ވާހަކަ

އަލިވިލުން - 21

ނަޒްމާނާއެކު އެގޭގައި ހޭދަކުރި އެ ހަތަރު ދުވަހުގެ އުފާވެރިކަން އެންމެ މިނެޓަކުން ވަޔަށް ބުރައިގެން ދިޔައީ ރައިހާނާމެން ކުއްލިއަކަށް އެއްވެސް އެންގުމަކާ ނުލައި އެ ދުވަހު ފަތިހު ގެއަށް އައުމުންނެވެ. ނަޒްމާނުގެ ކޮޓަރީ އެނދުގައި ނިދާފައި އޮތް ރޫހީންގެ ލޯ ހުޅުވާލެވުނީ އޭނާގެ މޫނަށް ފިނި ފެން އެއްޗެއް އޮއްސާލުމުންނެވެ.

ފުންމައިގެން ތެދުވިއިރު ކުރިމަތީގައި ހުރީ ނަޒްމާނުގެ ޝަހުސިއްޔަތު ބޮޑު ހައިބަތު ހުރި މަންމަ ރައިހާނާއެވެ. ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް މުއްސަނދިކަމާއި ބޮޑާކަން ފެންނަން ހުއްޓެވެ. ގަހަނާ އިން ފުރިފައި ހުރި ރަނާއި ޖަވާހިރުން އަތްކަން އަޅާފައިހުރި އިސްކޮޅާ އެއްވަރުގެ ރޫފަ އެޅިގެންވާ ހަށިގަނޑެކެވެ. ލައިގެން ހުރީ އެންމެ އަގުބޮޑު ސައްތައިންސައްތަ ފަށުވި ފޮތީގެ ޖަރީޖެހި މާގަނޑު އެޅި ކޯޓު ހެދުމެކެވެ. ކަންފަތެކޭ ނޭފަތެކޭ ކިޔާނެ ކަމެއް ނެތެވެ. ވިދާ ޖަވާހިރު ހަރުކޮށްފައި ހުރި ރަނުން މުޅި މީހާ ހުރީ ޒީނަތްތެރިވެފައެވެ.

"އޭތް، ރާއްޖެތެރޭ އަންހެންމީހާ، ކަލޭގެ މަކަރާއި ހީލަތް ނިކަން ވިސްނާލަބަލަ، މަގޭ ފިރިހެން ދަރިފުޅަކީ ހަމަ ކުޑަކުއްޖެއް، ކަލޭ ތިއޮތީ އޭނަގެ އެނދަށް އަރާ ފެތުރިގެން، އާހާ، ޖަލު ގޮޅިއަށް ދިއުމުގެ ކުރިން ހާސްޑޮލަރުގެ ތަންމައްޗެއް ހޫނުކޮށްލީދޯ،"

ހައިރާންވެ ހަދާނެ ގޮތެއް ނޭނގި އެނދުން ފޭބި ގޮތަށް ލައިގެން ހުރި ނިދާ ހެދުމުގެ ޖެކެޓުން މީހާ ނިވައިވުމުގެ ބޭކާރު މަސައްކަތް ކޮށްލަކޮށްލައި ހުރި ރޫހީންގެ ބޮލުން ފެށިގެން ފަޔަށް ނިކަން ރަނގަޅަށް ބަލައިލަމުން ރައިހާނާ ހީނގަތް އަޑު ހީވީ އޭނާގެ ކަންފަތް ބައްކޮށްލިހެންނެވެ.

"ވާހް، ވާހް، ރާއްޖެތެރޭ އަންހެނުން މާލޭ ޒުވާން ފިރިހެންކުދިން މަޅި ޖައްސާ ވާހަކަ އަޑު އިވޭ، އެކަމަކު މިހާ ފުރިހަމަ ނަމޫނާއެއް ފެނިދާނެކަމަކަށް ހިއެއް ނުކުރަން، އެވެސް މަގޭ ކުޑަދަރިފުޅުގެ އެނދުން،"

ނަޒްމާން ކޮބައިތޯ ހިތާހިތާ ސުވާލުކޮށްލަކޮށްލާ ހުރި ރޫހީންގެ ހާސްވެފައިވާ މޫނާ މޫނު ކައިރިކޮށްލަމުން އެ ސުވާލުގެ ޖަވާބުވެސް ދިނީ ރައިހާނާއެވެ.

"ހާސްނުވޭ، އިރުކޮޅަކުން އަންނާނެ، އެކަމަކު ނަޒްމާނު ކުރިމަތީ އަހަރެންގެ އަގު ހިފަހައްޓަން މަސައްކަތް ކުރަންވާނެ، އޭރަށް މިގެއިން އިއްޒަތާއެކު ނުކުމެވޭނީ، އެހެންނޫނީ، ކަލޭ ބަލާ އަންނާނީ އީއެސްޖީ، ސީނިއާ ޕޮލިސް އޮފިސަރަކަށް އަމަލުވާ އެއްޗެއް ދީގެން އޭނާގެ ކޮޓަރީގައި ދެބައިކުޅަ އެއްބައި ބަރަހަނާކޮށް އޮއްވައި ރެޑްހޭންޑްކޮށް ނަގައިގެން ގެންދާނީ، ހާހާ، ޔަގީން ނުކުރެވޭ ދޯ، ބުނަން، މި ރައިހާނާ އައްބާސްރަމްޒީ އަމިއްލަގޭގެ އިއްޒަތް ތިކަހަލަ މަކަރުވެރި ދޮޅު ރުފިޔާގެ ރަންޑިންގެ އަތްދަށުން ސަލާމަތްކުރަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ، އެއަށްވުރެ ބޮޑަށް އަމިއްލަ ނަމާއި އަމިއްލަ ތެދުވެރިކަން އެހެން މީހުންނަށް ސާބިތުކޮށްދޭން ކިތަންމެ ބޮޑު ކަމެއް ކޮށްލާކަށްވެސް ފަހެއް ނުޖެހޭނެ، މިއީ ފިލްމެއް ޑުރާމާއެއް ނޫނީ ވާހަކައެއް ނޫން، އިނގޭ، އެހެންވީމަ ނިކަން ވިސްނައިގެން، އަދި ބުނަން، ރަނގަޅަށް އަޑުއަހާ،

މަގޭ ނަޒްމާންދެކެ ކުޑަކޮށްވެސް ކަލޭގެ ހިތުގައި ރަހުމެއް ކުލުނެއް ވަންޏާ މަގޭ ދަރިފުޅާ ދުރަށް ދާށޭ، ކަލޭގެ އާއިލާއަށް ޖެހެމުން އެދާ ހުރިހާ މުސީބާތެއް ހުއްޓުވާނަން، އެއްވެސް ކަމަކުން ހާސްވާކަށް ނުޖައްސާނަން، އެކަމަކު ކަލޭ މި ވައުދާ ހިލާފުވެއްޖެނަމަ ވަރަށް ގޯސްވެދާނެ، އެކަން ހަނދާން ކުރާތި، ކަލޭގެ ދަރިންނަށް ހަމަޖެހިގެން އުޅެވޭނީ ކަލޭގެ ހަގީގަތް ނޭނގޭހާ ހިނދަކު، ކަލޭގެ އާއިލާގެ އެއްވެސް މީހަކަށް ހަމަޖެހިގެން ނޫޅެވޭނެ މަ ބުނާ ގޮތް ނުހަދައިފިއްޔާ،"

އެ ހުރިހާ ވާހަކައެއް ދެއްކި ނަޒްމާނުގެ މަންމަ އޭނައާއި ނަޒްމާނުގެ ކައިވެނި ކުރުވަން އުޅޭ ވާހަކަ ބުނުމުން ގަބޫލު ކުރާނީވެސް ކިހިނެއް ހެއްޔެވެ.

"ނަޒްމާން، މަންމަ ކޮން އިރަކު ކީކޭ ބުނެގެން ތި އުޅެނީ،" ރޫހީން ހައިރާންވެފައި އަހާލިއެވެ.

"އެ ހުރިހާ ވާހަކަ ފޯނުން ކިޔައިދޭހާ ވަގުތެއް ނެތް، ވަރަށް އަވަހަށް ބައްދަލުވާނަން، އޭރަށް ހުރިހާ ސުވާލެއްގެ ޖަވާބު ބޭނުން ވަރަކަށް ތަފުސީލުކޮށް ކިޔައިދޭނަން، އެންމެ ރަނގަޅެއްނު،"

"އެކަމަކު...."

ރޫހީނަށް އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ދުވެފައި އައިސް ދޮރު ހުޅުވާލީ ޒޭނާއެވެ.

"އޭތް، ބަންކަރުން އެބަގޮވާ، ނަސީބެއްނު މަ ސައި ނަގަން ދާންވެގެން ނުކުންނަނިކޮށް ޑިއުޓީ ރިޒުނާ އަންނަ ތަން ފެނުނީ، ކަލެއަށް އެބަގޮވައޯ ރަމީޒާ،"

"އަވަހަށް ދޭ، ވާން އުޅޭ އަނބިކަމަނާ، މަރުހަބާ،"

ނަޒްމާން އެހެން ބުނުމާއެކު ފޯނު ކަނޑާލައިފިއެވެ.

"ރޫހީން، ކޮބާ،" ފޯނު ބާލީހުގެ އުރަ ތެރެއަށް ލާފައި އެނބުރެނިކޮށް ގޮޅިއަށް އައިސް ވަން ނާޒު ގޮވާލިއެވެ.

"މަމިދަނީ ސަޔަށް ދާން، އޯކޭ،" ޒޭނާ ގޮޅިން ނުކުމެގެން ހިނގައްޖެއެވެ.

ހަދާނެ ގޮތެއް ނޭނގިފައި ހުރި ރޫހީންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ނާޒު ގޮވާލިއެވެ. "އޭތް، ބަންކަރުން އެބަގޮވައޭ، މަ މިއައީ ބުނެފައި ތީނަ އެބައާދެއޭ، މަޑުކޮށްލާށޭ، އެކަމަކު މާ ލަސްވަންޏާ ބަލާ އަންނާނެ އިނގޭ،"

"އަޖައިބެއް. ކުއްލިއަކަށް ކޮންފަދަ ކަމެއް މި ލައިގަތީ،"

ލައިގެން ހުރި ސޯޓުމަތިން ޖިންސު ލަމުން ރޫހީން ހާސްވެފައި ބުނެލިއެވެ. އަދި ބާލީހު އުރަ ތެރެއަށްލީ ފޯނު ނަގައިގެން، ނިއްވާލުމަށްފަހު ގެންގޮސް ހެދުންތަކުގެ ބިއްދޮށަށް ލައި ފޮރުވައިފިއެވެ.

"ބުނަން، މާ ގިނަ ވާހަކަ ނުދައްކާ، އެހާ ހާސްވާނެ ކަމެއް ނެތޭ، ސިމްޕަލް ކަމެއްނު، އެންމެ ފޯމެއްގެ ދެތިން ތަނެއް ފިލްކޮށްލުމަކީ އެހާ ބޮޑުކަމެއް ނޫނޭ،"

އިސްތަށިގަނޑު ރީތިކޮށްލަން ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ރޫހީންގެ އަތަށް ހުއްޓުމެއް އައެވެ. ރޫހީން އެނބުރި ނާޒަށް ބަލައިލުމާއެކު ނާޒު ނޭނގޭ ކަމަށް ހަދާފައި ދެކޮނޑު އަރުވާލިއެވެ.

"އޭތް، މާ ނޫންވާނެ ކަމެއް ނެތް، މި ކޮންކަމެއް، ނާޒަށް ކިހިނެއް އެނގުނީ،" ރޫހީން އަހާލިއެވެ.

"ޝްޝް. މާ ބާރަށް ނޫން، މަޑުމަޑުން، ޖެހިގެން ހުރި ގޮޅިއަށް އިވިގެން ކަމަކުނުދާނެ، އަނެއްހެން ބުނަންޏާ އެކަކަށްވެސް އެނގިގެން ނުވާނެ،"

"މަޑުކޮށްބަލަ، ނާޒަށް ކިހިނެއްހޭ އެނގުނީ؟" ރޫހީން ނާޒުގެ އަތުގައި ހިފަމުން އަހާލިއެވެ.

"އިހަށް ހިނގާ ބަންކަރަށް ދާން، އެކޮޅުން ނިމިގެން އައިސް ހުރިހާ ވާހަކައެއް ކިޔައިދޭނަން، އެކަމަކު މިވަގުތަކު ނޫން، ދެން ބުނަން، އެއްވެސް މީހަކަށް އެކައްޗެއްޗެސް އެނގިގެން ނުވާނެ،"

ނާޒު މީގެ ކުރިން ދުވަހަކުވެސް އެހާ ސީރިއަސްކޮށް ވާހަކަދެއްކިތަނެއް ރޫހީނަކަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ހައިރާންވެފައިހުރެމެ، ބަސްއަހާ ކުޑަކުއްޖަކު ފަދައިން ނާޒާއެކު ގޮޅިން ނުކުންނަން ފިޔަވަޅު ނެގިއެވެ.

ބަންކަރުގެ ދޮރުގައި ޓަކި ޖަހާލުމުން، އެތެރެއިން ނުކުތީ ރަމީޒާ އެވެ. ރޫހީން ފެނުމުން ރަމީޒާގެ މޫނުމަތިން ފެނުނީ އެހެންޏާ ނުފެންނަ ފަދަ ހިނިތުންވުމެއްގެ އަސަރެކެވެ.

"އަނހާ. ރޫހީން، ކީއްވެ އެކަނި ނައީ، ކަމަކުއޭ ގޮވާލީ،"

ރަމީޒާއަކީ ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ ކުށްވެރިންގެ ސިއްރެއް އެނގޭތޯ މަސައްކަތް ކުރާ އެސްއޯ އެއްކަން އެނގޭތީ ރޫހީން ހަމަޖެހިލާފައި ހީނލިއެވެ.

"އައްދެ، ރަމީއްތައަށް ކަމުނުދިޔައީތަ؟ މަ އައީ ރޫހީން ބުނެގެނެއް ނޫނޭ، އޭނާގެ ފަސްފަހަތުން އައީއޭ... ކަމެއް ހަވާލުކޮށްފިއްޔާ އެހީވާން ކަމަށް، ރަމިއްތަމެން އާންމުކޮށް ގޮވާނީ އެކަހަލަ ކަމަކު ވިއްޔަ، ބަންކަރު ކުނިކަހައި ސާފުކޮށްލަންވީތަ؟" ނާޒު އަހާލިއެވެ.

"ރޫހީން، އެތެރެއަށް ވަދޭ، ވަކީލަކު އެބަހުރި ފޯމު ހިފައިގެން އައިސް، އެ ފޯމު ފުރުވަން ވެގެން މި ގެނައީ،"

ރަމީޒާ، ރޫހީނަށް އެތެރެއަށް ވަނުމަށް ޖާގަ ދައްކަމުން ބުނެލިއެވެ.

"ވަކީލޭ، ފޯމޭ، އޭތް ރޫހީން، ކޮންކަމެއް،؟" ނާޒު، ރޫހީނާ ކައިރިވެލަމުން މަޑުމަޑުން އަހާލިއެވެ.

"އަޅެފަހެ މަށަކަށްވެސް ނޭނގެއޭ، ރަމިއްތާ، ޕްލީޒް، ނާޒް ގޮވައިގެން ދަންތަ، މަށަކަށް ނޭނގޭ ކިހިނެއްވާ ކޮން ފޯމެއްކަމެއް، އެކަނި ނުކެރޭނެ، އަދި ނޭނގޭ ކިހިނެއްވާ ކޮން ފޯމެއް ކަމެއްވެސް،" ރޫހީން ކަރު އެލުވާލާފައި ބުނެލިއެވެ.

"އާން، ރަމިއްތާ، އެނގެއެއްނު، އަހަރެމެން ކަހަލަ މުސްކުޅި ދަރިވަރުންނަށް އެނގޭވަރަކަށް މި އިހަށްދުވަހު އައި ކުޑަކުދިންނަކަށް ނޭނގޭނެ ޖަލު ކަންތައްތަކެއް،"

ނާޒު އަވަހަށް ކުރިއަށް ޖެހި ރަމީޒާގެ އަތުގައި ހިފާލަމުން ބުންޏެވެ.

"އައްދެ، މި ކޮންކަމެއް، މިއަދު ރޫހީނާއެކީ ލާނާމެން މީހަކު ނެތީޔޯ، ރަނގަޅު، ނާޒްނީނަށްވެސް ރަނގަޅުވާނީ ރޫހީން ކަހަލަ ރައްޓެހިންނާއެކީ އުޅުނިއްޔާ، ކުރީގެ ގޮތްގަނޑު ފިލާހެން ހީވަނީ ރަނގަޅަށްތާ..." ރަމީޒާ ކުޑަކޮށް ހީނލަމުން ބުނެލިއެވެ.

"ތެދެއް ތިބުނީ، ޕެރޯލް ފޯމު ލީފަހުން ރޫހީން އަބަދު އުޅެނީ މަ ގޮވައިގެން، ވަރަށް ސަޕޯޓިވް، ލާނާމެންނަކީ ބޭރަށް އެހެން ނުކުމެ އުޅޭ ބައެއް ނޫނެއްނު، އެހެންވެ ރޫހީނާއެކު އަހަރެން އައީ،"

ނާޒުއަށް ރަމީޒާ އެމީހުންނާ އެއްބަޔަށް ގެނެވުނުކަން އެނގުމުން އިތުރަށް ވާހަކަދެއްކިއެވެ.

"އެހެން ހީވެއްޖެއޭ، ފާތިމަތު ނާޒުނީން އިނާޔަތް ނުކެނޑޭތާ ހަމަސްވީ ވިއްޔަ، މީގެ ކުރިން ދުވަހަކުވެސް ވީކަމެއް ނޫން، މިފަހަރު ޕެރޯލް ފޯމު ޕްރޮގްރެސް ރަނގަޅު ކުރަން މަޖުބޫރުވީކަން ނޭނގޭ، ރޫހީނަށް އެނގޭތަ މީގެ ކުރިން ދުވަހަކުވެސް ވީކަމެއް ނޫން، ތިން ފަހަރު ގެއަށް ފޮނުވީމަވެސް އެނބުރިއައިސް މިތަނުގައި މީނަ އުޅެނީ ވަރަށް އުޅޭހިތުން،

މިއީ އަލަށް ފުރަތަމަ ފަހަރަށް އަމިއްލައަށް މިތަނުން ދާން އުޅޭ ފަހަރެއް، އެހެންޏާ ހަމަ ގެންނައިރަށް ގެންދާނެ ވިއްޔަ، އެހެންވެ ކަންނޭނގެ، މިފަހަރު ނާޒު އަމިއްލައަށް ވެސް ވިސްނުނީތީ އުފާ ކުރަން، މަންމަ ނެތުމުން ނާޒަށް ވިސްނިއްޖެތާ ޒިންމާދާރުވާން، އަމިއްލަ ދަރިންނަށްޓަކައި ބޮޑުވާން ދަސްވެއްޖެ ކަމަށް ރަމިއްތަ ބަލާނީ،"

މަންމަގެ ވާހަކަ އަޑު އިވުމުން ނާޒުގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ހިނިތުންވެ ފޮޅިފައި އިން ނާޒުގެ މޫނުމަތިން މާޔޫސީއާއި ހިތާމައިގެ އަސަރު ފެނުމާއެކު ރޫޙީނަށް ވެގެން އުޅޭގޮތް ވިސްނިއްޖެއެވެ.

(ނުނިމޭ)