ފެންވަރާލައިގެން ޒޯހަން ފާޚަނާއިން ނިކުތީ އުނަގަނޑުގައި ތުވާލި އަނދެގެންނެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުގައި އަތްތިލަ ހިންގާލަމުން އޭނަ ގޮސް އެނދުގައި އޮތް ބެކްޕެކް ނަގައި ޒިބު ހުޅުވާލިއެވެ. ބެކްޕެކުން ނެގި ކަޅުކުލައިގެ ޖިމް ސޯޓު ފަޔަށް މަހާލަމުން، ތުވާލި އުނަގަނޑާއި ވަކިކޮށްލިއެވެ. ތުވާލި ގެންގޮސް ފާޚަނާގައި ހުރި ހަރުގަނޑުގައި އަޅުވާލަމުން އޭނަ އައިސް އެނދަށް ވެއްޓިގަތެވެ. ދާނުގެ މީރުކަން އިހުސާސްކުރެވުމާއެކު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދުވަހުގެ ވަރުބަލިކަމުގެ ތެރެއަށް ނަފުސު ދޫކޮށްލެވުމުގެ ކުރިން އޭނަ އަވަސްވެގަތީ އައިރާއަށް ގުޅުމަށެވެ.
ހަށިގަނޑު ސީދާކޮށްލަމުން އެނދުގެ ހެޑްބޯޑަށް ޒޯހަން ލެނގިލިއެވެ. އައިރާއަށް ގުޅައިލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އިންތިޒާރުގެ ވަގުތު ދިގުލައިގެން ދާން ފެށުމުން ޒޯހަންގެ ތުންފަތުގައިވި ހިނިތުންވުން މިލައިގެން ގޮސްފިއެވެ.
ރިންގްވެފައި ފޯނު ކެނޑުނީއެވެ. ކަންފަތާއި ވަކިކޮށްލެވުނު ފޯނުގެ ސްކްރީނަށް ޒޯހަންއަށް ބަލައިލެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އޭރު ގަޑިން ނުވައެއް ވެސް ޖަހައި ބޮޑުވެއްޖެއެވެ. ކިތަންމެ ބިޒީ ވިޔަސް ނުވައެއް ޖަހާއިރަށް ސްކޫލްގެ ކަންތައް އައިރާ ނިންމާނެއެވެ. ދުވަހުގެ ބިޒީ ޝެޑިއުލްގެ ތެރެއިން ބައްދަލު ކުރަން އުނދަގޫވެއްޖެނަމަ އާންމުކޮށް ފޯނުކުރާ ވަގުތަކީ ވެސް އެއީއެވެ.
''ކަމެއް ވީބާ؟...'' ޒޯހަންއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ފިކުރުބޮޑުވާން ފެށުމުން އޭނައަށް އެނދުން ތެދުވެވުނެވެ. އޭރު ވެސް އައިރާއަށް ގުޅަން ޒޯހަން ތަކުރާރުކޮށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ހައިރާންކަމާއެކުވެ ކަންބޮޑުވުމުގެ އަސަރުތައް އެމޫނަށް ވެރިވެއްޖެއެވެ.
ފޯނު ކަންފަތުގައި ޖަހައިގެން ހުރެފައު ޒޯހަން ގޮސް ހުއްޓުނީ ކޮޓަރީގެ ޑެކަށް ނިކުމެން ހުރި ބިއްލޫރި ދޮރު ކައިރިއަށެވެ. ބިއްލޫރި ދޮރު ކަހައިލަމުން އޭނަ ޑެކަށް ނިކުތެވެ. ރޭގަނޑުގެ ފިނިކަން ބަލައިގަނެވުނީ އުފަލާއެކުގައެވެ. އައިރާގެ ހިމޭންކަމުން ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާއި ދުރުވެލަން ވެސް ފުރުސަތު ލިބުނެވެ.
''ސްޓިލް ބިޒީ؟...'' އައިރާ ފޯނު ނުނެގުމުން އެންމެފަހުން މެސެޖެއް ވެސް ފޮނުވާލެވުނެވެ. ކޮޓަރި ހުންނަނީ މޫދާއި ކައިރީގައި ކަމަށް ވުމުން، ގޮނޑުދޮށަށް ނިކުމެވޭނެހެން ގަސްތައް ކޮށައި ސާފުކޮށްފައި އޮތް މަގުން ހުސްފަޔާ ޒޯހަން ހިނގައިގަތެވެ. މަގު ފާހަގަކުރަން ޖަހާފައި ހުރި ފަނޑު ބޮކީގެ އެހީގައި އޭނަ ގޮސް ގޮނޑުދޮށަށް ނިކުތެވެ.
ސާދަވިލޭރޭގެ ހަނދުގެ ޝާއްބަކަމުން ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަކުގެ އަލި މިރޭ ވަނީ ފަނޑުކޮށްލާފައެވެ. ހަނދަށް ގޯނާކުރާނެ ވިލާ ރޮއްޖެއްގެ މިންވަރު ވެސް އުޑުމަތިން ނުފެނެއެވެ. ކަނޑުން ޖެހިލާ ރޯޅިތައް ވެސް މަޑުވެފައި ހިތްގައިމުކަމެއް އުކެލެވިގެން ވިއެވެ. މަޑުމަޑުން ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ ލުއި އަޑު މާހައުލުގައި ގުގުމާލާފައި އޮތެވެ.
ޒޯހަން ގޮސް އިށީނީ ރާޅުފަށް ކައިރީގައެވެ. އެވަގުތު އޭނަގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އަވަސްއަވަހަށް ޒޯހަންގެ ސަމާލުކަން ފޯނަށް ހުއްޓާލެވުނެވެ. ކަންބޮޑުވުމުގެ އަސަރުތައް ފިލައި ރީތި ހިނިތުންވުމެއް ވެސް ތުންފަތަށް ވެރިވެއްޖެއެވެ.
''ބޮލުގަ ރިއްސާތީ ރެސްޓްކޮށްލަނީ، ރިސޯޓް ކިހިނެއް ވަނީ؟...'' އައިރާގެ މެސެޖު ކިޔާލި ޒޯހަންގެ ބުމަ ކައިރިވެލީ އައިރާގެ ސިއްހަތާއި މެދު ހިތުގައި އުފެދުނު ނުތަނަވަސްކަމުންނެވެ. މިފަހަކަށް އައިސް އައިރާ ބަލިކޮށް އުޅޭކަން އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. އިތުރުކަމެއް ވެއްޖެނަމަ ޑޮކްޓަރަށް ދައްކަން ދިއުމުގެ ޚިޔާލު ދޭން ވެސް ޒޯހަން ހުރީ ހިތުލައިގެންނެވެ.
މެސެޖް ކުރުމުގެ ބަދަލުގައި އައިރާއަށް ޒޯހަން ގުޅާލިއެވެ. ރިންގު ދިގުލައިގެން ދާން ފެށުމުން ޒޯހަންއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެދެމެދަށް ދުރުކަމެއް އަތުވެއްޖެކަމުގެ ހިލަން ޒޯހަންއަށް ކުރެވުނެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްކަމާމެދު ސިކުނޑި ނުކުޅެދުނެވެ. ބާރަށް ހިތް ތެޅެމުން ދަނިކޮށް އައިރާ ފޯނު ނެގުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''އަރޫ...'' ޒޯހަންއަށް ލޯބިން ގޮވާލެވުނެވެ.
''ހޫމްމް...'' އައިރާ ބުންޏެވެ.
''ބޭސް ކައިފިންތަ؟...'' ޒޯހަންއަށް އަވަސްއަވަހަށް އަހާލެވުނެވެ. އައިރާގެ ހާލު އެނގެން އޭނަ ބޭނުން ވިއެވެ.
''އާނ...'' އައިރާގެ ޖަވާބުތައް ކުރެވެ. އެކަން ޒޯހަންއަށް ފާހަގަކުރެވުނެވެ.
''ވަރަށް ގަދަޔަށްތަ ބޮލުގަ ރިއްސަނީ؟... ވެން ޑިޑް އިޓް ސްޓާޓް؟...'' ޒޯހަންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އައިރާގެ ގާތުގައި ވުމަށް އެދެވުނެވެ. އެމެދުގައި އޮތް އެތައް މޭލެއްގެ ދުރުމިނުން ޒޯހަން މާޔޫސްކުރުވައިފިއެވެ.
''ހަވީރު ބޮޑަށް ރިއްސަން ފެށީ، މިހާރު ދެން ބޭސް ކެއިމާ ރަނގަޅު...'' އައިރާ ބުންޏެވެ. އެއާއެކު ޒޯހަންގެ ހިތުގައި ޝަކުވާތައް އުފެދުނެވެ. ވޭނުގައި އެހާ ގިނައިރު އުޅެފައި ލަހުން ޚަބަރުވުމުން އެކަމުގެ އުދާސްކަން ސިއްރެއްނުކުރެވުނެވެ.
''ކުރިން ބުނިނަމަ...'' ޒޯހަންގެ އަޑުގައިވަނީ މާޔޫސްކަމެވެ.
''ޒާން ތިހިރީ މާލެން ބޭރުގައެއްނު، ޔޫ ކާންޓް ޑޫ މަޗް ޓު ހެލްޕް...'' އައިރާގެ ޖުމްލައިން ޒޯހަންގެ ހިތަށް ތަދުވެގެން ދިޔައެވެ.
''ދުރުގަ ހުއްޓަސް އަރޫގެ ހާލު ބަލައިލެވުނީހެއްނު، އައި ކެއާރ އެބައުޓް ޔޫ...'' ޒޯހަން އަސަރާއެކު ބުންޏެވެ.
އައިރާ އިތުރަށް ވާހަކައެއް ނުދެއްކިއެވެ. އެދެމެދުގައި ހިމޭންކަމުގެ ފަރުދާއެއް އޮޅާލެވުނު ކަހަލައެވެ. ޒޯހަންއަށް ވެސް ވާހަކައިގެ މިސްރާބު ގެންދަންވީ ދިމާއެއް ނޭނގުނެވެ. ސުވާލު އުފެދިފައި ވަނިކޮށް، އައިރާ ދޫކޮށްލި ފުންނޭވާތަކުގެ އަޑު އިވުނެވެ. އެއާއެކު ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. މިއީ މީގެކުރިން ކުރިމަތިލާން ޖެހުނު ހާލަތެއް ނޫނެވެ. އެދެމެދުގައި ދެކެވޭ ވާހަކަަތައް ދުވަހަކު ހުހެއް ނުވާނެއެވެ. ހިމޭންކަން ވެރިވިޔަސް އެކަމުގައި ވެސް އެކުލެވިގެންވާނީ ހިތްހަމަޖެހުމެވެ. ނަމަވެސް މިފަހަރު އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ތަފާތެވެ. ޒޯހަންގެ ނަފުސުގެ ހަމަޖެހުން ގެއްލެން ފެށިއެވެ. ހިތުގައި ސުވާލުތައް ވެސް ފުނިޖެހިގެން ދިޔައެވެ.
''އަރޫ؟...'' ޒޯހަން ގޮވާލިއެވެ. ފޯނު ކެނޑުނީއޭ ހިތާ ފޯނުގެ ސްކްރީނަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ފޯނު އަދިވެސް ހުރީ ގުޅިފައެވެ. ލިބުނު ހައިރާންކަމާއެކު އަނެއްކާ ވެސް އައިރާއަށް ޒޯހަން ގޮވާލިއެވެ. އައިރާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އިށީނދެގެން އިންނަން އުނދަގޫވުމުން ޒޯހަންއަށް ކޮޅަށް ތެދުވުނެވެ. ހާސްކަމާއެކު އިސްތަށިގަނޑުގައި އަތްތިލަ ހިންގާލެވުނެވެ. ހުސްގަޔާ ރޭގަނޑުގެ ފިނިކަމުގެ ތެރޭ ހުރެވުނުކަމުގައި ވިޔަސް ދާހިތްލަން ފަށައިފިއެވެ. އައިރާ ދޫކުރަމުން ދިޔަ ނޭވާގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. އައިރާ ފެންނަން ޒޯހަން ބޭނުން ވިއެވެ.
''ވީޑިއޯ ކޯލެއް ކޮށްލަންތަ، ފޯނު ނަގާނަންތަ؟...'' ޒޯހަންގެ އަޑުގައި ވަނީ އާދޭހެވެ. އައިރާގެ ގާތުގައި އާދޭސްކުރަން ވުމުން ވެސް ޒޯހަންގެ ހިތަށް އުނދަގޫވެއްޖެއެވެ. އެފަދަ ހާލަތަކަށް ދުވަހަކު އެލޯބި ގޮސްދާނެކަމަކަށް އޭނަ އުއްމީދެއް ވެސް ނުކުރެއެވެ. މުޅި މީހާއަށް ސިހުން ލިބިގެން ދިޔައެވެ. ސިކުނޑީގައި ފުނި ޖެހުނު ސުވާލުތަކުން ބޮލަށް ބަރުވާން ފެށިއެވެ.
''ބޭސްކައިގެން ނިދަން މިއުޅެނީ...'' އެތައް މިނެޓަކަށް ދެމިގެން ދިޔަ ހިމޭންކަމުގެ ސުކޫތަކަށް ފަހު އައިރާ ބުންޏެވެ. އައިރާގެ އަޑުގައިވި ތުރުތުރުލުން ޒޯހަންއަށް އިހުސާސްކުރެވުނެވެ. އޭނަގެ މެޔަށް ފިނިވެގެން ދިޔައެވެ. އައިރާ ރޮނީ ހެއްޔެވެ؟
''އަރޫ، ސަމްތިންގް އިޒް ރޯންގް، އަހަރެން ގާތު ބުނެބަލަ...'' ޒޯހަން ބުންޏެވެ. އައިރާގެ ޖަވާބެއްގެ އިންތިޒާރުގައި ވަގުތު ދިގުލާން ފެށުމުން ޒޯހަންއަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ.
''އަރޫ... ކޮންމެވެސް ކަމެއް ވެއްޖެ، އައި ނޯ ޔޫ އާ ކްރައިންގް... ޕްލީޒް ޓެލް މީ... އަހަރެން މީ އަރޫގެ ބައިވެރިޔާއެއް ނޫންތަ؟، އަރޫ ޕްލީޒް!، ސޭއި ސަމްތިންގް... އަހަރެން ވަރަށް ބިރު އެބަގަނޭ، މިހާ ދުރުގައި ހުއްޓާ ތި ހިމޭންކަމުގެ މާނަ ނަގަންވީ ގޮތެއް އަހަންނަކަށް ނޭނގޭ، އަހަންނަށް ގޯސްކަމެއް ކުރެވުނީތަ؟... އަރޫ...'' ޒޯހަންގެ އަޑުގައި ވަނީ ރިހުމެވެ. އައިރާގެ ދުރުކަމުން އެހިތަށް ތަދުވެއްޖެއެވެ. ދުވަހަކު އިހުސާސް ނުކުރެވޭ ފަދަ ތޫނު ރިހުމެއް ހިތުގައި އުފަން ވެއްޖެއެވެ. އެވޭނުން އޭނަގެ ހިއްސުތައް ވެސް ގަބުކޮށްލައިފިއެވެ. ވަގުތުން އައިރާގެ ގާތަށް ދާން ޒޯހަން ބޭނުން ވިއެވެ. ނަފުސަށް ދެން ހަމަޖެހުމެއް ލިބޭނީ ހަމަ ލޮލަށް އައިރާ ފެނުމުންނެވެ.
''ޒާން...'' އައިރާ ގޮވާލިއެވެ. އެއާއެކު ޒޯހަން ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެގެން ގޮސްފިއެވެ. އައިރާގެ އަޑުގައި ފޮރުވިފައިވި މާޔޫސްކަން ދޭހަކުރެވުމާއެކު ޒޯހަންއަށް ތެޅިގަނެވުނެވެ.
''ޕްލީޒް، އަހަރެން ގާތު ބުނެބަލަ...'' ޒޯހަން އާދޭސްކޮށްލިއެވެ. ''މާބޮޑަށް ބޮލުގަ ރިއްސަނީތަ؟...''
''ހޫމްމް، ވަރަށް ގަދަޔަށް ރިއްސާ...'' އައިރާ ބުންޏެވެ. އައިރާގެ ވޭން އިހުސާސްކުރެވި ޒޯހަންގެ މޭގެ ފުންމިނަށް ވެސް އެވޭނުގެ އަސަރު ފޭދިގެން ގޮސްފިއެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ ތިކިން ވެސް އެހިތުގެ ހާލު ރަމްޒުކޮށްދިނެވެ.
''ޑޮކްޓަރަށް ދެއްކިންތަ؟...'' އަަވަސްއަވަހަށް ޒޯހަން އެހިއެވެ. އައިރާ އޭނައަށް އޮޅުވާނުލާނެކަން ޔަޤީންކުރަމުން އައިރާގެ ވާހަކަތައް ޒޯހަން ޤަބޫލުކުރިއެވެ. އައިރާ ރޯނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާ ގޮތްވުމުންކަން އޭނައަށް ޔަޤީންކުރެވުނެވެ.
''ހޫމްމް...'' އައިރާ ބުނެލިއެވެ. އަނެއްކާ ވެސް ހިމޭންކަމެވެ.
''ކީކޭތަ ބުނީ؟...'' ޒޯހަން ސުވާލުކޮށްލިއެވެ.
''މާބޮޑު އެއްޗެކޭ ނުބުނޭ، ބޭސްދިނީ...'' އައިރާ ބުންޏެވެ. އޭނަގެ ސުވާލަށް ޖަވާބު އައި ގޮތުން ޒޯހަންއަށް އިރުކޮޅެއް ވަންދެން ވިސްނަން ހުރެވުނެވެ.
''އަރޫ...'' ޒޯހަން ލޯތްބާއެކު ގޮވާލިއެވެ. ''ދެން ތިކަހަލަ ކަމެއް ދިމާވަންޏާ އަހަރެން ގާތު ބުނައްޗޭ، އަބަދު ވެސް އަރޫގެ ގާތުގައި އަހަރެން ވާނެކަން ހަނދާންކުރައްޗޭ، އައި ލަވް ޔޫ...''
''އައި ނޯ...'' އައިރާ ބުންޏެވެ. މިފަހަރު ލޯބިވާކަން ހާމަކުރަން އައިރާ ފަސްޖެހުނުކަން ޒޯހަންއަށް ނަގައިގަނެވުނެވެ. ހައްލުކުރަން ދަތި އަހަރަތެއް ކުރިމަތިވި ކަހަލައެވެ. އަނެއްކާ ވެސް ސުވާލު އުފެދުނެވެ.
''ދެން ބާއްވަނީ...'' އައިރާ ބުނެލި އަޑު އިވުނެވެ. އައިރާ ފޯނު ކަނޑާލުމުގެ ކުރިން ޒޯހަން ވާހަކަދައްކަން ފެށިއެވެ.
''މަންމަމެންނަށް އެނގޭތަ؟...'' ޒޯހަންއަށް އަހާލެވުނެވެ.
''އާނ...'' އައިރާ ބުނެލިއެވެ. ''ދެން ބާއްވަނީ...''
''މާދަން މާލެ ދެވުނުހާ އަވަހަކަށް ދާނަން...'' ޒޯހަން ބުންޏެވެ. އިތުރު އެއްވެސް އެއްޗެއް ބުނުމެއް ނެތި އައިރާ ފޯނު ކަނޑާލީއެވެ. ޒޯހަންއަށް ފޯނު ތިރިކޮށްލެވުނެވެ. ސިކުނޑިއަށް ވެރިވެފައި އޮތް ހަލަބޮލިކަމުގެ ތެރެއަށް ގެއްލިފައި ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގެއެވެ.
އޭނައާއި ވާހަކަދައްކަން އައިރާއަށް އުނދަގޫވެފައި ހުރީ ކީއްވެގެން ހެއްޔެވެ؟ މާޔޫސްކަމުގެ އަސަރު އައިރާގެ އަޑުގައި އެކުލެވިގެންވީ ކީއްވެގެން ހެއްޔެވެ؟ އެހުރިހާ ބަދަލެއްގެ ފަހަތުގައި ވަނީ އައިރާ ބުނި ފަދައިން ބޮލުގެ ރިހުން ހެއްޔެވެ؟
''އަރޫ އަހަންނަށް ދޮގު ހަދާފާނެތަ؟...'' ޒޯހަންއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ހަމަ އެދަނޑިވަޅުގައި އުދާސްކަން އެކުލެވިގެންވި ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.
''ނޫން!، އަރޫ ދޮގެއް ނަހަދާނެ، އައި ޓްރަސްޓް ހާ...'' ހިތުގައި އުފެދިގެން އައި ޝައްކުގެ އޮއެވަރުގައި ބެހިގެން ދިއުމުގެ ފުރުސަތެއް ޒޯހަން ނުދިނެވެ. ޤަމަރުއަށް ގުޅަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލީ މައްސަލައެއް ޖެހިދާނެކަމުގެ ބިރަށެވެ. އައިރާގެ ބަހުން ހިތަށް ޔަޤީންކަން ހޯދައިދޭން އޭނަ މަސައްކަތްކުރިއެވެ. މާދަން އައިރާއާއި ބައްދަލުވުން ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅިގެން ދާނެ ކަން ހިތަށް ވިސްނައިދެމުން، ކޮޓަރިއާއި ދިމާއަށް ޒޯހަން ހިނގައިގަތެވެ.
ލެޕްޓޮޕް ހިފައިގެން ޒޯހަން ނިކުތީ ޑެކަށެވެ. ޑެކުގައި ހުރި ސޯފާގައި އިށީންނަމުން އޭނަ ބެލީ ރިޕޯޓް ނިންމާލެވޭތޯއެވެ. އެއީ ސިކުނޑީގެ ހާސްކަމާއި ދުރުވެލަން ލިބުނު ފުރުސަތަކަށް ވިއެވެ. ރިޕޯޓް ނިމުނުއިރު މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. ފަތިސް ނަމާދަށް އެލާމެއް ލަމުން، ނިދަން އޮށޯތް އިރުގައި ވެސް ސިކުނޑިއަށް ވެރިވެފައި ވަނީ އައިރާގެ ޚިޔާލުތަކެވެ. އޭނައަށް ނިދުނީ ވެސް ވިސްނަން އޮއްވައެވެ.
*****
ޓެސްޓާއި ސްކޭންތަކުގެ ނަތީޖާ ނަގަމުން ޑޮކްޓަރުގެ ކޮޓަރިއާއި ހަމައަށް އައިރާ ދިޔައީ މާޔޫސްކަން އެކުލެވިގެންވި މޫނަކާއި އެކުގައެވެ. ރިޕޯޓްތަކުގެ ނަތީޖާ ބަލަން ވެސް އޭނަ ބޭނުމެއް ނުވިއެވެ. ރޭގައި ޒޯހަންއާއި ދެކެވުނު ވާހަކަތަކަށް ފަހު އައިރާގެ މުޅި ތަބީއަތު ބަދަލުވެގެން ގޮސްފިއެވެ. ޒޯހަންގެ ހިތުގައި ޖެއްސިއްޖެކަން ރޭކާލުމުން މުޅި ރޭ ވޭތުވެގެން ދިޔައީ ކަރުނައިގެ ދާނެެއްގައެވެ. އޭނަގެ މަޖުބޫރީ ހާލަތާ މެދު ތަޤުދީރާއި ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. މިނޫން އިތުރު ގޮތެއް އޭނައަށް ހަމަ ނެތީ ހެއްޔެވެ؟ އެވަގުތު އޭނަގެ ނިންމުމުގެ މުހިންމުކަން އޭނަގެ ޒަމީރު ހަނދުމަކޮށްދިނެވެ. ނާއުއްމީދުގެ އަނދިރިކަން ޒޯހަންގެ ހަޔާތަށް އެޅިގެން ދިއުމުގެ ފުރުސަތު ހަމަހިލާ އޭނަ ނުދޭނެއެވެ. ކެތްތެރިކަމާއެކު މި އިމްތިހާނާއި ކުރިމަތިލައިގެން މެނުވީ ކާމިޔާބު ލިބޭކަށްވެސް ނެތެވެ. އުދާސްކަމާއެކު އައިރާއަށް ކަރުއެލުވާލެވުނެވެ. ހިތުގެ ވޭން އޭނައަށް ބަރުދާސްތުކުރެވޭނެ ހެއްޔެވެ؟
ރިޕޯޓާއި ސްކޭންތައް ބަލަމުން ދިޔަ ޑޮކްޓަރ ނަވާޒްގެ މޫނަށް ވެރިވެގެން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ދެތިން ފަހަރަކު ނަތީޖާތައް ބަލައިފިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިރާގެ ހިތް ބަރުބާރަށް ތެޅެމުން ދިޔައެވެ. އޭނަގެ މޫނަށް ޑޮކްޓަރ ނަވާޒް ދިން ނުތަނަވަސްކަމުގެ ނަޒަރުގެ ފަހަތުގައިވާ މާނަ އައިރާއަށް ނަގައިގަނެވުނެވެ. މެޔަށް ފިނިވެގެން ދިޔައީނުން ނޭވާތައްވެސް ކުރުވެއްޖެއެވެ. އޭނައަށް އަޑު އިވުނީ ހަމަ އެންމެ ޖުމްލައެކެވެ. ''ގްރޭޑް ޓޫ ޓިއުމާރ''އަށް ފަހު ދެން ބުނި އެއްވެސް އެއްޗެއް އައިރާގެ ކަންފަތަކަށް އަޑެއް ނީވުނެވެ. ކަންފަތް ބައްވެފައިވާ ކަހަލައެވެ. މީހާއަށް ސިހުން ލިބިގެން ދިޔައީ ލޮލުން ފޭބި ކަރުނައިގެ ފިނިކަން އިހުސާސް ކުރެވުމުންނެވެ.
(ނުނިމޭ)