"ރޭގަ ރަނގަޅަށް ނިދުނުތަ؟" ތަބައްސުމް އަހާލިއެވެ.
"ނުނިދޭ. އިރުއަރަން އުޅެނިކޮށް ނިދުނީ. ތަން ބަދަލުވީމަ ކަންނޭނގެ" މެލެކް ބުންޏެވެ.
ހަގީގަތުގައި އޭނާއަށް ނުނިދުނީ ތަން ބަދަލުވީމައެއް ނޫނެވެ. ރޭގެ ހުރިހާ ވަގުތެއް އޭނާ ހުސްކުރީ ބާޒިލް އަށެވެ.
"އެހެންވީމަ ދަރިފުޅު ކުރަންވީ ކަމަކީ ނިދާލަންވީ. އޭރުން ބޮލަށް ލުއިވެދާނެ. މިރެއަށް ތައްޔާރުވާން ފަށާނީ މެންދުރު ކެއުމުގެ ފަހުން. މިހާރު ނިދާލިއްޔާ ރަނގަޅުވާނީ. މެންދުރު ނަމާދަށް މަންމަ ގޮވާނަން" ތަބައްސުމް ބުންނެވެ.
ފެންތަށި ހުސްކޮށްލައިގެން ތަބައްސުމް އާއެކު މެލެކް ތެދުވިއެވެ. ހުދު އޭނާވެސް އިނީ ސިކުނޑިއަށް އަރާމެއްދޭން ބޭނުންވެފައެވެ. އެހެން ދުވަސްތަކު ނުވާ އުނދަގޫތަކެއް އޭނާއަށް އެބަވެއެވެ. ހެނދުނު އެނާއަށް ތަސްވީރު ކުރެވުނު ހުދާ ކަޅުގެ މަންޒަރު އަދިވެސް ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.
"މިކޮޓަރީގަ ލޫލު ކައިރީގަ އޮވޭ. އެކޮޓަރި ކުޑަ މަރާމާތެއް ފަށައިގެން އުޅެނީ" ތަބައްސުމް ބުންޏެވެ.
މެލެކް ގޮވައިގެން ތަބައްސުމް އައީ އެދެމަފިރިންގެ ކޮޓަރިއަށެވެ. ލޫލު ކައިރީގައި މެލެކް އޮށޯވެލިއެވެ. ލޫލުގެ ބަނޑުމަތީގައި އަތް ބާއްވާލާފައި އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ދެން ދެ.ލޯ މަރާލީ ބޮލަށް ވެފައި ހުރި ބަރުކަން ކަނޑުވާލުމަށެވެ. މެލެކްގެ ގައިމަތީގައި ކުއިލްޓް އަޅާދީފައި ނިދެންދެން ބޮލުގައި ފިރުމަން ތަބައްސުމް އިނެވެ. އޭނާ ނިކުތީ މެލެކްއަށް ނިދިއްޖެކަން ޔަގީންކޮށްފައެވެ.
****
ކޮޓަރީގައި ޓަކިޖަހާލުމާއެކު އެތެރެއަށް ވަންނާށޭ ބުނެ ޝިނާ އިޝާރާތެއް ކޮށްލިއެވެ. އެތެރެއަށް ވަންނަން ނުވަންނަން ހުރެފައިވެސް ރައްޔާން އެތެރެއަށް ވަނެވެ. އެހިނދު ޝިނާގެ ތަފާތު ބެލުން ރައްޔާނަށް އަމާޒުވެލިއެވެ. އެ ބެލުންތަކުން ރައްޔާނަށް އުނދަގުވިއެވެ.
"ރައްޔާން ފެނުނީމަ ހާދަ ހިތްހަމަޖެހެއޭ" ޝިނާ ބުންޏެވެ. ޝިނާގެ އެ ޖުމްލައިން އުނދަގޫ ކަމެއް އިހުސާސުވެއްޖެކަން ރައްޔާންގެ މޫނަށް ވެރިވި ކުލަވަރުން ޝިނާ ދެނެގަތެވެ. ޝިނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ އެހެންވެއެވެ.
"ބައްދަލުކޮށްލަން ބުނީމަ" ރައްޔާން ބުންޏެވެ.
"ހިނގާ ކޮފީ ގެންނަން އެންމެ ފުރަތަމަ" ޝިނާ ބުންޏެވެ.
"ނޫން މޭމް..." ރައްޔާން ބުނަން އުޅުނެވެ.
"ޝިނާ. ޔާންގެ މޭމްއެއް ނޫން”ޝިނާ ބުންޏެވެ.
"......އަޅުގަނޑު ދިޔަސް އެންމެރަނގަޅު
"ޝަރުތެއްގެ މަތިން" ޝިނާ ބުންޏެވެ.
ރައްޔާން ޝިނާއަށް ބަލައިލިއެވެ. ހަމަ އެހިނދުގައި ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.
އަހަރެން ޓެކްސްޓް ކޮށްލާނަން"
ރައްޔާން ކޮޓަރިން ނިކުތެވެ. އޭނާ ސްޓޭޝަނުން ނިކުމެގެން ގޮސް ހުއްޓުނީ ފުލުހުންގެ އުޅޭ އިމާރާތުގެ ބޭރުގައެވެ. އެތަނުގައި ހުރެވުނީ އިރުކޮޅަކުއެވެ. ފަހަތަށް އެނބުރި ސްޓޭޝަނާ ދިމާލަށް ބަލައިލިއރު ކުޑަދޮރުން ޝިނާ ހުރީ ބަލާށެވެ. އަނެއްކާވެސް ރައްޔާން ހިނގައިގަތީ ދުރަށެވެ. އިމާރާތް ހުރަސްކޮށްފައި އޭނާ ނިކުތީ މޫދު ކައިރިއަށެވެ. އޭނާ އިށީނީ އެދިމާލުގައި ހުރި އުނދޯއްޔެއްގައެވެ. މެންދުރުގެ ވަގުތަށްވާތީ އަވި ބާރެވެ. މޫދުގައި ކޮންމެސްވެސް ވަރަކަށް ބަޔަކު އުޅޭތަން ފެނެއެވެ. ކިތަންމެ އަވި ބާރަސް އޭނާ އިން ދިމާލަށް ޖެހޭ އަރާމު ރޯޅިތަކުން ހިތްހަމަޖެހުން ގެނުވަމުން ދިޔައެވެ. ފޯނަށް މެސެޖެއް އައުމުން އޭނާ ބަލައިލިއެވެ. ޝިނާގެ މެސެޖެކެވެ. ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. ބައްދަލުކުރަން ބޭނުންވާ ތަނާއި ގަޑިއެވެ. ފަޓުލޫނުގެ ޖީބަށް ފޯނު ކޮށްޕާލާފައި އޭނާ މޫނުމަތީގައި ހުރި އުދާސްތައް ދެއަތުން ފޮހެލިއެވެ. މިއީ ދުވަހަކުވެސް އޭނާ ކުރިމަތިވެދާނެ ކަމަށް އުންމީދުކުރި ފަދަ ކަމެއް ނޫނެވެ. އަންހެނަކު އޭނާގެ ފަހަތުން ދުވަނީއެވެ. އެވެސް އާދައިގެ އިންސާނެއް ނޫނެވެ. އޭނާގެ ބޮޑުމީހާ އެވެ. މުޅި އަތޮޅާ ހަވާލުވެގެން އައި ފުލުހުންގެ އިސްވެރިއެކެވެ. އެތައް ބައެއްގެ އިހުތިރާމާ ލޯބި ހޯދަމުން އަންނަ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. އޭނާއަށް ދެމީހުން އަޅާކިޔުނެވެ. އޭނާއަކީ އާދައިގެ ފުލުހެކެވެ.
ބަލާބެލކުމަށް ޝިނާ ހުންނަނީ އުމުރަށް ވުރެ ހަގުކޮށެވެ. ހަގީގަތަކީ ރައްޔާނަށް ވުރެ ޝިނާ އުމުރުން ދޮށި ކަމެވެ. ރައްޔާން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ޝިނާގެ ހިތް ރައްޔާނަށް ހަދިޔާކޮށްފިއެވެ. ރައްޔާން ޖެހިލުންވަނީއެވެ. ޝިނާ އެދޭ ފަދަ ގުޅުމެއް މުވައްޒަފަކާ ވެރިޔަކާ ދެމެދުގައި އުފަން ކުރެވޭކަށް އޭނާއަށް ނެތެވެ. އެއީ އޭނާގެ ވެރިޔާއެވެ. ވެރިޔަކަށް ވީތީ ހިތުން ދެވިފައިވާ އިއްޒަތާއި ގަދަރު ނޫން އެހެން އެއްވެސް އިހުސާސެއް ނެތެވެ. ޝިނާ އާ ކުރިމަތިނުލާންވެގެން ބަލިކަމަށް ބުނެ ދެ ދުވަހު ޑިއުޓީއަށް ނުނިކުމެވެސް އޮތެވެ. އެންމެފަހުން މިއަދު ނިކުންނަންޖެހުނީ މާބޮނޑިއެއް ހިފައިގެން އަންނާނެ ވާހަކަ ޝިނާ ބުނެފައި އޮތުމުންނެވެ. ރައްޔާނަށް އެއްކަމެއް ޔަގީނެވެ. ޝިނާ އަންނާނަމޭ ބުނެފިއްޔާ އަންނާނެކަމެވެ. އެއީ ދިވެހިން މިކިޔައި އުޅޭ 'ބަޑި' އަންހެންކުދީން ފަދަ އަންހެނެއް ނޫނެވެ. އެއަށްވުރެ ޠާހިރު ހިތެއްގެ ވެރިއެކެވެ. އަހުލާގު ރަނގަޅެވެ. ވާހަކަދައްކަނީ އަނގައިންނެވެ. ހަތަރެސްފައިން ނޫނެވެ. މީހުންގެ ތެރޭގައި ރައްޔާނަކީ އޭނާގެ މުވައްޒަފެކެވެ. ވާހަކަދެއްކުން ހުންނަނީވެސް އެފަދައިންނެވެ. އެހެންނަމަވެސް އެކަނި ވިއްޔާ ރައްޔާނަކީ އޭނާގެ ހިތުގެ ވިންދެވެ. އޭނާގެ ހުވަފެންތަކުގެ ރާޖާއެވެ. ހަޑި ވާހަކައެއް ދުވަހަކުވެސް ނުދައްކައެވެ. ވާހަކަދެއްކުމުގައި އަބަދުވެސް މާތް ގޮތެއް ހުރެއެވެ. ގައިގައި އަތްލާކަށް މަސައްކަތެއް ނުކުރެއެވެ. ބަރާބަރަށް ސްޓޭޝަނުގެ މިސްކިތުން ފެނެއެވެ. ފެންނަ ކޮންމެފަހަރަކު ރީތި ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. ކޮންމެދުވަހަކުވެސް ހާލު ބަލައެވެ. ދަށުގައި ތިބި މުވައްޒަފުންނަށް ހިތްހެޔޮވެފައި އޯގާތެރިއެވެ. ރައްޔާންގެ މައްސަލައަކީ އެންމެ މައްސަލައެކެވެ. އޭނާ އާ މެދު ޝިނާއަށް ވަކި ނަޒަރަކުން ދެކެވެން މެދުވެރިވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ގައިގައި ހުރީ އަންހެނަކު ހިތް ކިޔާވަރުގެ ކޮން ސިފައެއް ހެއްޔެވެ؟ އެވެސް ޝިނާފަދަ މީހެކެވެ. ފާޅުގައި ލޯބިވާ ވާހަކަވެސް ބުނީއެވެ. އެއްވެސް ކަމެއް ފޮރުވުމެއް ނެތެވެ. ޖެހިލުންކުޑަކަމުން ގެއަށް ވެސް ދިޔައީއެވެ. ޝިނާ ބޭނުންވަނީ ރައްޓެހިވާކަށް ނޫނެވެ. ކައިވެނި ކުރާށެވެ. ރައްޔާނާއެކު ދިރިއުޅޭށެވެ. އަބަދުވެސް ބުނަނީ އެއްވާހަކައެވެ. އޭނާގެ މުވައްޒަފެއްގެ ގޮތުގައި ރައްޔާން ހުރުމުން އުނދަގޫވާ ވާހަކައެވެ. ރައްޔާންގެ އަމުރު އޭނާއަށް ހިނގާ ހިސާބުގައި އޭނާ ހުންނާށެވެ. ކައިވެނިކޮށްގެން އޭނާގެ ދެއަތުން ރައްޔާނަށް ހިދުމަތްކޮށްދޭށެވެ. ރައްޔާންގެ އަޅެއްގެ ގޮތުގައި އޭނާ ހުންނާށެވެ.
"ކިހިނެއްވެފަތަ؟ އައިސީ ހޯދި" ކައިރިއަށް އައި އެހެން ފުލުހަކު ވާހަކަދެއްކި އަޑަށް ރައްޔާނަށް ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ.
"ހޫނުގަދަކަމުން ހަމަ އޮތީ" ރައްޔާން ބުންޏެވެ.
"ވަރަށް ހޫނު ދުވަހެއް. އެބައުޅޭ ޖޫގޯ ގެނެސްގެން މެސް ރޫމުގަ. ޝިނާ މޭމްވެސް އެބައުޅޭ އެތަނުގަ. ދޭބަލަ އެދިމާލަށް. މަ މި އައީ ނިންމައިގެން"
ރައްޔާން ތެދުވެގެން ސްޓޭޝަނާ ދިމާލަށް އައެވެ. މިޖެހުނީ ވަރުގަދަ ކަމެކެވެ. ޝިނާއަށް ފިލައިގެން އުޅެންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ މީހަކު ކައިރިން ހިޔާލެއް ހޯދާލެވޭވަރުގެ ކަމެއްވެސް ނޫނެވެ.
****
މެލެކް ލޯ ހުޅުވާލިއެވެ. ފުރަތަމަވެސް އޭނާގެ ނޭފަތުގައިޖެހުނީ ބަނޑު ފުރޭ ކަހަލަ މީރުވަހެކެވެ. ނޫޑްލްސް ވަހެވެ. ގޭގައި ނޫޑްލްސް ކައްކަނީ ކަންނޭނގެއެވެ. ކައިރީގައި އޮތް ފޯނު އޭނާ ހޯދާލިއެވެ. ގަޑިން ވީއިރެއް ބަލައިލަންވެގެންނެވެ. ލޫލުއަށް ބަލައިލިއިރު އަދިވެސް އޮތީ އަރާމު ނިދީގައެވެ. މިހުރިހާއިރު އެއްގޮތަކަށް ނިދަން އޮވެވުމުން އަތަށް ހުރީ ތަދެއް ވެފައެވެ. ސީދާވެލާފައި އަތް އެއްފަރާތަކަށް ދަމާލިތަނާ ކައިރީގައި އިން މީހަކުގެ ގައިގައި އަތް ޖެހުނެވެ. އެއީ ބާޒިލްކަން އެނގުނީ ބަލައިލުމުންނެވެ.
"ކޮންއިރަކު އައީ؟ މެލެކް އަހާލިއެވެ.
"ކޮންއިރެއް. މަގޭ ދެ ސްލީޕިނގްބިއުޓީ ނިދާލާފައި އޮތްލެއް ލޯބިކަމުން އުނދަގޫނުކޮށް އިނީ އިށީނދެގެން" ބާޒިލް ބުންޏެވެ.
މެލެކް ހީލާފައި ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. ބޮލަށް ލުއިވެފައި ހުރިކަން އޭނާއަށް ފާހަގަވިއެވެ.
"އަދިވެސް ރިއްސާތަ؟ މިހާރު ރަނގަޅުތަ؟ ބޭހެއް ކެއިންތަ؟" ބާޒިލް އަހާލިއެވެ.
މެލެކްގެ މޫނުގައި ބާޒިލް ފިރުމާލިއެވެ.
"މިހާރު ރަނގަޅު. ބޭހެއް ބޭނުމެއްނުވޭ. ތިއީއެއްނު މަގޭ ބޭހަކީ" ސަމާސާ ރާގެއްގައި މެލެކް ބުންޏެވެ.
"ސީރިޔަސްލީ" ބާޒިލް ބުންޏެވެ.
"އާނ. މިހާވަރަށް ނިދުނީ ބާޒިލްގެ ސަބަބުން. ރޭގަ ކިހިނެއްތަ އުޅުނީ. އަހަރެން ހިތަށްއަރާ މިވަގުތު ހިމޭނުން ތިއިނީ ކީއްވެގެންބާއޭ" މެލެކް ބުންޏެވެ.
ބާޒިލް އަށް ހެވުނެވެ.
"ފަށާންވީތަ؟ ދޮރު ހުޅުވައިގެންތަ؟"
ބާޒިލް ކޮށްލީ ލާނެއް ސަމާސާއެކެވެ. މެލެކްއަށް ހެވުނެވެ.
"އެންމެން ނޫޑްލްސް ކަނީ ތަ؟ ހާދަ ވަސް ރަނގަޅޭ" މެލެކް ބުންޏެވެ.
"ކައްކައި ނިންމާލައިފި. ހިނގާ ބޭރަށް ނިކުންނަމާ" ބާޒިލް މެލެކްގެ އަތުގައި ހިފިއެވެ. "ބުރުގަލާއެކުތަ ނިދީ"
"އެނގޭ ބާޒިލް ވަންނާނެކަން. އެހެންވެ ތައްޔާރީ ފިޔަވަޅު އަޅައިގެން ނިދީ" ހީލަމުން މެލެކް ބުންޏެވެ.
އިރުކޮޅަކުން އެންމެން ކާން އަރައިފިއެވެ. މެންދުރުގެ ކެއުމަށް ބާޒިލް ނޫން އެހެން ފިރިހެނަކު ނެތެވެ. އެހެންކަމުން ބާޒިލްވެސް އަންހެނުންނާއެކު މޭޒު ކައިރީގައި އިނެވެ. ހުރިހާ އަންހެނުން ކައިރީގައި އިންނަން ޖެހުމުން ބާޒިލް އިނީ ބޮލުގައި ރިއްސައިގަނެފައެވެ. އެންމެ އަނގަ ގަދައީ ހިބާ އެވެ. އެއްވާހަކަ ރަނގަޅަށް ނުނިމެނީސް އަނެއް ވާހަކަ އުފަންކޮށްލައެވެ. އެންމެފަހުން ކައިނިމި ޖޫސްތަށި ހިފައިގެން ބާޒިލް ނިކުތީ ބޭރަށެވެ.
"މިހާރު އޯކޭވެއްޖެތަ؟" ހިބާ އަހާލީ މެލެކް ކުރެންނެވެ.
"ވަރަށް ބަރާބަރުވެއްޖެ" މެލެކް ބުންޏެވެ.
ނިދާލާފައި އައިފަހުން މެލެކް ހުރީ ހަމަޖެހިފަކަން އެންމެންނަށް އެނގުނެވެ.
"ދޮނާގެ ހަފްލާ ނިންމާފައި އެންމެން އެކުގަ ގެއަށް ދާން މިއަދު މިގޭގަ މަޑުކުރަންވީނު" ތަބައްސުމް ބުންޏެވެ.
ހިބާ އާއި ލައިބާ އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލައިލިއެވެ. ދެކުދީންނަށް ނޫންބަހެއް ބުނާކަށް ނުކެރުނެވެ. އެހެންވިޔަސް ދެކުދީންގެ ފިރިންވެސް އައި ތިބި ވަގުތެއްގައި ފިރިންނަށްވެސް ވަގުތު ދޭން ބޭނުންވެއެވެ.
"މަންމާ، ހިބާމެންނަށް ނުތިބެވޭނެއްނު. އެއީ ޒިންމާދާރު އަނބިންނޭ. އެހެން ކިހިނެއް ތިބޭނީ؟" މައިލީން ބުންޏެވެ.
"ދޮގެއްނޫން. ތާބައްތަ ހަނދާންނެތުނީ. މެލީ ދަރިފުޅު މަޑުކުރާނަންދޯ" ތަބައްސުމް ބަލައިލީ މެލެކް އަށެވެ.
"މިނޫނީ ދެން ކޮންތާކަށް އަޅުގަނޑު ވަކިން ދާނީ" މެލެކް ބުންޏެވެ. "ކޮންއިރަކުންތަ އާގެއަށް ދެވޭވަރު ވާނީ މަންމާ"
"ގެ ނިމެނީއެއްނު މިހާރު. މެލީ ބޭނުމީ އެގެއަށް ދާންތަ؟" ތަބައްސުމް އަހާލިއެވެ.
"ދޮނާއަށް އެކޮޓަރި ދިނީމަ މިހާރު މިގެއިން އަޅުގަނޑު ބާކީވީއެއްނު. މެރީކުރުމުގެ ކުރީން އަޅުގަނޑު މިޖެހުނީ އިންނަން ކިޔާ މީޙާގެ ގޭގަ ހުންނަން" މެލެކް ބުންޏެވެ.
މެލެކްގެ ބަސްތަކުން ތަބައްސުމް އިންތިހާއަށް ދެރަވެއްޖެއެވެ. އެއީ ހަމައެކަނި މެލެކް ބުނެލި ބުނެލުމެއް ނޫނެވެ. އެއީ އޭނާގެ ހިތުގެ ޝަކުވާއެވެ. ހަގީގަތް ނޭނގޭހާ ހިނދެއްގައި އެ ޝަކުވާ މެލެކް ކުރާނެއެވެ.
"ދަރިފުޅު ބާކީއެއް ނުކުރަން. ދަރިފުޅު ހިތްހަމަނުޖެހޭތަ ލޫލު ކައިރީގަ ހުރެވޭތީ" ތަބައްސުމް އަހާލިއެވެ.
"ހިތްހަމަޖެހޭ. އެކަމު އެގޮތަށް ކައިވެނިކޮށް އިންނަން ކިޔާ މީހާގެ ގޭގަ ހުރީމަ ކިހާ ބަޔަކު ފާޑުކިޔާނެ. އަޅުގަނޑު ވަރަށް ލަދުގަނޭ" މެލެކް ބުންޏެވެ.
"ބިރުގަނޭ. މަންމައަށް ނޭނގުނަސް އަޅުގަނޑު.... ބާޒިލް" އޭނާއަށް ބުނަން ބޭނުންވި ޖުމްލަ ފުރިހަމަކުރަން ނުކެރުނެވެ. އެހެންނަމަވެސް އެތަނުގައި ތިބި އޭނާއަށް ވުރެ ދޮށީ އެންމެން އެ ވާހަކަތައް ދެނެގަތެވެ. މެލެކްގެ ބޮލުގެ އެ ރިހުން ކުޑަކޮށްދޭން އެމީހުން ބޭނުންވިއެވެ.
"ތިކަމަށްވެސް އެބައޮތޭ ހައްލު" ހިބާ ބުންޏެވެ.
ކޮން ހައްލެއްހޭ އަހާލާކަހަލަ ބެލުމަކުން މެލެކް ހިބާއަށް ބަލައިލިއެވެ.
"މެރީ ކުރެވެންދެން މެލީ އެގޭގަ. ޒެއްލު މިގޭގަ" ހިބާ ބުންޏެވެ.
"ރަނގަޅު ގޮތެއް" މައިލީން ބުންޏެވެ.
"އެކަމު ބާޒިލް އެއްބަހެއް ނުވާނެ. އޭނަ ލަދު ގަންނާނެ" މެލެކް ބުންޏެވެ.
"ކޮންލަދެއް. ކައިވެންޏަށްފަހު ތިލަދު ބެހިގެންދިޔަތާ ކިތަންމެ ދުވަހެއް" ހިބާ ބުންޏެވެ.
"ކައިވެންޏަށްފަހު އޭ ތިބުނީ. އަދި ނުކުރަމެއްނު" މެލެކް ބުންޏެވެ.
"އޯކޭ ސޮރީ ނުކުރޭ. އެކަމު މެލީ ވިސްނާލަބަ" ހިބާ ވާހަކަދެއްކިއެވެ.
"މިއީ މެލީގެ މާމަމެން ގެއެއްނު. މިގޭގަ ހުރީ ދެ ރޫމް. އެއްރޫމްގަ އެތިބެނީ ތާބައްތަމެން. އަނެއް ރޫމް މެލީ އާ މައި. އަހަދު މިރަށު މީހެއް ނޫންވީމަ މެރީކޮށްގެން އުޅެންޖެހެނީ ވަކިން ތަނެއް ރެންޓަށް ނަގައިގެން. އެހެންވެ އަހަދު އާ މައިއަށް ފަސޭހަކޮށްދޭންވެސް އެކޮޓަރި ދިނީ. ހަމައެކަނި މެލީ މެންގެ ގެ ހެދެންދެކަށް. އެހެންވެ އޭ މެލީ އެގޭގަ ހުންނަން ބުނީ" މިފަހަރު ހިބާ ވާހަކަދެއްކީ މެލެކްއަށް ވިސްނޭހެންނެވެ.
"އޯކޭ... އެހެން ބުނި އެއްޗެއް ނޫނޭ" މެލެކް ބުންޏެވެ.
އިރުކޮޅަކުން ލޫލުގެ އަޑު އިވުމާއެކު މެލެކް ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ.
"މިހާރު ރަނގަޅެއްނު. ނުދައްކައެއްނު އޭރުގެ ވާހަކައެއް. އަސްލު ކިހިނެކޭވީ" މައިލީން ބުންޏެވެ.
"ކުދި ކުދި ހަނދާންތަކެއް އައިސްފި. އާނ ދެންމެ ނުދައްކާ. އެކަމު ހަމަ ހެނދުނު ދެއްކި. ކޮންމެސް ކަމެއް ބަދަލުވެއްޖެ" ތަބައްސުމް ބުންޏެވެ.
"ހަނދާނުގަ ނެތް ކަމެއްގެ ވާހަކަ މެލީ ދެއްކިއްޔާ އެއީ ވަރަށް ރަނގަޅު ފާލެއް. ހަމަ ކޮންމެ ވަގުތެއްގަވެސް ހަނދާނަށް އައިސްދާނެ. އަހަދު ކައިރީގަ ބުނެގެން އަތޮޅު ހޮސްޕިޓަލަށް ފޮނުވަންވީ ސީޓީ އެއް ހައްދާލަން" މައިލީން ބުންޏެވެ.
"އެކަމަކު މައި ތިހެން ބުންޏަސް ކިހިނެއްދާނީ. ކުރިއަށް މިއޮތީ ދަރިފުޅުގެ ކައިވެނި. ހަފްތާ ނިމުނީމަ ނުނީ ތިކަހަލަ ކަމެއްގަ ނޫޅެވޭނެ" ތަބައްސުމް ބުންޏެވެ.
"ކަމަކުނުދާނެ. މިދަނޑިވަޅު މިހިންމީ މެލީގެ މިކަންތައް. ބާޒިލް އާއެކު ފޮނުވާނީ. އަހަދު ހުރިހާ ކަމެއް ހަމަޖައްސާނެ" މައިލީން ބުންޏެވެ.
ތަބައްސުމް ބޯޖަހާލިއެވެ. މެލެކްގެ ކަންތައް ފަހަށް ބަހައްޓަން މައިލީން އެއްބަހެއް ނުވާނެކަން އޭނާއަށް އެނގެއެވެ.
****
ރޭގަނޑެވެ. މައިލީންގެ ހާއްސަ ވަގުތުކޮޅު ފެށުނީއެވެ. މައިލީންގެ ރަންކިޔުމުގެ ހަފްލާ ނިމެންދެން ގޭތެރެ އޮތީ ނިކަން ހިމޭނުންނެވެ. ހަފްލާ ނިމި ފޯމު ފުރަން އައި އެންމެންނާއި ހެކިވެރިން ސަޔަށް އިންސާފުކުރަން އެއްފަރާތްވެލުމާއެކު އަންހެންކުދީންތަކުގެ އަޑު ގަދަވެއްޖެއެވެ. ވަކިން ހާއްސަކޮށް ލޫލުގެ އަޑެވެ. ޔަގީނުންވެސް މިރޭ އެގެއިން އެންމެ އަޑުގަދަ މީހަކަށް ލޫލު ވާނެއެވެ.
"ދީބަ ދޮނާ އަތަށް"
ބާޒިލް އަތުގައި އިން ލޫލު އުރާލައިގެން މައިލީން އައިސް އިށީނީ ކުރިން އިންތަނުގައި ސޯފާގައެވެ.
އޭނާ ލޫލު ތައާރާފްކޮށްދިނީ ޝިމްލާ އަށެވެ. ކައިރީގައި އިން އަސަދުވެސް އިނީ ލޫލު އިންލެއް ލޯބިކަމުން އުރާލަން ބޭނުންވެފައެވެ. އެއީ މެލެކް ދަރިފުޅޭ މައިލީން ބުނީ ދުރުގައި ހުރި ބާޒިލް ކައިރިއަށް މެލެކް ދިޔަ ވަގުތުގައެވެ. ވަގުތުން އަސަދުއަށް ބަލައިލެވުނީ މެލެކް އަށެވެ. ކަޅު ކުލައިގެ ދިގު މިޑީގައި މެލެކް ހާދަ ރީއްޗެވެ. ބަލައިބެލުމަށް މެލެކް ގެ ދަރިއެއް ހުންނާނެއޭ ބުނެގެން އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. މެލެކްގެ ހިމަ ހަށިގަނޑަށް ހެދުން ހިފާލާފައި ހުރި ގޮތް ނުހަނު ލޯތްބެވެ. ހީވާ ކަހަލައެވެ. މިރޭގެ މި ހަފްލާގެ ޝަރަފްވެރި ރާނީ އަކީ މެލެކް އެވެ.
"އެމަންޖެގެ ހަނދާނުގަ އެއްވެސް ކަމެއް ނެތޭ ބުނީމަ ހާދަ ދެރަވެއްޖޭ." ޝިމްލާ ބުންޏެވެ.
"މިހާރު ކުދި ކުދި ހަނދާންތަކެއް އެބައާދޭހެން ހީވަނީ. ރަނގަޅުވާނެ ކަމަށް މިބަލަނީ. ކޮންމެ ކަމެއްވެސް ވަކީލު ކުރަންވާނީ ހެއްދެވިފަރާތާއެއްނު" މައިލީން ބުންނެވެ.
މެލެކްގެ ޖާދޫގައި ޖެހިފައި އިން އަސަދު އަށް ވާހަކަތެރެއަށް އަލުން ވަދެވުނީ މަންމަ ވާހަކަދެއްކި އަޑު އިވުމުންނެވެ.
"ނަސީބު. އެކަމު ހީވޭތަ ލޫލުއަށް މަންމަ އޮޅިގެން އުޅެއޭ" މައިލީން ބުންޏެވެ.
"ފަހަރިމެން ނޫޅެންތަ މަޑުމަޑުން ނަމަވެސް ބައެއް ކަންކަން ހަނދާންކޮށްދޭން މަސައްކަތް ކުރަން" އަސަދު ބުންޏެވެ.
"އެހެންމީހަކު ކަމެއް ހަނދާންކޮށްދެން މަސައްކަތް ކުރުމަކީ ރިސްކީ ކަމެއް. އެންމެ ރަނގަޚުގޮތަކީ މީހެއް ބުނެދިނުމަކާނުލާ ހަނދާން އާވުން. މިއަދު މަންމަ ބުނި އެކަހަލަ ނިޝާނެއް ފެނިއްޖެއޭ. އޭގެފަހުން ނުފެނޭ. އަހަދު އެބައުޅޭ ފޮލޯއަޕެއް ހަދާލަން" މައިލީން ބުންޏެވެ.
އަނެއްކާވެސް އަސަދުގެ ނަޒަރު ލަސްލަހުން ގޮސް ހުއްޓުނީ މެލެކް އަށެވެ. އޭނާ މެލެކްއަށް ހިތް ކިޔައިފިކަން ޔަގީނެވެ. ނަމަވެސް ހާދަ ނަސީބުދެރައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަންހެންކުއްޖަކު ކަމުޔައިރު މިވީ މީހެއްގެ އަންބަކަށެވެ. ކުޑަ ކުއްޖެއްގެ މަންމައަކަށެވެ.
****
އީތަން އާއި އަޔާޒު ކައިރީގައި ވާހަކައެއް ދައްކަންހުރި ބާޒިލްގެ އަތުގައި ހިފައިގެން މެލެކް ދުރަށް ހިނގައިގަތެވެ. ގާތްގަނޑަކަށް މައިލީންގެ ރަންކިޔުމުގެ ހަފްލާއަށް ތައްޔާރުކުރި ކުޑަކުޑަ ސައި އޭރުވީ ނިމުމަކަށް އައިސްފައެވެ. މެލެކް އާއެކު ދަމުން ފަހަތަށް ބާޒިލް ބަލައިލިއެވެ. މެލެކް އެގޮތަށް ކަންތައްކުރީ އެންމެންގެ މެދުގައެވެ. ބާޒިލް ކުޑަކޮށް ހައިރާންވިއެވެ. ބާޒިލް ގޮވައިގެން މެލެކް ނިކުތީ ގޯތިތެރެއަށެވެ. ޖޯއްޔާ ދިމާލަށް ގޮސްފައި ދެކުދީން މަޑުކޮށްލީ ޖޯލީގައި ފިކުރަކަށް ގެއްލިފައި އޮތް ރައްޔާން ފެނިފައެވެ. މެލެކް އައިސް ކައިރީގައި ހުއްޓުނުއިރުވެސް ރައްޔާނަށް ނޭނގުނެވެ.
"ކޮންފިކުރެއްގަ" ރައްޔާން ބަލައިލީ މެލެކްގެ އަޑަށެވެ.
ރައްޔާން ބަލައިލިއެވެ. މެލެކް އާއި ބާޒިލްގެ ދެއަތްތިލަ ގުޅިފައިވި މަންޒަރު ފެނުމުން އޭނާ ހިނިއަންނަގޮތް ވިއެވެ. އޭނާ ޖޯލިން ތެދުވެ އަވަހަށް ދެކުދީންނަށް ޖޯލި ދައްކާލިއެވެ.
"އަވަހަށް އިށީނދޭ ލަވްބާޑްސް" ރައްޔާން ބުންޏެވެ.
"އެނގޭ ކަމެއްވެފަކަން" މެލެކް ބުންޏެވެ.
ރައްޔާން ބަލައިލީ ބާޒިލް އަށެވެ. އޭނާއަށް ހީވިގޮތަށް ބާޒިލް ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. މެލެކް އައީ އެތަނަށް ބާޒިލް ގޮވައިގެންނެވެ. ބާޒިލްއަށް ކަމުނުދިޔައީ މެލެކް ރައްޔާނާ މާގިނައިން ވާހަކަދައްކަން ފެށުމުންނެވެ.
"އެނގޭ އަހަންނަށް ބަދަލެއް އައިއްޔާ އެންމެފުރަތަމަ އެނގޭނީ މެލީއަށްކަން" ރައްޔާން ބާޒިލްއަށް ބަލައިލީ ވަގު ލޮލަކުންނެވެ.
"ދެން ބުނޭ... ކިހިނެއްވެފަތަ އޮތީ؟" މެލެކް ބުންޏެވެ.
"ރޯގާވެފަ ކުޑަކޮށް ހުންވެފަ. އެހެންވެ މިތާ އައިސް އޮވެލީ. އަސްލު ފެންޑާއިން ނިކުމެގެން އައީ ފޯނެއްގަ ހުރެގެން" ރައްޔާން ބުންޏެވެ.
"އެކަމު...." މެލެކް އެއްޗެއް ބުނަން އުޅުނެވެ.
"އަހަރެންގެ ބޭނުމެއް ނެތްތަ؟ ދާންވީތަ؟" ބާޒިލް ހިތްހަމަނުޖެހޭގޮތް ވިއެވެ. އެންމެފަހުން ބާޒިލްގެ ކެތްތެރިކަން ކޮޅުންލީއެވެ.
"ބާޒިލްއަށް ވަގުތުދީ. އެހެންނޫނީ އަނެއްކާ އަތްނުފޯރާ ފަށަށް ހިނގައިދާނެ" ރައްޔާން ބުންޏެވެ.
އޭނާ ފެންޑާއަށް ވަދެގެން އައީ ބާޒިލްއަށް ނުލަފާ ގޮތަކަށް ހިނިތުންވެލާފައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ މިހާރު ވަނީ ބާޒިލް ރުޅިއަރުވާހިތެވެ. އޭނާ ފެންނައިރަށް އެއްވެސް އިހުތިޔާރަކާނުލާ ބާޒިލް ރުޅިއަންނާތީއެވެ.
(ނުނިމޭ)