އެމް.އާރް.އައި މެޝިން ތެރެއަށް ވެއްދި އިރުގައި އައިރާގެ ހަތަރެސްފައި ވަނީ ފިނިވެފައެވެ. މެޝިން ތެރެއަށް މުޅިން ވަދެވުމާއެކު ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެކުޑަ ޖާގައިގެ ސަބަބުން ހިތުގެ ވިންދުތައް ވެސް އަވަސްކުރުވައިފިއެވެ. ކަންފަތުގައި ހެޑްސެޓް އަޅާފައި އޮތް ކަމުގައި ވިޔަސް އިވެން ފެށި އަޑުން ބޮލުގެ ރިހުން ވީ ގަދައެވެ. ހަށިގަނޑަށް ހަރަކާތެއް ނުގެނެސް އޮތްނަން ވުމުން އިތުރަށް އުނދަގޫ ވިއެވެ. ލަސް ނޭވާތަކެއް ދޫކުރަމުން ދިޔައީ ހިތުގެ ތެޅުން ހަމައަކަށް އެޅިދާނެ ކަމުގެ އުއްމީދުގައެވެ. އޭރު ތަގުޅިކޮށްލެވިފައިވި އެސްފިޔަތަކުގެ ތެރެއިން ހިމޭން ކަރުނަ ފައިބައިގެން ދިޔައެވެ. ތުންފަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދުނެވެ.
ޑޮކްޓަރު ހަދަން ދިން ހުރިހާ ޓެސްޓެއް ނިންމާލެވުނުއިރުގައި ހަވީރު ވެއްޖެއެވެ. ގަދައަށް ބޮލުގައި ރިއްސާލާފައިވުމުން ގެއަށް ދިޔަ މަގުމަތީގައި އައިރާއަށް ނިދުނީއެވެ. މޫނުގެ އުޖާލާކަން ވަނީ މުޅިންހެން ފަނޑުވުވެގެން ގޮސްފައެވެ. ކަރުނައިގެ ތެތްކަން އެސްފިޔަތަކުގައި ވިއެވެ. މޮޅިވެރިކަމާއި ހިތާމައިގެ ތަސްވީރެއް ފަދައެވެ.
ޤަމަރުއާއި ބަސީލްގެ މޫނުން ވެސް ފެންނަނީ އުދާސްކަމެވެ. ކާރުތެރެއަށް ފެތުރިފައި އޮތީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. ދައްކާނެ ވާހަކަތައް ހުރިކަމުގައި ވިޔަސް އެވާހަކަތައް ދުލާއި ހަމައަށް ގެންނާނެ ގޮތެއް ނޭނގުނީއެވެ. ހިތުގައި އަޅާ ވޭނުގެ ސަބަބުންނެވެ. ޑޮކްޓަރަށް ދެއްކުމުން ދެމަފިރިންގެ ހިތުގައި އޮތް ބިރުވެރިކަން ވެސް ހަޤީޤަތަކަށް ވެގެން ގޮސްފިއެވެ. ޑޮކްޓަރ ނަވާޒްގެ ވާހަކަތަކުން ހިތަށް އައު އުއްމީދެއް ވެސް ނުލިބުނެވެ. އެއާއި ހިލާފަށް ހިތަށް ވެރިވެގެން ދިޔައީ ބިރުވެރިކަމެވެ. އެހަޤީޤަތާއި ކުރިމަތިލާނެ ގޮތެއް ނޭނގި މާޔޫސްކަމާއެކު ކަރުއެލުވާލެވުނެވެ. އައިރާއަށް ނިދިފައިވުމުން ދެހިތުގައި އޮތް ގިލަންވެރިކަން ވެސް އިތުރަށް ސިއްރުކުރަން ބޭނުން ނުވާ ކަހަލައެވެ.
ލޮލުން ފައިބައިގެންދާ ކަރުތައް އިރުއިރުކޮޅާ ޤަމަރުއަށް ފޮހެލެވެއެވެ. ބަސީލްގެ ހިތަށް އުނދަގޫވެގެން އެންމެފަހުން ޤަމަރުގެ އަތުގައި ވެސް ހިފާލައިފިއެވެ. އެއްޗެއް ބުނަން ތުންފަތް ވެސް ހަރަކާތްކޮށްލިއެވެ. ނަމަވެސް މޭގައި އުފެދިފައިވި ވޭނުން އޭނަގެ ހިއްސުތަކުގެ ކޮންޓްރޯލް އަތުލާފައިވުމުން އަރުބެިގެން ދިޔައެވެ. އޭގެ ސަބަބުން ވާހަކަދައްކަން ފަސޭހަކަމަކަށް ނުވިއެވެ. މޮޅިވެރިކަމުގެ ނަޒަރެއް ދެމުން ބަސީލްގެ ސަމާލުކަން ހުއްޓާލީ މަގަށެވެ. ތަޤުދީރުގެ ނިޔާއާއި މެދުގައި ބަސީލްގެ ހިތުގައި ވަނީ ޝަކުވާތަކެވެ. އައިރާގެ އުފާވެރިކަމަށް މީހެއްގެ ނުބައި އެސްފީނާގެ ހިޔަނި އެޅުނީ ބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ. އައިރާގެ ހިނިތުންވުންތައް ގެއްލި މޫނު މިލައިގެން ގޮސްފައިވުމުން ހިތަށް ފުން އަސަރުތަކެއް ކޮށްފައި ވިއެވެ.
*****
ޕެންޓްހައުސްގެ ބޭސްމެންޓްގައި ޕާކިންއަށް ހާސްކުރުވެފައި އޮތް ޒޯންގައި ކާރު ޕާކްކޮށްލަމުން، ޤަމަރުއަށް ބަސީލް ބަލައިލިއެވެ. ވަގުތުން ޤަމަރުގެ ހިތްދަތިކަން ނަގައިގަނެވުނެވެ. ކާރުގެ ހުންގާނުން ދޫކޮށްލަމުން ޤަމަރުއާއި ދިމާއަށް ބަސީލް އެނބުލިއެވެ. ބަސީލްގެ ނަޒަރު އިހުސާސްވުމުން ޤަމަރުއަށް އިސްއުފުލާލެވުނެވެ. ލޮލުގައި ގިނަވެފައި ވަނީ ވޭނީ ކަރުނައެވެ.
ޤަމަރު ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަތައް ފޮހެލަދިނީ ބަސީލެވެ. ހިމޭންކަމުގެ ދުލުން ދެމަފިރިންގެ ދެމެދުގައި ވާހަކަތަކެއް ދެކެވުނެވެ. އެއާއެކު ޤަމަރު ބޯޖަހާލިއެވެ. ކާރުގެ ފަަހަތު ސީޓުގައި ނިދިފައި އޮތް އައިރާއަށް ބަލައިލިއެވެ. އައިރާގެ މޫނާއި ނަޒަރު ބައްދަލުވި ހިނދު މައިލަނގޮޑިއަށް ލޮޅުން އަރައިގެން ދިޔައެވެ. ފުން ނޭވާއެއް ޤަމަރުއަށް ދޫކޮށްލެވުނެވެ. ހިތުގެ އުދާސްތައް ވަންހަނާކޮށްލަން ބޭނުންވި ކަހަލައެވެ.
''ދަރިފުޅާ...'' އައިރާއަށް ޤަމަރު ގޮވާލިއެވެ. ސިހިފައި އައިރާއަށް ދެލޯ ހުޅުވާލެވުނެވެ. ފުރަތަމަ އައިރާގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. ވަށައިގެންވި މާހައުލު ވެސް އޮޅިފައިވާ ކަހަލައެވެ. ދެލޯ ބޮޑުކޮށްލަމުން މަންމަގެ މޫނަށް އައިރާ ބަލައިލިއެވެ.
''އަދިވެސް ބޮލުގަ ރިއްސަނީތަ؟...'' ޤަމަރު އަހާލިއެވެ. އައިރާއާއި ހަތަރުކަޅި ހަމަކުރަން ޤަމަރުއަށް ވީ އުނދަގޫ ކަމަކަށެވެ. ދެލޮލުގައިވި މާޔޫސްކަން އައިރާއަށް ފެންނަން އޭނަ ބޭނުމެއް ނުވިއެވެ.
''ހޫމްމްމް...'' އައިރާއަށް މޫނުގައި ފިރުމާލެވުނެވެ. އިނދެވުނީ ކާރުގައިކަން ރޭކާލާން އިރުކޮޅެއް ނެގިއެވެ. ހޮސްޕިޓަލަށް ދައްކަން ދިޔަ ހަނދާންތައް އާލާވެގެން ދިޔައީ ދެނެވެ. ދުވަހުގެ ވަރުބަލިކަމުގެ އަސަރާއެކު އޭނައަށް ކާރުގައި ނިދުނީކަން ނަގައިގަނެވުމުން ހައިރާންކަން ފިލައިދިއެވެ.
''ހިނގާ އަވަހަށް އެތެރެއަށް ދާން، ޑޮކްޓަރު ދިން ބޭސް ކާލީމަ ރަނގަޅުވެދާނެ...'' ޤަމަރު ބުންޏެވެ.
އައިރާ ބޯޖަހާލަމުން ކާރުން ފައިބަން އުޅުނެވެ. ނަމަވެސް މޫނަށް އަނދިރިވެލުމުން އަނެއްކާ ވެސް ސީޓުގައި އިށީނދެވުނެވެ. ބަސީލްއަށް އެމަންޒަރު ފެނުނެވެ. ވަގުތުން އައިރާއަށް އެހީވެދޭން އޭނަ އަަވަސްވެގަތެވެ.
އައިރާއަށް ނުރޮވުނީ ވެސް ކިރިޔާއެވެ. ނާޒުކު ހިތަށް ކުޅަދާނަވާ ގޮތެއް ނުވިއެވެ. އެހީތެރިވުމުގެ ގޮތުން ބައްޕަ ދިއްކޮށްލި އަތުގައި ބާރަށް އައިރާ ހިފާލިއެވެ. ހަށީގައި ނެތް ހިތްވަރެއް ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެހިތް ބިރުގެންފައި ހުރި މިންވަރު ސިއްރުކުރެވޭކަށް ވެސް ނެތެވެ. ތިރީ ތުންފަތުގައި ބާރަށް އައިރާއަށް ދަތް އަޅާލެވުނެވެ. ގިސްލެވިދާނެތީއެވެ.
ލިފްޓް ގޮސް އެންމެ މަތީ ފްލޯއަށް ހުއްޓެންދެން އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. ނުތަނަވަސްކަން މާހައުލުގައި ރަސްކަން ކުރަމުން ދިޔައެވެ. ޕެންޓްހައުސްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެވުމާއެކު އައިރާ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އެކަނިވެލަން އޭނަ ހުރީ ބޭނުން ވެފައެވެ.
''ދަރިފުޅާ، ބޭސް ކާލަން ޖޫސްތަށްޓެއް ކަހަލަ އެއްޗެއް ގެނެސްދެންތަ؟...'' ޤަމަރު ބުނެލިއެވެ. ދެކޮޅު ހަދާނެ ހިތްވަރެއް ނެތުމުން އެއްބަސްވުމުގެ ގޮތުން އައިރާ ބޯޖަހާލިއެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނަ އަަވަސްވެގަތީ ފެންވެރުމަށެވެ. ބޮލުގެ ރިހުމާއި ހަށިގަނޑަށް ވެރިވެފައިވި ލޮޑުކަމަށް ކުޑަމީސް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ.
ފެންވަރާލައިގެން އައިރާ ނިކުތީ އަތް ދިގު ޓީޝާޓަކާއި ހަރުވަޅިއެއް ލައިގެންނެވެ. މިލައިގެން ގޮސްފައިވި މޫނުގެ ސަބަބުން ތާޒާކަމެއް ނުފެނެއެވެ. އޭނަގެ އިންތިޒާރުގައި އެނދުގައި މަޑުކޮށްލައިގެން އިން މަންމަ އައިރާއަށް ފެނުނެވެ. ހިނިތުންވެލަން ބޭނުންވިކަމުގައި ވިޔަސް އެހިތްވަރެއް ވެސް ނުލިބުނެވެ. އައިރާއަށް އިސްޖަހާލެވުނެވެ. ހަރުގަނޑުގައި ތުވާލި އަޅުވާލަމުން ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނެވެ.
އެނދުގެ އަރިމަތީމޭޒު މަތީ ބެހެއްޓި ޖޫސްތަށްޓާއި ބޭސްތައް ނަގައި އައިރާގެ އަތަށް ޤަމަރު ދިއްކޮށްލިއެވެ. ބަހެއް ބުނުމެއް ނެތި ބޭސްގުޅަތައް އައިރާ ހޯދިއެވެ. އެއްނޭވާއިން ދަމާލި ޖޫސްތަށްޓާއެކު ބޭސްގުޅަތައް ދިރުވާލައިފިއެވެ. އަދި ހުސްކޮށްލި ތަށި އަނބުރާ މަންމަގެ އަތަށް ދިނެވެ.
އިސްއޮބާލާއިގެން އިން އައިރާގެ މޫނަށް ބަލަމުން، އައިރާގެ އަތުން ހުސް ތަށި ޤަމަރު އަތުލިއެވެ.
''މަންމަ ދަރިފުޅުގެ ބޯ މޮޑެދެންތަ؟...'' ޤަމަރު އެހިއެވެ. އޭނަގެ އުނގުގައި އޮށޯވެލުމަށް އައިރާގެ ގާތުން އެދުނެވެ.
އިސްއުފުލައިލަމުން މަންމަގެ މޫނަށް އައިރާ އަވަސް ނަޒަރެއް ދިނެވެ. މަންމަ އޭނައަށް ދިން ފަނޑު ހިނިތުންވުމުން އައިރާގެ ހިތުގައި ރިއްސާލިއެވެ. އަވަސްއަވަހަށް މަންމަގެ އުނގުގައި އައިރާއަށް ބޯއަޅާލެވުނެވެ. މަންމަގެ އޯގާތެރިކަން އިންތިހާއަށް ބޭނުންވެފައިވި ވަގުތުކޮޅެކެވެ. މަންމަގެ އުނގުގައި ބޯއަޅާލެވުމުން ލޯތްބާއި އޯގާތެރިކަން އިހުސާސްކުރެވުނެވެ. އިސާހިތަކު އައިރާގެ ދެލޯ ފުރިގެން ދިޔައީ ވޭނީ ކަރުނުންނެވެ. އެއާއެކު ދެލޯ މަރައި ބާރުކޮށްލެވުނެވެ. ތުރުތުރުލުން އުފެދިގެން ދިޔަ ތުންފަތް ފޫއަޅުވާލީ ވޭނީ އާހްތަކުންނެވެ. އިތުރަށް އައިރާއަށް ކެތެއް ނުކުރެވުނެވެ. މިއަދު ހަތަރުދަން ސިއްރުކުރަން ބޭނުންވި އިހުސާސްތައް ބަންޑުންކޮށްލެވުނީ ހިތުގެ ވޭން ބަރުދާސްތުކުރަން ދަތިވުމުންނެވެ. މަންމަގެ އުނދުތެރޭގައި އެވޭން ބަންޑުންކޮށްލެވުމުން ވަގުތީ ހަމަޖެހުމެއް ވެސް ލިބުނެވެ.
''މީ އުނދަގޫ ވަގުތެއްކަން މަންމަ ޤަބޫލުކުރަން، އެކަމަކު މާތްﷲގެ ރަހުމަތާއި މެދު އުއްމީދުކަނޑަނުލާ، އެއްވެސް އިންސާނަކަށް ނުއުފުއްލޭވަރުގެ ބުރައެއް އެކަލާނގެ މިންވަރެއް ނުކުރައްވާނެ... މިދަނޑިވަޅުގައި އެކަލާނގެއަށް ގިނަގިނައިން ދުޢާ ދެންނެވުން އޮތީ...'' އައިރާގެ ބޯ މޮޑެދެމުން ޤަމަރު ބުންޏެވެ. އައިރާގެ ލޮލުން ފޭދުނު ކަރުނަތައް ވެސް ފޮހެލަދިނެވެ.
ފުން ނަޒަރަކުން އައިރާގެ މޫނަށް ޤަމަރުއަށް ބަލައިލެވުނެވެ. އައިރާގެ ދެލޮލުގައިވި ވޭނާއި ކެކުޅުންތަކުގެ ފަހަތުގައިވާ ސަބަބުން ނިކަން ފަސޭހައިން އޭނައަށް ނަގައިގަނެވުނެވެ. އެއާއެކު ހިތަށް އިތުރު ތަކުލީފެއް ލިބިގެން ދިޔައެވެ.
''އަރޫ...'' ހިމޭންކަމުގެ ސުކޫތަކަށްފަހު ޤަމަރު ގޮވާލިއެވެ. ދެޚިޔާލެއްގެ މަތީގައި އިނދެފައި ވެސް އެންމެފަހުން އޭނަ ގަސްދުކުރީ އެމައުޟޫޢުއާއިގެން ކުރިއަށް ދާށެވެ. އެވާހަކަތައް ދައްކަން އެބަޖެހެއެވެ. ހުރިހާކަމަކަށް ވެސް ތައްޔާރުވާން އެބަޖެހެއެވެ. އުނދަގޫ ދަނޑިވަޅަކަށް ވިޔަސް ހަޤީޤަތާއި ކުރިމަތިލާން އެވަނީ މަޖުބޫރުވެފައެވެ.
ގިސްލެވުމުން އައިރާއަށް ވާހަކައެއް ނުދެކެވުނެވެ. އޭނައަށް މަންމަގެ އުނގުތެރޭގައި މޫނު ފޮރުވާލެވުނީއެވެ. ޒަހަމްވެފައިވި ހިތުގެ ހުރިހާ ޝަކުވާއެއް ކަރުނައިގެ ސިފައިގައި ބަންޑުންކޮށްލެވުނެވެ.
''މަންމައަށް ފެންނަނީ ޒާންއަށް ކިޔައިދޭން، އިތުރަށް މިކަންތައް ސިއްރުކުރުން އެއީ ރަނގަޅު ގޮތެއް ނޫން...'' ޤަމަރު ބުންޏެވެ. އެއާއެކު އައިރާގެ ހަށިގަނޑަށް ހަރުކަމެއް އަތުވެއްޖެއެވެ. ކުއްލިޔަކަށް ބޯ ހިއްލާލައިފިއެވެ. ކަރުނުން ފުސްވެފައިވި ދެލޮލާއެކު ދެފަރާތަށް ބޯހޫރާލިއެވެ.
ފެންނަމުން ދިޔަ މަންޒަރުން މޭގެތެރޭގައި ހިތް ފިތިގެން ދިޔަ ފަދަ އިހުސާސެއް ޤަމަރުއަށް ކުރެވުނެވެ. ދުވަހަކުވެސް އެފަދަ ބޮޑު ވޭނެއް އައިރާގެ ދެލޮލުން އޭނަ ދެކެފައި ނުވެއެވެ. އެވޭނާއި ކެކުޅުމާއި ގުޅިފައިވަނީ ޒޯހަންއެވެ. ހިތާމަކުރަމުން ދަނީ ވެސް ޒޯހަންއަށްޓަކައެވެ. އަމިއްލަ އެދެމެއް ނުވާ އެސާފު ލޯބި ހާސިލް ނުކުރެވިދާނެކަމުގެ މާޔޫސްކަން އައިރާގެ ދެލޮލުން ހާމަކޮށްދިނެވެ.
''އަރޫ...'' ޤަމަރުގެ ލޮލުން ކަރުނަ ނީރާލިއެވެ. ''މަންމަގެ ވާހަކަ އަޑުއަހާބަލަ...''
''ނޫން........ ޕްލީޒް...'' އައިރާ ދެފަރާތަށް ބޯހޫރާލިއެވެ. ކުރިން ޒޯހަންއަށް އަންގަން ވަޢުދުވެފައިވިކަމުގައި ވިޔަސް، ހަޤީޤަތް އައިސް ލޯކުރިމަތިން ފާޅުވި ހިނދު އައިރާ ފަސްޖެހުނެވެ. އޭނަގެ ވޭނާއި ކެކުޅުންތަކުން ޒޯހަންގެ އުފާވެރިކަން މިލާމޯޅިވެގެން ދާން އެހިތެއް ނޭދުނެވެ. އެއަށްވުރެން ބޮޑަށް އޭނަ ޒޯހަން ދެކެ ލޯބި ވެއެވެ. ޒޯހަންގެ މާޔޫސްކަން ދެކޭނެހާ ހިތްވަރެއް އެނާޒުކު ހިތަށް ލިބިގެން ނުވެއެވެ. އޭނަގެ ވޭން ޒޯހަން ބަރުދާސްތުކުރަން އަމުދުން ބޭނުމެއް ނުވިއެވެ.
''ދަރިފުޅާ...'' ޤަމަރު ބުންޏެވެ. އިތުރަށް ވާހަކަދެއްކުމުގެ ފުރުސަތެއް އައިރާ ނުދިނެވެ. ގިސްލަމުން އާދޭސްކުރަން ފަށައިފިއެވެ.
''މަންމާ، ޕްލީޒް، ޒާންއަށް އެނގޭކަށް ބޭނުމެއް ނޫން، އައި ކާންޓް ޑޫ ދެޓް ޓު ހިމް... ފުރަތަމަ ފަހަރަށް ބްރެއިން ޓިއުމާ ހުރިކަން އެނގުމުން ކަންތައް ވީ ގޮތް މަންމައަށް ވެސް އެނގުނެއްނު؟، ހޮސްޕިޓަލުގައި ވޭތުވެދިޔަ ހިތްދަތި ދުވަސްތައް ހަނދާން ނައްތާލާނީ ވެސް ކިހިނެއް؟... އެފަދަ ފުން ވޭނަކަށް ޒާން ހުށަހެޅިގެން ދާން އަހަރެން ބޭނުމެއް ނޫން، އެއަށްވުރެން ބޮޑަށް ޒާން ދެކެ އަހަރެން ލޯބިވޭ، އައި ކާންޓް ސީ ހިމް އިން ޕެއިން... ޤަބޫލުކުރަން ބޭނުން ނުވިޔަސް ނަތީޖާ އަންނާނެ ގޮތް މިހާރު އެނގޭ، މަންމައަށް ވެސް އެކަން އެނގޭހެން ހީވަނީ...'' ގިސްލުމުގެ ތެރޭން މަންމަގެ އަތުގައި ނިކަން ބާރަށް އައިރާ ހިފަހައްޓާލިއެވެ. އައިރާގެ ދެލޮލުން ފެނުނީ ހިތްދަތިކަމުގެ އިންތިހާއެވެ.
ޤަމަރު އިނީ ހުއްޓުން އަރާފައެވެ. އައިރާގެ އާދޭސްތަކުން ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވާސިލްވެގެން ދިޔައީ ބަޔާންކުރަން ދަތި ރިހުމެކެވެ. އިސާހިތަކު އެރިހުން މެޔަށް ފޭދިގެން ގޮސްފިއެވެ. ހުރިހާ ހިއްސަކަށް އެނގުން ގެނުވާފައެވެ. ޤަމަރުއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އައިރާގެ އާދޭސްތަކުން ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ.
''ޒާން އެހުރީ ދަރިފުޅާއެކު ޒަވާޖީ ހަޔާތެއް ފަށަން ތައްޔާރުވެގެން، މިކަމުގައި ދަރިފުޅަށް އެންމެ ބޮޑު ހިތްވަރެއް ލިބޭނީ ވެސް ޒަންގެ ފަރާތުން... ޒާންއަށް މިޚަބަރު ލިބުމުން ދަރިފުޅާއި ވަކިވެދާނެއޭ މަންމަގެ ހިތެއް ނުބުނޭ، އެއަށްވުރެން ބޮޑަށް ދަރިފުޅު ދެކެ ޒާން ލޯބިވޭ... މަންމަގެ ނަސޭހަތް ދަރިފުޅު އަދުއަހާބަލަ... ޒާންއަށް ހަޤީޤަތް އެނގުމުގެ ފުރުސަތު ދޭން ވާނެއެއްނު؟...'' އައިރާގެ މޫނުގައި ދެއަތުން ހިފާލަމުން ޤަމަރު ބުންޏެވެ. އައިރާގެ ކޯތާފަތުގައި ރޮނގު ދަމާލި ކަރުނަަތައް ވެސް ފޮހެލަ ދިނެވެ.
''ޕްލީޒް!، މަންމަ އަހަރެން ދެކެ ލޯބިވާނަމަ މިކަން ކޮށްދީ، ޒާންއަށް އެއްވެސް ކަމެއް އެނގޭކަށް އަހަރެން ބޭނުމެއް ނޫން... މަންމާ.... ޕްލީޒް... އަހަރެން ދުވަހަކު ވެސް މަންމަ ގާތުން ކަމަކު ނޭދެން، ޕްލީޒް މަންމާ، އަހަންނަށް މިކަންތައް ކޮށްދީ، ދެން ދުވަހަކު ވެސް މަންމަގެ ގާތުން ކަމަކަށް ނޭދޭން................ މިކަންތައް ޒާންއަށް ސިއްރުކޮށްދީ، ޒާންއަށް އެނގޭކަށް ބޭނުމެއް ނޫން...'' ރޮމުން ގިސްލަމުން އައިރާ އާދޭސްކުރިއެވެ. އެއަޑުގައި ވަނީ ވޭނާއި ހިތްދަތިކަމެވެ. ގިސްލަމުން ކުރަން ފެށި އާދޭސްތަކުގެ އަޑު ކޮޓަރީގެ ހަތަރު ފާރުތެރޭގައި ގުގުމާލައިފިއެވެ. ހިތާމައިގައި ފިސްފިސްވަމުން ދިޔަ ހިތުގައި ޒޯހަންއަށް އޮތް ލޯބި ވެސް ވޭނީ ކަރުނަތަކުން ހާމަކޮށްދިނެވެ.
އަޑު ގަދަވެގެން ބަސީލް ވެސް ކޮޓަރިއަށް އަތުވެއްޖެއެވެ. ކަންބޮޑުވެފައި އައިރާގެ މޫނަށް ބަސީލް ބަލައިލިއެވެ. ފުރާފުރިހަމަވިފަހުން ދުވަހަކު ވެސް ހިތުގައި ޖެހި އައިރާ އާދޭސްކުރި ހަނދާނެއް އޭނަ ނުވެއެވެ. ހުއްޓުންއަރާފައި ބަލަން ހުރެވުނީ އެހެންވެއެވެ. އޭނަ ސިއްސުވާލީ އައިރާގެ ވޭނީ ގިސްލުންތަކުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް އައިރާގެ ގާތަށް ހުއްޓެވުނެވެ.
''ދަރިފުޅާ...'' ބަސީލް ގޮވަލިއެވެ.
''ބައްޕާ، ޕްލީޒް!، މަންމައަށް ވިސްނަދީބަލަ، އަހަރެން ބޭނުމެއް ނޫން ޒާންއަށް އެއްވެސްކަމެއް އެނގޭކަށް...'' މަންމަ އޭނަގެ އާދޭސްތައް އަޑު އަހަން ދެކޮޅު ހެދުމުން އެންމެފަހުން އައިރާއަށް ބައްޕަ ގާތުގައި އާދޭސްކުރެވުނެވެ.
''އަރޫ...'' އައިރާގެ އާދޭސްތައް އަޑުއަހަން ބަސީލްއަށް ފަސޭހަކަމަށް ނުވިއެވެ. ހަމައެއާއެކު އައިރާގެ އާދޭސްތައް ޤަބޫލުކުރަން ވެސް ފަސޭހައެއް ނުވިއެވެ. އެނިންމުން ގުޅިފައިވަނީ ހަމައެކަނި އައިރާއަކާއި ވެސް ނޫނެވެ. އައިރާގެ އެނިންމުގެ އަސަރު ޒޯހަންއަށް ވެސް ކުރާނެއެވެ.
''ދަރިފުޅާ، ބިރު އިހުތިޔާރު ނުކޮށް ނިކަން ފުންކޮށް ވިސްނާލަބަލަ، ދަރިފުޅު ތިދަނީ ޒާންއާއި އެކު ހަޔާތެއް ފަށަން ތައްޔާރުވަމުން، ކައިވެންޏަށް ގިނަ ދުވަހެއް ވެސް ނެތެއްނު؟...'' ބަސީލް ވިސްނައިދޭން އުޅުނެވެ. އައިރާ ދެފަރާތަށް ބޯހޫރާލިއެވެ.
''ކައިވެނި ކުރާކަށް ބޭނުމެއް ނޫން!...'' ހިތުގެ ވޭން ބަރުދާސްތުކުރަން ދަތިވި ހިނދު އައިރާއަށް ބާރަށް ގިސްލެވުނެވެ. ބުނެވުނު ޖުމްލައާއި މެދު ވިސްނާލެވުނީ ވެސް ދުލުން އެބަސްތައް ބޭރުވެދިޔަ ފަހުންނެވެ. އިތުރަށް ކުރެވޭނެކަމެއް ވެސް ނެތެވެ. އެބަސްތައް އަނބުރާ ނުވެސް ނެގެވޭނެއެވެ. އެއާއެކު ހިތުގައި ޖެހި ބާރަށް ރޮވިއްޖެއެވެ.
''އައިރާ!...'' ޤަމަރުއަށް އިތުރަށް ކެެތެއް ނުކުރެވުނެވެ.
''މީ އަހަރެންގެ ނިންމުން، ޕްލީޒް މަންމާ... އަހަރެން އެދެނީ ހަމަ އެންމެ ކަމަކަށް...'' ދެއަތް ޖޯޑުކޮށް އާދޭސްކުރަމުން އައިރާ ބުންޏެވެ.
(ނުނިމޭ)