ރޯލުމުން ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެން ދިޔައެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއަށްފަހު ކޯތާފަތުގައި ހުރި ކަރުނައިގެ އަސަރު ފޮހެލެވުނެވެ. ހިތުގެ އުފެދިފައިވި ހައިޖާންގަނޑުގެ މައްޗަށް ބާރުފޯރުވޭތޯ އައިރާ މަސައްކަތްކުރިއެވެ. އެހެނަސް ހިތުގައި ވިންދު ޖަހަމުން ދިޔަ ބިރުވެރިކަމުގެ ސަބަބުން ބޭނުންވި މުރާދު ހާސިލްކުރުން ފަސޭހަކަމަކަށް ނުވިއެވެ. ކައިވެންޏާއި މެދު ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ވޭން އިތުރުވަމުން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. ޓެސްޓްތަކުގެ ނަތީޖާ ނިކުމެގެންދާނެ ގޮތަކުން އޭނަގެ މުޅި މުސްތަޤުބަލު ބަދަލުވެގެންދާނެއެވެ. އެކަމާއި އޭނަ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟
''ވައި ނައު؟... އެވްރީތިންގް ވޯޒް ޕާފެކްޓް...'' މަޑު ތުރުތުރުލުމެއް އުފެދިފައިވި އައިރާގެ ތުންފަތް ފޫއަޅުވާލީ ވޭނީ އާހަކުންނެވެ. އެދުވަހަކަށްޓަކައި އެންމެ ދިގު އިންތިޒާރެއް ކުރެވެމުން ދިޔަ ދުވަސް އޭނައާއި ބައްދަލުކުރަން ތައްޔާރުވަމުން ދަނިކޮށް ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ މިއީ ތަޤުދީރުގެ ނުބައި ސަމާސާއެއް ހެއްޔެވެ؟ އުފާވެރިކަމުގެ ހުޅުކޮޅު ނިވިގެން ގޮސްފާނެ ހެއްޔެވެ؟
އިރުކޮޅެއް ވަންދެން ބެލްކަނީގައި މަޑުކޮށްލައިގެން އައިރާ ހުއްޓެވެ. ތަފާތު އެކިއެކި ދިމަދިމާއަށް ފިކުރުތަކުގެ އޮފިތައް ފޯދެމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ހިތް ނުތަނަވަސްވުން ނޫންކަމެއް ނުވިއެވެ. ޝައްކާއި ވަހުމުގެ ފުން ކަނޑެއްގައި ނަފުސު ބެހިގެން ދިޔަ ފަދައެވެ. ސަލާމަތުގެ އައްސޭރިއެއް ނުވާ ކަހަލައެވެ.
*****
ޕެންޓްހައުސްގެ ދޮރު ހުޅުވާލާފައި ބަސީލް އެތެރެއަށް ވަނުމުން ފުރަތަމަ ވެސް ލިބިގެން ދިޔައީ ހައިރާންކަމެވެ. ގޭތެރެއިން ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. ބޮޑުކޮޓަރީގައި ދިއްލާފައި އޮތް ފަނޑު ބޮކީގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް ވެސް ނުވެއެވެ. ލިބުނު ހައިރާންކަން އިތުރުވުމުން އަތުކުރީ އޮތް ގަޑިއަށް ވެސް އަވަސް ނަޒަރެއް ދެވުނެވެ. އޭރު ގަޑިން ނުވައެއް ޖެހީއެވެ. އާންމު ގޮތެއްގައި އެގަޑީގައި ޤަމަރު އިންނާނީ ޓީވީ ބަލަންށެވެ. ކަމެއް ގޯސްވެއްޖެކަމުގެ ހިލަން ވިއެވެ.
ފަޔާއި ވަކިކޮށްލި ބޫޓު ދޮރު ކައިރީގައި ހުރި ހަރުގަނޑުގައި ބަހައްޓަމުން ބަސީލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު ކޮޓަރީގެ ސޯފާގައި އިން ޤަމަރު ފެނިއްޖެއެވެ. އުނގުގައި ލެޕްޓޮޕް ބަހައްޓައިގެން އިނީ މުޅިން އެހެންކަމަކަށް ގެއްލިފައެވެ. އޭނަ ކޮޓަރިއަށް ވަންކަމުގެ ހިލަމެއް ވެސް ޤަމަރުއަށް ނުވާކަން ބަސީލްއަށް ނަގައިގަނެވުނެވެ. ޤަމަރުގެ މޫނާއި ނަޒަރު ވަކިކޮށްލުމެއް ނެތި ބަސީލްއަށް ކޮޓަރީގެ ދޮރު ލައްޕާލެވުނެވެ. ފުން ވިސްނުމަކަށް ޤަމަރު ގެއްލިފައި އިންކަން އަންގައިދިނީ ނިތުގައިވި ރޫތަކާއި ގޮށްޖެހިފައިވި ބުމައިންނެވެ.
''ޤަމަރު...'' ކަރުގައި އޮތް ޓައީއަށް ދޫކޮށްލަމުން ބަސީލް ގޮސް ސޯފާ ކައިރިއަށް ހުއްޓުނެވެ. ލެޕްޓޮޕްގެ ސްކްރީނަށް ގެއްލިފައި އިން ޤަމަރުއަށް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ބަސީލްއަށް ހައިރާންކަން ލިބުނެވެ. ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒު މަތީ ހުޅުވާފައި އޮތް ފައިލު ވެސް ބަސީލްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނަގެ މެޔަށް ފިނިވެގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވި ހިނދު މީހާއަށް ލިބުނީ ހާސްކަމެވެ. އޭނައަށް ވަގުތުން ބަލައިލެވުނީ ޤަމަރުގެ މޫނަށެވެ. އެމޫނުގެ ކުލަވަރުތަކުން އޭނައަށް ކިޔައިދިނީ ބިރުވެރި ވާހަކަ އެކެވެ.
ބަސީލްއަށް ސޯފާގައި އިށީނދެވުނެވެ. ޤަމަރުއަށް ބަސީލްގެ ހިލަން ވީ ދެނެވެ. ސިހިފައި އޭނައަށް ބަލައިލެވުނީ ބަސީލްގެ މޫނަށެވެ. ބަސީލްގެ ދެލޮލުގައިވި ސުވާލުތަކާއި ނުތަނަަވަސްކަން އޭނައަށް ނަގައިގަނެވުނެވެ. އެސުވާލުތަކަށް ޖަވާބު ދޭން ނުކުޅެދުމުން އޭނައަށް އިސްޖަހާލެވުނެވެ.
''ޤަމަރު...'' ބަސީލްއަށް ގޮވާލެވުނެވެ. ''މި ކޮން ކަމެއްތަ؟...''
ޤަމަރުގެ ހިމޭންކަމުން ބަސީލްގެ ހިތަށް އުނދަގޫ ވިއެވެ. މަޑުމަޑުން އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެހިމޭންކަމުން ހިތުގެ ސުވާލުތަކަށް ޖަވާބު ލިބުނުކަމުގައި ވިޔަސް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އެހެންވެގެން ނުވާނެއެވެ. ބަރާބަރަށް އައިރާ ދިޔައީ ޓެސްޓް ހަދަމުންނެވެ. އަހަރުތަކެއް ފާއިތުވެ ދިޔަކަމުގައި ވިޔަސް ކަންބޮޑުވާންޖެހޭ ފަދަ ހާލަތަކާއި ދިމާ ނުވެއެވެ. ދެން ކުއްލިޔަކަށް މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟
''ޤަމަރު...'' ތެޅިތެޅި އޮތް ހިތަކާއެކު ބަސީލްއަށް އަނެއްކާ ވެސް ގޮވާލެވުނެވެ. އެހިތް އެދި އާދޭސްކުރަމުން ދިޔައީ ހިތުގެ ޝައްކުތައް ދޮގަކަށްވުމަށް އެދިއެވެ. އެހަޤީޤަތާ ކުރިމަތިލާން އެހިތް ނުކުޅެދުނެވެ. އައިރާއާއި މެދު ވިސްނާލެވުމުން ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.
''ޕްލީޒް، އަހަންނާއި ވާހަކަދައްކަބަލަ، މި ކޮންކަމެއްތަ؟...'' ބަސީލްއަށް ޤަމަރުގެ އަތުގައި ހިފާލެވުނެވެ. އެއަޑުގައި ތުރުތުރުލުމެއްގެ އަސަރު ވިއެވެ.
''އަރޫ އުޅެނީ ބަލިވެ...'' ޤަމަރުއަށް އިސްއޮބާލެވުނެވެ. ބަސީލްއާއި ހަތަރުކަޅިހަމަކުރުމުގެ ހިތްވަރު އެލިގެން ދިޔަ ކަހަލައެވެ.
ކަޅި ޖަހާލުމެއް ނެތި ޤަމަރުގެ މޫނަށް ބަލަމުން ދިޔަ ބަސީލްއަށް އަނބިމީހާގެ ހިތުގައި އޮތް މާޔޫސްކަން އިހުސާސްކުރެވުނެވެ. ވަގުތުން ގެނެސް މޭގައި ޖައްސާލެވުނެވެ. އޭރު ވެސް ޤަމަރުގެ ޖުމްލަ ކަންފަތުގެ ތޫރީގައި ގުގުމަމުން ދިޔައެވެ. ހިތުގައި ވޭން އަޅުވައިލަމުންނެވެ. އެހެނަސް އެވޭނުގައި ނަފުސު ބެހިގެން ދިއުމުގެ ކުރިން އޭނަ ހިތްވަރުކޮށްލިއެވެ. ލޯބިވާ އަނބިމީހާގެ ހައްގުގައެވެ. މި ދަތި އުނދަގޫ ވަގުތުގައި ޤަމަރުއާއި އައިރާގެ ހިތްވަރުކަމުގައި ވާން ހުރީ އޭނައެވެ. އެދެމައިންގެ ހިތުގެ އުދާސްތަކަށް ލުޔެއް ގެނެސްދޭން ޖާނާއި ފުރާނައިން ވެސް ޤުރުބާން ވެދާނެއެވެ. އަމިއްލަ އިހުސާސްތަކަށް ވުރެން ބޮޑަށް ޢާއިލާގެ ހައްޤު އިސްކުރެވުނެވެ.
ޤަމަރުއަށް ބަސީލްގެ މޭގައި މޫނު ފޮރުވާލެވުނެވެ. އޭރު އޭނައަށް ރޮވިއްޖެއެވެ. މިހުރިހާ އިރު ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. ފިރިމީހާގެ އެންމެ ބީހިލުކަމުން ނާޒުކު ހިތް ފުނޑުފުނޑުވެގެން ގޮސްފިއެވެ. ހިތުގެ އުދާސްތައް އޭނައަށް ސިއްރެއް ނުކުރެވުނެވެ.
ޤަމަރު ހަށިގަނޑު ދެއަތުން ވަށާލަމުން ޤަމަރުގެ އިސްތަށިގަނޑުގައި ބަސީލް ބޮސްދިނެވެ. އެދެލޮލުން ވެސް ކަރުނައިގެ ދިލަކަން ފާޅުވެއްޖެއެވެ. ނަމަވެސް އެކަރުނަތައް ފައިބައިގެން ދިއުމުގެ ފުރުސަތެއް އޭނަ ނުދިނެވެ. ހިތްވަރުކުރީ ޤަމަރުއަށްޓަކައެވެ.
''އަރޫ ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ، އަހަރުމެން ގާތު ނުބުނެ ހުރީ... ހަމަ ކުރިން ދިމާވި ގޮތަށް ވަނީ، އަދި މިއަހަރު ޓެސްޓް ވެސް ނުކޮށް ހުރީ، ކައިވެނީގެ ތައްޔާރީތަކާ ހުރެ އަހަރެން ވެސް ހަނދާނެއް ނެތް... ބަސީލް...'' މޭގައި އުފެދިފައިވި ރިހުމުން ޤަމަރުއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އަރުބެދޭ ގޮތް ވުމުން އޭނައަށް ވާހަކަ މެދުކަނޑާލެވުނެވެ.
''އަހަންނަށް ބަލާބަލަ...'' ބަސީލް އެދުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ބަސީލްއާއި ދުރަށް ޤަމަރު ޖެހިލިއެވެ. އިސްއުފުލައި ފިރިމީހާއާއި ހަތަރުކަޅި ވެސް ހަމަކޮށްލިއެވެ.
ލޯތްބާއެކު ޤަމަރުގެ ލޮލުން ފޭބި ކަރުނަތައް ބަސީލް ފޮހެލަދިނެވެ. އަދި ތެތްކަން އެކުލެވިގެންވި ޤަމަރުގެ އެސްފިޔަތަކުގައި ވެސް ބޮސްދިނެވެ. ބަސީލްގެ ލޯތްބާއި އޯގާތެރިކަން އިހުސާސް ކުރެވުނު ޤަމަރުއަށް ނިކަން ބާރަށް ބަސީލްގެ އަތުގައި ހިފާލެވުނެވެ.
''އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، ޑޮކްޓަރަށް ދައްކާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން އަރޫގެ ހިތްވަރު ކަމުގައި ވާން ތިބީ އަހަރުމެން، މިވަގުތު އަރޫ ހުންނާނީ ވަރަށް ބޮޑަށް ބިރުގަނެފައި، އަހަރުމެން ކަންބޮޑުވާނަމަ އިތުރު އުދާސްކަމެއް އަރޫއަށް ލިބިދާނެ...'' ޤަމަރުގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބަސީލް ބުންޏެވެ. ބަސީލްގެ ދެލޮލުން ފެނުނު ސާބިތުކަމުން ޤަމަރު ހިތްވަރު ހޯދިއެވެ.
''ހިތްވަރުކުރަން ބޭނުން، އެކަމަކު ވަރަށް ބޮޑަށް ބިރު އެބަގަނޭ، ކައިވެނި ކުރާ ދުވަސް ވެސް ބޯމަތިވެއްޖެ، އަރޫ ބޭނުމެއް ނުވޭ އެއްވެސް ކަމެއް އަންގާކަށް، އަހަންނަށް ހީނުވޭ އެވާހަކަތައް އެއްވެސް ވަރަކަށް ޒާންއާއި ހިއްސާކުރި ހެނެއް ވެސް...'' ޤަމަރު ބުންޏެވެ.
''އަހަރުމެން ވެސް އެވާހަކަތައް ނުދައްކަމެއްނު؟، އެދުވަސްތައް ހަނދާންކުރަން އަރޫ ވެސް ބޭނުމެއް ނުވާނެ...'' ބަސީލްއަށް ބުނެވުނެވެ. ''މިވަގުތު އަރޫ ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ދެމާ... އެއްވެސް ކަމެއްގައި އަރޫއަށް މަޖުބޫކުރަން އަހަރެން ބޭނުމެއް ނޫން...''
ޤަމަރުއަށް ވިސްނާލެވުނެވެ. ބަސީލް ވެސް އެދެއްކީ ދޮގު ވާހަކައެއް ނޫނެވެ. ދިހަ އަހަރު ކުރީގެ އެހަނދާންތައް ސިކުނޑީގެ އެންމެ ފުނުގައި ކަފުން ކުރެވިފައިވަނީ އެއަނދިރި ދުވަސްތަކުގެ ހަނދާންތައް އާލާކޮށްގެން ލިބޭނެ މަންފާއެއް ނެތުމުންނެވެ. އައިރާ ބަލިވެ އުޅުނު ހިތްދަތި ދުވަސްތަކުގެ ވާހަކަ އެއްވެސް ވަރަކަށް ނުދެކެވެނީ ވެސް އެހެންވެއެވެ.
''ޤަމަރު...'' ފުން ވިސްނުމަކަށް ގެއްލިފައި އިން ޤަމަރުއަށް ބަސީލް ގޮވާލި އަޑު އިވުނެވެ. ބަސީލްގެ މޫނަށް އޭނަ ފުން ނަޒަރެއް ދިނެވެ.
''މިވަގުތު އަހަރުމެންނަށް ކޮށްދެވޭނެ ހަމައެކަނި ކަމަކީ އަރޫއަށް ވަގުތު ދިނުން...'' ބަސީލް ބުންޏެވެ. ބަސީލްގެ މޫނަށް ބަލަން އިން ޤަމަރު އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
''އަރޫގެ އެދުމުގެ މަތިން ހޮނިހިރު ދުވަހަށް އެޕޮއިންޓްމެންޓް ވެސް ހައްދައިފިން...'' ޤަމަރު ބުނެދިނެވެ.
''އެދުވަހު ފްރީވާނެ...'' ބަސީލް ބުންޏެވެ. ދެމަފިރިން ވެސް އެއްބަސްވީ އައިރާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. އައިރާގެ ހިތުގެ އުދާސްތަކަށް ލުޔެއް ހޯދައިދޭން އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ދެމަފިރިން ވެސް އަތުކުރިއޮޅާލިއެވެ. ޓެސްޓްތަކުގެ ނަތީޖާ ކޮންމެ ފަދަ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް އައިރާގެ ހިތްވަރުކަމުގައި ވާން ބޭނުންވާތީއެވެ.
*****
އައިރާއަށް އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. ބޮލަށް ބަރުވެފައިވުމުން ދެގުޅަ ޕެނެޑޯލް ވެސް ކާލައިފިއެވެ. ނަމަވެސް ބޮލުގެ ރިހުމަށް ލުޔެއް ލިބޭ ގޮތެއް ނުވިއެވެ. މިއަދު ހަތަރުދަން ދަތުރުމަތީގައި ހޭދަވުމުން އެކަމުގެ ވަރުބަލިކަން ހަށިގަނޑުން އިހުސާސްކުރެވެމުން ދިޔައެވެ. އެހެނަސް ނިދި އޭނަގެ ސިކުނޑިއަށް ބޭނުން ނުވާ ކަހަލައެވެ. ދެލޯ މަރާލާ ހިނދު އެސްފިޔަތަކުގެ ތެރޭން ސިފަވެގެން ދަނީ ކެންސަރާއި ހަނގުރާމަ ކުރި ބިރުވެރި ދުވަސްތަކެވެ. އެއާއެކު ސިހިފައި އައިރާއަށް ލޯހުޅުވާލެވެއެވެ. އެދުވަސްވަރު ހަށިގަނޑަށް ގުޅާފައި ހުރި މެޝިންތަކުގެ އަޑު ވެސް މެދުކެނޑުމެއް ނެތި އިވޭ ކަހަލައެވެ. އެހަނދާންތަކުން އޭނަގެ ހުރިހާ ހިއްސަކަށް އަތްގަދަކުރަމުން ދިޔައެވެ.
ހިތުގެ ހާސްކަމާއި ދުރުވާން އުނދަގޫވި ހިނދު އައިރާއަށް ކޮޅަށް ތެދުވެވުނެވެ. އޭރު ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. ކޮޅަށް ތެދުވުމާއެކު އޭނަގެ ބޮލަށް އެނބުރުން އަރައި ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އަވަސްއަވަހަށް އެނދުގެ ފޭޑީގައި އިށީނދެވުނެވެ. ދެލޯމަރާލަމުން ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. ހަމައަކަށް އެޅުމުން އަނެއްކާ ވެސް ކޮޅަށް ތެދުވުނެވެ.
ލަސް ފިޔަވަޅުތަކެއްގައި އައިރާ ގޮސް ފާޚަނާއަށް ވަނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނަ ނިކުމެގެން އައީ ވުޟޫކޮށްލައިގެންނެވެ. ލިޔާ މެޒުމަތީ އޮތް މުސައްލަ ނަގަމުން ނަމާދުކުރަން ތައްޔާރުވެލިއެވެ.
ދެ ރަކުއަތުގެ ސުންނަތް ނަމާދަށް ފަހު ފަތިސް ނަމާދުކޮށް ނިންމާލަމުން މުސައްލަމަތީގައި އައިރާ އިށީނދެލިއެވެ. ޒިކުރުކޮށް ނިންމާލަމުން ދުޢާކުރުމަށް ދެއަތް މައްޗަށް އުފުއްލާލެވުނެވެ.
އައިރާއަށް މާތްﷲގެ ހަޒުރަތުން ވާގިއަށް އެދެވުނެވެ. ކުރިމަތިވެފައިވި އިމްތިހާނުގައި އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކޮށްލެވުނެވެ. އޭނަގެ ހިތުގެ ހާސްކަމަށް ލުޔެއް ދެއްވުމަށް ވެސް މެއެވެ. ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރެވުނު ހިނދު އައިރާގެ ދެލޮލުގެ އެސްފިތައް ކަރުނުން ތެމިގެން ދިޔައެވެ.
ދުޢާކޮށްލެވުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. ކޯތާފަތް ފޮހެލަމުން އައިރާއަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. ދޮޅި ނަގަމުން މުސައްލައިގެ ތެރެއަށް ލިއެވެ. އެއަށްފަހު މުސައްލަ އޮޅާލަމުން ގެންގޮސް ލިޔާ މޭޒު މަތީ ބޭއްވިއެވެ.
އެނދުގައި އިށީން އައިރާއަށް އޭނަގެ ފޯނު ބަލައިލެވުނެވެ. ހެނދުނުގެ ތަހުނިޔާ ކިޔަމުން ޒޯހަން ފޮނުވި މެސެޖުން އައިރާގެ ހިތުގައި ރިހުމެއް އުފެދުނެވެ. ހިތްވަރުކޮށްލަމުން މެސެޖަށް ރައްދު ދިނުމަށް އަވަސްވެގަތެވެ. ކަމެއް ގޯސްވެއްޖެކަމުގެ ހިލަން ޒޯހަންއަށް ވާކަށް އޭނަގެ ހިތެއް ނޭދުނެވެ. ފަހު ވަގުތާ ޖެހެން ދެން އޭނަގެ މޫނުން މާޔޫސްކަން ފާޅުވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ޒޯހަންގެ ރީތި ހިނިތުންވުންތައް މިލައިގެން ގޮސްފިނަމަ އަމިއްލަ ނަފުސަށް މަޢާފުކުރެވެނެ ހެނެއް ވެސް ހިޔެއް ނުވެއެވެ.
''ގުޑް މޯނިންގް...'' މެސެޖު ލިޔަމުން އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އިނދެފައި އައިރާ މެސެޖު ފޮނުވާލިއެވެ.
''އަރޫއަށް ގުޅަން އުޅެނިކޮށް ތިމެސެޖުކޮށްލީ، ރޭގަ ނުގުޅީ ދަތުރު ވަރުބަލިވެފަ ހުންނާނެކަން އެނގުމުން... މިހާރު ކިހިނެއްތަ؟...'' އައިރާ މެސެޖު ފޮނުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޒޯހަން ލިޔުނެވެ.
ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އައިރާއަށް އިނދެވުނެވެ. އެނދުގެ ހެޑްބޯޑަށް ލެނގިލަމުން މެސެޖަށް ރައްދު ދޭނެ ގޮތަކާމެދުގައި ވިސްނާލެވުނެވެ. ޒޯހަންއަށް އޮޅުވާލަން އައިރާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ހަަމައެއާއެކު އެސުވާލަށް ތެދުތެދަށް ޖަވާބު ދޭން ވެސް އޭނަގެ ނަސުފު ނުކުޅެދުނެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ ސިހިގެން ދިޔައީ ޒޯހަން ގުޅަން ފެށުމުންނެވެ.
ހަށިފުރާ ދޫކޮށްލި ފުންނޭވާއަށްފަހު އައިރާ ފޯނު ނެގިއެވެ. ޒޯހަންގެ އަޑު ކަންފަތުގައި ގުގުމާލުމާއެކު މޭގައި އުފެދިފައިވި ރިހުން ގަދަވެގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. ޖަޒުބާތުތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެންނަން އައިރާ މަސައްކަތްކުރިއެވެ.
''މޯނިންގް، ޒާންއަށް ރިޕްލައިކުރަން އުޅެނިކޮށް ތިގުޅީ...'' އައިރާ ބުންޏެވެ. ހިނިތުންވެލަން ވެސް އޭނަ މަސައްކަތްކުރިއެވެ.
''ހައު އާރ ޔޫ ފީލިންގް ނައު؟...'' ޒޯހަން އަހާލިއެވެ.
''ރަނގަޅު، އަދިވެސް ކުޑަކޮށް ވަރުބަލިވެފަ މިހިރީ، އިރުކޮޅަކަށް ނިދާލުމުން އޯކޭވެދާނެ...'' ދެލޯމަރައިލަމުން އައިރާ ބުންޏެވެ. އެޖުމްލަ ދުލާއި ހަމައަށް ގެންނަން އޭނައަށް ނިކަން އުނދަގޫވިއެވެ. ހީވީ ތޫނު ކަށްޓެއް އަރުތެރޭގައި ތާށިވެފައި ހުރިހެންނެވެ. ވަގުތާއި ހާލަތުގެ ސަބަބުން ޒޯހަންއަށް ހަޤީޤަތް ކިޔައިދިނުމަކީ ބުއްދިވެރި ގޮތެއް ނޫންކަން އައިރާއަށް ވިސްނުނެވެ. އެހެންނޫނީ ޒޯހަން ކަންބޮޑުވެދާނެއެވެ. މާދަމާ ޑޮކްޓަރަށް ދެއްކުމަށްފަހު ކޮންމެ ގޮތަކަށް ނަތީޖާ ނިކުތްކަމުގައި ވިޔަސް ޒޯހަންއަށް ހަޤީޤަތް ކިޔައިދޭން އައިރާ ގަސްދުކުރިއެވެ. އެއާއެކު ބަނދެވެމުން ދިޔަ ކުށްވެރިކަމުގެ އިހުސާސުތަކާއި ދުރުވެލަން ފުރުސަތު ލިބުނެވެ.
''އެހެންވިއްޔާ ސައިބޮއެގެން ނެޕެއް ނަގާލަންވީނު...'' ޒޯހަންގެ ބުންޏެވެ.
''ހޫމް، އިރުކޮޅަކުން ސައިބޯން ދާނަން...'' އައިރާ ބުނެލިއެވެ.
''ގުޑް، އަސްލު މިގުޅީ މަންމަ ބުނެގެން، ނަމާދުކޮށްލައިގެން ގެއަށް އައިތަނާ ދިމާވެގެން ބުނީ މެންދުރުގެ ކެއުމަށް ދައުވަަތުދޭން...'' ޒޯހަން ހާމަކޮށްލިއެވެ.
ޒޯހަންގެ ހުށަހެޅުން ޤަބޫލުކުރަން އައިރާ ބޭނުން ވިއެވެ. ނަމަވެސް ބުނެދޭން ނޭނގޭ ގޮތެއް ހިތަށް ވެގެން ދިޔައެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ހިތުގެ ހާސްކަން ސިއްރުކުރުމުގައި އޭނައަށް ކާމިޔާބު ލިބިދާނެ ހެއްޔެވެ؟
''އަރޫ؟...'' އައިރާގެ ޖަވާބެއް ނުލިބުމުން ޒޯހަން ގޮވާލައިފިއެވެ. އެއަޑުގައިވި ކަންބޮޑުވުމުން އައިރާއަށް ތެޅިގަނެވުނެވެ.
''ޔެސް، ފްރައިޑޭ ލަންޗް އިޒް ގުޑް...'' އައިރާ ބުންޏެވެ.
''އަރޫ، ކަމެއް ދިމާވީތަ؟...'' ހިމޭންކަމުގެ ސުކޫތަކަށްފަހު ޒޯހަން އަހާލިއެވެ. އެސުވާލުން އައިރާގެ ހިތް ތެޅިލައިފިއެވެ. އަތުން ފިނިދަލެއް ވެސް ހިއްލާލައިފިއެވެ.
''ނޫން...'' އައިރާ ބުންޏެވެ.
''ޝުއާރ؟، ޔޫ ނޯ ޔޫ ކޭން ޝެއާރ އެނީތިންގް ވިތް މީ، ރައިޓް؟...'' ޒޯހަންގެ އަޑުގައި ވަނީ ލޯތްބެވެ. އައިރާއަށް އެހިތުން ދެވިފައި އޮތް މަގާމު ވެސް ހާމަކޮށްދިނެވެ.
''އައި ނޯ... އަބަދުވެސް ޒާންއާއި ހުރިހާ ކަމެއް ހިއްސާކުރަމެއްނު...'' އައިރާ ބުނެލިއެވެ. އިތުރަށް އެމައުޟޫޢުއަށް ޒޯހަން ވާހަކަނުދައްކާނެ ފަދައިން ދުޢާ ވެސް ކޮށްލެވުނެވެ.
''އޯކޭ، އެހެންވީމަ ހުކުރު ނަމާދުކޮށްލައިގެން އަރޫ ބަލާ ދާނަން... އެހާއިރަށް ތައްޔާރުވައްޗޭ...'' ޒޯހަންގެ ޖުމްލައިން އައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''ހުމްމް، ޒާން އައިސްފަ ގުޅާ، އޭރަށް ތިރިއަށް ފައިބާނަން...'' އައިރާ ބުންޏެވެ.
ޒޯހަންއާއި ވާހަކަދައްކާލުމަށްފަހު ފޯނު ބޭއްވި އިރު އެހެންޏާ ލިބޭ ހިތްހަމަޖެހުމެއް ވެސް ނުލިބުނެވެ. ސިކުނޑީގެ ހާސްކަމުން އޭނަގެ މުޅި ތަބީއަތު ވެސް ބަދަލުވެގެން ގޮސްފިއެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އައިރާއަށް އިނދެވުނެވެ. އޭގައި އިނީ އޭނައާއި ޒޯހަން އިއްޔެ ދަތުރު ގޮސް އެކުގައި ނަގާފައި ހުރި ފޮޓޯއެކެވެ. އިރުއޮއްސެމުން ދިޔަ ވަގުތު ދެޒުވާނުން ވެސް ތިބީ ގޮނޑުދޮށުގައި އިށީނދެލައިގެންނެވެ. އުފާވެރިކަން ފޮޓޯން ބަބުޅަމުން ދިޔައެވެ. ޒޯހަންގެ ތުންފަތުގައިވި އުފާވެރިކަމުގެ ހިނިތުންވުމުގެ ތެރެއަށް އައިރާ ގެއްލުނެވެ. އެހިނިތުންވުން ދުނި އުމުރަށް ދެމިގެންދާން އޭނަ އިންތިހާއަށް ބޭނުމެވެ. އެހިތުގެ މުރާދު ހާސިލްކުރެވިދާނެ ހެއްޔެވެ؟
''އައި ނީޑް ޓު ސްޓޮޕް އޯވާ ތިންކިންގް އެވްރީތިންގް... އެހެންނޫނީ ޒާންއަށް ޝައްކުވެދާނެ، ޒާން އިތުރަށް ސުވާލުކުރަން ހަދައިފިއްޔާ ހުރިހާ ކަމެއް ވެސް ހާމަކުރަން މަޖުބޫރުވާނެ، އައި ޑޯންޓް ލައިކް ޓު ލައި، ސްޕެޝަލީ ޓު ޒާން... އާހް!، ކިހިނެއްތަ މިވަނީ؟...'' އެނދުގެ ހެޑްބޯޑްގައި ބޮލުގެ ފުއްކިބަ މަޑުމަޑުން ޖަހާލެވުނެވެ. ޝައްކާއި ވަހުމުގެ ތޫފާނުގެ ތެރެއަށް ނަސުފު ގެއްލިދާނެ ކަމުގެ ބިރު ހީވުމާއެކު ޔޫޓިއުބް ހުޅުވާލުމަށްފަހު ދަރުހެއް އަޅުވާލިއެވެ. ދަރުސް އަޑުއަހަން ފެށުމާއެކު ހިތަށް ލުޔެއް ލިބެންފެށިކަމުގެ އިހުސާސްކުރެވުނެވެ. އައިރާއަށް ނިދުނީ ވެސް ދަރުސް އަޑުއަހަން އޮތްވައެވެ.
(ނުނިމޭ)