ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 12

4

''މިވަގުތު އިތުރަށް މިމައުޟޫޢުއަށް ވާހަކަދައްކަން މަންމަ ބޭނުމެއް ނޫން، ދަރިފުޅު ތިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފަ... އަރާމުކޮށްލާ....'' ޤަމަރު ކޮޅަށް ތެދުވުނެވެ.

އައިރާގެ ވިސްނުން ޤަބާލުކުރަން ޤަމަރުގެ ޒަމީރު ދެކޮޅު ހެދިއެވެ. އައިރާގެ އާދޭސްތަކަށް ބީރު ކަންފަތެއް ވެސް ދިނީ އެހެންވެއެވެ. އެފަދަ ގޮތަކަށް އައިރާގެ ވިސްނުން ބެހެއްޓުމުން ހިތްހަމަ ނުޖެހުނެވެ. އުނދަގޫ ދަނޑިވަޅަކަށް ވިޔަސް އައިރާ އެއަށްވުރެން ޒިންމާދާރު ވާނެކަމަށް އޭނަ އުއްމީދުކުރިއެވެ. ޒޯހަންއާއި މަޝްވަރާކުރުމެއް ވެސް ނެތި އެފަދަ ބޮޑު ނިންމުމަކާ ހަމައަށް އަންނަން ގަސްދުކުރުމުން، ނުރުހުމުގެ އަސަރާއެކު ބުމަ ވެސް ކައިރިކޮށްލެވުނެވެ. އައިރާގެ ހިތުގައި ވިންދުޖަހަމުން ދިޔަ ބިރުވެރިކަމާއި ނުތަނަވަސްކަން އޭނައަށް ނަގައިނުގަނެވެނީއެއް ނޫނެވެ. ނަމަވެސް އައިރާގެ ނިންމުމާ އެއްގޮތަކަށް ވެސް ރުހެވޭ ގޮތެއް ނުވެއެވެ. ހިތްވަރާއެކު މި އިމްތިހާނާއި ކުރިމަތިލުމުގެ ބަދަލުގައި، މާޔޫސްކަމުގެ ހިޔަނީގެ ނިވަލުގައި ފިލަން އައިރާ ގަސްދުކުރުމުން ޤަމަރު ދެރަ ވެސް ވިއެވެ. ޒޯހަންއަށް އައިރާ އިތުބާރުނުކުރަނީ ހެއްޔޭ ވެސް ހިތަށް އެރިއެވެ. އެލޯތްބާ މެދު އެއްވެސް އުއްމީދެއް ނެތީ ހެއްޔެވެ؟

''މަންމާ، ޕްލީޒް، އަހަންނަށް މިކަންތައްކޮށްދީބަލަ...'' އައިރާއަށް ބާރަށް ރޮވިއްޖެއެވެ. އޭނަގެ އާދޭސްތައް މަންމަ އަޑު ނާހާނެކަން ނަގައިގަނެވުނު ހިނދު އައިރާއަށް ބާރުބާރަށް ރޮވުނެވެ. އެވަގުތު އެނދުގައި ބައްޕަ އިށީންކަން އައިރާއަށް ރޭކާލިއެވެ. މޫނުގައި ދެއަތްއަޅައި ފޮރުވާލެވުނެވެ. ހިމަހޯލި އިނގިލިތަކުގެ ތެރޭން، ވޭނުން ފުރިގެންވި ކަރުނަތައް ފޭދެން ފެށިއެވެ.

''އައިރާ...'' އައިރާ ގެެނެސް މޭގައި ޖައްސާލަމުން ބަސީލް ބުންޏެވެ. ފެންނަމުން ދިޔަ މަންޒަރުތައް ބަލަން ބަސީލްއަށް ކުޅަދާނައެއް ނުވިއެވެ.

''ބައްޕާ...'' ގިސްލަމުން އައިރާ ގޮވާލިއެވެ. އަނެއްކާ ވެސް އައިރާ އާދޭސްކުރަން ފެށިއެވެ. ޒޯހަންއަށް އެއްވެސް ކަމެއްގެ ހިލަންވާން ނޭދޭކަން ތަކުރާރުކޮށް ބުނަން ފެށިއެވެ. އޭނަގެ ބަލި ހާލަތު ޒޯހަންއަށް ސިއްރުކޮށްދިނުމަށް އެދި އާދޭސްކުރަން ފެށީ ވޭނުން ފުރިފައިވި އަޑަކުންނެވެ.

''ދަރިފުޅާ، ނިކަން ބައްޕަ މި ބުނާ އެއްޗެއް އަޑުއަހާބަލަ...'' ބަސީލްގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އައިރާގެ ގިސްލުންތަކުން އޭނައަށް ފުން އަސަރުތަކެއް ކޮށްފިއެވެ.

''އައި ކާންޓް ލެޓް ޒާން ގޯ ތްރޫ ވަޓް ޔޫ އޮލް ވެންޓް ތްރޫ ބިފޯ...'' ކުރެހިފައިވާ އަޑަކުން އައިރާ ބުންޏެވެ.

އައިރާގެ އާދޭސްތަކާއި ކަރުނައިގެ ފަހަތުގައި ފޮރުވިފައިވަނީ ޒޯހަންއަށް އެހިތުގައި އޮތް ލޯތްބެވެ. ކުއްލިޔަކަށް މުޅި މީހާގެ ތަބީއަތް ބަދަލުވެގެން ދިޔައީ ވެސް އެހެންވެއެވެ. އޭނަގެ ބަލި ހާލަތު އެނގިއްޖެނަމަ އޭނަގެ ގާތުގައި ވުމަށް ޒޯހަން ބޭނުންވާނެ އެވެ. އޭނަގެ ހިތްވަރުކަމުގައި ވާން ވެސް ބޭނުންވާނެ އެވެ. އެހެނަސް އެކަމާއި އޭނައަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ މަރު ބައްޔެއްގައި ދުނިޔެ އަޅާދާއިރުގައި، އެމަންޒަރު ޒޯހަންއަށް ފެންނަން އެދެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ފަހަރު އޭނަގެ ނަސީބު ރަނގަޅުވުމުގެ ސަބަބުން ކެންސަރާއި ހަނގުރާމަކޮށް ކުރިއެރުން ލިބުނެވެ. ނަމަވެސް މިފަހަރު ކާމިޔާބު ވެދާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އުއްމީދުކުރަން ބޭނުން ވިޔަސް މާޒީގައި ކަންތައް ވެދިޔަ ގޮތުގެ ސަބަބުން އައިރާގެ ނަފުސަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ. އެ ބިރުވެރިކަމުގެ ތެރެއަށް ޒޯހަން ހުށަހެޅިގެންދާން އޭނަގެ ޒަމީރު އިންކާރުކުރިއެވެ. އެއަށްވުރެން ބޮޑަށް ޒޯހަން ދެކެ އޭނަ ލޯބިވެއެވެ. އެލޮލުން ކަރުނަ ފައިބާ މަންޒަރު ދެކެން އޭނައަށް ކުޅަދާނައެއް ނުވާނެއެވެ.

''އެންމެ ރަނގަޅު...'' އައިރާގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭނެހާ ހިތްވަރެއް ބަސީލްގެ ނެތެވެ.

''ބަސީލް...'' ޤަމަރުއަށް ބުނެވުނެވެ. އެވަގުތު ޤަމަރުގެ މޫނަށް ބަސީލް އަވަސް ނަޒަރެއް ދިނެވެ. ހިމޭންކަމުގެ ދުލުން ވާހަކަތަކެއް ދެކެވުނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ޤަމަރުއަށް މަޖުބޫރުވީ ހިމޭންކަން އިހްތިޔާރުކުރާށެވެ.

''މިވަގުތަށް މިވާހަކަ މެދުކަނޑާލަން ބައްޕައަށް ފެންނަނީ... ދަރިފުޅު ހަމައަށް އެޅުނީމަ ވިސްނާފަ ބައްޕަމެންނަށް ދަރިފުޅުގެ ނިންމުން ބުނެދީ، އެހާއިރަށް ޒާން ގާތު އެއްވެސް ވާހަކައެއް އެކަކު ވެސް ނުދައްކާނެ...'' ބަސީލް ބަލައިލީ ޤަމަރަށެވެ.

''މީ އެންމެ ފަހުގެ ނިންމުން...'' އައިރާ ގޮތްދުލެއް ނުކުރިއެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއަށް ފަހު އައިރާގެ ބޮލުގައި ބަސީލް ފިރުމާލިއެވެ.

އޭނަގެ ނިންމުމާއި ދެކޮޅަށް ބައްޕަ ވާހަކަ ނުދެއްކުމުން، ހާސްކަން ވެރިވެފައިވި ސިކުނޑިއަށް ލުޔެއް ލިބުނެވެ. ކަރުނަ ފޮހެލަމުން އައިރާ ދުރަށް ޖެހިލިއެވެ.

އިރުކޮޅެއް ވަންދެން އައިރާގެ މޫނަށް ބަލަހައްޓައިގެން ބަސީލްއަށް އިނދެވުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ލޯކައިރިވަނީ ދުޅަވެ ރަތްވެފައެވެ. އަދިވެސް އެސްފިޔަތަކުގައި ވަނީ ކަރުނައިގެ އަސަރެވެ. ހިނިތުންވުން ގެއްލި މާޔޫސްކަމުގެ ސައިލެއް އޮޅާލެވިފަވި އައިރާގެ މޫނުން ބަސީލް މާޔޫސްކުރުވައިފިއެވެ. ހަޔާތުގައި ވެސް އެހާ ބަލިކަށި އިހުސާސެއް ނުކުރެވެއެވެ. ދަރިފުޅުގެ އުފާވެރިކަން ހޯދައިދޭނެ ގޮތެއް ވެސް ނޭނގުނެވެ.

''ދަރިފުޅަށް އިތުރު އުނދަގުލެއް ވަންޏާ ބުނައްޗޭ...'' ބަސީލް ކޮޅަށް ތެދުވުނެވެ. ނިކަން އަވަހަށް ބަސީލްގެ އެނިންމުން އައިރާ ޤަބޫލުކޮށްފިއެވެ. ޤަމަރު ގޮވައިގެން ކޮޓަރިން ނިކުންނަން ބަސީލް ހިނގައިގަތީ އައިރާ ހަމައަކަށް އެޅުމުންނެވެ.

*****

''ބަސީލް!...'' ކޮޓަރިއަށް ވަދެވުމާއެކު ޤަމަރު ގޮވާލިއެވެ. އައިރާ ކުރިމަތީގައި ބަސީލްގެ ނިންމުމާއި ދެކޮޅަށް ވާހަކަދައްކަން ބޭނުންނުވާތީ އޭނަ އިހްތިޔާރުކުރީ ހިމޭންކަމެވެ. ނަމަވެސް ކޮޓަރީގައި ދެމަފިރިން އެކަނިވުމާއެކު ޤަމަރުއަށް ގޮވާލެވުނެވެ. ބަސީލްގެ ފަހަތުން ގޮސް ސޯފާގައި އޭނަ އިށީނެވެ. ކަންބޮޑުވުމާއެކު ބަސީލްއަށް ބަލަހައްޓައިގެން އިނުމަށްފަހު އޭނަގެ ވާހަކަ ފެށިއެވެ.

''އެއީ ރަނގަޅު ނިންމުމެއް ނޫނެއްނު... ޒާންއަށް ހަޤީޤަތް އެނގެން ޖެހޭނެއެއްނު؟...'' ޤަމަރުއަށް ބުނެވުނެވެ.

''ތިކަން އެނގެޔޭ...'' ބަސީލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ބޮލަށް ވަނީ ބަރުވެފައެވެ. ހާސްކަން ބޮޑުވެ ބޮލުގައި ރިއްސަން ވެސް ފަށައިފިއެވެ. ކަރުނަވަޅުގައި ބޮޑުވާއިނގިލި ވިއްދާ ބަރުކޮށްލުމަށްފަހު ލޯހުޅުވާލެވުނެވެ.

''ދެން ކީއްވެ އަރޫގެ އެދުމާއި ޤަބޫލުވީ؟...'' ޤަމަރުއަށް ޝަކުވާކޮށްލެވުނެވެ. ''ކައިވެންޏާއި ވެސް ދެކޮޅު ހަދަން އެހުރީ ތައްޔާރަށް، މިވަގުތު އަރޫއަށް ވިސްނައިދޭން ތިބީ އަހަރުމެން، މީ އުނދަގޫ ވަގުތެއްކަން އެނގޭ، އެކަމަކު އެކަހަލަ ނިންމުންތަކަށް ހިތްވަރު ދިނުން އެއީ ބުއްދިވެރި ގޮތެއް ނޫނޭ، ވަގުތާއި ހާލަތުގެ ސަބަބުން ކައިވެނި ފަސްކޮށްލުން ގޯހެއް ނޫން، އެކަމަކު ޒާންގެ ޚިޔާލެއް ހޯދުމެއް ވެސް ނެތި ކައިވެންޏާއި ދެކޮޅު ހަދަން އަރޫ އެހުރީ ތައްޔާރަށް، ޒާންއަށް ހަޤީޤަތް އަންގާކަށް ވެސް ބޭނުމެއް ނޫވޭ...''

''އަރޫއަށް ވަގުތު ދެމާ!، ސްޓްރެސްވަފަ ހުރީމަ އެހެން އެބުނަނީ، ފަހުން ރަނގަޅު ވާނެޔޭ... އަހަންނަށް ފެންނަނީ އަރޫ ބޭނުން ގޮތަށް ކަންތައް ކޮށްދޭން، އެހެންނޫނީ އެކަމާ ވިސްނަން ހަދައިގެން އިތުރަށް ބަލިވެދާނެ...'' މޮޅިވެރިކަމާއެކު ބަސީލް ވާހަކަދެއްކިއެވެ.

''އެ ޚިޔާލު ބަދަލު ނުވެޖެއްޔާ ވާނީ ކިހިނެއްތަ؟... ޒާންއަށް އަަހަރުމެން ދޭނީ ކޮން ޖަވާބެއް؟، ރިސާލާމެންގެ ސުވާލުތަކާއި ކުރިމަތިލާނީ ކިހިނެއްތަ؟، ޒާންގެ މާމައަށް ޖަވާބުދާރީ ވާނީ ކިހިނެއްތަ؟...'' އައިރާގެ ނިންމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާ މެދު ހިތް ހާސްކުރުވަމުން ސުވާލުތައް ބަންޑުންކޮށްލެވުނެވެ. ދެޢާއިލާގެ ގުޅުމަށް އެނިންމުމުގެ ސަބަބުން ހީނަރުކަމެއް އަތުވެދަނެތީ އެކަމާއި މެދުގައި ވެސް ވިސްނުނެވެ.

''ދެން މިވަގުތަށް ތި ވާހަކަ ބާއްވަބަލަ، މާދަމާ ނަތީޖާ ލިބުނީމަ ދެން އިތުރަށް ތި ވާހަކަ ދައްކާނީ...'' ބަސީލް ބުންޏެވެ. ބަސީލްއާއި ދެބަސްވާން ބޭނުން ނުވާތީ ޤަމަރު ވެސް އަމާންކަން ދިނެވެ. އޭރު ބަސީލްގެ ޖުމްލައިން އޭނަގެ ހިތަށް ނުބައި ގޮތެއް ވެއްޖެއެވެ. މާދަން ނަތީޖާ ލިބުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ވިސްނެމުން ދިޔަ ވަރަކަށް މުޅި މީހާގެ ހަމަޖެހުން ގެއްލެން ފަށައިފިއެވެ.

''އަހަރެން ވަރަށް ބިރުއެބަގަނޭ... ދެވަނަ ފަހަރަށް ބްރެއިން ޓިއުމާރ ފެނުމުން ސަވައިވަލް ރޭޓް ވެސް ދަށްކަމަށް ވަނީ...'' ޤަމަރުގެ ލޮލުން ކަރުނަ ހިލުނެވެ. ރޭހަތަރުދަމު އިންޓަނެޓުން ހޯދި މައުލޫމާތުތައް އައިސް އޭނަ ވަށާލައި ނޭވާ ހާސްކުރުވައިފިއެވެ. ވިސްނަން ބޭނުން ނުވިޔަސް އެޚިޔާލުތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ.

''ޤަމަރު، ތިހެން ނުވިސްނަބަލަ، އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެޔޭ...'' ޤަމަރުއާއި ދިމާއަށް ބަސީލް އެނބުރިލިއެވެ. އޭނަ ޤަމަރުއަށް ވިސްނައިދިނެވެ. ހިތަށް ވެރިވަމުން ދިޔަ ގޯސް ޚިޔާލުތަކާއި ދުރުވުމަށް ހިތްވަރު ދިނެވެ.

''ކިހާއިރަކު ނަތީޖާ ލިބެނީ؟...'' ބަސީލް ސުވާލުކޮށްލިއެވެ.

''ހެނދުނު ލިބޭނެ ކަމަކަށް ވަނީ... އެހާއިރަށް އެޕޮއިންޓްމެންޓް ވެސް ލިބިއްޖެ...'' ޤަމަރު ޖަވާބު ދިނެވެ.

*****

އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮތް އައިރާއަށް އަދިވެސް ގިސްލެވެއެވެ. ވަރުބަލިވެގެން ގޮސް ކުޑައިރުކޮޅަކަށް ނިދިފައި އަނެއްކާ ވެސް ސިހިފައި ހޭލެވުނެވެ. އޭރު ބޭހުގެ ސަބަބުން ބޮލުގެ ރިހުން ވަނީ ލުއި ވެފައެވެ. ހަށްޓަށް ފަސޭހަވެފައި ވިޔަސް ހިތުގެ ރިހުމަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ.

ބާލީސް ދަށުގައި އޮތް ފޯނު ނަގައި އައިރާއަށް ގަޑި ބަލައިލެވުނެވެ. އޭރު ރޭގަނޑު ހަތެއްޖަހާ ދިޔައީ އެވެ. އަވަހަށް އެނދުން ތެދުވެލީ މަޣުރިބު ނަމާދު ވަގުތު ފަހަނައަޅައި ގޮސްދާނެކަމުގެ ބިރަށެވެ. އަތްމަތި އަވަސްކޮށްލަމުން އޭނަ ގޮސް ފާޚަނާއަށް ވަނެވެވެ. ވުޟޫކޮށްލަމުން ފާޚަނާއިން ނިކުތުމާއެކު، ރިންގްވަމުން ދިޔަ ފޯނުގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއާއެކު އައިރާގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ނުބެލި ކަމުގައި ވިޔަސް ގުޅަނީ ކާކުކަން އައިރާއަށް ނަގައިގަނެވުނެވެ. އައިރާގެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. ރިންގުގެ އަޑު ކެނޑެންދެކަށް ހުރި ފިޔަވަޅުމަތީގައި ގުޑިލަން ވެސް ނޭނގިފައި ހުރެވުނެވެ. ހަރަކާތެއް ކޮށްލަން އެނގުނީ ނަމާދު ވަގުތު ގެއްލިދާނެކަމުގެ އިންޒާރުގެ ސިގްލަން ސިކުނޑިން ދިނުމުންނެވެ. ފޯނަށް ސަމާލުކަން ދިނުމަށްވުރެން ބޮޑަށް އޭނަ އަވަސްވެގަތީ ނަމާދަށް އެރުމަށެވެ.

ދޮޅި އަޅައި ފަޔަށް އިސްޓާކީނު މަހާލަމުން އައިރާ ކޮޅަށް ތެދުވުނެވެ. ޤިބުލައަށް ކުރިމަތިލަމުން މުސައްލަ ވެސް އަޅާލިއެވެ. އިރުއިރުކޮޅާ އޭނަގެ ޚިޔާލުތައް ގޮސް ފޯނަށް ހުއްޓޭވަރުން ވެސް ހިތަށް އުނދަގޫވާން ފެށިއެވެ. އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ނަމާދަށް ފުރިހަމަ ސަމާލުކަން ދޭން ބޭނުން ވިއެވެ. ސަލާން ދިނުމަށްފަހު އައިރާގެ ސަމާލުކަން އަނެއްކާ ވެސް ފޯނަށް ހުއްޓުނެވެ. މިފަހަރު އިވުނީ މެސެއްޖެއް އައި އަޑެވެ. ފޯނު ނަގަން ދާން ބޭނުން ވިޔަސް އައިރާއަށް ފަސްޖެހެވެނީއެވެ. ޒޯހަންއާއި ކުރިމަތިލާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ.

ޒޯހަންގެ ސުވާލުތަކަށް އޭނައަށް ޖަވާބުދާރީ ވެވިދާނެ ހެއްޔެވެ؟ ކައިވެންޏާއި އޭނައަށް ދެކޮޅު ހެދިދާނެ ހެއްޔެވެ؟ އޭރުން އޭނައާއި މެދު ޒޯހަން ދެކޭނީ ކިހިނެއް ހެއްޔެވެ؟ ލޯބި ނަފުރަތަށް ބަދަލުވެގެން ގޮސްފާނެ ހެއްޔެވެ؟ ޒޯހަންގެ ޢާއިލާ އޭނައާއި މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އެނަގެ ނިންމުމުގެ ސަބަބުން ދެޢާއިލާގެ ގުޅުން ހީނަރުވެގެން ގޮސްދަނެ ހެއްޔެވެ؟ އޭނައަށް ހަޤީޤަތް ސިއްރުކުރެވިދާނެ ހެއްޔެވެ؟

ހަދަންވީ ގޮތެއް އައިރާއަކަށް ނޭނގުނެވެ. ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. ވިއްސިވިހާލިވަމުން ދިޔަ ހުވަފެންތަކުގެ ތެރެއަށް ގެއްލިފައި އިންދާ އިޝާ ނަމާދަށް ބަންގި ގޮވައިފިއެވެ. އަނެއްކާ ވެސް އައިރާގެ ސަމާލުކަން ހުއްޓާލީ ނަމާދަށެވެ. އޭރު ވެސް ސިކުނޑީގެ ކަނަކުން އޭނައަށް އިންޒާރު ދެމުން ދިޔައެވެ. ހަޤީޤަތަށް ފިލަން ދުވޭކަށް ނެތެވެ. ޒޯހަންއާއި އޭނަ ޖެހޭނީ ކުރިމަތިލާށެވެ. ޒޯހަންގެ ފޯނުކޯލްތަކަށް ޖަވާބު ނުދީފިނަމަ ޒޯހަން ކަންބޮޑުވާނެ މިންވަރު ވެސް ނަގައިގަނެވުނެވެ. ހަދާނެ ގޮތެއް އައިރާއަކަށް ނުވިސްނުނެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން ޒޯހަން މިވަގުތު ހުރީ މާލެއިން ބޭރުގައެވެ. މިއަދު ހެނދުނު ކުއްލި ގޮތަކަށް ފުރައިގެން ދާން ޖެހުނީ ބ.އަތޮޅުގައި އަޅަމުންދާ ރިސޯޓެއްގެ ސައިޓް އިންސްޕެކްޝަނަށެވެ. ފުރުމުގެ ކުރިން އޭނައަށް ޒޯހަން ޚަބަރު ވިއެވެ. އޭނަގެ ނަސީބާއި މެދު ޝުކުރުވެރި ވެވުނެވެ. ޒޯހަން މާލެ އަންނަން ވާއިރަށް އޭނަގެ ނިންމުމާއިގެން ކުރިއަށް ދާން އައިރާ ގަސްދުކުރިއެވެ.

ނަމާދުން ފައިބަމުން، އައިރާ ގޮސް ފޯނު ނެގިއެވެ. ޒޯހަންއާއި ކުރިމަތިލާނެ ގޮތަކާ މެދު ވިސްނަމުން ކޮޓަރި ތެރޭ ކުރުކާލި ކަނޑަން ފެށިއެވެ. ކޮޓަރީގައި ހުންނަން ވުމުން ސިކުނޑީގެ ހަލަބޮލިކަން އިތުރުވާން ފެށިއެވެ. ސާފު ވައިފޮދަކަށް އޭނަ ހުރީ ބޭނުން ވެފައެވެ. އެއާއެކު އޭނަ މިސްރާބު ޖެހީ ކޮޓަރިން ނިކުތުމަށެވެ. ކުޑަކޮށް ދޮރު ހުޅުވާލަމުން ގޭތެރެއަށް އަވަސް ނަޒަރެއް ދިނެވެ. ގޭތެރެއިން ފެންނަމުން ދިޔައީ ފަޅުކަމެވެ. އެހަމަހިމޭންކަމުން މިފަހަރު އައިރާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ސިއްރު ފިޔަވަޅުތައް އަޅަމުން ގޮސް އޭނަ ބެލްކަންޏަށް ނިކުތެވެ. މޫނުގައި ބީހިލި ފިނިފިނި ރޯޅިއާއެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

އައިރާ ގޮސް އުނދޯލީގައި އިށީނެވެ. ރޭގަނޑުގެ ފޭރާމުން ޖަރީވެފައި އޮތް ހުޅުމާލޭގެ މަލަމައްޗަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. ދުރު ހަނދާންތަކެއްގެ އަސަރު އައިރާގެ ދެލޮލުން ފަޅުވެގެން ދިޔައެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިރުވެގެން ދިޔަފަހުން މުށުތެރޭ އޮތް ފޯނަށް އޭނަގެ ސަމާލުކަން ހުއްޓާލިއެވެ. ފޯނަށް ނަޒަރު ހުއްޓާލުމާއެކު، މޫނު މިލައިގެންދާން ނެގީ ފަޅި ސިކުންތުކޮޅެކެވެ.

''ނަމާދުކުރަނީ ދޯ؟... އިޝާ ކޮށްލައިގެން ގުޅާލައްޗޭ...'' ޒޯހަންގެ މެސެޖުގައި އޮތެވެ. އޭގެ ކުރިން ޒޯހަން ފޮނުވާފައި ހުރި މެސެޖްތަކުގައި ވަނީ ރިސޯޓްގެ ހިތްގައިމު މަންޒަރެވެ. މޫދާއި، ޤުދުރަތުގެ ރީތިކަމުން ޖަރީވެފައި އޮތް ރަށުގެ ގޮނޑުދޮށުގެ ފޮޓޯތައް ވެސް ފޮނުވާފައި ހުއްޓެވެ. އިރުއޮއްސެމުން ދިޔަ ވަގުތު ގޮނޑުދޮށުގައި ޒޯހަން ނަގާފައިވާ ސެލްފީގައި އައިރާއަށް ފިރުމާލެވުނެވެ. ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުމާއެކު ނޭވާލާން ވެސް އުނދަގޫވެއްޖެއެވެ. ޒޯހަންގެ ރީތި ހިނިތުންވުމުން ހަންޖަރުގެ ތޫނު ހަމަލާތަކެއް މެޔަށް އަމާޒުވެގެން ދިޔަ ކަހަލައެވެ. އެހިނިތުންވުމުން އިހުސާސްކުރެވުނު ލޯބިން އައިރާގެ ލޮލުން ކަރުނަ ހިލުވާލިއެވެ.

''ވިޝް ޔޫ ވާ ވިތް މީ...'' ސެލްފީ ފޮނުވާފައި ޒޯހަން ލިޔެފައި އޮތެވެ. އައިރާއަށް ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. ލޮލުން ފޭބި ކަރުނަ ތިކި ގޮސް ވެއްޓުނީ ފޯނުގެ ސްކްރީނަށެވެ. މަންޒަރުތައް ފުންވެގެން ދިޔަ ހިނދު އައިރާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. މޭގައި އޭނައަށް މަޑުމަޑުން ފިރުމާލެވުނެވެ. މިވޭން އޭނަ ބަރުދާސްތުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ބަލި ހާލަތަށް ވުރެން އޭނަ ކަންބޮޑުވެފައިވަނީ ޒޯހަންއާއި މެދުގައެވެ.

ޒޯހަން އޭނައަށް ލޯބި ހުށަހެޅި ދުވަހު ކަށިއިނގިލީގައި އަޅުވާލަދިން ހުދު ރަނުގެ އަނގޮޓީގައި އައިރާއަށް ފިރުމާލެވުނެވެ. އަލިމަސްކަށީގެ އެއަނގޮޓި އަޅުވާލަދިން ދުވަހުގެ ހަނދާންތައް އާލާވުމުން އައިރާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެދުވަހު ލިބުނު ފަދަ އުފާވެރިކަމެއް އިހުސާސްކޮށްލުމުގެ ފުރުސަތު އަދި ނުލިބެއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ޒޯހަންގެ އަންބެއްގެ މަޤާމަށް އާދެވުމުން އެއުފާވެރިކަން ދެގުނައަށް އިތުރުވެގެން ދާނެ ކަމަށެވެ. ޒޯހަންގެ ދުލުން އޭނައަށް އަންބެއްގެ މަޤާމު ދޭނެ ދުވަހަކަށް ހާދަ ފޮނި އުއްމީދުތަކެއް ވެސް ކުރެވުނެވެ. ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ހިތުގެ އުފާވެރިކަން ދިޔައީ ދެލޮލުން ބަބުޅަމުންނެވެ. ނަމަވެސް މިއަދު އެއުފާވެރިކަމުގައި ހުޅުހިފައި ގަދަޔަށް ރޯވެގެން ގޮސްފިއެވެ. އުއްމީދުތައް އަޅިއަށް ވެއްޖެއެވެ. އަނދިރިކަމަށް ދައުވަތު ދިން ހިޔަންޏަށް މަރުޚަބާ ކިޔުނީ ޒޯހަންއަށް އޭނަގެ ހިތްދަތިކަމުގެ ހިލަންވާން އޭނަގެ ޒަމީރު ދެކޮޅު ހެދުމުންނެވެ. އެއީ އިންސާފުވެރި ގޮތެއް ނޫންކަން އޭނައަށް އެނގެއެވެ. ނަމަވެސް އޭނަގެ މަޖުބޫރީ ހާލަތުގެ ސަބަބުން އިތުރު ރާސްތާއެއް ނުފެނުނެވެ. އަމިއްލަ އެދުން އިސްކުރަން އައިރާ ގަސްދުކުރީ ޒޯހަން ދެކެ ވާ ލޯތްބަށްޓަކައެވެ. އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާއި މެދުގައި ވެސް ވިސްނާނުލެވުނެވެ.

''ޒާން، އައިމް ސޮރީ، ފަހުން ޒާންއަށް ވިސްނޭނޭ، ލޯބި ވާތީ މިހެން ކަންތައް މިކުރަނީ...'' މަޑު އާހެއްގެ އަޑާއެކު އައިރާއަށް ބުނެވުނެވެ.

*****

ސްޓާފް އޭރިޔާގައި ހުރި މިސްކިތުން އިޝާ ނަމާދުކޮށްލައިގެން ޒޯހަން ފޭބިއެވެ. ފެންއިސްކުރުތައް ކައިރީ ހުރި ފައިވާނަށް އަރަމުން، ޖިންސުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އޭނަ އުއްމީދުކުރީ އައިރާގެ ޚަބަރެއް ވާނެކަމަށެވެ. ނަމަވެސް ފޯނުން ފެނުނު ފަޅުކަމުގެ ސަބަބުން ނިތުގައި ރޫޖެހިލައިފިއެވެ. އޭނަ ފޮނުވި މެސެޖްތައް އައިރާ ކިޔާފައި އިންކަމަށް ފެންނަން އިނުމުން އިތުރު ހައިރާންކަމެއް ލިބުނެވެ. ސުވާލު އުފެދިފައި ހުއްޓާ މީހަކު އޭނަގެ ކޮނޑުގައި ޖަހާލުމުން ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ގޮސްފިއެވެ. ސިހިފައި ޒޯހަން ފަހަތް ބަލައިލިއެވެ.

''ސާބަސް!، އަތުން ފޯނު ދުލެއް ނުވޭދޯ، އެންމެ ދުވަހަކަށް ދުރަށް އައީމަ ވާވަރު ތީ، ދެން ކައިވެނި ކުރުމުން ކިހާވަރެއް ވާނެތަ؟...'' ޒޯހަންގެ ފަހަތުގައި ހުރީ ސައިޓް އިންސްޕެކްޝަނަށް އޭނައާއެކު އޮފީހުން ދެން ބައިވެރިވި ފާޒިލް އެވެ. ފާޒިލްއާއި އޮފީހުން ދިމާވެ އެކުވެރިކަން އޮތީ ބަދަހިވެފައެވެ. މަސައްކަތުގައި އިތުބާރުކުރެވޭ ފަރާތެއް ވެސް މެއެވެ.

''ކާން ހިނގަމާދޯ؟...'' ޒޯހަން ބުންޏެވެ. އޭނަ ހިނގައިގަތީ ކެންޓީނާއި ދިމާއަށެވެ.

''ވާހަކަ އޮޅުވަލީދޯ؟...'' ފާޒިލް ހިނިގަނޑެއް ޖަހާލިއެވެ. އޭނަ ވެސް އިތުރަށް އެމައުޟޫޢުއަށް ވާހަކައެއް ނުދެއްކިއެވެ. ދުވަހުގެ ވަރުބަލިކަން ފާޒިލްއާއި ޒޯހަންގެ މޫނުމަތިން ވެސް ފާޅުވެއެވެ. ކުއްލި ގޮތަކަށް ފުރަންޖެހުމުންނާއި ސީޕްލޭންގެ ޑިލޭ ކަންތަކާއި ހުރެ ހެނދުނު އަންނަން ތިބި މީހުންނަށް އާދެވުނީ މެންދުރުވީ ފަހުންނެވެ. ރިސޯޓަށް އައި ގޮތަށް ޖެހުނީ ޕްރޮޖެކްޓް މެނޭޖަރާއި އެކު ސައިޓް އިންސްޕެކްޝަނަށް ދާށެވެ. އެކަމުން އަވަދިވެވުނީ އިރުއޮއްސުނު ފަހުންނެވެ. މަސައްކަތްތައް ދާ ހަލުވިމިނާ މެދު ޒޯހަން ހުރީ ހިތްހަމަޖެހިފައެވެ. މިރޭ ރިޕޯޓް ލިޔަން ޖެހޭތީ އެކަން ވީހާ ވެސް ފަސްކުރެވޭތޯ ޒޯހަން ބެލިއެވެ. އެއީ އޭނަ އެންމެ ފޫހިވާ ކަންތަކެވެ. ނަމަވެސް މާދަން މެންދުރު ފުރުމުގެ ކުރިން ރިޕޯޓް ވެސް ހަވާލުކުރަން ޖެހެއެވެ.

ކާއެއްޗިސް އަޅައިގެން އައިސް ކެންޓީނުގެ އެންމެ ފަހަތުގައި ހުރި ހުސް މޭޒުދޮށުގައި ޒޯހަން އިށީނެވެ. އޭރު ފާޒިލް އުޅުނީ ބުފޭ ކައިރީގައެވެ. ގޮނޑީގައި ހަމަޖެހިލަމުން އަނެއްކާ ވެސް ޒޯހަން ފޯނަށް ނަޒަރު ހުއްޓާލިއެވެ. އައިރާގެ ޚަބަރެއް ނުވުމުން ލިބިފައިވި ހައިރާންކަން އިތުރުވާން ފެށިއެވެ. ވިސްނުމަކަށް ގެއްލިފައި އިންދާ ފާޒިލް އައިސް އިށީނދެއްޖެއެވެ. ޒޯހަންއަށް ބަލައިލަމުން ފާޒިލް ބުމަ އަރުވާލުމުން ވަކި އެއްޗެއް ބުނުމެއް ނެތި ޒޯހަން ބޯހޫރާލިއެވެ. އޭނަގެ ސަމާލުކަން ދެން ހުއްޓާލީ ލިޔަން ޖެހޭ ރިޕޯޓަށެވެ. ކެއުމުގެ ތެރެއިން ފާޒިލްއާއި އޭނަ މަޝްވަރާކޮށްލިއެވެ. އޭރު ވެސް އައިރާގެ ހަނދާންތައް ދޭތެރެއަކުން ސިކުނޑިއަށް ވެރިވެގެން ދެއެވެ. މިއަދު ހެނދުނު ފޯނުން ވާހަކަ ދެކެވުމަށްފަހު އައިރާގެ ޚަބަރެއް ނުވެއެވެ. އޭގެ ސަބަބުން ޒޯހަންއަށް ބުނެދޭން ނޭނގޭ އުނދަގޫތަކެއް ވަމުންދިޔައެވެ. އައިރާގެ ހިމޭންކަމުގެ މާނަ ނަގަންވީ ކިހިނެއްކަން އޭނަގެ ސިކުނޑި ނުކުޅެދުނެވެ. ހޮނިހިރު ދުވަހަށްވުމުން ސްކޫލްގައި ބިޒީވީބާވައޭ ވެސް ހިތަށް އެރިއެވެ. އާންމު ގޮތެއްގައި ހޮނިހިރު ދުވަސް އައިރާ ހޭދަކޮށްލާނީ މުޅިންހެން ސްކޫލްގައެވެ. ހިތްހަމަޖައްސާލީ ނިދުމުގެ ކުރިން އައިރާއަށް ގުޅަން ހިތުލަމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟