"ބާޒިލްއަށް ވަގުތުދީ. އެހެންނޫނީ އަނެއްކާ އަތްނުފޯރާ ފަށަށް ހިނގައިދާނެ" ރައްޔާން ބުންޏެވެ.
އޭނާ ފެންޑާއަށް ވަދެގެން އައީ ބާޒިލްއަށް ނުލަފާ ގޮތަކަށް ހިނިތުންވެލާފައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ މިހާރު ވަނީ ބާޒިލް ރުޅިއަރުވާހިތެވެ. އޭނާ ފެންނައިރަށް އެއްވެސް އިހުތިޔާރަކާނުލާ ބާޒިލް ރުޅިއަންނާތީއެވެ.
****
ޖޯލީގައި އިށީނދެފައިވެސް ބާޒިލް ބަހެއް ނުކިޔައެވެ. ދެއަތްތިލަ ގެނެސް ގުޅުވާލައިގެން އޭނާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ. މެލެކް ބާޒިލްއަށް ބަލަން އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. އިރުކޮޅަކުން ބާޒިލްގެ އަތުގައި ބައްދާލާފައި ކޮނޑުގައި ބޯ އަޅާލިއެވެ.
"ރުޅިއައިސްފަތަ ތިއިންނަނީ؟" މެލެކް އަހާލިއެވެ.
"މެލީ އެ ރައްޔާނު އާ ދުރުގަ ހުރެފާނަންތަ؟" ބާޒިލް ބުންޏެވެ.
މެލެކް ހައިރާން ވެގެން ބާޒިލްގެ މޫނަށް ބަލައިލިއެވެ.
"ކީއްވެ؟ އެއީ އަހަރެންގެ ބެސްޓްފްރެންޑް" މެލެކް ބުންޏެވެ.
"ކީކޭ؟" ބާޒިލް ބުންޏެވެ.
"ބެސްޓްފްރެންޑޭ. އެއީ ބެސްޓްފްރެންޑެއްގެ ގޮތުގައި ބަހައްޓަންޖެހޭވަރުގެ މީހެއް ނޫން. މެލީއަށް ހަމަ ނޭނގެނީތަ އޭނަ ހުންނަނީ މެލީ އާ އަޅައިގަނެފަކަމެއް" ބާޒިލް ބުންޏެވެ.
މެލެކް އަށް ހެވުނެވެ.
"ތިއީ ބާޒިލްގެ ވިސްނުން. ޔާނުގެ އެކަހަލަ ވިސްނުމެއް ނެތް. ދުވަހަކުވެސް އަހަރެން ކައިރީގަ ތިޒާތުގެ އެއްވެސް ވާހަކައެއް ނުދައްކާ. އަބަދުވެސް ބުނެދޭނީ ކަން އޮތްގޮތުގެ ވާހަކަ. ކިތައްދުވަހު އަހަރެން ގާތުގަ ބުނަނީ ބާޒިލްއަށް އިތުބާރުކުރާށޭ. ބާޒިލްގެ ހިތްހަލާކުނުކުރައްޗޭ. އެއީ އޭ މެލީގެ މުސްތަގުބަލަކީ. ބާޒިލްއަށް ފުރުސަތުދޭށޭ. އެވަރުގެ މީހެއްގެ ތިބުނާ ކަހަލަ ވިސްނުމެއް ހުރެއޭ ބުނީމަ އަހަރެން ހަމަ ހައިރާންވެއްޖެ" މެލެކް ބުންޏެވެ.
ބާޒިލް މެލެކްގެ މޫނަށް ބަލައިލިއެވެ. މެލެކް ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައެވެ. އެހެން ހަމަ ރައްޔާން ބުނެދާނެ ހެއްޔެވެ؟
"ހަމަ އެހެން އޭނަ ބުނިތަ؟" ބާޒިލް އަހާލިއެވެ.
މެލެކް ބޯޖަހާލިއެވެ.
"ކޮބާތަ އަސްލު ތިދެމީހުންގެ މެދުގަ އޮތް މައްސަލައަކީ؟" މެލެކް އަހާލިއެވެ.
"މެލީ މީގެކުރިންވެސް އަހަރެން ބުނީތީ ހުރީމު ރައްޔާނާ ދުރުގަ. އޭރުވެސް އަހަންނަށް އޭނަ ކަމަކުނުދޭ. އަހަންނަކަށް ނޭނގޭ. އަބަދުވެސް ހީވަނީ އޭނަގެ ނިޔަތް ގޯސްހެން" ބާޒިލް ބުންޏެވެ.
"އޭރުގަ ވާހަކަ ތިބުނީ ކުރިން އަހަރެމެން މެރީކޮށްގެން އުޅުނުއިރު ދޯ" މެލެކް އަހާލިއެވެ.
ވަގުތުން ބާޒިލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މެލެކްގެ ހަނދާނުގައި ނެތްކަމެއްގެ ވާހަކަ އެހާ ސީދަލަށް ބުނުމުން ގަބޫލުކުރަން ބާޒިލްއަށް ދަތިވިއެވެ.
"މެލީ..." ބާޒިލް ހިފަހައްޓާލީ މެލެކްގެ ދެއަތުގައެވެ.
"އަބަދުވެސް ބާޒިލް ބުނަނީ އެހެނެއްނު. އަހަރެމެން މިއުޅެނީ މެރީކޮށްގެނޭ. މިއީ ދެމަފިރިންނޭ. ދެމަފިރިން އުޅޭހެން އަހަރެމެން އުޅެނީ އެ ހައްގު އޮތީމައޭ. އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ލޯބިން ބަލައިލިލިޔަސް ދެމީހުންނަށް އެކަމުގެ ސަވާބާއި ދަރުމަ ﷲ ދެއްވާނޭ...." ނޫންތަ؟"
ހިނދުކޮޅަކަށް ބާޒިލްއަށް ހީވީ މެލެކްގެ ހަނދާންތައް އައިހެންނެވެ. އެހެންވިޔަސް ފަހުން ބުނެލި ޖުމްލަތަކާއެކު މެލެކްގެ ހަނދާނުގައި އެއްވެސް ކަމެއް ނެތްކަން އެނގުމުން ކުޑަކޮށް ދެރަވާގޮތް ވިއެވެ. އެހެންވިޔަސް އެބުނީ ދޮގެއް ނޫނޭވެ. މެލެކްގެ ހަނދާނުގައި އެއީ ދެމަފިރިންކަން ނެތަސް އެކަން މެލެކް ގަބޫލުކުރަން އެބަޖެހެއެވެ. ސަބަބަކީ މެލެކްގެ މުޅި ދިރިއުޅުން މިހާރު އޮތީ ހެޕީނައިޓަށް ބަދަލުވެފައެވެ. މެލެކްގެ ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކުރަންޖެހޭ ތަނަކީ އެގެއެވެ. މެލެކްގެ ވަގުތުތައް ފިރިމީހާ އާއި ދަރިފުޅަށް ހުސްކުރަން އެބަޖެހެއެވެ.
"ދޮގެއް ނޫނޭ އެއީ" މެލެކްގެ މޫނަށް ބަލަން އިނދެ ބާޒިލް ބުންޏެވެ.
"ބާޒިލް، އަހަރެން ބޭނުންވަނީ މެރީކުރަން. ކީއްވެ އަހަރެމެންނަށް މެރީނުކުރެވެންވީ. ބޭނުމިއްޔާ ދޮނާމެންނާ އެކުވެސް ނިންމިދާނެ. އަހަންނަށް ކެރޭނެ ބައްޕަ އާ ވާހަކަދައްކަން. ބާޒިލް ބުނޭ" މެލެކް ބުންޏެވެ.
ބާޒިލް ހަށީފުރާ ނޭވައެއް ލިއެވެ. ކޮންމެފަހަރަކު މެލެކް އެހެންބުނާއިރަށް އޭނާގެ ދުލުކުރިއަށް އަންނަނީ އެންމެ ލަފްޒެކެވެ.'ތިއީ އަހަރެންގެ ހަލާލު އަނބިމީހާއެވެ' އެކަމަކު... ބާޒިލް އުޑަށް ނަޒަރު ހިންގާލިއެވެ.
""އޯކޭ... ދޮނާމެންނަށް ފުރަތަމަ ފުރުސަތު ދެމާ ހިނގާ. މަންމައާއި ބައްޕަގެ ބޮލުން އެ ބުރަ ދުރުވާއިރަށް އެމީހުންނަށް ކުޑަ ރެސްޓޭއްދޭންޖެހޭ. ގާތްގަނޑަކަށް ވީކެއް ވަރުވީމަ އަހަރެމެންގެ ކައިވެނީގެ ވާހަކަ ބުނާނީ. އިރާދަކުރެއްވިއްޔާ މެލީގެ ތި އެދުން ފުރިހަމަވާނެ. ފަހަރެއްގަ ކައިވެންޏެއް ކުރާތަން ލޯ މައްޗަށް ނުފެނިވެސް މެލީއަށް ހުރިހާ ކަމެއް އެނގިދާނެ" ބާޒިލް ބުންޏެވެ.
"ސީރިޔަސްލީ. ވަރަށް ހެޕީވެއްޖެ. ސީރިޔަސްކޮށް އަހަރެން ބޭނުމެއްނޫން ހަރާމް ގުޅުމެއް ހިންގާކަށް. އަހަންނަށްވެސް މިހާރު އުނދަގޫ ބާޒިލް އާ ދުރުގަ ހުންނަން" މެލެކް ބުންޏެވެ.
ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. މެލެކްގެ އަތްތިލައިގައި ފިރުމަން އިން ބާޒިލްގެ ވީ އެންމެ ވިސްނުމެކެވެ. އެއްވެސް މީހެއް ކައިރީގައި ބުނުމެއްނެތި އޭނާ ފިޔަވަޅެއް އަޅަން އެބަޖެހެއެވެ. މެލެކްއަށްޓަކައެވެ. އެހެންނަމަވެސް ރިސްކީ ކަމެކެވެ. ނަތީޖާ ނިކުންނާނެ ގޮތެއްވެސް ނޭނގެއެވެ. ފަހަރެއްގައި ހުރިހާކަމެއް ރަނގަޅުވެސް ވެދާނެއެވެ. ނޫނީ މެލެކް އަބަދުގެ އަބަދަށް...." ހިތަށް އެރި އެއްޗަކުން ބާޒިލްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"އަދި މިތަނަށް މިގެނައި ވާހަކަ ނުބުނެވެއެއްނު" މެލެކް ބުންޏެވެ.
"ދެން ބުނެބަލަ" ބާޒިލް ބުންޏެވެ.
"އަހަރެން ތިގޭގަ އުޅުނަސް ކައިވެނި ކުރެވެންދެން ބާޒިލް ހުންނަންޖެހޭނީ ދުރުގަ. މިބުނީ އެކަހަލަ ގުޅުމެއް ދެން ނުހިންގާނަމޭ އަނބިމީހާ އަށް ނުވަނީސް. އަހަރެން ބޭނުން ބާޒިލްއަށް ކެތްކުރެވޭވަރެއް ބަލާލަން" މެލެކް ބުންޏެވެ.
"ތިއީ ހާދަ އުނދަގޫ ކަމެކޭ. އަހަރެން ކިހިނެއް އަހަރެންގެ އަނބިމީހާ އާ ދުރުގަ ހުންނާނީ. ތިއީ އަދަބެއްތަ؟" ބާޒިލް ބުންޏެވެ.
"ޔެސް މިއީ އަދަބު. އެއީ އެހާ ނޯޓީވެގެން އުޅޭތީ" މެލެކް ބުންޏެވެ.
"އޯކޭ. އަހަރެން ވައުދުވަން. އަހަރެން މިއީ ފިރިމީހާގެ ގޮތުގައި މެލީ ބަލައިނުގަންނަނީސް ދެން އެފަދަ ގުޅުމެއް ނުބާއްވާނަން" ބާޒިލް ބުންޏެވެ.
"މަގޭ ލަވް ދެރަވީތަ؟ މިހެން ބުންޏަސް އެއްކޮށް ދުރަށް ނުދައްޗޭ... މިސްވާނެ ވަރަށް" މެލެކް ބުންޏެވެ.
ބާޒިލް މެލެކްގެ އަތުގައި ހިފާލާފައި ގާތަށް ގެނައެވެ. މެލެކްގެ މޫނާ މޫނު ގާތްކޮށްލި ގޮތަށް ނިތްކުރިއަށް ބޮސްދިނެވެ.
****
ރައްޔާނު ތެދުވީ އެނދުގައި ނޯވެވިގެންނެވެ. އޭނާ ނިދުމަށްޓަކައި ބައިގަޑިއިރު ދެލޯ މަރައިގެން އޮވެއްޖެއެވެ. ނިދޭގޮތެއް ނުވިއެވެ. ތެދުވެގެން ގޮސް ވަކިން ހުރި މޭޒުމަތީގައި ޗާޖަރަށް ޖަހާފައި އޮތް އޭނާގެ ފޯނު ބަލައިލިއެވެ. އެތައް މެސެޖެއް ހުރުމުން އޭނާ ބަލައިލިއެވެ. މުޅިންވެސް ޝިނާގެ މެސެޖްތަކެވެ. ރައްޔާން ގަޑި ބަލައިލިއެވެ. އެގާރަގަޑި ސައްބީސް ވީއެވެ. އަދިވެސް ޝިނާ އިނީ އެތަނުގައޭ ބުނުމުން ރައްޔާނަށް އުނދަގޫވިއެވެ. ޝިނާއަށް ފިލަން އިތުރަށް ދެން އޭނާ ކުރަންވީ ކަމެއް ނޭނގުނެވެ. މިރޭ ޝިނާ އާ ބައްދަލުކުރަން ބުނި ގަޑި ފަހަނައަޅާ ހިނގައްޖެއެވެ. ބައްޔޭވެސް ޝިނާ ކައިރީގައި ބުނެވިއްޖެއެވެ. މާދަމާ ޑިއުޓީއަށް ނުދެވޭނެތީ ސަލާމް ބުނާ ވާހަކަވެސް ބުންޏެވެ. ގޭގައި ދައްތައެއްގެ ރަންކިޔުމުގެ ހަފްލާއެއް އޮތް ވާހަކައާއި މިރޭ ބިޒީވާނެ ވާހަކަވެސް ބުނެފިއެވެ. މުޅިންވެސް ޝިނާ އާ ބައްދަލުނުކުރަން އޭނާ ދެއްކި ބަހަނާއެވެ. އެންމެފަހުން ރައްޔާނު ގޮތެއް ނިންމިއެވެ. އެހެން ފިލައިގެން އުޅުނަސް ޝިނާގެ ކިބައިން އަދި ސަލާމަތްނުވާނެކަން އޭނާއަށް އެނގިއްޖެއެވެ. ބައްދަލުކުރަމުން ގޯހެއް ނެތްތާއެވެ. އެހެންނޫނަސް ރަންކިޔުމުގެ ހަފްލާ ނިންމާފައި ނިދަން ރައްޔާނު ބެރެކްސްއަށް އައިކަން ޝިނާއަށް އެނގިއްޖެއެވެ. އިތުރަށް ދެން ދައްކާނެ ބަހަނާއެއްވެސް ނެތެވެ. ނުގޮސްފިއްޔާ މިތަނަށް އައިސް ދޮރުގައި ޓަކިވެސްދޭނެއެވެ. ފާހާނައަށް ވަތްގޮތަށް ރައްޔާން މޫނާ ދަތް ދޮވެލިއެވެ. އިސްތަށިގަނޑުގައި ފެން ހާކާލައިގެން އައިސް ތައްޔާރުވެލިއެވެ. ގައިން މީރުވަސް ދުއްވާލާފައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާފައި ލައިގެން ހުރި ކަކުލުން މައްޗަށް ހުރި ޖީންސްފޮތީގެ ސޯޓުބުރީގެ އަރިޖީބަށް ކޮށްޕާލިއެވެ. ދަންވަރު ޑިއުޓީއަށް ނިކުންނަން އުޅޭ ފުލުހުން ތައްޔާރުވާން އުޅުނު ވަގުތެވެ. ހެނދުނު ޑިއުޓީ ކުރި ބައެއް ފުލުހުން ނިދާފައިވެސް ތިއްބެވެ. ރައްޔާން ބެރެކްސް އިން ނިކުމެގެން އައީ ޕޮލިސް ސްޓޭޝަނާ ދިމާލަށެވެ. ފާރު ކައިރީގައި ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލު ނަގައިގެން ދުއްވާލިއެވެ.
އޭނާ ސައިކަލު މަޑުކޮށްލީ ސްޓޭޝަން ހުންނަ ސަރަހައްދާ ދުރުގައި ހުންނަ ކެފޭ ކައިރިއަށެވެ. އެއީ ވަރަށް ފަހުން ހުޅުވި ކެފޭއެކެވެ. މީހުން އެތަނުން ހުސްނުވާތީ ގިނަ ރޭރޭ ފަތިސް ވަންދެން އެތަން ހުޅުވާފައި ހުރެއެވެ. ސައިކަލު ބަހައްޓާފައި ރައްޔާން އެތެރެއަށް ވަނެވެ. ނަސީބަކުން އެތެރޭގައި މީހުން މަދެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އަންހެނެއް ނުފެނުނެވެ. ދެން އޭނާ ބަލައިލީ އޭސީކޮށްފައި ހުންނަ ބަޔާ ދިމާލަށެވެ. ކެފޭގައި މަސައްކަތްކުރާ ކަބީރު ކައިރީގައި އެބައިގައި އެއްވެސް މީހަކު އިންތޯ ރައްޔާނު އަހާލިއެވެ. މީހަކު އިންވާހަކަ ކަބީރު ބުންޏެވެ. ކާކު ކަމެއް ނޭނގޭ ކަމަށް ބުންޏެވެ. އެއީ ޝިނާކަން ރައްޔާނަށް އެނގުނެވެ. އޭނާ މަޑުމަޑުން އެދިމާލަށް ފިޔަވަޅު އެޅިއެވެ.
"ތިއައީތަ؟" ދޮރު ހުޅުވާލުމާއެކު ފުރަގަހަށް އިން ޝިނާ ބުންޏެވެ.
އޭނާ ފަހަތަށް ނުބެލި ނަމަވެސް އެއީ ރައްޔާންކަން ދެނެގަންނަން އެނގުނެވެ. ރައްޔާން ޖަގާ ސެންޓްވަސް މިހާރު އެއީ އޭނާ އެންމެ ގަޔާވާ ވަސް ކަމުގައި ވެއްޖެއެވެ. ފެންނަ ހިސާބުގައި ރައްޔާން ނެތަސް އެ ވަސް އޭނާގެ ނޭފަތުން ނުފިލައެވެ.
"ތެންކިޔު އައިސްދިނީމަ" ޝިނާ ބުންޏެވެ.
ރައްޔާން އެއްޗެއް ނުބުނެ އައިސް ޝިނާ ކުރިމަތީގައި ހުރި ގޮނޑީގެ ލެގޭ ބައިގައި ހިފަހައްޓާލިއެވެ. ސީދާ ޝައިލާގެ ކުރިމަތީގައި އިންނަން ނުކެރުމުން އޭނާ ގޮނޑި ކުޑަކޮށް އަރިކޮށްލިއެވެ. ދެން އޭނާ އިށީނެވެ. އޭނާ ޝިނާއަށް ބަލައިލަންވެސް ނުކެރިފައި އިނެވެ. ހުރިހާވެސް މައްސަލައަކީ ޝިނާއަކީ އޭނާގެ ބޮޑުމީހާ އަށް ވުމެވެ. އެ ފަރަގު ދުވަހަކުވެސް ނުކެނޑޭނެއެވެ.
"ކޮންވާހަކައެއްތޯ ބުނުއްވަން އުޅުނީ" ރައްޔާން ބުންޏެވެ.
"މިވަގުތު އަހަންނަކީ ރައްޔާނުގެ ބޮސްއެއް ނޫން. ހެޔޮނުވާނެ ރައްޔާން.. ތިދުރުކަން ކަނޑުވާލަފާނަން" ޝިނާ ބުންޏެވެ.
"ކިހިނެއް.... ތިއީ... އަހަރެން.... މިހެން ބައްދަލުކުރަނިކޮށް މިރަށު ބަޔަކަށް ފެނުނިއްޔާ ވާހަކަދައްކާނީ އެމީހެއްގެ ދުލަށް އައިގޮތަކަށް" ރައްޔާނު ބުންޏެވެ.
"މީހަކު ކިޔާފާނެ އެއްޗަކަށް އަހަރެން ނުވިސްނަން. އަހަރެން ގޯސްކަމެއް ނުކުރަން. މިއަތޮޅުގެ ޑިއުޓީ ޓާމަށް އަހަރެން އައިރު ހިއެއްނުކުރަން އަހަރެންގެ ދަށުގައި މަސައްކަތްކުރާ ދަށު ރޭންކުގެ ފުލުހަކަށް އަހަރެން ފޯލްވެދާނެ ކަމަކަށް" ޝިނާ ބުންޏެވެ.
"ޕްލީޒް... ތިކަހަލަ ވާހަކަ..." ރައްޔާން ބުނަން އުޅުނެވެ.
"މިއީ އަހަރެން ދައްކަން އުޅުނު ވާހަކަ. ރައްޔާންދެކެ އަހަރެން ވަރަށް ލޯބިވޭ. ރައްޔާނަށްޓަކައި އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން. އަހަރެން މި ވަޒީފާ މި ޕޯސްޓު ބޭނުމެއްނޫން. މި ޕޯސްޓްގެ ސަބަބުން އަހަރެންގެ ލޯތްބަށް ހުރަސްއެޅެންޏާ. އަހަރެން ރިކުއިސްޓް ކޮށްފިން. މާދަމާ ޖަވާބުލިބޭނެ. އަހަރެން މިއަތޮޅުގައި މަސައްކަތް ނުކުރާނަން" ޝިނާ ވާހަކަދެއްކިއެވެ.
ރައްޔާން ބަހެއް ނުކިޔާ އިނެވެ. އޭނާ އިނީ ގަބޫލުނުކުރެވިފައެވެ. ޝިނާ ކައިރީގަ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ރައްޔާން..." ޝިނާ ރައްޔާނަށް ގޮވާލިއެވެ.
ރައްޔާން ލައްބަ އޭ ބުންޏެވެ.
"އަހަރެން މިއީ ރައްޔާންގެ ބޮޑުމީހާއެއް ނޫނޭ ބުނެވިއްޖެ. މާދަމާ އަހަރެން ޑިއުޓީއަށް ނުނިކުންނާނަން. އަހަރެން ޕޮލިހުން ކެނޑިގެން އައިއްޔާ އަހަރެންގެ ލޯބި ގަބޫލުކުރާނަންތަ؟" ޝިނާ އަހާލިއެވެ.
"އަހަރެން... އަހަރެން ވަކި ކީކޭ ބުނާނީ" ރައްޔާން ބުންޏެވެ.
"އަހަރެން ތެދެއް ބުނަންތަ؟" ޝިނާ ބުންޏެވެ.
"އަހަރެންގެ މައިންބަފައިން ދުނިޔޭގައި ނެތް. ތިބީ އެއްބަނޑު އެއްބަފާ ބޭބެ އާ ފަހަރި. އެއީ އަހަރެންގެ މުޅި ދުނިޔެއަކީ. އަހަންނަކީ އުފަން މާލޭ މީހެއް. ބައްޕަގެ ގެ ގޭގައި ދިރިއުޅެނީ. ފަހަރި ބަނޑުބޮޑު. މި އަހަރު ފަހުކޮޅުގަ ވިހާނެ. ގޭގައި އުޅެނީ އަހަރެމެން ތިންމީހުން. އަހަރެންގެ ބެސްޓްފްރެންޑޭ ހުރޭ. ނީލާ. އަހަރެން އަބަދުވެސް ނީލާ ކައިރީގަ ބުނަން ދުވަހަކުވެސް ފިރިހެނަކަށް ކުރިން ލޯބި ހުށަނާޅާނަމޭ. އެމީހަކު އަހަރެންގެ ފަހަތުންނޭ ދުވަންޖެހޭނީ. އަހަރެން ގެންގުޅޭ ފޮތެއްގަ ލިޔުނު ހަނދާނެއްވޭ އަހަރެންގެ ހިތް ހޯދާ ޒުވާނެއްގެ ހުންނަން އަހަރެން ބޭނުންވާ ސިފަތައް. އެސިފަތައް އިއްތިފާގުން ނަމަވެސް މިއަދު ރައްޔާންގެ ފަރާތުން އަހަރެންނަށް ފެނޭ. އަހަރެން ލޯބިވާ ވާހަކަ ބުނީ ހަގީގަތުގައިވެސް ލޯބިވާތީ. ދުވަހަކުވެސް އަހަރެން އަދި ފިރިހެނަކާ ރައްޓެހިނުވަން. ކަމުދިޔަ މީހާވެސް މިއުޅެނީ ރައްޓެހިނުވެގެން. އަހަރެން ހުތުރީތަ؟ " ޝިނާ އަހާލިއެވެ.
"ރައްޔާން..." އަނެއްކާވެސް ޝިނާ ރައްޔާނަށް ގޮވާލިއެވެ.
ރައްޔާން ބޯޖަހާލިއެވެ.
"އަހަންނަށް ބަލާލާފަ ބޯޖަހާލަބަލަ" ޝިނާ ބުންޏެވެ.
ރައްޔާނު ނުބެލިއެވެ. އޭނާ އެވާހަކަތައް އަޑުއަހަން އިނީއެވެ.
"އަހަރެން އުންމީދު ކަނޑައެއްނުލާނަން" ޝިނާ ބުންޏެވެ.
"އަދި އެއްވާހަކަ ބުނަންތަ؟" ޝިނާ ބުންޏެވެ. އަނެއްކާވެސް ރައްޔާން ބޯޖަހާލިއެވެ.
"އަހަރެންގެ އުމުރުން އަދި އެހާ ދުވަހެއްނުވޭ. އަހަރެން ދިރިއުޅުމުގަ ގިނަ ދުވަސްތައް ހޭދަކުރީ އެކި ގައުމުތަކުގަ ކިޔަވަން. މި ދާއިރާގަ މިހާރު މިހުރި މަގާމަށް އަހަންނަށް އާދެވުނީ އަހަންނަށް ލިބިފައިވާ އިލްމެއްގެ ސަބަބުން. އަހަންނަށް ލޯބި ހުށަހެޅި ކިތަންމެ މީހެއް. އަހަރެން އެކަހަލަ ގުޅުމަކަށް އޭރު ވަގުތު ހުސްކުރަން ބޭނުންނުވާތީ ނޫނެކޭ ބުނަމުން އައީ. އަހަރެންގެ ވަގުތުތައް ހުސްކުރީ ކިޔެވުމަށް. މިހާރުވެސް މި ދާއިރާއިން ކިތަންމެ މީހަކު އެބަގުޅާ. އަހަރެން ހުސްކޮށް ހުންނާތީ ކައިވެންޏަށް އެދޭ. ދޮންބެ އާ ފަހަރި އާ ގުޅައިފިއްޔާ އަބަދުވެސް އެއްވާހަކަ ދައްކާނީ. އެކަމަކު ދެން ބުނަންވީ ކަންނޭނގެ އަހަންނަށް ކަމުދާ ޒުވާނެއް ފެނިއްޖެއޭ" ޝިނާ ވާހަކަދެއްކިއެވެ.
ޝިނާއެކޭ ރޭޑިޔޯއެކޭ އެއްފަދައެވެ. ހުރިހާ ވާހަކައެއް ދައްކަނީ ޝިނާއެވެ. ރައްޔާނަކީ އެހުންތެރިޔާއެވެ. ޝިނާގެ ހުރިހާ ވާހަކަތަކެއް ޝައުގުވެރިކަމާއެކު ރައްޔާން އިނީ އަޑުއަހާށެވެ. އެއްޗެއް ބުނަން ނުކެރިފައެވެ.
"އަހަންނަށް ފަހުރުވެރިކަމާއެކު ބުނަންކެރޭނެ އަހަރެންގެ މި ހަށިގަނޑުގަ ދުވަހަކުވެސް، ދުވަހަކުވެސް ފިރިހެނަކު ބީހިފައެއް ނޯންނާނެ. އަހަރެންގެ އަލަތު ފިރިއަކަށްވާ މީހަކަށް މިކަން އެނގޭނެ ދުވަހެއް އަންނާނެ" ޝިނާ ބުންޏެވެ.
ރައްޔާނަށް މިފަހަރު ޝިނާގެ މޫނަށް ބަލައިލެވިއްޖެއެވެ. އެހިނދު ލޯތްބާއެކު ޝިނާ ހިނިތުންވެލިއެވެ. ސިކުންތަކަށް ނަމަވެސް ރައްޔާނު އޭނާގެ މޫނަށް ބަލައިލިކަމަށްޓަކައި އޭނާގެ ހިތުގެ ވިންދު އަވަސްވެއްޖެއެވެ. ހިތަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.
"އަށްގަޑި ބައިން ފެށިގެން އަހަރެން މިއިންނަނީ މިތަނުގަ. ރައްޔާންގެ އިންތިޒާރުގަ. މިހެން އަދި އަހަރެން އެކަނި ވާހަކަދެއްކިޔަސް ކަމަކުނުދާނެއްނު. ރައްޔާންގެ ހިތުގަ އޮތް އެއްޗެއް ބުނެބަލަ. އިރުއެރިޔަސް ރައްޔާންގެ ވާހަކަތައް އަހާކަށް އަހަރެން ފޫއްސެއްނުވާނެ" ޝިނާ ބުންޏެވެ.
ރައްޔާން އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އޭނާ އަޑު ބޭރުނުވިޔަސް ހިތުން އެތައް ވާހަކައެއް އެބަދައްކައެވެ.
"މަންމަންވީތަ؟" ޝިނާ ހީލިއެވެ.
"އަހަރެންގެ... އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ" ރައްޔާން ބުންޏެވެ.
ވަގުތުން ޝިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލުނެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ.
ބަހެއް ބުނަން ހަނދާންނެތިފައި އިންނަކަހަލަ ގޮތަކަށް އޭނާއަށް އިނދެވުނީ ރައްޔާނަށް ބަލަހައްޓައިގެންނެވެ.
"ތިކަމެއް ކުރިން ނޭނގޭ. ކީއްވެ ނުބުނީ. ރައްޔާންދެކެ ކިތަންމެ ލޯބިވިޔަސް ތި ލޯބި ހާސިލްކުރާށޭ ކިޔާފަ ހައްދުފަހަނައަޅައެއް ނުދާނަން" އަސަރާއެކު ޝިނާ ބުންޏެވެ.
"އެއީ ދުވަހަކުވެސް އަހަންނަށް ލިބުމެއްނުވާ ލޯތްބެއް. އެއީ ހަމައެކަނި އަހަރެންގެ ލޯބި. ލޯބިވަނީ ހަމައެކަނި އަހަރެން. އެއީ މީހެއްގެ އަންބެއް. ކުޑަކުއްޖެއްގެ މަންމައެއް" ރައްޔާން ބުންޏެވެ. ޝިނާ ހައިރާންވެފައި ރައްޔާނަށް ބަލައިލިއެވެ.
"އެ ލޯބި ހާސިލްކުރާކަށް އަހަރެންވެސް ނޫޅެން. އެ ލޯތްބަށް، އެ އަންހެންކުއްޖާއަށް އަހަރެން ގަދަރުކުރަން. އެ ލޯބި ވާނީ މާކުރިން އަހަރެން ހިތުގައި ފަސްއަޅާ ފޮރުވާފަ" އިތުރަށް ރައްޔާން ބުންޏެވެ.
"ވަރަށް އުފާވެއްޖެ. އަލްހަމްދުލިއްލާހް. ދެން އެހެންވިއްޔާ އަހަރެންގެ ލޯބި ގަބޫލުކުރަންވީނު. ރައްޔާންގެ ފުރަތަމަ އަނބިމީހާގެ މަގާމު އަހަންނަށް ދޭންވީނު. އަހަރެން... އަހަރެން ރައްޔާން ބުނި ކޮންމެ ކަމެއް ކުރާނަން" ޝިނާ ބުންޏެވެ.
"އުނދަގޫކަމެއް. ވަރަށް އުނދަގޫކަމެއް. ހަމަ އެންމެ ސަބަބެއް" ރައްޔާން ބުންޏެވެ.
"ތިއީ ރީތި ކުއްޖެއް. ކޮންމެމީހަކަށްވެސް ވަރަށް ފަސޭހައިން ތިކަހަލަ ތައުލީމީ ހަރުދަނާ ބަލާލަން ރީތި ކުއްޖެއްދެކެ ލޯބިވެވިދާނެ. ހިތުން ރުހުމުން ކައިވެނިކޮށްފާނެ. އެކަމަކު އަހަރެން.... އޮތީ އެންމެ މައްސަލައެއް... ހައްތާވެސް ނުބުނަން މިހުންނަނީ"
"ބުނޭ. އެއްވެސް ކަމެއް ނުފޮރުވާ. ބުނީމަ ނޫނީ ކުރިއަކަށް ނުދެވޭނެ" ޝިނާ ބުންޏެވެ.
"ހަގީގަތުގަ މިހެން ބުނުމުގެ އެއްވެސް ހައްގެއް އަހަންނަށް ނެތް. މައްސަލައަކީ... މައްސަލައެއް ނޫން... ތަފާތެއް.. އަހަރެންގެ މަގާމާއި މޭމްގެ މަގާމު... އަހަރެން ކިހިނެއް....." ރައްޔާން ވާހަކަތައް ހުއްޓާލިއެވެ. މިވަގުތު އޭނާ ބުނަން ބޭނުންވެއެވެ. އަންހެންކުއްޖަކު އޭނާގެ ލޯތްބަށް އެދި އެވަރަށް އާދޭސްކުރަނިކޮށް އެ ލޯބީގައި ކޮޅުފައިން ޖަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.
"ހަގީގަތުގައިވެސް ތިހާ ލޯބިވަންޏާ ކޮންމެސް އެކަކު މިތަނުން ބަދަލުވާންޖެހޭ. ވިސްނަންޖެހޭ ބައިވަރު ކަންކަން އެބަހުރި. އަޅުގަނޑުގެ ބޮޑުމީހާ އާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭނީ ކިހިނެއް؟ އެހެން މުވައްޒަފުން ދެކޭނީ ކިހިނެއް؟ ރައްޔިތުން ދެކޭނީ ކިހިނެއް؟"
"ތިކަމާ ރައްޔާން ހާސްނުވޭ. އަހަންނަށް ވިސްނޭ. އެހެންވެ ކުރިން މިބުނީނު އަހަރެންގެ ޓްރާންސްފާ ވަގުތު ޖެހިއްޖޭ. މާދަމާ އަހަރެން ފުރަންޖެހިދާނެ. ގަޑި އެނގުނީމަ ރައްޔާނަށް އަންގާލާނަން" ޝިނާ ބުންޏެވެ. ދެން ދިޔައީ ވާހަކަނުދައްކާ ފާއިތުވެގެންދިޔަ ހިނދުކޮޅެކެވެ. ރައްޔާނު އިނީ ވިސްނުމުގައެވެ. އާއެނކޭ ބުނަންވީކަމެއް ނުވަތަ ނޫންކަމެއް ނޭނގިފައެވެ. ކަޅިޖަހާނުލާ ރައްޔާނަށް ބަލަން އިން ޝިނާ އިނީ ރައްޔާނު ދުލުން ބުނާ ހަމަ އެންމެ ލަފްޒެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ.
"ދޮންބެމެން ގޮވައިގެން ތިގެއަށް ދިޔުމުގެ ހުއްދަ އަހަންނަށް ލިބޭނެތަ؟ އަހަންނަށް ރައްޔާންގެ އަންބަކަށް ވެވިދާނެތަ؟ އަހަންނާ މެދު ރައްޔާން ތިދެކޭ ނަޒަރިއްޔާތު ބަދަލުވެދާނެތަ؟ އަހަރެންދެކެ ލޯބިވާން މަސައްކަތްކަތް ކުރެވޭނެތަ؟"
ޝިނާގެ ސުވާލުތަކާއެކު ރައްޔާނު ބަސްހުއްޓުނެވެ. ހަތަރުކަޅި ހަމަކޮށް އޭނާ ޝިނާއަށް ބަލައިލިއެވެ.
(ނުނިމޭ)