ކޮރިޑޯގެ ކޮޅުގައި ޓީވީ ހޯލުގައި ކަން ބަލަން ޖަލުގެ އެކި ގައިދީން ނުކުމެ ތިއްބެވެ. އާންމުކޮށް މިކަހަލަ ބޮޑު ޒުވާބެއް ހިނގާ ދުވަހަކަށް ހުކުރު ދުވަސްވުމަކީ އިއްތިފާގުން ކަމެއް ނުވަތަ ކޮންމެވެސް ކަހަލަ އިޝާރާތެއް ކަމެއް ނޭނގެއެވެ. ކަން ބަލަން ނުކުމެ ތިބި ގައިދީންގެ ތެރޭގައި ގޭންގުގެ އެކަކުވެސް ފެންނަން ނެތް ހިސާބުން ފަސް ނަންބަރުގައި ވަރަށް ބުރަކޮށް ޕާޓީ ހިންގަނީކަން ދެނެގަންނާކަށް ލާނާ މެނަކަށް އުނދަގުލެއް ނުވިއެވެ.
ރޫހީނަށް ޑީކޮރިޑޯގެ ތިން ނަންބަރު ގޮޅިއަށް ގޮސް ވަދެވުނީ ކިރިޔާއެވެ. އެތެރެއިން ވިއްސައިގެން އައި ނާޒު ޖެހުނީ ރޫހީންގެ ގައިގައެވެ. ނާޒު ކޮއްޕާލީ އަޒާލަ ކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ދުރުގައި މޭޒުމަތީގައި އިން ސެމްއަށް އަލިފާނުގެ ލޮލަކުން ބަލައިލަމުން ނާޒުގެ ކޮނޑުގައި ހިފައި ގޮޅިއަށް ވައްދަމުން ރޫހީން ގޮޅީ ދޮރު ލައްޕާލިއެވެ.
"ޖެހުނީ ކަންތަކާ، ކުއީން ވަޑައިގަތީ، ފަތުވާ ދޭން،" އަޒާލަ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.
"މަ ކުއީނަކަށް ވިޔަސް އެންމެ ރަނގަޅުތާ، ނަސީބެއްނު މަށަށް އެނގޭ މަމީ ކުއީނެއްކަން، އެއްދުވަހު ކުއީނަކަށް އަނެއްދުވަހު ކިންގަކަށް ވާން އަމިއްލަ ނަފުސާ މެދު ކޮންފިއުޒުވުމަކީ މަގޭ ސިފައެއް ނޫން،" ރޫހީން މަލާމާތެއް ކޮށްލިއެވެ. އަދި ނާޒުގެ އެނދުގައި ނާޒު ބައިންދަމުން ރޫހީން ރަނގަޅަށް އަޒާލައާއި ސެމްއަށް ބަލައިލިއެވެ. ރޫހީން ފެނުމާއެކު ސެމް އަވަހަށް މޭޒުމަތިން ފައިބައިފިއެވެ.
"ކޯޗެކޭ ކިޔަން ތިއުޅެނީ...؟"
އަޒާލަ ދެ ބުމަ ގޮށްޖަހާލަމުން އަހާލިއެވެ.
"އެއްޗެއް ކިޔާކަށް ނޫޅެން، އެކަމަކު ހިސާބު ހަމަހަމަވާން ޖެހޭނެ، މަށަކީ ދަރަނި ބަހައްޓާ ހިތްވާ މީހެއް ނޫން،"
ރޫހީން ޖެއްސުމުގެ އަޑަކުން އެހެން ބުނުމާއެކު ކުރިމަތީގައި ހުރި އަޒާލަގެ ކޮނޑުގައި އަތް އަޅައި ދުރަށް ކޮއްޕާލިއެވެ. ވިސްނާ ނުލައި ހުރި އަޒާލަ ވިއްސައިގެން ގޮސް ޖެހުނީ ފަހަތުގައި ހުރި މޭޒުގައި ލެގިލައިގެން ހުރި ސެމްގެ ގައިގައެވެ. އަދި ޖެހުނު ބާރު މިނުގައި ދެމީހުން ގުޅަވަރަކަށް ބިމަށް ޖެހިއްޖެއެވެ.
"ސަޅި، މިހާރު ހަމަހަމަވީ، ދެންވެސް ނާޒު ގައިގަ އަތްލުމުގެ ކުރިން މަދުވެގެން ވިއްސަކަށް ފަހަރު ހަނދާން ކޮށްލާތި، އަދި މި ޖަލުގައި އަހަރެން އެބަހުރިކަން، މަށަކަށް ކަލޭމެން ލަވާހެން ބޭކާރު ހަޅޭކެއް ނުލެވޭނެ، މަގޭ އަތް ތަންކޮޅެއް ދިގުވާނެ،" ރޫހީން ބުނެލިއެވެ.
"އަމައްޔާތް. މިހާރު ކަލޭމެންގެ ގޭންގަށް ދޮން ވެސް ވެއްދީ، އެހެންވެދޯ މިއަދު ރިންގަށްވެސް ނޭރީ.."
ބިންމަތިން ތެދުވެ ލައިގެން ހުރި ޓީޝާޓު ރަނގަޅު ކޮށްލަމުން ސެމްގެ އަތުގައި ހިފައި، ތަދުވިތޯ އަހާލުމަށްފަހު ހަމަ އެ ނޭވާގައި ރޫހީނާ ދިމާއަށް ބަލައިލަމުން އަޒާލަ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
"ބުނަން، ރޫހީ ހުއްޓައި މަގޭ އަނގަ ގޮއްވަން ނޫޅޭތި، މާ ރީއްޗެއް ނުވާނެ،"
ނާޒު ރުޅި އައިސް ރަތްވެފައި ބުނެލިއެވެ.
"ދޮން، ކޮންއިރަކުތަ އެ ގޭންގަށް ސޮއި ކުރީ؟ ކަލޭވެސް އަޅުވެރިއަކަށްވީ؟" އަޒާލަ އަހާލިއެވެ.
"ކަލޭ ކައިރީގަ ބުނަން ޖެހޭ ސަބަބެއް ބުނެބަލަ، ބޭކާރު ވާހަކަ ނުދައްކާ މިތަނުން ނުކުމެގެން ދާން އުޅޭ،"
ނާޒު އަނދައިގެންފައި ބުނެލިއެވެ.
"ދާން އުޅޭށޭ، މިއީ ކަލޭގެ އެކަނި ގޮޅިއެއްތަ؟ މި ގޮޅީގަ އެހެން މީހަކުވެސް އުޅެއޭ، ބުނަން ދޮން، ކަލެއާ މަށާ މިއީ މައްސަލަ ޖެހޭ ވަރަށް ވުރެ މާ ގިނަ ދުވަސްވީ ރައްޓެހިން، މި ދެމެދަށް ވަންނަން އަންނަ މީހުންނަށް އެވަރު އެނގެންވާނެ، އެހެންނޫނަސް މިހިރަ ބުއްރާސްޕަރީއާ ހެދި ސެމް ވެއްޓުނީ، ސެމްއަށް ތަދުވީމަ މަށަކަށް ނުހުރެވޭނެ އަޅާނުލައި،"
އަޒާލަ ސެމްގެ އުޅަބޮށީގައި ތެޔޮހަން ގޮސްފައި ހުރި ތަން ދައްކާލަމުން ބުނެލިއެވެ.
"މި ގޮޅިއަށް އައިސް ވަދެގަންނަން ކެރުނީތީވެސް ހަމަ އަޖައިބުވެއްޖައިން، ކަލޭ ކޯޗެކޭ ހިތަށް އަރާފަ ސެމް ވައްޓާލީ...؟"
އަޒާލަ ރޫހީނާ ދިމާކުރާނެކަން މާކުރިންވެސް ނާޒަށްވެސް، ރޫހީނަށްވެސް އެނގެއެވެ. އެހެންވެ ދެމީހުންމެ ތިބީ ވަރަށް ރަނގަޅަށް ވިސްނައި ސަމާލުވެގެންނެވެ.
"ބަލަ މިހިރަ ހައިރާނާ، ކަލޭ ކައިރީގައޭ މި ބުނަނީ، ސެމްގެ ގަޔަށް އަރައިގަތީ ކީއްވެހޭ؟"
ވަރަށް ހަމަޖެހިލައިގެން ފިހިގަނޑު ބިންމަތީގައި ހާކާލަހާކާލާ ހުރި ރޫހީނާ ދިމާއަށް ފިޔަވަޅެއް ނަގަމުން އަޒާލަ ބާރަށް އަހާލިއެވެ. އެ ސުވާލުގެ ފަހު ދެބަސް އިވުމާއެކު ރޫހީން ޕަކަޕަކަ އަޅާފައި ހީނގެންފިއެވެ.
"ގަޔަށް އަރައިގަތީއޭ، ކަލޭ ހީކުރީ މަމީ ކަލޭ ކަމަށްތަ؟ އުމުރު ދުވަހު މި ޖަލުގައި އޮންނަން ޖެހުނަސް ކަލޭ ތިއުޅޭހެން މަލުންމަލުން ފޮނިކަން މަލުންމަލުން ގަތާ ހާރު ކިޔަމުން ސޮނިބާލަމުން މަށެއް ނުދުވާނަން، ޗީޑި، ޖަހާ ފާޑު ނިކަން ބަލައިބަލަ، ގެރިކިރާއި މާމުއި އަޅައިގެން ޕޭސްޓު ހޭކޭވަރު ކަލޭގެ މޫނުން ވެސް އެނގޭ، މަށާ ޖެހިގަންނަން ނޫޅެއްޗޭ އަބަދުވެސް ބުނަމެއްނު، މަށާ ޖެހިގަންނަން އުޅެފިއްޔާ ކަލޭގެ ބަހުން ކަލެއާ ވާހަކަދައްކަން މަށަށް އެނގެއޭ،"
ރޫހީން، އަޒާލައަށް ފާރުގައި ހުރި ލޯގަނޑުން މޫނު ބަލާށޭ ބުނުމުން އެ މަލާމާތް ހަޖަމުކޮށްލާކަށް ފަސޭހައެއް ނުވިއެވެ. އެ ހުރި ގޮތަށް ހުރެ އެއްއަތް އެއްލައި ރޫހީންގެ މޫނުގައި ޖަހަންކަމަށް ހިތާ ކޮށްލި ހަރަކާތާއެކު ނެގި އަތުގައި ހިފެހެއްޓީ ފުންމައިގެން އައި ނާޒެވެ.
"ހަމަ ތެދެއް މިބުނީ، ހީނާ ގައިގައި އަތް ޖައްސާލިއަސް ނިމުނީ، ދެންމެ އަތް އަނބުރާލިހެނެއް އަނބުރައެއް ނުލާނަން، ބިންދާލާނީ،"
އަޒާލަގެ އަތުގައި ހިފައި ހޫރާލަމުން ނާޒު ހަޅޭލައިގަތެވެ.
ރޫހީނަށް ބަލައިލެވުނީ ނާޒުގެ މޫނަށެވެ. ނާޒުއާ އޭނާއާ ދެމީހުންގެ އޮންނަ އާދަޔާ ހިލާފު އިތުބާރާއި ޔަގީންކަން ބިނާވެފައި އޮންނަ އެއްބަނޑުވަންތަ ލޯބީގެ އަސްލަކީ އިހުތިރާމާއި ގަދަރު ކަމުގައިވީ ނަމަވެސް، އޭނާއަށް މި ހަތްދިހަ އަށްޑިހަ ގައިދީންގެ ތެރެއިން ނާޒު ހާއްސަވުމުގެ ސިއްރަކީ އެ ނަން ކަމަށްވެސް ވެދާނެއެވެ.
ފުރަތަމަ ވާހަކަ ދެކެވި އެކުވެރިކަން ފެށުނު ދުވަހުން ފެށިގެން ނާޒު ރޫހީނަށް ގޮވައި އުޅެނީ ހީނާގެ ނަމުންނެވެ. އަދި މުޅި ޖަލުގެ އެންމެން ދޮން، ދޮންދައްތަގެ ނަމުން މުހާތަބު ކުރި ނަމަވެސް ރޫހީން، ނާޒްނީނަށް ގޮވަނީ ނާޒުގެ ނަމުންނެވެ. ނާޒު ބުނާ ގޮތުންނަމަ އެ ނަމުން ގޮވާ ކޮންމެ ފަހަރަކު ނާޒު ވަރަށްބޮޑަށް އުފާވެއެވެ.
ސަބަބަކީ މަރުހޫމު މަންމަގެ ހަނދާން އައުކޮށްދޭތީ ކަމަށް ނާޒު ބުނެއެވެ. ޒުނާނުއަށް އެގޮތަށް ނާޒަށް ގޮވާ އަޑު އިވުމުން އެ ނަމުން ނުގޮވުމަށް ބުނުމުން އެކަމާވެސް ނާޒު ދެކޮޅު ހެދިއެވެ. އަދި ރޫހީން އޭނައަށް ނާޒު ކިޔާތީ އުފާވާ ކަމަށާއި އެއީ މަންމަގެ އަޑުކަމަށް ހީވެއޭ ބުނުމުން ޒުނާނަކަށްވެސް އިތުރަށް ބަހެއް ބުނާކަށް ނުކެރުނެވެ.
ނާޒު ހުރީ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ރުޅިއައިސް ހިތްހަމަ ނުޖެހިފައެވެ. އަމުދުން މިއަދު ކަންތައް މިވީ އެންމެ ރަނގަޅަކަށް ނޫނެވެ. ރޫހީން މިގޮތަށް މައްޗަށް އައުމުން ނާޒުގެ ރުޅިގަނޑު އިތުރަށް ވީ ގަދައެވެ.
"އަޒާ. އިހަށް މިތަނުން ދޭ. މައްސަލަ ގޯސް ނުވަނީސް،"
ސެމް މަޑުމަޑުން އަޒާލަ ގާތަށް ޖެހި ބުނެލިއެވެ.
"ވާހް. ކިހާ ސަޅި، ކިހާ ތާހިރު، މިހާރު ދެން ވާނެ ހުރިހާ އެއްޗެއް ވެ ނިމުނީމަ، މާސްކު އަޅަންވީ، ބުނަން ސެމް، ތިއީ ވަރަށް ހުތުރު ގޮތެއް،"
ނާޒު ސެމްއާ ދިމާއަށް ބަލައިލީ ނުރުހުމުގެ ލޮލަކުންނެވެ.
"އަޅާނުލާ ދާން ހިނގާ، މިއީ ހުކުރު ދުވަސް، މުޅި ޖަލު މިހާރު އޮންނާނީ އެލާޓުގަ، މި ގޮޅީގައި ވީ ކީއްކަން ނޭނގުނަސް ވާހަކަ ހަދަހަދައިގެން ކިޔާއިރު ނާޒުގެ ނަން ވެސް އަންނާނެ، މަށެއް ބޭނުން ނޫން ނާޒުގެ ނަން އެގޮތަށް ހަޑިވާކަށް،"
ރޫހީން، ނާޒުގެ އަތުގައި ހިފަމުން ބުނެލިއެވެ.
"ހަޑިނުވެ ނެތެއްނު، މި ގޮޅި ތެރޭގަ ވިއްޔަ ނާޗަރަންގީ ކުޅެލީ، އެތައް ދުވަހަކު ބުނެފަ އޮންނާނީ މަ ނުކުރާ ކަމެއް މަގޭ ގޮޅި ތެރޭގައި އެހެންމީހަކު ކޮށްގެން ނުވާނެއޭ، މަ ނަމާދު ކުރާ މިސްކިތަކީ ވެސް މަ އުޅޭ ތަނޭ ބުނެފަ އޮންނާނީ، އެކަމަކު އެހެން މީހުންނާ މެދު ވިސްނާ ވަރަށްވުރެ އަމިއްލަ އެދުން ބޮޑު މީހުން ތިބޭ ތަނެއް މީ، ދެން މިރޭ ހޫދު ގުޅާފައި ކުރާ ޝަކުވާ އަޑު އަހަން މަ ޖެހޭނީ،"
ނާޒު އެހާ ބޮޑަށް ކަންބޮޑުވެފައި އެހެރީ ކީއްވެގެންކަން އެނގުމުން ރޫހީން ބޭނުންވީ އަވަހަށް އެތަނުން ބޭރަށް ނުކުންނާށެވެ. އިތުރަށް ޒުވާބު ކުރިއަށްދާ ވަރަކަށް އެހެންމީހުންނަށް އެނގެން ނުޖެހޭ ވާހަކަތައް ނާޒުގެ ދުލުން ބޭރުވާކަށް ރޫހީން ބޭނުމެއް ނޫނެވެ.
އެކަމަކު ދިއުމުގެ ކުރިން އޭނާ ބުނަން ބޭނުން ވާހަކައެއް އޮތުމުން މަޑުކޮށްލިއެވެ. އަދި ނިކަން ހަމަޖެހިލުމަށްފަހު އެނބުރި އަޒާލައާއި ސެމްއަށް ބަލައިލިއެވެ.
"ބުނަން ކަލޭމެން އެކަކު އަނެކަކަށް ކޮންމެ ސަކަރާތެއް ޖެހިޔަސް މަށަށް ހެޔޮ، މަށެއް ނުބެހޭނަން، އެކަމަކު މަ އުޅޭ ތަނަކަށް، ނޫނީ މަގޭ ގާތް މީހަކު އުޅޭތަނަކަށް ވަދެ އެމީހާގެ ހުއްދަ ނެތި ކަންކަން ކުރަންޏާ މަށަކަށް ހެވެއް ނޫން. އެހެންމީހުން ހެން ހަޅޭލަވައި އަޑުގަދަކުރާކަށް މަށަށް ނޭނގޭނެ، މަށަށް އެނގޭނީ ވަރަށް އާދައިގެ ކަންކަން ކުރަން، ކުރިއަށް އޮތީ ރޯދަމަސް، ކަލޭމެން ރޭގަނޑު އެކުގައި ކާން ބޭނުންވޭ ދަންވަރު ހާރު ގަޑީގައި ދިމާވާން ބޭނުން، ތަރާވީސްގަޑީގައި އެކުގައި ތިބެން ބޭނުން، މި ހުރިހާ ކަމެއް ކުރަން ބޭނުން އިރު ތިކޮންހާ ސަކަރާތެއް، ނިކަން މައިތިރިވެގެން ތިބެ، ރޯދަމަހު އެންމެން އެކީގައި ތިބެވޭތޯ ބަލައިބަލަ، ރޯދަވީއްލާ ގަޑީގަ ދިމާނުވިޔަސް ވަރިހަމައެއްނު، ބޭނުންވަނީ 6 އިން 7 އަށް ތަޅުލުންތަ ނޫނީ 6 އިން ހެނދުނު 8 އަށް ތަޅުލަންތަ؟"
އަޒާލައަށް ފުންމައިގަނެވުނެވެ. މީގެ ކުޑަކުޑައިރުކޮޅެއް ކުރިން ރޫހީންގެ ލޭކޮށާލާނަމޭ ހިތަށް އަރައަރައި ހުރި އަޒާލައަށް އެ އައި ބަދަލެއްވެސް ނޭނގުނެވެ. އެ އައި ގޮތަށް އައި ރޫހީންގެ އަތުގައި ހިފިއެވެ.
"އަސްލުތަ؟ ކީއްވެ ކުރިން ނުބުނީ؟" އަޒާލަ ހުރީ އުފަލުން ފޮޅިފައެވެ.
"ހަމަ ސީރިއަސްކޮށް މިބުނީ، ޝަޢުބާން މަހުގެ މިރޭ މިއީ ސޯޅަ، ބާކީ މާގިނަ ދުވަހެއް ނެތް، އެއްވެސް ކަޑަ އެއްޗެއް ހަދައިފިއްޔާ ނިމުނީ... ރޯދަމަހު ރޭގަނޑު ބަރޯ ސިޑިން އަރުވަން މަށަށް އުނދަގުލެއް ނުވާނެ، އެކަމަކު ކަލޭމެނަށް އެންމެން އެކީގައި ނޫޅެވޭނެ ކަން ޔަގީން،"
"އޯކޭ ޕްރޮމިސް، ޕްރޮމިސް، މި އެންމެ ފަހު ފަހަރު، ދެން އެއްވެސް އެއްޗެއް ވެސް ނުވައްދާނެ. އަހަރުން ރޯދަމަހު ސަޅިކޮށް އުޅެން ބޭނުމޭ، މީގެ ކުރިން އެއްވެސް ރޯދަމަހަކު ކޮރިޑޯތައް ހުޅުވަން އެއްބަސް ނުވޭވިއްޔަ،"
"މީގެ ކުރިން ރޫހީންވެސް މި ޖަލުގައި ނެތެއްނު،"
ނާޒުގެ އަތުގައި ހިފައިގެން ދަމުން ރޫހީން ބުނެލިއެވެ.
(ނުނިމޭ)