"އެހެންވިއްޔާ ޝަހާދަތް ކިޔައިގެން ދެލޯ މަރާ" މެލެކް ބުންޏެވެ.
"ތިކަހަލަ އަދަބެއް ނުދީ. ހިނގާބަލަ މުސްތަގުބަލާ ގުޅޭ ވާހަކައެއް ދައްކަން" ބާޒިލް ބުންޏެވެ.
ދެމަފިރިން ތިބީ ދަރިފުޅު މެދަށް ވާހެން ދަރިފުޅުގެ ދެފަރާތުންނެވެ.
"ގަނޑުފެންކޮޅެއްހެން ހީވަނީ. އެނގޭ މެލީ ބިރުގަނެފަކަން. ޕްލިޒް ނުވިސްނަބަލަ. މިތަނަށް ނާންނާނެ އެކަކުވެސް. އަހަރެމެން މިތާ ތިބިކަން އެކަކަށްވެސް ނޭނގޭނެ. އެނގުނަސް މިތަނުން އަހަރެމެން ނެރެން އެކަކުވެސް ނާންނާނެ" ބާޒިލް ބުންޏެވެ.
"އަތްލަބަ މިތަނުގަ" ބާޒިލްގެ އަތް ގެންގޮސް ހިތާވީ ފަޅިން މޭގާ ޖެއްސުވިއެވެ.
"އަތްނުލިޔަސް ތި އަޑު އަހަންނަށް އިހުސާސްއެބަވޭ" ބާޒިލް ބުންޏެވެ.
"ލޯބިން ކަމެއް ކޮށްލެވޭނީވެސް މެލީ ހަމަޖެހުނީމައެއްނު" ބާޒިލް ބުންޏެވެ.
"ނޭނގެ ކީއްވެކަމެއް. މަންމަ މިރޭ ބުންޏެއްނު. ތިމަންނަ މެލީއަށް އިތުބާރުކުރަމޭ. އިތުބާރު ގެއްލޭކަށް ބޭނުމެއްނޫން" މެލެކް ބުންޏެވެ.
"ނޫނެކޭ މަގޭ ދޫންޏާ... މިއީ ގޯހެއްނޫން. މަންމަމެންނަށް އެނގޭނީ މީހަކު ބުނިއްޔާއެއްނު. އަހަރެމް މިހެން އެއްތަންވެލާފަ ދިރިއުޅުމާ މެދު ވާހަކަދައްކާލުމަކީ ގޯހެއް ނޫނެއްނު. އަހަރެމެންގެ ދިރިއުޅުމާމެދު އަހަރެމެން ވާހަކަނުދެއްކިއްޔާ ދެން ކޮންބައެއް ދައްކާނީ؟" ބާޒިލް ވާހަކަދެއްކިއެވެ.
"އޯކޭ. ދެން ދައްކަބަލަ" މެލެކް ބުންޏެވެ.
"އަދިވެސް އަތްތިލަ ވަރަށް ފިނި. މެލީ ތިހާ ބިރުގަންނަނީ ކޮންކަމަކާތަ؟" ބާޒިލް އަހާލިއެވެ.
"ގޯހެއް ހެދިދާނެތީ. އަގުވެއްޓޭފަދަ ކަމެއްވެދާނެތީ" މެލެކް ބުންޏެވެ.
"އަހަރެމެން ދެމެދުގަ ހިނގާ ކަމެއްވިއްޔާ އެއީ ހަމައެކަނި އަހަރެމެން ދެމީހުންނަށް އެނގެންޖެހޭ ކަމެއް. ޕްރެގްވެދާނެތީތަ ކަންބޮޑުވަނީ. އެވަރު އަހަރެން ބަލާނެއްނު. ވަރަށް ލޯބިވޭ މެލީ ދެކެ. އަހަންނަށް މެލީ އާ ދުރުގަ ކެތެއްނުވާނެ. ލައްކަ ދުވަހު އަހަންނަށް ހުރިހާ ހައްގެއް އޮވެމެ ދުރުގައި ހުރެވިއްޖެ. ހިތަށްއަރާ މެލީގެ ތި އަޖައިބެއްކަހަލަ ރީތިކަމުގަ އޭރުގަ ނުޖެހުނީ ކީއްވެބާއޭ. މެލީގެ ތި ފުރިހަމަކަން ނުފެނުނީ ކީއްވެބާއޭ. އަހަރެންގެ އަތުގައި ތި ލޯބި ޖަވާހިރުކޮޅު އޮށްވާވެސް ފަރުވާކުޑަކޮށްލެވުނީ. މެލީ އަހަންނަށް އިތުބާރުކޮށްބަލަ. މި ގުޅުމަކީ ތާހިރު ގުޅުމެއް. އަހަރެމެން ދެމަފިރިންގެ ހާލު އެ އިލާހު މޮޅަށް ދެނެވޮޑިގެންވޭ" ބާޒިލް ބުންޏެވެ.
"އެހެންނޫނަސް މެލީ ތިހާ ކަންބޮޑުވާކަމެއް ނުކުރާނަން. އިހުސާސްތައް ހިފަހައްޓާން އެނގޭ" ބާޒިލް ބުންޏެވެ.
"ދެން ދެރަނުވޭ. އަހަރެން މިއޮތީ ގާތުގައެއްނު" މެލެކް ބުންޏެވެ.
"އެކަމު ފަތިސްވެ އެންމެން ހޭލަންވާއިރަށް ވާނެ އެކޮޓަރިއަށް ދާން. އެހެންނޫނީ އަހަރެމެން ބޭޒާރުވާނީ" މެލެކް ބުންޏެވެ.
"އޯކޭ ވައިފީ ބުނުއްވި ގޮތެއް" ބާޒިލް ބުންޏެވެ.
****
ފަތިސްނަމާދުގެ ބަންގީގެ ކަލިމަތައް ކަންފަތުގެ އެންމެ ހިމަ ނާރަށް އިހުސާސްވުމާއެކު މެލެކް ފުންމައިގެން ތެދުވިއެވެ. ގަޑިބަލައިލާފައި އަވަހަށް އެނބުރުނީ އަނެއް ފަރާތަށެވެ. އެންމެން ހޭލައިގެން އައުމުގެ ކުރިން އޭނާ ބޭނުންވީ އަވަހަށް ބާޒިލްއަށް ގޮވައި ހޭއްލައްވާށެވެ. މެލެކް ބަލައިލިއިރު ބާޒިލް ނެތެވެ. ފާހާނައިގައިވެސް ނެތެވެ. މާކުރިން ހޭލައިގެން ބާޒިލް ދިޔައީކަން މެލެކްއަށް އެނގުނެވެ. އޭނާއަށް ހަމަޖެހުމެއް ލިބުނެވެ. އަވަހަށް ފާހާނައަށް ވަދެ ފެންވަރައިގެން ނިކުމެ ފަތިސްނަމާދު ކޮށްލިއެވެ. ރޭގައި ނިދުމުގެ ކުރިން ކާންޖެހޭ ބޭސް ނުކެވޭކަން ހަނދާންވީ މުސައްލަ މަތީގައި އިންދައެވެ. ރޭގައި ގެއިން އައިގޮތަށް އަތްދަބަސް ހުރީ އޭރު ބެހެއްޓި ތަނުގައެވެ. މެލެކް ކަންބޮޑުވިއެވެ. ބޭސްނުކެވުމުން ކަމެއް ގޯސްވެދާނެތީ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. މުސައްލަ އޮޅާލާފައި ތެދުވެލިއިރު ލޫލު އެނދުން ފައިބައިފިއެވެ. މުށިތަކުގެ މަތީގައި އިށިންގޮތަށް މެލެކް އާ ދިމާލަށް ފިރުކެން ފެށިއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ވެސް ލޫލުއަށް މެލެކް ފާހަގަވެއްޖެއެވެ. މެލެކް ހީލާފައި ލޫލު އުރާލާފައި ލޯބިކޮށްލިއެވެ. ހެނދުނު ސަލާމް ލޫލުއަށް ރައްދުކޮށްލާފައި ލޫލު ގޮވައިގެން އައިސް އެނދުގައި އިށީނެވެ.
"ތިއްތިވެލައިގެން ދޯ ބޭރަށް ނިކުންނާނީ" ލޫލުގެ ޑައިޕާރ ބަދަލުކުރަން މެލެކް ތައްޔާރުވިއެވެ.
ހުރިހާ ކަމެއް ނިންމާފައި ލޫލު ގޮވައިގެން ކޮޓަރިން ނިކުތުމުގެ ކުރިން އެނދުގެ ބެޑްޝީޓަށް ބަލައިލިއެވެ. ކޮޓަރި ލައިޓްތައް ދިއްލާފައި އައިސް އަލުން ވެސް ބެލިއެވެ. އޭނަ ހީކުރިގޮތަށް ބެޑްޝީޓް ބަދަލުކުރަން ޖެހޭނެއެވެ. ރޭގައި ބާޒިލް އެކޮޓަރީގައި ނިދިކަމުގެ އެއްވެސް ނިޝާނެއް މީހަކަށް ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބެޑްޝީޓް އެވަގުތު ބަދަލުކުރަން އޭނާ ވިސްނީ އެހެންވެއެވެ.
"މިގޭ ފަތިސް ކުއީން ހޭލައިގެން ދޯ މިއުޅެނީ" ބޭރަށް ނިކުތްތަނާ މެލެކް އާ ދިމާވީ އެންމެކުރިން ޒޭބާ އާއެވެ. ފަތިސްނަމާދަށް ފަހު ޒޭބާ އުޅުނީ މަގުމަތި ކުނިކަހަން ނިކުންނާށެވެ. އެއީ ބާޒިލް ނަމާދުން އައިސް ގެއަށް ވަތް ވަގުތެވެ. އިލޮށިފަތި ހިފައިގެން ޒޭބާ ނިކުތީ ބޭރަށެވެ. ބާޒިލް އާއެކު ޒިޔާދު ނެތުމުން އާދައިގެމަތިން މައުސޫމާ އާއެކު ހިނގަން ދިޔައީކަން ޒޭބާ އަށް އެނގުނެވެ. ގޭތެރެއިން އެހެން މީހެއްގެ ހިލަމެއް އަދި ނުވެއެވެ.
"އެބައުޅޭ ލޫލު ގޮވައިގެން ފުޅި ހަދަން ބަދިގޭގަ" ބާޒިލް ފެނުމުން ޒޭބާ ބުންނެވެ.
ބާޒިލް އައިސް ވަނީ ބަދިގެއަށެވެ. މޭޒު ކައިރީގައި ހުންނަ ލޫލު އަށް ހާއްސަ ގޮނޑީގައި ލޫލު އިނެވެ. ލޫލު ފުޅި ހަދަން މެލެކް ހުރީ ބަދިގޭ ދޮރަށް ފުރަގަސްވާގޮތަށެވެ. ބާޒިލް ދޮރުކައިރީގައި ހުރިކަމެއް މެލެކްއަށް ނޭނގެއެވެ. އެހެންނަމަވެސް ލޫލުއަށް ބާޒިލް ފެނުމުން ހީނލައިފިއެވެ. ބާޒިލް މަޑުމަޑުން ގޮސް ހުއްޓުނީ މެލެކް ފަހަތުގައެވެ. އޭނާ ފަހަތުން މެލެކްގެ ގައިގައި ބައްދާލިއެވެ. ނުވިސްނާ ހުއްޓާ އޭނާ އާ ވީ ދިމާލަށް މެލެކް އަނބުރާލިއެވެ.
" ބާޒިލް... ދޫކޮށްލާ. ހިބާއްތަމެންގެ މީހަކު އައިސްދާނެ" މެލެކް ބުންޏެވެ. އެއީ ބާޒިލްގެ އަމަލެއްކަން މެލެކްއަށް ނުބަލާވެސް އެނގުނެވެ. ބާޒިލް ހީލިއެވެ. މެލެކްގެ ކޯތާފަތުގައި ތުންފަތް ޖައްސާލިގޮތަށް ބޮޑު ދޮނެއް ނެގިއެވެ. އޭނާ މެލެކް ގައިން ދޫކޮށްލާފައި އައިސް ލޫލު އާ ސަމާސަކޮށްލިއެވެ.
"ކޮފީ ހަދަންތަ؟" މެލެކް އަހާލިއެވެ.
"މިތިބީނު. މި ދެ ލަވްބާޑްސް އަބަދުވެސް މިގޭގަ އެންމެ އަވަހަށް ހޭލަ އުޅޭނީ" ބަދިގެއަށް ވަތް ހިބާ ބުންޏެވެ.
އެވަގުތު މެލެކްއަށް އުނދަގޫ އިހުސާސެއްވިއެވެ. ސިކުނޑިން ކަމެއް އަންގައިދޭން އުޅޭކަހަލަ ސިގުނަލެއް ދިންހެން ހީވިއެވެ. ދެފަރާތަށް ބޯ ހޫރލާފާއި އޭނާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.
"އަދިވެސް އެގޮތް ނުކެނޑޭ ދޯ. ޒެއްލުއަށް އެނގޭތަ މިއީ އަބަދުވެސް ދޮންތަ އެންމެ ދެކެން ބޭނުންވި ދުވަހަކީ. ދޮންތަ އަބަދުވެސް ބޭނުންވީ ޒެއްލު މެލީދެކެ ލޯބިވާން. އަލްހަމްދުލިއްލާހް. މެލީ އަހަރެމެންގެ ލޯމަތިން ބީވެ ނުދަނީސް އެކަލާނގެ ޒެއްލުގެ ހިތް ބަދަލުކޮށްލައިފި" ހިބާ އައިސް ހުއްޓުނީ ލޫލު ގާތުގައެވެ. ލޫލު އުރާލަން ހިބާ އުޅުމުން ދެކޮޅުހެދިއެވެ. އަދިވެސް އޭނާ ހިބާ އާއި ލައިބާ އާ ރައްޓެސެއްނޫނެވެ.
"މެލީ ލޫލު ކައިރީގަ ބުނެބަ ދޮންތަމެން އެހާ ދުރުނުކުރާށޭ" ތުންގަނޑު އޫކޮށްލަމުން ހިބާ ބުންނެވެ.
"އަދި ރައްޓެހިވާނޭ. ދޯ" ލޫލު ގެ ބުށްފުޅު ހިފައިގެން އައިސް މެލެކް ހުއްޓުނީ ބާޒިލް ގާތުގައެވެ. ލޫލުއަށް ފުޅި ދޭން މެލެކް ހަވާލުކުރީ ބާޒިލްއަށެވެ. ބާޒިލްއަށް ހީވީ އެއީ އުނދަގޫ ކަމެއް ހެންނެވެ. ފުޅީގައި ހިފިނަމަވެސް އެކަމަކަކީ އޭނާއަށް ކުރަން އެހާ ފަސޭހަކަމެއް ނޫނޭ ހީވެގެން މެލެކްއަށް ބަލަހައްޓައިގެން ހުއްޓެވެ.
" ކިހިނެއްވީ؟ ތިއީ ބައްޕައޭ. މިވަރުގެ ކަމެއް ކުރެވެންޖެހޭނެ" މެލެކް ބުންޏެވެ.
ދެކޮނޑު އަރުވާލާފައި ފުޅީގައި ބާޒިލް ހިފިއެވެ. ދެން ލޫލު އުރާލާފައި މެލެކްއަށް ހިނިތުންވުމެއް ދިނެވެ.
"ފުޅި ހުސްކޮށްފަ މެލީއަށް ދޭނީ. ބަލާތި" ލޫލު ގޮވައިގެން އޭނާ ހިނގައިގަތީ ދުރަށެވެ.
އެހިނދު މެލެކްއަށް އިހުސާސުވެގެން ދިޔައީ މާޒީގެ ތެރެއިން ދުވަހެއްގައި ބާޒިލްގެ ފަރާތުން ހަމަ އެފަދަ ލަފުޒުތަކެއް އިވިފައިވާ ކަހަލަ އިހުސާސެކެވެ. ސިކުނޑިއަށް ބާރުލެވުނީ އެއީ ކޮންއިރަކު ވީކަމެއްކަން ހަނދާންކޮށްލުމަށެވެ. އެހެންނަމަވެސް އަނދިރިގަނޑެއްގެ ތެރެއިން ފެނުނު ކަޅު ހިޔަންޏެއްފަދަ ހަނދާނެއް ސިކުނޑިއަށް އައުމާއެކު ގެއްލިއްޖެއެވެ.
މެލެކް އުޅުނީ ކޮފީ ގިރުމައިގެންނެވެ. ހެނދުނުގެ ސަޔަށް ތައްޔާރުކުރާނޭ އެއްޗެހި ހެދުމަށް ބޭނުންވާ ސާމާނުތައް މޭޒު މައްޗަށް ނެގުމުގައި ހިބާ އުޅުނެވެ. އެނާ ބޭނުންވަނީ ބަދިގޭ މަސައްކަތްތަކާ އޭނާ ހަވާލުވާށެވެ. މީހަކާ އިނދެގެން ދިޔުމުގެ ކުރިންވެސް އެގޭ ބަދިގޭ ވެރިމީހަ އަކީ އޭނާ އެވެ.
"އީތަންބެ އާ އަޔާބެ ބޭނުންވާނީ ކަޅު ކޮފީ ދޯ" މެލެކް އަހާލިއެވެ.
ފިޔާތައް ސާފުކުރަން ހުރި ހިބާ މެލެކްއަށް ބަލައިލިއެވެ. މެލެކްގެ ވާހަކަދެއްކުން ހުރިގޮތުން ހިބާ އަށް އުނދަގޫވިއެވެ. މެލެކް ބުނެދޭން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ހާލަތު މަޖުބޫރުކުރަނީ މި ހިނދުގައިވެސް ހިމޭނުން ހުރުމަށެވެ.
" އާނ ފިރިހެނެއްވިއްޔާ ކަޅު ކޮފީނޫން އެއްޗެއް ކަމުދާނެތަ؟" ހިބާ ބުންޏެވެ.
" ތެދެއް ތިބުނީ. މި ބާޒިލްވެސް ބޯނެ ދޯ. ކުރީގަވެސް ބޮއެއްނު. އޭރު މެރީކޮށްގެން އުޅުނުއިރު ބުނާނެ ގަޑިއަކު ތިންފަހަރު ކޮފީ ގެންނާށޭ" ކުރަންހުރި މަސައްކަތުން ހިބާއަށް އަތް ދޫކޮށްލެވުނީ ކުއްލިއަކަށެވެ. ކަންފަތަށް އިވުނު ގޮތް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ބަލައިލިއިރު މެލެކް ހުރީ ގަނޑުވެފައި ހުންނާނެ މީހަކު ހުންނަ ފަދައިންނެވެ.
ކުއްލިއަކަށް މެލެކްގެ މޫނުމަތިން ހައިރާންކަމެއް ފެނިލިއެވެ. މިދެކެވެނީ ކޮންއިރެއްގެ ވާހަކަބާއޭ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ބާޒިލް އާ އޭނާ އިނދެގެން އުޅުނޭ އަމިއްލައަށް ބުނެވިއްޖެއެވެ. ކުލަ ނުވާ ހަނދާނެއްވެސް ސިކުނޑީގައި ކަނެއްގައި އުފަންވެލިހެން ހީވިއެވެ. ހަމަ އެހިނދުކޮޅެވެ. އޭނާއަށް ހީވީ މީގެކުރިން ބަދިގޭގައި އޭނާ އާއިލާ މީހުންނާއެކު ހަރަކާތްތެރިވާ މަންޒަރުތަކެއް ލޯމަތީގައި މަންޒަރުވަމުން ދިޔަހެންނެވެ. އެހެންނަމަވެސް އަނދިރިގަނޑެއް ފަދައިންނެވެ. މެލެކްއަށް ފުން ނޭވައެއް ދޫކޮށްލެވިއްޖެއެވެ. ހިތުގެ ވިންދު އަވަސްވެ މޫނުމަތިން އުދާސްތައް ވިދަން ފެށުމުން އެނާ އަރިއަޅާލާ ކަހަލަ ގޮތެއް ވެގެން ދިޔައެވެ. އެހިނދު އޭނާއަށް އެހީތެރިކަން ހޯދުނީ ބަދިގޭ ކަބަޑުސެޓުންނެވެ. އަތުގައި އޮތް ސަމްސާ ވެއްޓުނު އަޑަށް ހިބާ ބަލައިލިއެވެ. މެލެކް ހުރިގޮތުން ހިބާ ދުވެފައި އައިސް މެލެކް އަތުގައި ހިފެހެއްޓިއެވެ.
"ކިހނެއްވީ މެލީ؟" ބުމަރެއްހެން އައި ހިބާ ހުއްޓުނީ މެލެކް ގާތުގައެވެ.
"ކުޑަކޮށް ބޮލުގަ ރިއްސާލީ" މެލެކް ބުންޏެވެ. މިފަހަރު އޭނާ އަމިއްލައަށް އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވިއެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ހުރިހާ ފަހަރަކު ގުޅަ ބޭސްތަކުންނާއި ޑޮކްޓަރުންގެ އެހީ ހޯދާކަށް ނުޖެހޭނެއެވެ. މިއީ ދިރިއުޅުމުގެ އެއްބައެވެ. ބަލިމަޑުކަމާއި އުނދަގޫ ދުވަސްތަކާއެކު ދިރިއުޅެން ޖެހޭނެއެވެ. ތަކުލީފުތައް ޖެހޭނީ ދިރިއުޅުމުގައެވެ.
މެލެކްގެ އަތުގައި ހިފައިގެން ހިބާ އައީ ގޮނޑި ކައިރިއަށެވެ. މެލެކް ބުނެލި ޖުމްލަ އަދިވެސް އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ސުވާލު އުފެދުނީ ހަނދާނުން ފިލާފައިވާ ބައެއް ހަނދާނުގެ ވާހަކަތައް މެލެކްގެ ދުލާ ހަމައަށް އައީ ކިހިނެއް ހެއްޔޭ ހިތަށް އެރުމުންނެވެ. އިތުރަށް މެލެކް ގާތުގައި އަހާކަށް ނުކެރުނެވެ.
"ފެންފޮދެއް ބޯލަންވީނުން" ހިބާ ބުންޏެވެ.
މެލެކް ދެކޮޅެއް ނަހަދައެވެ. ހިބާ ގެނެސްދިން ފެންތަށިން ކޯވަރެއް އޭނާ ބޯލިއެވެ. އޭނާގެ ނަފްސަށް ބަދަލެއް އަތުވެއްޖެއެވެ.
"ވަރަށް މަސައްކަތްކުރާހިއްވާ މޫޑެއްގައެއްނު ތީނީ. މިތާ އިނދެގެން މި އެއްޗެހި ކޮށާލަބަ. ދޮންތަ އެންމެންނަށް ކޮފީ ހަދާނަން"
މެލެކްގެ ބޮލުގައި ފިރުމާލާފައި ހިބާ އައިސް ތިރިއަށް ވެއްޓިފައި އޮތް ސަމްސާ ނެގިއެވެ. ބައެއްފަހަރު މެލެކް ހިބާއަށް ބަލައިލައެވެ. އަދިވެސް ސިކުނޑިއަށް ލިބުނު ކުޑަ ޝޮކް ފިލައިނުދެއެވެ. އޭނާއަށް މަންޒަރުތަކެއް ފެނިއްޖެއެވެ. އިހުސާސްތަކެއް ކުރެވިއްޖެއެވެ. އެހެންވިޔަސް އޭނާއަށް ޔަގީންވެއެވެ. އެއީ އޭނާ އެވެ. އެއީ އޭނާގެ ހަޔާތުގައި އައިސްފައިވާ ދުވަސްތަކެވެ. ފިލްމެއްގެ މަންޒަރެއް ނުވަތަ ވާހަކައެއްގައި ހިނގާފައިވާ ކަންކަމެއް ނޫނެވެ.
****
ގަޑިން ދިހައެއް ޖަހަން އުޅެނިކޮށް މެލެކް ގެއަށް އައެވެ. އޭނާއާއެކު ހިބާ އާއި ލައިބާވެސް އައެވެ. ބަދިގެ ކައިރީގައި ހުރި ތަބައްސުމްއަށް މެލެކް ފެނުމާއެކު އައިސް މެލެކްގެ ދެއަތުގައި ހިފާލިއެވެ. މޫނުގައި ފިރުމާލިއެވެ. މެލެކްގެ މޫނުމަތީގައިވާ ކަންބޮޑުވުން ތަބައްސުމްއަށް ފާހަގަވިއެވެ. އޭނާ އޮޅުންފިލުވަން ބޭނުންވިއެވެ
"ހިބާ ދޭ ތާބައްތަ ކޮޓަރީގަ ލޫލު ބާއްވާލާފަ އަންނަން. މީހެއްގެ އުނދަގޫ ނުވަންޏާ ގިނައިރު ވަންދެން އޮންނާނެ ނިދާފަ" ތަބައްސުމް ބުންޏެވެ. ތިންކުދީން ގެއަށް ވަތްއިރުވެސް ހިބާގެ ކޮނޑުމަތީގައި ލޫލުއަށް އޮތީ ނިދިފައެވެ. މެލެކްގެ އަތުގައި ހިފައިގެން އައިސް ތަބައްސުމް އިށީނީ ދެ ރުއް ދޭތެރޭގައި ހުރި ޖޯލީގައެވެ. ފަހަތުން އައި ލައިބާވެސް ހުސް ޖޯއްޔެއްގައި އިށީނެވެ.
"ސައިބުއިންތަ ތިކުދިން؟" ތަބައްސުމް އަހާލިއެވެ.
"ދަޅުމަހުގަ މަސްހުނި ހަދާފަ ރޮށިވެސް ފިހެފަ ހުންނާނީ. މެލީއަށް މީރުކޮށް ކަޅު ސައި ހަދާފަ މަންމަ ދިނީމަވެސް އެންމެ ރޮއްޓެއް ކެއީ" ލައިބާ ބުންޏެވެ.
ތަބައްސުމްއަށް ހީވީ ހަމަ ރަނގަޅަށެވެ. މެލެކްއަށް އިނީ ކަމެއްވެފައެވެ. އޭނާ ކަމަކާ އެބަވިސްނައެވެ. އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟
"ދަރިފުޅު ބަލީތަ؟" ތަބައްސުމް މެލެކް ގެ އަތުގައި ފިރުމާލިއެވެ.
މެލެކް ފުން ނޭވައެއް ދޫކޮށްލިއެވެ. ހަނދާނުން ކަމެއް ނުފިލާ ހުރި ވާހަކަ ބުނަން އޭނާ ބޭނުމެއް ނުވިއެވެ.
"ބައްޔެއްނޫން. ކޮބާ ދޮނާ؟ ބައްޕަވެސް ނުފެނޭ. ނެތީތަ ގޭގަ؟" މެލެކް ބުންޏެވެ.
"ދޮނާ ވެއްޖެ އަހަދުއާއެކު އެގޭދޮށަށް ގޮސް. މިރޭ ދޮނާއަށް ހާއްސަ ރެއެއްނު. ތިކުދިން ވާނެ މިއަދު މަންމައަށް އެހީވާން. ކުޑަ ސައެއް ތައްޔާރުކޮށްލަން މި ވިސްނަނީ. މައުސޫމާވެސް ބުނި މަސައްކަތުގަ އުޅެލާފަ އަންނާނެ ވާހަކަ" ތަބައްސުމް ބުންޏެވެ. ހިބާ ހުރީ މެލެކްއަށް ބަލާށެވެ. ހެނދުނު މެލެކްއަށް ވީގޮތް ތަބައްސުމްއަށް ބުނެދޭން އޭނާ ބޭނުންވިއެވެ. މެލެކްއަށް ބަދަލެއް އައިއްޔާ އައީ އޭގެފަހުންނެވެ. އޭނާއަށް އުނދަގޫތަކެއް އެބަވެއެވެ. ހިމޭނުން އެއިންނަނީ އެހެންވެއެވެ. ރަނގަޅު ގޮތެއް ވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
"ސަފޫރާއްތަމެން ގެއަށް ވަދެލަން މިދަނީ. މިހިސާބަށް އައިއްޔާ އެގެއަށް ވަދެލަންވާނެއްނު" ހިބާ ބުންޏެވެ. އޭނާ އައިސް ލައިބާ އަތުގައި ހިފިއެވެ.
"ތިއުޅެނީ ދޮންތަގެ އެކްސް މަތިން ހަނދާންވާތީ ދޯ. އެހެންވެ އެގެއަށް ދާން ތިއުޅެނީ" ލައިބާ ދިމާކޮށްލިއެވެ.
"އައްޗީޑި. މަގޭ އީތަން ނޫން މީހަކު ހަނދާނުގަ ނެތް. ސަފޫރާއްތަ ވީމަ މިދަނީ. އޭނަ ހާދަ ރަނގަޅޭ" ހިބާ ބުންޏެވެ.
"ދޭ ދޭ ލައިބާއްތާ" ހިބާ އާއި ލައިބާގެ ވާހަކަތަކަށް ހިނިއައިސްފައި އިން ތަބައްސުމް ބަލައިލީ މެލެކްގެ އަޑަށެވެ.
"އެގޭ ނައުޝާދުބެ ދޯ. އަދިވެސްތަ ހިބާއްތާ" މެލެކްވެސް ދިމާކޮށްލިއެވެ.
މިފަހަރު ހައިރާންކަން ތަބައްސުމްއަށް ވެސް ލިބުނެވެ. އެއީ މީގެކުރިން މެލެކް ހަނދާނުގައި ހުރި އިންސާނެއް ނޫނެވެ. ގޭދޮރުމަތިން ނައުޝާދު ފެނިގެން މެލެކްއަށް ގޮވާލުމުން ނޭނގުނެވެ. ނައުޝާދު ފަސްދީ ދިޔުމުން އެއީ ކާކުތޯ އަހާލީ ތަބައްސުމްގެ ގާތުންނެވެ. ބަލިން ރަނގަޅުވުމަށްފަހު މެލެކްގެ ހަނދާނުގައި ހުރީ އިނގިލިން ގުނާލެވޭހާވެސް މަދު ކަންކަމެވެ. ވާންވީ އުފާކަމެއް ދެރަކަމެއް ތަބައްސުމްއަށް ނޭނގުނެވެ.
"އެ ނައުޝާދު މަތިން ދަރިފުޅު ހަނދާން އެބަހުރިތަ؟" ތަބައްސުމް އަހާލިއެވެ.
"ކީއްވެ ނުހުންނަންވީ؟ އެއީ ނައުޝާދުބެ އެއްނު. މިރަށު އެންމެ މޮޅު ފުޓްބޯޅަ ކުޅޭ މީހާއެއްނު. ހަނދާން އެބަހުއްޓޭ ހިބާއްތަ ފަހަތުން ނައުޝާދުބެ އުޅުނު ގޮތް" މެލެކް ބުންޏެވެ. ދެއަތްތިލަ ގެނެސް ގުޅުވާލއިގެން އިން މެލެކް އިނީ ހިނިއައިސްފައި ހިބާއަށް ބަލަހައްޓައިގެންނެވެ.
ހައިރާންކަމުގެ މައްޗަށް ހައިރާންކަމެވެ. ތަބައްސުމްގެ ހިނިތުންވުން ދެކަންފަތުގެ ފޫޅާ ހަމައަށް ފޯރިއެވެ. މިއީ އާދައިގެ ދުވަހެއް ނޫނެވެ. ކުއްލިއަކަށް މެލެކްގެ ސިކުނޑިއަށް އައީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ މިއީ ކޮންކަހަލަ ފާލެއް ހެއްޔެވެ؟
"ހިބާއްތަ ވާނެ ކޮންމެހެންވެސް އެގެއަށް ދާން. އެކަމު އޭނައަށް ނުފެންނާތި. އެހެންނޫނީ އަނެއްކާވެސް ގޭދޮށުގަ މުގޯލި އަޅަން ފަށާފާނެ" އަނެއްކާވެސް މެލެކްގެ ހަނދާނުގެ ތެރެއިން ވާހަކައެއް ބުނެލިއެވެ. އެކަކަށްވެސް އެއަށް ބާރު ލިބޭ އެއްޗެއް ބުނަން ނޭނގިފައި ތިއްބެވެ. ބުނެވޭ އެއްޗެއްގެ ސަބަބުން ގޯހެއް ވެދާނެތީއެވެ. ހިބާއަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. އުފާވާންވީ ވަގުތު އަނގައިން އުފާވެރި ބަސްތަކެއް ބޭރުކޮށްލުމުގެ ކުރިން އެ އުފާވެރިކަން މިންވަރު ކުރެއްވި ފަރާތަށް ޝުކުރުކުރަން އޭނާ ހަނދާން ނުނެތެއެވެ.
"އެހާ އަނގަ ގަދަ ކުރާނެ ކަމެއްނެތް. މިއަންނަނީ" ލައިބާގެ އަތުގައި ހިފައިގެން ހިބާ ހިނގައިގަތެވެ.
ވަގުތުގެ ނާޒުކުކުކަން އެންމެންނަށް ވިސްނުނެވެ. އިތުރަށް އެ މައުލޫއަށް ވާހަކަދައްކަން ހަދައިގެން މެލެކްއަށް ތުރާލެއް ދެވިދާނެއެވެ. މެލެކްގެ ހަނދާނުގައި ނެތްކަމެއްގެ ވާހަކަ ފަށައިގެން ކަމެއް ގޯސްވެދާނެތީ އެންމެން ތިބީ ވިސްނައިގެންނެވެ. ކިތަންމެ އެއްޗެއް އަހަން ތަބައްސުމް ބޭނުންވިއެވެ.
"މެންދުރު ކާން އަންނަންވާނީ މިގެއަށް އިނގޭ" ދެއަންހެންކުދީން ނިކުންނަން ދަނިކޮށް ތަބައްސުމް ބުންޏެވެ.
ދެ އަންހެންކުދީން ދޮރާށިން ބޭރަށް ނިކުތުމުން ތަބައްސުމް މެލެކްގެ ބޮލުގައި ފިރުމާލިއެވެ. ދެން އޭނާ ވަނީ ބަދިގެއަށެވެ. އިރުކޮޅަކުން ނިކުމެގެން އައި އިރު އޭނާގެ އަތުގައި ކުރުނބާ ފެން ތައްޓެއް ހުއްޓެވެ. އޭނާ ތަށި ދިއްކޮށްލީ މެލެކް އަށެވެ.
"ތިއީ މިއަދު ހެނދުނު މީހަކު ގެނެސްގެން ބައްޕަ އެޅުވި ކުރުނބާ" ތަބައްސުމް ބުންޏެވެ. "މިރެއަށް ތީގެއިން ފަނި ގިރާލަންވާނެއްނު"
ފެންތަށިން ކޯވަރެއް ބޯލާފައި އޭނާ ތަބައްސުމްއަށް ބަލައިލިއެވެ. ދެލޯ މަރާލާފައި ތުންފަތުގައި ދޫ ހަކާލިއެވެ. ތަބައްސުމް ކައިރިއަށް ހިނިއައެވެ.
"ހަކުރު އެޅީމަ އޭރުވެސް ހާދަ މީރޭ. ހަނދާން އެބަހުރި އޭރު މަންމަ އަޅުގަނޑު ބަލިވާއިރަށް ކުރުނބާ ގެނެސްދޭނެ. އެގޭ މަންމަވެސް ވަރަށް ފޯރި ހުންނާނެ އަޅުގަނޑަށް ކުރުނބާ ގެނެސްދޭން. ބައްޕަވެސް މިރަށު ރުއްދަނޑަށް ދިޔައިއްޔާ ނާންނާނެ އަޅުގަނޑަށް ކުރުނބާ ނުލައެއް" އެއްދިމާލަކަށް ބަލަން އިނދެ މެލެކް ވާހަކަދައްކަމުން ދިޔައެވެ. ހައިރާންވުމުގެ ބަދަލުގައި މިފަހަރު ތަބައްސުމް ގަތީ ބިރެވެ. މެލެކް އާދަޔާހިލާފަށް ހަނދާނުގަ ނެތް ކަންކަމުގެ ވާހަކަދައްކަނީއެވެ. މިދަނޑިވަޅުގައި މެލެކްގެ ސިކުނޑިއަށް ހާދަ ބާރެއް ކުރާނެއެވެ. ނާރުތަކަށް ހާދަ ވާންވާނެއެވެ. ހެއްދެވިފަރާތަށް ތަބައްސުމް ދުއާކޮށްލިއެވެ. ކަމެއް ގޯސް ނުކުރެއްވުމަށް އެދިއެވެ.
"ބޮލަށް ބާރުވެފަ ހުރީ މަންމާ" ބޮލުގެ ދެފަރާތުގައި ދެއަތުގެ އިނގިލިތަކުން ފިއްތާލަމުން މެލެކް ބުންޏެވެ.
ތަބައްސުމް މެލެކްގެ ނިތުގައި އިނގިލތަކުން ފިރުމަމުން ދިޔައެވެ. އޭނާ އިނީ މެލެކްއަށް ބަލާށެވެ. މެލެކްގެ ފަރާތުން މިފެނުނީ ވަރަށް ބޮޑު ބަދަލެކެވެ. މިވާހަކަތައް މައިލީން އާއި އަހަދުﷲ އަށް ކިޔައިދޭން ޖެހޭނެއެވެ. މިވާގޮތެއް ބުނެދެވޭނީ އެދެކުދީންނަށެވެ.
"ރޭގަ ރަނގަޅަށް ނިދުނުތަ؟" ތަބައްސުމް އަހާލިއެވެ.
"ނުނިދޭ. އިރުއަރަން އުޅެނިކޮށް ނިދުނީ. ތަން ބަދަލުވީމަ ކަންނޭނގެ" މެލެކް ބުންޏެވެ.
ހަގީގަތުގައި އޭނާއަށް ނުނިދުނީ ތަން ބަދަލުވީމައެއް ނޫނެވެ. ރޭގެ ހުރިހާ ވަގުތެއް އޭނާ ހުސްކުރީ ބާޒިލް އަށެވެ.
(ނުނިމޭ)