"ޖެލަސްވާނެއްނު. މެލީގެ ގައިގަ އަތްލަން ހުއްދަ ނުހޯދާވިއްޔަ ތިއަތްލަނީ. ދޯ މެލީގެ ލޯބިކޮޅު" ލޫލު ގަޔާ ކައިރިކޮށްލާފައި ބައްދައިލަމުން މެލެކް ބުންޏެވެ.
"ތިއީ ލޫލުގެ މެލީއެއްނޫން. ލޫލުގެ މަންމި" ބާޒިލް ރަނގަޅުކޮށްދިނެވެ. ބާޒިލް އަށް ބަލައިލާފައި މެލެކް އަނެއްކާވެސް ލޫލުގެ މޫނަށް ބަލައިލިއެވެ. އޭނާ ލޫލުގެ ކުޑަކުޑަ އަތްތިލައިގައި ބޮސްދިނެވެ.
"މިއީ އަހަރެމެންނަށް ވަރަށް ހާއްސަ ކުއްޖެއް. ނޫންތަ؟" މެލެކް ބުންޏެވެ.
"ވަރަށް ހާއްސަ ކުއްޖެއް. އަހަރެމެން ޕްލޭން ކޮށްގެން ނޫން ނަމަވެސް މިކުއްޖާ އަހަރެމެންގެ ހަޔާތަށް ދިރުން ގެނެސްދީފި. އެނގޭތަ! އެރޭ ހިނގި ކަމެއް ހިނގީ އަހަރެންގެ އަތުން އަހަރެންގެ ކޮންޓްރޯލު އެކުއްޖާ އަތުލީމަ" ބާޒިލް މެލެކް އަށް ބަލައިލިއެވެ. އޭނާ ބޭނުންވަނީ އެކަހަލަ ކުދިކުދި ކަންތައްތަކުގެ ވާހަކަ މެލެކް ކައިރީގައި ދައްކާށެވެ. މެލެކްގެ ސިކުނޑިއަށް ބާރުބޮޑުނުވާ ވަރަށެވެ. މެލެކްއަށް ކަމެއްވެދާނެކަމަށް ތައްޔާރުގައި ހުންނަންވީ ގޮތްވެސް އޭނާ ދަސްކޮށްފިއެވެ.
ތުން އނަބުރާލިގޮތް ފެނުމުން ބާޒިލްއަށް ހެވުނެވެ. "އަނެއްކާވެސް އެކްސް ވައިފްގެ ވާހަކަތައް ފަށައިފި" މެލެކް ބުންޏެވެ.
"ވާހަކައެއް ބުނަންތަ މަގޭ ޖާނާ" މެލެކްގެ އަތްތިލައިގެ ތެރެއަށް އަތްތިލަ މަހާލަމުން ބާޒިލް ބުންޏެވެ.
"ދުނިޔޭގެ އެއްވެސް ތަނެއްގަ އަހަރެންގެ އެކްސް ވައިފްއެއް ނުހުންނާނެ. އޭރުވެސް މިހާރުވެސް ކުރިއަށް އޮތްތަނުގައިވެސް އަހަރެންގެ ވައިފްއަކީ ތިއީ" ބާޒިލް ބުންޏެވެ. ކަޅިޖަހާނުލާ މެލެކް ބަލަން އޮތްގޮތުން ބާޒިލް އަށް ހެވުނެވެ. ދެބުމަ ދޭތެރެއިން މެލެކްގެ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު ކަންފަތް ބިއްދަށަށް ލައްވާލީ ބާޒިލްއެވެ.
"މެލީ ބުރުގާ ނުލާ ހުންނައިރު ހާދަ ލޯތްބޭ" ބާޒިލް ބުންޏެވެ.
ލަދުގަނެފައި މެލެކް އެސްފިޔަތައް ތިރިކޮށްލި ގޮތް ބާޒިލްއަށް ވަރަށް ކަމުދިޔައެވެ.
"މެލީ ފެންނަ ކޮންމެފަހަރަކު އަހަރެންގެ ހިތްއެދެނީ މެލީ އާ ގާތްވާން. މިވާގޮތެއް ބުނެދޭންވެސް ނޭނގޭ. މެލީ އަހަންނަށް ކޮންކަހަލަ ޖާދުލެއް ތިހެދީ" ބާޒިލް ބުންޏެވެ.
"އަދިކިރިޔާ އި އެނގުނީ މިއީ ޖާދޫގާރެއްކަން" މެލެކް ބުންޏެވެ.
"ރަނގަޅަށް ތިބުނީ. ތިއީ ހަމަ ޖާދޫގަރެއް. އަހަރެން ޖެއްސިހެން އެހެން މީހަކު ޖާދޫގަ ނުޖައްސައްޗޭ. މެލީ ދާތަން ބަލާކަށް ކެތެއްނުވާނެ" ބާޒިލް ބުންޏެވެ.
"ނުދަމެއްނު. ދަންޏާވެސް ދާނީ ޔާނު އާ އެކު" މެލެކް ބުންޏެވެ.
"ވަޓް؟ " ބާޒިލް ކައްޓެއްހެން ފުންމައިގެން އެނދަށް ކޮޅަށް ޖެހުނެވެ.
"މިބުނީ ބޭރުން ތަނަކަށްދަންޏާ. ބާޒިލްއަށް ގުޅާނަމޭ ދާންވީމަ. ނާދެވުނިއްޔާ ޔާނު ހުންނާނެއްނު. ބައްޕަވެސް ބައެއްފަހަރު ތަންތަނަށް ގެންގޮސްދޭނެ" މެލެކް ބުންޏެވެ.
"އަހަރެން ކައިރީގަ އޮވެ ރައްޔާނުގެ ވާހަކަ ދައްކައިގެން ނުވާނެ" ބާޒިލް ބުންޏެވެ.
މެލެކް ބާޒިލްގެ މޫނަށް ބަލައިލާފައި ބާޒިލްގެ މޭގައި ދަތްދޮޅި އަޅުވާލާފައި ބާޒިލްގެ ނޭފަތުކުރީގައި ޝަހާދަތް އިނގިލިން ޖަހާލިއެވެ.
"ޔާނު އާ ކޮން ހަސަދައެއްތަ އޮންނަނީ" މެލެކް ބުންޏެވެ.
"ފަހުން ތިވާހަކަދައްކާނީ" ބާޒިލް ބުންޏެވެ.
ކުއްލިއަކަށް މެލެކް ތެޅިގަތީ ކޮޓަރި ދޮރުގައި ވަރަށް ބާރަށް ޓަކިޖަހާލުމުންނެވެ.
"ކޮބާ މަގޭ ބުރުގާ. ޔާ ﷲ. މަންމަމެން ހީކުރާނީ ކީކޭ" މެލެކް ތެދުވެ ހެދުން ތިރިއަށް ދަމާލާފައި ބުރުގާ ހިފައިގެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.
****
ސަލްމާގޮވާލި އަޑު އިވުމުން ބަދިގޭގައި ސައެއް ތައްޔާރުކުރަން ހުރި ތަބައްސުމް ބޯ ދިއްކޮށްލިއެވެ. އުނދުނުގެ ގިނި މަޑުކޮށްލާފައި ހިނގައިގަންނަން އުޅެނިކޮށް ރައްޔާނު ކޮޓަރި ދޮރުހުޅުވާލާފައި ނިކުތްތަން ފެނުނެވެ. އެވަގުތު ގޭގައި ތިބީވެސް ތަބައްސުމް އާއި ރައްޔާނު އެކަންނެވެ. ރައްޔާނު ފެނުމުން ތަބައްސުމް ހިނިތުންވެލިއެވެ. ރައްޔާނު ދޮރާ ދިމާލަށް ދިޔުމުން ތަބައްސުމް އަލުން ބަދިގެއަށް ވަނެވެ.
ދޮރުހުޅުވާލިގޮތަށް ރައްޔާނަށް ހުރެވުނީ ބަލަހައްޓައިގެން ގަބޫލުނުކުރެވިފައެވެ. ދޮރުމަތީގައި ހުރީ އެގެއިން ފެނިދާނެކަމަށް އޭނާ ދުވަހަކުވެސް އުންމީދުކުރި އިންސާނެއް ނޫނެވެ. މޫނުމައްޗަށް ދޮރުލައްޕާލާކަށްވެސް ނުކެރުނެވެ. އެއްޗެއް ނުބުނެ ބަލަންހުއްޓާ ސިހުނީ ފަހަތުން އިވުނު ތަބައްސުމްގެ އަޑަށެވެ.
"ކާކު އައީ؟" ތަބައްސުމް އަހާލިއެވެ.
ރައްޔާންގެ މޫނުމަތިން ހާސްކަމެއް ފެނިލިއެވެ. ރައްޔާނު މަޑުމަޑުން ދޮރު ކައިރިން އެއްފަރާތް ވެލިއެވެ. ތަބައްސުމްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ފުރަތަމަ ނަޒަރުންވެސް އެއީ މިރަށު ކުއްޖެއް ނޫންކަން އޭނާއަށް އެނގުނެވެ. އެކުއްޖާ ހިނިތުންވެލި ގޮތުންވެސް ތަބައްސުމްގެ ހިތުން އެކުއްޖާ އަށް ހާއްސަ ގަދަރެއް ދެވިއްޖެއެވެ.
"އަޅުގަނޑަށް ކިޔަނީ ޝިނާ" ސަލާމަށް އަތްދިއްކޮށްލަމުން ޝިނާ ބުންނެވެ. ހިނިތުންވެލާފައި ޝިނާ އާ ތަބައްސުމް ސަލާމްކޮށްލިއެވެ.
"ތިއީ ދޯ ޔާނުގެ ދައްތަ އަކީ. ކިހިނެއްތަ؟" ޝިނާ ބުންޏެވެ.
ތަބައްސުމް އަށް ލިބުނީ ހައިރާންކަމެކެވެ. އެހާ ގާތްކޮށް ޝިނާ ވާހަކަދެއްކުމުން ތަބައްސުމް އަށް ބަލައިލެވުނީ ރައްޔާނަށެވެ. ނަޒަރު ސީދާކޮށްލަން ނުކެރިގެން ރައްޔާން އުޅޭހެން ތަބައްސުމް އަށް ހީވިއެވެ.
"ދައްތަ ރަނގަޅު. ޝިނާ ރަނގަޅުތަ؟" ތަބައްސުމް ބުންޏެވެ.
"އަލްހަމްދުލިއްލާހް. ހުރިހާ ކަމެއްވެސް ރަނގަޅު" ޝިނާ ބުންޏެވެ.
"އާދޭ އެތެރެއަށް. ރައްޔާންގެ ރައްޓެހިކުއްޖެއް. ރަނގަޅެއްނު. އެހުންނަނީ އަނގައިން އެއްޗެއް ނުބުނެ" އެތެރެއަށް ވަންނަމުން ތަބައްސުމް ބުނީ ރައްޔާނަށެވެ.
"ދައްތަ މިއަންނަނީ ބޯލާނެ އެއްޗެއް ހިފައިގެން" ތަބައްސުމް ހިނގައިގަތެވެ. ޝިނާ ހިނިތުންވެލައިގެން ހުރެ އައިސް ގޮނޑީގައި އިށީނެވެ. އޭނާ ދެން ބަލައިލީ ރައްޔާނަށެވެ. ރައްޔާނަށް ވެފައި ހުރިގޮތް ފެނުމުން ޝިނާއަށް ހެވުނެވެ.
"ކީއްކުރަން މިގެއަށް ތިއައީ؟" ރައްޔާނު ބުންޏެވެ.
"ހަނދާންނެތުނީތަ؟ އަހަރެން ބުނީމެއްނު. މިއީ ފުރަތަމަ ބައްދަލުވުން. ދެން އޮތީ ފަހު ބައްދަލުވުން. އެއަށްފަހު ނިމުނީ. ކޮބާތަ ޔާންގެ ކޮޓަރި؟ އެއީ ތަ؟ އަހަންނަށް ދައްކާނުލާނަންތަ؟" ޝިނާގެ އަޑުގައިވީ ކެރޭކަމެވެ.
"ދައްތަ އެބައާދޭ. އަނގައިން އެއްޗެއް ނުބުނެ އިނދެފާނަންތަ؟"
ރައްޔާނުގެ އަޑު އައީ ސިއްރުވެރި ގޮތަކަށެވެ. ތަބައްސުމް އަންނަން އުޅޭހެން ހީވުމުން ރައްޔާން އަވަހަށް ދުރަށްޖެހުނެވެ. އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. ހާސްވެގެން އުޅޭ މީހަކު އުޅޭހެން އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ. އެގޮތަށް ޝިނާ ކުރިމައްޗަށް އައިސްދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އަންނާނެ ވާހަކަ ބުނި ހަނދާން އެބަހުއްޓެވެ. އެހާ ހިތްވަރުކުރަން ކެރިދާނެކަމެއް ނުދެނަހުއްޓެވެ. އަޖައިބެއްކަހަލަ އަންހެނެކެވެ. އެހާ އަނގަ ގަދައެވެ. އަނެއްކޮޅުން އެއްފަހަރުން ދައްތަ އާ ވެސް ރައްޓެހިވެއްޖެއެވެ.
ޝިނާ އަކީ އެ އަތޮޅަށް ކަނޑައަޅާފައި ހުންނަ ފުލުހުންގެ އެންމެ މަތީ އޮފިސަރެވެ. ފުލުހުންގެ އިދާރާގައި ވިހި އަހަރަށް ވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ ރައްޔާނަށް ވުރެ ތިންއަހަރު ދޮށި އަންހެންކެވެ. އެހެންނަމަވެސް ބަލައިބެލުމަށް ހީވަނީ އުމުރުން ސޯޅަ ސަތާރަ އަހަރުގެ ޒުވާނެއް ހެންނެވެ. ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިނުވާ ޝިނާ ހިތް އަތުން ދޫވެގެން ދިޔައީ ހުރިހާ ފުލުހުންނަށް ތައާރަފްވުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ރައްޔާން ފެނުނު ހިސާބުންނެވެ. ރައްޔާނުގެ މަޑުމައިތިރިކަމާ ވާހަކަދައްކާގޮތާއި ރައްޔާންގެ އަޑާއި ހިނގާގޮތާ ހެދުން އެޅުމުގައި ހުންނަ ތަފާތު ގޮތާއި ހާއްސްކޮށް ރައްޔާންގެ ވިސްނުންތޫނުކަމާ ކަންކަން ދެނެގަންނަގޮތާއި މަސައްކަތްތައް ކުރާގޮތް ފެނިފައެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރައްޔާނުގެ ފައިތިލައިން ފެށިގެން ގޮސް ބޮލުގެ އިސްތަށިގަނޑާ ހަމައަށް ޝިނާ އަށް ކަމުނުދާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ރައްޔާނަށް ފުރަތަމަ ލޯބި ހުށަހެޅީވެސް ޝިނާއެވެ. އެކަން ރައްޔާނު ގަބޫލުނުކުރާނެކަން އެނގި ހުރެއެވެ. އޭނާ އަށް ހީވިގޮތަށް ދެމީހުން ދެމެދުގައި އޮތް ރަސްމީ ގުޅުން ފިޔަވައި އިތުރު ގުޅުމަކަށް ޖާގަދޭން ރައްޔާނު ބޭނުމެއް ނުވިއެވެ. ރައްޔާންގެ މައްސަލައަކަށްވީ ޝިނާ އަކީ ފުލުހުންގެ މަތީ އޮފިސަރަކަށްވުމެވެ. ރައްޔާނުގެ ހަގު އުމުރެވެ. އެކުގައި މަސައްކަތްކުރާ އެހެން ކުދިން ދެކޭނެ ގޮތެވެ. އެންމެ ބޮޑު ކަމަކަށް ދެއްކީ އޭނާގެ ހިތުން މެލެކްއަށް ދެވިފައިވާ ހާއްސަ މަގާމެވެ. މެލެކްގެ ހަޔާތް ވަކިކޮޅެއްގައި ނުޖެހެނީސް ދުވަހަކުވެސް އޭނާގެ ދިރިއުޅުން ކޮޅަށް ނުޖަހާނެއެވެ
****
ހަވީރުގެ ސަޔަށް އިންސާފުކުރަން ބާޒިލްގެ އާއިލާ ތިއްބެވެ. ލޫލު އިނީ ޒިޔާދުގެ އުނގުގައެވެ. ކައިރި ކައިރީގައި ހުރި ދެގޮނޑީގައި މެލެކް އާއި ބާޒިލް ތިބިއިރު އިރުކޮޅަކާ މެލެކް އާ ބާޒިލް ލޯބީގެ ސަމާސާއެއް ކޮށްލައެވެ. އިރުކޮޅަކާ އޭނާ އަތުން މެލެކްގެ އަނގައަށް ކާއެތިކޮޅެއް ލަވާލައެވެ. އެމަންޒަރު ފެނުމުން މައުސޫމާގެ ހިތަށް ހަމަޖެހުން ލިބިގެންދެއެވެ. އައްޒާމް އާ ބައްދަލުކޮށްފައި އައިފަހުން މައުސޫމާ އިނީ އަހަން ބޭނުންވެފައެވެ. އައްޒާމްގެ ނިންމުންތަކަކީ ކޮބައިކަން އެނގެން ބޭނުންވެފައެވެ. މެލެކް އިނުމުން އަހަން ނުކެރިފައެވެ. މެލެކް ގެއަށް އައިފަހުން މިއަދު މާގިނައިރު ވެއްޖެއެވެ. އައްޒާމް އާ ތަބައްސުމް މެލެކް ކޮބާތޯ ބަލާކަށް ނުގުޅައެވެ. ވާނީވެސް އެހެންތާއެވެ. ހުރިހާކަމެއް ހަމަޔަކަށް އެޅުނީއެވެ. މެލެކްގެ ހަގީގީ މަންޒިލަކީ ފިރިމީހާގެ ގެއެވެ. މިގެއިން މެލެކް އަށް ލިބޭނީ ރައްކާތެރިކަމެވެ. މެލެކް އަށް މައުސޫމާ ބަލައިލިއެވެ. މިއިން ދުވަހަކުވެސް ހިތަށް ނުލިބޭހާ ހިތްހަމަޖެހުން މިއަދު ހިތަށް ލިބެމުން އެބަދެއެވެ.
"މިރޭ މިގޭގަ މެލީ ނިދަންވީނު" ޒޭބާ ބުންޏެވެ.
މެލެކް އެއްޗެއް ނުބުނެއެވެ. ރައްޓެހިވެގެން އުޅޭ މީހާގެ ގޭގައި އެހެން އެއް ރޭ ވަންދެން މަޑުކުރާނީ ކިހިނެއް ހެއްޔެވެ؟ ރީތިކަމެއް ނޫނެވެ. ބާޒިލްގެ މައިންބަފައިން ތިބިތަނެއްގައި އެއީ ލަދުވެތި ކަމެކެވެ. މަޑުކޮށްފިއްޔާ ދަންވަރު އޭނާ ނިދާފައި އޮށްވާވެސް އުފުލާލައިގެން ބާޒިލް ގެންދާނެއެވެ. މިހާރުވެސް ފުރުސަތެއް ނުލިބިފައި ހުރި މީހެކެވެ. އަނެއްކޮޅުން ލޯބީގައި މިހާރުވެސް އިންފަހނައަޅައި ދެވިއްޖެއެވެ. ކައިވެނިން ބޭރުން ކޮށްގެންނުވާނެ ކިތަންމެ ކަމެއް ކުރެވިއްޖެއެވެ.
"މެރީކޮށްގެން އަންނާނަން އެއްކޮށް އުޅެން" މެލެކް ބުންޏެވެ.
އެންމެން އެކަކު އަނެކަކަށް ބަލައިލިއެވެ. މެލެކް ބުނި އެއްޗަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މެލެކް އަކީ ހަގީގަތުގައިވެސް ބާޒިލްގެ އަނބިމީހާ ކަން ބުނެދޭނެ ގޮތެއް ނޭނގުނެވެ. މެލެކް އިންތިޒާރުކުރަނީ ކައިވެނިކުރެވޭނެ ދުވަހަކަށެވެ. ކައިވެނިކޮށްފައި ވަނިކޮށް ވަރިނުވެ އެދެމީހުން ދެވަނަ ފަހަރަށް ކައިވެނިކުރުވާނީ ކިހިނެއް ހެއްޔެވެ؟ މައުސޫމާ އާއި ޒިޔާދު ކަންބޮޑުވިއެވެ. މެލެކްގެ އެ އެދުން ފުރިހަމަކޮށްދޭން ދެފަރާތުގެ އާއިލާ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް ހައްލެއް ނާންނާނެއެވެ.
"ވީ އާރ ހަޒްބަންޑް ވައިފް މިހާރުވެސް" މެލެކްގެ ކަންފަތްދޮށުގައި ބާޒިލް ބުންޏެވެ.
"އާނ. ހުވަފެނުގަ ދޯ. އަނގައިން ތިހެން ބުންޏަސް ހަގީގަތަކީ...." މެލެކްއަށް ޖުމްލަ ފުރިހަމަނުކުރެވެނީސް ކުއްލިއަކަށް ގޭ ދޮރުގައި ބެލްއަޅާ އަޑު އިވެން ފެށިއެވެ. ހަވީރުގެ ވަގުތަކީ އާންމުގޮތެއްގައި ގޭތެރެއިން އެންމެން ހުސްވާ ވަގުތަކަށް ވުމުން މައުސޫމާ ހީކުރެވުނީ އޭނާ ހޯދަން އަވައްޓެރިއެއް އައީ ކަމަށެވެ.
"މަންމަ އަންނާނަން" މައުސޫމާ ހިނގައިގަތެވެ.
ދޮރުހުޅުވާލުމާއެކު މައުސޫމާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ހަރަކާތް ހުއްޓިފައިވާ ބުދެއްހެން އޭނާ ހުއްޓެވެ. ހުވަފެނެއް ކަމަށް ހީކޮށް މޫނު ދެފަރާތަށް ތަޅުވާލައިފިއެވެ. ދެލޮލުން ފައިބައިގެންފިޔަ އުފާވެރިކަމުގެ ކަރުނަ އާއެކު އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިގެން ދިޔައެވެ. އޭނާއަށް ހަށިގަނޑަށް ހަރަކާތެއް ގެންނަން އެނގުނީވެސް ދެ އަންހެންދަރީން އެކުގައި އޭނާގެ ގައިގައި ބައްދާލުމުންނެވެ. ސައިމޭޒު ކައިރީގައި ތިބި އެންމެންވެސް އައީ އަޑަށެވެ.
ޒިޔާދަށްވެސް ލިބުނީ ހައިރާންކަމެވެ. އޭނާ އާ ދިމާލަށް ދިޔައީ ހިބާގެ ފިރިމީހާ އީތަން އާއި ލައިބާގެ ފިރިމީހާ އަޔާޒުއެވެ.
“ސަޕްރާރާރާރާއިޒް......"
ޒޭބާގެ އަޑުން މުޅި ގެ ގުގުމައިގެން ދިޔައެވެ. ތިން އަންހެންކުދީން އެއްކުއްޖަކު އަނެއްކުއްޖަކު ގައިގައި ބައްދާލައިގެން ތިއްބެވެ. ޒޭބާގެ ތަންކޮޅެއް ފަހަތުގައި ތިބި ބާޒިލް އާއި މެލެކް ދެކުދީންގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ދެކުދީންގެ ތުންފަތަށްވެސް ވެރިވެގެން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ.
"މެލީ..." ހިބާ ކިޔާލިއެވެ. "އަހަރެމެންގެ އެންމެ ލޯބި ފަހަރިކޮއްކޮ"
މެލެކްގެ މޫނާ ދެއަތުގައި ހިބާ އާއި ލައިބާ ފިރުމަމުން ދިޔައެވެ. މެލެކް އަށް ހުރެވުނީ ހިނިއައިސްފައެވެ.
"އަސްތާ ދޮންތަގެ ކަޕްކޭކް...." ހިބާގެ ނަޒަރު ލޫލުއަށް ހުއްޓުމާއެކު ހުރެވުނު ތަންވެސް ނޭނގުނެވެ.
ކޮނޑުގައި އޮތް އަތްދަބަސް ސޯފާ މައްޗަށް އެއްލާލާފައި ޒިޔާދު އުރުގައި އިން ލޫލު ހިބާ އުރާލިއެވެ. މެއާލާ ބޮނޑިކޮށްލުމަށްފަހު ލޫލުގެ ޗަބީ ކޮލުން ވަރުގަދަ އުންމައެއް ނެގިއެވެ. ލައިބާވެސް ކަންތައްކުރީ ހަމަ އެފަދައިންނެވެ. އިސާހިތަކު ލޫލު ބިރުގަތެވެ. އެއީ އޭނާ އަށް އާ މޫނުތަކަކަށް ވުމުން ތުންފިއްތައިގަނެފައި ނިކަން ބާރަށް ރޯން ފެށިއެވެ. މެލެކް ނޫން މީހެއްގެ ގާތަށް ނުވެސްދިޔައެވެ.
" އަޅޭ. ދޮންތަމެން ރޮއްވާލީ ދޯ. އަވަހަށް ހުއްޓާލާ މެލީގެ ލޫލު.... މިއީ މެލީގެ ބޭބީއެކޭ" ލޫލު އުރާލާފައި މެލެކް ބުންޏެވެ. ލޫލު ހުއްޓާލި ނަމަވެސް ތުންގަނޑު ފިއްތުން ހުއްޓާނުލިއެވެ.
"ކީއްވެތަ މެލީގެ ކުޑަކުޑަ ބޭބީއަށް ރޮވެނީ. އެއީ ލޫލުގެ ދައްތިމެންނޭ" މެލެކް ބުނަމުން ދިޔައެވެ.
ހިބާ އާއި ލައިބާ އެކަކު އަނެކަކަށް ބަލައިލިއެވެ. ލޫލުއަށް މެލީ ކިޔުއްވަން މެލެކް އުޅުމުން ދެކުދީންނަށް ކަމަކުނުދިޔައެވެ. ދެކުދީން ބަލައިލީ ޒޭބާ އަށެވެ. ޒޭބާ އިޝާރާތުން އެއްޗެއް ނުބުނުމަށް ބުންޏެވެ.
"ހިބާއްތަ އާ ލައިބާއްތަ ހާދަ ހިއްކޭ" މެލެކް ބުންޏެވެ.
****
ނަމާދުން އައިސް އައްޒާމް ގެއަށް ކޮޓަރިއަށް ވަތްއިރު ގޭތެރެއިން މީހަކު ފެންނަން ނެތެވެ. އޭނާ ސޯފާގައި އިށީނދެފައި ޓީވީ ހުޅުވިއެވެ. ގުރުއާން ކިޔަވަމުން ދިޔަ ޗެނަލަކަށް ލުމަށްފަހު އަމިއްލަ ފޯނު ހުޅުވައިގެން ގުރުއާން ކިޔަވަން ފެށިއެވެ. ކައިރީގައި މީހަކު އިށިންހެން ހީވުމުން ބަލައިލިއރު އިނީ މައިލީން އެވެ. މައިލީންގެ ބޮލުގައި ހުދުކުލައިގެ ނަމާދު ބުރުގާ އޮތެވެ. އެއްފަހަރު މައިލީން އަށް ބަލައިލުމަށްފަހު އަނެއްކާވެސް އައްޒާމް ފޯނަށް ސަމާލުކަންދިނެވެ. ކިޔަވަން އޭނާ ނިންމައިގެން ހުރި ހިސާބަށް ކިޔެވުމަށްފަހު އަނެއްކާވެސް އޭނާގެ ސަމާލުކަން ހުއްޓުނީ މައިލީން އަށެވެ. މައިލީން އިނީ ކަޅިޖަހާނުލާ ޓީވީއަށް ބަލާށެވެ.
"މިރޭ ހާދަ ފާޑަކަށޭ ދަރިފުޅު ތި އިންނަނީ؟" އައްޒާމް ބުންޏެވެ.
"މެލީ ނެތީމަ ހީވަނީ ގައިން ތަންގަނޑެއް މަދުހެން. ކޮޓަރީގަ މަޑުކޮށްލާހިތެއްވެސް ނުވޭ" މައިލީން ބުންޏެވެ.
"ބައްޕަވެސް. ހާދަ ހަނދާންވެޔޭ. އެކަމަކު އަދި އެއްކޮށް ދިޔައީކީ ނޫނެއްނު" އައްޒާމް މައިލީންގެ ބޮލުގައި ފިރުމާލިއެވެ.
"ހީވަނީ ވަރަށް އަވަހަށް އެއްކޮށް ހިނގައިދާނެހެން" ދެބަފައިން ބަލައިލީ ތަބައްސުމްގެ އަޑު އިވުމުންނެވެ.
"ތިއީ ތެދެއް" އައްޒާމް ބުންޏެވެ.
"ދެންމެ މައުސޫމާ ގުޅައިފި. މިރޭ މެލީ ބަހައްޓާލަދޭށޯ އެގޭގަ" ތަބައްސުމް ބުންޏެވެ.
އައްޒާމް ވަކި އެއްޗެއް ނުބުނެ ޓީވީއަށް ބަލައިލިއެވެ. ތަބައްސުމް އައިސް އިށީނެވެ.
"އަހަރެން ވަކި ކީކޭ ބުނާނީ. ނޫނެކޭ ބުނެވޭނެތަ؟" ތަބައްސުމް ބުންޏެވެ.
"ނޫނޭ. މެލީ ހުންނަންވާނީ އެގޭގަ. އެއީ މެލީގެ ގެއަކީ. މެލީގެ ހަނދާންތައް އަންނާނީވެސް އެތަނުގަ އޭނަ ހުރެގެން. އަހަރެންގެ ދަނބިދަރިފުޅަށް އިތުބާރުކުރުން ނޫން ގޮތެއް ނެތް" އައްޒާމް ބުންޏެވެ.
"މިރޭ އަންނާނަމޭ ބުނި ނިދަންލާނެ އެއްޗެއް ބަލާ. މައުސޫމާ ބުނި ތިމަންނަ އޭނަ ގޮވައިގެން އަންނާނަމޭ" ތަބައްސުމް ބުންޏެވެ.
"އަހަރެމެންގެ ދަރިން ދެން ކުޑައެއް ނުވާނެ. އެއީ އަންހެންދަރިން. އަބަދު މައިންބަފައިން ގާތުގަ ނުތިބޭނެ. އަހަދުﷲ އާ އެކު މައި މިގެއިން ދާ ދުވަހަކުންވެސް އަހަރެމެން ޖެހޭނެ ހިތް މަތީގަ ހިލަގަނޑެއް ބާއްވާފަވެސް ކެތްތެރިވާން" ތަބައްސުމްގެ ކޮނޑުގައި އަތުން ހިފާލާފައި ގަޔާ ކައިރިކޮށްލަމުން އައްޒާމް ބުންޏެވެ.
މައިންބަފައިންގެ ވާހަކަތައް އަޑުއަހަން އިން މައިލީން ދެއަތުން ބޮލުގައި އަތްއަޅާފައި ދެފަރާތަށް ބޯހޫރާލިއެވެ. މިފަހަކަށް އައިސް މައިންބަފައިން މާ އަވަހަށް ޖަޒުބާތީވެއެވެ. އެގޮތް އޭނާ ބޭނުމެއް ނުވިއެވެ.
"ކާކު ބުނީ މެރީކޮށްގެން މިގެއިން އަޅުގަނޑު ދާނޭ" މައިލީން ބުންޏެވެ.
މައިލީންގެ އަޑަށް އައްޒާމް އާއި ތަބައްސުމް ބަލައިލިއެވެ.
"މެލީގެ ހަނދާންތައް އެއްކޮށް އައިސް ނޯމަލް ވި ދުވަހަކުން ނޫނީ އަޅުގަނޑު މިރަށުން ނުގެންދާނެ ކަމަށް އަހަދު ވައުދުވި. އަޅުގަނޑު ބުނިން އެހެން ނަހަދާށޭވެސް. އެކަމުވެސް އަހަދުގެ މަންމަވެސް ޔަގީންކަން ދިނީމަ އިތުރަށް އަޅުގަނޑު އިންކާރެއް ނުކުރަން" މައިލީން ބުންޏެވެ.
"ތިހެންވިއްޔާ ދަރިފުޅުމެން ތިބެންޖެހޭނީ މިގޭގަ" އައްޒާމް ބުންޏެވެ.
"މިގޭގަ ކިހިނެއް ބައްޕާ. މިގޭގަ މިހުންނަނީވެސް ތިން ކޮޓަރިއެއްނު" މައިލީން ބުންޏެވެ.
"ދަރިފުޅާ މެލެކް ތިއުޅޭ ކޮޓަރި ބައްޕަ ތައްޔާރުކޮށްދޭނަން" އައްޒާމް ބުންޏެވެ.
"ދެން މެލީ"
"މެލީ އަކީ އެގޭގަ ހުންނަންޖެހޭ ކުއްޖެއްނު. ބައްޕަ މިހަދާ ގޭގަ ދަރިފުޅުމެންގެ ކޮންމެ ކުއްޖަކަށް ތަނަވަސް ކޮޓަރި ހުންނާނެ. މިވަގުތަށް މިގޭގަ މެލީއަށް ވަކިން ކޮޓަރި ނެތުމަކީ ބައްޕަގެ ފަރާތުން މެލީ އަށް ދޭންޖެހޭ ހައްގުތަކުން މަހުރޫމު ކުރުމެއްނޫން" އައްޒާމް ބުންޏެވެ.
"ބައްޕަ ތިވިސްނަނީ އެއްކޮށް މެލީ އެގެއަށް ބަދަލުކުރަންތަ؟ ތިހެންވިއްޔާ މެލީއަށް އެބަޖެހޭ ބުނެދޭން ބާޒިލް އާ މެލީ އޮތީ ކޮން ގުޅުމެއްކަން" މައިލީން ބުންޏެވެ.
(ނުނިމޭ)