މެންދުރު ނަމާދުކޮށްލައިގެން އައިރާ ކޮޓަރިން ނިކުތެވެ. އޭރު ބޮޑު ކޮޓަރީގެ ޓީވީން ހުކުރު ހުތުބާގެ އަޑު ގޭތެރެއަށް ފެތުރިފައި އޮތެވެ. ޓީވީއަށް ސަމާލުކަން ދީގެން ސޯފާގައި އިން މަންމަގެ މޫނަށް އައިރާއަށް ބަލައިލިއެވެ.
އައިރާގެ ހިލަންވެގެން ޤަމަރު ވެސް ޓީވީގެ ސްކްރީނާއި ނަޒަރު ވަކިކޮށްލިއެވެ. ބޭރަށް ދާން ތައްޔާރުވެލައިގެން ހުރި އައިރާއަށް ބަލައިލަމުން ޤަމަރު ހިނިތުންވެލިއެވެ. ޒޯހަންގެ ޢާއިލާގެ ދައުވަތަށް މެންދުރު ކެއުމަށް އެގެއަށް ދާނެ ވާހަކަ އައިރާ އޮތީ ހެނދުނު އޭނަ ގާތު ބުނެފައެވެ. ހިތުގެ އުދާސްކަމާއި ދުރުވެލަން އައިރާ ކުރަމުން ދިޔަ މަސައްކަތާއި މެދު ޤަމަރު ހިތްހަމަޖެހުނެވެ. ރެޔަށް ފަހު އައިރާގެ ބަލި ހާލަތުގެ ވާހަކަ ޤަމަރު ވެސް ނުދައްކައެވެ. ހަމައެކަނި އޭނަ ބުނިހާ ވެސް އެއްޗަކީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު އެޕޮއިންޓްމެންޓް ލިބުނު ވާހަކައެވެ. އެއަށްފަހު ޤަމަރުއާއި ބަސީލް ވެސް އިތުރަށް އެމައުޟޫޢުއަށް އަލިއަޅުވާކަށް ގަސްދެއް ނުވިއެވެ. އެވާހަކަދައްކަން ހަދައިފިނަމަ އައިރާގެ ތަބީއަތު ބަދަލުވެގެން ގޮސްފާނެކަމުގެ ބިރު ހިތުގައި އޮތީތީއެވެ. އައިރާއަށްޓަކައި ދެމަފިރިން ވެސް ހިތުގެ ހާސްކަން ސިއްރުކުރިއެވެ. އެހެނިހެން ދުވަސްތަކާއި އެއްގޮތަަށް އަމަލުތައް ވެސް ބެހެއްޓީ އެހެންވެއެވެ. އެއްވެސްކަމެއް ބަދަލުވެއްޖެކަމުގެ ހިލަން އައިރާއަށް އިހުސާސްވުމުގެ ފުރުސަތު ދެވެން ނެތީތީއެވެ.
''ކިހާ އިރަކުތަ ޒާން ބަލާ އަންނަނީ؟...'' ޤަމަރު ސުވާލުކޮށްލިއެވެ. އޭރު އައިރާ އައިސް ސޯފާގައި އިށީނދެއްޖެއެވެ.
''ހުކުރު ނަމާދުން ފައިބައިގެން އަންނާނަމޭ ބުނީ...'' އައިރާ ޖަވާބުދިނެވެ. ހެނދުނުއްސުރެން ގޭތެރޭގެ މާހައުލަށް ހިމޭންކަމެއް ވެރިވެއްޖެކަމުގެ އިހުސާސް އައިރާއަށް ކުރެވުނެވެ. ހެނދުނުގެ ނާޝްތާ ކުރިއަށް ދިޔަ ވަގުތު ބައްޕަގެ ދެލޮލުގައި ފޮރުވުފައިވި ހާސްކަން އައިރާއަށް ދޭހަކުރެވުނެވެ. އޭނަގެ ބަލިހާލަތު ބައްޕައަށް މަންމަ ކިޔައިދީފިކަން ވެސް ނަގައިގަނެވުނެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެކަމާއި ގުޅުވައިގެން އެއްވެސް ސުވާލެއް ފެންމަތިނުވުމުންނެވެ. އޭގެ ސަބަބުން ނަފުސަށް ހަމަޖެހިލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
ރަނގަޅަށް ނުނިދުމުގެ ސަބަބުން ބޮލުގައި ރިއްސާ ގޮތް ވެފައި ހުއްޓަސް، އައިރާ އަޒުމު ކަނޑައަޅައިގެން ހުރީ އޭނައަށް ކުރިމަތިވެފައި އޮތް އިމްތިހާނާ މެދު މިއަދު އެއްވެސް ވަރަކަށް ނުވިސްނުމަށެވެ. ޒޯހަންގެ ޢާއިލާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އައިރާ ހުރީ ބޭނުން ވެފައެވެ. ހަމައެއާއެކު ޒޯހަން ކަންބޮޑުވެދާނެތީ ވެސް އައިރާއަށް މަޖުބޫރުވެފައިވީ ހިތުގެ ހާލަތު ސިއްރުކުރުމަށެވެ. އޭނަގެ އަޒުމު ވަރުގަދައެވެ. މޮޅިވެރިކަމުގެ ލިސާނެއްގެ މިންވަރު ވެސް ފާޅުވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ޒޯހަންއަށް ވަގުތު ހުސްކޮށްލުން އެއީ އެހިތުގެ މުރާދެވެ.
ހުކުރު ހުތުބާއަށް ސަމާލުކަން ދީގެން ދެމައިން ތިއްބެވެ. ހުތުބާ ނިމުމާއެކު ޤަމަރު ކޮޅަށް ތެދުވުނެވެ. ބަސީލް އަންނަން ވާއިރަށް މެންދުރުގެ ކެއުމަށް ކާމޭޒު ތައްޔާރުކޮށްލާށެވެ. އައިރާ ވެސް ފަހަތުން ހިނގައިގަތެވެ.
ހިމޭންކަމުގެ ތެރޭން ސުފުރާމަތި ތައްޔާރުކޮށްލެވުނެވެ. އަތުގައި އޮތް ތަށި މޭޒު މަތީ ބަންޑުން ބާއްވަމުން އައިރާއަށް ޤަމަރު ފުން ނަޒަރެއް ދިނެވެ. މަޑު ނޫކުލައިގެ އަބަޔާއާއި ގުޅުވާލައިގެން ބެއިޖް ކުލައިގެ ބުރުގާއެއް އަޅާފައި ވާއިރު ލުއި މޭކަޕުން މޫނަށް އުޖާލާކަން ގެނެސްދެއެވެ.
މަންމަގެ ނަޒަރު އިހުސާސްވެ އައިރާ ވެސް ބަލައިލިއެވެ. ލުއި ހިނިތުންވުމެއް ވެސް ދިނެވެ.
ޤަމަރުގެ ހިތުގައި ރިހުމެއް އުފެދުނެވެ. އަވަސްއަވަހަށް އޭނައަށް އެސްފިޔަތައް ތަޅުވާލެވުނީ ރޮވިދާނެހެން ހީވުމުންނެވެ. މޫނުގެ ކުލަވަރުތައް ސިއްރުކޮށްލަމުން އޭނަ ހިނިތުންވެލިއެވެ.
*****
''ރޯޒްވުޑް'' ގޭގެ ގޭޓުން އެތެރެއަށް ކާރު ވަނުމާއެކު، ގޭގެ ހިތްގައިމު ބަގީޗާއަށް އައިރާ ނަޒަރު ހިންގާލިއެވެ. މޫސުން ސާފު ދުވަހަކަށް ވުމުން ފެންނަމުން ދިޔަ މަންޒަރުތަކުގެ ޗާލުކަން އިތުރުކޮށްދެއެވެ. ޤުދުރަތުގެ ރީތިކަމުގެ ތެރެއަށް ހިތާއި ނަފުސު ހިނދުކޮޅަކަށް ވިޔަސް ދޫކޮށްލެވުނެވެ.
ޕޯޓިކޯއަށް ކާރު މަޑުކޮށްލުމުން ޒޯހަންގެ ފަހަތުން އައިރާ ވެސް ކާރުން ފޭބިއެވެ. އަދި ވަށައިގެން އޮތް ހިތްގައިމު މާހައުލަށް ނަޒަރު ހިންގާލިއެވެ.
ލުއި ހިނިތުންވުމަކާއެކު އައިރާގެ ހަރަކާތްތަކަށް ގެއްލިފައި ޒޯހަންއަށް ހުރެވުނެވެ. އައިރާއާއި ނަޒަރު ބައްދަލުވި ހިނދު، އޭނައަށް އައިރާ ވެދުން ކުރި ލޮބުވެތި ހިނިތުންވުމުން ހިތުގެ ވިންދު ވެސް އަވަސްކުރުވިއެވެ. އޭނަގެ ނަސީބާއި މެދު ހިތާހިތުން ޝުކުރުކޮށްލެވުނެވެ. އެލޯބި ހާސިލްކުރެވެން ދެން ގިނަ ދުވަހެއް ވެސް ނެތެވެ. އެޚިޔާލުން އެކަނި ވެސް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
''ޝެލް ވީ؟...'' ގޭގެ މައިދޮރާއި ދިމާއަށް އިޝާރާތްކޮށްލަމުން ޒޯހަން ބުންޏެވެ. ޒޯހަންގެ ސުވާލު އައިރާއަށް ނަގައިގަނެވުނެވެ. ޒޯހަންގެ ފަހަތުން އައިރާ ހިނގައިގަތީ އަދިވެސް އެއްފަހަރު ބަގީޗާއަށް އަވަސް ނަޒަރެއް ދެމުންނެވެ. އޭރު ބަޔާންކުރަން ދަތި ޝުއޫރުތަކެއް އައިރާގެ ލޮލުގައި ވިއެވެ. އޭނަގެ މުސްތަޤުބަލު ޒޯހަންއާއި ގުޅުވާލެވުމުން ކުރިއަށް އެހިތަށް ވެރިވެގެން ދަނީ އުފާވެރިކަމެވެ. ފޮނި އުއްމީދުތަކެވެ. ނަމަވެސް މިފަހަރު އޭނަގެ ހިތަށް ތޫނު ރިހުމެއް އިހުސާސްކުރެވުނެވެ. ވަގުތީ އުފަލެއްގެ ރާހަތަކަށް ވެދާނެތީ ހިތް ބިރުގަންނަން ފެށިއެވެ. އެއިހުސާސްތައް މޫނުން ފާޅުވިޔަ ނުދޭން އައިރާ ހިނިތުންވެލިއެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ނަފުސުގެ ހަމަޖެހުން ގެއްލިގެން ދާހެން ވެސް ހީވިއެވެ.
*****
ޢާއިލާގެ ހުރިހާ މެންބަރުން އިންތިޒާރުކޮށްގެން ތިބީ އައިރާ ގޮވައިގެން ޒޯހަން އަންނާނެ އިރަކަށެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިން މެހެރުއްނިސާގެ މޫނު އައިރާ ފެންނައިރަށް އުޖާލާވެއްޖެއެވެ. ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެސް ވެރިވެއްޖެއެވެ.
''ދަރިފުޅާ...'' މެހެރުއްނިސާ ގޮވާލިއެވެ. އޭނަގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ފުރަތަމަ ވެސް އައިރާ ދިޔައީ މެހެރުއްނިސާ ގާތަށެވެ. ސޯފާއިން ތެދުވެލަމުން އައިރާގެ ގައިގައި މެހެރުއްނިސާ ބާރަށް ބައްދާލިއެވެ.
''މާމަ ކިހިނެއްތަ؟...'' އައިރާ އަހާލިއެވެ. އައިރާއާއި ދުރަށް ޖެހިލި މެހެރުއްނިސާއަށް ލޯތްބާއެކު އައިރާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލެވުނެވެ.
''ބަރާބަރު، ދަރިފުޅު ފެނިލުމުން އިތުރަށް ދުވަސް ފުރިހަމަވެއްޖެ... ކުރީ ދުވަހު ވެސް މާމަ ބުނީމޭ ޒާން ގާތުގަ މިގެއަށް އަރޫ ގެނެސްދޭށޭ، އެކަމަކު ސްކޫލްގަ ބިޒީއޭ ކިޔާފަ ނުގެނޭ، ޒާން މިހާރު ހީވަނީ މާމަމެންނަށް އަރޫ ފޮރުވަން އުޅޭހެން...'' ސޯފާގައި އައިރާ ބައިންދަމުން އައިރާގެ ގާތުގައި މެހެރުއްނިސާ އިށީނެވެ. ވާހަކައިގެ ތެރެއިން އައިރާގެ އަތުގައި ވެސް ހިފާލިއެވެ.
''މާމާ...'' ޒޯހަން ދިގުކޮށްލާފައި ގޮވާލިއެވެ. އެވަގުތު އެންމެންގެ ހުނުމުގެ އަޑު ބޮޑުކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ޒޯހަންއަށް ވެސް ހެވިއްޖެއެވެ.
''މާމާއާއި ބައްދަލުވީމަ ވެސް ވަރަށް އުފާވެއްޖެ، ސްކޫލްގެ އިތުރު ހަރަކާތްތަކުގަ އުޅެތީ އެހާ ބޮޑަށް ވަގުތު ނުވަނީ، އެކަމަކު ދެން މާމައާއި ބައްދަލުކޮށްލަން ވަގުތު ހޯދާނަން...'' އައިރާ ބުންޏެވެ.
''ހަމައެކަނި މާމައާއި ބައްދަލުކޮށްލަންތަ ބޭނުންވަނީ؟...'' ރިސާލާ ބުންޏެވެ.
''ނޫނޭ މަންމާ!، އެހެންބުނި އެއްޗެއް ނޫން...'' އައިރާ އަވަސް އަވަހަށް ބުންޏެވެ.
''މަންމަ ސަމާސާކޮށްލަން ބުނިއެއްޗެކޭ...'' ރިސާލާއަށް ހިނިތުންވެލިއެވެ. އައިރާއާއި ސަމާސާކޮށްލީކަން އަންގައިދިނީ ދެލޮލުގައިވި އުފާވެރިކަމުންނެވެ. އައިރާއަށް ހެވުނެވެ.
ދައުސް ގާތުގައި އިން ރިސާލާ ވެސް ތެދުވެގެން އައިސް އައިރާގެ ގާތުގައި އިށީނެވެ. އައިރާއަށްޓަކައި އެހިތުގައި އޮތް ލޯބި ހާމަކޮށްދިނީ ތުންފަތުގައި ކުޅެލަމުން ދިޔަ އުފާވެރިކަމުގެ ހިނިތުންވުމުންނެވެ. އައިރާގެ ވާހަކަތައް ފުރަތަމަ ފަހަރަށް ޒޯހަން ހިއްސާކުރި ދުވަހު ވެސް، ޒޯހަން ހިތުން އައިރާއަށް ދެވިފައި އޮތް މަޤާމާއި ލޯބި ރިސާލާއަށް ދޭހަ ކުރެވުނެވެ. އަންހެންކުއްޖަކަށް ޓަކައި އޭނަ ދެކެމުން ދިޔަ ދިގު ހުވަފެން ވެސް ހަޤީޤަތަކަށް ވެގެން ދިޔައީ ދެނެވެ. އަމިއްލަ ދަރިއަކު ފަދައިން އައިރާ ދެކެ ލޯބިވާން ވަޢުދު ވެސް ވެވުނެވެ.
''ދަރިފުޅު ތީ ހަމަ ޖަވާހިރެއް... މިގެއަށް ދަރިފުޅު އަންނާނެ ދުވަހަކަށް ހާދަ ދިގު އިންޒިތާރެއް ކުރެވިއްޖެޔޭ...'' ރިސާލާ ބުންޏެވެ.
ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނދެގެން އިން ޒޯހަންގެ ތުންފަތުގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ޢާއިލާގެ ފަރާތުން އައިރާއަށް ލިބެމުން ދިޔަ ލޯބިން އެހިތަށް ފިނިކަން ގެނެސްދިނެވެ. އެއީ އޭނަ އެންމެ ދެކެން ބޭނުންވި ދުވަސް ވެސް މެއެވެ. ޢާއިލާގެ މެންބަރެއް ކަމުގައި އެންމެން އައިރާ ބަލައިގަތީ އުފަލާއެކުގައެވެ. ޒޯހަންގެ ހިތަށް އައިރާގެ ހިނިތުންވުންތަކުން ދިރު ގެނެސްދިނެވެ. އެހިނިތުންވުން ދުނި އުމުރަށް ދެމިގެންދާން ވެސް ހިތް އެދުނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އައިރާގެ ފަސްބަޔަށް އެޅިގެންދާން ވެސް މެއެވެ.
މެންދުރުގެ ކެއުން ނިމިގެން ދިޔައީ އުފާވެރިކަމުގެ މާހައުލެއްގައެވެ. އައިރާގެ ހިތުގައި ބުނެދޭން ދަތި ޖަޒުބާތުތަކެއް އުފެދިގެން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން އައިރާ ބަލައިލީ އެއުފާވެރި ހަނދާންތަކެއް ސިކުނޑީގައި ރައްކާކުރަން ބޭނުންވެފައިވާތީއެވެ. މާދަން ކަންތައް ވެދާނެ ގޮތެއް އެނގެނީކީއެއް ވެސް ނޫނެވެ. އިހުސާސްކޮށްލަން ލިބިފައިވާ މި އުފާވެރި ވަގުތުކޮޅު ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގުނެވެ.
ކެއުން ނިންމާލުމަށްފަހު އައިރާ ގޮވައިގެން ރިސާލާއާއި މެހެރުއްނިސާ ދިޔައީ ގޭގެ ފަހަތުގައި އޮތްނަ ފަތާފެންގަނޑު ކައިރިއަށެވެ. އިރުގެ ދަޅަތަށް ނޫކަން ގަދަ ފެންގަނޑަށް އެޅިފައިވައިވުމުން ބަބުޅަމުން ދިޔައެވެ. ފަތާފެންގަނޑު ކައިރީގައި ހުރި ކުޑަ ޕެވީލިންގެ ހިޔަލުގައިވާ ސޯފާތަކުގައި އެންމެން އިށީނެވެ. ސޯފާތަކުގައި ހަމަޖެހިލިތަނާ ޒޯހަން ވެސް އަތުވެއްޖެއެވެ.
''ސާބަހޭ ދަރިފުޅާ، މަންމަމެން ނޫޅެމޭ އަރޫ ކާލާކަށެއް...'' ރިސާލާއަށް ޒޯހަން ފެންނައިރަށް ބުނެވުނެވެ.
''އެބުނާހެން، ހުސް އަންހެންވެރިން އުޅޭ ތަނަކަށް އައިސްގެން ތިއުޅެނީ ކީއްކުރަންތަ؟...'' ސަމާސާ ހިނިތުންވުމަކާއެކު މެހެރުއްނިސާ ވެސް އިތުރުކޮށްލިއެވެ.
''ވާއު، އިޒިންޓް އިޓް އަ ބިޓް މެޓްރިއާކަލް؟...'' ޒޯހަން ހަށަން ބަނދެލަމުން ބުންޏެވެ. ''މާމައަށް މިވަގުތު އަރޫ ދޯ މުހިންމީ؟...''
''މާމަމެން ހާދަ ދިގު އިންތިޒާރެއް ކުރި ފަހުންނޭ ޢާއިލާއަށް އަންހެންކުއްޖަކު އަންނަން މިއުޅެނީ... އެހެންވީމަ އަރޫއަށް ދޯ ދެން ސަމާލުކަން ދެވޭނީ ވެސް...'' އައިރާއަށް ބަލައިލަމުން މެހެރުއްނިސާ ހިނިތުންވުމެއް ދިނެވެ.
''އޯކޭ، އޯކޭ، މާމައާއި އަރޫ ހަވާލުކޮށްފަ މިދަނީ، އެކަމަކު ގިނަ އިރެއް ނުދެވޭނެ އިނގޭ... އަރޫ ޖެހޭނެ ހަތަރެއް ޖަހާއިރު ދާން...'' ޒޯހަން ހަނދާންކޮށްލަ ދިނެވެ.
''މަންމަމެން ހަނދާން އެބަހުއްޓޭ...'' ރިސާލާއަށް ހެވުނެވެ. ޒޯހަންގެ ހިތުގައި އައިރާއަށް އޮތް ލޯބި ފެނި އުފާ ވެސް ވިއެވެ. އެދެކުދިންނަށް ވެސް އުފާވެރި ހަޔާތެއް މިންވަރުކޮށްދެއްވުން އެދި ދުޢާކޮށްލެވުނެވެ.
''އައި ވިލް ކަމް އިން އެ ވައިލް...'' ދިއުމުގެ ކުރިން އައިރާއަށް ޒޯހަން ބަލައިލިއެވެ. އައިރާ ބޯޖަހާލިއެވެ. ޒޯހަން ދާން ހިނގައިގަތް އިރު އޭނަގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ވިއެވެ.
*****
ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުގައި ހިތްގައިމުކަމެއް އެކުލެވިގެންވިއެވެ. އައިރާއަށް ބަލައިލެވުނީ ފަތާފެންގަނޑަށެވެ. އިރު އަލިން ބަބުޅަމުން ދިޔަ މަންޒަރަށް ގެއްލިފައި އިންދާ ރިސާލާ ގޮވާލި އަޑު އިވުނެވެ.
''ހާދަ ބޮޑު ފިކުރަކަށް ގެއްލިފަ އިން ހެން ހީވެޔޭ...'' އައިރާގެ މޫނަށް ބަލަމުން ދިޔަ ރިސާލާއަށް ބުނެވުނެވެ. އެއާއެކު އައިރާގެ މެޔަށް ފިނިވެލިއެވެ. ހިތަށް ނުތަނަވަސްކަން ވެރިވާން ފެށުމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''ކައިވެނީގެ ދުވަސް ކައިރިވާތީދޯ؟...'' އައިރާއަށް ޖަވާބު ނުދެވެނީސް މެހެރުއްސިނާ ބުނެލިއެވެ.
''ތެދެއް؟...'' ރިސާލާއަށް އެހާލެވުނެވެ. ''ދަރިފުޅު ކަންބޮޑުނުވައްޗޭ، ކައިވެންޏަށްފަހު އެއްވެސް ކަމެއް ބަދަލެއް ނުވާނެ، ހަމައެކަނި ދަރިފުޅުގެ ޢާއިލާ ބޮޑުވެގެން ދާނީ، ޒާންއާ އެކު ދަރިފުޅަށް އުފާވެރި މުސްތަޤުބަލެއް ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް، ހަޤީޤަތުގައި ދަރިފުޅު ޒާންގެ ހަޔާތަށް އައުން އެއީ މަންމައަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ދީނަށް ލޯބިކުރާ އަހްލާގު ރަނގަޅު ކުއްޖަކަށް ދަރިފުޅު ވީތީ ވަކިން ބޮޑަށް އުފާވޭ، ދަރިފުޅުމެންނަށް އުފާވެރި ހަޔާތެއް ދެއްވުން އެދި މަންމަ އަބަދުވެސް ދުޢާކުރާނަން... ކައިވެންޏަށް ފަހު ދިރިއުޅުން ބަދަލުވެގެން ދާނެ، އެކަމަކު އެއީ ރަނގަޅު ބަދަލެއް، ކޮންމެ ކަމެއްގައި ވެސް ދެމަފިރިންގެ ޚިޔާލު ވަރަށް މުހިންމުވާނެ، ޖެހޭ މައްސަލަތައް ވެސް މަޝްވަރާކޮށްގެން ހައްލުކުރަންވާނެ، ތީ ވަރަށް ދުރު ވިސްނޭ ދެކުދިންކަން މަންމައަށް އެނގޭ... ފުރިހަމައަޢް އިތުބާރު ވެސް ކުރެވޭ... އެއްވެސް ކަމެއްގައި މަންމަމެންގެ އެހީ ބޭނުންވާ ނަމަ ބުނައްޗޭ... މީ ވެސް ދަރިފުޅުގެ މަންމައެއް ކަމުގައި ބަލައްޗޭ... ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދަރިފުޅާއެކު އެންމެން ތިބޭނެކަން ހިނދުކޮޅަކަށް ވިޔަސް ހަނދާން ނައްތާނުލާތި...''
ރިސާލާއަށް އެހިތުގެ އިހުސާސްތައް ބަންޑުންކޮށްލެވުނެވެ. އައިރާއަށް އެހިތުގައި ދެވިފައި އޮތް ލޯތްބާއި ޤަދަރު ވެސް ބުނެދިނެވެ.
އައިރާގެ ހިތަށް ތޫނު ރިހުމެއްގެ އަސަރު ވެރިވެގެން ދިޔައެވެ. ރިސާލާގެ ޖުމްލައިން ލިބެންވީ ހަޤީޤީ އުފަވެރިކަމެއް ވެސް ނުލިބުނެވެ. މުސްތަޤުބަލު ބަނަކުރަމުން ދިޔަ ކަޅު ވިލާތަކުގެ ހިޔަނި އެޅުނު ހިނދު ޖަޒުބާތުގެ ފުން ކަނޑެއްގައި އެހިތް ބެހިގެން ގޮސްފިއެވެ. ރިސާލާގެ ގައިގައި އައިރާއަށް ބާރަށް ބައްދާލެވުނެވެ. ލޮލުން ކަރުނަ ހިލުނީ ހިތުގެ ވޭން ބަރުދާސްތުކުރަން ދަތިވުމުންނެވެ. މިހުރިހާ އިރު ކުރަމުން ދިޔަ ހިތްވަރު އެލިގެން ދިޔައެވެ.
''ދަރިފުޅު ރޮނީތަ؟...'' ރިސާލާ ކަންބޮޑުވިއެވެ. ނިކަން ލޯބިން އައިރާގެ ބުރަކަށީގައި ފިރުމާލެވުނެވެ.
''މަންމާ، ތެންކިއު...'' އައިރާ ބުންޏެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކުން ވާކަހަދައްކަން ފަސޭހައެއް ނުވިއެވެ. ރިސާލާގެ ގައިގައި އައިރާއަށް ބާރަށް ބައްދާލެވުނެވެ.
''ދެން އަވަހަށް ހުއްޓާލާ، ޒާންއަށް ފެނިއްޖެއްޔާ ކަންބޮޑުވެދާނެ...'' އައިރާގެ ބުރަކަށީގައި ފިރުމަމުން ރިސާލާ ބުންޏެވެ.
''ތެދެއް، ނެނގޭ މިހާރު ވެސް ބަލަން ނެތް ކަމެއް...'' މާހައުލުގެ ނުތަނަވަސްކަން ފިލުވައިލުމުގެ ނިޔަތުގައި މެހެރުއްނިސާ ބުންޏެވެ. އޭނަ ވެސް އައިރާގެ ބުރަކަށީގައި ފިރުމާލިއެވެ.
ކަރުނައިގެ ތެރެއިން އައިރާއަށް ހެވުނެވެ. އެތެރެއަށް ނޭފަތް ދަމައިލަމުން އައިރާ ދުރަށް ޖެހިލިއެވެ. އެވަގުތު އައިރާގެ ކޯތާފަތް ފޮހެލަދިނީ ރިސާލާ އެވެ. ހިތްވަރުކޮށްލަމުން އައިރާއަށް އިސްއުފުލާލެވުނެވެ. ހިތާހިތުން ދުޢާކޮށްލެވުނީ ހުރިހާ ކަމެއް ވެސް ރަނގަޅުވެގެން ދިއުމަށެވެ. ހަޔާތުގެ ސަމުގާއަށް ލޮޅުން އަރައިފިނަމަ ހިތުގެ މަންޒިލް ގެއްލިގެން ގޮސްފާނެއެވެ. އެހަޤީޤަތާ ކުރިމަތިލާން ވެއްޖެނަމަ ހިތަށް ލިބެގެންދާނެ ވޭން ބަރުދާސްތުކުރަން ދަތިވާނެކަން ގައިމެވެ.
*****
ހެނދުނެވެ. އައިރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ބަސީލްއާއި ޤަމަރު ވެސް ވާހަކައެއް ނުދައްކައެވެ. އާދަޔާ ޚިލާފު ހިމޭންކަމެއް ކާރުގެ ތެރެއަށް ފެތުރިފައި އޮތެވެ. ކާރު ދުއްވަމުން އިރުއިރުކޮޅާ ފަހަތު ސީޓޫގައި އިން އައިރާއަށް، ކާރުގެ ކުރީގައި ހުރި ލޯގަނޑުން ބަސީލް ބަލައިލައެވެ. އެއްޗެއް ބުނަން އޭނަގެ ތުންފަތް ހަރަކާތް ވެސް ކޮށްލައެވެ. ނަމަވެސް ސިކުނޑީގެ ހާސްކަމާ ހުރެ އެއްވެސް ލަޒުފެއް ދުލާ ހަމައަކަށް ނައެވެ. ހިމޭންކަމުގެ ތަޅެއް ދުލުގައި ލެވިފައިވާ ކަހަލައެވެ. ޖެހިގެން ހުރި ސީޓުގައި އިން ޤަމަރުއަށް ވެސް ބަސީލް ބަލައިލިއެވެ. އިސްފަސްވަމުން ދިޔަ މަންޒަރުތައް ބަލަން އިންކަމުގައި ވިޔަސް، ޤަމަރުގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތައް ކައިކޮށްލެވިފައިވި ބުމައިން ހާމަކޮށްދެއެވެ. ހަށިފުރާ ދޫކޮށްލި ފުން ނޭވާއަށްފަހު ޤަމަރުގެ އަތުގައި ބަސީލް ހިފާލިއެވެ.
ސިހިގެން ދިޔަ ޤަމަރުއަށް ބަސީލްގެ މޫނަށް ބަލައިލެވުނެވެ. ބަސީލް ދިން ފަނޑު ހިނިތުންވުމަށް ރައްދު ދޭނެ ގޮތެއް ޤަމަރުއަކަށް ނޭނގުނެވެ. ހިތްވަރުކުރަން ބޭނުން ވިޔަސް ހިތުގެ ހާސްކަމާ ދުރުވެވޭ ގޮތެއް ނުވިއެވެ. މަންޒިލާއި ކައިރިވަމުން ދިޔަ ވަރަކަށް ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ޤަމަރުއަށް އައިރާގެ މޫނަށް ބަލައިލެވުނެވެ. އިސްއޮބާލައިގެން އިނުމުން އެމޫނުގެ ކުލަވަރުތައް ދެނެގަނެވޭ ގޮތެއް ނުވިއެވެ.
ނަންބަރު ޖެހެންދެން ގޮނޑީގައި މަޑުކޮށްލައިގެން އިން އައިރާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނަގެ ނޭވާތައް ވެސް ވަނީ ކުރުވެފައެވެ. ހަތަރެސްފައި ވަނީ ފިނިވެފައެވެ. ޑޮކްޓަރުގެ ކޮޓަރިއަށް އިރުއިރުކޮޅާ ބަލައިލެވެއެވެ. ގޮނޑީގައި އިންނަން ވެސް އައިރާއަށް އުނދަގޫވެފައި ވިއެވެ. އަތުގައި އޮތް ފައިލުގައި ބާރަށް ހިފަހައްޓައިގެން އިނދެވުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހޮސްޕިޓަލުން ނިކުމެގެން ހިނގައިދާނަމޭ ވެސް އައިރާގެ ހިތަށް އެރިއެވެ. ސިކުނޑިއަށް ވެރިވާ ޚިޔާލުތަކުން ލިބުނު ހާސްކަމާއެކު، އޭނަގެ މުޅި ވުޖޫދު ވެސް އެނބުރެމުން ދިޔަ ފަދަ އެވެ.
''ދަރިފުޅާ...'' މަންމަގެ އަޑު އިވުނުހެން އައިރާއަށް ހީވިއެވެ. އެއާއެކު ސިހިފައި ބަލައިލެވުނެވެ.
''ނަންބަރު ޖެހުނިއްޔޭ...'' ޤަމަރު ބުންޏެވެ. އައިރާއަށް ބަލައިލެވުނީ ފާރުގައި ހުރި ޓީވީއަށެވެ. އެއަށްފަހު އަތުގައި އޮތް މެމޯއަށް ވެސް ބަލައިލެވުނެވެ. ހިތް އަވަސް ވެގެން ދިޔައީނުން ހީވީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެހެންނެވެ.
''އަރޫ؟...'' މިފަހަރު ގޮވާލީ ބަސީލްއެވެ.
ފުން ނޭވާއެއް ދޫކޮށްލަން އުޅުނުކަމުގައި ވިޔަސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އައިރާގެ ކޮންމެ ހިއްސެއްވެސް ކޮންޓްރޯލް ކުރަމުން ދިޔައީ ހިތަށް ސަވާރުވެފައިވި ބިރުވެރިކަމުންނެވެ. އޭގެ ސަބަބުން ރަނގަޅަށް ސިކުނޑިވެސް މަސައްކަތެއް ނުކުރެއެވެ. މީހާ ވަނީ ގަބުއަރާފައެވެ. ކަށިން ހިތްވަރު ނެރެމުން އައިރާ އެންމެފަހުން ކޮޅަށް ތެދުވުނެވެ.
އައިރާގެ އަތުގައި ޤަމަރުއަށް ބާރަށް ހިފާލެވުނެވެ. ކުރިއަށް ހިނގައިގަންނަމުން އައިރާގެ ބުރަކަށީގައިވެސް ފިރުމާލިއެވެ.
ޤަމަރުއާއި އައިރާއަށް ވަގުތުދެމުން ބަސީލް މަޑުކޮށްލީ ބޭރުގައެވެ. ނުތަނަވަސްކަން ބަސީލްގެ މޫނުގައި ވިއެވެ. ޑޮކްޓަރުގެ ކޮޓަރިއަށް ވަން އައިރާއާއި ޤަމަރުއަށް ބަލަމުން މޫނުގައި ދެއަތުން ފިރުމާލެވުނެވެ.
*****
ޑޮކްޓަރުގެ ކޮޓަރިއަށް އައިރާ ވަނުމާއެކު ޑޮކްޓަރ ނަވާޒް ލުއި ހިނިތުންވުމެއް ދިނެވެ. ހިތްހެޔޮކަން ޑޮކްޓަރ ނަވާޒްގެ މޫނުމަތިން ފެނުނެވެ. ކޮމްޕިއުޓަރުގެ ސްކްރީނުން ފެންނަމުން ދިޔަ އައިރާގެ މައުލޫމާތުތައް ބަލަހައްޓައިގެން އިނުމަށްފަހު އައިރާއާއި ދިމާއަށް އެނބުރައފިއެވެ.
ނަފުސުގެ މައްޗަށް އަތްގަދަކޮށްފައިވި ހާސްކަމުގެ ތެރެއިން އައިރާ ވެސް ހިނިތުންވެލަން މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔަބެއް ނުވިއެވެ. ހިނިތުންވުން މިލައިގެން ގޮސް ދެލޮލަށް ވެރިވީ މާޔޫސްކަމެވެ.
އައިރާ ގޮސް ބަލިމީހާއަށް ހާއްސަކުރެވިފައި ހުރި ގޮނޑީގައި އިށީނެވެ. އައިރާގެ ފަހަތުން ދިޔަ ޤަމަރު ވެސް ޖެހިގެން ހުރި ގޮނޑީގައި ހަމަޖެހިލިއެވެ. ޑޮކްޓަރ ނަވާޒްއަށް ޤަމަރު ހިނިތުންވެލިކަމުގައި ވިޔަސް އެހިނިތުންވުމުގައި ފޮރުވިފައި ވަނީ ނުތަނަވަސްކަމެވެ.
ފިނިވެފައިވި އަތްތިލައިން އަބަޔާގެ ފަސްބައިގައި އައިރާއަށް ބާރަށް ހިފަހައްޓާލެވުނެވެ. ނަސުފަށް ލިބިފައިވި ހާސްކަމުގެ ސަބަބުން އޭނަގެ ހިތް ބަރުބާރަށް ތެޅެމުން ދިޔައެވެ. ވަށައިގެންވި މާހައުލުން އިތުރު ނުތަނަވަސްކަމެއް ނޫނީ ނުލިބުނެވެ. އެއާއެކު ޚިޔާލުތަކަށް ވެރިވެގެން އައީ މީގެ އަހަރުތަކެއް ކުރިން ހޮސްޕިޓަލުގައި ހޭދަ ކުރޮ ހިތްދަތި ދުވަސްތަކެވެ. ނާއުއްމީދުން ފުރިގެންވި އެހަނދާންތަކުން ނަފުސުގެ ހަމަޖެހުން މުޅިން ގެއްލުވާލައިފިއެވެ. ނިތުން ފިނި ދަލެއް ވެސް ހިއްލާލައިފިއެވެ.
''އައިރާ، ހައު އާރ ޔޫ ފީލިންގް ޓުޑޭއި؟...'' ޑޮކްޓަރ ނަވާޒް ބުންޏެވެ. އައިރާގެ ހިމޭންކަން ފާހަގަ ކުރެވުމާއެކު އައިރާގެ މޫނަށް ފުން ނަޒަރެއް ވެސް ދިނެވެ. ވަގުތު ދިގުލައިގެން ދިޔަކަމުގައި ވިޔަސް އިތުރު ސުވާލެއް ވެސް ނުކުރިއެވެ. އައިރާ ހުރި ނާޒުކު ހާލަތު ވަގުތުން ނަގައިގަނެވުނީތީއެވެ.
ޤަމަރުއަށް އައިރާގެ އަތުގައި ހިފާލެވުނެވެ. އައިރާ ބިރުގެންފައިވާ މިންވަރު ނަގައިގަނެވުނު ހިނދު މައިލަނގޮޑީގައި ރިއްސާލައިފިއެވެ. އައިރާގެ ހިތަށް ހަމަޖެހުމެއް ގެނެސްދެވޭތޯ ލޯތްބާއެކު އައިރާގެ އަތުގައި ފިރުމާލެވުނެވެ.
ޑޮކްޓަރުގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި އައިރާއަށް އުނދަގޫވުމުން، އެސުވާލުތަކަށް ޖަވާބު ދިނީ ޤަމަރެވެ. ޑޮކްޓަރ ނަވާޒްގެ ސުވާލުތަކުން އައިރާގެ މެޔަށް ފިނިވަމުން ދިޔައެވެ. ކޮންމެ ސުވާލެއްގެ ޖަވާބާއެކު ޑޮކްޓަރ ނަވާޒްގެ މޫނަށް އަންނަމުން ދިޔަ ބަދަލުތައް ވެސް އައިރާއަށް ފާހަގަ ކުރެވުނެވެ. ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އިންޒާރުގެ ރަނގަބީލުގެ އަޑު ގަދަވެއްޖެހެން ވެސް ހީވިއެވެ. ހިންދިރުވާލަން އައިރާއަށް ވީ އުނދަގޫ ކަމަކަށެވެ.
ޑޮކްޓަރ ނަވާޒްއަކީ ނިއުރޮލޮޖީގެ ދާއިރާއިން ގިނަ ކާމިޔާބުތަކެއް ހާސިލްކޮށްފައިވާ ކުޅަދާނަ ޑޮކްޓަރެކެވެ. ބަލި މީހުންނަށް އޯގާތެރި އަދި ބަލި މީހުންގެ އިހުސާސްތައް ގާތުން ދަންނަ ޑޮކްޓަރެއް ވެސް މެއެވެ. ކޮންމެ ބަލިމީހަކު ވެސް ބަލަނީ ފަރުވާތެރިކަމާއެކުގައެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި އައިރާ ދައްކަމުން ދިޔައީ ވެސް ޑޮކްޓަރ ނަވާޒަށެވެ. އައިރާގެ ކުރީގެ ބަލިހާލަތުގެ ހުރިހާ މައުލޫމާތެއް ފުރިހަމައަށް އެނގެއެވެ. ކުއްލިޔަކަށް ފެންނަން ފެށި އަލާމާތްތަކުގެ އިންޒާރުތައް ފާހަގަ ކުރެވުމާއެކު ކަންބޮޑުވުން އެދެލޮލަށް ވެރިއްވެއްޖެއެވެ.
''ހައު ލޯންގް ހޭވް ޔޫ ބީން އެކްސްޕީރިއެންސިންގް ދީސް ހެޑްއޭކްސް؟...'' އައިރާގެ މޫނަށް ބަލަމުން ޑޮކްޓަރ ނަވާޒް ސުވާލުކޮށްލިއެވެ. އައިރާގެ ޖަވާބު ލިބެން ވަގުތު ނެގިކަމުގައި ވިޔަސް ކެތްތެރިކަން އެމޫނުން ފެނުނެވެ.
''މޭއި ބީ ޓޫ ވީކްސް؟، ނޮޓް ޝުއާރ...'' އައިރާއަށް އުނދަގުލުން ބުނެވުނެވެ. ހިތްބިރުގަނެފައިވުމުން ވާހަކަދައްކަން ފަސޭހަކަމަކަށް ނުވިއެވެ. ކޮޓަރީގެ ހަތަރު ފާރު އައިސް އޭނަ ފިއްތާލަން އުޅޭ ކަހަލައެވެ. ހާސްވެގެން ގޮސް ނޭވާލާން ވެސް އުނދަގޫވާހިސާބަށް ގޮސްފިއެވެ.
''ވީ ވިލް ޑޫ އެ ފިއު ޓެސްޓް، ފަސްޓް އެ ނިއުރޮލޮޖިކަލް އެގްޒަމިނޭޝަން އެންޑް ދެން އިމޭޖިނިން ސްކޭން... އާފްޓާ ދެޓް ވީ ވިލް ޑޫ ފާދާރ އިވެލުއޭޝަން...'' ޑޮކްޓަރ ނަވާޒް ބުންޏެވެ. އައިރާ ހަމައެކަނި ބޯޖަހާލީއެވެ. ކުރިއަށް އޮތް ޓެސްޓްތަކަކީ އޭނަ ތަކުރާރުކޮށް ތަޖުރިބާކޮށްފައި ހުރި ޓެސްޓްތައް ނަމަވެސް އެކަމަށް އާދައެއް ނުވެވުނެވެ. ކޮންމެ ފަހަރަކު އޭނަގެ ހިތް ބިރުވެރިކަމުން ވަށާލައެވެ. ހަމައެއާއެކު ނަތީޖާތައް ލިބުމުން ހިތަށް އުފަވެރިކަން ވެސް ލިބިގެން ދެއެވެ. އެހެނަސް މިފަހަރުގެ ނަތީޖާއިން އުފާވެރިކަން ހާސިލް ނުވާނެކަމުގެ ގިލަންވެރިކަން ހިތުގައި އުފެދިގެން ދިޔައެވެ. ގައިން ހީބިހި ވެސް ނަގައިގެން ގޮސްފިއެވެ. ފުންނޭވާއެއް ދޫކޮށްލަން އުޅުނުކަމުގައި ވިޔަސް ކާމިޔާބެއް ނުވިއެވެ.
ނިއުރޮލޮޖިކަލް އެކްޒަމިނޭޝަން ނިމުނު އިރު އައިރާ ހުރީ ބޮލުގައި ރިއްސާފައެވެ. ސިކުނޑިއަށް ބަރުވެފައި ހުރުމުން ވަށައިގެންވި މާހައުލަށް ރަނގަޅަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. ބާރަށް ހިތްތެޅެމުން ދިޔަ އަޑު ކަންފަތުގައި ވަނީ ގުގުމާލާފައެވެ. ޑޮކްޓަރ ނަވާޒްގެ ސުވާލުތަކަށް ޖަވާބު ދެވެނީ ވެސް ދެފަހަރެއްގެ މަތިން ސުވާލުތައް ތަކުރާރުކުރުމުންނެވެ.
އައިރާގެ ހާލަތު ބަލަން ޤަމަރުއަށް ކުޅަދާނައެއް ނުވިއެވެ. ހަމައެއާއެކު ޑޮކްޓަރ ނަވާޒްގެ މޫނުން ފެނުނު ކަންބޮޑުވުމުގެ ކުލަވަރުތަކުން ޤަމަރުގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އެދެލޮލުގައިވި ޝުއޫރުތައް އޭނައަށް ދޭހަކުރެވުނެވެ. އެއާއެކު އޭނަގެ މުޅި ވުޖޫދު ވެސް ގުޑައިގެން ދިޔަ ކަހަލައެވެ. ހިމޭންކަން މުޅި ނަފުސު ހިސާރުކޮށްފިއެވެ. ހިތުގައި ވިންދު ޖަހަން ފެށީ ބިރުވެރިކަމެވެ. އިސްޖެހިފައި އިން އައިރާ ފެނި ޤަމަރުގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އަވަސްއަވަހަށް އޭނައަށް ކަރުނަތައް ފޮހެލެވުނެވެ. އަދި ފުންނޭވާތަކެއް ދޫކޮށްލެވުނެވެ.
ނިއުރޮލޮޖިކަލް އެގްޒަމިނޭޝަންގެ ނަތީޖާއިން ހިތަށް ގެނެސްދިނީ ނާއުއްމީދެވެ. އައިރާ އިނީ ގަބު އަރާފައެވެ. އޭނައަށް ވަށައިގެންވި މާހައުލަށް އިތުރު ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ސިކުނޑިއަށް ކަންތައް ނަގައިގަނެވުނީ ވެސް ލަހުންނެވެ. މުޅި މީހާއަށް ވަގުތު ހުއްޓިފައިވާ ކަހަލައެވެ. ކަރުނައިގެ ތެތްކަން އެކުލެވިގެންވި އެސްފިޔަތައް ލަސްލަހުން މަރާލެވުނެވެ. ޒޯހަންގެ ނަން ހިތުގެ ދުލުން ކިޔާލެވުމާއެކު އައިރާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.
މިޚަބަރު ޒޯހަންއަށް އޭނަ ދޭނީ ކޮން ދުލަކުން ހެއްޔެވެ؟ އަނދިރިކަމަށް ހުށަހެޅިގެން ގޮސްފައިވި އޭނަގެ ހަޔާތާއި ގުޅިލާމެހެން ރުހެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ޒޯހަންގެ ރީތި ހިނިތުންވުންތައް މިލާމޯޅިވެގެން ދާ މަންޒަރު ބަލަން އެހިތަށް ކެެތެއް ނުކުރެވޭނެއެވެ.
(ނުނިމޭ)