއް. ސާރާ އޭރުވެސް މަސައްކަތްކުރީ ދަރިފުޅު އަތުން ބާޒިލް ޖަހައިގަންނަން. މިހާރުވެސް އޭނާގެ މަގުސަދަކީ އެއީ. އަދި މިހާރު އޭނަ އާ އެއްކޮށް ސިހާމާވެސް ހިތްވަރަކަށްވެގެން ހުރީ. ދަރިފުޅު ނުވާނެ އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިގެނެއް. ބާޒިލް އަކީ ދަރިފުޅުގެ މީހެއް. ބާޒިލްގެ ހުރިހާ އުފަލަކާ ހިތްހަމަޖެހުމެއް އަދި މުދަލުގެ ވެރިފަރާތަކީ ތި ދެމައިން. ދަރިފުޅާއެކު ހުރީ ހަމައެކަނި ދަރިފުޅުގެ އާއިލާއެއް ނޫން. ބާޒިލްގެ އާއިލާ ވެސް"

ތަބައްސުމްގެ މޫނަށް ކަޅިޖަހާނުލާ މެލެކް އިނީ ބަލާށެވެ. މަންމަގެ އެވާހަކަތަކަށް މެލެކްއަށް އިތުބާރު ކުރެވުނެވެ. ސާރާ އާ ދެކޮޅަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނިކުންނާނެ ހިތްވަރަކަށް ވެއްޖެއެވެ.

"އެހެންމީހަކާއެކު ބާޒިލް ޝެއާއެއް ނުކުރެވޭނެ ދުވަހަކުވެސް. ސާރާ އަށް މޮޅު ލިބޭކަށް ނުކެރޭނެ" މެލެކް ބުންޏެވެ.

ތަބައްސުމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މެލެކްގެ މޫނުން އަތް ދުރަށްލާފައި ދެން ހިފީ މެލެކްގެ ދެއަތްތިލައިގައެވެ. މިފަހަރުވެސް އޭނާ އެ އުޅެނީ މެލެކްއަށް އެންގެންޖެހޭ ހަގީގަތްތަކުން ކުޑަ މިންވަރެއް ބުނެދޭށެވެ. ހަގީގީ ދުނިޔެއަށް މެލެކްގެ ދެލޯ ހުޅުވައިދިނުމަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.

"ދަރިފުޅު އެގޭގަ ތިހުންނަނީ ހިލޭ އަންހެނެއްގެ ހައިސިއްޔަތަކުން ނޫން. ދަރިފުޅު ތިއީ ބާޒިލްގެ އަނބިމީހާ. ބާޒިލް ބުނެއެއްނު އެހެން. ދަރިފުޅު އެގޭގަ ހުރުމުގެ ލޫލު ދަރިފުޅަށް މަންމަ ކިޔުމުގެ ފަހަތުގައި ވަރަށް މާތް މަގުސަދެއްވޭ. ދަރިފުޅާ! ހުރިހާ ކަމަކީ އެންމެންނަށް އެނގެންޖެހޭ ކަމެއްނޫން. ބައެއް ކަންކަން ތިމާއަށް ނޭނގި ގައިބުގައި ވުމަކީވެސް ﷲ ގެ ކުޅަދުންވަންތަކަން. އެމީހަކަށް އެކަމެއް އެނގެންޖެހޭ އެންމެ ރަނގަޅު ވަގުތުގައި އެކަލާނގެ އެމީހަކަށް އެކަމެއް އަންގަވައިދެއްވާނެ. އެހެންވީމަ އެއްގޮތަކަށްވެސް ހީކޮށްގެންނުވާނެ ތިމަންނަ މިކުރަނީ ފާފައެކޭ. މެލީ ފާފައެއް ނުކުރޭ. މަންމަ ޔަގީންކަންދެން" ތަބައްސުމް އޯގާތެރިކަމާއެކު ބުންޏެވެ.

މެލެކްއަށް ވިސްނާނެ ގޮތެއް ނޭނގުނެވެ. ސިކުނޑިއަށް އެއްވެސް ކަމެއް ނަގައެއް ނުގަނެވުނެވެ. ހިތަށް ހަމަޖެހުމެއް ލިބުނުކަން ގައިމެވެ. އެއްޗެއް ބުނަން ދެތުންފަތް ފޭވެގެން ދިޔ ވަގުތު މައިލީން ނިކުމެގެން އައެވެ.

"މާދަމާ މެލީމެންނަށް ނުފުރޭނެ" އިށީނދެފައި މައިލީން ބުންޏެވެ.

"އެޔޯ. ހެނދުނު ދިޔައިއްޔާ ހަވީރަށް އާދެވޭނެއްނު" އައްޒާމް ބުންޏެވެ.

"އެކޮޅުން މެލީގެ ކޭސްގެ ޑޮކްޓަރު ކޮންފަރެންސްއަކަށް ފުރައިފި. ހަފްތާއެއް ވާނެއޯ އަންނަން" މައިލީން ބުންޏެވެ.

"ދެން ކިހިނެއްހަދާނީ" ތަބައްސުމް ބުންޏެވެ.

"އަނެއްހެން އެހާ އެމެޖެންސީއެއް ނޫނެއްނު. މިފެށޭ ހަފްތާއަށް ލަސްކޮށްލާނީ" މައިލީން ބުންޏެވެ.

"ރަނގަޅަށް އެވީ" މެލެކް ބުންޏެވެ.

ހުރިހާ މީހުން މެލެކްއަށް ބަލައިލިއެވެ.

"ހަމަ ނުލާހިކު ރަނގަޅަށް ހުއްޓަ ކޮން ޑޮކްޓަރަކަށް ދައްކާކަށް" މެލެކް ބުންޏެވެ.

މައިލީންއަށް ހެވުނެވެ.

"ޑޮކްޓަރަށް ދައްކަންޖެހެނީ ހަމައެކަނި މީހާ ބަލިވީމައެއް ނޫން މޮޔަގަނޑު" މެލެކްގެ ބޮލުގައި މައިލީން ޖަހާލިއެވެ.

"އެހެންވިޔަސް ހެޔޮ. މާދަމާ ނުލާހިކު ބިޒީކޮށް އެންމެން އުޅޭނީ. މިގޭގަ ހުންނަން އަޅުގަނޑުވެސް ބޭނުންވާނެއްނު. މާދަމާ ކިހާއިރަކުތަ ޒުވާނުންގެ މަރުކަޒު ތައްޔާޜުކުރަން ފަށަނީ" މެލެކް އަހާލިއެވެ.

"އެއީ ފިރިހެންވެރިންގެ ކަމެއްނު" އައްޒާމް ބުންޏެވެ.

"ދަރިފުޅު ފަތިހާ އާދޭ ލޫލު ގޮވައިގެން. ގަންގަންޖެހޭ ހުރިހާ އެއްޗެއް ގަނެ ހަމަވެއްޖެ. ކެއްކުން ކުރިއަށް ދާނީ މިގޭގަ" ތަބައްސުމް ބުންޏެވެ.

ފަހުން މެލެކް ދިޔައީ މައިލީން އާއެކު ކުޑަ ކޮޓަރިއަށެވެ. ބާޒިލް އޭނާ ބަލައި އަންނަންދެން އެގޭގައި މެލެކް އިނެވެ.

****

މެލެކްގެ ހެދުން ހިފައިގެން އެ ކޮޓަރިއަށް އައީ މައުސޫމާއެވެ. އާއިލާގެ ހުރިހާ މެންބަރުން މިންޓް ކުލައިން ހެދުން ފަހއިގެން ތައްޔާރުވިއިރު ތަފާތު ގޮތަކަށް އިނީ ހަމައެކަނި މެލެކްގެ ހެދުމެވެ. ދުވަހަކުވެސް ކަޅު ކުލަ ނޫން އެހެން ކުލައެއްގެ ހެދުމެއް އޭނާ ލާފައިނުވާތީ އެއްކޮށް ކުލަ ބަދަލުލުރަން އޭނާއަށް ނުކެރުނީއެވެ. ފަހާ މީހާގެ އިރުޝާދާ އެއްގޮތަށް ހެދުމުގައި އުނިކަމެއް ހުރިކަން ފާހަގަނުވާނޭހެން އޭނާގެ ހެދުން ފަރުމާ ކޮށްފައިވަނީ މިންޓް ކުލަ އާއި ކަޅު ކުލަ އެއްކޮށްގެންނެވެ. ޝޯލް މަތިންމިންޓް ކުލައިގެ މާޖެހި ބޭންޑެއް އަޅާލާފައި ހުރިއިރު މެލެކްގެ ފުރިހަމަކަން އިތުރު ހަރުފަތަކަށް ގެންގޮސްދެއެވެ. އެހެން ހެދުންތަކަށް ވުރެ މިހެދުމުން އޭނާގެ ހަށިގަނޑުގެ ބައްޓަން ފާޅުވާން ހުރުމުން އުނދަގޫ އިހުސާސެއް ކުރެވުނެވެ. އެހެންނަމަވެސް ލޯގަނޑު ކައިރީގައި ހުރެ އަރިއަރިއަށް ޖެހި އެންމެފަހުން އަމިއްލައަށް ހިތްހަމަޖައްސާލިއެވެ. ޔަގީނުންވެސް ހެދުމުގެ ކުލަ އަލިކަމުން އެއްވެސް މީހެއްގެ ލޮލުގައި އޭނާ އަޅައެއް ނުގަންނާނެއެވެ. އެންމެ މީހެއްގެ ލޮލުގައި އޭނާ އަޅައިގަތުމުން އޭނާއަށް ފުދޭނެއެވެ. އެއީ ބާޒިލްއެވެ. ތުންފަތުގައި ލިޕްސްޓިކް ޖައްސާލާފައި އޭނާ ކޮޓަރިތެރެއަށް ނަޒަރެއް ދިނީ ކޮޓަރި ހިމޭންވުމުންނެވެ. ފެނުނު މަންޒަރާއެކު އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ދެވުނީ ވެއްޓެން ނުވެއްޓެން އުޅޭ ކަހަލަ ގޮތަކަށް ހިނގާފައި ކުޅޭ އެއްޗެއް ނަގަން ދިޔަ ލޫލު އާ ދިމާލަށެވެ. ލޫލުގެ ކުޑަކުޑަ ދެފައިގައި ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނި އޭނާއަށް ހީވީ އެކުއްޖާ ދެންމެ ދެންމެ ވެއްޓި ބޮޑު އަނިޔާއެއް ވެދާނެހެންނެވެ. ލޫލުގެ ފަހަތުގައި ޖައްސާފައި ހުއްޓާ ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލައިފިއެވެ.

"ރެޑީވެ ނިމުނީ ދޯ. ހިނގާ ދަމާ" ކޮޓަރިއަށް ވަނީ ހިބާ އާއި ލައިބާ އާއި ޒޭބާ އެވެ.

"ވާއު. މެލީ ވަރަށް ލޯބި އެނގޭ" ލައިބާ އައިސް މެލެލްގެ ހިނދި ބަނޑާ ދިމާލުން އަތް ކާއްތާލިއެވެ.

"އަހަރެމެން ދަރިން ނުވިހާއިރުވެސް މިހާ ހިނދި ބަނޑެއް ނޯވޭ ދޯ ދޮންތާ" ލައިބާ ބުންޏެވެ.

"މެލީ އަކީ ތަފާތު ކުއްޖެކޭ" ހިބާ ބުންޏެވެ.

މެލެކްގެ ނަޒަރު އޭރުވެސް ހުރީ ލޫލުއަށް ހުއްޓިފައެވެ. އިތުރު ބައެއް ކޮޓަރިއަށް ވަތްކަން އެނގުމުން ލޫލު ވަގުތުން މުށިތަކުގެ މަތީގައި އިށީނެވެ. ކުޅޭ އެއްޗާ ހަމައަށް ދިޔައީ މަތިން އުދުހިފައި ދާ ފުލައިޓެއް ދާނެހާ ބާރަށް ފިރުކިފައެވެ. ބީރައްޓެހި ނަޒަރަކުން ހިބާއާއި ލައިބާއަށް ބަލަމުން އަނެއްކާވެސް ލޫލުގެ ދަތުރު ފެށީ މެލެކް އާ ދިމާލަށެވެ.

"ލޫލު ހިނގައިފި. ތި އެންމެން ވަނީމަ އިށީނީ" މެލެކް ބުންޏެވެ.

"ސީރިޔަސްކޮށްތަ؟ މާސީގެ މި އުފާވެރި ރޭ އިތުރަށް އުފާވެރި ކޮށްދިނީ ދޯ" ޒޭބާ އައިސް މެލެކް އަތުން ލޫލު އުރާލިއެވެ. ތިރީގައި ބެހެއްޓުމުން ހިނގައިގަންނާކަށް ލޫލު ނޫޅުނެވެ.

"މިހާރު ކޮންމެ މީހަކުވެސް ލޫލު ފެނިފަ ބުނާނެ ތިއީ ހަމަ ދެމައިންނޭ" ހިބާ އައިސް ލޫލުގެ ހެދުންކޮޅު ރީތިކޮށްލިއެވެ.

ތެދެކެވެ. ލޫލު ހީވަނީ ކުޑަކުޑަ މެލެކްއެއް ހެންނެވެ. ލޫލުގެ ހެދުން ހުރީ މެލެކް ހެދުން ހުރި ޑިޒައިނަށެވެ. މެލެކްގެ ބޭންޑްވެސް ހުރީ މެލެކްގެ ބޭންޑް ހުރި ގޮތަށެވެ.

"ހެވެއްނު. މިހާރުވެސް އެންމެ ރީތީ ތިއެންމެން" މެލެކް އައިސް ލޫލު އަތުން ކުޅޭ އެތި އަތުލިއެވެ. އިސްތަށިކޮޅު ރީތިކޮށްލާފައި ބޭންޑް އެއްވަރުކޮށްލިއެވެ.

"މެލީ އަމިއްލައަށް ނައީއެއްނު ރީތިވާން. ސީރިޔަސްކޮށޭ. އަމީލާ އެއީ ވަރަށް ރީތިކޮށް މޭކްއަޕް ކޮށްދޭ ކުއްޖެއް" ހިބާ ބުންޏެވެ.

"ތިބުނީ އަމީލާ ކައިރިއަށް ނުދިޔައިމަ އަހަރެން ހަޑިއޭތަ؟" މެލެކް އައިސް ލޯގަނޑު ކުރިމަތީގައި ހުއްޓި ބަލައިލިއެވެ.

"ނޫނޭ. ތިއީ ރީތިވާން ފާޑުފާޑުގެ ކުރީމްތަކާ މޭކަޕް އާޓިސްޓުން ބޭނުންވާ ކުއްޖެއް ނޫނެއްނު. ތިއީ ތަފާތު ކުއްޖެއް. އެންމެންގެ ހެދުމާ މެލީގެ ހެދުން ބަލައިލިޔަސް އެކަން އެނގޭނެ." ލައިބާ ބުންޏެވެ.

"ވަގުތެއްނެތް. ހިނގާ ދާން. ބާޒިލް އިރުއިރުކޮޅުން މެސެޖް އެބަކުރޭ" މެލެކް ބުންޏެވެ.

ލޫލު އުނގަށް ލައިގެން އިނދެ ބޫޓު ލައްވަމުން ދިޔަ ޒޭބާ ހީލަމުން ތެދުވެ ލޫލު ތިރީގައި ބެހެއްޓިއެވެ. ދޮރާ ދިމާލަށް ދިޔައީ އޭނާގެ އިނގިލީގައި ހިފުވައިގެން ލޫލު ހިންގުވާފައެވެ.

****

ސާފު ހުދުކުލައިގެ ކައިވެނީގެ ބޮޑު ހެދުމުގައި އިން މައިލީންގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް މެލެކްގެ ނަޒަރު ވަކިކޮށެއް ނުލެވެއެވެ. އޭނާ އިނީ މައުސޫމާގެ ދެމަފިރިންނާއެކު އެއް އެއްފަރާތުގައި ހުއްޓިގެންނެވެ. ފޮޓޯނަގަން ވަކިން މީހަކު ހަމަޖައްސާފައި ހުރި ނަމަވެސް އާއިލާގެ ކޮންމެ މެންބަރެއްގެ ފޯނު ވަނީ ކައިވެނީގެ މަޖިލިސް ކުރިއަށްދާ މޭޒާ ދިމާލަށް އަމާޒުކޮށްފައެވެ. މެލެކް ފިޔަވައެވެ. ބުނެދޭން ނޭނގޭ އުނދަގޫތަކެއް އޭނާގެ ސިކުނޑިއށް ކުރުވަމުން ދިޔައެވެ. ހީވާ ކަހަލައެވެ. ހަމަ އެފަދަ ވަގުތުތަކެއް އޭނާއަށް ވެސް އައެވެ. ހަމަ އެހާ ސާފު ހުދުކުލައެއްގެ ހެދުމެކެވެ. ހަނދުވަރުގެ އަލި ރީތި ހިމޭންކަން ގެނުވާފަދަ ނަލަ ރެއެއްގައެވެ. އެއީ ރަށުގެ އުތުރުފަރާތު ހިއްކި ބިމެވެ. މުޅި ރަށަށް ދައުވަތުދީގެން ތިބީ މީހުން ގެނެވިފައެވެ. ފެންނަމުންދިޔަ އަންހެންކުއްޖާގެ ތުންފަތުގައިވި ހިނިތުންވުން މިހާރުވެސް އޭނާއަށް ފެންނަ ކަހަލައެވެ. އެހެންނަމަވެސް ކުލަ ނުވާ ތަސްވީރުތަކެކެވެ.

މެލެކް ފަހަތަށް ޖެހެން ފެށިއެވެ. އެއީ ދޮގެއް ނޫނެވެ. ބަޔަކު ކުޅެފައިވާ މަންޒަރުތަކެއްވެސް ނޫނެވެ. އެއީ ހަމަ ހަގީގަތެވެ. މާޒީގައި ހިނގާފައިވާ ކަންކަމެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އާއިލާ މީހުންނާ މާދުރުގައި ހުރި ގޮނޑިއެއްގައި މެލެކް އިށީނެވެ. އޭނާއަށް ސިކުނޑިއަށް ބާރުލާން ފެށިއެވެ. ކުލަނުވެ ސިކުނޑިއަށް ގޯނާކުރަމުންދާ ހަނދާންތަކުގައި ކުލަޖައްސަން އޭނާ ބޭނުންވިއެވެ. އެ ތަސްވީރިތަކުގައި ކުލަޖައްސަން އެހެން މީހެއްގެ ފިހިގަނޑެއް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންކުރާނީ އޭނާގެ އަމިއްލަ ފިއްސެވެ. މަޑުމަޑުން އޭނާގެހިތުގެ ވިންދު އަވަސްވެ ނޭވާއަށް އުނދަގޫވާގޮތް ވެއްޖެއެވެ. ކަރުތެރެ އެއްކޮށް ހިކި ފެންފޮދަކަށް ބޭނުންވިއެވެ. ކާއެއްޗެހިތައް އަތުރާފައިވާ މޭޒާ ދިމާލަށް އޭނާ ބަލައިލިއެވެ. ކޮޅަށް ތެދުވަން މީހެއްގެ އެހީތެރިކަން ބޭނުންވާ ހާލަތަށް އޭނާ ދިޔައެވެ. އާއިލާ މީހުންނަށް ވަކިވަކިން އޭނާ ބަލަމުން ދިޔައެވެ. ކޮންމެ މީހަކު ދިޔައީ ރޭގެ އުފާވެރިކަން އިހުސާސް ކުރަމުންނެވެ. ބާޒިލް ފެންނަންވެސް ނެތެވެ. ފެންނަމުންދިޔަ މަންޒަރު ސިކުނޑިން ނެރެލެވޭތޯ އޭނާ މަސައްކަތް ފެށިއެވެ. އިތުރަށް ބާރުލާން ވިއްޔާ އޭނާގެ ފުރާނަ ހިނގައިދާނެއެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އެންމެން ބުނަނީ ހަގީގަތަކަށެވެ. ކޮންމެސް ސީރިޔަސް މައްސަލައެއް އެބައުޅެއެވެ. އޭނާ ފުންކޮށް ނޭވާއެއް ލިއެވެ. ރަނގަޅެއް ނުވިއެވެ. ނިތްމަތިން ދަލެއް ހިއްލަން ފެށިއެވެ. އަތުތެރޭގައި އޮތް ޓިޝޫކޮޅު ނިތްމަތީގައި އޭނާ ޖައްސާލިއެވެ. އާއިލާ މެންބަރުން ތިބި ދިމާލަށް މިފަހަރުވެސް އޭނާ ބަލައިލިއެވެ. ފުރަތަމަ ސިކުންތުގައި މަންޒަރު ސާފެވެ. ދެވަނަ ސިކުންތުގައި އެންމެން އޭނާއަށް ފެންނަމުން ދިޔައީ ބޮޑެތި މާގަނޑުތަކެއްގެ ސިފައިގައެވެ. އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ބޭއިހްތިޔާރުގައި ދުލުން ކިޔަންފެށުނީ ހެޔޮ އެއްޗެކެވެ. އަމިއްލައަށް މީހާ ހަމަޔަކަށް އެޅޭތޯ މެލެކް މަސައްކަތް ކުރިއެވެ. އޭނާ ގެ ސިކުނޑީގެ ކަނަކުން އިންޒާރުދެމުން ދިޔައެވެ. އޭނާ ނޯމަލް ނޫންކަމެވެ. ސިކުނޑީގައި މައްސަލަތަކެއް އުޅޭކަމެވެ. ބައެއްފަހަރަށް ޑޯޒް މަތިކޮށް އަނެއްބައި ފަހަރަށް ޑޯޒް ހައިކޮށް ބޭސްކާ ހަނދާނެވެ. އޭނާއަށް ނޭނގުނީ ސިކުނޑީގެ ބައްޔަކީ ކޮންކަހަލަ ބައްޔެއް ކަމެވެ.

"ނޫން... އަހަރެން ރަނގަޅުވާނަން. ނޯމަލް ވާނަން. އެއްވެސް މީހަކަށް އެއްވެއް ކަމެއް އެނގުނަނުދޭނަން" އަމިއްލަ ނަފްސަށް މެލެކް ބުނަމުން ދިޔައެވެ. އޭނާއަށް އެނގެއެވެ. އެހާލުގައި އޭނާ އިންނަ މަންޒަރު ފެނުމާއެކު މައިލީންގެ އުފާވެރި ރޭގެ ހުރިހާ ކަމެއް ހަރާބުވާނެއެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާގޮތެއް ނޫނެވެ. ފެންތައްޓެއް ބަލައި ދާން ތެދުވި ވަގުތު އަރިއަޅާލި ނަމަވެސް މޭޒުގެ އެހީގައި އޭނާ ހަށިގަނޑު ވެއްޓުނަނުދީ ހިފަހައްޓާލިއެވެ.

"މެލީ..." ކުއްލިއަކަށް މެލެކްގެ ގާތުން އިވުނީ ރައްޔާނުގެ އަޑެވެ.

ޔާން... ޔާން... އަހަންނަށް ފެން ފޮދެއް" ފެން ބަހައްޓާފައި ހުރު ދިމާލަށް މެލެކް އަތް ދިއްކޮށްލިއެވެ.

މެލެކް އިން ހާލު ފެނުމުން ރައްޔާން ގަތީ އަމަށަކު ބިރެއް ނޫނެވެ. މީގެކުރިންވެސް އެފަދަ މަންޒަރުތަކެއް ވަނީ އޭނައަށް ފެނިފައެވެ. ފުރަތަމަ ސިކުންތުގައި ހިތަށް އެރީ އާއިލާގެ ކޮންމެސް މެންބަރަކަށް އެ ހަބަރު ދޭށެވެ. އެހެންނަމަވެސް އަތުން އިޝާރާތްކޮށް އެކަން މެލެކް މަނާކޮށްފިއެވެ.

"އާނ މަޑުކުރޭ... މިތާ އިށީނދޭ... މި އަންނަނީ"

ދުމެއްޖަހާފައި ދިޔަގޮތަށް ރައްޔާން އައީ ފެންތައްޓަކާއެކު ޖޫސްތައްޓެއްވެސް ހިފައިގެންނެވެ. މެލެކްއަށް ފެންތަށި ދިއްކޮށްލުމާއެކު އޭނާ ކޯވަރެއް ބޯލިއެވެ. ރައްޔާނަށް ބަލައިލެވުނީ މެލެކްގެ ހިނދި ބަނޑާ ދިމާލަށެވެ. އަވަސް އަވަހަށް ބަނޑުގެ މަސްގަނޑު އުފުލިލާފައި ހިނދޭގޮތް ފެނުމުން މެލެކްގެ ވަރުބަލިވެ ހަށިގަނޑު ލޮޑުވެފައިވާ މިންވަރު ރައްޔާނަށް އެނގުނެވެ.

"މީގެއިން ނަގާބަލަ ބޭސްގުޅައެއް. ނޫ ކުލައިގެ ކާޑުން" މޭޒުމަތީގައި ބޭއްވި އޭނާގެ ކްލަޗް ރައްޔާނާ ގާތަށް ޖައްސައިލަމުން މެލެކް ބުންޏެވެ.

ރައްޔާން ކަންބޮޑުވިއެވެ. މެލެކް އެދުނު ފަދައިން އޭނާ ކަންތައް ކުރިއެވެ. ފެންތަށި އެއްކޮށް ހުސްކޮށްލާފައި މެލެކް ދެލޯމަރާލިއެވެ. މެލެކްގެ ހަރަކާތްތަކަށް ހުޝިޔާރުވެގެން ރައްޔާން އިނެވެ. މާގިނައިރުތަކެއް ނުވެ މަޑުމަޑުން މެލެކްގެ ހިތުގެ ތެޅުން ހަމަޔަކަށް އެޅެން ފެށިއެވެ.

"ކިހިނެއްވީ؟ ބާޒިލްއަށް ގޮވާލަންތަ؟" ރައްޔާން ބުންޏެވެ.

"އުނހު. ރަނގަޅުވޭ އެބަ. އިހަށް ނުގޮސް ޔާން މަޑުކުރައްޗޭ. އަހަރެން ބިރުގަނޭ. މަރުވާއިރު ކައިރީގަ އިތުރު މީހަކު އިނިއްޔާ ތަންކޮޅެއް ހިތަށް ފަސޭހަވާނެ" ބަލިގޮތަކަށް ރައްޔާނަށް ބަލައިލަމުން މެލެކް ބުންޏެވެ.

ރައްޔާން ގަތީ ބިރެވެ. މެލެކްއަށް ވުރެ ބޮޑަށް އޭނާ ހާސްވިއެވެ. މީހަކު ކައިރީގައި ނުބުނެ އުޅެނިކޮށް ދެރަގޮތެއް ވިއްޔާ ދެންކުރެވޭނެ ކަމެއް ނޯންނާނެއެވެ. މޭޒުގައި މެލެކް ބޯއަޅާލިއެވެ. ކަޅިޖަހާވެސްނުލާ ރައްޔާން މެލެކްއަށް ބަލަން އިނެވެ. އޭނާއަށް ހީވާ ކަހަލައެވެ. އެސްފިޔަޖަހާލާ ވަގުތުވެސް މެލެކްއަށް ކަމެއް ވެދާނެއެވެ. މޭޒުމަތީގައި އޮތް މެލެކްގެ އަތްތިލައިގައި މަޑުމަޑުން ފިރުމަމުން ރައްޔާން ދިޔައެވެ. އޭނާ ދިޔައީ ހިތާހިތުން ހެއްދެވިފަރާތުގެ މަދަދަށް އެދެމުންނެވެ. އަމިއްލައަށް ރަނގަޅުވާން މެލެކް އެކުރާ ހިތްވަރުގައި ރަހްމަތް ލެއްވުން އެދިއެވެ. އެއްވެސް ކަމެއް ގޯސްނުވުމަށް އެދިއެވެ. އެގޮތުގައި ތޭރަވަރަކަށް މިނެޓް ފާއިތުވެގެން ދިޔައެވެ. މެލެކް ބޯހިއްލާލާފައި ރައްޔާނަށް ބަލައިލިއެވެ. ދެލޮލާއި ނޭފަތުން އައިސްފައިވާ ފެންތައް ޓިޝޫކޮޅުން ފޮހެލާފައި ރައްޔާނަށް ލުއި ހިނިތުންވުމެއް އޭނާ ދިނެވެ.

"ކިރިޔާ މި ސަލާމަތްވީ. އަލްހަމްދުލިއްލާހް" މެލެކް ބުންޏެވެ.

"ޔަގީންތަ ރަނގަޅުކަން" އަދިވެސް ރައްޔާނަށް ޝައްކެވެ. މެލެކް ބޯޖަހާލިއެވެ.

"ވަރަށް ބިރުގަންނުވާލައިފި" ރައްޔާނު ބުންޏެވެ.

"ސޮރީ... " އިސްއޮބާލަމުން މެލެކް ބުންޏެވެ.

"ކުއްލިއަކަށް މިހާ ދުރަށް ތިއައީ ކީއްވެ؟ ނަސީބެއްނު އަހަންނަށް ވީ ހިސާބެއް ބަލައިލެވުނުކަން" ރައްޔާނު ބުންޏެވެ.

"އަހަންނަށް ހީވީ ދޮނާ ގޮތަށް ކުރިން އަހަރެންވެސް އެހެން ކައިވެނީގެ ހެދުމުގަ އިނީމޭ. ހަމަ މިކަހަލަ މޫސުން ވަރަށް ރީތި ރެއެއްގަ. ހަމަ ވައިޓް ކުލައިގެ ކައިވެނީގެ ހެދުމުގަ. މިހާރުވެސް ހީވަނީ އަހަރެން އުފާވިވެފަ އިންވަރު ފެންނަހެން. ކުލަނުވާ ތަސްވީރުތަކެއް ފެންނަނީ. އަހަރެންގެ ހިތް ބުނަނީ އެއީ އަހަންނޭ" މެލެކް އިނީ އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ.

"އެހެންތަ" އިތުރަށް އެއްޗެއް ނުބުނެ މެލެކްގެ މޫނުމަތިން ކަމެއް ދިރާސާކުރަން އުޅޭހެން ބަލަމުން ރައްޔާން ދިޔައެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އިތުރަށް މެލެކްގެ ހާލު ގޯސްވެދާނެތީ އޭނާ ހިޔާރުކުރީ ހިމޭންކަމެވެ.

"ކައިރީގަ އިން ބޯއީ އަކީ ކާކުބާ؟ މިހާރުވެސް ހީވަނީ ނޭވާ އަވަސްވެދާނެހެން" މެލެކް ބުންޏެވެ.

ކުއްލިއަކަށް ރައްޔާން ބަލައިލީ އޭނާގެ އަތުގައި ފިނި އަތްތިލައެއް ޖެހުމުންނެވެ. އެއް ދިމާލަކަށް ބަލން އިން މެލެކް ރައްޔާންގެ އަތުގައި ހިފަހއްޓާލައިގެން އިނެވެ. މެލެކް އަދިވެސް އިނީ ވިސްނުމެއްގައެވެ. އެވަގުތު މެލެކް ގޮވައިގެން އެންމެންގެ ތެރެއަށް ދިޔުމުގެ ހިޔާލު ރައްޔާން ދޫކޮށްލިއެވެ. އެނާ ބޭނުންވީ މެލެކްގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކޮށްލާށެވެ.

"އަހަރެން ބޭނުން އިތުރަށް އެނގެން" މެލެކް ބުންޏެވެ.

"ތިވާހަކަ އިހަށް ބާއްވަމާ..... " ރައްޔާން ބޭނުންވީ އެ ހަނދާންތައް ހިނދުކޮޅަކަށް ނަމަވެސް މެލެކް އާ ދުރުކޮށްލާށެވެ. "އަދި ހަނދާންނެތިފައޭ މީނީ. އައިމް ގެޓިންގ މެރީޑް" މެލެކްގެ ކަންފަތާ ދިމާލަށް ގުދުވެފައި މަޑުމަޑުން ރައްޔާން ބުންޏެވެ.

"ވަޓް....؟ ސީރިޔަސްކޮށްތަ؟" މެލެކްގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ރައްޔާންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ.

"ޔެސް. ފަހަރަކު މީހެއްނު އޮންނާނީ. މި ނިމުނީ ދޮނާ. ދެން އޮތީ އަހަރެން" ރައްޔާން ބުންޏެވެ.

"ޔާން ވަރަށް ގޯސް" މެލެކް ބުންޏެވެ.

ރައްޔާނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނާ ބޭނުންވި ގޮތް ވެއްޖެއެވެ. މިހާރު އޭނާގެ ކުރިމަތީގައި އިން މެލެކް އިނީ ހަމަޖެހިފައެވެ. ދެރައީ މެލެކް ހަމަޔަކަށް އަޅުވަން އޭނާ ދެއްކުނު ވާހަކައެވެ. ޝިނާއަށް އަދި އޭނާ ފުރިހަމަ ޖަވާބެއް ނުދެއެވެ. އޭނާއަށްޓަކައި ޝިނާ އެތައް ކަމެއް ގުރުބާންކޮށްފިއެވެ.

"ކީއްވެ އިންނަ ހިސާބަށް ކަންތައް ދިޔައިރު ނުބުނީ. ބުނާނެ މިއީ ބެސްޓްފްރެންޑޭ" މެލެލް ޝަކުވާކޮށްލިއެވެ.

"ހަމަ އަސްލުވެސް ތިއީ ބެސްޓްފްރެންޑް. އެހެންވެ އެންމެ ކުރިންވެސް މިބުނީ މެލީ ކައިރީގަ" ރައްޔާން ބުންޏެވެ.

"އައިމް ސޯ އެކްސައިޓެޑް... ވާއު...” މެލެކްގެ އަޑުގައި ޖޯޝާ ފޯރިވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟