ގަބުއަރާފައި އައިރާއަށް އިނދެވުނެވެ. ހަނދާންކުރަން ބޭނުން ނޫންކަމުގައި ވިޔަސް އުދާސްކަމުން ފުރިގެންވި މާޒީގެ އަނދިރި ދުވަސްތައް ޚިޔާލުތަކާއި ގުޅިލާމެހިގެން ދިޔައެވެ. އެއާއެކު އައިރާގެ މެޔަށް ފިނިވެގެން ގޮސްފިއެވެ. ނޭވާލާން ވެސް އޭނައަށް އުނދަގޫވާން ފެށިއެވެ. ހާސްކަމުގެ ސައިލަކުން މީހާ ވަށާލެވުނު ކަހަލައެވެ. އައިރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެއަނދިރިކަމުގެ ތެރެއަށް އެނބުރިދާން އޭނަ ބޭނުމެއް ނޫނެވެ. ވޭނާއި އާހްތަކުން ފުރިގެންވި އެދުވަސްތައް ހަނދުކަމުރަން އަމުދުން ބޭނުމެއް ނޫނެވެ. ހިތަށް ނުބައި ގޮތެއް ވާންފެށިއެވެ.
''ދަރިފުޅާ...'' މަންމަގެ އަޑަށް އައިރާ ދިޔައީ ސިއްސައިގެންނެވެ. ލިބުނު ހާސްކަމުގެ ސަބަބުން އައިރާގެ މޫނުގެ ކުލަވަރު މުޅިންހެން ބަދަލުވެގެން ގޮސްފިއެވެ. ފިކުރުތައް ބޮޑުވެ ބުމަ ވެސް ކައިރިވެއްޖެއެވެ. އެދެލޮލުން ފެންނަމުން ދިޔައީ ނުތަނަވަސްކަމުގެ ކުލަވަރެވެ.
''އަރޫ...'' އައިރާގެ މޫނުގެ ކުލަވަރުތައް ދޭހަކުރެވުނު ޤަމަރުގެ ހިތަށް ތަދުވެއްޖެއެވެ. އައިރާގެ ގާތަށް ޖެހިލަމުން ކޮނޑުގައި އޭނައަށް ހިފަހައްޓާލެވުނެވެ. އައިރާ ހަމައަކަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ. ހިތުގައި އާލާވަމުން ދިޔަ ބިރުވެރިކަމުގެ މައްޗަށް ކުރި ހޯދަން ޤަމަރު އަވަސްވެގަތެވެ. މިވަގުތު އައިރާގެ ހިތްވަރެއް ކަމުގައި ވާން ހުރީ އޭނައެވެ. ގެނބެމުން ދިޔަ ބިރުވެރި ޚިޔާލުތަކާއި ދުރަށް ގެންގޮސް ދޭން ހުރީ ވެސް އޭނައެވެ. ނަފުސުގެ މައްޗަށް އަތްގަދަކުރަމުން ދިޔަ ހާސްކަން އައިރާއަށް ސިއްރުކުރަން މަޖުބޫރުވެފައިވަނީ ވެސް އެހެންވެއެވެ. އެ މައުޟޫޢު ފެންމަތި ކުރެވުމުން ޤަމަރުގެ ހިތަށް ވަނީ އުނދަގޫވެފައެވެ. ނަމަވެސް އެކަމަށް ކަނު ނަޒަރެއް ދީފިނަމަ ނިކުމެދާނެ ނަތީޖާއަކާ މެދު ހިތުގައި ވިންދު ޖަހަމުން ދިޔައީ ބިރުވެރިކަމެވެ. މާޒީގެ އަނދިރިކަމުން އިބުރަތް ވެސް ލިބިގަންނަން އެބަޖެހެއެވެ.
''ހިނގާބަލަ މަންމައާއެކު...'' އައިރާގެ އަތުގައި ހިފާ ކޮޅަށް ތެދުކޮށްލަމުން ޤަމަރު ބުންޏެވެ. ރޭގަނޑުގެ ކެއުން މެދުކަނޑާލުމަށްފަހުގައި އައިރާ ގޮވައިގެން ހިނގައިގަތީ ބެލްކަންޏާއި ދިމާއަށެވެ. ހާމަތަނެއްގައި ވާހަކަދެއްކުން އެއީ އެންމެ ބުއްދިވެރި ގޮތްކަމުގައި ފެނުނެވެ. ސާފު ވައިން ސިކުނޑީގެ ބުރަހެލިކަމަށް ލުޔެއް ގެނެސްދޭނެތީއެވެ.
މަންމަގެ ފަހަތުން އައިރާ ހިނގައިގަތެވެ. އޭރު ވެސް އެހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކަންފަތުގެ ތޫރީގައި ގުގުމަމުން ދިޔައީ އަވަސްވެފައިވި ހިތުގެ ތެޅުމުގެ އަޑެވެ. ފިނި ދަލެއް ވެސް އައިރާގެ ނިތްކުރީގައި ހިއްލައިފިއެވެ.
ހަށިގަނޑުގެ އެއްފަޅިއަށް އައްސިވާހެން ވެސް ހީވިއެވެ.
ބެލްކަނިއަށް ނިކުމެލުމާއެކު ބީހިލި ފިނިފިނި ރޯޅިން ކޮންމެވެސް ވަރަކަށް މިހާ ހަމައަކަށް އެޅުނެވެ. މިހުރިހާއިރު ވަންދެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. އެއާއެކު ހަށިފުރާ ދެތިން ފުން ނޭވާ ދޫކޮށްލެވުނެވެ. ހިތުގެ ތެޅުން އޭރު ވެސް ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. ސިކުނޑިއަށް ބާރު ބޮޑުވެ ބޮލުގެ އެއްފަޅީގައި ރިހުމެއް އުފެދޭހެން ހީވިއެވެ.
އައިރާ ގެންގޮސް އުނދޯލީގައި ބައިންދަމުން ޤަމަރު ވެސް އުނދޯލީގައި އިށީނެވެ. ވާހަކަދެއްކުމެއް ނެތި އައިރާއަށް ވަގުތު ދީގެން ޤަމަރު އިނެވެ. ދަރިފުޅުގެ ހިމޭންކަމުން އެހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނައަށް ހިތާހިތުން ދުޢާކުރެވުނީ ހިތުގައި އޮތް ބިރުވެރިކަން ހަޤީޤަތަކަށް ނުވުމަށް އެދިއެވެ. އެއަނދިރި ދުވަސްތަކާއި ދެވަނަ ފަހަރަށް ކުރިމަތިލުމުގެ ހިތްވަރެއް އެހިތަށް ލިބިގެން ނުވެއެވެ. ބަލި ތަންމަތީގައި އައިރާ ހޭދަކުރި ވޭނުން ފުރިގެންވި ދުވަސްތައް ހަނދާންވެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ. އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނީ ރޮވިދާނެތީއެވެ. މާޔޫސްކަން އައިރާގެ ކުރިމަތީގައި ފާޅުވެގެން ދާން ޤަމަރުގެ ހިތެއް ނޭދުނެވެ. އައިރާގެ ތަބީއަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ހިތުގައި އޮތުމުންނެވެ.
އައިރާގެ ގާތަށް ޤަމަރުއަށް ޖެހިލެވުނެވެ. އައިރާގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ގެނެސް މޭގައި ޖައްސާލެވުނީ އައިރާގެ އުދާސްތަކަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. ލޯތްބާއެކު އައިރާގެ ބުރަކަށީގައި ޤަމަރު ފިރުމާލިއެވެ. އައިރާ ދޫކޮށްލި ފުން ނޭވަތައް ޤަމަރުއަށް އިހުސާސް ކުރެވުނެވެ. ޤަމަރުގެ މައިލަގޮނޑިއަށް ގުޑުން އަރައިގެން ދިޔައެވެ. އައިރާގެ މޮޅިވެރިކަން ހިތުގެ އެންމެ ހިމަނާރާއި ހަމައަށް ދަތުރުކޮށްފިއެވެ.
އައިރާގެ ހުރިހާ އުދާސްތަކެއް އޭނަގެ ފަސްބަޔަށް އެޅިގެން ދާނެ ނަމައޭ ޤަމަރުގެ ހިތަށް އެރިއެވެ. އައިރާގެ ގިލަންވެރިކަން އުފުލަން ޖެހުނުކަމުގައި ވިޔަސް ކުޑަމީސް ޝަކުވާއެއް އޭނަ ނުކުރާނެއެވެ. އެވޭން އޭނަ ބަލައިގަންނާނީ ވެސް ހިތާއިޖާނުން ރުހިގެންނެވެ. އައިރާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ދުނިޔޭގެ ހަޤީޤަތް މުޅިން ވެސް ތަފާތެވެ. ކިތަންމެ ދަތި އުނދަގޫ އިމްތިހާނަކާއި ކުރިމަތިލާން ޖެހުނަސް އެއުދާސްތައް ބަރުދާސްތުކުރަން ޖެހޭނީ އެމީހެކެވެ. އެއީ ބަދަލުވުމެއް ނެތް ދުނިޔޭގެ އުސޫލެވެ. ތަޤުދީރުގެ ނިޔާ ވެސް މެއެވެ. ހަމައެކަނި ކޮށްދެވެން އޮތް ކަމަކީ އުނދަގޫ ވަގުތުތަކުގައި ހިތްވަރުދިނުމެވެ. އަޑިގުޑަންތައް ހުރަސްކުރުމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. ވޭނާއި އުދާސްތަކަށް ލުޔެއް ހޯދައި ދިނުމެވެ.
''ވަރަށް ބިރުއެބަގަނޭ...'' އައިރާއަށް ބުނެވުނެވެ. އަހަރުތަކެއް ފަހުން ފެންނަން ފެށި އަލާމާތްތަކުން އައިރާގެ ހިތް ތެޅެމުން ދިޔައީ ބިރުވެރިކަމާއެކުގައެވެ. ހިތަށް އެންމެ ބޮޑަށް އުނދަގޫވާން ފެށީ ވެސް ޒޯހަންގެ ނަން ހިމޭންކަމުގެ ދުލާ ހަމައަށް އައުމާއެކުގައެވެ. ޑޮކްޓަރުން ދީފާނެ ޖަވާބަކަށް ވުރެން ބޮޑަށް އައިރާގެ ހިތް ހާސްކުރުވީ އެޚަބަރު ޒޯހަންގެ ކަންފަތާއި ހަމައަށް ގޮސްފިނަމަ ވެދާނެ ގޮތެއް ތަސައްވަރުކުރަން އޭނަގެ ޒަމީރު ނުކުޅެދުމުންނެވެ. ކައިވެނީގެ ދުވަސް ވެސް ކައިރިވަނީއެވެ. އައިރާގެ ހިތް ޝަކުވާތަކުން ފުރުނެވެ. އުފާވެރިކަމާއި ފޮނި އުއްމީދުތަކުން ފުރިފައިވި މުސްތަޤުބަލަށް އަނދިރިކަމުގެ ހިޔަނި އެޅެން އުޅެނީ ހެއްޔެވެ؟ ދުވަސް އެހާ ކައިރިވެފައި ވަނިކޮށް އިންޒާރުގެ އަލާމަތްތައް ފެންނަން ފެށީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ހިތުގެ މުރާދު ހާސިލްވެދާނެ ބާވައެވެ؟
''ދަރިފުޅާ... ކަންބޮޑުނުވައްޗޭ، ޑޮކްޓަރަށް ދައްކާލީމަ ބުނާ އެއްޗެއް ވެސް އެނގިދާނެއެއްނު، ހަމަ ވެދާނެއެއްނު ސްޓްރެސްގެ ސަބަބުން ކަމަށް ވެސް... މަންމަ އެވާހަކަދެއްކީ ދަރިފުޅު ބިރުގަންނުވާކަށެއް ނޫނޭ...'' ޤަމަރުގެ އަރުބެދޭ ގޮތްވުމުން ވާހަކަދައްކަން އުނދަގޫ ވިއެވެ. އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''މަންމަ އެވާހަކަ ނުދެއްކިނަމަ ފަރުވާކުޑަކޮށްލެވުނީސް...'' ހިމޭންކަމުގެ ސުކޫތަކަށްފަހު އައިރާ ބުންޏެވެ. އޭރު އޭނަ އިނީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ. މަންމައާއި ދުރަށް ޖެހިލިކަމުގައި ވިޔަސް މަންމަގެ އަތުން އައިރާ ދޫކޮށެއްނުލިއެވެ. އެއަތުގައި އޭނަ ހިފަހައްޓައިގެން އިނީ ހިތުގެ ތެޅުން އެކަމާއި ގުޅިފައިވާ ފަދައަކުންނެވެ. މަންމަގެ ފަރާތުން ލިބެމުން ދިޔަ ހިތްވަރުން ސިކުނޑީގައި އުފެދިފައިވި ހަލަބޮލިކަމަށް ވެސް ލުޔެއް ލިބިއްޖެއެވެ. ހަށިފުރާ ފުންނޭވާއެއް އައިރާއަށް ދޫކޮށްލެވުނެވެ.
''މަންމަ މާދަން އެޕޮއިންޓްމެންޓް ހަމަޖައްސާނަން...'' ޤަމަރު ބުންޏެވެ.
''ނޫން!، މާދަން އެބަޖެހޭ ވެޑިން ޑްރެސް ފިޓިންގްއަށް ދާން...'' އައިރާއަށް އަވަސްއަވަހަށް ބުނެވުނެވެ. މާދަމާއަށް ތާވަލްކުރެވިފައި އޮތް ކަންތައް ފަސްކުރަން އައިރާ ބޭނުމެއް ނުވިއެވެ. ކަމެއް ގޯސްކޮށް އުޅޭކަމުގެ ހިލަން އިތުރު އެއްވެސް މީހަކަށް ވާން އައިރާގެ ހިތް ނޭދުނެވެ. ހިތުގައި އުފެދިފައި އޮތް ޝައްކުގެ ތޫފާނުގެ ސަބަބުން ނޭނގޭ ބިރުވެރިކަމެއް މުޅި ނަފުސަށް ވެރިވެގެން ދާތީއެވެ.
''ދަރިފުޅާ...'' ޤަމަރުއަށް ގޮވާލެވުނެވެ. ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައިގެން ނޫނީ އައިރާގެ އަލާމްތަކުގެ ފަހަތުގައިވާ އަސްލު ދެނެނުގަނެވޭނެއެވެ. ހިތުގެ ހާސްކަމަކަށް ވެސް ލުޔެއް ނުލިބޭނެއެވެ. ޤަމަރު ބޭނުންވީ ވިސްނައިދޭށޭވެ. އެންމެ ދުވަހެއް ވެސް ބޭކާރުވެގެން ދާން އޭނަ ބޭނުމެއް ނޫނެވެ.
''މަންމާ، ޕްލީޒް، ނޮޓް ޓުމޯރޯ... ޕްލީޒް...'' އައިރާގެ އަޑުގައި ވަނީ އާދޭހެވެ. އެއްޗެއް ބުނަން ޤަމަރުގެ ތުންފަތް ހަރަކާތްކޮށްލެވުނެވެ. ނަމަވެސް އައިރާގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުމާއެކު ޤަމަރުއަށް މަޖުބޫރުވީ އަމާންކަން ދޭށެވެ. އައިރާގެ ދެލޮލުގައިވި ހުރިހާ ޝުއޫރެއް އޭނައަށް ދޭހަކުރެވުނެވެ. ހިތުގައި ރިއްސާލީ ދަރިފުޅުގެ ދެލޮލުގައިވި މާޔޫސްކަމުންނެވެ. ޑޮކްޓަރަށް ދެއްކުމުން ލިބިގެންދާނެ ޚަބަރާއެކު ދިރިއުޅުމުގެ ރާސްތާ ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް ފެންނަމުން ދިޔަ އިންޒާރުގެ ރަނގަބީލުގެ ސަބަބުން އެހަޤީޤަތަށް ލޯހުޅުވަން އެބަޖެހެއެވެ.
''އެންމެ ރަނގަޅު، ހޮނިހިރުދުވަހަށް އެޕޮއިންޓްމެންޓް ހައްދާނަން...'' ޤަމަރު ބުންޏެވެ.
''އޭ.ޑީ.ކޭއަށް ދައްކަން ބޭނުމީ...'' އައިރާ ބުންޏެވެ. އެޖުމްލައިގެ ފަހަތުގައި ފޮރުވިފައި އޮތް މާނަ ޤަމަރުއަށް ނަގައިގަނެވުނެވެ. ޒޯހަންއަށް އެއްވެސް ކަމެއްގެ ހިލަން ވާން އައިރާ ބޭނުމެއް ނުވެއެވެ. މިހާރު ރާއްޖޭގައި އެންމެ މަޤުބޫލު ޓާޝަރީ ހޮސްޕިޓަލް ކަމުގައިވާ ''ޕްރައިމް-ކެއަރ ހޮސްޕިޓަލް''އަށް ދައްކަން ދެކޮޅުހެދީ އެހެންވެއެވެ. އެއީ ޒޯހަންގެ ޢާއިލާގެ ހިއްސާ އޮތްނަ ހޮސްޕިޓަލަކަށް ވާތީއެވެ.
''އެކަމަކު...'' ޤަމަރު ބުނަން އުޅުނެވެ. އޭގެ ކުރިން އައިރާ ވާހަކަދެއްކިއެވެ.
''ޕްލީޒް މަންމާ...'' އައިރާގެ އަޑުގައި ވަނީ އާދެހެވެ. ދެން މާހައުލަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.
''ދަރިފުޅާ...'' އައިރާގެ ހިމޭންކަމުން އުނދަގޫވި ޤަމަރުއަށް ގޮވާލެވުނެވެ. ހިތަށް އުނދަގޫވުމާއެކު އައިރާއަށް ވިސްނައިދޭން ޤަމަރު އަވަސްވެގަތެވެ. އައިރާއާއި އެކުގައި ޒަވާޖީ ހަޔާތެއް ފެށުމަށް ޒޯހަން އެދަނީ ތައްޔާރުވަމުންނެވެ. ޒޯހަންގެ ހިތުގައި އައިރާއަށްޓަކައި އޮތް ސާފު ލޯބި އޭނައަށް ވަނީ ފެނިފައެވެ. ކޮންމެ ފަދަ ހާލަތެއްގައި ވެސް އައިރާއާއި އެކުގައި ވާނެ ފަދަ ބައިވެރިޔެކެވެ. ނުގުޑާފަދަ އަޒުމެއްގެ ވެރިއެއް ވެސް މެއެވެ. އައިރާގެ ގާތުގައި ސާބިތުކަމާއެކުގައި ހުންނާނެކަމުގެ ޔަޤީންކަން ވެސް އެބައޮތެވެ. އައިރާ އެކަން ނުވިސްނެނީ ހެއްޔެވެ؟
''ޕްލީޒް މަންމާ، ޒާންއަށް އެނގޭކަށް ބޭނުމެއް ނޫން، ކުރިން ބަލިވި ވާހަކަ ވެސް ޒާން ގާތު ނުބުނަން، އެދުވަސްތައް ހަނދާންކުރަން ބޭނުން ނުވާތީ އޭރު ހިއްސާކުރުމުގެ ބޭނުމެއް ވެސް ނުފެނުނު، އެކަމަކު... މިހާރު...'' އައިރާއަށް ވާހަކަދައްކަން އުނދަގޫވުމުން އިސްއޮބާލެވުނެވެ. މާޒީގެ ވޭން ޒޯހަންއާއި ހިއްސާނުކުރެވުމުގެ ހިތިކަން އަރުބުޑަށް ފޭދިގެން ގޮސްފިއެވެ. މޭގައި ތޫނު ރިހުމެއް އުފެދިގެން ގޮސްފިއެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް... އެކަމަކު މަންމައަށް ދަރިފުޅު ވަޢުދެއް ވާން ޖެހޭނެ...'' އައިރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން ޤަމަރު ވާހަކަދެއްކިއެވެ.
''މަންމާ...'' އައިރާއަށް ބުނެވުނެވެ. މަންމަގެ ހިތުގެ އަޑު އައިރާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. މަޑުމަޑުން އައިރާއަށް ދެފާރަތަށް ބޯހޫރާލެވުނެވެ. އެފަދަ ދުވަހެއް ޚިޔާލަށް ގެންނަން ބޭނުންނޫންކަމުގައި ވިޔަސް ދުނިޔޭގެ ހަޤީޤަތަށް ލޯހުޅުވަން އޭނައަށް އެވަނީ މަޖުބޫރުވެފައެވެ. ތަޤުދީރުގެ ނިޔާ އައިސްދާނެ ގޮތެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެއެވެ. ކޮންމެފަދަ ނަތީޖާއަކަށް ވެސް ނަފުސު ތައްޔާރުކުރަން ޖެހޭނެއެވެ. ކެތްތެރިވާން ވެސް ޖެހޭނެއެވެ. ޒޯހަންގެ އުފާވެރި މޫނު ސިފަކުރެވުނު ހިނދު އައިރާގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވެސް ފޭދިގެން ދިޔައީ ގަދަފަދަ ރިހުމެކެވެ. އޭގެ ވޭން މުޅި ހަށިގަނޑަށް އިހުސާސްކުރެވުނެވެ. ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ވެސް ގުޑުން އަރައިގެން ދިޔަ ފަދައެވެ.
''ޒާންއަށް ހުރިހާކަމެއް އެނގެން ޖެހޭނެއެއްނު؟... ދަރިފުޅާއެކު ޒަވާޖީ ހަޔާތެއް ފަށުމަށް ޒާން އެދަނީ ތައްޔާރުވަމުން...'' ޤަމަރު ބުންޏެވެ. ''މިފަދަ ބޮޑެތި ކަންކަމަކީ ދެމީހުން އެކުގައި ކުރިމަތިލާން ޖެހޭނެ ކަންތަކަކޭ....''
''ނޫން!...'' އައިރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
''އައިރާ...'' ޤަމަރުގެ ހިތަށް ނުބައި ގޮތެއް ވެއްޖެއެވެ.
''ޕްލީޒް... އަހަންނަށް ވަގުތު ދީފާނަންތަ؟...'' އައިރާގެ އަޑުގައި ވަނީ އާދޭހެވެ. ''މިވަގުތު ބުނެގެން ޒާންއަށް އިތުރު ހާސްކަމެއް ނޫނީ ނުލިބޭނެ، ހީޒް ސޯ ހެޕީ، އައި ކާންޓް ޕުޓް ދިސް ބާޑަން އޮން ހިމް...''
''ދަރިފުޅަށް ވަގުތު ބޭނުންވާނަމަ އެގޮތް ވެސް މަންމައަށް އެންމެ ރަނގަޅު، އެކަމަކު ޒާންއަށް މިކަންތައް އެނގުން ވަރަށް މުހިންމު، ދަރިފުޅު ޒާންއަށް އިތުބާރުކުރަމެއްނު؟، ޒަންއަކީ ވަރަށް ރަނގަޅު ކުއްޖެއް، ކޮންމެ ފަދަ ހާލެއްގައި ވެސް ދަރިފުޅާއެކު ހުންނާނެ ފަދަ ހެޔޮ ހިތެއްގެ ވެރިއެއް...'' ޤަމަރު ވިސްނައިދިނެވެ.
މަންމަގެ ޖުމްލައިން އައިރާގެ ހިތަށް ވެރިވެގެން ދިޔައީ އިތުރު ގިލަންވެރިކަމެވެ. ބިރުވެރި ފިލްމެއްގެ މަަންޒަރުތައް ފަދައިން ލޯކުރިމަތިން ނިއުޅިގެން ދިޔައީ ކެންސަރުގެ ވޭނާއި ކުރިމަތިލި ހިތްދަތި ދުވަސްތަކެވެ. އޭނަގެ ހަށިގަނޑުގައި އެޅި ވޭނާއި ޑޮކްޓަރުންގެ ފަރާތުން ލިބުނު މާޔޫސްކުރުވަނި ޚަބަރުތަކުން ޢާއިލާއަށް ލިބުނު ފުން ހިތާމައެވެ. ބަލި އެނދުގައި ތަންމަތިވި ދުވަހު ވޭން އެޅީ ހަމައެކަނި އޭނަގެ ހަށިގަނޑުގައެއް ނޫނެވެ. ކެންސަރުގެ ބަނަ ވިލާތަކުން އޭނަގެ މުޅި ޢާއިލާއަށް ހާސްކަން ގެނުވިއެވެ. މަންމަގެ ލޮލުން އޮހޮރުނު މޮޅިވެރިކަމުގެ ކަރުނައާއި، ބައްޕަގެ މޫނުން ފެނުނު އުދާސްކަމާއި، ތިއްތަގެ މިޒާޖަށް ވެރިވެގެން އައި ހިމޭންކަން އަދިވެސް ސިކުނޑީގެ އެންމެ ފުނުގައި ބިންވަޅު ނެގިފައި ވިއެވެ. އެފަދަ ދުވަހަކާއި އަލުން ކުރިމަތިލައި އެވޭން ބަރުދާސްތުކުރުމުގެ ކުޅަދާނަކަން އެހިތަށް ލިބިގެން ނުވެއެވެ. ވޭނާއި ކެކުޅުމުގައި އޭނަ ވަނިކޮށް އަމުދުން ޒޯހަންއަށް ފެންނާކަށް އޭނަ ބެނުމެއް ނޫނެވެ. އެހިތުގައި އޮތް ލޯބި އެގޮތް ޤަބޫލެއް ވެސް ނުކުރާނެއެވެ. ބަލި އެނދުގައި ދުނިޔެއަޅައި ދާ މަންޒަރު ޒޯހަންއަށް ފެންނަން ރުހެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އިންތިހާއަށް އޭނަ ޒޯހަން ދެކެ ލޯބިވެއެވެ. އެލޯބީގެ ހައްޤުޤައި ވެސް އެފަދަ ފުން ހިތާމައެއް ޒޯހަންއަށް ލިބިގެން ދާން އޭނަގެ ޒަމީރަށް އެއްބަސް ނުވެވުނެވެ.
''މަންމާ، އިރުކޮޅެއްދީފާނަންތަ؟...'' ސިކުނޑިއަށް ވެރިވި ހާސްކަމާއެކު އައިރާ ބޭނުންވީ އެކަނިވެލަންށެވެ.
''އެންމެ ރަނގަޅު، މަންމަ މިދަނީ އެޕޮއިންޓްމެންޓް ކަންތައް ހަމަޖައްސަން......'' ޤަމަރު ބުންޏެވެ. އުނދޯލިން ތެދުވުމުގެ ކުރިން ލޯތްބާއެކު އައިރާގެ ބޮލުގައި ފިރުމާލިއެވެ. ނިތުގައި ވެސް ބޮސް ދިނެވެ. އައިރާގެ ގާތުގައި މަޑުކުރަން ބޭނުން ވިޔަސް، އެކަނިވެލަން އައިރާ އެދުމުން ދެކޮޅު ހަދަން ޤަމަރު ފަސްޖެހުނެވެ. ހިތާއި ދެކޮޅަށް ވިޔަސް އޭނައަށް މަޖުބޫރުވީ އުނދޯލިން ތެދުވާށެވެ.
''ދަރިފުޅުގެ ބައްޕަ ގާތު ބުނަންޖެހޭނެކަން އިނގޭދޯ؟...'' ދިއުމުގެ ކުރިން ޤަމަރު ބުނެލިއެވެ. ބަސީލްއަށް އެކަން ސިއްރުކުރަން ޤަމަރުގެ ހިތް ދެކޮޅު ހެދިއެވެ. ބަސީލްއަކީ ޢާއިލާގެ ހުރިހާ ކަމަކާ ހަވާލުވެ ހުރި މަސްއޫލުވެރިޔާއެވެ. ބަސީލްއާއި މަޝްވަރާކޮށްގެން ޚިޔާލެއް ވެސް ހޯދަން އޭނަ ހުރީ ބޭނުން ވެފައެވެ. ދިރިއުޅުމުގެ ހުރިހާ އިމްތިހާނެއްގައި ވެސް އޭނަގެ ހިތްވަރަކީ ބަސީލް އެވެ. ބަސީލްގެ ކެތްތެރިކަމާއި ހިތްވަރުން އޭނަގެ ހިތަށް ވެސް ހަމަޖެހުން ގެެނެސްދެއެވެ. މިޒާނުކު ވަގުތުގައި ލޯބިވާ ފިރިމީހާގެ ހިތްވަރާއި އޯގާތެރިކަމަށް ޤަމަރު ވަނީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ.
މަންމަގެ މޫނަށް ބަލައިލަމުން އައިރާ ބޯޖަހާލިއެވެ. ބައްޕަގެ ހިތަށް ލިބޭނެ ނުތަނަވަސްކަން ވެސް އައިރާއަށް އެވަގުތު އަންދާޒާކޮށްލެވުނެވެ. އެއާއެކު ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. މަންމަ ދިއުމާއެކު އައިރާއަށް ކޮޅަށް ތެދުވެވުނެވެ. ލަސް ހިނގުމެއްގައި ގޮސް އޭނަ ހުއްޓުނީ ބެލްކަނީގެ ވަށައިގެން ޖަހާފައި ހުރި ރެއިލިން ކައިރިއަށެވެ. ބެލްކަނީގައި ފޮޅިފައިވި ފިނިފެންމަލުގެ މީރުވަހުން މިފަހަރު އެހިތަށް ލިބުނީ އުދާސްކަމެވެ. މަލުގެ ވަހުން ވެސް ހަނދުމަކޮށްދިނީ ޒޯހަން އެވެ. ބެލްކަނީގައި ހުރި ޕޮޓްތަކުގައި ކުރިފޯދެމުން ދިޔަ ފިނިފެންމާގަސްތަކަކީ ޒޯހަންގެ ފަރާތުން ލިބުނު ހަދިޔާތަކެވެ. ފިނިފެންމަލަށް އައިރާގެ ހިތުގައި އޮތް ލޯބި ޒޯހަންއަށް ނިކަން ރަނގަޅަށް އެނގެއެވެ. އެތައް ދުވަހެއްގެ މަތީން ކުލަކުލައިގެ ފިނިފެންމާ ގަސްތައް ވަނީ ހަދިޔާކޮށްފައެވެ. ގަސްތަކުގައި ފޮޅިފައިވި މަލުން ވެސް ހަނދުމަކޮށްދިނީ އޭނަ ދެކެ ޒޯހަން ވާ ލޯތްބެވެ.
ހާމައަށް އޮތް އުޑުގައި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް އައިރާ ނަޒަރު ހުއްޓާލިއެވެ. އެދެލޮލުގައި ވަނީ މާޔޫސްކަމެވެ. އުފާވެރިކަން މިލައިމޯޅިވެއްޖެއެވެ. ދިރިއުޅުމަށް އައި ކުއްލި ލޮޅުމުގެ ސަބަބުން ދެކެމުން އައި ހުރިހާ ހުވަފެންތަކެއް ވެސް ބިލާހަކަށް ވެގެން ހިނގައިދާނެކަމުގެ ބިރު ހިތުގައި އުފެދިއްޖެއެވެ. ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ބިރުވެރިކަމަށް ދިރުން ލިބެމުން ދިޔަ ކަހަލައެވެ. މުޅި މީހާ ހާސްކޮށްލަފިއެވެ.
ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އޭނަ ދިޔައީ ކޮންމެ އަހަރަކު ޓެސްޓްތައް ހަދަމުންނެވެ. އެއްވެސް ފަހަރަކު ކަންބޮޑުވާ ފަދަ ނަތީޖާއެއް ނުނިކުމެއެވެ. އެއިން ކޮންމެ ފަހަރަކު ހިތަށް އުއްމީދު ގެނެސްދެއެވެ. ނަމަވެސް މިފަހަރު މިވީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ފަރުވާކުޑަކޮށްލެވުނު ހިނދު އޭނަގެ ހިތަށް ސިހުން ގެނުވައިފިއެވެ. ފާއިތުވި ހުރިހާ ދުވަހެއްގައި ފެނިފައިވި އަލާމާތްތަކާ މެދު ފުންކޮށް ވިސްނާލެވުނެވެ. ނުފިލާ ހުންނަ ބޮލުގެ ރިހުމެވެ. މޫނުމައްޗަށް އަނދިރިވުމެވެ. އަތް އައްސިވުމާއެކު ބޮލުގެ އެއްފަޅިއަށް ވެސް އައްސިގަނޑު އަރާފައި ހުރުމެވެ. މޭނުބައިކޮށް ހޮޑުލަވާ ގޮތްވުމެވެ. ވިސްނެމުން ދިޔަ ވަރަކަށް އައިރާގެ ހިތް ބިރުވެރިކަމާއެކު ތެޅެން ފެށިއެވެ. ކުރިން އެކަމަށް އޭނައަށް ސަމާލުނުވެވުނީ ކީއްވެ ހެއްޔެވެ؟ ދިރިއުޅުމަށް އައިސްފައިވި ހަލަބޮލިކަމުގެ ތެރޭން ސިއްހަތާއި މެދު އިހުމާލު ވެވުނީ ހެއްޔެވެ؟ މިކަމުގެ ނަތީޖާ ނިކުންނާނީ ކިހިނެއް ހެއްޔެވެ؟ ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭ ހެއްޔެވެ؟ ހިތުގައިވި އުއްމީދުތައް ވިއްސިވިހާލިވެގެން ހިނގައިދާނެ ހެއްޔެވެ؟ ހިތު ލޯބި އޭނައަށް ހާސިލްކުރެވިދާނެ ހެއްޔެވެ؟
''ޒާން...'' ހިމޭންކަމުގެ ދުލުން އައިރާއަށް ބުނެވުނެވެ. ބިރުވެރިކމާއެކު ހިތް ތެޅިލީ މުސްތަޤުބަލުގައި ވެދާނެ ގޮތެއް ލަފާކޮށްލަން އުނދަގޫވުމުންނެވެ. ކައިވެންޏަށް ގިނަ ދުވަހެއް ވެސް ނެތެވެ. ބޮޑެތި ތައްޔާރީތައްވެ ނިމިއްޖެއެވެ. ހިތުގެ ބައިވެރިޔާ މިލްކުކުރެވޭނެ ދުވަހަކަށް ހިތުގައި އޮތީ ބޭޤަރާރުކަމެވެ. ނަމަވެސް މަންޒަރުތައް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ގޮސްފާނެކަމުގެ ބިރުވެރިކަމާއެކު ހިތަށް ހާސްކަން ވެރިކުރުވައިފިއެވެ. ޒޯހަންއާއި އޭނަ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟
ލޮލުން ފޭބި އުދާސްކަމުގެ ކަރުނައިން ކޯތާފަތުގައި ރޮނގު ދަމާލައިފިއެވެ. ތުންފަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދިގެން ގޮސްފިއެވެ. ހިތުގެ ވޭން ބަރުދާސްތުކުރަން ދަތިވި ހިނދު އައިރާއަށް ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. ގިސްލުންތަކުގެ އަޑު މަންމަގެ ކަންފަތާއި ހަމައަށް ފޯރަން ހިތް ނޭދުނެވެ.
އިސްޖެހުނު އައިރާގެ ދުލުގައި ވަނީ ޒޯހަންގެ ނަމެވެ. ހިތަށް އިތުރު ތަކުލީފެއް ލިބުނެވެ. މުސްތަޤުބަލު ސަފަކުރެވިގެން ދިޔައީ މާޒީގެ ބަނަ ވިލާތަކުގެ ހިޔަންޏާއެކުގައެވެ. އެއާއެކު އައިރާއަށް ރޮވިއްޖެއެވެ. ހިތުގެ ވޭން އޭނައަށް ބަރުދާސްތުކުރެވިދާނެ ހެއްޔެވެ؟
ރެއިލިންގައި ބާރަށް ހިފަހައްޓާލެވުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރޭން ސިފަވެގެން ދިޔައީ ޒޯހަންގެ ރީތި ހިނިތުންވުމެވެ. ތޫނުފިލި ދެލޮލުގައިވާ ލޯތްބެވެ. ހުވަފެންތަކެވެ.
މަޑު އާހެއްގެ އަޑު އައިރާގެ ދުލުން ބޭރުވެއްޖެއެވެ. އަވަސްއަވަހަށް އޭނައަށް އަނގަމަތީގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އޭރު ހޯސްލާފައި އައިރާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކަރުނަތަކުގައި އެކުލެވިގެންވަނީ ހިތުގެ ވޭނާއި އުދާހެވެ.
(ނުނިމޭ)