"ރޫހީއްތާ، ފޯނެއް،"
ވަރަށް އަރާމުކޮށް ނިދިފައި އޮތް ރޫހީން ސިހިގެން ދިޔައީ މީހަކު ގޮވާލި އަޑަށެވެ. ނިދި ބަރުވެފައިވާ އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއިރު ކައިރީގައި ހުރީ މަތީ ކޮރިޑޯގައި އުޅޭ ނަވާރަ ވަރަކަށް އަހަރުގެ އަންހެންކުއްޖެކެވެ. ޅަޒުވާން ކުދިން ކުށުގެ ތެރެއަށް މިހާރު ނުކުންނަނީ މާބޮޑަށްވެސް ޅަ އުމުރުގައިކަން މި ޖަލުތެރެއަށް ބަލައިލުމުންވެސް އެނގޭނެއެވެ.
މީގެ ބައިގަޑިއެއްހާ ކުރިން ނިދަން އޮށޯންނަމުން، އެ ކުއްޖާ އަތަށް ފޯނު ދީފައި މައްޗަށް ފޮނުވާލަމުން ނުގޮވާށޭ ބުނީމަވެސް ގޮވައިފިއެވެ. މެންދުރު ނުނިދާތާ އެތައް ދުވަހެއް ފަހުން މިއަދު ހަމަޖެހިގެން އޮށޯވެ ލޯމެރުނުތަނާ އަނެއްކާ ކޮންފަދަ ކަމެއް ލައިގަތީބާވައެވެ. ރޫހީން ހިތްހަމަ ނުޖެހިފައި ބަލައިލިއެވެ.
"ނުގޮވާށޭ ބުނީމަވެސް ތިގޮވީނު، ކާކުގެ ފޯނެއްތަ ތިވަރަކުން ދުވަމުން އައިސް އޭނަ ހޭލައްވާލީ....؟"
އެ އަންހެންކުއްޖާގެ ފަހަތުން އައިސް ގޮޅިއަށް ވަނީ ތާތިއެވެ.
"އަޅެ، ތާތި، މަ ބުނީމޭ ނުގޮވޭނެއޭ، މިހާރު ކިތަންމެ ފަހަރަކު ގުޅީމަ އެހެން ބުނެފަ ކަނޑާލައިފިން، އެކަމަކު މިފަހަރު ބުނީ ބިރުގަންނަ ވާހަކައެއް، އެހެންވެ އަވަހަށް އައިސް މި ގޮވީ، ރޫހީއްތާ، މީ ރޫހީއްތަ ބުނާހެން ނޮޓްއޯކޭ ކޯލެއް ކަންނޭނގޭ،"
ރޫހީން ދެބުމަ ގޮށްޖަހާލަމުން ފޯނު އަތުލިއެވެ. އޭރު ތާތި ހުރެގެން ކުދި ކިޔައިނަގައެވެ.
"އަމައްޔާތް، ކޮންގެއެއްގެ ކާކުގެ އެހާ ހިތްވަރެއް ހުރީ އަހަރެމެންގެ ރޫހީނަށް ބިރުދައްކަން...."
ފޯނުގެ ޑިސްޕްލޭއިން ފެންނަން ހުރީ ޕްރައިވެޓް ނަންބަރެކެވެ. ކާކުބާވައެވެ.
ދެ ފިކުރެއްގެ މަތީގައި ހުރެގެން ރޫހީން ފޯނު ކަންފަތުގައި ޖައްސައި ސަލާމް ގޮވާލިއެވެ.
"އައްސަލާމް އަލައިކުމް،"
"ވައަލައިކުމުއްސަލާމް، ހީނާ،"
އެ އަޑު ކަންފަތުގައި ޖެހުމާއެކު ރޫހީނަށް ތެޅިގަނެވުނެވެ. ފުންމައިގެން ތެދުވަން ކަމަށް ހީކޮށް ހަރަކާތެއް ގެނައި ތަނާ ކުރިމަތީގައި ހުރި ތާތި ފެނިފައި އަވަހަށް ހަމަޖެހިލިއެވެ.
"ކާކުގެ ކޯލެއް...؟" ތާތި އަހާލިއެވެ.
"ރައްޓެއްސެއް، ކުޑަ ކަމެއްލައިގަތީ، ތި މީހުން ދޭ، ހަވީރުގެ ސައިގަޑި ޖެހެނީނު، މިއަދު ސަޔަށް ދާނީ ޒޭނާ، މަ ބަލިވެ އުޅޭތީ ނުދެވޭނެ ވާހަކަ ބުނެފަ އައިސް އޮށޯތީވެސް،"
އަވަސްއަވަހަށް ރާގު ބަދަލުކޮށްލަމުން ރޫހީން ހިނިތުންވެލިއެވެ. އެއްވެސް ހާލެއްގައި، އެއްވެސް ގޮތަކުން ރޫހީނަށް ގުޅައިގެން އެހެރީ ކާކުކަން އެނގިގެން ނުވާނެއެވެ. އެ ނޫނީ މުޅި ޖަލު ތެރެ އެލާޓަށް އަންނާނެކަން ޔަގީނެވެ. އެންމެންގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނެއެވެ. ލާނާގެ ޝަކުވާ އަޑުއަހަން ޖެހޭނެއެވެ. ޒޭނާއާއި ތާތިގެ ދިމާކުރުމާއި ޖެއްސުމާއެކު ނުރުހުމުގެ ބަސްތައް އަޑުއަހަން ޖެހޭނެއެވެ. މިހުރިހާ ކަމެއް ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ނޭނގޭ ކަންބޮޑުވުމެއްގައި ހާސްވެފައި ހުންނަތާ ދެތިން ދުވަސްވެއްޖެއެވެ. އެކަމަކު އެ ހުރިހާ ކަމެއް ފޮރުވައިގެން އެންމެންގެ ކުރިމަތީގައި ހެވިފައި އުޅެމުން އަންނަ ރޫހީނަށް ނަޒްމާންގެ ނަމާ ގުޅިގެން އަންނަ އެއްވެސް ވާހަކައަކާ އެހާ ފަސޭހައިން ކުރިމަތިލައި ރައްދު ދިނުން މިހާރު އެހާ ފަސޭހައެއް ނޫނެވެ.
ތާތިމެން ދިއުމުން ރޫހީން ފުންނޭވާއެއް ލިއެވެ. އޭރުވެސް ފޯނު ކަނޑައެއް ނުލައެވެ. މިއަދު މި ކޯލު އަންނަންވީ ކޮންކަމަކާ ގުޅިގެންބާވައެވެ. އެއަށްވުރެ ބޮޑު ސުވާލަކީ މި ނަންބަރު ނަޒްމާނަށް ލިބުނު ގޮތަކާ މެދު އުފެދޭ ސުވާލެވެ.
"ކީކޭ...؟" ފޯނު ކަންފަތުގައި ޖައްސާލަމުން ރޫހީން އަހާލިއެވެ.
"އެއްވެސް ގިނަ ވާހަކައެއް ދައްކާކަށް ނޫން މި ގުޅީ، ހަމަ އެންމެ ކަމަކު، އެންމެ ވާހަކައެއް ދައްކަން، ފޯނު ކަނޑާނުލާތި، ޕްލީޒް،"
ނަޒްމާނުގެ އަޑުގައި ހުރީ ހަރުކަށިކަން ކަމެއް ނޫނީ އޯގާތެރިކަން ކަމެއް ނޭނގެއެވެ. އެނގޭ ވަރަކީ ފޯނު ކަނޑާލާނެ ހިތްވަރު ނުލިބުނު ކަމެވެ.
"ހީނާ، ވަރަށް ދުރަށް ދެވިއްޖެނު، ވަރަށް ފިލައިގެން އުޅެވިއްޖެނު، ދެނެއް ނުވާނެ، ހީނާ ދައްކާ އެއްވެސް ބަހަނާއެއް އަޑު އަހާކަށް ބޭނުމެއް ނޫން، ހީނާ ބޭނުން ގޮތަށް ވަރަށް ގިނަ ދުވަހު ކަންތައް ކުރެވިއްޖެ، މިހާރު ދެން އަހަރެން ބޭނުން ގޮތަކަށް ކަންތައް ކުރާނީ،"
ނަޒްމާނުގެ ވާހަކަ އިވިފައި ރޫހީނަށް ތެޅިގަނެވުނެވެ. އަނެއްކާ އެ އުޅެނީ ކީއްކުރަން ބާވައެވެ.
"ބޭނުން ގޮތަކަށް ކޮން ކަމެއް ކުރާ ވާހަކައެއް ތި ދެއްކީ،" ރޫހީނަށް އަހާލެވުނެވެ.
"އިރުކޮޅަކުން ބަންކަރުން ގޮވާނެ، ފޯމުގައި ސޮއި ކުރުވަން އަހަރެންގެ ވަކީލު ދާނެ، އެއްވެސް ބަހަނާއެއް ބޭނުމެއް ނޫން، ރަނުގެ ބައި ފުރާފަ ފޯމުގައި ސޮއިކޮށްލީމަ ނިމުނީ،"
ރޫހީނަށް ފުންމައިގެން ތެދުވެވުނެވެ. ކުއްލިއަކަށް އެ އިވުނު އަޑުތައް އޭނާގެ ކަންފަތަށް އިވުނު ގޮތާ މެދު ޝައްކުވީ ކަމެއް ނޫނީ އެ އިވުނު ވާހަކަ ގަބޫލުކުރަން ފަސޭހަ ނުވީކަމެއް ނޭނގެއެވެ.
"ކިކީކޭ....ވެއިޓް، ކާކު މި ނަންބަރު ދިނީ...؟ ކީކޭ ތި ކިޔަނީ....؟ ކޮން ފޯމެއް...؟" އެނދުން ފައިބައިގެން ގޮސް މޭޒު ކައިރިއަށް ހުއްޓިލަމުން ރޫހީން އަހާލިއެވެ.
"ދިވެހި ބަހުން މި ވާހަކަ ދެއްކީ، ހީނާއަށް އެނގޭނެ މި ކިޔަކީ ކީކޭކަން، ބަންކަރުން ގޮވާނެ އިރުކޮޅަކުން، ވަކީލު މިހާރު ހުންނާނީ ތިކޮޅު އޮފީހުގައި، އެހާ ބޮޑުކަމެއް ކުރާކަށް ނުބުނަމެއްނު، ވަކީލު ބުނާނެ ކަންތައް ކުރަންވީ ކިހިނެއްކަން، އެގޮތަށް އެކަންތައް ނިންމާލީމަ އެ ނިމުނީ،"
ނަޒްމާން މޮޔަވީކީ ނޫންބާވައެވެ. ޖަލުގައި އޮތް ކުށްވެރިއަކާ އިންނަން ތެޅިގަތީ ހެއްޔެވެ. އެވެސް މީހަކާ އިނދެ ވަރިވެފައި އިން ދެ ދަރިންގެ މަންމައަކާއެވެ.
"ނަޒްމާން، ކޮން މޮޔައެއް ތި ގޮވަނީ، ކުރިންވެސް ބުނެފަ އޮންނާނީ ތިކަމެއް ނުވާނެއޭ،" ހިތްވަރުކޮށްލާފައި ރޫހީން ބުންޏެވެ.
"ކީއްވެ ނުވާންވީ، ބުނަން މާ ކަންތައް ބޮޑުވަންޏާ ފަރަގު ކިޔަންޏާ ހަމަހަމަ ކުރަން އެނގޭ މަށަށްވެސް، އެހެންޏާ ހީނާ މާލެ ގެންނާނީ، ނޫނީ މަ ހީނާއާ އެއްތަނަކަށް ދާނީ،"
ނަޒްމާންގެ ވާހަކަ އަޑު އިވުމުން ރޫހީންގެ ހަތަރެސްފައި ދިޔައީ ރޫރޫ އަޅައިގެންނެވެ. ހަމަ ރަނގަޅަށްވެސް ނަޒްމާން އެހެރީ މޮޔަވެފައެވެ.
"މިއޮތް ހުރިހާ ދުވަހު ހީނާ އަހަންނަށް ނޫނެކޭ ބުނަމުން އައީ މަންމައާ ހެދިއެއްނު، މަންމަ އާނއެކޭ ބުނީމަވެސް އެއްބަސް ނުވާނަންތަ؟ ޕްލީޒް، މިހާރު ދެން މިގޮތަށް ނޫޅެވޭނެ، ވަރަށް ހިތްވަރު ކުރެވިއްޖެނު،"
"މަންމައޭ،"
ނަޒްމާނަށް އެ ވާހަކަ އެނގުނީ ކިހިނެއްބާވައެވެ. ނަޒްމާނުގެ މަންމަ އޮތީ ރޫހީން ލައްވާ ހުވާ ކުރުވާފައެވެ. ނަޒްމާނާ އެއްވެސް ގުޅުމެއް ބާއްވަން ކީއްކުރަން ހެއްޔެވެ. ނަޒްމާނާ ވާހަކަ ދެއްކުން ވެސް ރައިހާނާ އޮތީ ހަރުކަށި ބަހުން މަނާ ކޮށްފައެވެ.
"އަހަރެންގެ ނަޒްމާނަކީ ވަރަށް މައުސޫމު ހިތެއްގެ ވެރިއެއް، އޭނައަށް އެހެރީ އޮޅިފައި، އެއީ މަގޭ ދަރިއެއް، މަގޭ ދަރިފުޅު ހަމަ މަގަށް އަޅުވަން މަށަށް އެނގޭ، އެކަމަކު ތިގޮތަށް ބޮޑު އަންހެނަކު އޭނަގެ ކުރިމަތީ އެނބުރެންޏާ އަދި ހުސްހަށިބަޔަށް ހުރި ހަމަ ކުޑަކުއްޖެއް ފަދަ ފިރިހެނަކަށް ވާނެ ގޮތް އެނގޭތީ މި ބުނަނީ، އޭނައާ ވާހަކަދައްކައި ވީޑިއޯ ކޯލުކޮށް، ފޮޓޯ ބަދަލުކޮށް ހެދުން ހުއްޓާލާފައި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާށޭ، ކަލޭ ބޭނުންވަރަކަށް ކޮންމެ މަހަކު ފައިސާ ފޮނުވަން އަހަރެން މިހިރީ ތައްޔާރަށް، އެކަމާވެސް އެއްބަސްނުވީމަ މި ބުނަނީ،"
ރައިހާނާގެ އެ ބަސްތައް ރޫހީންގެ ކަންފަތުގައި ގުގުމަން ފެށިއެވެ.
ނަޒްމާނާއެކު އެގޭގައި ހޭދަކުރި އެ ހަތަރު ދުވަހުގެ އުފާވެރިކަން އެންމެ މިނެޓަކުން ވަޔަށް ބުރައިގެން ދިޔައީ ރައިހާނާމެން ކުއްލިއަކަށް އެއްވެސް އެންގުމަކާ ނުލައި އެ ދުވަހު ފަތިހު ގެއަށް އައުމުންނެވެ. ނަޒްމާނުގެ ކޮޓަރީ އެނދުގައި ނިދާފައި އޮތް ރޫހީންގެ ލޯ ހުޅުވާލެވުނީ އޭނާގެ މޫނަށް ފިނި ފެން އެއްޗެއް އޮއްސާލުމުންނެވެ.
ފުންމައިގެން ތެދުވިއިރު ކުރިމަތީގައި ހުރީ ނަޒްމާނުގެ ޝަހުސިއްޔަތު ބޮޑު ހައިބަތު ހުރި މަންމަ ރައިހާނާއެވެ. ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް މުއްސަނދިކަމާއި ބޮޑާކަން ފެންނަން ހުއްޓެވެ.
ގަހަނާ އިން ފުރިފައި ހުރި ރަނާއި ޖަވާހިރުން އަތްކަން އަޅާފައި ހުރި އިސްކޮޅާ އެއްވަރުގެ ރޫފަ އެޅިގެންވާ ހަށިގަނޑެކެވެ. ލައިގެން ހުރީ އެންމެ އަގުބޮޑު ސައްތައިންސައްތަ ފަށުވި ފޮތީގެ ޖަރީޖެހި މާގަނޑުއެޅި ކޯޓު ހެދުމެކެވެ. ކަންފަތެކޭ ނޭފަތެކޭ ކިޔާނެ ކަމެއް ނެތެވެ. ވިދާ ޖަވާހިރު ހަރުކޮށްފައި ހުރި ރަނުން މުޅި މީހާ ހުރީ ޒީނަތްތެރިވެފައެވެ.
"އޭތް، ރާއްޖެތެރޭ އަންހެންމީހާ، ކަލޭގެ މަކަރާއި ހީލަތް ނިކަން ވިސްނާލަބަލަ، މަގޭ ފިރިހެން ދަރިފުޅަކީ ހަމަ ކުޑަކުއްޖެއް، ކަލޭ ތިއޮތީ އޭނަގެ އެނދަށް އަރައި ފެތުރިގެން، އާހާ، ޖަލު ގޮޅިއަށް ދިއުމުގެ ކުރިން ހާސްޑޮލަރުގެ ތަންމައްޗެއް ހޫނު ކޮށްލީދޯ،"
ހައިރާންވެ ހަދާނެ ގޮތެއް ނޭނގި އެނދުން ފޭބި ގޮތަށް ލައިގެން ހުރި ނިދާހެދުމުގެ ޖެކެޓުން މީހާ ނިވައިވުމުގެ ބޭކާރު މަސައްކަތް ކޮށްލަ ކޮށްލައި ހުރި ރޫހީންގެ ބޮލުން ފެށިގެން ފަޔަށް ނިކަން ރަނގަޅަށް ބަލައިލަމުން ރައިހާނާ ހީނގަތް އަޑު ހީވީ އޭނާގެ ކަންފަތް ބައްކޮށްލިހެންނެވެ.
(ނުނިމޭ)