"މަސައްކަތް ކުރާނަން" ރައްޔާން ބުންޏެވެ.
"އަދި އެއްވާހަކަ އަހާލަންބޭނުން. އަހަންނަށް ކުރިއަށްދާން އެނގޭނީ އޭރުން" ޝައިލާ ބުންޏެވެ.
"ބުނޭ. ވަރަށް ލަސްވެއްޖެ" ރައްޔާން ބުންޏެވެ.
"އަހަރެން އުންމީދުކުރަން ވީތަ؟ ޝައިލާ އަހާލިއެވެ.
މަޑުމަޑުން ރައްޔާން ބޯޖަހާލިއެވެ. އެހިނދު ޝައިލާގެ ދެތުންފަތް ދެފަރާތަށް ދެމިލައިގެން ދިޔައެވެ.
****
ހަތަރު ދުވަސް ފަހެވެ. ރޭގަނޑުގެ ވަގުތެވެ. މައިލީން އިނީ މައިންބަފައިންނާއެކު ރޭގަނޑުގެ ކެއުމުގައެވެ. ޑިއުޓީ ނެތް ދުވަހަކަށްވުމުން ރައްޔާން ވެސް އިނެވެ. ގޭތެރޭގައި މެލެކް ނެތްކަމުގެ ފަޅުކަން ކޮންމެ މީހަކަށް އިހުސާސްވަމުން ދިޔައެވެ. އެންމެފަހުން އެވާހަކަ ފެށީވެސް މައިލީން އެވެ.
"ކޮންމެ ރެއަކު މިގެއިން ކާން އަންނަން ބުނަންވީ ކަންނޭނގެ ދޯ މެލެކް ގާތުގަ" ތަބައްސުމް ބުންޏެވެ.
"އުނހު. މެލީ އެގޭގަ ބަހައްޓާ. އެގޭގަ ދިރިއުޅެން ފެށީމަ މެލީގެ ހަނދާނަށް މަޑުމަޑުން ކަންކަން އަންނަންފެށީ. މީހަކު ބުނެދީގެން އެނގުމަށްވުރެ އަމިއްލައަށް ހަނދާނަށް ކަންކަން އައުން މާ ރަނގަޅު. އެހެންވީމަ މިދުވަސްކޮޅު ރަނގަޅުވާނީ އެގޭގަ ގިނަވަގުތު މެލީ ހުރިއްޔާ" މައިލީން ބުންޏެވެ.
"ރަނގަޅަށް ތިބުނީ. މިއަދު ބާޒިލް ބައްޕަ އާ ބައްދަލުކުރި. ބުނި މެލެކް ކައިވެނީގެ ވާހަކަދައްކާވަރުންނޭ. ބާޒިލް ބޭނުންވަނީ މެލެކް ކައިރީގަ ކޮންމެވެސް ވަރަކަށް ކިޔައިދޭން އެއީ ދެމަފިރިންކަން" އައްޒާމް ބުންޏެވެ.
"އޭރުން ކިހިނެއްވާނީ؟" ތަބައްސުމް ކަންބޮޑުވިއެވެ.
"ބާޒިލް ބުނި ތިމަންނަ ހުރިހަ ކަމަކާ ޒިންމާވާނަމޭ" އައްޒާމް ބުންޏެވެ.
"އަޅުގަނޑަށް ހީވަނީ ބާޒިލް އެބުނީ މުޅިއަކުން ދޮގު ނޫންހެން. މެލީއަށް އެބަޖެހޭ ކޮންމެވެސް ވަރަކަށް އެނގެން. ކޮންމެގޮތެއް ވިޔަސް ކައިވެންޏެއްގެ މަތީގައި ތިބި ދެމީހެއް އަލުން ކައިވެނިކުރުވާނީ ކިހިނެއް؟ މިއީކީ ހިންދީ ޑުރާމާއެއް ނޫނެއްނު. މެލީއަށް ބުނެނުދެވެންޏާ މެލީގެ ހިތް ބާޒިލް އާ މެދު ކިލަނބުވާން ފަށާފާނެ. މެލީއަށް ހީވެދާނެ ބާޒިލް ކައިވެނިކުރަން ބޭނުންނުވަނީއޭވެސް. އޭރުން ދެމަފިރިން ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ގޮސް ގުޅުމަށް ބުރޫއަރާފާނެ. ނޫންތަ ދޮނާ؟" ރައްޔާންގެ ހިޔާލު ފާޅުކުރިއެވެ.
"ރަނގަޅު ވާހަކައެއް. ހިނގާބަލަ ބާޒިލް ކަންތައްކުރާ ގޮތެއް ބަލަމާ. އަހަދު އިނީ މާދަމާއަށް އެޕޮއިންޓްމަންޓް ހައްދާފަ. މެލީ ފޮނުވަންވާނީ ބާޒިލްއާއެކު. އޭރުން ބާޒިލްއަށް ވަގުތު ލިބޭނެއްނު. ހަގީގަތުގައިވެސް ބާޒިލް އަކީ މެލީގެ ފިރިމީހާ އޭ ހަމައެކަނި އެވަރަށް ބުނެދެވިދާނެ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވާނެ" މައިލީން ބުންޏެވެ.
****
ލޯގަނޑު ކުރިމަތީގައި ހުރި މެލެކް ސިހުނީ ކޮޓަރި ދޮރުލެއްޕުނު އަޑަށެވެ. ފަހަތަށް އެނބުރި ބަލައިލިއރު ހިނިއައސްފައި ހުރި ބާޒިލް އޭނާ އާ ގާތަށް އަންނަމުން ދިޔައެވެ. މެލެކް ހުރީ ކަޅު ހެދުމުގައެވެ. ބާޒިލް ކޮޓަރިއަށް ވަނީ އޭނާ ބުރުގާ އަޅަން ތައްޔާރުވަމުން ދަނިކޮށެވެ.
"ކިނބުލެއްހެން ހިނިއައިސްފައި ބަލަން ހުންނާނެ ކަމެއް ނެތް. ތިވަނީ ބުރުގާ ނާޅާ ހުއްޓާ. އަދި އެވެސް މިގަޑީގަ. މަންމަމެންގެ މީހަކަށް ފެނުނިއްޔާ އަހަރެން ހާދަ ލަދުގަންނާނޭ" މެލެކް ބުންޏެވެ.
"ރޭގަވެސް ނިދަންޖެހުނީ މެލީ އާ ދުރުގަ. މިއަދު އެއްކޮށް އަތުގައި ހިފާލާކަށްވެސް ވަގުތެއް ނުލިބޭ. މިއައީ ހަމައެކަނި ލޯބިން ހަގްކޮށްލާހިތުން" ބާޒިލް ބުންޏެވެ.
ބާޒިލް އައީ މެލެކް އާ ގާތަށް ޖެހެމުންނެވެ. ފަހަތުން ގޮސް މެލެކް ޖެހުނީ ރީތިވާ މޭޒުގައެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް މިހާރު ބާޒިލްގެ އަތްދަށުން ދުރަށްދެވޭކަށް ނެތެވެ. ރީތިވާ މޭޒުގެ ދެފަރާތުގައި ދެއަތް ވިއްދާލިގޮތަށް ބާޒިލް މެލެކްގެ މޫނާ މޫނު ގާތްކޮށްލިއެވެ. ދުރަށް ދިޔުމުގެ ގޮތުން މެލެކް ބާޒިލް އާ ދުރަށް އިތިވެލިއެވެ. އެންމެފަހުން ބާޒިލް އަށް ހެވުނެވެ. އެއްއަތުން މެލެކްގެ އުނގަނޑުގައި ހިފަހައްޓާލިގޮތަށް ގާތަށް ދަމާލިއެވެ. މެލެކްއަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ އޭނާ މެލެކްގެ ހަށިގަނޑު އޭނާގެ މެއާލާ ފިއްތާލިއެވެ.
"މިވަރުގެ ކަމެކޭ. ކެތްކުރާނަމޭ ބުނީމެއްނު މެލީ އަމިއްލައަށް ބޭނުންވެގެން އަންނަންދެން" ބާޒިލް ބުންޏެވެ.
"ދެން ނިކުމޭ. ހިބާއްތަމެން ތިބޭނީ މިހާރު ލަސްވެފަ" މެލެކް ބުންޏެވެ.
"ކޮންތާކަށް ދާން ތިއުޅެނީ؟" ބާޒިލް އަހާލިއެވެ.
"ހިނގާލަން. އީތަންބެމެން އެބަކިޔާ މިރޭ މަހަށް ދާން. ނުދަންތަ؟" ބާޒިލް އަތުތެރެއިން ނިކުމެގެން ގޮސް މެލެކް ހުއްޓުނީ ލޯގަނޑު ކައިރީގައެވެ. ޝޯލް އަޅަމުން ދިޔައިރު މެލެކްގެ ހަރަކާތްތަކަށް ބަލަން ބާޒިލް ހުއްޓެވެ.
"ނުގޮސް ހުއްޓަ ނުދޭނެއްނު" ބާޒިލް ބުންޏެވެ.
"ދޮނާ ގުޅި. މާދަމާ އަތޮޅު ހޮސްޕިޓަލަށް ދާންޖެހޭނެޔޯ. ބާޒިލްއާއެކު ދާން ބުނީ. އަހަރެން ހިތަށްއަރާ އެންމެން ކީއްވެގެންބާއޭ އަހަރެމެން ނުއިނދެ ތިއްބާ ގާތްކުރުވަން މަސައްކަތް ކުރުވަނީ" މެލެކް ބުންޏެވެ.
"ދެމަފިރިންވީމަ. މެލީ ނުކުރާނެ ވިއްޔާ ގަބޫލެއް" ބާޒިލް ބުންޏެވެ.
"އައި ވިޝް... ތިއީ ހަގީގަތަކަށްވާނެ ނަމައޭ" ބާޒިލްގެ މޫނަށް ބަލައިލަމުން މެލެކް ބުންޏެވެ.
"ވަން ލާސްޓް ހަގް" ދަބަސް ހިފައިގެން ނިކުންނަންދިޔަ މެލެކްގެ ފަހަތުގައި ހުރި ބާޒިލް އަނެއްކާވެސް މެލެކްގެ ގައިގައި ފަހަތުން ބައްދާލިއެވެ. ބުރުގާ މަތިން މެލެކްގެ ކަރުދޮށުގައި މޫނު ފޮރުވާލައިގެން އިރުކޮޅަކު ހުއްޓެވެ.
"ހާދަ މީރު ވަހެކޭ. ދޫކޮށްލާހިތެއްނުވޭ" ބާޒިލް ބުންޏެވެ.
"އެކަމުވެސް ހެޔޮ. ދެން ދުރަށްދޭ" ބާޒިލް ދުރުކޮށްލަމުން ހެވިފައި ހުރެ މެލެކް ބުންޏެވެ.
"ބާޒިލްއަށް ތިހާވަރެއް ވަންޏާ އެންމެ ހިނދުކޮޅަކުވެސް މެރީނުކޮށް ހުންނާކަށް މަށަކަށް ނުފެނޭ" ބުރުގާ ރީތިކޮށްލަމުން މެލެކް ބުންޏެވެ.
"އާނ ދޯ. ހިނގާ މެރީކުރަމާ" ބާޒިލް ނިކުންނަންދިޔަ މެލެކްގެ ކޮނޑަށް އަތް ވައްޓާލިއެވެ.
"އަހަރެން އަނބި ކުރިންވެސް ގަބޫލުކޮށްފިން. މިހާރު މިބުނަނީ އަނބިގަބޫލުކޮށްފިން. ދެން މެލީ ބުނޭ ފިރި ގަބޫލުކޮށްފީމޭ"
ބާޒިލްގެ އަޑުގައިވީ ސަމާސާއެވެ. މެލެކް ބާޒިލްގެ އަތް ދުރަށް ފޮޅުވާލާފައި ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.
****
ހަތަރު އަންހެންކުދީން ހިނގާފައި އައީ ބަނދަރުމައްޗަށެވެ. ހަވީރުގެ ވަގުތަށް ރަށުގެ ގިނަ ބަޔަކު ހިނގާލަން ނިކުމެ އާންމުކޮށް އުޅޭ ތަނަކީ ރަށުގެ ޖާގަ ތަނަވަސް ބަނދަރެވެ. ހިނގާލަން އައިސް އުޅޭ ކުދިންނަށް ޕޮޕްކޯން އާއި ކަފަ ލޮލީ ވިއްކާ މީހުންވެސް އެ ސަރަހައްދުތަކުގައި އުޅެއެވެ. ދުރުދުރުން ފުޓްބޯޅަ ކޯޓެއްގައި ކުޅެންވެސް ކުދިބަޔަކު އުޅެއެވެ. ހަތަރު އަންހެންކުދީން ހިނގާފައި ދިޔައީ އިށީނދެވޭގޮތަށް ހުރި ދިމާލަށެވެ. ލޫލު އިނީ ޒޭބާ އަތުގައެވެ. ބައެއްފަހަރު ބިންމަތީގައި ލޫލު ބަހައްޓާފައި ޒޭބާގެ އިނގިލީ ކުރީގައި ހިފައިގެންވެސް ހިންގުވާތަން ފެނެއެވެ.
"އެހެރީ ފައިނާ ތަ؟" ލައިބާ އަހާލީ މެލްކް ގާތުގައެވެ.
ލައިބާއަށް މެލެކް ބަލައިލާފައި ދެކޮނޑު އަރުވާލިއެވެ. އެއީ ކާކުކަމެއް އޭނާގެ ހަނދާނުގައި ނެތެވެ.
"ދުންތާ، އެހެރީ އެއްކަލަ ފައިނާ ތަ؟" ހިބާގެ އަތުގައި ހިފައިލަމުން ލައިބާ ބުންޏެވެ.
ހިބާ އާއެބކޭ ބުނުމުން ލައިބާ އެދުނީ އެދިމާލަށް އޭނާއާއެކު ގޮސްލާށެވެ. ހިބާ އާއި ލައިބާ އެދިމާލަށް ހިނގައިގަތެވެ. ލޫލު ގޮވައިގެން ޒޭބާ މިސްރާބުޖެހީ ކަފަ ލޮލީ ވިއްކާ ދިމާލަށެވެ. މެލެކް އެކަނިވީ ވަގުތުކޮޅެކެވެ. އޭނާ ހިނގައިގަތީ ހިލަ ގޮނޑި އާ ދިމާލަށެވެ. ރަނގަޅަށް އެތަނުގައި ނުއިށީނދެވެނީސް އައިނައި ތަނެއް ނޭނގި ކުރިމަތީގައި ހުއްޓުނީ ސިހާމާ އާއި ސާރާ އެވެ. މެލެކް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.
"ކަލޭގެ ތި ވިހަ ހިނިތުންވުމުގެ ފަހަތުގައިވާ މަކަރުވެރިކަން އެބަފެނޭ އަހަރެމެންނަށް" ސިހާމާ ދިމާކޮށްލިއެވެ.
މެލެކް ދެފަރާތް ބަލައިލިއެވެ. ކައިރީގައި ތިބި މީހުންނަށް އަޑުއވުނުކަން އެނގުމުން އޭނާ އިނީ ކުޑަކޮށް ލަދުގަންނަ ގޮތް ވެފައެވެ. ކުއްލިއަކަށް މެލެކްގެ އަތުގައި ސާރާ ހިފިއެވެ.
"ދެރަކަމެއްނު. ދޫކޮށްލާ މަގޭ އަތުން" ގަދަކަމުން މެލެކް ކޮޅަށް ނަގައިގެން ސާރާ ހިނގައިގަތެވެ.
"މި ބުނީނު ދޫކޮށްލާށޭ. ހަމަ ރަނގަޅަށްވެސް މޮޔަވެފަ ތިހުރީ" ސާރާ އަތުން އޭނާގެ އަތް ދަމައިގަތެވެ. އަނެއް އަތުން އޭނާ ސާރާ ހިފި އަތުގައި ހިފަހައްޓާލާފައި ކުޑަކޮށް ފިރުމާލިއެވެ. ސާރާ ހިފިގޮތުން އަތުގެ ހިފިތަނުގައި ރިހުމެއްވެސް އުފެދިއްޖެއެވެ.
"ނޭނގޭތަ ގަޔަށް ބޮލަށް ކަމެއް ތިއެރެނީ. އަހަރެން ބޭނުމިއްޔާ މިހާރުން މިހާރަށްވެސް ކޯޓުއަމުރަކަށް ކަލޭ ނެގިދާނެ އަހަރެންގެ ހުއްދަޔަކާ ނުލާ އަހަރެން ގަޔަށް ބޮލަށް އަރާ އަހަންނަށް އަނިޔާވެރިވިކަމުގެ ތުހުމަތުގަ" މެލެކް ބުންޏެވެ.
މެލެކްގެ ހަނދާނުގައި ހުއްޓެވެ. ސާރާއަށް ދޫނުކުރާނެކަމަށް އޭނާ ވަނީ ބާޒިލްގެ ކައިރިން ވައުދުވެފައެވެ. ވީއިރު ދޫކުރަންވީ ސަބަބެއް ނެތެވެ.
"ކަލޭ ހީކުރަނީ ކަލެ އާ ބާޒިލް އިންނާނެ ކަމަށްތަ؟ ދުވަހަކުވެސް ނީންނާނެ" ސާރާ ދަތްކުޑި ވިކާލިއެވެ.
"އޯވް... ހަސަދައިގަ މީހާ ފިހެނީނު. އިރެއްގަ ސާރާގެ ލޯބިވެރިޔާ. މިހާރު އަހަރެންގެ. ތިހެން އަދި ފަހަތު މީހުން ޖަހައިގެން އަހަންނާ ހަމައަށް އަޔަސް އަހަރެން ފަހަތަށް ޖެހޭނެއޭ ހީނުކުރޭ. ކަލެއަށް ނޭނގޭތަ އަހަންނަކީ ބާޒިލްގެ ކާކު ކަން" ބާޒިލް އަބަދުވެސް ބުނާ ވާހަކަ މެލެކް ހަނދާން ހުއްޓެވެ. އެއީ ދެމަފިރިންކަމެވެ. ކީއްވެގެން ކަމެއް ނޭނގުނަސް މެލެކްއަށް މިހާރު އެކަން ގަބޫލުކުރެވެން ފަށައިފިއެވެ.
"ގޮތެއް ފޮތެއް އުޅުމެއް ހުރި އަންހެނެއް ނޫން. ކިރިޔާވެސް ގޮތެއް ހުރި އަންހެނެއް ނަމަ ދެލޯބިވެރިން ދެމެދަށް ތިގޮތަށް ފުންމާލާކަށް ނުކެރުނިސް" ސިހާމާވެސް ވިއްދާލިއެވެ.
"ބުނަން ރަނގަޅު ވާހަކައެއް. ތިއީ ސާރާގެ މަންމައަށް ވީތީ އަޅުގަނޑު އެއްޗެއް ނުބުނާނަން.... އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ދައްތަ މިކަމުގެ ތެރެއަށް ނުވަދެ ދުރުގަހުރުން. އަޅުގަނޑުގެވެސް މީހުން މިރަށުގަ އެބަތިބި. ނުދާނަން އެ އެންމެން ގޮވައިގެން މީހުންގެ ދަރިން ލަދުގަންނަވާކަށް" ސިހާމާ އާ މެލެކް ކުރިމަތިލީ މަޑުމައިތިރިކަމާއެކުގައެވެ. ސިހާމާ އަނގަ ބެދި ދެން ބުނަންވީ ކީކޭ ކަމެއް ނޭނގުނެވެ. ދެން މެލެކް ކުރިމަތިލީ ސާރާ އާއެވެ.
"އެކަމަކު ސާރާ ކަލޭ... އަހަރެން ކަލޭގެ އެއްޗަކަށް ވެރިވެއެއް ނުގަންނަން. ކަލޭ ޖަހައިގަތީ މަގޭ އެއްޗެއް. ކަލޭ އަރައިގަތީ މަގޭ ހައްގަކަށް. އެހެންނޫނީ ކަލޭ ދޫކޮށްލާފަ މިއަދު މަގޭ އަތުގަ ބާޒިލް ނުހިފިސް. ކަލޭ ބާޒިލްދެކެ ތިވާ ލޯބީގަ ކުޑަވެސް އަގެއް އޮތްނަމަ މިއަދު އަހަރެން މުށުތެރޭގަ ބާޒިލް ނުހުރިސް. ހެހެހެ.. ތިބުނީ އަހަރެންނާ ބާޒިލް ނުއިންނާނޭ. ކަލެއަށް ކޯޗެއް އެނގެނީ؟ ކަލެއަށް އެނގޭތަ އަހަރެން އިންނަ ވާހަކަ ދެއްކީމަ ބާޒިލް ބުނާ އެއްޗެއް. މިއީ ވެނިމިފަ އޮތް ކަމެކޭ. އަހަރެން މިއީ އޭނާގެ އަންހެނުންނޭ. މާކުރިން ތިމަންނަ އަނބިގަބޫލުކޮށްފީމޭ. އެހެންނޫނަސް އަހަރެން މިހުރިހާ ވާހަކައެއް ކަލޭ ކައިރީގަ ދައްކަންވީ ކީއްކުރަން؟ ކަލޭ ތިއީ ކާކު؟"
ހިތަށް އައިހާ އެއްޗެއް އެވަގުތު މެލެކް ގޮވާލިއެވެ. އޭނާ ހިނގައިގަންނަން އުޅުނު ވަގުތު ސާރާ ބުނެލި އެއްޗަކުން ހުއްޓެން މަޖުބޫރުވިއެވެ.
"ކަލެ އާ ބާޒިލް އިނދެފިއްޔާ އަހަރެން ހިނގާނީ އެކޮޅުކޮޅުން. ކަލެއަށް އެނގޭތަ! ކަލޭ ތިއީ އަނބިމީހާ އޭ ކިޔާފަ ކަލޭ ކަހަލަ މީހަކާ ނުއިންނަންވެގެން ދައްކާ ބަހަނާ އެއީ. ދުވަހަކުވެސް ކަލޭ ކައިރީގަ އިންނަން ހިނގާށޭ ބާޒިލް ނުބުނާނެ" ސާރާ ބުންޏެވެ. ސާރާގެ އެ ޖުމްލައާއެކު މެލެކްއަށް އުނދަގޫވިއެވެ. ކައިވެނީގެ ވާހަކަ ފަށާއިރަށް ބާޒިލް އަބަދުވެސް ވާހަކަތައް ހުއްޓުވަނީ އަބަދުވެސް އެކައްޗެކޭ ކިޔާފައެވެ.
"ސާރާ... ތިއީ ކޮންކަމެއް. ތިއީ ވަރަށް ހަޑި ގޮތެއް" ކުއްލިއަކަށް ލޫލު ގޮވައިގެން އައިސް ހުއްޓުނީ ޒޭބާ އެވެ. އޭރު އެދިމާލަށް ހިނބާ އާއި ލައިބާވެސް އަންނަމުން ދިޔައެވެ.
"ގެނޭ ލޫލު. ޒޭބާއްތަ ނިކަން މި ސާރާއަށް ކިޔައިދީބަލަ އިންނަން އުޅޭ ދެމީހުން ދެމެދަށް ނުވަންނަންވީ ގޮތް. ކިޔައިދީބަލަ ބަލި ގަބޫލުކޮށްގެން ދުރުގައި ހުންނަންވީ ގޮތް" ލޫލު ގޮވައިގެން މެލެކް ދުރަށް ހިނގައިގަތެވެ.
"ކަލޭމެން އެންމެން ބަލަންތިބޭ. މެލެކް މަރުގެ ތުންފަތްމައްޗަށް ވައްޓާނުލިއްޔާ މަގޭ ނަމަކަށް ސާރާ އެކޭ ނުކިޔާނެ" ސާރާ ރުޅިއައިސް ރަތްވެފައި ފަހަތުން އައިސް ހުއްޓުނު ހިބާ އާއި ލައިބާއަށް ވެސް ބަލައިލީ ފާޑުވެރި ނަޒަރަކުންނެވެ.
"އެނގޭތަ ތިބުނެވޭ އެއްޗެއް. މީހެއްގެ މަރުގެ ޒިންމާގެ ވާހަކައޭ ތިދައްކަނީ. އިންސާނަކުދެކެ ކިތަންމެ ނަފްރަތުވިޔަސް ބުނަން ނުވާވަރުގެ އެއްޗެހި ހުންނާނެކަން ދަންނަންވާނެ" ޒޭބާ ހިތްހަމަނުޖެހުނެވެ.
ލައިބާ އާއި ހިބާ އައިގޮތަށް ސާރާއަށް ބަލަން ތިއްބެވެ. އެއީ ސާރާ ކަން ދެކުދީންނަށް އެނގުނީ ކުޑަވަގުތުކޮޅެއް ފަހުންނެވެ.
"ސާރާ ތަ؟ ކިހިނެއްވެގެން މިއުޅެނީ؟" ހިބާ އަހާލިއެވެ.
"ކަލޭމެން އެންމެން ރާވައިގެން މަށާ ބާޒިލް ދުރުކުރުވީ. ހަނދާންކުރާތި. ބާޒިލް މަށާ ދުރުވީ. މަ ބާޒިލްއަކާ ދުރެއްނުވަން" ލޮލުން ވެއްޓުނު ކަރުނަތިކި ސާރާ ފޮހެލިއެވެ.
"ސާރާއަށް ވުރެ ކުރީން ޒެއްލުގެ އަނބިމީހާއަށް ވީ މެލެކް. އަދިވެސް އެ ހަގީގަތް ބަދަލެއްނުވޭ. ދެން ކޮންމެހެން މެލެކް އާ ޖައްސާލަންވީ ކީއްކުރަން. ޒެއްލުގެ ކަމެއްނު ސާރާ ދޫކޮށްލުމަކީ" ހިބާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.
"ކޮންމެހެން މިކުއްޖާ ކައިރީގަ ބޭކާރު ވާހަކަދައްކާނެ ކަމެއް ނެތް. ކަލޭމެން ތި ދާން އުޅޭ ތަނަކަށް ދިޔައިމަ ނިމުނީއެއްނު"
ސިހާމާ ސާރާ އަތުގައި ހިފައިގެން ހިނގައިގަތެވެ. ސީހާމާ އަކީ -މީހުންގެ ތެރޭގައި ޒުވާބުކޮށް އަޑުގަދަކުރާ ޒާތުގެ މީހަކަށް ނުވިޔަސް ދިޔަ މަގުމަތީގައި ސާރާ އާ ދެކޮޅަށް އެއްޗެއް ބުނި ކޮންމެ މީހަކަށް އޭނާ ރައްދު ދިނެވެ.
****
ލޫލުއަށް ކާންދެމުން ދިޔައިރު މެލެކް އިނީ ހިމޭންވެފައެވެ. ޝަކުވާކުރަމުން ދިޔަ ލޫލު އާ ވާހަކަދެއްކުމެއްވެސް ނެތެވެ. ނަމާދުން ފައިބައިގެން މުސައްލަ އޮޅާލާފައި ތެދުވި ޒޭބާއަށް ހުއްޓިފައި އިން މެލެކް ފެނުމުން ސުވާލުނުކޮށް ނުދެވުނެވެ.
"ސާރާ.... އަދިވެސް ސާރާ މަށާ ދިމާކުރާނެ" މެލެކް ބުންޏެވެ.
"އެކަމާ ތި ވިސްނަނީ. އާނ ޔަގީން ދިމާކުރާނެކަން. އެކަމާ އަޅާނުލާބަލަ. ސާރާގެ ކަންތައް މާބޮޑުވިއްޔާ އޭނަ މައިތިރިކުރަން ދެން ކުރެވޭނެ ކަންކަންވެސް އެބަހުރި" ޒޭބާ ބުންޏެވެ.
"ޒެއްލުމެން ފުރީތަ؟ ނަމާދުން އައިގޮތަށް މިތަނަށް ވަދެވެސްނުލާ އެދިޔައީ" މެލެކް ބުންޏެވެ.
"ކޮންތާކު؟ ނަމާދުން އައިސްދާނެ މިހާރު. ފުރަންވާއިރަށް އެއްޗެހި ހަމަކުރަނީ. ދޮންތަ އެބައުޅޭ މިރުސްގަނޑު ތައްޔާރުކޮށް" ޒޭބާ ބުންޏެވެ.
އޭނާ ތެދުވެގެން ގޮސް މުސައްލަ އޮތް ތަނުގައި ބާއްވާފައި އެނދުމަތީގައި އޮތް އޭނާގެ ފޯނު ހިފައިގެން ހިނގައިގަތެވެ.
"ލޫލު ނިދީމަ ނިކުނަންޗެ ބޭރަށް. އެންމެން ހަމަވީމަ މަޖާވާނީ" ޒޭބާ ބުންޏެވެ. މެލެކް ބޯޖަހާލިއެވެ.
ޒޭބާ ދިޔުމުން މެލެކްގެ އަތްމަތި އަވަސްކޮށްލިއެވެ. ލޫލުއަށް ކާންދީ ނިމުމުން ގައި ދޮއްވާލާފައި ނިކަން އަވަހަށް ނިދަން ތައްޔާރުކޮށްލިއެވެ. ލައިޓުގެ އަލި ފަނޑުކޮށްލާފައި ލޫލު ގޮވައިގެން އެނދުގައި ޖައްސާލިއެވެ. މާބޮޑަށް ވަރުބަލިވެ ނިދި އައިސްފައި އޮތުމުން ކަންނޭނގެއެވެ. ލޫލު އޮތީ ވަރަށް މަޑުންނެވެ. މަޑުމަޑުން ލޫލުގެ ބަނޑުމަތީގައި އިނގިލުތަކުން ޖަހަމުން ދިޔައިރު މެލެކްގެ ވިސްނުންތައް އަނެއްކާވެސް ލަސްލަހުން ސާރާގެ ވާހަކަތަކާ ދިމާލަށް ދަތުރު ފަށައިފިއެވެ. ހިތަށް އެރިއެވެ. ހަގީގަތުގައި ގޯސްހެދީ ކާކު ހެއްޔެވެ؟ ސާރާ އަތުން ބާޒިލް ދަމައިގަނެވުނީ ހެއްޔެވެ؟ މީހެއްގެ އަތުން އެމީހެއްގެ ލޯބި ފޭރިގަނެގެން އަނެކަކަށް އުފާވެރި ދިރިއުޅުމެއް ލިބިދާނެ ހެއްޔެވެ؟
ކުއްލިއަކަށް މެލެކްއަށް ދެލޯ ހުޅުވާލެވުނީ އޭނާގެ މޫނުގައި މީހަކު ބީހޭހެން ހީވާތީއެވެ. ރަނގަޅަށް ދެލޯ ހުޅުވާނުލެވެނީސް އޭނާއަށް ދާދި ކައިރިން ބާޒިލްގެ މޫނު ފެނިއްޖެއެވެ. ތެދުވަން އުޅުނު ހިނދު އޭނާގެ ދެ ކޮނޑުގައި ބާޒިލް އަތް އަޅާފައި އިޝާރާތުން އޮންނާށޭ ބުނެލިއެވެ.
"ގަޑިން ކިހާއިރެއްތަ ވެގެން މިއުޅެނީ؟ ލޫލު އާ އެއްކޮށް ނިދުނީ" މެލެކް ބުންޏެވެ.
"އަށްގަޑި ބައި އަދި ނުވޭ" ބާޒިލް ބުންޏެވެ.
"ވަޓް؟ އެންމެން ކެއީތަ؟ ނުދަންތަ މަސްދަތުރު؟" ކުއްލިއަކަށް މެލެކް ބުންޏެވެ.
"ދާން މިދަނީ. ކިހިނެއް އަހަރެން އެންމެ ލޯބިވާ ދެކުދީންގެ މޫނު ދެކިނުލާ ދާނީ" ބާޒިލް ބުންޏެވެ.
"އެއްކަލަ... ހިނގަ މިތަނުން ނިކުންނަން. އެންމެން މިހާރު ތިބޭނީ ލަސްވެފަ" މެލެކް ތެދުވަން އުޅުނެވެ.
އެހިނދު ބާޒިލް މެލެކްއަށް ހުރަސްއެޅިއެވެ. ކައިވެނި ނުކުރެވޭކަމުގެ ބަހަނާގައި މެލެކް ހުންނަނީ ބާޒިލް އަބަދުމެ މިހާރު ދުރުކޮށްފައެވެ. މެލެކް ފެންނަ ކޮންމެފަހަރަކު ބާޒިލް ހުންނަނީ އެ ލޯތްބަށް އެދިއެދިއެވެ. މިފަހަރުވެސް ވީ އެކަހަލަ ގޮތެކެވެ. އޭނާއަށް މެލެކް އާ ގާތަށް ދެވުނެވެ. އޭނާގެ ގާތަށް މެލެކް ގެނެސް ނިކަން ލޯބިން ބައްދާލިއެވެ.
"ދެން ނިމުނީ" ބާޒިލް ދުރުކޮށްލާފައި މެލެކް ބޭރަށް ނިކުތެވެ. ބާޒިލް ހުއްޓުވަން އުޅުމުންވެސް އޭނާ އަތުޖެހޭގޮތެއް ނުވިއެވެ.
****
ގަޑިން ނުވައެއްޖަހަން ދިހަމިނެޓް ހުއްޓެވެ. މަސްބާނަން ގޭ ފިރިހެނުން ފުރިތާ އިރުކޮޅަކަށް ވުރެ ގިނައިރު ވެއްޖެއެވެ. ލޫލު ކައިރީގައި އޮށޯވެލައިގެން އޮވެފައި މެލެކް ތެދުވީ ހިބާ ގުޅާތީއެވެ. ފޯނު ނެގުމާއެކު ހިބާ އެދުނީ ވަރަށް އަވަހަށް ތައްޔާރުވެލުމަށެވެ. މެލެކް ތައްޔާރުވެލިއެވެ. ކޮޓަރިން ބޭރަށް ނިކުތްއިރު ހިބާ އާއި ލައިބާ އަދި މައިލީން ސޯފާގައި އިނެވެ. ކައިރީގައި މައުސޫމާ އިންއިރު ޓީވީ އިން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައި ޒިޔާދު އިނެވެ.
"ހެދުން ފަހާ ގެއަށް މިދަނީ" ހިބާ ބުންޏެވެ.
"މިރޭ ތަ؟" މެލެކް ބުންޏެވެ. ފެންނަ ހިސާބުގައި ބާޒިލް ނެތުމުން މެލެކް ހުރީ މޫޑީވެފައެވެ.
"ކީއްތަވީ. މާދަމާ ރޭ ޕާޓީ އޮތްއިރު ކަމުނުދާ ތަންކޮޅެއް ހުއްޓަސް ހަދާލެވޭނީ ކުރިން ގޮސް ބެލީމައެއްނު. ހިނގާ ދާން. އަންނަމުން އަންނާނީ ޕާނީޕޫރީ ވެސް ކައިގެންނޭ" މައިލީން އައިސް މެލެކް އަތުގައި ހިފިއެވެ.
"ހާސްނުވެބަލަ ދެން ދޮންތަގެ އެންމެ ލޯބި ފަހަރި. ލޫލު މަންމަ އާ ހަވާލު" ހިބާ ބުންޏެވެ.
"ދަރިފުޅާ. ދިޔުމުގެ ތިކުދިންގެ ފިރިން ކައިރިން ހުއްދަ ހޯދާލައްޗޭ." މައުސުމާ ބުންޏެވެ.
"ބާޒިލް އޮންނަނީ މީގެކުރިން ވެސް ހުއްދަ ދީފަ. އޭރުވެސް އަޅުގަނޑު ބާޒިލް ގާތުގަ ނާހާ ދޮރާށިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނާޅަން"
ކުއްލިއަކަށް މެލެކް ބުނި އެއްޗަކުން ހުރިހާ މީހުން ހުއްޓުން އެރިއެވެ. ޒިޔާދުވެސް މައުސޫމާއަށް ހައިރާންކަމާއެކު ބަލައިލިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ކެތްނުވެގެން އެއްޗެއް ބުނަން އުޅުނީ ލައިބާ އެވެ. އެހެންނަމަވެސް ދުލުން ބަސް ބޭރުކޮށްލުމުގެ ކުރިން މައިލީން ލައިބާ ހުއްޓުވިއެވެ.
"ކިހިނެއްވީ؟ ކީއްވެ އެންމެން ހުއްޓުންއެރީ" މެލެކް ބުންޏެވެ.
މައިލީން މެލެކްގެ މޫނުގައި ފިރުމާލިއެވެ. އަދިއެއްފަހަރު އެފަދަ އިޝާރާތެއް ދިނުމަށް ހިތާހިތުން އޭނާއަށް މެލެކްގެ ކިބައިން އެދެވުނެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅެއް މިހާރު އެދަނީ މެލެކްގެ ހަނދާންތައް އައުކުރުވަމުންނެވެ. ދެން ލަހެއް ނެތެވެ. މައިލީން ވަގުތުތައް ގުނަން ފެށިއެވެ.
"ކަމެއްނުވޭ. ހިނގާ ދާން" މައިލީން ބުންޏެވެ.
"ޓޫ މިނެޓްސް. ބާޒިލްއަށް ގުޅާލންއެބަ" މެލެކް ބުންޏެވެ.
މައުސޫމާ ބޯޖަހާލުމުން ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް މެލެކް ޖެހިލިއެވެ. މައިލީން ހައިރާންވެފައި މެލެކްއަށް ބަލަން ހުއްޓެވެ.
"ކިހިނެއް މިވަނީ. ކުރީ ދުވަހަކުވެސް ހަނދާންތައް އަންނަން އުޅޭ ކަހަލަ އިޝާރާތެއް ދިން" ތެދުވެގެން އައިސް މައުސޫމާ އަންހެންކުދީންތައް ކައރީގައި ހުއްޓުނެވެ.
"އަލްހަމްދުލިއްލާހް.... ރަނގަޅު ސިގްނަލެއް. ހީވަނީ ލަސްތަކެއްނުވެ ހުރިހާކަމެއް ރަނގަޅުވެދާނެހެން. މިގެއަށް ބަދަލުވިފަހުން ހަނދާންތައް އަންނަން ފެށީ. މިހާރުވެސް ހިތްއަވަސްވާން ފަށައިފި. މާދަމާ ނޭނގޭ ކޮންކަމެއްގެ ވާހަކަ ކަމެއް ބުނާނީ" މައިލީން ބުންޏެވެ.
(ނުނިމޭ)