ވާހަކަ

ރުހުން ދީފާނުހޭ - 55

6

"މެލީ އަކީ އެގޭގަ ހުންނަންޖެހޭ ކުއްޖެއްނު. ބައްޕަ މިހަދާ ގޭގަ ދަރިފުޅުމެންގެ ކޮންމެ ކުއްޖަކަށް ތަނަވަސް ކޮޓަރި ހުންނާނެ. މިވަގުތަށް މިގޭގަ މެލީއަށް ވަކިން ކޮޓަރި ނެތުމަކީ ބައްޕަގެ ފަރާތުން މެލީ އަށް ދޭންޖެހޭ ހައްގުތަކުން މަހުރޫމު ކުރުމެއްނޫން" އައްޒާމް ބުންޏެވެ.

"ބައްޕަ ތިވިސްނަނީ އެއްކޮށް މެލީ އެގެއަށް ބަދަލުކުރަންތަ؟ ތިހެންވިއްޔާ މެލީއަށް އެބަޖެހޭ ބުނެދޭން ބާޒިލް އާ މެލީ އޮތީ ކޮން ގުޅުމެއްކަން" މައިލީން ބުންޏެވެ.

"ބުނާނަން. ﷲ އާ ވަކީލުކޮށްފަ މެލެކްއަށް ހުރިހާ ކަމެއް އަންގާނަން. އެވާހަކަތައް މެލީ އަށް ބުނެދޭނީ ބާޒިލް. ބައްޕަ ބަލަން ބޭނުން މެލެކް އަށް އެވާހަކަތައް އެނގުމަށްފަހު ބާޒިލްއަށް މެލެކް ހިމާޔަތް ކުރެވޭ ވަރެއް. މެލެކްއަށް ބާޒިލް އެންމެ ބޭނުންވި ވަގުތު ބާޒިލް ކަންތައްކުރި ގޮތް އެނގުމުން މެލެކް ކަންތައްކުރާ ގޮތް. ބާޒިލް އެދުނީ ބައްޕަގެ ރުހުމަށް. އެ ރުހުން ބައްޕަ ދީފިން. ބައްޕަ ބަލަން ބޭނުން މެލެކް ބާޒިލް އަށް ރުހުންދޭތޯ. ރުހުން ހޯދަން ބާޒިލް ކުރާ މަސައްކަތްވެސް ބަލަން ބޭނުން. ދަރިފުޅު ހީކުރަނީ ބާޒިލް އަތްމައްޗަށް މެލެކް ދޫކޮށްލައިގެން ބައްޕަ މިހުންނަނީ ވަރަށް އުފަލުން ކަމަށްތަ؟ ނޫން. ވާނެގޮތެއް ނޭނގޭތީ ބައްޕަ މިހުންނަނީ ސިހިސިހި. މައިމީހާ އަކީ ބައްޕަ ނޫނަސް ބައްޕަގެ ސިކުނޑި ތެރެއިން ދަރިފުޅުމެން އެންމެ ފަޅި ސިކުންތަށްވެސް ފިލައިނުދޭ" އައްޒާމް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި އަސަރެއްވިއެވެ.

މައިލީން ދެރަވިއެވެ. އޭނާ އައްޒާމް އާ ގާތްވެލާފައި އައްޒާމްގެ އަތުގައި ބައްދާލިއެވެ. އައްޒާމްގެ ކޮނޑުގައި ބޯ ލައްކޮށްލިއެވެ. މައިންބަފައިންގެ ފިކުރުތައް ދުރުކޮށްދޭން އޭނާ ބޭނުންވެއެވެ. އެއްފަހަރުން މެލެކްގެ ހުރިހާ ހަނދާންތަކެއް އައިސް އެއްފަހަރުން ރަނގަޅު ވާނެނަމައޭ ހިތަށް އެރިއެވެ. އޭނާ ބޭނުންވަނީ މައިންބަފައިންގެ ފިކުރުތައް އެއްކޮށް ފިލައި ދިޔުމެވެ. ދަރިންނާ މެދު މައިންބަފައިން ކުރާ ފިކުރަކީ އެއްކޮށް ފިލައިގެން ނުދާނެ ފިކުރެއްކަން އެނގެއެވެ. އެހެންނަމަވެސް އެ ފިކުރުތައް ލުއި ކުރެވިދާނެއެވެ. ހިތްހަމަޖެހުން ހޯދިދާނެއެވެ. ފިކުރުތަކުގެ މައްޗަށް ކުރި ހޯދިދާނެއެވެ. މެލެކް އާ މެދު ފިކުރު ކުރެވެން ފެށުމުން މައިލީންގެ ބޮލުގައި ރިއްސާލިއެވެ. މެލެކް އަށް ހުރިހާ ކަމެއް މީހަކު ބުނެދިނުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ނުރައްކާތެރި ކަމެކެވެ. އެކަމަކުވެސް ކޮންމެސް ސިފައެއްގައި މިކަން ކުރަން ޖެހޭނެއެވެ. ބައްޕަ ބުނާހެން ހުރިހާ ކަމެއް ރަނގަޅު ކޮށްދެއްވަނީ އެންމެ ފަރާތަކުންނެވެ. ވަކީލު ކުރަންޖެހޭ ފަރާތަކީވެސް އެއީއެވެ. އެކަލާނގެ އީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ރަނގަޅުކޮށްދެއްވާ މަތިވެރި ރަސްކަލާނގެއެވެ.

"އަޅުގަނޑާ އަހަދު ބާޒިލް އާ ބައްދަލުކުރާނަން. މެލީއަށް ކުޑަކުޑަ ކަމެއް އެނގުމުގެ ކުރިންވެސް ކުޑަކުޑަ ތަމްރީނެއް ހަދަންޖެހޭ. ބޮޑުކަމެއް އަޅުގަނޑުމެންނަށް. އެކަމަކު އެކަލާނގެއަށް އެއްވެސް ކަމެއް ނޫން" މައިލީން ބުންޏެވެ.

****

އަހަދުﷲ ގެ ފޯނެއްގައި އޮތް މައިލީން ކުއްލިއަކަށް ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ހިބާ ފެނިފައެވެ. އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ހިބާ އައީ ކޮންއިރަކު ހެއްޔެވެ؟ ފަހަތުން ހުއްޓުނު ލައިބާ އާއި ޒޭބާ އަދި މެލެކް ފެނުމުން މައިލީން އަށް ހެވުނެވެ. އޭނާ ފަހުން ގުޅާނެ ކަމަށް ބުނެފައި ސޯފާއިން ތެދުވިގޮތަށް ހިނިއައިސްފައި ބަލަން އިނެވެ. ރަށުގައި އުޅުނުއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާއަކީ ހިބާ އެވެ.

"ހިބާގަނޑު" މައިލީން ބުންޏެވެ. އިރުކޮޅަކުން ފެނުނީ ދެ އަންހެންކުދީން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި މަންޒަރެވެ. އެތައް ދުވަހަކަށްފަހު އެންމެގާތް އެކުވެރިޔާ ފެނުމުން ދެކުދީންނަށް އުޅެވުނު ގޮތްވެސް ނޭނގުނެވެ. ބާކީ ތިބި މީހުން ތިބީ އެ މަންޒަރު ބަލަން ހެވިފައެވެ.

"އަންގާވެސްނުލާ. ކޮންއިރަކު އައީ؟" މައިލީން އަހާލިއެވެ.

"މިއަދު އައީ. ދޮނާއަށް އެނގޭތަ މި ހިބާއްތަމެން އައި އިރު މަންމަމެން ކައިރީގަ ނުވެސްބުނޭ. އެންމެން ތިބީ ސަޕްރައިޒްވެފަ" މެލެކް ބުންޏެވެ.

"މައި އަށް ދޯ އެންމެބޮޑު ސަޕްރައިޒެއް މިލިބުނީ" ހިބާ ބުންޏެވެ.

މައިލީން އަދި އެއްފަހަރު ހިބާގެ ގައިގައި ބައްދާލިއެވެ. ކުރިއަށް އޮތީ އޭނާގެ ކައިވެންޏެވެ. އެ ކައިވެންޏަށް އަންނަން އެތައް ފަހަރަކު އޭނާ ހިބާ ކައިރީގައި ބުންޏެވެ. އެންމެފަހަރަކުވެސް އަންނާނެ ވާހަކަ ހިބާ ނުބުނެއެވެ. ކުއްލިއަކަށް ހިބާ ފެނުމުން ހަގީގަތުގައިވެސް މައިލީން އުފާވެއްޖެއެވެ.

"އެއީތަ ހިބް އާ ލައިބާގެ ލޮބްސްތައް" މައިލީން އަހާލިއެވެ.

ތިން ފިރިހެންކުދިން ތިބީ ތަންކޮޅެއް ފަހަތުގައެވެ. މައިލީން އަށް ހުރިހާ ކުދީންވެސް ފާހަގަވިއެވެ. އެކަކު އަކައްޗެއްވެސް ކިޔައިދޭކަށް އޭނާއަށް ނުޖެހުނެވެ.

"މެލީ ދޭބަލަ މަންމަ ގޮވައިގެން އަންނަން" މައިލީން ބުންޏެވެ.

އިރުކޮޅަކުން މެލެކް އާ އެކު ތަބައްސުމް އާއި އައްޒާމް ނިކުމެގެން އައެވެ. ހިބާ އާއި ލައިބާ އަދި ދެކުދިންގެ ފިރިން ފެނުމުން ދެމަފިރިން ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. ހާލުއަހުވާލު އޮޅުންފިލުވިއެވެ. އައްޒާމް ކޮންމެ ކުއްޖަކަށް ވަކިވަކިން ހިނިތުންވުމެއް ދިނެވެ. ބާޒިލްގެ އާއިލާއިން މިކުދިންނަކީ އޭނާއަށް އެންމެފަހަރު ފެނިފައިވާ ކުދިންނެވެ. އެއީ ބާޒިލް އާ މެލެކް ކައިވެނި ކުރި ރޭގައެވެ. ބާޒިލް ކައިރީގައި ހުރި އީތަން އާއި އަޔާޒު އާ ވެސް އައްޒާމް ސަލާމްކުރިއެވެ. ބާޒިލް ވަކިކޮށް ބައްދާލާފައި ބުރަކަށީގައި ޖަހާލިއެވެ.

"ކޮންމެސް އެއްޗެއް ދީފަ އެކުދިން މިރޭ ގެއަށް ފޮނުވަން ޖެހޭނީ" އައްޒާމް ބުންޏެވެ.

"ނޫން. އަޅުގަނޑުމެން ވަރަށް ރަނގަޅަށް ހަވީރު ސައިވެސް ބުއިން. މިރޭ ކައިގެން މިތިބީ" ހިބާ ބުންޏެވެ.

އޭނާ ނުކާނަމޭ ބުނާކަށް ބޭނުމެއް ނުވެއެވެ. އެހެން ބުނަންޖެހުނީ އޭނާގެ ގޮހޮރުގައި ފެންފޮދެއް ޖައްސާލާނެހާ ތަންވެސް ނެތީމައެވެ. އެތައް ދުވަހަކަށްފަހު މަންމަގެ އަތުން ތައްޔާރުކޮށްފައިވާ ކާއެއްޗެހި ކާން ލިބުމުން ދެކުދިންނަށްވެސް ކެވުނު މިންވަރެއް ނޭނގެއެވެ.

"ތިހެން ބުނެގެން އަދި ފަރަކު ނުޖެހޭނެ. މާދަމާ ކާންވާނީ މިގެއިން" ތަބައްސުމް ބުންޏެވެ.

"ޔަގީން އިރާދަކުރެއްވިއްޔާ. ތާބައްތަގެ ނޫޑްލްސްގަނޑު ވަރަށް މިސްވޭ. މެލީގެ ވެޑިންގަ ކާން ލިބުނު ނޫޑްލްސް...."

ކުއްލިއަކަށް ހިބާ ގެ ލަފްޒުތަކަށް ހުއްޓުމެއް އައީ މައިލީން ދެފަރާތަށް ބޯހޫރަން ފެށުމުންނެވެ. އެހިސާބުން ހިބާއަށް ފަހުމުވެއްޖެއެވެ. މެލެކް އަށް ބަލައިލިތަނާ ނަސީބަކުން މެލެކް ހުރީ ފޯނަށް ބަލާށެވެ. ހުރިގޮތުން މެލެކްއަށް އެބަސްތައް ނީވޭކަން ހިބާ އަށް އެނގުނެވެ. އޭނާ ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.

ހުރިހާ ކުދީންނަށް ވަގުތުދީފައި އައްޒާމް އާއި ތަބައްސުމް ހިނގައިގަތެވެ. އެހިނދު ބާޒިލް ގޮވާލިއެވެ. މެލެކް ގަބޫލުނުކުރެވިފައި ބަލައިލީ ތަބައްސުމްއަށް ބާޒިލް ‘މަންމަ’ ނަމުން މުހާތަބްކޮށް ގޮވާލުމުންނެވެ.

"މެލީ އެގޭގަ މިރޭ ބަހައްޓަންވެގެން. އެންމެ ރަނގަޅު ދޯ" ބާޒިލް ބުންޏެވެ.

މެލެކް ގަތީ ލަދެވެ. މައިންބަފައިންނަށް ބަލައިލަންވެސް އޭނާއަށް ނުކެރުނެވެ. އެއީ ރަނގަޅު ގޮތެއް ނޫނޭ ބުނެ އިންކާރު ކުރާކަށްވެސް ނުކެރުނެވެ.

"މެލީ އަކީ ދަރިފުޅުގެ އަމާނާތެއްނު. މަންމަ އާ ބައްޕަ ނުހިފަހައްޓާނަން" ތަބައްސުމް ބުންޏެވެ.

މެލެކް ހައިރާންވެފައި ތަބައްސުމްއަށް ބަލައިލިއެވެ. ރައްޓެހިވެގެން އުޅޭ މީހާ އާ އެއް ގެއަކަށް އެއް ރޭ ކުރަން އެގޮތަށް ފޮނުވަން މަންމަ ހަމަ އެއްބަސްވީ ހެއްޔޭ އެނާ ހިތަށް އެރިއެވެ.

"ޒިޔާދު އާއި މައުސޫމާ ބުނި މެލީ އެގޭގަ އެއްކޮށް ބަހައްޓައިދޭށޭ. ބައްޕަގެ މައްސަލައެއް ނެތް" އައްޒާމް ބުންޏެވެ.

އަނެއްކާ ހައިރާންކަން ލިބުނު އަނެއް ޖުމްލައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މެލެކްގެ ބޮލުގައި ރިއްސާލިއެވެ. އޭނާ އެހާ އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. ބާޒިލް މެލެކް އާ ގާތަށް ޖެހިލިއެވެ. މެލެކްގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ. މެލެކް ބަލައިލުމުން ހިނިތުންވެލިއެވެ.

"އެގޭގަވެސް ތިބީ ހަމަ މެލީގެ އާއިލާފަދަ ބައެއް. އެތަނުން އެއްވެސް މީހަކު މެލީއަށް ދެރަގޮތެއްވިޔަކަ ނުދޭނެ. އެގޭގަ މެލީ ހުއްޓަސް މެލީ ބޭނުން ކޮންމެ ގަޑިއެއްގަ މިގެއަށް އާދެވޭނެ. މަންމަ އާއި ބައްޕަ އަދި އަހަރެން އެދުނަސް އެންމެންނަށް ވެސް އެންމެ މުހިންމުވާނީ މެލީގެ ހިތްހަމަޖެހުން. މެލީ ދާން ބޭނުންނޫނިއްޔާ އޯކޭވާނެ ނުދިޔަސް. އެއްވެސް މީހަކު މެލީއަށް ފޯސްއެއް ނުކުރާނެ"

ބާޒިލް ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުގައެވެ. ބޭކާރު ކަމަކާ ގުޅުވައިގެން މެލެކް އަށް ވިސްނުން ފުރުސަތު ނުދޭންވެގެންނެވެ.

"އުނހު މެލީ ދާނެ. މެލީ އެގޭގަ ހުރެގެން އެގެއަށް އާދަވާންވީ. އެހެންނޫނަސް ކުޑަދުވަސްކޮޅަކުން ތީ ޒެއްލުގެ ވައިފްއޭ" މައިލީންގެ އަޑުގައި ސަމާސާ އެކުލެވިހެންވި ނަމަވެސް އެ މަޖާކަން މެލެކް އަށް އިހުސާސު ނުވިއެވެ. މައިލީން އައިސް މެލެކްގެ އަތުގައި ހިފާލިއެވެ. އަދިވެސް އެއީ އެންމެރަނގަޅު ގޮތް ކަމުގައި މެލެކް އަށް ނުވިސްނެއެވެ. އަދިވެސް އޮޅުންބޮޅުން ގަނޑެއްގެ އުނދަގޫ އޭނާގެ ސިކުނޑިއަށް ވަމުން ދިޔައެވެ.

"މަންމަ އާއި ބައްޕަ ދަރިފުޅަށް އިތުބާރުކުރަން. ދަރިފުޅު ވާންވާނީ މައިންބަފައިންނަށް ކަމޭހިތާ ފިރިމީހާ އާ އާއިލާ މީހުންނަށް އޯގާތެރިވާ ކުއްޖަކަށް. މަންމަ މިހާރުން ފެށިގެން ދެކޭނީ ބާޒިލް އަކީ ދަރިފުޅުގެ ފިރިމީހާގެ ގޮތުގަ. އެއީ ރަނގަޅު އޯގާތެރި ފިރިއެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ކޮލިޓީއެއް މިފަހުން ބާޒިލްގެ ފުށުން މަންމަ އަށް ފެންނާތީ" ތަބައްސުމް ބުންޏެވެ. މެލެކް ހިނިތުންވެލިއެވެ. އޭނާއަށް ބަލައިލެވުނީ ބާޒިލް އަށެވެ. އެ ބަލައިލުމުގައި ބުނާ ކަހަލައެވެ. ވީ އެންމެ އަވަހަކަށް އަހަރެން މިގެއިން ގެންދާށެވެ. ލޫލު އާ ބާޒިލް ނުފެންނަ ހިސާބެއްގައި އެންމެ ސުކުންތެއް ހޭދަކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ.

"ކޮންމެހެން ހޭނެ ކަމެއްނެތޭ. ކޮފީ ބޮއެގެން ދާންވާނީ" ހިބާގެ އަތަށް މައިލީން ދަމާލިއެވެ.

ހުރިހާ ކުދީން މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ. ބާޒިލް އާ މެލެކް ފިޔަވައެވެ. މެލެކް ބަލައިލީ ތަބައްސުމްގެ މޫނަށެވެ.

"ދަރިފުޅު ދިޔުމުގެ ކުރިން ބައްޕައަށް މޫނު ދައްކާލާތި" އައްޒާމް ބުންޏެވެ.

"ހަމަ ދާންވީތަ؟ މަންމަ އާ ބައްޕަ ހެޔޮތަ؟" މެލެކްގެ ދެލޮލުން ފާޅުވަނީ އެވާހަކަ އަދިވެސް އޭނާއަށް ގަބޫލުނުކުރެވިގެން އުޅޭކަހަލަ އަސަރުތަކެކެވެ.

އާއެނކޭ މަންމަގެ ކަނބުލޯ އޭ ދާށޭ. އެއީ ކަންބުލޯގެ ހަގީގީ ގެއޭ. އެގޭގަ އުފަލުގަ ހުންނާށޭ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދަރިފުޅުގެ ހިތަށް ތިވާ އުނދަގޫތައް ފިލައިގެން ހިނގައިދާނެ” ތަބައްސުމް ބުންޏެވެ. މެލެކްއަށް ހެވުނެވެ.

****

ރަށުތެރޭގައި ހިނގާލާފައި ހުރިހާ ކުދީން ގެއަށް އައިސް ވަތްއިރު އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ސިޓިންގރޫމުގައި ގުރޫޕް އެއްކޮށް ޖައްސާލިއެވެ. ކުދިން އައުމުން ލޫލުގެ ކޮޓަރީގައި އޮތް މައުސޫމާ ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

"ބަލާބަ ދޮންތަބެ އާ ތުއްތަބެ ފޫހިވެފަ ތިބިވަރު" ބާޒިލް ދިމާކޮށްލިއެވެ.

"އެނ؟ ނުވޭ ފޫއްސެއް. ލައި ބުންޏޭ ފޫހިނުވާވަރު ކޮށްދޭނަމޭ" އަޔާޒު ބުންޏެވެ.

"މިރަށް އަޔާމެންގެ ރަށެކޭ އެއްވަރަށް ބޮޑުރަށަކަށް ނުވިޔަސް ފޫހި ފިލުވަން ކުރެވޭނެ ކަންކަން ހުންނާނެ" ލައިބާ ބުންޏެވެ.

"އެއީ ތެދެއް. ވަރަށް ރީތި ފިނޮޅެއް އޮންނާނެ. ނުޖެހޭނެ ރުފިޔާ ދީފަ ޑީންގީއެއް ނަގާކަށްވެސް. ކައްކާލައިގެން ހަމަ ދާންވީ"

"ދޮނާގެ ޕާޓީ ނިންމާފަ ދޯ ދާނީ. އެހެންނޫނީ މޫދަށް އެރުނީމަ އެންމެން ކަޅުވާނެ" މެލެކް ބުންޏެވެ.

"އޯކޭ ތިގޮތްވެސް. އެހެންވީމަ ރާވަމާ ހިނގާ. މި އިވެންޓްގެ ހުރިހާ ކަމެއް ރާވަންޖެހޭނީ އީތަން އާ އަޔާ އާ ޒެއްލު. ތިން ފިރިހެނުން. ކެއްކުމުގެ ކަންކަން އަހަރެމެން އަންހެނުން" ހިބާ ބުންޏެވެ.

"ނޫޅެން ދާކަށް"

ކުއްލިއަކށް އެންމެން ބަލައިލީ ޒޭބާގެ އަޑަށެވެ. ސޯފާ އަށް ދެފައި އަރުވައިގެން އިން ޒޭބާ އިނީ މޫޑީވެފައެވެ.

"ދޮންތަ އާ ތުއްތަ ހަމަ އައިގޮތަށް ހުރިހާ ކަމެއް އަވަހަށް ނިންމާލާފަ ދާންވީތަ؟ ކީއްތަވާނީ ތައިމޫރު އަންނަންދެން މަޑުކޮށްލިއްޔާ" ތިއެންމެން ފިރިން ގޮވައިގެން ގޮސް އެންޖޯއި ކުރާއިރު އަހަރެން އިންނަންޖެހޭނީ ކަނޑުން ދަތުރުކުރާ ދޯނިތަކަށް ބަލަހައްޓައިގެން އޭގެއިން ދޯންޏެއް ކައިރިކޮށްލާފައި ތައިމޫރު ފައިބައިތޯ" ޒޭބާ އަނގަ ހަދާލިއެވެ.

ހިބާ އާއި ލައިބާ އަށް ހެވުނެވެ. ދެ އަންހެންކުދީން އައިސް ޒޭބާގެ ގާތުގައި އިށީނެވެ. މެލެކްވެސް އަންނަން އުޅުނެވެ. އެކަމަކު އެންމެންނަށް ސިއްރުން ކަހަލަ ގޮތަކަށް ބާޒިލް އިނީ މެލެކްގެ އަތްތިލައިގައި ބާރަށް ހިފަހައްޓައިގެން އަތްތިލަ މަތީގައި ކުށަން ބާއްވައިގެން ފޮރުވައިގެންނެވެ.

"ދޫކޮށްބަލަ" މެލެކް ބުންޏެވެ.

"އެއްބަސްވި އިރަކުން ދޫކޮށްލާނީ" ބާޒިލް ބުންޏެވެ.

"ދެން ނޫނެކޭ" މެލެކް ބުންޏެވެ.

"އެހެންވިއްޔާ މިރޭ އިރުއަރަންދެން މެލީ އިންނާނީ ތިހެން. އަހަރެން އިންނާނީ މިހެން" ބާޒިލް ބުންޏެވެ.

މެލެކް ބާޒިލް އަށް ބަލައިލުމަށްފަހު ދެފަރާތަށް ބޯހޫރާލިއެވެ.

****

ސަކަރާތުގައި ތިބެފައި ހުރިހާ ކުދީން ނިދަން ވަނީ ބާރަޖަހައި ބޮޑުވި ފަހުންނެވެ. އެހެން ރޭތަކުގައި ޒޭބާ ނިދަނީ ލޫލުގެ ކޮޓަރީގައެވެ. މެލެކް ބޭނުންވަނީ ލޫލުގެ ކޮޓަރީގައި ނިދަންކަމަށް ބުނުމުން ޒޭބާ ދިޔައީ އޭނާ އާއި ތައިމޫރަށް ހާއްސަކޮށްފައިވާ ކޮޓަރިއަށެވެ. ފެންވަރާލައިގެން މެލެކް ނިމުމެ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މޫނާއި ދެފައިގައި އޭނާ ނިދުމުގެ ކުރިން ހާކާ ކްރީމްތައް ހާކާ ނިމިގެން އެނދަށް އަރާފައި ލޫލު އޭނާ އާ ގާތްކޮށްލިއެވެ. ލޫލުގެ ގާތުގައި ނިދާލެވޭތީ އޭނާގެ ހިތަށް ލިބިފައިވަނީ އާދަޔާހިލާފު އުފަލެކެވެ. އޭނާ އިތުރަށް ލޫލު ގަޔާ ކައިރިކޮށްލިއެވެ. ލޫލުގެ ޗަބީ ކޮލުގައި ބޮސްދިނެވެ. ނިދުމުގެ ކުރިން ބާޒިލް ކުރާ ކަމެއް ބަލައިލުމަށް މެލެކް އުޅުނެވެ. ފޯނު ހޯލާފައި ބާޒިލް އަށް ގުޅަން އުޅުނު ވަގުތު އެއީ ބާޒިލް ގުޅި ވަގުތެވެ.

"ނިދީތަ؟" މެލެކް އަހާލިއެވެ.

"ނުނިދަން. އެކަމު ބާކީ އެންމެން ނިދައިފި. ހޭލާ މިތިބީ އަހަރެމެން ދެމަފިރިން އެކަނި" ބާޒިލް ބުންޏެވެ.

"ދެން؟ އުޅޭ ނިދަން. ފަތިހާ ހޭލަންޖެހެއެއްނު" މެލެކް ބުންޏެވެ.

"މަގޭ އަނބިމީހާ އާ އެއްފުރާޅެއްގެ ދަށުގައި ވަކިން ނިދާނީ ކިހިނެއް؟ ސީރިޔަސްކޮށް މިބުނީ މެލީގެ ހޫނު ނޭވާ އިހުސާސްވާހާ ގާތުގައި އޮވެ ނޫނީ ނުނިދޭނެ" ބާޒިލް ބުންނެވެ.

"ތިހެންވިއްޔާ އަންބަކަށް ހަދާބަލަ ކައިރީގަ އޮންނަން ބޭނުމިއްޔާ" ހީލަމުން މެލެކް ބުންޏެވެ.

ކޮންދުވަހެއް ތިކަން ނިމުނުތާ" ބާޒިލް ބުންޏެވެ.

"މެރީކުރާ ވާހަކަ ބުނާއިރަށް ކީއްވެ ތިހެން ބުނަނީ" މެލެކް ބުންޏެވެ.

"އެތެރެއަށް ވެއްދީމަ ބުނާނަން" ބާޒިލް ބުންޏެވެ. "ބުނެބަ ކޯޗެއް ލައިގެން ތިއޮތީ. ވަރަށް ދެކިލާހިއްވެއްޖެ"

މެލެކް ތުންފަތުގައި ދަތްއަޅާލަމުން ފޯނު ކަންފަތާ ދުރުކޮށްލާފައި ބަލައިލިއެވެ. ހީވީ ކުރިމަތީގައި ބާޒިލް އިންހެން ހީވެގެން ބަލައިލި ހެންނެވެ. އޭނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

"ތިހެން ވާހަކަނުދައްކަބަލަ. ތިހެން ވާހަކަދެއްކީމަ ކައިރީގަ ހުންނަހިއްވަނީ" މެލެކް ބުންޏެވެ.

"ކީއްވެ ލަސްކުރަނީ؟ ދޮރުހުޅުވަބަ. މިހެރީ ދޮރުކައިރީގަ" ބާޒިލް ބުންޏެވެ.

މެލެކް އެނދުގައި ތެދުވެ އިށީނެވެ. އެހާ އަވަހަށް ދޮރާ ދިމާލަށް ބަލައިލިއެވެ. ބާޒިލް ދޮރުކައިރީގައި ހުރިކަން އެނގުމުން ދޮރާ ދިމާލަށް އޭނާއަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. އޭނާ ދޮރުހުޅުވާލީ އަޑެއް ބޭރަށް ނީވޭނެހެން ސިއްރުންނެވެ. ބާޒިލް ކޮޓަރިއަށް ދެމިގަތީވެސް ހަނި ދޭތެރެއަކުންނެވެ. ކޮޓަރިއަށް ވަނުމަށްފަހު މަޑުމަޑުން ދޮރުލައްޕާލީ ބާޒިލް އެވެ. މެލެކް ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ. އެހިނދު ކޮޓަރިއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން ކުރިމަތީގައި ހުރި މެލެކްގެ ފައިން ފެށިގެން ބޮލާ ހަމައަށް ބާޒިލްގެ ނަޒަރު ދަތުރުކޮށްލިއެވެ. އަތްކުރު ޓީޝާޓްކޮޅަކާއި ކުރު ސޯޓްކޮޅުގައި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިގެން ހުރި މެލެކް ފެނުމުން އޭނާއަށް ވީގޮތެއްވެސް ނޭނގުނެވެ. އޭނާ ލަސްލަހުން މެލެކް އާ ގާތަށް ޖެހެމުން ގޮސް އޭނާގެދެއަތުގެ ތެރެއަށް މެލެކް ގެނައެވެ.

"ތިހެން ކުރިމައްޗަށް އެރީމަ ކިހިނެއް ދުރުގަ ހުންނާނީ" ބާޒިލް ބުންޏެވެ.

"ބާ ޒި ލް...." މެލެކް އަށް ޖުމްލަ ފުރިހަމަ ކުރަން ބާޒިލް ފުރުސަތެއް ނުދިނެވެ. އޭނާގެ ލޯބިވެތި ހަދިޔާއެއް ބަދަލުކޮށްލުމާއެކު މެލެކް ހިމޭންވިއެވެ. މެލެކް އަށް ކުރެވުނުހާވެސް ކަމަކީ ބާޒިލްގެ ކޮންމެ ދައުވަތަކަށް ހިތުގެ ފުންމިނުން އެއްބާރުލުން ދިނުމެވެ.

ބާޒިލްގެ ކޮންމެ އަމަލަކަށް އޭނާ ރުހުންދީގެން ހުއްޓެވެ. އިރުކޮޅަކުން ބާޒިލް ދުރަށްޖެހިލިއެވެ. ކިންގް ސައިޒްގެ ބޮޑު އެނދުގެ މެދުގައި ނިދާފައި އޮތް ލޫލު އެއްފަރާތުގައި ނުވެއްޓޭނެހެން ބާއްވާފައި ދެމަފިރިންނަށް ވާވަރަށް ޖާގަ ހަދާލިއެވެ. ދެން އައިސް މެލެކް އޭނާގެ އަތްމައްޗަށް އުފުލާލިއެވެ. މަޑުމަޑުން ހިނގާފައި އައިސް އެނދުގެ އެއްފަރާތުގައި މެލެކް ބޭއްވިއެވެ. ދެން އޭނާ މެލެކް އާ ޖެހިގެން ގާތުގައި އޮށޯތެވެ. އޭނާ މެލެކްގެ ގައިގައި ލޯބިން ބައްދާލިއެވެ.

"މިއީ ރަނގަޅު ގޮތެއްނޫން" މެލެކް ބުންޏެވެ.

"ކޮންކަމެއް" ބާޒިލް ބުންޏެވެ.

"އަހަރެމެން މިއީ ހިލޭ ދެމީހުން. މިހެން އުޅެނިކޮށް ކަމެއް ގޯސްވެދާނެ" މެލެކް ބުންޏެވެ.

"އަހަރެން ހަމައެކަނި ބޭނުންވަނީ މެލީ ގާތުގަ އޮވެ ނިދާލަން. އެންމެން ހޭލަންވާއިރަށް ސިއްރު ސިއްރުން ހޭލައިގެން އަހަރެން ދާނަން. މެލީ ބިރުގަންނަ އެއްވެސް ކަމެއް ނުކުރާނަން. ހުވާ މިކުރީ" ބާޒިލް ބުންޏެވެ.

"އެހެންވިއްޔާ ޝަހާދަތް ކިޔައިގެން ދެލޯ މަރާ" މެލެކް ބުންޏެވެ.

"ތިކަހަލަ އަދަބެއް ނުދީ. ހިނގާބަލަ މުސްތަގުބަލާ ގުޅޭ ވާހަކައެއް ދައްކަން" ބާޒިލް ބުންޏެވެ.

ދެމަފިރިން ތިބީ ދަރިފުޅު މެދަށް ވާހެން ދަރިފުޅުގެ ދެފަރާތުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟